1.6.15

ދިވެހިބަހުގެ ހަމަ ބޭނުންކުރުމުގައި ހޭލަމާހެއްޔެވެ؟ Kurolhi Mazumoonu Dhivehibas Hama Qavaidhu 2


ދިވެހިބަހުގެ ހަމަ ބޭނުންކުރުމުގައި ހޭލަމާހެއްޔެވެ؟ 2


އާދަމް ޒާހިރު (ކުރޮޅި) 2012


އެކި އާބާދީގެ މެދުގައި ބަސްމަގު ތަފާތުވުމަކީ ކޮންމެ ޤައުމެއްގައިވެސް އޮންނަ ކަމެކެވެ. މިގޮތުން ދިވެހިރާއްޖޭގައިވެސް އެކި ހިސާބުގެ ބަސްމަގު ތަފާތެވެ. އެކި ކަންކަމުގެ ދޭހަވެސް ތަފާތެވެ. ބަސްމަގާއި ރާގާއި ލަފުޒުގެ ޤާބިލްކަންވެސް ތަފާތެވެ. މިގޮތުން ދިވެހިރާއްޖޭގެ ދެކޮޅުގެ ބަސްމަގު ތަފާތެވެ. އެތެރޭގެ ކޮންމެ ގުރޫޕެއްގެ މެދުގައިވެސް ތަފާތެވެ. މިއީ ޤަބޫލުކުރަންޖެހޭ ކަމެކެވެ. އަދި މިއީ ބަހުގެ އަސްލަށް ބަދަލު ނާންނަ ކޮންމެ ބަހެއްގައި ވެސް އޮންނަ، އޮންނަންޖަހޭ ރޫޙީ ސިފައެކެވެ.

2- ދިވެހިބަހުގެ ވައްތަރުތަކާއި ބޭނުންކުރެވޭ ގޮތްތައް


ކޮންމެ އާބާދީއެއްގައިވެސް ބަސްމަގު ތަފާތެވެ. ކޮންމެ ޤައުމެއްގެ ކޮންމެ ހިސާބެއްގައިވެސް ބަސްމަގު ތަފާތެވެ. އަދި އެ ބައެއްގެ މެދުގައި ބޭނުންކުރެވޭ އެކި ހާލަތުގެ ބަސްމަގާއި، ބަހުރުވައާއި އޭގެ މެދުގައި ހުންނަ ބަހުގެ ހަމައާއި އުސޫލުވެސް ތަފާތެވެ. ބަސް ބޭނުންކުރުމުގެ މި އުސޫލު ދެނެގަނެ ބޭނުންކުރުމުގެ މި ހަމައަށް ބޯ ލެނބުމަކީ ބަހަވީ ޤާނޫނެވެ. މިސާލަކަށް ރާއްޖޭގެ ބައެއް ހިސާބުގައި "ސާބޯން ތެބީ" ކިޔާއިރު އަނެއް ބައި ހިސާބުގައި "ސައިބޯނި ހުރީ" ނުވަތަ "އޮތީ" ކިޔުމަކީ އޮންނަ ރަނގަޅު އުސޫލެވެ.

ބަހުގެ ބަހުރުވައަށް ލިބިގެންވާ އުސޫލީ މިންގަނޑަށް ކިޔެނީ ބަހަވީ ޤަވައިދުގެ ނިޒާމެވެ.  އެއީ ބަހުގައިވާ "ލެކްސިކަލް ސިސްޓަމް" އެވެ. ބަސް ބޭނުން ކުރެވޭގޮތުގެ އުސޫލެވެ. މި ލިޔުމުގައި ބަލައިލެވޭނީ މި ބައިގެ މަޢުލޫމާތަށެވެ. އަދި މި އުސޫލުން ބަހުގައި ހިމެނޭ ލެކްސިކަލް ނިޒާމަށެވެ.


ދިވެހިބަހުގެ ވައްތަރުތަކާއި ބޭނުންކުރެވުން:

ބަހުގެ ވައްތަރުތައް މާނަކުރަނީ ބަހުގެ އެކި އެކި ގޮތްގޮތްކަމުގައި ނޫނީ ނުވެއެވެ. ނަސީމާ މުޙައްމަދު (2006) ހާމަކުރައްވާގޮތުގައި ބަހުގައި ޑައިލެކްޓުތަކެއް (ބަހުރުވަތަކެއް) ވާނެއެވެ. އަދި ބަސް ބޭނުންކުރާ މާޙައުލާއި އާބާދީގެ ގޮތުންވެސް ތަފާތުތަކެއް ފާހަގަކުރެވޭނެއެވެ. އެއީ އެ ބައެއްގެ ބަހުގެ ވައްތަރުތަކެކެވެ. ފަހުން އެ ބަސް ޑައިލެކްޓަކަށް ވެފައިވަނީ ބޭނުންކުރުމާއި ބަސްމަގުގެ ތަފާތުކަމުންނެވެ.

      ބަހުގެ ޢިލްމީ ނަޒަރަކުން ބަލާއިރު އިންސާނުންނަކީ ވަރަށް ތަފާތު ބައެކެވެ. އެހެނީ ކޮންމެ އިންސާނަކަށްވެސް ބަސްކޮށާރުގެ ގޮތުން ތަފާތެވެ. އަދި އެއް ލަފުޒުތަކެއް ބޭނުންކުޅަޔަސް ބަސްމަގު ތަފާތެވެ. މީގެ ހެކިތައް ދިވެހި ބަހުގައި ހުއްޓަތީ އެބަ ފެނެއެވެ. އެކި އަތޮޅުގެ ބަސްމަގާއި ރަށްރަށުގެ ބަސްމަގާއި އަދި އަވަށްތަކުގެ ބަސްމަގާއި ބޭނުންކުރެވޭ ރާގާއި ލަފުޒުތަކުގެ ގޮތުން ވަރަށް ބޮޑު ތަފާތުތަކެއް ފެނެއެވެ. ހަމަ އެހެންމެ ދިވެހިން ބުނެ އުޅޭ އިޝާރާތަށް ބަލާއިރުވެސް މާރުކޭޓުގެ ބަސްމަގާއި ފިހާރަތަކުގެ ބަސްމަގާއި ރަސްމީ ބަސްމަގު ވަރަށް ބޮޑަށް ތަފާތެވެ. އަދި ދުޝްމަނުންގެ ވާހަކަދެއްކުމާއި ރުޅި އައިސްފައި ތިބޭ ދޭ ދޭ މީހުންގެ ވާހަކަދެއްކުމާއި ލޯބިވެރިންނާއި މައިންދަރިންގެ ބަސްމަގުވެސް ތަފާތެވެ. މިއީ ބަހެއްގައި ހުންނަ އެ ބަހަށް ޚާއްސަ ހަމަތަކެއްގެ މަތިން ވެފައި އޮންނަ ތަފާތެކެވެ.

ދިވެހިބަހުގެ ވައްތަރުތަކާއި ބޭނުންކުރެވޭ ގޮތް. އެކި ހިސާބުގެ ބަސްމަގުގެ ތަފާތު:

ރާއްޖޭގައި ބަހުރުވައިގެ ވައްތަރުތައް އެބަހުއްޓެވެ. އެއީ ބޭރުގެ ބަސްބަހުގައިވެސް ހުންނަ ފަދައިންނެވެ. ޢަރަބި ބަހުގައިވެސް ވަރަށް ބޮޑު 7 ތަފާތެއް އޮންނަކަމުގައި ޝައިޚު ޢަލީ ރިމާ ވިދާޅުވެފައިވެއެވެ. އެއީ ބަހުރުވައިގެ ގޮތުންނެވެ.

ބަހުގެ ވައްތަރުތައް މާނަކުރަނީ ބަހުގެ އެކި އެކި ގޮތްގޮތްކަމުގައި ނޫނީ ނުވެއެވެ. ނަސީމާ މުޙައްމަދު (2006) ހާމަކުރައްވާގޮތުގައި ބަހުގައި ޑައިލެކްޓުތަކެއް (ބަހުރުވަތަކެއް) ވާނެއެވެ. އަދި ބަސް ބޭނުންކުރާ މާޙައުލާއި އާބާދީގެ ގޮތުންވެސް ތަފާތުތަކެއް ފާހަގަކުރެވޭނެއެވެ. އެއީ އެ ބައެއްގެ ބަހުގެ ވައްތަރުތަކެކެވެ. ފަހުން އެ ބަސް ޑައިލެކްޓަކަށް ވެފައިވަނީ ބޭނުންކުރުމާއި ބަސްމަގުގެ ތަފާތުކަމުންނެވެ.

ރާއްޖޭގައި ބަހުރުވައިގެ ގޮތުން (ޑައިލެކްޓްގެ ގޮތުން) ތަފާތުކަމަށް ނަންކިއިފައިވަނީ ހުވަދޫ، އައްޑޫ، ފުއައްމުލަށް، އަދި ރަސްމީ ބަސްމަގެވެ. ނަމަވެސް ހައްދުންމަތީ ބަސްމަގާއި ރާއްޖޭގެ އުތުރުގެ ބަސްމަގުގައިވެސް ދިރާސާތަކެއް ކޮށްފިނަމަ ތަފާތެއް ފެންނާނޭކަން ބަހަވީ ޢިލްމުގެ ނަޒަރަކުން ފެނެއެވެ. އަންނަނިވި ލިޔުމަށް ވިސްނައިލާށެވެ.


ދިވެހިންގެ ބަހުރުވައާމެދު ބަސްވާރެއްގެ ލިޔުމެއް:

ތިރީގައިވަނީ ދިވެހިބަހުގެ ބަހުރުވަތަކާމެދު ބަހަވީ ނަޒަރަކުން މި ފޮތަށް ލުމަށް އަލްފާޟިލާ އާމިނަތު ޢަލީ ދެއްވި ލިޔުމެކެވެ. މި ލިޔުމުން މި މަގަށް ފައިދާއެއް ކުރާނޭތީއެވެ.



ދިވެހިބަހުގެ ބަހުރުވަ

ރާއްޖޭގެ އަތޮޅުތައް ބެހިފައިވާގޮތުންނާއި، އިހުގައި ދަތުރުފަތުރުކުރުމުގެ ދޭތެރެ ދުރުވުމުން ދިވެހިންގެ ބަސްމަގުގައި ތަފާތުތަކެއް ހުންނަކަން ފާހަގަކުރެވެއެވެ. ރާއްޖޭގެ ރަށްތައް ޖޯގުރަފީގޮތުން ބެހިފައިވާ ގޮތުންނާއި އަދި ބޭނުންތައް ހުންނަ ގޮތުން ބަހުގައި ތަފާތުކަމެއް އުފެދިފައިވާކަމަށް ނަސީމާ މުޙައްމަދުކަލޭފާނު (1996) ހާމަކުރައްވައިފައިވެއެވެ.

ރާއްޖޭގައި ފާހަގަކޮށްލެވޭ ބަހުރުވަތައްކަމުގައި ބެލެވެނީ އަންނަނިވި ނަންނަމުން ތަޢާރަފު ދެވޭ ވާހަކަދެއްކުމެވެ. އެއީ:

1- ރަސްމީ ބަހުރުވަ (ދައުލަތުގެ ލިޔެކިޔުން ބަލަހައްޓާ އަދި މެދުރާއްޖެތެރޭގެ ބަސްމަގު. ބައެއްމީހުން ކިޔާ މާލޭ ބަސް)

2- ހުވަދޫ ބަހުރުވަ (ހުވަދޫ އަތޮޅުކަމުގައި ބެލެވޭ ގއ އާއި ގދ ގެ ރަށްރަށުގައި ވާހަކަދައްކާ ބަހުރުވަ)

3- އައްޑޫ ބަހުރުވަ (އައްޑުގެ ރަށްރަށުގެ މީހުން ވާހަކަދައްކާ ބަހުރުވަ)

4- ފުވައްމުލަކު ބަހުރުވަ (ފުވައްމުލަކުގައި އެކަނި ބޭނުންކުރެވޭ ބަހުރުވަ)

5- ހައްދުންމަތީ ބަހުރުވަ އެވެ. (ލާމުއަތޮޅުގެ މީހުންގެ ބަހުރުވަ)

ނަމަވެސް ނައިފަރާއި އެ ހިސާބުގަނޑުގެ ބަހުރުވައިގައިވެސް ތަފާތުތަކެއް ހުންނަކަން ފާހަގަކުރެވެއެވެ. އަދި އުތުރުން ދިއްދޫއާއި ކުޅުދުއްފުށީގެ ބަސްމަގުގައިވެސް ތަފާތުތަކެއްހުންނަކަމާއި އަދާކުރުމާއި އަޑު ފާޅުކުރުމުގައި އަދި ބަސްކޮށާރުގައިވެސް ތަފާތު ހުންނަކަން ފާހަގަކުރެވެއެވެ.

އިސްވެ ފާހަގަކުރި ބަހުރުވަތަކުގައިވެސް ތަފާތުތަކެއް ހުންނަކަން ފާހަގަކުރެވެއެވެ. އައްޑޫގެ އެކި ރަށްރަށުގައި ބޭނުންކުރެވޭ ލަފުޒުތަކާއި ރާގާއި ބޭނުންކުރެވޭ އުސޫލު ތަފާތެވެ. އަދި ހުވަދޫގައި ގއ ގެ ވިލިނގިއްޔާއި، އެ ރަށާ އެންމެ ގާތުގައި އޮތް ރަށްތަކާވެސް ބަހުރުވަ ތަފާތެވެ. ހަމަ އެފަދައިން ހުވަދޫގެ ތިނަދޫއާއި، އެރަށާ ގާތުގައި އޮންނަ މަޑަވެލިވެސް ބަހުރުވަ ތަފާތެވެ. ވީމާ ބަހުރުވައިގެ ތަފާތަކީ ބެލި ބެލިހެން ފެންނަ ތަފާތުތަކެކެވެ.

ކޮންމެ ބަހުރުވައެއްގައިވެސް އެ ބަހުރުވައަކަށް ޚާއްސަ ސިފަތަކެއް ލިބިގެންވެއެވެ. އަންނަނިވި ބަހަށް ވިސްނައިލާށެވެ. މިއީ "އައްޑޫ ބަހުރުވައިގެ މުޙާވަރާގެތެރެއިން ބައެއް މަޖާޒާއި މިސާލުބަސް"މި ސުރުޚީގެ ދަށުން ފަތްތޫރަ 368 ގައި ޗާޕުކޮށްފައިވާ ލިޔުމަކުން ނެގި ބަހެކެވެ.

"ހައްތަނި ބޭވި ބަންކެއު މުޑޭށައްހެން" މި ބަސް ރަސްމީ ލަފުޒުތަކުން ލިޔާނަމަ ލިޔެވޭނީ "ހަތްތާ ބެހެއްޓި ބަނބުކެޔޮ މުޅޯއްޓެއްހެން" މިހެންނެވެ. ޙަސަން ލަބީބު (2009) ލިޔުއްވާގޮތުގައި މި ބުނުމުގެ މާނައަކީ "ބަނބުކެޔޮ މުޅޯއްޓެއް ތަފާޓު އެތައް ތަނެއްގައި ބަހައްޓާން ދިމާވެއްޖެނަމަ އެ މުޅޯށީގެ ރީތިކަން ގެއްލި، ހަލާކުވުމަކީ ގާތްކަމެއް" އެވެ.

ވިސްނައިލާށެވެ. މިއީ ބަހުރުވައިން ބަހުގެ ހައިބަތަށް ލިބޭ ކުރިއެރުމެވެ. ތަފާތު ފިކުރެކެވެ. އަދި ހުށަހެޅުމުގައި މިނިވަންގޮތެއް އެބަހުރިމެއެވެ. އަދި އެހެން ބަހަކަށް ވިސްނައިލާށެވެ.

މިއީވެސް ޙަސަންލަބީބުގެ އެ ލިޔުމުގައި އަދިވެސް ހާމަކޮށްފައިވާބަހެކެވެ. "ހުއްބޯފައި އެއްލި ލިބޮއްޔައްހެން" ރަސްމީ ބަސްމަގުގައި ލިޔާނަމަ "ހުތް ބޮއިފައި އެއްލައިލި ލުނބޮއެއްހެން" މިއެވެ. ވަރަށް ތަފާތު ހުށަހެޅުމެކެވެ. މި ބަހުގެ މާނައިގައި ލަބީބު ލިޔުއްވައެވެ. "ލުނބޮއެއްގެ ހުތް ފެލައިލައިފައި، ނުވަތަ ހުތް ބޮއިފައި އެއްލައިލައިފައި" އޮތް ލުނބުއެއް ފަދަކަމުގައެވެ. މިއިން ދޭހަކުރެވެނީ އެފަދަ ލުނބޮއެއްގެ ބޭނުން ދެން ނުހިފޭނެކަމުގައެވެ. ނުވަތަ ލުނބޮއިން  ހިފާ ބެނުން އެފަދަ ލުނބޮއަކުން ނުހިފެނޭކަމުގައެވެ.

މި ނޫނަސް ފާހަގަކޮށްލެވޭ ބަހުރުވައިގެ ތަފާތު އައްޑޫ ބަސްމަގުގައި ހުރެއެވެ.


      ބަހުރުވައިގެ ތަފާތު ފެނިގެންދާނީ އެކި ބަހުރުވަ ދިރާސާކޮށް ދެނެގަތީމައެވެ. އަދި އެ ބަހުރުވައިގައި ހުރި ބަހަވީ ޢިލްމާމެދު ފިކުރުކޮށް ބަލައިލީމައެވެ. އިސްވެ ބަޔާންވެ ދިޔައީ އައްޑޫގެ ބަސްމަގުގެ ކުޑަ މިސާލެކެވެ. މިފަހަރު މި ހިމަނައިލަނީ ހުވަދޫ ބަހުރުވައިގެ ކުޑަ މިސާލެކެވެ. ވިސްނައިލާށެވެ.


ހުވަދޫ ބަސްމަގުގެ ބައެއް މިސާލަށް ވިސްނައިލުން:

"އެކެދޮހާކު އެކެދޮހާކު އުތުރުކަރާން ހުރައިގެން ދަތެރެކެރަމުން، މާލެއަށްޖެހެވީ ނަވެކެއަ. މިހެލާނެ ޖެހެވޫ، މާލެއާ ބަލައިލަންނަން. ދެން މާލެއަށް މިނަވުމީހެންނެ އެރީގަތާ. މިނަވުންއާ މީހެންނަގެއެތެރޭ މާލެއަށްއެރުނެ އެހަކުނަށް ކެޔަންނޫ، ނަސްރަތު. އެނެކެމީހަށް ކެޔަންނޫ، މުހައްމަދު. މިހެލާނެ މާލެއަށްއެރީގެން ހިގަންނާދެކޮން ވީލިހައްކޫ، މަގެއޮޅީގެ. އޮޅީގެން ދެންހިގަންނޫ، ހިގަންނޫ، ހިގަންނޫ. އެތެކެވޭލާކުން ދިހެރެއަށް ނިކެތެވެލޭ އަޅާމަނިކާ، މިދެވެނެ ބާއިތިއައި ނަވާހުރައިގެން އެބަގެ. ކެހައިދެރައިދާ. މިދެވެނެ ހާލުޖިހީގެ. ބަޑަށްއަސް ޖިހީގެ."

                  (ޢަބްދުﷲ ޒުހައިރު، ގދ ތިނަދޫ، 2013 ގައި ލިޔެދެއްވި ލިޔުންކޮޅެއް)


ހުވަދޫބަހުގެ އިތުރު ބައެއް މިސާލަށް ވިސްނައިލާށެވެ!

މި ތަނުގައި މި ބަޔާންކޮށްލަނީ ވަކިވަކި ލަފުޒުން ފާހަގަކޮށްލެވޭ ހުވަދޫގެ ބައެއް ލަފުޒުތަކެވެ. މިއީ ދެނެގަތުމާއި ތަފާތާމެދު ފިކުރު ހިންގައިލުމަށް ފަސޭހައަކަށެވެ.

މަން: މަށަށް

ތަން: ތިބާއަށް

އެޔާން: އޭނާއަށް (ފިރިހެނަކަށް)

އެޔަން: އޭނާއަށް (އަންހެނަކަށް)

އަހަރިޔާސް: އަހަރެންވެސް

ފޮއްޓާ: ފޮށި (ފޮއްޓެކެ: ފޮއްޓެއް)، (ފޯޓި: ފޮށިތައް).

ތައްޓާ: ތަށި (ތައްޓެކެ: ތައްޓެއް)، (ތާޓު: ތަށިތައް).

ކައުއްޓާ: ކާށި (ކައުއްޓެކެ: ކާއްޓެއް)، (ކައުޓި: ކާށިތައް).

ނޯއްޓާ: ނާށި (ނޯއްޓެކެ: ނާއްޓެއް)، (ނޯޓި: ނާށިތައް).

އައްޓާ: އަށި (އައްޓެކެ: އައްޓެއް)، (އާޓު: އަށިތައް).

ހުވަދޫ ބަހުރުވަވެސް ތަފާތެވެ. ލަފުތައް އެތުރުމާއި ލަފުޒުގެ ފާޑުވެރިކަމާއި ތަފާތުވާ ޙާލަތު އެބަ ފެނެއެވެ. އަދި ފިލިޖެހުމުގައި ހުރި ތަފާތުވެސް ފެނެއެވެ. މިއީ ބަހުރުވައިގައި ފެންނާނޭ ކަންކަމެވެ. އަދި ބަހަށް ލިބިފައިވާ ފަށުވިކަމުގެ ޤާބިލްކަންވެސް މެއެވެ. އަންނަނިވި ޢިބާރާތްކޮޅަށް ވިސްނައިލާށެވެ. ތިރީގައިވަނީ ފުވައްމުލަކުގެ ބަސްމަގާމެދު ފާހަގަކުރެވޭ ލިޔުންކޮޅެކެވެ. މި ލިޔުންކޮޅު ނަގައިފައި މިވަނީ ފުވައްމުލަކުގެ މަޢުލޫމާތަށް ނިސްބަތްވާ ސައިޓަކުން (http://mikalnews.com/column/37) ނެވެ. ޝީނީޒް މުޙައްމަދު (2014) އިންޓަވިއު ދިންގޮތުގައި މި ލިޔުމުގައި މި ވަނީ ފުވައްމުލަކުގެ ވާހަކަދެއްކުމުގެ އުސޫލަށް ލިޔެފައިވާ ލިޔުމެކެވެ. މި ލިޔުމާމެދު ވިސްނައިލާށެވެ.


ފުވައްމުލަކު ބަހުރުވައިގެ ލިޔުމަކުންނަގައިފައި:

ފުވައްމުލަކު ބަހުރުވައިގެ ޚާއްސަ ސިފަތައް

ފުވައްމުލަކުގެ ބަހުރުވައަކީ ހުރިހާ ގޮތުންވެސް ތަފާތުބަހުރުވައެކެވެ. ބަސްމަގު މުއްސަދި ހަރުދަނާ ގަވާއިދެއް އެކުލެވިގެންވާ ބަހުރުވައެކެވެ. ފުވައްމުލަކުގެ ބަހުރުވައިގެ ޚާއްސައެއްސިފައަކީ ސުކުންކުރެވޭ އަކުރުތަކެވެ. ދިވެހި ބަހުން ލ ގައި ސުކުން ކުރެވޭ ހަމައެކަނި ބަހުރުވައަކީ ފުވައްމުލަކު ބަހުރުވައެވެ.

ދިވެހި ބަހުގެ ގަވާއިދު ބުނާގޮތުން ސުކުންކުރެވޭ އަކުރުތަކަކީ "އާސީނުތަށި" ހިމެނޭ 5 އަކުރެވެ. މި ގަވާއިދު އެކުލެވިގެން ވަނީ ދިވެހި ބަހުގެ ހުރިހާ ބަހުރުވަތަކެއް ރަގަޅަށް ދިރާސާ ނުކުރެވިކަމަށް ބެލެވެއެވެ. އެހެނީ ފުވައްމުލަކު ބަހުރުވައިގައި ލ ގައި ގަދީމީ ޒަމާނުއްސުރެ ސުކުން ކުރެވެމުން ދިއުމެވެ. އެހެންކަމުން މިއީ މިއަދުބަދަލު ކުރަންވެފައިވާ ގަވާއިދެކެވެ.

ދިވެހިން ވާހަކަދައްކާ ކޮންމެ ބަހަކީ ދިވެހި ބަހަކަށްވާ ފަދައިން ފުވައްމުލަކު ބަހުރުވައަކީވެސް ދިވެހި ބަހެވެ. އެގޮތުން، ދިވެހި ބަހުގެ ރަދީފުގައި ގައި ފުވައްމުލަކު ބަސްތައް ހިމެނިފައިވާއިރު އެބަސްތަކުގައި ލ ގައި ސުކުން ކޮށްފައި އެބަހުއްޓެވެ. މިސާލަކަށް "ލޮލްބަލި" "ލޮލްވަޑޮ".

އެހެންކަމުން ފުވައްމުލަކު ބަހުރުވައިގައި ލ ގައި ސުކުން ކުރެވޭ ގޮތް ބަލާލުން މުހިންމެވެ. ރަސްމީ ބަހުރުވައިގައި ބަސް ނިންމާ އަކުރު ދެމޭފިއްޔަކަށް އައިސްފައި ހުރި ތަންތަނުގައި ފުވައްމުލަކު ބަހުރުވައިން ލ ގައި ސުކުން ކުރެއެވެ. މިސާލަކަށް ލޯ "ލޮލް" މާ "މަލް" އަދި މިފަދަ ބަހެއް އެކުވެގެން އުފެދިފައިވާ ބަސްބަހުގައި ލ ގައި ސުކުން ކުރެއެވެ. މިސާލަކަށް "ލޮލް ބަލި" "ލޮލް ވަޑޮ". ދިވެހި ބަހުގެ ގަވާއިދު ބުނާ ގޮތުން ސުކުނުގެ ބަދަލު ގައި ފިއްޔެއް ޖަހަން ބަލާއިރު އެފިލި ޖެހޭ ފަދަ ތަންތަނުގައި ސުކުން ކުރެވޭނީ އެ ފިލި ޖެހޭ އަކުރެއްގެ ސުކުނެވެ. މިސާލަކަށް ބަތް، ބަތޭ ހަމަ އެގޮތަށް ލ ސުކުން އަންނަ ތަންތަނުގައި މިހަމަ ބޭނުންކުރެވެއެވެ. މިސާލަކަށް މަލެއް، ލޮލެއް. މިއާއިއެކު، ދިވެހިބަހުން ސުކުންކުރެވޭ އަކުރުތަކަކީ "އަލަނާސި ތޮށި" ހިމެނޭ 6 އަކުރުކަމުގައި ގަބޫލުކުރެވެއެވެ.

ފުވައްމުލަކު ބަހުރުވައިން ވާހަކަ ދައްކާއިރު "އަލަނާސީ ތޮށީ"ގައި ހިމެނޭ ތ އަދި ށގައި ސުކުނެއްނުކުރެވެއެވެ. މިސާލަކަށް ބަތް، ބައް. ގޮށް، ގޮއް. އެހެންކަމުން ފުވައްމުލަކު ބަހުރުވައިގައި ސުކުންކުރެވޭ އަކުރުތަކަކީ "އަލަނާސި" ހިމެނޭ 4 އަކުރުގައެވެ.

ފުވައްމުލަކު ބަހުރުވައިން ދެން ފާހަގަކުރެވޭ އަނެއް ސިފައަކީ " ނަވިޔަނި" ބޭނުންކުރުމެވެ. ދެކުނު ތިން އަތޮޅު ބަހުރުވައިގައިވެސް އާންމުގޮތެއްގައި ބޭނުން ކުރެވޭ ނަވިޔަންޏަކީ 1953ގެ ކުރިން ތާނައަކުރުގެ ނަވާރަވަނަ އަކުރެވެ. މިއަކުރު ތަރުތީބުކުރެވިފައިވަނީ ޑަވިޔަނިއާއި ޒަވިޔަނިއާއި ދެމެދުއެވެ. ނަމަވެސް 1953ވަނަ އަހަރު ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ބާނީ މުހައްމަދު އަމީން ދީދީ މިއަކުރު ތާނައަކުރުގެ ތެރެއިން އުނިކުރިއެވެ. އެހެންކަމުން މިއަދު އަޅުގަނޑުމެންނަށް މިފެންނަ ތާނައަކުރުސެޓްގައި މިއަކުރު ނުހިމެއެވެ. ނަމަވެސް 1950ގެ ކުރީގެ ލިއުންތަކުން މިއަކުރު ކޮންމެވެސް ވަރަކަށް ފެންނަމުންދެއެވެ. މީގެ ތެރެއިން އެއްފޮތަކީ ބޮޑުތަރުތީބެވެ. ނަމަވެސް ފަހަކަށް އައިސް ދިވެހި ރަސްމީ ބަހުރުވައިގައި ނަވިޔަނި ގެ އަޑު އެއްވެސްވަރަކަށް ބޭނުންކުރާތަނެއް ނުފެނެއެވެ. އެހެންނަމަވެސް މިހާރުވެސް ފުވައްމުލަކު ބަހުރުވައިން މިއަކުރުގެ އަޑު އިވިގެންދެއެވެ. މިއީވެސް ފުވައްމުލަކު ބަސް ގަދީމީ ވެފައި ޚާއްސަވާ ކަމެކެވެ.


އިސްވެ ދިޔަ ފޮޅުވަތްތަކުގައި ހުވަދޫ، ފުވައްމުލަކު އަދި އައްޑޫ ބަހުރުވައާމެދު ބަޔާންވެވިއްޖެއެވެ. މިހިސާބުން މި ބަލައިލަނީ ހައްދުންމަތީ ބަހުރުވައާމެދުގައި ލިބިފައިވާ މަޢުލޫމާތުކޮޅެކެވެ. އެހެނީ ބަހުރުވައިގެ ތަފާތު ދިވެހިންގެ ތެރޭގައި އެބަ ހުއްޓެވެ. ނަމަވެސް ގިނަ ބަޔަކަށް ފާހަގަކުރެވިފައިވަނީ ހަމަ އެކަނި ދެކުނުގެ ބަހުރުވައިގެ ތަފާތެވެ.

ހައްދުންމަތީ ބަހުރުވައަށް އަވަސްކަޅިއެއް:

ހައްދުންމަތީ ބަހުރުވައާމެދު އެކަށީގެންވާ ދިރާސާއެއް ފުންކޮށް ބަލައިލެވިފފައި ނެތް ޒަމާނެއްގައި އެ އަތޮޅުގެ ބަހުރުވައިގެ ފުރިހަމަކަމައި ބަސްކޮށާރުގެ މުއްސަނދިކަމުގެ ވާހަކަ ދެއްކުމަށް އެކަށީގެންވާ ޖާގައެއް ނެތެވެ. ނަމަވެސް ލިބިހުރި މިންވަރަކުން ކޮންމެވެސް ވަރެއް ބަޔާންވޭތޯ ބަލާނަމެވެ.

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2014) ލިޔުއްވައިފައިވެއެވެ. "ދިވެހިބަހުގެ ކޮންމެ ބަހުރުވައަކީވެސް ވަކި ޚާއްއްޞިއްޔަތެއް އޮންނަ ބަހުރުވައެކެވެ. ބަހުގެ މުއްސަނދިކަން ދެނެގަތުމަށްޓަކައި އެކި ބަހުރުވަތަކުގެ ޚާއްޞިއްޔަތުތައް ދެނެގަތުން ވަރަށް މުހިއްމެވެ. ބަހުރުވައިގެ ހަމަތަކާއި އުޞޫލުތައް ދިރާސާކުރުމަކީ ދިވެހިބަހުގެ ކިތަންމެ ޙަޤީޤަތްތަކެއް ދެނެގަނެވޭނެ ކަމެކެވެ."

ހައްދުންމަތީ ބަހުރުވައިގެ ތަފާތާމެދު ވިސްނައިލާން އެންމެ ފަސޭހަ ދެ ލަފުޒަކީ "ގެންގެރުން" އާއި "ގެންގަރުން" އެވެ. ޢަޒީ ޖަމާލު (2014) ބަޔާންކުރައްވާގޮތުގައި ގެންގެރުމާއި ގެންގަރުމަކީ ގެނައުމާއި ގެންދިޔުމުގެ މާނައިގައި ބޭނުންކުރެވޭ ދެ ލަފުޒެވެ. މިހާރަކަށް އައިސް މި ދެލަފުޒު، ބޮޑަށް ބޭނުންކުރަނީ ހައްދުންމަތީގެ އިރުމަތީ ބިތުގެ ހުރިހާ ރަށްރަށުގައެވެ.

ޢަޒީ ހާމަކުރާގޮތުގައި މިގޮތަށް މި ލަފުޒު ބޭނުންކުރިނަމަވެސް އާންމު ދެލަފުޒުކަމުގައިވާ "ގެންދިއުން" އާއި "ގެނައުން" ވެސް ބޭނުންކުރެއެވެ. ނަމަވެސް ހައްދުންމަތީގައި ގެންގަރުމާއި ގެން ގެރުން ބޭނުންކުރަނީ ވަކި ޙާލަތެއްގައެވެ. ވީމާ މިއީ އެ ހިސާބުގެ ބަސްކޮށާރުން ފެންނަ ބަހުރުވައިގެ ތަފާތެވެ.

ހައްދުންމަތީ ބަހުރުވަ ބަލައިފިނަމަ ގިނަ ތަފާތުތަކެއް ފެނިދެއެވެ. އަންނަނިވި ލަފުޒުކޮޅަށް ވިސްނައިލާށެވެ. މިއީ ހައްދުންމައްޗަށް ޚާއްސަ ލަފުޒުކޮޅެކެވެ.

ހެރަފުހު (ހިރަފުސް)

ބާޅިއެ (ގޮބޮޅިގެ ތާފަތް)

ބިންމަޑަ (ގުގުރިފިލާ)

އަފަގެހުން (އަހަރެމެން)

ވައިހުނަލުން (ހުންފަދަވުން)

މި ނޫނަސް ތަފާތު އެބަހުއްޓެވެ. ހައްދުންމަތީ އާދަކާދައިގައިވެސް ތަފާތު ހުރެއެވެ. މުޢާމަލާތްކުރުމުގައި ނުދަންނަ ފިރިހެނަކަށް "ޅިޔަނު" ކިޔައިގެން މުޚާޠަބުކުރުމީ އެއް އާދައެވެ. އަދި ގިނަ އަތޮޅުތަކެއްގައި ކިޔާ ދެލަފުޒުކަމުގައިވާ "ޅޭ" އާއި "ޅާ" މިއަތޮޅުގައި ތަފާތުކަމުގައި އަސްލަމް (2015) ދިން އިންޓަވިއުއެއްގައި ބުނެއެވެ.

އަންހެން ދަރިންނަށް "ދަރިފުޅޭ" ގޮވުމާއި، ފިރިހެން ދަރިންނަށް "ދަރިފުޅާ" ގޮވުމީ އާދައެވެ. ނުދަންނަ ކުދިންނަށްވެސް މި މޭރުމުން ގޮވާކަމުގައި މާވަށުގެ ބައެއް މީހުނާ ވާހަކަދައްކައިލުމުން ބުނެއެވެ.

ބައެއް އިޝާރާތަށް ދިވެހި ލަފުޒު ނެތްކަމުގެ ތުހުމަތަކީ ބައެއް ދިވެހިންވެސް ކުރާ ތުހުމަތެކެވެ. މިގޮތުން ކަމެއްގައި އެއްފަހަރުން އަނެއް ފަހަރަށް ދަށަށް ދިއުމަށް ޚާއްސަ ލަފުޒެއް ނެތްކަމުގެ ޝަކުވާ ކުރެއެވެ. ނަމަވެސް މިއީ އުނި ވިސްނުމެކެވެ. ހައްދުންމަތީ މީހުން މި ޙާލަތަށް ބޭނުންކުރާ ލަފުޒެއް އޮވެއެވެ. އެއީ "ދަށްލައިދިއުން" އެވެ. މާނައަކީ މުބާރާތުގައި އެއްފަހަރުން އަނެއްފަހަރަށް ދަށްވެ ދަށަށް ދިއުމެވެ. ވީމާ މިފަދަ ލަފުޒުތައް ތަފާތު ބަހުރުވައިން ލިބި ދިވެހި ބަސްކޮށާރު މުއްސަނދިވުމަށް މަގުފަހިވެއެވެ.

ހައްދުންމަތީ ބަހުރުވައިގެ މުއްސަނދި ޚަޒާނާގެ ވާހަކަ އޮޅުންފިލުވައިދެމުން، ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2014) ލިޔެފައިވެއެވެ. "މިސާލެއް ލިޔެލަމެވެ. "ބޯތަށި"، "ބޯކިބާ"، "ބަރަބޯ" މި 3 ލަފުޒާ މެދު ފިކުރު ހިންގައިލަމާތޯ އެވެ؟ މި 3 ލަފުޒުގައިވެސް "ބޯ" ހިމެނެއެވެ. އެހެން ނަމަވެސް ތަފާތު 3 މާނައެއްގައެވެ. އެންމެ ފުރަތަމަ ބޯތަށްޓަށް ވިސްނައިލަމާތޯއެވެ؟ މިއީ ބަތްކާ ތަށި ކިއިފައިވާ ގޮތަށް، ތަށިން ކުރާ ބޭނުމަށް އިޝާރާތްކުރާ ނަމެއްކަން އެނގެއެވެ. މިކަން ދެނެގަތުން ފަސޭހަކުރުމަށްޓަކައި ހައްދުންމަތީ ބަހުރުވައަށް ބަލައިލާނަމެވެ. އެ ބަހުރުވައިން ނަމަ އެއީ "ބޮނަތަށްޓެވެ". އަދި "ބޮންތަށްޓެވެ". އެ އަތޮޅުގައި މި ބާވަތުގެ (ކަމުން އުފެދިފައިވާ) ކަންއިތުރު ހުންނަނީ މި އުޞޫލުންނެވެ.

ކާ އެއްޗެހި = ކަން އެއްޗެހި

ބޯ އެއްޗެހި = ބޮން އެއްޗެހި

ފުނޑާ ދައި = ފުނޑަން ދާއި

ދިޔަހިއްކާ ފައި = ދިޔަހިއްކަން ފާއި މިގޮތްގޮތަށެވެ. "    


އެއްވެސް ޝައްކެތްނެތެވެ. ދިވެހިންގެ ބަހުރުވައަކީ ދިވެހިބަހެވެ. ދިވެހިބަހުގެ ޝަރަފުވެރި ގޮފިތަކެވެ. އެއިން ކޮންމެ ބަހުރުވައަކި އަދި ބަހުރުވައާގުޅިފައިވާ ކޮންމެ ޢިލްމަކީ ދިވެހިބަހުގެ ތަރިކައެކެވެ. އަންވަރު އިބްރާހީމް (2011) ހާމަކުރައްވާގޮތުގައި ދިވެހިބަހުގެ ބަހުރުވަތައް ޙިމާޔަތްކުރަން މުހިންމުވާ އެންމެ މުހިންމު އެއް ސަބަބަކީ ބަހުގެ އަޞްލު ހޯދުމަށް އެހީއެއްކަމުގައި ބަސްވުމެވެ. އަދި ބަހުގެ މުއްސަނދިކަން އިތުރަށް ދިރިގެން ދިއުމުގައި ބަހުރުވައިގެ ދައުރު ފުޅާވީމައެވެ. އަދި ދިވެހިންގެ ޘަޤާފަތާއި އާދަކާދަ ހިމާޔަތްކުރުމުގައި ބަހުރުވައިގެ ބާރު ގަދަވީމައެވެ.

ބަހުރުވައިގައި ތަފާތު އެބަ ހުއްޓެވެ.

އެކި ހިސާބުގެ ވާހަކަދެއްކުމުގެ ބަހުރުވައިގެ ތަފާތު އަންނިވި ލިޔުމުން ބަލައިލާށެވެ. މި ހިނދަށް ހުރިހާ ދިމާއަކުން ލިޔުން ލިބެންނެތަތީ މި ބައި ހިމަނައިލީއެވެ.


ދިވެހިބަހުގެ އެހެން ވައްތަރުތަކަށް ކުރުކޮށް:

ބަހުގެ ޢިލްމީ ނަޒަރަކުން ބަލާއިރު އިންސާނުންނަކީ ވަރަށް ތަފާތު ބައެކެވެ. އެހެނީ ކޮންމެ އިންސާނަކަށްވެސް ބަސްކޮށާރުގެ ގޮތުން ތަފާތެވެ. އަދި އެއް ލަފުޒުތަކެއް ބޭނުންކުޅަޔަސް ބަސްމަގު ތަފާތެވެ. މީގެ ހެކިތައް ދިވެހި ބަހުގައި އެބަ ފެނެއެވެ. އެކި އަތޮޅުގެ ބަސްމަގާއި ރަށްރަށުގެ ބަސްމަގާއި އަދި އަވަށްތަކުގެ ބަސްމަގު ތަފާތެވެ.

ބޭނުންކުރެވޭ ޙާލަތާއި މަޤުޞަދުގެ ގޮތުން ރާގާއި ލަފުޒުތަކުގެ ގޮތުން ވަރަށް ބޮޑު ތަފާތުތަކެއް ފެނެއެވެ. ހަމަ އެހެންމެ ދިވެހިން ބުނެ އުޅޭ އިޝާރާތަށް ބަލާއިރުވެސް މާރުކޭޓުގެ ބަސްމަގާއި ފިހާރަތަކުގެ ބަސްމަގާއި އޮފިސަލް ބަސްމަގު ވަރަށް ބޮޑަށް ތަފާތެވެ. އަދި ހަތުރުވެރިންނާއި ދުޝްމަނުންގެ ވާހަކަދެއްކުމާއި ރުޅި އައިސްފައި ތިބޭ ދޭ ދޭ މީހުންގެ ވާހަކަދެއްކުމާއި ލޯބިވެރިންނާއި މައިންދަރިންގެ ބަސްމަގުވެސް ތަފާތެވެ.

މިއަށްފަހު މި ލިޔާ ޢިބާރާތްކޮޅުތަކާމެދު ވިސްނައިލާށެވެ. މިއީ ތަފާތުރަހައެއް ފެނިގެންދާ އަދި މާނަކުރުމުގައި ވަރަށް ތަފާތު ޢިބާރާތްކުރުމެވެ.

މިއީ ޖަމީލްގެ ޑްރާމާތައް މިފޮތުގައިއޮތް "ގިތެއުގުޅި" އިން ނަގައިފައިވާ ޢިބާރާތްކޮޅެކެވެ.

"ބީފާނު: (ތަންކޮޅެއް ބާރަށް) ވީކާ.... ވީ....ކާ....! އަދިވެސް އެ ކަނީހު ޢާލިމް ނުދުރުވޭތަ؟ އަންނާނަމޭ ބުނެފަ

ވީކާ:  އަދި ހަވީރު ނުވަނީތޯއްޗެ. ކަހީނުންނަށް ހަވީރުވާނީވެސް އިރުވަރުން.. މިހެން ބުނިތަނާ އެ އިވެނީ ކަހީނު ވަދެގެން އަންނަ އަޑު.

ކަހީނު: ކަހީނު އަޑު އެހިން. ދެ ކަންފަތުން އެހީން. ހަތަރެސްފަޔާ ބޮބިފަޅިމަތީންވެސް އެހީން. ބަޓަރުދަޅުގެމަތި ނެގީން. ގިތެއުގުޅިން ރަހަ ބެލީން.

ބީފާނު: ދުރުވޭ.. ދުރުވޭ.... ކަނީހެކޭ ބަޑިއެދުރުބެއެކޭ ހަމަ އެއްގޮތް. ނަން ކިޔާއިރަށް ހުންނާނީ ފެންނަން. ނޯ"

                                                       (ޖަމީލްދީދީ، 1988)

މިއީ އަމީންދީދީގެ "ހަސީނާގެ ހިތާމަ" އިން ނަގައިފައިވާ ޢިބާރާތްކޮޅެކެވެ.

"ޙަބީބާ: (ވަރަށް ދެރަފުޅުވެފައި) އިރާދަކުރެއްވިއްޔާ ޙުސައިން ޙަލީމްހެޔޮ ޙާލުގައި އަނބުރައި މާލެ ވަޑައިގަންނަވާނެ.

ޙުސްނާ: އިރާދަކުރެއްވިއްޔާ ތިޔަކަންތައްވެސް ވާނެ. ކެތްކުރައްވާ. ޙަސީނާ ހިތްޕުޅުދެރަ ނުކުރައްވާ.

ޙަސީނާ: (ގިސްލައްވަމުން) އަޅުގަނޑުގެ ހިތް ފަސޭހަކުރައްވަން ތިޔަ ބޭފުޅުން ކިތަންމެވަރަކަށް ތިޔަހެން ވިދާޅުވިޔަސް އަޅުގަނޑަކަށް ތިޔަހެން ހީއެއް ނުވޭ.

ޙަބީބާ: އަޅުގަނޑު ތިޔަވާހަކަ މަންމަޔާ ދައްކާބަލަންތޯ؟ އިހަށްރޭވެސް މަންމަ އަޅުގަނޑުކުރެން އެއްސެވި، ޙަސީނާއަށް ކީއްހޭ ވަނީ؟"

                                                       (އަމީންދީދީ، 1361 ހ)

މި ހިސާބުގައި މި ހިމަނައިލަނީ ޖަމީލުގެ ތަމްސީލުތަކުން "މިހާރު މަރުދީދާށޭ ޤައުމާއިގެން ދީނާ" ގެ ކުރު ޢިބާރާތްކޮޅެކެވެ.

"ދައްތަ: ތިކަމެއް ނުވާނެ. މަ މީ ކަލޭމެންގެ ނޯކަރެއް ނޫން. މަށަކަށް ތިޔަކަމެއް ނުވެވޭނެ.

އޮފިސަރ: (ޖަހަން އަތް މަޅައިގެންފައި) އަދެ ދޭތް... ހާދަހާ ފޮންޏޭ ދޯ... (ހީނގެންފައި) އަދި ތިޔަހަރަ ދެ ތުންފަތް މާ ފޮނިވާނެ. މާމުއި ތޮއްޗެ؟

ދައްތަ: (ރުޅި އައިސް ރަތްވެފައި) ޝަޓަޕް. ތިޔަ އަނގަގަނޑު ބަންދުކުރޭ. ދުވާ ވަސް.. ޗީ...

އޮފިސަރ: ރުޅިއައިމާ އަދި މާ ރީތި. (މަސްތުވެގެން ކިޔާގޮތަށް) ދުވަހަކު ހިތުން ނުދާނޭ....ސުވަރުގެއަކީ ކަލާއޭ...

ކޮއްކޮ: ލަދު ހަޔާތްކުޑަކަން ބަލައިބަލަ. މިގެއަށް ވަދެގެން ތިޔަ ބެހެނީ އަހަރެމެންގެ އަބުރާ."

                                         (ޖަމީލްގެ ތަމްސީލުތައް، 1990)


ބަހަކީ އިންސާނާގެ ޝުޢޫރުތަކާ ގުޅިގެން ޣަރީޒާގެ ތެރެއިން ނެރެ ފާޅުކުރާ ބަސްމަގެވެ. އެހެންކަމުން އެ އިންސާނާގެ ޝުޢޫރާ ގުޅޭހެން ރާގާއި ބަސްމަގު ބަދަލުވާނެއެވެ. ރުޅި އަންނަހިނދު އެ މަގަށް ބަދަލުވާފަދައިން އިސްތިޙުސާންގެ ވަޤުތު އެ އުސްލޫބު ހުންނާނެއެވެ. މަޖަލާއި މަލާމާތަށް ވެސް ބަހުރުވައިގައި ގޮތް އުފެދެއެވެ.

އިސްވެ ދިޔަ 3 ޢިބާރާތްކޮޅަށް ވިސްނައިލާއިރު "ގިތެޔޮގުޅި" ޑްރާމާއިން މަޖަލާއި ދިމާކުރުމާއި އުފާ އެބަ ފެނެއެވެ. ބަހުރުވައިގައި އެ އުސްލޫބު އެބަ ހާމަކޮށްދެއެވެ. ހަމަ އެހެންމެ ދެވަނަ އަށް އޮތް "ހަސީނާގެ ހިތާމަ" އިން ދަރަޖައިގެ މަތިވެރި ޝުޢޫރާއި ބަސްމަގުގެ މާތް އުސްލޫބު ފެނެއެވެ. އެކެއް އަނެކާއަށް އިޙުތިރާމާއެކު ބަސް ބަދަލުކުރުމުގެ ވައްޓަފާޅި އެބަ ފެނެއެވެ. ހަމަ އެފަދައިން ތިންވަނައަށް އޮތް "މިހާރު މަރުދީ ދާށޭ ޤައުމާއިގެން ދީނާ" އިން ރުޅިވެރިކަމާއި ހިތްހަމަ ނުޖެހުން ހާމަވެއެވެ. ކަމެއްގައި ނުރުހުން އުފެދުނީމާ ބަސްމަގަށް ބަދަލު އަންނަކަން އެބަ ހާމަވެއެވެ. މިއިން އެނގެނީ ބަހުރުވައިގައި ތަފާތު އުފެދުމަށް ޙާލަތު ފުރުސަތު ދޭކަމެވެ. މިގޮތުން އަތޮޅުތަކުގެ ބަސްމަގު ތަފާތުވުމުގެ އިތުރަށް އަންނަނިވި ޙާލަތްތަކުގައި ބަހުރުވައަށް، ރާގަށް، ބަސް ހުށަހެޅުމަށް ބަހުރުވައިގެ ތަފާތެއް އެބަ ފެނެއެވެ. އެއީ:

-          ކަމެއްގައި ހިތާމައިގެ އިހުސާސް ފާޅުކުރުމުގައި

-          ރުޅި އަންނަހިނދު ނުރުހުން ހާމަކުރުމުގައި

-          އަމުރާއި ގަދަ އަމުރުގައި ހަރުކަށިކަން ދެއްކުމުގައި

-          އެދުމާއި އާދޭހުގެ ވަގުތުގައި

-          ލޯތްބާއި ޢިޝްޤުގެ އުސްލޫބަށް އެދޭހިނދުގައި

-          މަޖަލާއި އުފަލުގެ އިހުސާސްތައް ފާޅުކުރެވޭހިނދުގައި

-          ދިމާކުރުމާއި ފުރައްސާރަކުރުމުގެ ފުރުސަތުގައި


ބަހަކީ ބަލާޣާތްތެރި މުޢުޖިޒާތެކެވެ. ބަސް މީހުންގެ މެދުގައި ތަފާތުވެ، ބައިބައިގަނޑަށް ތަފާތުވެ، އަދި ޙާލަތަށް ތަފާތުވަނީ އެހެންވެއެވެ. މިއީ ބޭނުންހާ ގޮތަކަށް ދޫކޮށްލައިފައި އަޅައިނުލާންވީ ހަދިޔާއެއް ނޫނެވެ. ވިސްނާށެވެ. ހެޔޮ ގޮތުގައި ބޭނުންކުރާށެވެ. (ނުނިމޭ)



ހަވާލާ ދެވޭ ލިޔުންތައް:

ޙަސަން ލަބީބު (2009). އައްޑޫ ބަހުރުވައިގެ މުޙާވަރާގެތެރެއިން ބައެއް މަޖާޒާއި މިސާލުބަސް. ފަތްތޫރަ 368، 20-23. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. މާލެ ދިވެހިރާއްޖެ.

ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރު (2014) ހައްދުންމަތީ ބަހުރުވަ. ލިޔުންތެރިންގެ ގުޅުން. މާލެ ދިވެހިރާއްޖެ

ޙަސަން ލަބީބު (2009). އައްޑޫ ބަހުރުވައިގެ މުޙާވަރާގެތެރެއިން ބައެއް މަޖާޒާއި މިސާލުބަސް. ފަތްތޫރަ 369، 35-39. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. މާލެ ދިވެހިރާއްޖެ.

އަންވަރު އިބްރާހީމް (2011) ދިވެހިން ވާހަކަދައްކާ ބަހުރުވަތައް ދެމެހެއްޓުމުގެ މުހިންމުކަން. ފަތްތޫރަ 381، 14-15. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. މާލެ ދިވެހިރާއްޖެ.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (1990) ޖަމީލްގެ ތަމްސީލުތައް. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. މާލެ ދިވެހިރާއްޖެ.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (1988) ޖަމީލުގެ ޑްރާމާތައް. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. މާލެ ދިވެހިރާއްޖެ.

މުޙައްމަދު އަމީންދީދީ (1361) ހަސީނާގެ ހިތާމަ. ނޮވެލްޓީ ޕްރެސް އެންޑް ޕަބްލިޝާސް. މާލެ. ދިވެހިރާއްޖެ



</div>

1 comment:

  1. ތަލް މަލް ކިޔައި އުޅޭ ހުވަދޫ; މަޑާވެލި ހޯޑައްދޫ މީހުން. ތަލް. ކަލޭ. މަލް އަހަރެން

    ReplyDelete