ވިލުފުށީ އިސްމާޢީލް ޝަމީމްގެ ލިޔުންތައް


އުސްތާޛު އިބްރާހީމް ޝިހާބުގެ ނަލަ ޢިބާރާތްކޮޅެއް. 
އިސްމާޢީލް ޝަމީމް
"އިންސާނާގެ ޙަޔާތުގައި ކަށި ނުހެރޭނޭކަމުގައި ނުދެކޭށެވެ. 
ފަޟީލަތުއްޝައިޚު ޙުސައިން ޞަލާހުއްދީނުގެ ބައެއް މުތް
ނޯޓް: މި ސަފުޙާގައި މިވަނީ ވިލުފުށީ އިސްމާޢީލް ޝަމީމް، އަމިއްލަ ޝައުޤުގައި ހޯއްދަވައި ޖަމާކުރައްވައިފައިވަ 200 އަށްވުރެ ގިނަ ފޮތްތަކުގެ ތެރެއިން ފޮތެއްގެ ލިޔުމެވެ. މި ފޮތުގައި އެ ޢިލްމުވެރިޔާ ޖަމާކުރައްވައިފައި މިވަނީފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދިނުގެ ލިޔުއްވުންތަކުން ފާހަގަކުރެއްވުނު މުތެއްފަދަ ބަސްފުޅުތަކެވެ. މި ބަސްފުޅުތަކުން، ކިޔުންތެރިންނަށް އެތައް ޢިބުރަތެއް ލިބިގެންދާނެއެވެ.
    އިސްމާޢީލް ޝަމީމަކީ އެ މަނިކުފާނުގެ ޒުވާން ދުވަސްވަރު ވިލުފުށީ ސްކޫލު ހިންގެވި ވެރިއެކެވެ. ކިޔަވައިދެއްވި އެދުރެކެވެ. ރަށުގެ ކަތީބެކެވެ. އަމިއްލަ ގޭގައި ލައިބްރަރީއެއް ހިންގަވާ މުރުޝިދެކެވެ. ކުޅަދާނަ ވަޑިއެކެވެ. އެކުވެރި ޚިދުމަތްތެރިއެކެވެ. ޝަރުޢީ މަސައްކަތްކުރެއްވި ބުއްދިވެރިއެކެވެ. ރަށު ރައްޔިތުންގެ ލޯތްބާއި އިޙުތިރާމް ހޯއްދަވައިފައިވާ ޝަޚުސެކެވެ. މިއަދު ޢުމުރުފުޅުން 72 އަހަރަށްވުރެ މައްޗަށް ގޮސްފައިވާއިރު، އަމިއްލަ ޝައުޤުގައި ބަހުގެ ޢިލްމީ ކަންކަން ދިރާސާކުރައްވާ ބަސްވެރިއެކެވެ. އެ މަނިކުފާނުގެ އުމުރުފުޅު ދިގުކުރައްވާނދޭވެ! ދުޅަހެޔޮ ސިއްޙަތެއް ދެއްވާނދޭވެ. އާމީން. (އާދަމް ޒާހިރު)

ޞަލާހުއްދީނުގެ ބައެއް މުތް
އިސްމާޢީލު ޝަމީމު (ވިލުފުށީ ޝަމީމް)
1                މާރަންދޫ ސޭކު ބުންޏެވެ. " މަސްތިލަވާއިރެއްގައި ދޫނި ކަނޑަށް ޖެހޭކަށް ވަކިޢަދަދެއް ނޯންނާނެއެވެ." ( މާނައަކީ، ނަމާދު ވަގުތު ޖެހުނީމާ މިސްކިތަށްއަރައި ނަމާދުކުރާކަށް ވަކިވަރެއް ނޯންނާނެއެވެ.) (ދިވެހީންގެވާހަކަ 3 ވަނަޞަފްޙާގައި)
2                ރީތި ކޮންމެއެއްޗެއް މީހުންބަލައި އުޅެނީ، އެކަހަލަ އެއްޗެއް ހަދާކަށެއް ނޫނެވެ. (ދިވަހީންގެވާހަކަ ޞަފްޙާ4 ގައި)
3                "ތަޚުތު ހަމަޖެހިގެންނުވާ ރަސްކަލެކޭ ހަތާނެތި އުޅޭ ކުނޅަދުރެކޭ އެއްފަދައެވެ." (ދިވެހީންގެވާހަކަ ބަފްޙާ 5 ގައި)
4                "ބޮޑު ދެގެރި ތަޅަންޏާ ކަށްގަލަށް ބާރުކުރާނެއެވެ."  (ދިވެހީންގެވާހަކަ ޞަފްޙާ 9 ގައި)
5                "ވަރުހުންނަނީ ވަނާޖުބޭސާގައެެއްނޫނޭ ވަރުހުންނަނީ ފައިސާގައެވެ." (މިއީ މާލެފަޅަށް ގަދަކަމުން ނައު ވައްދަމުން ބުނިވާހަކައެކެވެ.) (ދިވެހީންގެވާހަކަ ޞަފްޙާ 13 ގައި)
6                "ބަންދަލް މުޚްތާރަށް ހަދާލީމާ ފީ އާރޮހެއްކަމަކު ވިކިދާނެއެވެ." ( މިއީ ފޯއްމުލަކު ހިރިހަމާދި ކަލޭފާނު މާލެދަމުން މ. ދިއްގަރަށް ވިއްކަންބޭލި އާރޮސްތައް ފަނިއަޅައި ހަލާކުވެފައިވާތީ، އެރަށު މީހުން ނުގަތީމާ ދޯންޏަށް ގެންގޮސް ދޮޅަހަކަށް ކާށީގެ ހުނިގާނާލައިފައި ހުރިހައި އާރޮސްތައް އެ ހުންޏާ މޮޑެލައި، ގުޅަވަށައިލީމާ ދިއްގަރުމީހުން ފަހުން ގަތީމާ ބުނިވާހަކައެކެވެ. (ދިވެހީންގެވާހަކަ ބަފްޙާ 15 ގައި)
7                "ޢަބުރުވެރިޔަކުގެ ޢިއްޒަތް ނަގައިލައިފައި ފަނޑިޔާރުގެޔަށް ދިޔުން، ފަންސާސް ކޮއްޓޭ ބޮލި ގެއްލުމަށްވުރެން މާ ދެރައެވެ."   (ދިވެހީންގެވާހަކަ ޞަފްޙާ 17 ގައި)
8                "ބުއްދިވެރި ބަނިޔާދަމުން ދާދިކުޑަ އިޝާރަތަކުން ކަންކަމަށް ހެއިއަރައި ރުޅިމަޑުކޮށްފަތެވެ." (ދ.ވހކ 22 )
9                "ދީލަތިކަން ހިސާބަށްވުރެން ބޮޑުވެފައި، އެމީހާޔަށް ކަމުކިޔާމީހުން އެމީހާގެ ޙާލު ނުދަންނަނީވިއްޔާ އަތަކު އެއްޗެއް ނޯންނާނެއެވެ." (ދިވެހީންގެވާހަކަ ޞަފްޙާ 24 ގައި)
10           "ރަސްކަލަކު ދީނުގެފަރާތަށް ލެނބިވަޑައިގެން ހުންނަވައި ގަދަ އަމުރުފުޅެއް ކުރައްވައިފިއްޔާއި، ލައްކަ ގިނަ ދުވަސްވަންދެން އެކަންހިގައިފާނެއެވެ." (ދިވެހީންގެވާހަކަ ޞަފްޙާ 46 ގައި)
11           "ވެރިޔަކު، ވެރިޔަކުގެ އަރިހަށް ފޮނުއްވީމާ އެކަމެއް ކޮށްގެންނޫނީ އެނބުރި އަންނާނީ ތާކުންތާކު ނުޖެހޭ މީހެއްތާއޭ"  (ދިވެހީންގެވާހަކަ ޞަފްޙާ 56 ގައި)
12           "މިއޮތް އެންމެން ގޮވައިގެން ރަސްކަންކުރާން އިންމީހާ، ކޭލުފެން ކައްކާގޮތްވެސް ނުދަންނަނީތާއެވެ." (މިއީ ރާއްޖޭގެ ގިނަބަޔަކު ރޯދަވީއްލަން ބޮއިއުޅެނީ ކަށިކޭލު ފެންކައްކައިގެން ކަމަށްވާއިރު ރަސްގެފާނަށް އެވަރުވެސް ނޭގުނު ވާހަކައެވެ.)    (ދިވެހީންގެވާހަކަ ޞަފްޙާ 56 ގައި)
13.            "އެމީހުން އެ މަރުވަނީ ހަމަ ކަލިޔާބިރިންޖީ ކޮޅެއްވެސް ނުލިބިގެންތާއޭ،" (މިއީ ރަސްކަލަކު ބުނި ބަހެކެވެ. މީގެ މާނަޔަކީ، ރައްޔިތުންގެ ޙާލު އެނގޭނީ ރަސްގެފާނަށް ކަމެވެ. މިވާހަކައަކީ، ރާއްޖެތެރޭގެމީހުން ބަނޑަށް މަރުވާވާހަކަ ހަނދޭގިރިން ރަސްގެފާނަށް ދެންނެވުމުން ވިދާޅުވި ވާހަކައެވެ) (ދިވެހީންގެވާހަކަ ޞަފްޙާ 53 ގައި)
14.         "ކިތަންމެ މޮޅުމީހަކަސް ތިމާޔާ ވާދަކުރާނެ ހަމަހަމަ މީހަކު ނެތީވިއްޔާ ތިމާ މުޅީން ކަންނެތްވެ، ގުނަންތައް ވަރުބަލިވެ ދެރަވެދާނެއެވެ." (ދިވެހީންގެވާހަކަ ޞަފްޙާ 80 ގައި)
15.         "ދުނިޔޭގައި މޮޅެއް އަތުވެއްޖިއްޔާއި އޭގެފަހުގައި އަތުވެދާނޭ ދެރަޔަކާއި މެދުގައި ވާނީ ވިސްނާށެވެ." (ދިވެހީންގެވާހަކަ ޞަފްޙާ 82 ގައި)
16.         "ނުދަންނަކަމަކަށް އީމާނެއް ނުވެވޭނެއެވެ.     "  (ކުދި 28 ވާހަކަ ޞަފްޙާ 5 ގައި)
17.         "ބުއްދިއާއި ފިކުރު ނެތިއްޔާ ޢިލްމަކުން ފައިދާއެއް ނުކުރާނެއްެވެ."  (ކުދި 28 ވާހަކަ ޞަފްޙާ 15 ގައި)
18.         "މާތްމީހުންނާ އެކުއުޅުމުން މާތްކަން ލިބޭނެއެވެ."   (ކުދި 28 ވާހަކަ ޞަފްޙާ44 ގައި)
19.         "އިހު ތިބި މީހުން އިންދި ގަސްގަހުގެ މޭވާ އަހަރެމެން އެބަކަމުއެވެ. ފަހުތިބޭނޭ މީހުން މޭވާކާނެ ގަސްގަސް އަހަރެމެން ވާނީ އިންދާށެވެ." (ކުދި 28 ވާހަކަ ޞަފްހާ 50 ގައި)
20.         "ސިންގާ ވަދެއުޅޭ އަސަރުތައް ފެންނަންޏަކާ އެވަލަކު ތެރެއަށް އެހެންޖަނަވާރެއް ވަދެއެއް ނޫޅޭނެއެވެ." (ކުދި 28 ވާހަކަ ޞަފްޙާ 54 ގައި)
21.         "ހިސާބަށްވުރެ ބޮޑަށް ރުޅި ގަދަވެއްޖިއްޔާ ތިމާގެ ޢަބުރާއި ޢިއްޒަތާއި އަނބިދަރީންނާއި ވެރިކަމާއެކުގައި ހިނގައިދާނެއެވެ." (ކުދި 28 ވާހަކަ ޞަފްޙާ 60 ގައި)
   i.                     "ދޮގެއް ހަދައިގެން ލިބޭ އެއްޗަކަށްވުރެ، ތެދުބުނެގެން ގެއްލޭ އެއްޗެއްގެ ފައިދާ މާބޮޑުވާނެއެވެ." (ކުދި 28 ވާހަކަ ޞަފްހާ 84 ގައި)
22.         "ފަސާދަކުޅައުމަށް ބުނާ ތެދަށްވުރެ ޞުލްޙަކުޅައުމަށް ހަދާ ދޮގުވެސް މާރަނގަޅެވެ." (ކުދި 28 ވާހަކަ 87 ޞަފްޙާ)
"ކިތަންމެ މޮޅު ރާނީއަކަސް ފިރިކަލުންގެ ކުރިމަތީގައިވާނީ އަނބިކަނބަލަކުކަމުގައި ވާށެވެ." (ކުދި 28 ވާހަކަ ޞަފްޙާ 92 ގައި)
23.         "ދެކޭން ބޭނުންވެގެން ތިބޭ ލޯތަކަށް ނުފެންނާން ފޮރުވިގެން އޮންނަ ކޮންމެމީހަކީ ޝައިޠާނެކެވެ." (ކުދި 28 ވާހަކަ ޞަފްޙާ 101 ގައި)
24.         "ވެރީންގެ ހިތް ނުބައިވެއްޖިއްޔާ ބަރަކާތް ކެނޑިދާނެއެވެ." (ކުދި 28 ވާހަކަ ޞަފްޙާ 117 ގައި)
(ނުނިމޭ)

No comments:

Post a Comment