ވޭނަކާ ނުލައި ޅެން ވެރިއަކަށް
(އާދަމް ޒާހިރު (ކުރޮޅި)
މިއީ ވަޒަންބަހުރުވައިގެތެރޭގައި ހިމެނޭ ޅެން އުފެއްދެވުމަށް
ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެރުވޭ މަޢުލޫމާތުކޮޅެކެވެ. މި ފޮތުގައި މި
ހިމަނައިލާ މަޢުލޫމާތުކޮޅަކީ އަމިއްލަ ތަޖުރިބާއާއެކު އެރުވޭ މަޢުލޫމާތެކެވެ.
ދިވެހި ދަރިންކުރެ ދިވެހިބަހުން ޅެން ހެއްދެވުމަށް ޝައުޤުވެރިވެލައްވާ ދަރިންނަށް
ތުރާލެއް ވޭންތަކެއް އުފުއްލެވުމަކާ ނުލައި ޅެންވެރިއަކަށް ވެލެއްވިދާނޭ މަގުން
ހިންގާ ކޯހަކަށް މަޢުލޫމާތު އެރުވުމަށް ތައްޔާރުކުރި ފޮތެކެވެ.
ޅެން:
އެންމެ ފުރަތަމަވެސް ޅެމަކީ ކޮބައިތޯ ވިސްނަވައިލައްވާށެވެ.
މި ތަނުގައި މިލިޔެލަނީ ޅެމާމެދު ބައެއް އަދީބުން ފާޅުކުރައްވައިފައި ހުރި ޚިޔާލުފުޅުތަކެވެ.
ފަރުވާތެރިވެ، ވިސްނުންފުޅު ތޫނުކުރައްވައިގެން ފިކުރުކޮށްލައްވާށެވެ.
"ޅެމަކީ ތިމާގެ ހިތުގައި އުފެދޭ ޝުޢޫރެއް އަނެކަކަށް
އަސަރުކުރާނޭހެން ވަޒަނަކަށް ފައްތައިގެން
އާދައިގެ ބަހުރުވައަށްވުރެ މަތީފެންވަރެއްގެ އަދަބީ ޢިބާރާތްތަކުން ފާޅުކުރުމަށް
ކިޔޭ ނަމެކެވެ" (ޢަބްދުﷲ ޞާދިޤު)
"ޅެމަކީ،
ފުނަށް އަސަރު ފޯރާ ފަދަ ގޮތަކަށް ރީތި ޚިޔާލުތަކެއް ފާޅުކުރުމަށް
ވަޒަނަކަށް ފެތޭގޮތަށް ކާފިޔާ
ހަމަކޮށް އަތުރާލެވޭ ބަސްތަކެކެވެ." (މޫސާ ފަތުޙީ 1985)
"ޅެމަކީ ވަޒަނަކަށް ފެތޭ ގޮތަށް ޤާފިޔާ ހަމަކޮށް
ކިއިފައިވާ ބަސްތަކެކެވެ. ފުނަށް އަސަރު ފޯރާފަދަ ގޮތަކަށް ސިފަކޮށް ދައްކާ ރީތި
ޚިޔާލުތަކެއް ފައުޅުކޮށް ބަޔާންކޮށްދޭ ބަސްތަކެކެވެ. ބައެއް ފަހަރަށް އެ ބަސްތައް ފަތިފައްޗަށް
އެކުލަވައި އަމުނާލެވެއެވެ. ބައެއް ފަހަރަށް އަމުނައިލުމެއް ނެތި އުކައިލެވެއެވެ."
(މުޙަންމަދު ޖަމީލު 1986)
"ޅެންވެރިކަމަކީ ވަޒަނެއް ހިފަހައްޓައިގެން އީޖާދީ ގޮތަކަށް ފުން ޝުޢޫރެއް ބުނުމެވެ."
(ވިލިޔަމް ވާރޑްސް ވާރތު)
މި ނިންމުނަތަކަށް
ވިސްނައިލާއިރު ޅެމާމެދު ކުރެވޭ ފިކުރުތަކަށް ހުޅުވޭ ދޮރުތައް ގިނައެވެ. ގޮތެއް
ނިންމުމަށް އިތުރު ދިރާސާތައް ކުރުމަށް މަޖުބޫރުކުރުވައެވެ. އެންމެ އެވޭލާ
ނިންމުންތައްވެސް ދެނެގަންނަން ޖައްސައެވެ. އެހެންކަމުން ޢަރަބީންގެ އިހު
އަދީބެއްގެ ނިންމުމަކަށް ޖެހިލާނަމެވެ.
ޢަރަބި ބަސްމޮޅުންތެރި
ޢިއްޒަތްތެރިއެއްގެ ކިބައިން "كأنه ملتف فى بردى حبرأة" މި ޢިބާރާތް އިވުނު ހިނދު ޙައްސާން ބިން ޘާބިތް އެ ޢިބާރާތަށް
އިޝާރާތްކުރައްވައި އެއީ ޅެންކަމުގައި ވިދާޅުވެ ކަލާނގެ ގަންދެއްވައިފައިވެއެވެ.
އިސްވެ މި ދަންނަވައިލެވުނު ޢިބާރާތުގެ މާނައިގައި މުޙައްމަދު ޖަމީލް (1986)
ލިޔުއްވައިފައިވަނީ "ޙަބަރާއޭ ކިޔޭ ކަހަލަ ފޭރާމުގެ ދެފޭރާން ގައިގައި
އޮޅައިލައިގެން އައިފަދަ އެވެ" މިހެންނެވެ. މި މާނައިގައި ފަށުވިކަމާއި
ރީތިކަން އެކުލެވެއެވެ. ވަޒަންވެސް އެބަ ފާޅުވެއެވެ. ފަރަންސޭސީ އަދީބުން ފިކުރުގައި
ވާފަދައިން ޅެމަކީ ނެށުންކަމުގައި ވީހިނދު މި ދެބައި އެކުވުމުންވެސް ވިސްނެނީ
ވަޒަނާއި ހަމައިގެ މުހިންމުކަމެވެ. އަދި ފުންކަމާއި މާނައިގެ ރީތިކަމެވެ.
އެހެންކަމުން މިއީ ޅެމުގެ މުހިންމު ސިފައެއްކަމުގައި ޤަބޫލުކުރަންޖެހެއެވެ.
އަޅުގަނޑު
ޤަބޫލުކުރާގޮތުގައި ޅެމަކީ މިޔުޒިކީ ހަމައަކުން ތަރުތީބުކޮށްފައިވާ މާނަހުރި
ލަފުޒުތަކެކެވެ. ގިނަ ޅެމުގައި ބައިކުރެވޭ ފޮޅުވަތްތަކެއް ހިމެނި އެ ފޮޅުވަތްތަކުގެ
ގުޅި ދިއުމެއް ހިމެނޭނެއެވެ. ކޮންމެ ޅެމެއްގައިވެސް މިޔުޒިކެއް ނުވަތަ
އެމުނިގެންދާ ރާގެއް އޮންނާނެއެވެ. މުޅި ޅެމުގައި އެއް އަސަރެއް އުފެދި
ހުށަހެޅިފައިވާ އަދަބީ ޝުޢޫރެއް ހިމެނޭނެއެވެ. މިއީ މިހާރު ފެންނަ
ދިވެހިޅެމުގައިވެސް ހުންނަ ޚާއްސަ ސިފަތަކެވެ.
ޅެންހެދުން:
ދިވެހިބަހަށް ލޯބިކުރައްވާ ދިވެހި ކޮންމެ ދަރިއަކުހެން ޅެންހައްދަވަން
ބޭނުންވެލައްވައެވެ. މި ހުނަރު ދަސްކުރައްވައި ނަފުސުގައި ސާބިތުކުރައްވަން ބޭނުންވެލައްވައެވެ.
ސަބަބުތަކެއް ނެތިއެއް ނޫނެވެ. ބަހަވީ ޢިލްމުވެރިން އެއްބަސްވެލައްވާގޮތުގައި
އެއްވެސް ބަހެއްގައި ހުންނަ އަސަރެއް އެބަހުގެ އަދަބިއްޔާތު ނޭނގި ދެނެއެއް ނުގަނެވޭނެއެވެ.
މި ހަމައިން ވިސްނައިލުމުން އެނގޭކަމަކީ ޅެންވެރިއަކަށް ވަރަށް ފަސޭހައިން ބަހުގެ
އަދަބަށް ވެންނެވޭނޭކަމެވެ. މި ދެންނެވި ބަހުގެ އަދަބަށް ފީނައިގެންނެވޭނީ ޅެމުގެ
ތެރެއިންނެވެ.
"ޅެން ހަދަން އެނގުމަކީ އާއިލީކަމެއް" "
ކޮންމެ ކޮންމެ މީހަކަށް ޅެންހަދާކަށް ނޭނގޭނެ" "ތިޔަ ހުނަރު އެނގޭނީ
އެވެނިރަށެއްގެ ބައަކަށް" "މަޒުމޫނުލިޔަން އެނގުނަސް ޅެންހަދާކަށް
ނޭނގޭނެ" "މިކަމުގައި އަހަރު ދެ އަހަރު ވޭތުވޭ" "ޓަސްލައިފައި
ޅެންހަދަން ދަސްވޭތަ؟" މިއީ ހުނަރު ލިބިލައްވަން ދަހަތިވެލައްވާ ބައެއް
ހިތްތަކުގެ އުދާހެވެ. އެފަދަ ފިކުރުވެރިންނަށް އިވިލައްވާ ބޭހިތްވަރުގެ
ރައްދުތަކެވެ.
އެއްވެސް ޝައްކެއް ނެތްގޮތުގައި ޅެންހައްދަވަން އުޅުއްވާ
ކޮންމެ ދަރިއަކަށް ޓަސްލާފައިވެސް ޅެންހައްދަވަން ދަސްވެލެއްވުމަކީ ނެތްކަމެއް
ނޫނެވެ. ކިތަންމެ ޝައްކެއް ވިޔަސް އަދި ބޯދާ ޚިޔާލުތަކުގައި ތިއްބެވިޔަސް ޙަޤީޤަތް
ވާނީ ޙަޤީޤަތަކަށެވެ. އެހެނީ ހިތްވަރާއި ޢަޒުމާއެކު ކުރިމަތިލައްވާ ކޮންމެ
މީހަކަށްވެސް ހުނަރެއް ދަސްވެލެއްވުމަކީ ވަރަށް ފަސޭހައިން ވާނޭކަމެކެވެ. ޅެންވެސް
ހަމަ މިފަދައެވެ.
ޅެން ހައްދަވަން ދަސްކުރައްވާ ހިތްޕުޅުވާ ކޮންމެ
ދަރިއަކަށްމެ މިއީ ވަރަށް ފަސޭހަކަމެއްކަމުގައި އަޅުގަނޑު ދަންނަވަމެވެ. މި ހުނަރު
ލިބިލައްވަން އެދިލައްވާނަމަ އެންމެ ފުރަތަމަ ޅެމަކީ ކޮބައިކަން ރަނގަޅަށް
ދަސްކުރައްވަންވާނެއެވެ. ބައިތަކީ ކޮބައިކަމާއި އޭގައި ހުންނަ ކާފިޔާ، ބަނޑުވައް،
ފިލިކޯޅި، ވަޒަން، މުލައަކުރު، ޞަދުރު، ޢަޖުޒަކީ ކޮބައިކަން ދެނެލައްވައި،
ޚިޔާލުފުޅާއި ފިކުރުފުޅު މި ބައިތަކަށް ހުސްކުރައެްވަންވާނެއެވެ.
މިއީ އަޅުގަނޑު ހިންގާ ޅެން
ދަސްކޮށްދިނުމުގެ ޕްރޮގުރާމުގައި ދޭ ފިލާވަޅުގެ ތެރެއިން ފުރަމަ ކަރުދާހެވެ. މިއީ
އާދައިގެ ފެންވަރަށް (ބޭސިކް ލެވެލަށް) ޅެން ހަދަން ދަސްކޮށްދޭ ކޯހެކެވެ. ވީމާ މި
ކޯހުގައި މައިގަނޑުގޮތެއްގައި ދަސްކޮށްދޭނީ ކިޔުމަށް ތަބާވެގެންނެވެ. މިއީ އާ އުކުޅަކާއެކު
ދަސްކޮށްދޭ ކޯހެކެވެ. މި އުކުޅަށް އަޅުގަނޑު ދީފައިވާ ނަމަކީ "ފަހިމަގު"
އެވެ. "ފަހިމަގު ތިއަރީއެވެ" ދެންނެވުމަކުން ކުށަކަށް ނުވާނެއެވެ. މިހާތަނަށް
ތަޖުރިބާ ކުރިގޮތުގައި ކާމިޔާބު އުކުޅެއްކަމުގައި މި ގޮތް ވެއެވެ. ނޭނގިތިއްބަވައި
ކުޑަ ހިނދުކޮޅެއްގެތެރޭގައި ވަޒަނަކީ ކޮބައިކަން ދަސްވެލެއްވޭނެއެވެ. ފިކުރެއް
ކުރައްވަން ޖެހިނުލައްވައި ވަޒަނަށް ބަސްތައް ފައްތަވަން ދަސްވެލައްވާ
ތިއަރީއެކެވެ. ނޭނގިތިއްބަވައި ޅެންވެރި ޚިޔާލަށް ހިތްޕުޅާއި މުޅި ނަފުސު ހޭނި
މުޅި ހަށިގަނޑުގައި މި ރޫޙު ހިފައިދާ އުކުޅެކެވެ.
މި ހުނަރުގެ އަލީގައި ތިޔަ މިތުރާއަށް ޅެން ހައްދަވަން ދަސްކުރައްވާށެވެ.
ޅެން ހެއްދެވުމުގެ ހުނަރަށް
ފައްޓަވައިގަތުމުގެ ކުރިން ވަޒަނަކީ ކޮބައިކަމާމެދު ވިސްނަވައިލައްވާށެވެ. މިހިސާބުން
މި ބަޔާންކުރަނީ ވަޒަނާބެހޭ މަދު މަޢުލޫމާތުކޮޅެކެވެ.
ވަޒަނަކީ ކޮބާ؟
ވަޒަނަކީ
ޅެން އެ މިނަކުން ކިރައި ކިޔުން ހަމަކޮށްފައިވާ ބަރުދަނެވެ. އަޑާއި ރާގާއި
މަޚުރަޖު އެ ބަރުދަނަށް ފެތުނީމާ ބުނާނީ އެހުރީ ވަޒަނަށް ފެތިފައިކަމުގައެވެ. ވަޒަން
ކިރުމުގައި ބަރުދަން ހިފަނީ ފިލިންނެވެ. ވަޒަން ކިޔުމުގެ ގޮތް ދަމައި ގެތިގެން
ދަނީ އަކުރުގެ މަޚުރަޖުންނެވެ. ވީމާ ފިލި ގުނުމަކުން 7 + 7+ 7+ 7 ކިޔައިގެން
ފަރުނުޖެހޭ ދަނޑިވަޅު އަންނާނެއެވެ. އެންމެ ރަނގަޅުވާނީ ކިޔުމުގެ ހޭދަވުމާއި
ބަރުދަން ބަލައިގަތީމައެވެ.
އަޅުގަނޑު
ޅެން ހަދަން ދަސްކޮށްދޭ މި ކޯހުގައި ފުރަތަމަ ދަސްކޮށްދެނީ ވަޒަނަށް ބަސް ފައްތަވާށެވެ.
މި ހުނަރު ދަސްކުރުމުގައި ބޭނުންކުރާނީ ބައިވެރިންގެ އަތްޕުޅާއި ފައިންޕުޅުން
ހިންގޭ ޢަމަލީ ކިޔުމެކެވެ. މި ބައިތު ވަނީ މިފަދަ ކިޔުމަކަށް ކިޔާނަމަ ވަޒަނަށް
ކިޔޭނޭގޮތަށް ބައިކޮށްފައެވެ. ފިލި ގުނުމެއް މިކަމުގައި ނުވެއެވެ. ފިލި
ގުނުއްވާނަމަ ޅެންހައްދަވަން ދަސްވެލައްވާނީ އުނިކޮށެވެ. ހައްދަވާ
ޅެންބައިތުތަކުގައި އައިބު ހުންނާނެއެވެ.
| ކޮންފަދަނަސީ | ބެއްތޯއެމީ | ދޮންވެލިބިމެއް | ގައިލެއްވުމީ
| ހަންހާރަވެތި | ދިވެހިންގެމީ | ގިންތީތެރޭ | ހިމެނުއްވުމީ
މިއީ ޔޫސުފް މުޙައްމަދު
ފުޅުގެ ޅެމެއްގެ ބައިތެކެވެ. ޅެމަކީ "ކޮންފަދަ ނަސީބެއްތޯއެމީ" އެވެ.
މި ޅެމުގައި ބަސް ކިރަން
ބޭނުންކުރައްވައިފައިވަނީ "ހޯދާބަލާ" މި ތައްގަނޑެވެ. މި ވަޒަނުގެ އަށް ގުނަ
ނުވަތަ ކިރުން މިއިން ކޮންމެ ބައިތެއްގައިވެއެވެ.
ކޮންމެ ފޮޅުވަތެއްގައި ވަނީ ހަތަރު ކިޔުމެވެ. މުޅި ބައިތުގައި ވަނީ އަށް
ކިޔުމެވެ. ދެން މުޙައްމަދު އަމީންދީދީގެ ޅެން ބައިތަކަށް ބަލައިލާނަމެވެ.
| ހިތުގައި ހިނގާ | ގަދަ އެދުމަކުން | ނަފުސާ ދުލަށް | ކެތް
ނުވެވިގެން
| ހިތުގައިމިވާ |
ގޮތްވުން އަދައި | ގޮވުނޭ އެކީ | ރޫޙާ ދުލުން
މިއީވެސް ކުރިން
ދައްކައިލެވުނު ބައިތުފަދައިން ބައިކޮށްލެވިފައިވާ ޅެންބައިތެކެވެ. ވަޒަނުގެ
ތައްގަނޑެއްކަމުގައި ޚިޔާރުކުރައްވައިފައިވަނީ "ހޯދާ ބަލާ" އެވެ. މި
ކިރުމުގެ 8 ބައި މުޅި ބައިތުގައި ވެއެވެ. އެއީ ފޮޅުވަތެއްގައި ހަތް ކިޔުމެވެ.
މުޅިން ތަފާތު ވަޒަނަކަށް
އަލްފާޟިލް ޢަބްދުﷲ ޞާދިޤް ހައްދަވައިފައިވާ ޅެމެއްގެ ވަޒަނަކަށް
ވިސްނަވައިލެއްވުން ކީއްތޯއެވެ. މިއީ "ލިޔުންތެރިންގެ ދުވަހަށް
މަރުޙަބާ" މި ސުރުޚީގެ ދަށުން ހައްދަވައިފައިވާ ޅެމެއްގެ ދެވަނަ ބައިތެވެ.
| އަދީބުންނާ | އެކީ ޤަލަމުގެ | ވެރިން
| މިދީބުންއަގު | އަރާތިބިޅެން | ވެރިން
މި ޅެމުގައި
ބޭނުންކުރައްވައިފައި މިވަނީ "ބަލާހޯދާ" ގެ ދެ ކިޔުމާއި
"ބަލާ" ގެ އެއް ކިޔުން، ކޮންމެ ފޮޅުވަތެއްގައި ހިމަނުއްވައިގެންނެވެ.
މިއީވެސް ވަޒަނެކެވެ. ކޮންމެ ޅެންވެރިއަކީވެސް ތަފާތު ވަޒަންތަކަކަށް ޅެން
ހައްދަވައިފައިވާ ޅެންވެރިންނެވެ. ޙަޤީޤީ ޅެންވެރިއެއްނަމަ ކޮންމެ ވަޒަނަކަށްވެސް
ޅެން ހެއްދެވޭނެއެވެ. މިފަހަރު ފާޠިމަތު ސަޢީދު ހެއްދެވި ޅެމެއްގެ ބައިތެކެވެ.
| ކޮންމެ ރަށަކުން | ނަމަވިޔަސްވަސް | މީރުމަލުގައި |
ހުރިވަހެއް
| ކޮންމެ ގޮތަކުން |
ވެސް ހިފައިގެން | ދާނެމަތިވެރި | އަރިއަހަށް
މި ބައިތުގައި މިވަނީ
ޞަދުރުގައި "ހޯދަމާހޭ" ގެ ތިން ބައި ހިމަނުއްވައި ހަތަރުވަނަ ކިޔުން
"ހޯދަމާ" އިން ކިރުއްވައިފައެވެ. ޞަދުރުވެސް ވަނީ ހަމަ އެ ތައްގަނޑަށް
އަމުނުއްވައިފައެވެ. މި ޅެންވެރިޔާވެސް ތަފާތު ވަޒަންތަކަށް ޅެން ވިރުވައި އަޅުއްވައިފައި
ވެއެވެ. ޔޫސުފު އަލީފުޅު "ހޯދަމާހޭ" އާއި "ހޯދަމާ"
ބޭނުންކުރައްވައިގެން ހައްދަވައިފައިވާ ތައްގަނޑަކަށް އުފެއްދެވި ބައިތަކާމެދު
ފިކުރުކޮށްލައްވާށެވެ.
| އަންހެނުންނަށް | ދޭށެ އިސްކަން | ކުރިއަރަން ތަން |
ދީމަގުން
| އަންނަހާ ކަމަ | ކަށް ޙަޔާތުގެ | ފަހި ވެދާނޭ |
ހައި މަގުން
މި ބައިތުގައި މިވަނީ
"ހޯދަމާހޭ" ގެ ތިން ގުނައާއި "ހޯދަމާ" ގެ އެއް ގުނައެވެ. މި
ތައްގަނޑު ޞަދުރާއި ޢަޖުޒު އެކުލަވައިލައްވައިފައި ވެއެވެ. މިއީވެސް ފުރިހަމަ އަދި
ފަސޭހަ ތައްގަނޑު ތަކެކެވެ.
މި ތަނުގައި މި ހިމަނައިލީ
މަދު ވަޒަންކޮޅެކެވެ. ޅެންވެރިންނަކީ އެބައިމީހުން ފާޅުކުރައްވަން ބޭނުންފުޅުވާ
ޚިޔާލުފުޅުތަކާއި އޭގެ ކިޔުމާގުޅޭނޭހެން ތަފާތު ތައްގަނޑުތައް އުފައްދަވާ ހުނަރުވެރި
ބޭފުޅުންނެވެ. އެހެންކަމުން އަޅުގަނޑު ޤަބޫލުކުރާގޮތުގައި ވަޒަނަކީ ހަމައެކަނި 11
ނުވަތަ 18ގެ ލިސްޓަކުން ނިންމައިލެވޭނޭ މިންވަރެއްގައި ހުރި އުފެއްދުމެއް ނޫނެވެ.
މި ތަނުގައި ނުހިމަނާ ވެސް އެތައް އެތައް ވަޒަނެއް އެބަހުއްޓެވެ. ގިނަގުނަ
ތައްގަނޑުތަކުގެ ޅެމާއި ލަވަ އެބަހުރި މެއެވެ.
މިއީ ކޯހަށް
ބޭނުންވާ މިންވަރަށް މަޢުލޫމާތު ހިމެނި ފޮތެއްކަމުގައިވީތީ ގިނަ ތައްގަނޑުތަކަށް ނުދިޔައީއެވެ.
ވަޒަނުގެ ލުއި ބަރުމިނަށް ބަލައި އެކި ގެތުމުން ހަދައިފައިވާ ތައްގަނޑުތައް ހުރި
ނަމަވެސް މިއީ ނަމޫނާ މަދު މިންވަރެކެވެ. މި ފޮތުގައި މި ހިމަނައިލީ ޅެން ހަދަން
އަލަށް ދަސްކުރާ ކުދިބަޔަކަށް ފަސޭހަވާނެ ދެތިން ތައްގަނޑެވެ.
ކާފިޔާއަކީ ކޮބާ؟
ކާފިޔާއަކީ ނިންމުމެވެ. ދިވެހި ޅެންވެރިން މިބައި ފުރިހަމަކޮށް ވަރަށްބޮޑަށް
ވިސްނަވައެވެ. އެހެންކަމުން ދިވެހި އަދީބުން ކާފިޔާކަމުގައި ބަލައިގަންނަނީ
ބައިތުތަކުގެ ނުވަތަ ކިޔުމެއްގެ ނުވަތަ ޞަދުރާއި ޢަޖުޒުގެ ނިމޭ އަކުރާއި ފިއްޔެވެ.
ކުރިންވެސް ލިޔެވިދިޔަ ބައިތެއް މިތަނުގައި ނަކަލުކޮށްލާނަމެވެ.
"| ކޮންފަދަނަސީ | ބެއްތޯއެމީ | ދޮންވެލިބިމެއް | ގައިލެއްވުމީ
| ހަންހާރަވެތި |
ދިވެހިންގެމީ | ގިންތީތެރޭ | ހިމެނުއްވުމީ"
މިއީ އާންމު
ފެންވަރަށްވުރެ ފުރިހަމަކޮށް ޝާޢިރު ހެއްދެވި ޅެމެއްގެ ބައިތެކެވެ. އެއީ ޞަދުރުގެ
މެދުން ބައިކޮށް ޢަޖުޒުގެ މެދުންވެސް ބައިކޮށް އެއިންކޮންމެ ބައެއްގެ ނިމުމުގައި ކާފިޔާ
އެއްގޮތް ކޮށްގެންނެވެ. މި ބައިތުން ކާފިޔާ ދެނެގަންނަމާތޯއެވެ.
...........................................މީ .......................................މީ
...........................................މީ .......................................މީ
މަތީގައި އެ ވަނީ ބައިތުގައި
ކާފިޔާ ހަމަކޮށްފައިވާ ގޮތެވެ. މިއީ ވަރަށް ފުރިހަމަ ބައިތުތަކުގައި ހުންނަގޮތެކެވެ.
ގިނަ ޝާޢިރުން ބައިތުގެ މެދުތެރެއިން ކާފިޔާ އެއްގޮތެއް ނުކުރައްވާނެއެވެ. އެހެނީ
ހަމައެކަނި ނިންމުމުގައި އެއްގޮތް ކޮށްފައި އޮތީމާ ޅެން ފުރިހަމަ ވާނެއެވެ.
މިދެންނެވިގޮތަށް ކާފިޔާ އެއްގޮތް ކޮށްފިނަމަ ކާފިޔާ އޮންނާނީ ތިރީގައިވާގޮތަށެވެ.
ފަވާފައި ވާ އަކުރަށް ވިސްނަވާށެވެ. މިއީ ރަނގަޅު ބައިތެކެވެ. މި ހުށަހެޅުމުގައި
ލަފުޒުތައް ވަކިކޮށްފައި އެވަނީ ވަޒަން ވަކިވާނޭގޮތް އެންގުމަށް އެގޮތަށެވެ.
ޤައުމަށްޓަކައި ދީނަށްޓަކައި ކެރިގެން ޖިހާ ދު
ކުރާނަ މޭ
ފައުޅާއި ސިއް ރާ އެއްގޮތަށް ހުރިހާ ކަމެއް ގެންދާނަ
މޭ
ޅެން
ހެއްދެވީ ފަޟީލަތުއްޝައިޚުލް އުސްތާޛު މޫސާ ފަތުޙީ
ޅެމުގެނަން: ހިތުގެ
ޢަޒުމް
އިސްވެ ދިޔަ
ބައިތުގައި ކާފިޔާ އެއްގޮތް ކުރައްވައިފައިވަނީ ކޮންމެ ފޮޅުވަތެއްގެ ނިމުމުގައި އެކަންޏެވެ.
މިއީ ޢާންމުކޮށް ޅެންވެރިން ޅެން ހައްދަވާގޮތެވެ. ވީމާ ކޮންމެހެން މެދު ހުއްޓުމަށް
ކާފިޔާ އެއްގޮތްކުރުމީ ލާޒިމްކަމެއް ނޫނެވެ. މި ފެންވަރުގައި ޅެން
ފުރިހަމަކުރެއްވުމީ އަދީބުން ޤަބޫލުކުރައްވާ މޮޅުގޮތެކެވެ.
ކޮންމެ ބައިތެއްގައި ކާފިޔާ އެއްގޮތް ކުރޭހެއްޔެވެ؟
ޅެމުގެ ބައިތުތައް
ކާފިޔާއިން ގެތޭ ދެ ގޮތެއް ވެއެވެ. އެއްގޮތަކީ ޅެމުގެ ކޮންމެ ބައިތެއްގައި ކާފިޔާ
އެއްގޮތްކުރެއްވުމެވެ. މިގޮތަށް ހައްދަވާނަމަ ހުރިހާ ބައިތުގައި އެއްގޮތަށް
ހުންނާކަށް ނުޖެހެއެވެ. އަންނަނިވި މިސާލަށް ވިސްނަވައިލައްވާށެވެ. މިއީ މުޙައްމަދު
ޖަމީލް ހައްދަވައިފައިވާ "ވާހަކަޅެން" ގެ ބައިތުކޮޅެކެވެ.
"ދެން
ވެގެން ދިޔައީ ވެގެން ދާނޭގޮތޭ
އެންމެނަށް
އެނގި ފައުޅުވެފައި ވާގޮތޭ
ފައިދަށުން
ދެމިގެން ހިގައްޖޭ ދޫލަތައް
ހައިބަވެތި
ކިސްރާގެ އަގުހުރި ކޮއިލުތައް
ސާދަވަރަކަށް
ރަސްކަލުންނަށްފަހު މުޅީން
ތާޖުކޮޅު
ދިޔައޭ ވެގެން ދެފަ ފާރިސީން
ރޫމުގައި
އޮތް ބަރު ދިޔައޭ ކުޑަވެގެން
ތޫނުކަން
ހަތިޔާރުގައި ނެތި ކޮށިވެގެން"
މި ޅެމުގެ
ކޮންމެ ބައިތެއްގައި ވަނީ ކާފިޔާ އެއްގޮތް ކުރައްވައިފައެވެ. ނަމަވެސް ދޭދޭބައިތު
އެއްގޮތްކުރައްވައިފައެއް ނެތެވެ. މިއީ ޅެމުގެ ކާފިޔާ އެއްގޮތްކުރާ އެއްގޮތެވެ.
މިގޮތަށް ހަދާނަމަ ދޭދޭބައިތު އެއްގޮތްކުރުމީ ލަޒިމްކަމެއް ނޫނެވެ. މިގޮތަށް
ކާފިޔާ ހަމަޖެއްސުމަކީ ވަރަށް މަދު ޝާޢިރަކު ވަރަށް މަދުން ބޭނުންކުރާ އުސޫލެކެވެ.
ވީމާ ތިޔަ ދަރިވަރުންނަށްވެސް މި އުސޫލަށް ޅެން ހެއްދެވިދާނެއެވެ.
ޅެމުގައި
ކާފިޔާ ގަތައިފައި ހުންނަ ދެވަނަ ގޮތަކީ ޅެމުގެ ފުރަތަމަ ބައިތުގެ ޞަދުރާއި
ޢަޖުޒުގެ ކާފިޔާ އެއްގޮތްކުރައްވައިފައި ދެންހުރި ބައިތުތަކުގެ ޢަޖުޒު އެކަނި ފުރަތަމަ
ބައިތާ އެއްގޮތަށް ބެހެއްޓެވުމެވެ. މީގެ މިސާލެއް ތިރީގައި ވަނީއެވެ. މިއީ ޅ.
ނައިފަރު ޒަކަރިއްޔާ ހެއްދެވި ޅެމެއްގެ ފަސްބައިތެވެ.
ޗުއްޓީ ތެރޭ ދަތުރެއް ކުރަން އެއްބަސް
ވިޔޭ
ޗުއްޓީ ފެށޭ ދުވަހަށް
ދަތުރު
ރާވާ ލިޔޭ
ކައިރީ ރަށެއް ހޯދައި ދެތިން ކުއްޖަކުވެގެން
ކައި ބޮއި ހަދަން ބޭނުން ތަކެތި ހޯދައި ފިޔޭ
ވެލި ދަތުރަކަށް އެ ދަތުރު ހަދަން ދެބަހެއް ނެތޭ
ތެލި ތަށި ގެއިން ގެންދާ ކުދިން ހީވެސް ލިޔޭ
ދަތުރަށް ލިބުނު ކުޑަ ދޯންޏަކީ އައު ދޯންޏެކޭ
ވަދު ވެސް ދަމާން ވަރު ރޯލުތައް ހޯދައިފިޔޭ
ދޯންޏަށް އެތައް ގޯންޏާ އެކީ އިސްކެޕް ލިޔޭ
ބޯނޭފެނާ ކައްކަން ދެހަން ފެންވެސް ލިޔޭ
މި ޅެމުގެ ފުރަތަމަ ބައިތުގައި "ޔޭ"
"ޔޭ" ލިޔެ ކާފިޔާ އެއްގޮތް ކުރައްވައިފައިވެއެވެ. އަދި ދެންހުރި ކޮންމެ
ބައިތެއްގެ ޢަޖުޒުގައި (ދެވަނަ ފޮޅުވަތުގައި) "ޔޭ" ލިޔެ ކާފިޔާ
ފުރިހަމަކުރައްވައިފައިވެއެވެ. މި ޅެމުގެ ފުރަތަމަ ބައިތު ފިޔަވައި އެއްވެސް
ބައިތެއްގައި ޞަދުރާއި ޢަޖުޒުގެ ކާފިޔާ ގަސްތުގައި އެއްގޮތް ކުރައްވައިފައެއް ނެތެވެ.
މިއީ އެންމެ ގިނަ ޝާޢިރުން ކަފިޔާ ހަމަޖައްސާގޮތެވެ. ތިޔަދަރިވަރުން ބޭނުންފުޅުނަމަ
މިގޮތަށް ޅެން ހަމަޖެއްސެވިދާނެއެވެ.
ދިވެހިބަހުގެ
އަޑުތަކުގެ ތެރޭގައި ދުނިޔޭގެ އެހެން ބަސްބަސްފަދައިން ގިނަ އަޑުތަކެއް
އެކުލެވެއެވެ. ދިވެހިބަހުގައި އެ އަޑުތައް ރަމްޒުކުރަނީ ތާނައިގެ ފިލިތަކެވެ.
މިތާނގައި މި ލިޔެލަނީ ދިވެހިއަޑުތައް ފާހަގަކުރުމަށް ލިޔެ އުޅޭ ފިލިތަކާއި އެ
ފިލިތަކުގެ ބަރުދަނެވެ. ދިވެހިބަހުގެ އަޑުތައް ރަމްޒުކުރާ ފިލި ދެނެލެއްވުމަކީ
ޅެންހައްދަވާ ކުދިންނަށް ފަސޭހަވާނޭކަމެކެވެ. މި ތަނުގައި މި ބަޔާންކުރުމުގައި
ފިކުރުކޮށްފައިވަނީ އަޑު މަޚުރަޖަށެވެ.
ބަނޑުވައް:
ބަނޑުވަކަކީ
ބައިތުތަކުގެ ފެށުންތައް ނުވަތަ ޞަދުރާއި ޢަޖުޒުގެ ފެށުމެވެ. ދިވެހި ޅެންވެރިން
މާނަކުރާގޮތުގައި އެއިން ކޮންމެ ފެށުމެއްގައި ފާޅުކުރާ ދެވަނަ އަޑެވެ. މި ބައި
ފުރިހަމަކުރުމީ ޅެން ކިޔުމުގެ އަދަބު އަސަރުގަދަކޮށްދޭ ސިފައެކެވެ. ދިވެހި
ޅެމުގައި މިބައިވެސް އެއްގޮތްކުރުމުގައި ނުވަތަ އެމުނުމުގައި ދެ ފިކުރެއް
ބޭންކުރެއެވެ. އެއީ ބަނޑުވައް އެއްގޮތްކުރުމާއި ނުކުރުމެވެ. މިގޮތްވަނީ
ކިހިނެއްކަން "ދެމޭފިލީގެ ނުފޫޒުގައި ބަނޑުވަކާއި ކާފިޔާ މިނިވަންވުން"
މި ސުރުޚީގެ ދަށުގައިވާނެއެވެ.
ބަނޑުވައް
އެއްގޮތްކުރުމުގައި ބޭނުންކުރާ ފިކުރާމެދު އަންނަނިވި ދެ ޅެމަށް
ވިސްނަވައިލައްވާށެވެ.
ސާދަވަރަކަށް
ރަސްކަލުންނަށްފަހު މުޅީން
ތާޖުކޮޅު ދިޔައޭ
ވެގެން ދެފަ ފާރިސީން
ރޫމުގައި އޮތް ބަރު ދިޔައޭ
ކުޑަވެގެން
ތޫނުކަން ހަތިޔާރުގައި
ނެތި ކޮށިވެގެން"
- މުޙައްމަދު ޖަމީލް ހައްދަވައިފައިވާ
"ވާހަކަޅެން" ގެ ދެ ބައިތު-
މި
ދެބައިތުގައިވެސް ބަންޑުވައް އެއްގޮތްކޮށްފައެއް ނުވެއެވެ. މިއީ މުލައަކުރުގައި
ދެމޭފިލި އޮތުމުން ޅެން އެކުލަވައިލާ ގޮތެކެވެ. ދެމޭފިލީގެ ގޮތުގައި ލޮލަށް ފާޅުވާ
"އާ އީ އޫ
އޭ އޯ" މިއިން ފިއްޔެއް
މުލައަކުރުގައި އޮތުމުން އަޑު ފާޅުކުރާ ހިނދު
ދެވަނަ ޙާލަތުގައި
ނުކުންނާނި އެއްއަޑެއްކަމުގައި ބަހަވީގޮތުން ބެލެވެއެވެ. އެހެންކަމުން ދެވަނަ
އަކުރުން އެއަޑު އެއްގޮތްކުރަން ނުޖެހެނީކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ. މި
ބައިތުކޮޅަށްވެސް ވިސްނަވައިލައްވާށެވެ.
ޗުއްޓީ ތެރޭ ދަތުރެއް
ކުރަން އެއްބަސް ވިޔޭ
ޗުއްޓީ
ފެށޭ ދުވަހަށް ދަތުރު ރާވާލިޔޭ
ކައިރީ ރަށެއް
ހޯދައި ދެތިން ކުއްޖަކުވެގެން
ކައި ބޮއި
ހަދަން ބޭނުން ތަކެތި
ހޯދައިފިޔޭ
ވެލި ދަތުރަކަށް އެ ދަތުރު
ހަދަން ދެބަހެއް ނެތޭ
ތެލި ތަށި ގެއިން ގެންދާ ކުދިން
ހީވެސް ލިޔޭ
ދަތުރަށް ލިބުން ކުޑަ ދޯންޏަކީ އައު
ދޯންޏެކޭ
ވަދުވެސް
ދަމާން ވަރު ރޯލުތައް
ހޯދައިފިޔޭ
ދޯންޏަށް އެތައް
ގޯންޏާ އެކީ ސްކެޕް ލިޔޭ
ބޯނޭ ފެނާ
ކައްކަން ދެހަން ފެންވެސް
ލިޔޭ
-ޅ.ނައިފަރު
ޒަކަރިއްޔާ-
މި ބައިތުކޮޅުގެ ތެރެއިން
ފަހު ދެ ބައިތުފިޔަވައި ދެން ހުރި ހުރިހާ ބައިތެއްގައި ވަނީ ބަނޑުވައް އެއްގޮތް
ކުރައްވައިފައެވެ. އެއީ އެ ބައިތުތަކުގެ ބައިތައް ކުރުފިލިން ފަށައިފައިވާތީއެވެ.
މުލައަކުރުގައި ކުރު ފިލި ވާތީއެވެ. މި ޅެމުގެ ފަހަތުން ދެވަނަ ބައިތުގައި
ބަނޑުވައް އެއްގޮތް ކޮށްފައި ނުވަނީ އޮޅުމަކުން ނުވަތަ ގަސްތުގައިކަމަށް
ވެދާނެއެވެ. ނަމަވެސް އެބައިތަކީ ބަނޑުވައް އެއްގޮތްކުރަންޖެހޭ ބައިތެކެވެ. އެއީ
މުލައަކުރުގައި ދެމޭ ފިއްޔެއް ނެތީމައެވެ. ޅެމުގެ ފަހު ބައިތު ރަނގަޅެވެ. އެ
ބައިތުގައި ބަނޑުވައް އެއްގޮތްކުރާކަށް ނުޖެހެއެވެ. އެއީ އެ ބައިތުގެ ފެށުންތަކުގައި
އޯބޯފިލި އޮތީމައެވެ. އެއީ ދެމޭފިއްޔެއްކަމުގައިވާތީއެވެ.
ކުރު ފިއްޔާއި ދެމޭފިއްޔަކީ ކޮބާ؟
ކުރުފިލި: އަ
އި އު އެ
އޮ އް (ބަރުދަނީ 1 ދެމުން) (ބައެއް
ލަފުޒުތަކުގައި ސުކުނަކަށް ބަރުދަނެއް ނުލިބޭނެ)
ދިގު ފިލި: އާ އީ
އޫ އޭ އޯ
އައި އައު އައެ
އައޮ އިއު (ބަރުދަނީ 2 ދެމުން)
ކިޔުމުން ދެމޭފިލި: ބައެއް
ސުކުން
ކިޔުމުގައި ނިވާވާ: ބައެއް
ސުކުން "ޗާންދަނީ"
ފެންވަރު
ރަނގަޅު ދިރާސާތައް ކޮށްފިނަމަ ފިލިތައް އެމުނުމުގައި ފިލި ޖެހޭ އަކުރުގެ ގޮތުން
ފިލީގެ ބަރުދަނަށް ބަދަލުއަންނަކަން ހޯދިދާނެއެވެ. ނަމަވެސް މި ހިސާބުން މިފޮތަށް
މި މަޢުލޫމާތު ފުދޭކަމުގައި ބަލައި ނިންމައިލާނަމެވެ.
ދެމޭފިލީގެ ނުފޫޒުގައި ބަނޑުވަކާއި ކާފިޔާ މިނިވަންވުން
ކާފިޔާ އާއި
ބަނޑުވައް ހަމަޖެއްސުމުގައި ދެމޭ ފިއްޔަކީ ޚާއްސަކޮށްލެވޭ ފިލިތަކެކެވެ. ބައެއް
ޝާޢިރުން ޅެން ހައްދަވާ އިރު ކާފިޔާ އެއްގޮތްކުރަންޖެހޭ ތަންތަނުގައި ދެމޭފިލި
(އާ އީ
އޫ އޭ އޯ) ހުރިނަމަ އަކުރު އެއްގޮތް ނުކޮށްވެސް
ހުރެއެވެ. އެއީ ކިޔުމުގައި އަޑުން އެއްގޮތް ވާތީކަމަށް ބެލެވެއެވެ. ހަމަ އެހެންމެ
ބަނޑުވައްއަކުރު އެއްގޮތްކުރުމުގައިވެސް މުލައަކުރުގައި (މުލައަކުރަކީ ކޮންމެ ފެށުމެއްގެ
ފުރަތަމަ އަކުރު) ދެމޭފިލި އޮތްނަމަ މި ފިކުރު ބޭނުންކުރެއެވެ. މުލައަކުރުގައި
ދެމޭފިލީގެ ތެރެއިން އާ، އީ، އޫ،
އޭ، އޯ، އައިސްފައިވާނަމަ
ބަނޑުވައްއަކުރު އެއްގޮތްކޮށްފައެއް ނުހުރެއެވެ. މިއީ ޢަރަބި އުސޫލުގައި މި
ފިލިތައް އެމަގަށް ލިޔާނަމަ އެކުރުވެސް ފެންނާނީ އެއް ގޮތަކަށްކަމުގައެވެ. މިއީ އެ
ބަހުގެ ނުފޫޒެއްކަމުގައި ވުމީ ގާތްކަމެކެވެ.
ޅެމުގެ މާނަ
"ޅެމުގެ
މާނަ އޮންނާނީ ޅެންވެރިޔާގެ ބަނޑުގައެވެ" މިއީ ބައެއް ލިޔުންތެރިންގެ
ކިބައިން އެނގެމުންދާ ފިކުރެކެވެ. ނަމަވެސް މިއީ މޮޅުޅެމެއްގެ ސިފައެއް ނޫނެވެ. މިއީ
ދެރަޅެމުގެ ސިފައެއްވެސް ނޫނެވެ. މިއީ ބައެއް ޅެމުން ފާޅުވާ ސިފައެކެވެ. ރަނގަޅު
ގޮތަކީ ޅެމުން ބުނެދޭ އެއްޗެއް ކިޔުންތެރިންނަށް ދޭހަވުމެވެ. ޚާއްސަކޮށް އެ ޅެން
އަމާޒުކުރާ ބަޔަކަށް އެ ޅެމުގައި ބުނާ ވާހަކަ މޭރުން ވުމެވެ.
ޢާންމުކޮށް
ޅެން ވެރިން މާނަ ހަމަޖައްސާގޮތްގޮަތަށް ބަލައި އަލަށް ޅެންވެރިކަމަށް ވިސްނާ
އަދީބުންގެ ޅެމުގައި މާނަ ހަމަޖެއްސުމަށް ޚިޔާލުދެމެވެ. މި އުސޫލަށް ބަލާނަމަ ދޭނޭ
ނަސޭހަތަކީ މިއީއެވެ.
ތިމާހަދާ
މުޅި ޅެމުން ކޮންމެވެސް ވާހަކައެއް ބުނަންވާނެއެވެ. މިގޮތުން ބުނެދޭ ވާހަކައިގެ
މަޢުލޫމާތު ގެނެސްދިނުމުގައި ކޮންމެ ބައިތަކުންވެސް ކުރު ވާހަކައެއް
ބުނެދޭންވާނެއެވެ. އެ ބައިތުގެ ޢިބާރާތުން ޖުމުލައެއް ހެދެންވާނެއެވެ. ނޫނީ ކޮންމެ
ބައިތެއްގެ ކޮންމެ ފޮޮޅުވަތަކުން ޖުމުލަ މާނައެއް ބުނެދޭންވާނެއެވެ. ބޭނުންނަމަ
ކޮންމެ ދޭދޭ ބައިތަކުންވެސް މާނައެއް، ޢިބާރާތެއް ފާޅުކުރެވިދާނެއެވެ.
އަދި
އެހެންގޮތަކަށްވެސް މާނަ ހާމަކުރެވިދާނެއެވެ. އެއީ ޅެމަށް ޖުމުލަ ސުރުޚީއެއް
ދިނުމެވެ. އެއަށްފަހު އެ ސުރުޚީއިން ބައިތުތަކުގެ މާނަ ފުރިހަމަކުރަމުންދިއުމެވެ.
ކޮންމެ ބައިތެއްގައިވެސް ބުނެދޭ ކުރު ވާހަމަ ނިންމުމުގައި ސުރުޚީއާ ނުލައި ރަނގަޅު
ޖުމުލައެއް ނުނެރެވޭނެއެވެ. އެގޮތަށް ހެދުމުންވެސް މާނަ ނެރެވޭނަމަ އެއީ
ރަނގަޅުގޮތެކެވެ. ނަމަވެސް ޅެން ހެދިމީހާގެ ގާތަށް ގޮސްގެން ނޫނީ އެ ޅެމުގެ މާނަ
ނުރެވޭނަމަ އެޅެމުގެ އަމާޒަށް ދަތުރުނުކުރުމަކީ ގާތްކަމެކެވެ.
ބަސް އޮޅުވުން
ކޮން
ބޭނުމެއްގައިކަން ނުއެނގުމުގެ ތެރޭގައި ވީނަމަވެސް އެނގޭ ކަމަކީ ދިވެހި
އިހުޅެންތަކުގައި ބަސް އޮޅުވުން ބޮޑުކަމެވެ. އަދި ބަސް ނުއޮޅުވާ ބައި ކުޑަކަމެވެ.
މިއީ ރައިވަރުންވެސް ފެނިފައިވާ ޒަމާންވީ މުސްކުޅި ސިފައެކެވެ. "ތުން ގުރާ
ހުޅަވާތި ފަޅުކަ" މިއީ މުސްކުޅި ރައިވަރެއްގެ އެއް ބަހެވެ. މި ބަހުގައި އެ ވާ
ބުނުމަކާމެދު މިޒަމާނުގެ ދަރިވަރުން ކުރައްވާ ފިކުރެއް ބަލައިލުމަށް ސާނަވީ
ދަރިވަރުންނަށް މި ބަސް ދައްކައިލީމެވެ. ގިނަ ދަރިވަރުން އެތުރި ދެތިން ގޮތް
މިވަނީއެވެ.
"ގުރާތުން
ހުޅުވާތީ ފަޅުކަން" "ހުޅުވާ ފުރާގެ ތުންކަޅު ފަޅު"
"ކަޅުގުރާގެ ތުން ހުޅުވާފަޅު"
މި
ރައިވަރުގެ އެހެން ބަސްބަހަށް ބަލައިލާއިރު މީގެ އެތުރުމުގައި އޮންނަންޖެހެނީ
"ހުޅަނގު ފަރާތުން ކަޅުވާތީ" އެވެ. ވީ ހިނދު މިގޮތަށް ބަސް އޮޅުވުމުން
މާނަތައް ނުބައިކޮށް ނެގުން އިތުރުވެ ޅެންވެރިކަމުގެ އަސްލު މާނަތައް ގެއްލި
ދެއެވެ. އެހެންކަމުން މިޒަމާނަށް ބަލާއިރު މިއީ ރަނގަޅުކަމެއް ނޫނެވެ.
ޅެމުގައި މަޢުލޫމަތު ހިމެނުން
"ޅެމުގެތެރޭގައިވެސް
މަޢުލޫމަތު ގެނެސްދޭ ޅެމާއި ހަމައެކަނި ފޮނިބަސްތަކެއް ކިޔައިލާ ޅެން ހުރެއެވެ.
ޤައުމީ ދީނީ އިޖުތިމާޢީ ދާއިރާތަކުން ދުނިޔެއަށް ނެވާލާ ކޮންމެ ޅެމަކުން
މަޢުލޫމަތު ގެނެސްދިނުމަކީ އެ ޅެމުގެ ހައިބަތާއި ޤަދަރު އުފުލިގެން ދާނޭކަމެކެވެ.
އެހެންކަމުން ކުޅަދާނަކަން ހޯދައިގެން މަޢުލޫމަތު ހިމެނުމަށް ސަމާލުކަން
ދޭންވާނެއެވެ.
މިހާރު
ޅެމެއްގެ މުހިންމު ގިނަ މަޢުލޫމާތު ތިޔަ އެނގިލެއްވީއެވެ. ދެން ބޭނުންވެލައްވާނީ
ޅެން ހެއްދެވުމެވެ. މިއީ މި ފޮތުގެ މައިގަނޑު އަމާޒުވެސް މެއެވެ. އެހެންކަމުން
މިހިސާބުން މިހިމަނައިލަނީ އެކަމުގެ މަޢުލޫމާތެވެ. ނަމަވެސް އިސްވެ ދިޔަ އެއްވެސް
މަޢުލޫމާތެއް ތިޔަ ފިކުރުން ހަނދުމަ ނެތިއްޖެނަމަ ތުރާއަކާ ކުރިމަތިވާނެއެވެ.
ވަޒަނާއި ބަނޑުވަކާއި ކާފިޔާއާއި ފިލިކޯޅިއާޢި މިފަދަ ނުކުތާތައް ހިތުގައި
ބާއްވަވާށޭވެ. ދެން ޅެމެއް ހެއްދެވުމަށް އުޅުއްވާށެވެ. ބިސްމި ކިޔުއްވާށެވެ.
ޅެންހެދުން... ހަރުފަތަކުން ހަރުފަތަކުން:
މިތަނުގައި
މި ބަޔާންކުރާ ހަރުފަތްތަކާއި އިރުޝާދަކީ މުޖައްރިބު ގޮތެކެވެ. ކާމިޔާބަށް
ބޭނުންފުޅުނަމަ ކެތްތެރިވެލައްވައިގެން އިޚްލާސްތެރިކަމާއެކު މި ދަންނަވާ
ހަރުފަތްތައް ގިރާކުރައްވާށެވެ. އަދި އިރުޝާދުތައް ބަދަލު ނުކުރައްވައި،
ރޭވިފައިވާ މުއްދަތު ބަދަލު ނުކުރައްވައި ކުރިއަށް ގެންދަވާށެވެ. ސާބިތު
އުއްމީދެއްވެސް ބޭނުންކުރައްވާށެވެ.
ހަރުފަތް
|
އިރުޝާދު
|
މިސާލު
|
1
|
ބޭނުންފުޅު ތައްގަނޑެއް ކަނޑައަޅުއްވާށެވެ. އަދި
ލިޔެލައްވާށެވެ.
|
"ބަލާށެ ހޯދާ"
|
2
|
މި ތައްގަނޑު ރާގެއްލައްވައި އަނެކުންނަށް އިވޭވަރަށް
ކިޔުއްވާށެވެ. މިގޮތަށް ކިޔުއްވާއިރު އަތްތިލަފުޅާއި ފައިތިލަފުޅު އެއް
ހަމައަކަށް ޖައްސަވަމުން ކިޔުއްވައިފިނަމަ ކަމުގެ ތެރެއަށް ވަދެލެއްވުން
އަވަސްވާނެއެވެ.
|
"ބަލާށެ ހޯދާ" "ބަލާށެ ހޯދާ"
"ބަލާށެ ހޯދާ".........
|
3
|
ކިޔުއްވި ތައްގަނޑު މަދުވެގެން 700 ފަހަރު
ތަކުރާރުކުރައްވާށެވެ. މިއީ އޭގެ ކިޔުމުގެ ބަރު ލުއިމިން މީހެއްގެ ވިންދާ ގުޅޭނޭ
މިންވަރެވެ.
|
"ބަލާށެ ހޯދާ" "ބަލާށެ ހޯދާ"
"ބަލާށެ ހޯދާ" ގުނަ 700
|
4
|
ފަރިތަކުރެއްވި ތައްގަނޑަށް، އެ ރާގާއި އެ އުސްލޫބުގައި
އެ ދެންމެވުމުގައި ކިޔުއްވޭ ލަފުޒުތައް ކިޔުއްވާށެވެ.
|
ކުޅޭށެ ކުޅިވަރު.... އަތާއި ފައިލައި.......... ލިބޭނެ
ފޯރިން.... ދުވާނެ މީހުން..... ޖަހާބެ ބެރުތައް...
|
5
|
މި ހަރުފަތުގައި ހިތަށް އަރުއްވާ ކޮންމެ ލަފުޒެއް
ކިޔުއްވައި 15 މިނިޓް ހޭދަކުރައްވާށެވެ. މި ކިޔުއްވުމުގައި އެއްވެސް
ހުއްޓެވުމެއް ނުގެންނަވާށެވެ. ވަރުބަލިފުޅު ވިޔަސް ވަގުތު ހަމަވަންދެން
ކިޔުއްވާށެވެ. އެހެން ނޫނީ ވިންދާއި ވަޒަން ލާ ނުމެހޭނެއެވެ.
|
(ފެންނަ މާޙައުލުގެ ފެންނަ ތަކެތީގެ ނަންނަމާޢި ލަފުޒުތައް
ކިޔޭނެއެވެ.) މިސާލަކީ |ތިހެންމެކައިފައި| ކުރާނެ ކަންތައް| މިތާވި ފަންކާ|
ޖަހާށެ ބާރަށް| އުޅޭނެ ސައިބޯން| ......
|
6
|
ކިޔުއްވި ލަފުޒުތަކުން ހަނދުމަފުޅުގައި ހުރި ބަސްތައް
ލިސްޓުކުރައްވާށެވެ. މިގޮތުން މަދުވެގެން 50 ލަފުޒު ލިސްޓުކުރައްވަންވާނެއެވެ.
|
ކަރާމިޗިސްކޮށް
މަނާމު ގެނުވައި މުރާލި
ވީމާ ދަތާއި މޭގައި ރަނާއި ރިހިލައި ވަދާޢުކޮށްފައި ނުދާނެ ހެންހުރެ ވުމަށްމެ އެދެވޭ ޖަހަޑުގެ ތޫނުކަން ހަމަށް އެނގޭނޭ
|
7
|
ލިސްޓުކުރެއްވި ލަފުޒުތަކުން ހޮވައިލެވޭ 8 ލަފުޒެއް ދެ
ފޮޅުވަތެއްގައި އަތުރާލައްވާށެވެ. މިއީ ބައިތެއްގެ ގޮތަށް އަތުރާ އެތުރުމެވެ.
މިގޮތަށް އެތުރުއްވުނީމާ ބައިތެއްކަމަށް ހީވެލައްވާނެއެވެ. ނަމަވެސް އަދި
ކިޔުއްވުން ގިނަކުރައްވާށެވެ.
|
ކަރާމިޗިސްކޮށް| މަނާމު ގެނުވައި| މުރާލި ވީމާ| ދަތާއި
މޭގައި
ރަނާއި ރިހިލައި|
ވަދާޢުކޮށްފައި| ނުދާނެ ހެންހުރެ| ވުމަށްމެ އެދެވޭ
|
8
|
6 ވަނަ ހަރުފަތުގައި ހެއްދެވިހެން ލަފުޒުތައް ކިޔުއްވައި
އިތުރު ލަފުޒުތައް ލިސްޓުކުރައްވާށެވެ. މިފަހަރު ކިޔުއްވާ އިރު އެއް ކިޔުމަކުން
ފެށޭނޭ ލަފުޒު ކިޔުއްވާށެވެ. މިއީ ބަނޑުވައް އެއްގޮތް ލަފުޒެވެ. މިފަދަ
ލަފުޒުތައް މިގޮތަށް ކިޔުއްވާއިރުވެސް ގަސްތުގައި ލަފުޒުތައް ގުޅުއްވަން
ނޫޅުއްވާށެވެ. މި ހަރުފަތްތައް ނިމިލައްވާއިރު އޭގެ ޒާތުގައި ލަފުޒުތައް
ގުޅިގެންދާނެއެވެ.
|
ގިރާވަރުންނާ، މިރާގު ކިޔަވައި، ހިރާގެ ގޮތްގެނެ،
ކިރާލަދޭށޭ.
|
9
|
8 ވަނަ ހަރުފަތުގައި ލިސްޓުކުރެއްވި ލަފުޒުތައްވެސް
ބައިތެއްގެ އެތުރުމަށް އަތުރައިލައްވާށެވެ. ފަހަރެއްގައި މާނަ ނުގުޅިދާނެއެވެ.
އެކަމަކު އަދި އަޅައިނުލައްވާށެވެ. ފަހުން އެކަން ހަމަޖެހޭނެއެވެ.
|
ގިރާވަރުންނާ ދިރާނަ ގޮތްހެން ލިރާގެ ގޮތުގައި ބަލައި
ނުލާށޭ
މިރާގު ކިޔަވައި
ހިރާގެ ގޮތްގެނެ މަހާއި ފަތްކެޔޮ ކިރާލަދޭށޭ.
|
10
|
ކާފިޔާ ނުވަތަ ލަފުޒުތަކުގެ ނިމުން އެއްގޮތް ލަފުޒު ހަމަ
ކުރީގެ ކިޔުމާ އެއް ރާގަށް ކިޔުއްވާށެވެ. އަދި ލިސްޓުވެސް ކުރައްވާށެވެ.
ފުރަތަމަ ހަރުފަތުގައި ކިޔުއްވިގޮތް ބަދަލު ނުކުރައްވާށެވެ. އެއް ރާގެއްގައި
ކިޔުއްވަމުން ލިސްޓްކުރައްވާށެވެ.
|
ތިނެއްނު ކިޔަމުން، ކަޅަށްމެ ބަލަމުން، އަތުން އެ
ޖަހަމުން، އުޑަށް މަ ބަލަމުން، ހިތާއި ޖެހެމުން......
|
11
|
9 ވަނަ ހަރުފަތުގައި ކުރި މަސައްކަތް ހަމަ އެ
ބީދައިންކުރައްވާށެވެ.
|
ތިނެއްނު ކިޔަމުން ގަލަންމެ ނަގަމުން ލޮލުންނެ ބަލަމުން
ދުރުންއެ އުޅުމުން
ކަޅަށްމެ ބަލަމުން އަތުން އެ ޖަހަމުން އުޑަށް މަ
ބަލަމުން، ހިތާއި ޖެހެމުން
|
12
|
ބައިތެއްގެ 8 ބައިގެ ތެރެއިން 1. 3. 5. 7 އަށް، 9 ގައި
ކުރި ލިސްޓުން ބޭނުންފުޅު 4 ލަފުޒެއް އަތުރުއްވާށެވެ.
|
ގިރާވަރުންނާ .....2...... ލިރާގެ ގޮތުގައި .....4.......
މިރާގު
ކިޔަވައި .......6.......
ކިރާލަދޭށޭ ........8.......
|
13
|
12 ވަނަ ހަރުފަތުގައި ލަފުޒުތައް އެތުރުއްވިއިރު
ހުސްކޮށް ހުރި 2. 4. 6. 8 ގައި، 11 ވަނަ ހަރުފަތުގައި ލިސްޓުކުރެއްވި ކޮންމެވެސް
4 ލަފުޒެއް ލިޔުއްވާށެވެ. މިހާރު ބައިތެއްގައި ހުންނާނޭ ހުރިހާ ސިފައެއް، މާނަ
ފިޔަވައި ފުރިހަމަވާނެއެވެ.
|
ގިރާވަރުންނާ ގަލަންމެ ނަގަމުން ލިރާގެ ގޮތުގައި އަތުން އެ ޖަހަމުން
މިރާގު
ކިޔަވައި ކަޅަށްމެ ބަލަމުން ކިރާލަދޭށޭ ހިތާއި ޖެހެމުން
|
14
|
އިސްވެ ނިންމެވި ހަރުފަތްތައް ފަދައިން ބޭނުން
އެހެންވެސް ތައްގަނޑެއް ކިޔުއްވައި ނިންމެވި މަސައްކަތްތައް
ތަކުރާރުކުރައްވާށެވެ. މިގޮތަށް ކިޔުއްވުމުން ބޭނުން ވަޒަނަކަށް ލަފުޒުތައް
ފައްތަވާށާއި ހަރުފަތް 11، 12، 13ގައި ދެންނެވި
ފަދައިން ކާފިޔާއާއި ބަނޑުވައް ހަމަޖައްސަވަން ދަސްވެލައްވާނެއެވެ.
|
(ކުރިންދިޔަ މިސާލުތަކުން ދެނެގަންނާށެވެ)
|
15
|
ތިމާ ބޭނުންވާ ޚިޔާލުފުޅެއް ކުރު، ރިވެތި ޖުމުލަތަކަކުން
ލިޔުއްވާށެވެ.
|
މަންމަ ބުނީ ފެންވަރައި ރީތިވާށޭ
ބައްޕަ އަހުރެން ޕާކަށް ގެންގޮސް ދިން
|
16
|
ހަރުފަތް 15 ގައި ލިޔުއްވި ޚިޔާލު ވިސްނުންފުޅުގައި
ބަހައްޓަވައިގެން އެ މާނަ އުފެދޭފަދަ ލަފުޒުތައް ވަޒަނުގެ ތައްގަނޑަށް
ފެތެންދެން ކިޔުއްވާށެވެ.
|
މަގޭވި ހެޔޮ މަން| މައޭ ބުނުއްވީ| މި ފެންވަރައިލަން|
ރިވެތިވެ ނަލަވާން| އެކަމަކު ހެޔޮވީ| މި ބައްޕަޕާކަށް| މަ ލައިއެ ދެއްވީ|
އުފާފުޅާއެކު
|
17
|
ލިސްޓުކުރެއްވި ލަފުޒުތަކުގެ އެހީގައި ބައިތު
އަތުރައިލައްވާށެވެ. އަދި ބަނޑުވަކާއި ކާފިޔާ ހަމަޖެހޭހެން، މާނަ ގެއްލި
ނުދާނޭހެން ބަދަލުތައް ގެންނަވައި އަތުރައިލައްވާށެވެ.
|
މަގޭވި ހެޔޮ މަން މައޭ ބުނުއްވީ މި ފެންވަރައިލަން
ރިވެތިވެ ނަލަވޭ
މަގޭވި ހެޔޮނަލަ އެ ބައްޕަޕާކަށް މަ ލައިއެ ދެއްވައި
ހިގައިމެ ގަތްމޭ
|
18
|
މިހާރު ތިޔަ ތިއްބެވީ، އާދައިގެފެންވަރެއްގައި ޅެން
ހެއްދެވުމުގެ ހުރިހާ މަޢުލޫމާތެއް ލިބިލައްވައިފައެވެ. ދެން އޮތީ އިތުރު
ތަމްރީނު ލިބިލެއްވުމެވެ. މިކަމުގައި ހައްދަވަންވީގޮތަކީ ގިނަ ގިނައިން ކުރީގެ
ހަރުފަތްތައް ތަކުރާރުކުރެއްވުމެވެ. އަދި ވީހާ ގިނައިން ޅެންބައިތުތައް
ހެއްދެވުމެވެ. އޭރުން ޅެންތައް އެމުނުއްވެމުންދާނެއެވެ.
|
(ކުރިން ދިޔަ މިސާލުތަކުގައި ހުރި ވާހަކަތަކަށް
ފަރުވާތެރިވެ ފިކުރުކޮށްލައްވާށެވެ!)
|
19
|
އިސްލާޙުކުރުމަކީ އުނގެނުމުގެ އެންމެ މުހިންމު
ހަރުފަތެވެ. އެހެންކަމުން ދެން އޮތީ އިސްލާޙުކުރެއްވުމެވެ.
|
ތިމާ ހެއްދެވި ބައިތެއް ނުވަތަ ޅެމެއް ފަހުގެ
ދަނޑިވަޅެއްގައި އަލުން ކިޔުއްވައި އިސްލާޙުކުރައްވާށެވެ. ހިތްހަ ޖެހިނުލައްވާ
ބައެއް، ލަފުޒެއް ވާނަމަ ބަދަލުކުރައްވާށެވެ.
|
މި ކުރު
ފޮތުން މި އަންގައިދެވުނީ ޅެންވެރިކަމާބެހޭ ބައިކުޅަ ބައެކެވެ. ނަމަވެސް އަވަސް
ފިޔަވަޅެއްގައި ފަސޭހަކަމާއެކު ޅެން ހައްދަވާނޭ ނަފުސީ ދިރާސާއެއް ދަންނަވައިލެވިއްޖެއެވެ.
ތަޖުރިބާކުރައްވާށެވެ. ތައުފީޤު ދެއްވުން އޮތީ ﷲގެ ނިޢުމަތުގެ ތެރޭގައެވެ.
އަޅުގަނޑުގެ ދުޢާއަކީ މި މަޢުލޫމާތުކޮޅުން ދިވެހި ދަރީންނަށް ލާބައެއް ދެއްވުމެވެ. (ނިމުނީ)
ޝުކުރުވެރިވުން ޙައްޤު މަސައްކަތެއް... އުނގެނުމަށް ލޯބިކުރައްވާ ބޭފުޅުންނަށް ވެންނެވުމަށް ހުޅުވިފައިވާ ދޮރެއްކަން ކަށަވަރު. 'ޝުކުރިއްޔާ މުދައްރިސް
ReplyDeleteމުދައްރިސްގެ މަސައްކަތަށް އައްސަރިބަހާ ސާބަސް ރައްދުކުރަން. ތިޔަ ކުރައްވާ ބުރަ މަސައްކަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ބަރަކާތްލައްވާ އިތުރު ކާމިޔާބީ މިންވަރު ކުރައްވާށި. އާމީން
ReplyDeleteވަރަށް ބޭނުންތެރި މަޢުލޫމާތުތަކެއް، ވަރަށް އަގުހުރި މަސައްކަތެއް، ވަރަށް ބޮޑު އެހީތެރިކަމެއް
ReplyDeleteޚާއްޞަކޮށް ޅެންހަދަން ދަސްކުރާކުދިންނަށް ރަނގަޅު ފިލާވަޅެއް.
ޅެމުގެ އެކި ބައިތަކާމެދު އުސްތާޒުންނަށް ޙަވާލާދެވިފައިވާނަމަ މުދައްރިސްގެ މި މަސައްކަތުގެ ބުރަދަން މިހާރަށްވުރެވެސް އިތުރުވީސް ބެނުންތެރިކަން ބޮޑުވީސް
ޅެމުގެ ތަޢާރަފްގައި ޙަވާލާދީފައިވާ ފަދައިން، ކާފިޔާ، ބަނޑުވައް، އަކުރު، ފިލިކޯޅި، ވަޒަން، މި ބައިތަކަށް ވެސް ޙަވާލާ ދިނުން އިތުރުކޮށްލަން ފެނޭ، އޭރުން ބޭނުންތެރިކަން މިހާރަށްވުރެ ބޮޑުތަނުން އިތުރުވާނެ، ކާމިޔަބަށް އެދެން
ReplyDeleteމުދައްރިސް ތިކުރައްވާ މަސައްކަތުގައި ބަރަކާތް ލައްވާށި. އާމީން
ReplyDelete