11.9.16

މޮޅަށް ވާހަކައެއް ލިޔަން ބޭނުންހެއްޔެވެ؟ Vaahakaliyun


މޮޅަށް ވާހަކައެއް ލިޔަން ބޭނުންހެއްޔެވެ؟ 

އާދަމް ޒާހިރު (ކުރޮޅި) 12 ޖުލައި 2001 

އަދަބީ ޖައްވުގައި އެންމެ ޒަމާންވީ އެއް ބާވަތަކީ ވާހަކައެވެ. ވާހަކަ ކިޔުމެވެ. ވާހަކަ އުފެއްދުމެވެ. ލިޔުންތެރިކަމުގެ ބާވަތްތަކުގެ ތެރެއިން އިންސާނީ ވެށި އެންމެ ގަދައަށް ފެންނަ ބާވަތަކީވެސް ވާހަކައެވެ. އެހެންކަމުން ވާހަކަލިޔުން ވެފައިވަނީ އަދަބީ ފަންނުގައި ކޮންމެހެންވެސް އެނގެންޖެހޭ ހުނަރެއްކަމުގައެވެ. 

މިފަހަރު  "މުދައްރިސް" ގެ ކިޔުންތެރިންނަށް މި ހުށަހަޅައިލަނީ އެސްއެސްސީ ފެންވަރުގައި މޮޅަށް ވާހަކަ ލިޔަން ވިސްނާނަމަ ކުރިއަށް ދިއުމަށް މޮޅު ހުނަރެކެވެ. މިފަހަރު މީގެ ފުރަތަމަ ފިލާވަޅެވެ. 

މި ލިޔުމުގައި ހިމަނައިފައި މިވަނީ ވާހަކަ ލިޔުމުގެ ކުރިން ދަރިވަރު އެ ހުނަރަށް މޮޅުވުމަށް ކޮންމެހެންވެސް ހޭނެންވީ ކަންކަމުގެ ވާހަކައެވެ. ކޮންމެހެންވެސް ކުރަންޖެހޭ ކަންކަމުގެ ވާހަކައެވެ. 

އިންސާނުންނަކީ ކޮންމެ ރެއަކާއި ދުވާލުގައި އެތައް ވާހަކައެއް ހަދައި ކިޔައިދީ އުޅޭ ބައެކެވެ. "އެވެނި ގެއެއްގެ މިވެނި ދަރިއަކު އިހަށްރޭ އެހެރަ ގޭ ފާރުމަތިން ފުންމައިލީތަން ދުށީމޭ، އެހާ ދަންވަރު އެ ގެއަށް އެވަނީ ސަހަލުކަމު ނޫނޭ" ކިޔައިގެން ވާހަކަ ނުދައްކަމުތޯއެވެ. "މި ބަޔަކު ހާދަ ވައްކަމެއް ކުޅަފަހުންނޭ، ކާސިމް އެ ވައްކަމެއް ކުޅައީ، އެކަމަކު ކާސިމަށް އަދަބު ދީފިއޭ" ކިޔައިގެން މި ފަދަ ތުން ނުތަޅުވަންހެއްޔެވެ؟ މިއަށް ކިޔަނީ ވާހަކަ ހެދުމޭ އެވެ. ވީމާ މި ނުކުތާތައް ކިޔައިލައި ތަޖުރިބާ ކޮށްލާށެވެ. 

ވާހަކަލިޔުމާމެދު ވަރަށް ގިނަ ލިޔުންތެރިން ގޮތްގޮތް ކަނޑައަޅައި ފަސޭހަ އުސޫލުތަކެއް ބުނެދީފައިވެއެވެ. މީގެތެރެއިން އެކި މީހުނަށް ކަމުދަނީ އެކިގޮތެވެ. ތިރީގައި މިވަނީ މި ކަންކަމާއި ހަރުފަތްތަކަށް ވިސްނައި، ވާހަކައެއް ލިޔުމަށް ތައްޔާރުވާ ލިޔުންތެރިއެއްގެ ހަރުފަތްތަކެވެ. އަދި އެ ހަރުފަތްތަކުގައި ކުރުން އެދެވޭ ކަންކަމެވެ. 

1.      މީހުން އޮބްޒާވްކުރާށެވެ:
    ތިބާގެ ލޮލަށް ފެންނަ މީހުން ދެނެގަންނާށެވެ. އެމީހުންގެ ޒާތާއި ޝުޢޫރު ކަނޑައަޅާށެވެ. މި ކަންކުރުމަށް މީހުންގެ ދިރިއުޅުން ފެންނަ ތާކު މަޑުކޮށް އެކި މީހުންގެ ގޮތްފޮތް ނިންމާށެވެ. މާރުކޭޓަށް، ޕާކަކަށް، ގިނަ މީހުން އެއްވާ ޕާކުފަދަ ތާކަށް ޒިޔާރަތްކޮށް މީހުން ދެކޭށެވެ. އެބައިމީހުންގެ ބަސްމަގާއި ރާގާއި ތަފާތުކަން އިހުސާސްކޮށްލާށެވެ. މިއީ ތިބާ ލިޔާ ވާހަކައަށް މޮޅު އަސަރު ލިބިދާނޭ ކަމެކެވެ.

2.      ހަމަޖެހިލައިގެން ސިކުނޑިކޮޅައިލާށެވެ:
    ޚިޔާލަށް އަންނަ ޙަރަކާތްތަކެއް ލިޔެލާށެވެ. ނޯޓްތައް ކޮށްލާށެވެ. އުފެއްދުންތެރި، ހިނގައިފައި ވިޔަސް މި ވާހަކައިގައި އަސްލަށް ނުހިނގާ ކަންކަން ލިސްޓުކޮށްލާށެވެ. އަދި އެ ޙަރަކާތްތައް، ހިނގައި ދިޔަ ކަންކަން އިތުރަށް ބޮޑުކޮށް ބަދަލުކޮށް ހިންގައި ވީ ކަމެއްކަމުގައި އިހުސާސްކުރެވޭވަރު ކުރާށެވެ. ދެން އެ ކަންކަން ލިސްޓްކޮށްލާށެވެ. އެއީ އުފެއްދުންތެރިކަން މޮޅުވެ ގުޅުން މޮޅުކުރެވޭނޭތީއެވެ. މިހެން ލިސްޓްކުރަން ލިޔާއިރު ޚިޔާލުތަކަށް ނުހުއްޓޭށެވެ. ލިޔުން މަޑުޖައްސައި ނުލާށެވެ. 

3.      ސިކުނޑި ހުސްކޮށް މި މަސައްކަތަށް ޖާގައެއް ދޭށެވެ:
    ކުރަމުން ދިޔަ މަަސައްކަތުން ދުރަށް ޖެހިލާށެވެ. ހިމޭންތަނެއްގައި އިނދެ ވިސްނައިލާށެވެ. އެކަށް ސިކުނޑި ހުސްކޮށް އަލުން ބަލުން މަންޒަރު ދެކޭށެވެ. ތިބާގެ ސިކުނޑިން ޖާގަ ލިބޭ މިންވަރުން ވަރަށް އާދައިގެ މަންޒަރެއް ދެކޭށެވެ. ތިބާގެ ވެށީގައި، ތިބާގެ ރަށުގައި، ތިބާގެ ޙަޔާތުގައި ފެނި ނެތިވެދިޔަ، އަދި ހިނގަމުންދާ ކަންކަމުން އާ މައްސަލައެއް، އާ ފިކުރެއް އީޖާދުކުރާށެވެ. އަދި ވާހަކައެއްގެ ބާވަތާއި މައްސަލައިގެ ބާވަތާއި ފިކުރު ނެރެ ތިލަކުރާށެވެ. ތިޔައީ ތިބާގެ ވާހަކައިގެ ފިކުރެވެ. އައިޑިޔާއެވެ. 

4.      ޙާދިސާއެއް (ޕްލޮޓެއް) އުފައްދާށެވެ:
    ޙާދިސާއެއް އުފައްދާށެވެ. ހިތާމައިގެ، އުފަލުގެ، ނުރައްކާތެރި، ނޫނީ އަޖައިބެއްފަދަ ބާރެއް ހިމެނޭ ޙާދިސާއެއް އުފައްދާށެވެ. އީޖާދީ ފިކުރެއްގެ ޙާދިސާއެއްނަމަވެސް އުފައްދައި އޭގެތެރެއިން މައްސަލަ ބިނާކޮށް އެ މައްސަލައިގެ ނިމުމަށް، ކިޔުންތެރިން ހީ ނުކުރާ ގޮތެއް ގެނެސް ނިންމާން ރާވާށެވެ. 

    ޙާދިސާއަކީ ކޮބައިކަން މި ހިސާބުން ވިސްނައިލާށެވެ. އެއީ ތިޔަ ހީކުރާ ބާވަތުގެ ކަމެއް ނޫނެވެ. ފަހަރެއްގައި މީހެއްގެ ގެއިން ވަގަކު ވައްކަން ކޮށްފާނެއެވެ. އެކަމަކު އެއީ ވާހަކަ ލިޔާ ފަދަ ޙާދިސާއެއް ނޫނެވެ. އެ ވައްކަމާ ގުޅިގެން އެއްވެސް މީހަކު ކަންބޮޑުވުމެއް ނެތިފައި އުފެދޭ ސުވާލުތަކެއް ނެތިފައި، މުދަލުގެ ވެރިފަރާތުން އުފައްދާނޭ ވާހަކަތަކެއް ނެތުމަކީ ވާހަކައަކަށް ނުވުމެވެ. ނަމަވެސް އެ ވައްކަމާހެދި މުދަލުގެ ވެރިންނަށް ކަންތައްތަކެއް ކުރިމަތިވެ، ވަގަށް ނެތި މުދަލުގެ ވެރިފަރާތުން އުފައްދާ، އެކަމަކު ސީދާ ޖަވާބު ލިބެން ނެތް ސުވާލުތަކެއް ހުރެފައި، އެ ވާހަކަތައް ދެކެވޭނަމަ ކޮޅެއް ބޭނުންވާނެއެވެ. މިހެން ވެއްޖެނަމަ އެވީ ވާހަކައަކަށެވެ. ޙާދިސާއަކަށް ވާނީ މިހިސާބުންނެވެ. 

5.      ޝަޚްސެއް ބިނާކުރާށެވެ:
    އަނެކުން ބަލައިގަންނަފަދަ ޝަޚުސެއް އުފައްދާށެވެ. ތިޔަ ރޭވި ޙާދިސާއާ ގުޅޭ ޝަޚުސެއް (ކަރެކްޓައެއް) ނެތްނަމަ ވާހަކަ ހުތުރުވާނެއެވެ. މި ހިސާބުން ވިސްނައިލާންޖެހޭނީ ތިމާ އުފައްދާނީ ކޮން ބާވަތެއްގެ ކޮން ޝުޢޫރެއްގެ، ކޮން އިހުސާސެއްގެ ޝަޚްސެއްތޯއެވެ. އަދި އެއީ އަޅައިގަންނަ ތަފާތު ކޮން ކަމެއް ފާހަގަކުރެވޭ ޝަޚްސެއްތޯއެވެ. ހަމަ އެހެންމެ ވާހަކައިގައި އެ މީހަކު ކުޅޭ ބައިގެ ގޮތުން އެއީ ކޮންފަދަ މުހިންމު ތަރިއަކަށް ހަދަންޖެހޭތޯވެސް ވިސްނައިލަންވާނެއެވެ. ވާހަކަ އަމާޒުކުރެވޭ މާޙައުލާ ގުޅޭ މިންވަރުވެސް ބަލަންވާނެއެވެ. އެ ޙާދިސާގައި މޮޅު މައްސަލަގަނޑެއް އުފެދޭއިރު އެ މައްސަލައިގެ ބާވަތާއި ޝަޚްސުގެ މިޒާޖާ ގުޅުވަން ހަނދާން ބަހައްޓަންވާނެއެވެ. 

6.      ތިމާއަށް އެނގޭ އެއްޗެއް ލިޔާށެވެ:
    ރޭވި ޙާދިސާއާ ގުޅޭގޮތުން ވިސްނައިގެން، ތިމާއަށް އެނގޭ ކަންކަން ލިޔާށެވެ. އެ ޙާދިސާގައި ވާނީ، އެވެނިހެން މިވެނިހެން އެވެނި މީހެއްގެ ކިބައިން، މިވެނި ވަގުތެއްގައި އެވެނި ބަޔަކުގެ ކިބައިންކަން ވިސްނައި މި ހިނދަށް އެނގޭކަމެއް، އެއްޗެއް، ވީ ގޮތެއް ލިޔާށެވެ. މި ހިސާބުން ހިތުގައި ހުރި ވާހަކަތަކެއް ލިޔާށެވެ. 

7.      ޙަރަކާތް ހިނގާ ތަން (ސީން) އުފައްދާށެވެ:
    މުޅި ވާހަކައިގައި ހިނގާނީ ކިތައް ސީންގެ މަސައްކަތްތޯ ވިސްނައި މުޅި ޙާދިސާ އެ ސީންތަކަށް ބަހައިލާށެވެ. ކޮންމެ ސީނެއް ނިމޭނޭ ހިސާބު ކަނޑައަޅައި ހޯދަންޖެހޭ ޖަވާބަކަށް އިންތިޒާރުކުރުވައިފައި ދެވަނަ ސީނަށް ދާގޮތަށް ރާވާށެވެ. މިއާއެކު ކޮންމެ ސީނަކަށް މުހިންމު ޙަރަކާތެއް، ހިނގާނޭ ކަމެއް، ވާހަކައިގެ މައިތަރިން ކުރާން ޖެހޭނޭކަމެއް ރާވާށެވެ. ކޮންމެ ސީނެއްގައި މޮޅު، މުހިންމު ކަމެއް ތިލަކޮށް ކޮޅަށް ޖަހާށެވެ. ކޮންމެ ސީނެއް އަނެއް ސީނަކާ ގުޅި އެކުގައި ވަށާ ޖެހޭއިރު ޢިބުރަތެއް ތިލަވާންޖެހޭނެއެވެ. 

8.      މައްސަލައެއް އުފައްދައި އެ މައްސަލަ ކޮޅެއްގައި ޖައްސާން ވިސްނާށެވެ:
    މުޅި ވާހަކައިން މައި މައްސަލައެއް އުފައްދައި ކަންބޮޑުވުން ތިލަކުރާނޭ ގޮތެއް، ގޮތްތަކެއް ވިސްނާށެވެ. މި މައްސަލައިން ވާހަކައިގެ މައި ޝަޚްސު ފެންނަންވާނެއެވެ. އަދި އެ ޝަޚްސުގެ ފޭޑި އުފަންކުރަންވާނެއެވެ. އެއީ ކުލާހުގައި އުޅޭ ޅަ ކުއްޖެއްގެ ހިސާބުން، ނޫނީ ވެށީގައި ބާކީވާ ކުއްޖެއްގެ ޙާލަތުން، ނޫނީ ޢާންމު ލޯތަކަށް ސީދާކޮށް ފެނި ބަލައިގަނެވޭ މައްސަލައެއް އުފައްދައި އެއިން ހާޖާނު އުފައްދާށެވެ. ދެން އެ ހާޖާތު ކޮޅެއްގައި ޖައްސާށެވެ. 

9.      ރެންޑަމްކޮށް މުޅި ވާހަކައިގެ ޚިޔާލު ކުރަހައިލާށެވެ:
    ޗާޓެއްގެ ސިފައިގައި މުޅި ވާހަކަ ކުރަހައިލާށެވެ. ފެށޭގޮތާއި ނިމޭ ގޮތާއި އެ ދެމެދު ދިމާވާ ކަންކަމާއި ވަދެ ނުކުމެވާ، އަދި އުފަންވެ ނެތިދާ މީހުންނާއި ފާޑުވެރިކަމާއި މަޤާމު ލިޔެ އެ ޗާޓުން ދައްކާށެވެ. އެވެނި މީހެއްގެ ކިބައިން ފެންނަންޖެހޭ ކަންކަމާއި ތިލަކުރާ ކަންކަމާއި މުޅި ވާހަކައިގެ އިންތިޒާމު މި ކުރެހުމުން ފެންނާނޭހެން ކުރަހާށެވެ.

10. ދެން ލިޔަން ފަށާށެވެ:
    ދެން ވާހަކަ ލިޔާށެވެ. ވާހަކަ ލިޔާނީ އެއްވަނަ މީހާގެ ނަޒަރުން (އަހަރެން އަހަރެން ކިޔައިގެން)، ނުވަތަ ތިންވަނަ މީހާގެ ނަޒަރުން (އެ މީހުން، އޭނާ ކިޔައިގެން ލިޔާހެން) ނެވެ. ވާހަކައިގެ ބާވަތުން ބޭނުންކުރަންޖެހޭ މުނާސަބު ލަފުޒު، ޖުމުލަ ހިމަނާށެވެ. ކޮންމެވެސް ވަރަކަށް ދެކެވޭ ވާހަކަ (ޑަޔަލޮގް) ހިމަނާން ހަނދާންކުރާށެވެ. ސިފަކުރާ ލަފުޒު ހިމަނައި ވެށި ސިފަކޮށްދޭށެވެ. ތަކުރާރުކޮށް ބޭނުންކުރެވޭ ސީންތަކުގެ ސިފަކުރުން ތަފާތުކުރަން ހަނދާންކުރާށެވެ. ވީހާ ބޮޑަށް ކުންނު ފޮރުވަން މަސައްކަތްކުރާށެވެ. ކިޔުންތެރިންގެ ފިކުރަށް މުޅިން އެހެން ނިންމުމެއް ސިފަވާހެން ކުންނު ރާވައި އަމާޒަށް ވާސިލުކުރާށެވެ. 

  ޒަމާނުގެ ލަފުޒާ އެއްގޮތަށް ޖުމުލަ ޒަމާންކުރާށެވެ. އެއް މޭރުމަކުން ލިޔުން ބައްޓަންކުރާން ވިސްނާށެވެ. ޝަޚްސުންނަށް މުޚާޠަބުކުރެވޭ ދަރަޖަތަކާއި ޤަވައިދުގެ ހެޔޮ އުސޫލު ގޮތުގައި ހިމަނާންވާނެއެވެ. މުޅި ވާހަކައިގައިވެސް އެކި ބާވަތުގެ ޖުމުލަ ހިމަނާށެވެ. މޮޅު އަދަބީ ހިމެނުމެއް ހިމަނާން ވިސްނަންވާނެއެވެ. (މިބައި ނިމުނީ)

7 comments:

  1. ވަރަށް އުފާވެއްޖެ ކުރުވާހަކަ ލިޔުމާއި ބެހޭގޮތުން މަޢުލޫމާތުކޮޅެއް ޙިއްޞާކޮށްލެއްވީތީ. ވަރަށްވެސް ބޭނުންތެރި މަޢުލޫމާތުކޮޅެއް. ދެން ނަމޫނާ ކުރުވާހަކަތަކެއް ޙިއްޞާކޮށްލެވިދާނެބާ! ޚައްޞަކޮށް އެސް.އެސް.ސީ އިމްތިޙާނުގައި ދަރިވަރުން ލިޔާ މިންވަރުގެ

    ReplyDelete
  2. ޝުކުރިއްޔާ މުދައްރިސް.. ވަރަށް އުފާވޭ އެސް.އެސް.ސީ އިމްތިޙާނު ހަދާ ދަރިވަރުންނަށް އެހީއަކަށްވާނެ، އަދި އަޅުގަނޑުމެންކަހަލަ ކިޔަވައިދޭ މުދައްރިސުންނަށް ބޭނުންތެރި މަޢުލޫމާތުތައް ހިއްސާ ކޮށްދެއްވާތީ

    ReplyDelete
  3. މުދައްރިސް! ދަރިވަރުންނަށް އުނދަގޫވާކަމަށް ބެލެވޭ އެއްކަމަކީ ވާހަކައިގެ ހާދިސާ ރޭވުން ނުވަތަ ހާދިސާއެއް ކަނޑައެޅުން. މިކަމަށް ފަސޭހަ ގޮތްތަކެއް ބުނެދެވިދާނެތޯ

    ReplyDelete
  4. މީގައި އެ އޮތީ ކިޔައިދީފައި. އަދި މި ބްލޮގް ގައި ނަމޫނާ ވާހަކަ ހުންނާނެ.

    ReplyDelete
  5. ޝުކުރިއްޔާ މުދައްރިސް. މިއީ އެސް.އެސް. ސީ އިމްތިޙާނު ހަދާ ދަރިވަރުންނަށް އެހީއަކަށް ވާނެ.

    ReplyDelete
  6. މުދައްރިސްގެ ކޮންމެ ބަސްކޮލެއްވެސް އެހާމެ ފުރިހަމަ

    ReplyDelete
    Replies
    1. ޝުކުރިއްޔާ. ތިޔަ ލިބުނީ ހިތްވަރު ދިނުމުގެ އިނާމެއް.

      Delete