ދިވެހިބަހުގެ ހަމަ
ބޭނުންކުރުމުގައި ހޭލަމާހެއްޔެވެ؟
އާދަމް ޒާހިރު (ކުރޮޅި)
2012
ކޮންމެ ބަހަކީވެސް
އެބަހަކަށް ޚާއްސަ ހަމަތަކަކާއި ޤަވައިދެއް އެކުލެވިގެންވާނޭ މުޢުޖިޒާތެކެވެ.
ޖަމާޢަތުގެގޮތުން ބައިވެ ވަކިވެފައިވާ ޚާއްސަ ޣަރީޒާއެއްގެ އުފެދުމެކެވެ. ބަހެއްގައި
އެކުލެވޭ ހުރިހާ ބައިތައް ނެތަސް އެ ޖަމާޢަތަކަށް މިލްކުވާ އަމިއްލަވަންތަކަމަކާއި
ބާރެއް އެ ބަހުގައިވާނޭކަން ހޯދުންތަކުން ހާމަވެއެވެ. އަޅުގަނޑު
ޤަބޫލުކުރާގޮތުގައި ދިވެހިބަހުގައިވެސް މި ހަމައާއި އަމިއްލަވަންތަކަމެއް އެކުލެވިގެން
އައިސްފައިވެއެވެ. ބަހުގެ ވަންތަ ގޮތެއް މި ބަހުގައި ވެއެވެ. މި ފަތްފުށްތަކުގައި
އެކުލަވައިލެވޭތޯ މި މަސައްކަތްކުރަނީ އެ ޢިލްމީ މަޢުލޫމާތުން އަޅުގަނޑަށް އެނގި
ހުރި މިންވަރެކެވެ. މި ހިނދު މި މަޢުލޫމާތުތައް ނަގައިގެން އެެހެން މީހުން
އެމީހުންގެ ފޮތްތަކުގައި ބޭނުންކުރާކަންވެސް އެނގިފައިވޭމެއެވެ. މި ލިޔުން
ލިޔެފައި މިވަނީ 2012 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. ނަމަވެސް ބައެއް ބައިތަކަށް
ތާޒާކަން ގެނައުމަށް ބައެއެ އިސްލާޙު ގެނެވިފައިވާނޭ ވާހަކަ ދަންނަވަމެވެ.
1- ދިވެހިބަހުގެ
ހަމައާއި ޤަވައިދު
ކޮންމެ ބަހެއްގައިވެސް ހަމައަކާއި
އުސޫލެއް އޮންނާނެއެވެ. އެއީ އެ ބަހެއްގެ ޤާބިލްކަން އަންގައިދޭ ސިފައެވެ. މި ލިޔުމުގައި
ބަލައިލައިފައިވާނީ މި ދެންނެވި އުސޫލެވެ. ދިވެިހބަހުގެ ހަމަތަކުގެ ޢާންމު
ބައިތަކާއި އަދި އެ ބައިތަކުގެ މެދުގައިވާ އަސާސީ ގުޅުމަށެވެ. މިގޮތުން ބަހުގެ
އުސޫލު (ސިސްޓަމް) ގުޅިގެންދާގޮތާއި މައިގަނޑު ބައިތަކުގެ ތަޢާރަފަށް
ބަލައިލައިފައިވާނެއެވެ.
ދިވެހިބަހުން ހަމައޭ ބުނެ އުޅެނީ އިންސާފު (ބަސްފޮތް، 2006) ގެ ގޮތުގައެވެ.
އަދި ބަސް ފޮތުގެ ކުރިން ނެރެފައިވާ ހގެ ރަދީފުގައިވާގޮތުން ހަމަ އަކީ ހަމަޖެހޭ
އުސޫލު (ދ.ތ.ޚ.ޤ.މ، 1984) އެވެ. ވީމާ ދިވެހިބަހުގެ ހަމައޭ ބުނެފިނަމަ މާނަކުރެވެނީ
ދިވެހިބަސް ލިޔުމުގައި އަދި ކިޔުމާއި އަޑު ފާޅުކުރުމުގައި އެންމެ ހަމަޖެހޭ
އުސޫލުކަމުގައެވެ. އަދި ހެޔޮ ގޮތްކަމުގައެވެ.
ޤަވާއިދު ގެ މާނައިގައި ދ.ބ.ތ.ޚ.ޤ.މ އިން ނެރެފައިވާ ބަސްފޮތް (2006)
ގައިވާގޮތުން އެއީ ގަވާއިދު އެވެ. އަދި ހަމަ އެ ފޮތުގައިވާ ގޮތުންނަމަ ގަވައިދަކީ
ކަމެއްކުރުމަށް އޮންނަ ގޮތެވެ. އަދި ކަމެއް ކުރުމަށް ކަނޑައަޅައިފައިވާ އުސޫލެވެ.
އުސޫލަކީ ގޮތެވެ. ވީމާ މި މާނަތަކަށް ބަލާއިރު ދިވެހި ބަހުގެ ހަމައާއި ޤަވައިދަކީ
ދިވެހިބަހުން ލިޔެކިޔުމަށް ބޭނުންކުރެވޭ އިންސާފުވެރި އަދި ހަމަޖެހޭ ގޮތެވެ. އަދި
ދިވެހިންގެ ޢިލްމީ ފަރާތްތަކުން ހަމަޖައްސައި ފާސްކޮށްފައިވާ އުސޫލެވެ. ގޮތެވެ.
ކޮންމެ ބަހެއްގައިވެސް އާންމު ބައިތަކެއް ހުރެއެވެ. މިގޮތުން ދިވެހިބަހުގައި
ޢިލްމުވެރިން 8 ބައެއް ފާހަގަކުރެއެވެ. ދިވެހިބަހުގެ ޤަވައިދު (1984)
ގައިވާގޮތުންވެސް ދިވެހިބަހުގެ މައިގަނޑު 8 ބައިވެއެވެ. އެއީ ނަމާއި ކަމާއި
ނަންއިތުރާއި ކަންއިތުރާއި އިތުރާއި ނަންއިތުރުގެނަމާއި އިތުރާއި އަކުރާއި
މަސްދަރެވެ. ނައިބުތުއްތުގެ ތަޤުވީމުއްލިސާނީގައިވާގޮތުންނަމަ މައިގަނޑު 2 ބައި
ބެހިފައި އެއިން ކޮންމެ ބަޔަކުން ބައިތަކެއް ބެހިގެން ދެއެވެ. ނަމަވެސް މި
ބައިތަކުގެ ތެރޭގައިވެސް އިހަށް ފާހަގަކުރި 8 ބައި ހިމެނެއެވެ.
ދިވެހިބަހުގެ މާހިރުންގެ ނަޒަރުގައި މިބައިތައް ބަހުގައި ބަދަހިކަން އުފައްދައެވެ. އަދި ބަހަށް
އުސޫލީ ހަމައެއް ގެނެސްދެއެވެ. ނަންއިތުރު ބޭނުންންކުރުމާއި ކަންއިތުރު
ބޭނުންކުރާގޮތް ހަމަޖެހި އުފަންވެފައިވެއެވެ. ބޭނުންހާ ލަފުޒެއްގެ ބޭނުންހާ ތާކަށް
ބޭނުންހާ ނަންއިތުރު ކަންއިތުރު ގުޅުވާ އަކުރު ހިމެނިގެން ނުދެއެވެ. އެހެންކަމުން
މި ބައިތަކުގެ ގުޅުން ބެލެވެނީ ބަހުގެ އުސޫލުކަމުގައެވެ.
ކޮންމެ ބަހެއްގައިވެސް ބަދަހި
އެކުލެވުމެއް އޮތުމަށް ބަހުގައިވާ މި ދެންނެވި ބަދަހި ގުޅުން ބޭނުންވާނެއެވެ.
އަންނަނިވި މިސާލަށް ވިސްނައިލާށެވެ.
-
ކައިފި ކަރީމު ބަތް / ބަތް ކަރީމު ކައިފި/ ކައިފި ބަތް ކަރީމު
-
ރީތި މީހުންގެ ކުޅުން / ކުޅުން ރީތި މީހުންގެ / މީހުންގެ ކުޅުން ރީތި
-
މޮޅު ގޮނޑިއެއް މޮޅަށް ޖެހީމާ މޮޅަށް ރީތިކުރީ ؟ އިތުރު ގޮތަކަށް
އެތުރިދާނެބާ؟
މޮޅަށް ރީތި ގޮނޑިއެއް ޖެހީމާ މޮޅުކުރީ
މޮޅު ގޮނޑިއެއް މޮޅަށް ރީތިކުރީ މޮޅަށް ޖެހީމާ
މޮޅަށް ޖެހީމާ މޮޅު ގޮނޑިއެއް ރީތިކުރީ
ރީތި ގޮނޑިއެއް މޮޅަށް ޖެހީމާ މޮޅު
މި އުސޫލުތަކަށް ވިސްނުމުން އެނގޭކަމަކީ ބަހުގައި ބޭނުންހާ ގޮތަކަށް ޖުމުލަ
ނު އެތުރޭކަމެވެ. އަދި ޖުމުލައިގައި ހިމެނޭ ބަސްކޮށާރުގައި ބޭނުންހާ ލަފުޒެއް
ގުޅިގެން ނުދާނޭކަމެވެ. އަދި ޖުމުލައިގައި ލަފުޒުތައް ބޭނުންކުރުމުން އެ
ލަފުޒުތަކަށް އަންނަ ބަދަލު ވާކަމެވެ. އަދި މާނަ އުފަންކުރުމަށް ލަފުޒުތައް
ވަކިވަކިން އެތުރޭ ޤަވައިދެއް ވާކަމެވެ.
ދިވެހި ބަހުގެ ޢާންމު ބައިތަކާއި އެ ބައިތަކުގެ ގުޅުން
ކޮންމެ ބަހެއްގައިވެސް ވާފަދައިން ދިވެހިބަހުގެ އާންމު ބައިތަކެއް ވެއެވެ. ދިވެހިބަހާއި
ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން (1984) ހާމަކުރާގޮތުގައި، ދިވެހިބަހުގެ
މައިގަނޑު ބައިތަކުގެ ގޮތުގައި ބެލެވެނީ މައިގަނޑު 8 ބައެކެވެ. އެއީ އަންނަނިވި
ބައިތަކެވެ.
-
ނަން، - ކަން - ނަން އިތުރު، - ކަން އިތުރު
-
ނަން އިތުރުގެ ނަން - އިތުރު - އަކުރު - މަސްދަރު
ނައިބުތުއްތު ލިޔުއްވާގޮތުގައި ދިވެހިބަހުގައި ވަނީ
މައިގަނޑު 2 ބައެކެވެ. އެއީ ނަމާއި އަކުރެވެ. އަދި ނަމުގައިވަނީ ދެ ބައެކެވެ. އެއީ
ނަމާއި ކަމެވެ. މިގެ ތެރެއިން ކަމުގެ ބައިތަކާއި ނަމުގެ ބައިތައް ވަރަށް
ތަފްސީލުކޮށް ފާހަގަކޮށްދެއްވައި ތަޤުވީމުއްލިސާނީގައި ލިޔުއްވައިފައިވެއެވެ. އަދި
އަކުރުގެ ބައިތައްވެސް މި ފަދައިން ހާމަކުރައްވައިފައިވެއެވެ. ދިވެހިބަހުގެން
ނެރެފައިވާ ބަހުގެ ބައިތަކުގެ ގުޅުމަށް
ވިސްނައިލާއިރު އެ ބައިތަކުގައިވާ އުސޫލީ ގުޅުން އަންނަނިވި ކުރެހުމުން ފެންނަނީއެވެ.
މި ކުރެހުމުގައި ނަމައި ކަމަށް އިތުރު ސިފަ ގެނެސްދީ ކަން ބޮޑުކުރުމާއި
ހާމަކުރުން ފާޅުކުރެއެވެ. އަދި ސިފަކޮށްފައިވަ ދެ ލަފުޒުކަމުގައިވާ ނަންއިތުރާއި
ކަން އިތުރުގެ މިންވަރު، އިތުރުން އެބަ މިންކޮށްދެއެވެ. ދޭދޭ ލަފުޒު ގުޅުވުމަށް
އަކުރު އެހީވެއެވެ. ހަމަ އެފަދައިން ކުރެހުމުން އެގޭގޮތުގައި މަސްދަރުން ކަން
އުފައްދައެވެ. އަދި ނަން އިތުރުން އިތުރު ނަމެއް އެބަ އުފެދެއެވެ. ވީމަ މި
ބައިތަކުގެ މެދުގައި ބަދަހިކަމުގެ ގުޅުމެއް އެބަ ސިފަވެއެވެ. މިއީ ބަހުގެ
ބައިތަކުގެ ގުޅުން ފެންނަ ގޮތެވެ.
މި ބައިތަކުގެ ތަފްސީލު ދިވެހިބަހުގެ ޤަވައިދު 1، 2 އިން ލިބޭނެއެވެ. އިތުރު
ތަފްސީލަށްޓަކައި އެ ފޮތް ބަލާށެވެ. އަދި ޢަބްދުﷲ ޞާދިޤު ލިޔުއްވައިފައިވާ ބަހުގެ
ހަމަވެސް ބަލާށެވެ.
ބަހުގެ ޢާންމު ބައިތަކުގެމެދުގައިވާ ގުޅުން
ބަހެއްގެ މައިގަނޑު ބައިތަކުގެ މެދުގައިވާ ގުޅުމަކީ ބަހުގެ އުސޫލީ އަޚުލާޤެވެ.
އަދި އެއީ ބަހުގެ ސިސްޓަމް ނިޒާމެވެ. ބަހެއްގެ ޙަޔާތުގައި ދިރިހުރުމުގެ އެއް
އަސްލުވެސް މެއެވެ. ބަހަށް ބަހުގެ ސިފަ ޖެހި މިނިވަން ޚިޔާލެއް އޭގެ އިމުގައި
ފާޅުކުރެވޭނޭވެސް ގޮތެވެ.
ބަހުގެ ސިސްޓަމްގެ
މާނައަކީ (wordnetweb.princeton.edu/perl/webwn)
ވަކިވަކި ބަސްބަހަށް ޚާއްސަ އެބަހުގައި ހުންނަ ބޭނުންކުރުމުގެ ނިޒާމެވެ. އެއީ
ލިންގުއިސްޓިކް ގޮތުން ނަމަވެސް އަދި ބަހުގެ ޤަވައިދުގެ ގޮތުންނަމަވެސް
ބޭނުންކުރެވޭ ބަހުގެ ގުޅުމެވެ. ވީމާ
ދިވެހިބަހުގައިވެސް މިބައިތައްވެއެވެ. މި ބައިތައް ގުޅުވައިދެނީ އިސްވެ ލިސްޓުވި
ބަހުގެ އާންމު ބައިތަކާއި އަޑު އުފެއްދުމުގެ ނިޒާމާއި ބަހުގެ ތެރޭގައި ހިމެނޭ އޭގެ
ޒާތީ މިންގަނޑުތަކެވެ. ދިވެހިބަހުގެ މި ބައިތައް ބަހުގެ ހަމައިގެ އަތްމަތީ
ފޮތުންނާއި ދިވެހިބަހުގެ ޤަވައިދު ފޮތުން ހޯދޭނެއެވެ.
ބަހުގެ އަޑު އުފައްދާ ނިޒާމަކީވެސް މި އަސާސީ އުސޫލު ބިނާކުރާ އެއް ގޮތެވެ.
އެއް ލަފުޒުގެ އަޑު ވިސްނައިލާށެވެ. "ލުނބޯ" މި އީ ބަޔަކު ކިޔާގޮތެވެ.
"ލިނބޯ"މިއީވެސް ކިޔާގޮތެކެވެ. މި ބައިތައް މިގޮތަށް ރަނގަޅުކަމުގައި
ޤަބޫލުކުރެވުނީ މި ދެންނެވި ބޭނުންކުރުމުގެ އުސޫލުގެ ތެރެއިންނެވެ.
ނަމުގެ ބާވަތްތައް ބޭނުންކުރުމުގައި ވިސްނައިލަންޖެހޭ!
ނަމުގެ ބާވަތްތަކަކީ ކޮބައިތޯ ކުރުކޮށް ބަލައިލާނަމެވެ.
ޚާއްސަނަން: މިއީ އެ ނަމެއް
ބުނުމުން ރައްދުވާ ފަރާތް އެނގުމާއެކު އެ ނަމަށް އެތަން، އެ މީހާ، އެ ކަމެއް، އެ
ޙާލަތެއް، އެ މުނާސަބެއް، އަދި އެ ޙަރަކާތެއް ޚާއްސަވެފައިވާ ނަންނަމެވެ. އަދި
އެއީ ޚާއްސަނަމެއްކަމުގައި ކަމާބެހޭ ޢިލްމުވެރިން ކަނޑައަޅައި ދިރާސާތަކުން
ފާސްކޮށްފައިވާ ކޮންމެ ނަމެކެެވެ.
މިސާލަކަށް؛
"ހުކުރުމިސްކިތް" ކިތަންމެ ހުކުރު މިސްކިތެއް ހުރިކަމުގައިވިޔަސް އެއީ
ތަނަކަށް ދީފައިވާ، އަދި އެތަނަށް އެ ނަން ޚާއްސަކުރެވިފައިވާ ނަމަކަށްވީތީ އެއީ
ޚާއްސަ ނަމެކެވެ. ހަމަ އެފަދައިން "މަރިޔަމް" މިއީވެސް ޚާއްސަނަމެކެވެ.
އެއީ މީހުނަށް ކިޔާނަން ޚާއްސަނަމެއްކަމުގައި ދިރާސާތަކުން ނިންމައިފައިވާތީއެވެ.
ޢާންމުނަން: މިއީ އެއްޗަކަށް
ކަމަކަށް އަދި ތަނަކަށް މީހަކަށް އަދި މާނަވީ ސިފައަކަށް ރައްދުކޮށް ބުނެ އުޅޭ
ނަންނަމެވެ. އެނަމަކު ހަމަ އެކަނި ސިފަކުރެވޭ އެއް ދުށުމެއް ނުވާނެއެވެ. ނުވަތަ
އެއް އިހުސާސް ކުރުމެއް ނުވާނެއެވެ.
މިސާލު؛ "ތެލި"
މިހެން ބުނުމުން ނަމެއްކަން އެނގުމާއެކު އެއީ ހަމައެކަނި މީހަކު ގެންގުޅޭ އެންމެ
އެއްޗަކަށް ކިއިފައިވާ ނަމެއް ނޫނެވެ. އެއީ އެ ބާވަތުގެ ކޮންމެ އެއްޗަކަށް
ރައްދުކުރެވޭ ނަމެކެވެ.
އެކަހެރިނަން: މިއީ އެ ނަމަކުން އެކަތިކަން ދޭހަވާ ކޮންމެ
ނަމެކެވެ. އެއީ ޚާއްސަވިޔަސް އައި ޢާންމުވިޔަސް އެއް މަސްދަރުކަން ދޭހަވާ ކޮންމެ
ނަމެއްމެ މި ގިންތީގައި ހިމެނޭނެއެވެ.
މިސާލު؛
"ހުކުރުމިސްކިތެއް" "މިރުހެއް" "މަރިޔަނބެއް"
"ކުޅުމެއް" ބުމުން އެކަތިކަން ދޭހަވެއެވެ. މި ލަފުޒުތަކުގައި ހިމެނެނީ
އެންމެ މަސްދަރެކެވެ. އެހެންކަމުން މި ލަފުޒު ބެލެވޭނީ އެކަހެރި ނަމުގެ
ގޮތުގައެވެ.
ގިނަނަން: މިއީ އެ ނަމެއް ބުމުން
އެއިން އެކައްޗަށްވުރެ ގިނަ އެއްޗެހި ހިމެނިފައިވާކަން ދޭހަވާ ނަންނަމެވެ. ނަމެއް
ތަކުރާރުކޮށްގެންނަމަވެސް އެކުލަވައިގެން ވިޔަސް އަދި ގިނަކުރާ އަކުރު
ގުޅުވައިގެންނަމަވެސް މި މާނަ ދޭހަވާކަމުގައިވާނަމަ މިއީ ގިނަނަމެވެ.
މިސާލު:
"ދޯނިފަހަރު" "ގޭގޭ" "ރަހަތައް"
"ފަތްޕިލާވެލި" މި ނަންނަމުން ގިނަކަން ދޭހަވެއެވެ. އެހެންކަމުން މިއީ
ގިނަނަމެވެ.
އެކުވިނަން: މިއީ އެނަމަކުން
ގިނަކަން ދޭހަވުމާއެކު އެނަމަށް ގިނަ ކުރުމުގެ ޢަލާމާތެއް ނުލިބިމެ އެ ނަމުގައި
އެއް ބާވަތެއްގެ ގިނަ އެއްޗެހި ހިމެނިފައިވާ ނަންނަމެވެ.
މިސާލު؛
"ކެއުގަނޑު" "އިލޮށިފަތި" "މައުލޫދުބައި" މި
ނަންނަމުގައި ބާވަތް ގިނަވެފައިވެއެވެ. އެކަތި ގުނި އިތުރުވެއެވެ. ވީމާ މިއީ
އެކުވިނަމެކެވެ.
އިޝާރާތުގެނަން: މިއީ ދުރުގައިވާ، އަދި
ޣައިބުގައިވާ ފިކުރަކަށް އަމާޒުކޮށް ނުވަތަ އެއްޗެއް ތަނެއް މީހަކަށް އަމާޒުކޮށް
ބުނެވޭ ލަފުޒުތަކެވެ. މިގޮތުން ދިވެހިބަހުގައި ބުނެ އުޅެނީ 3 ލަފުޒެވެ.
"އެ" "މި" "ތިޔަ" އަކީ އެ ތިން ލަފުޒެވެ.
ނަންއިތުރުގެނަން: މިއީ ނަންއިތުރުން
އުފެދިފައިވާ ޙާލަތަކަށް ދިވެހިބަހުގެ ހަމައިގައި ދީފައިވާ ނަމުގެ ދަރަޖައެކެވެ.
ދިވެހިބަހުގެ ޤަވައިދުފޮތުގައި (1984) ބުނެފައިވާގޮތުގައި ނަންއިތުރުގެ ނަމަކީ
ނަންއިތުރުން އުފައްދާ ނަންނަމެވެ.
މިސާލު؛ "ރީތިކަން"
"ނަލަކަން"
މަޢުނަވީނަން: އިންސާނާގެ ކިބައިގައި
ހުންނަ ސިފަސިފައަށް ނިސްބަތްކޮށް ބުނެއުޅޭ ނަންނަމަކީ މަޢުނަވީނަންނަމެވެ. ލޮލަށް
ނުފެނުނުކަމުގައިވިޔަސް ޚިޔާލީގޮތުން ސިފަކުރެވޭތީ އެ ޙާލަތްތައް ސިފަކޮށް
ކިއިފައިހުންނަ ނަންނަން މަޢުނަވީ ނަންކަމުގައި ބެލެވެނީއެވެ.
މިސާލު؛ "ރުޅި"
"ކިބުރުވެރި" ނަޒާހަތްތެރި"
ކަމުގެނަން: މިއީވެސް ނަމުގެ
ޙާލަތުގައި ބެލެވޭ ލަފުޒެކެވެ. ކުރީގެ ދިވެހިފޮތްތަކުގައި ބުނެއުޅޭ ކަން
އުފެދުމުގެ އަސްލުކަމުގައި ވާ "މަސްދަރު"އަކީ މިއީއެވެ. މަސްދަރު އޭގެ
ޒާތުގައި އޮންނައިރު ކުރިއަށް ނަންއިތުރުވެސް ގުޅެއެވެ. އެހެންކަމުން މިއީ ކަމުގެ
ނަންކަމުގައި ބަހާބެހޭ މަރުކަޒުތަކުން އިއުލާންކޮށްފައިވެއެވެ.
މިސާލު؛ "ނެށުން"
(ރީތި ނެށުން) "ކުޅުން" (މަޖާ ކުޅުން).
އިސްވެ ބަޔާންކުރި ހަމަ ކޮންމެ ނަމަކީ އެ ނަން
ބޭނުންކުރުމުގެ ތެރެއިން ޙާލަތު ބަދަލުވެގެންދާ ނަންނަމެވެ. އެކަހެރި ނަން
ބޭނުންކުރެވޭގޮތުން އެހެން ޙާލަތަކަށް ބަދަލުވެ، ޢާންމުނަން ގިނަނަމަށްވެދެއެވެ.
އަދި ޚާއްސަނަންވެސް އެ ޙާލަތުން ބަދަލުވެގެން ދެއެވެ. އެހެންކަމުން ބަހުގައި މި
ލަފުޒުތައް ބޭނުންކުރާގޮތާއި ބޭނުންކުރެވޭ ގޮތުން ގެންނަންޖެހޭ ބަދަލުތައް
ދަސްކުރުމީ މުހިންމު ކަމެކެވެ.
ދިވެހި ބަހުގެ
ވައްތަރުތަކާއި ބޭނުން ކުރެވޭގޮތް: އެކި ހާލަތުގެ ބަސްމަގާއި، އެކި ހިސާބުގެ
ބަހުރުވައާއި އޭގެ މެދުގައި ހުންނަ ބަހުގެ ހަމައާއި އުސޫލު (ސާބޯން ތިބީ. ސައިބޯނި
ހުރީ) (ނުނިމޭ)