12.6.21

ކުރޮޅި އާދަމް ޒާހިރު ވާހަކަ: އަމީރާ ބާޒާރުން ގަތީ މޭވާ އާއި ކާރުKurolhi Adam Zahir kuru vaahaka: Ameeraa baazaarun gathee meyvaa kaaru

 ކުޑަކުދިންގެ އިބުރަތްތެރި ވާހަކަ

އަމީރާ ބާޒާރުން ގަތީ މޭވާ އާއި ކާރު

އާދަމް ޒަހިރު (ކުރޮޅި)


މިއަދަކީ އަމީރާގެ ބައްޕަ އަމީރާ ގޮވައިގެން ބާޒާރަށް ދާ ދުވަހެކެވެ. އެ ތަނަށްގޮސް ބައެއް ތެކެތި ގަނެލާހިތް އަމީރާގެ އޮވެއެވެ. އަދި އެތަނުގައި ކަންކަން ހުންނަގޮތް  ބަލައިލާހިތް އަބަދުވެސް އޮވެއެވެ. އެހެންކަމުން މިއަދަކީ އަމީރާއަށް ވަރަށް އުފާވެރި ދުވަހެކެވެ. މަންމައާއި ބައްޕަގެ ބަސްއަހައިގެން އުޅެ މި ސެމިސްޓަރުގެ ނަތީޖާ ރަނގަޅުކުރީތީ ހަދިޔާއެއްގެގޮތުން އަމީރާ ގޮވައިގެން މާރުކޭޓަށާއި ބާޒާރަށް ދަނީއެވެ.

އެންމެ ހަތް އަހަރުގެ އަމީރާ ގޮވައިގެން އެންމެ ފުރަތަމަވެސް އޭނާގެ ބައްޕަ ދިޔައީ ތަރުކާރީ މާރުކޭޓަށެވެ. އެތަނުން ފެނުނު މޭވާތަކަށް އުމޭރާ ވަރަށް ރަނގަޅަށް ބެއްޔެވެ. އެންމެ ފުރަތަމަވެސް އަޅައިގަތީ މޭބިސްކަދުރުވަށިގަނޑެކެވެ. އެއީ އަމީރާއަށް ވަރަށް މީރު މޭވާއެކެވެ. "ދަރިފުޅު ގަންނާނީ ކޮންކުލައެއްގެ މޭބިސްކަދުރެއް" އަމީރާގެ ބައްޕަ އަހައިލިއެވެ. އަމީރާ ވަރަށް އުފަލުން "ފެހި" ބުނެލިއެވެ.

އަމީރާ އާފަލުވެސް ބޭނުންވިއެވެ. ނަމަވެސް އޭނާގެ އާދައިގެމަތިން އާފަލު ގަންނަށް އެދުމުގެ ބަދަލުގައި އާފަލު ނަގައިގެން ބަލަންހުރީއެވެ. އެހިސާބުން އޭނާގެ ބައްޕައަށް ވިސްނިގެން ހަ އާފަލުވެސް ގަތެވެ. "ބައްޕާ! ތިޔަ ނެންގެވީ ރަތްކުލަ. އަޅުގަނޑަށް މީރީ ފެހިކުރައިގެ އާފަލު" "އެހެންތަ. ހިނގާ ބަދަލުކޮށްލަމާ؟" އަމިރާގެ މަޝްވަރާއަށް ބައްޕަ ޖަވާބުދިނެވެ.

މާރުކޭޓުގައި ގަޑިއެއްހާއިރު ވީއިރު އަމީރާ ހަތް ބާވަތެއްގެ މޭވާ ގަތެވެ. އެއީ މޭބިސްކަދުރާއި އާފަލާއި ޖަނބުރޯލާއި އޮރެންޖާއި ރަންބުސްތާނާއި އަނބާއި ކުންނާރެވެ. މީގެތެރެއިން އޮރެންޖާއި ކުންނާރަކީ އަމީރާއަށް މީރު އެއްޗެއް ނޫނެވެ. ނަމަވެސް އޮރެންޖާއި ކުންނާރަކީ އަމީރާގެ މަންމައަށް މީރު މޭވާއެކެވެ. އެހެންވީމާ އަމީރާ ކުންނާރާއި އޮރެންޖު ގަތީ އޭނާގެ މަންމައަށެވެ.

އަމީރާ ބާޒާރުގެ ވަރަށް ގިނަ ތަންތަން ބަލައިލިއެވެ. އަމީރާގެ ހޮބީއެއްގެގޮތުގައި ކާރު އެއްކުރުން ހިމެނެއެވެ. އެހެންވެ މި ލިބުނު ފުރުސަތުގައި ބައްޕަގެވެސް ޤަބޫލުފުޅުގައި 3 ވައްތަރެއްގެ ތިންކުލައިގެ ތިން ކާރު ގަތެވެ.އޭގެ ތެރެއިން އެއް ކާރަކީ ރިމޯޓް ބޭނުންކޮށްގެން ދުއްވާ ވަރަށް ކުޑަ ކާރެކެވެ. އަމީރާއަށް އެންމެ ރިތިވީ މިކާރެވެ. މި ފިހާރައިން ރުމާލެއްވެސް ގަތެވެ. "ދަރިފުޅު ކީއްކުރާ ރުމާލެއް؟" ބައްޕަ އަހައިލިއެވެ. މި ސުވާލަށް އަމީރާ ހީނލިއެވެ. އެހެން ޖަވާބެއް ނުދެއެވެ.

"ދަރިފުޅު ގެއަށްދާން ބޭނުމީ ކިހާއިރަކުން؟ މިހާރު އެހެރަ ހަވީރު ފަސްގަޑި ބައިވަނީ. ހައެއްޖަހާ ގިނައިރުތަކެއް ނުވަނީ ބަންގިގޮވާނެ" އަމީރާގެ ބައްޕަ އަމީރާ ގެއަށް ދާނެ ގަޑިއަކާމެދު ސުވާލުކޮށްލިއެވެ. މިހާރު ބާޒާރުގައި އުޅޭތާ ދޮޅުގަޑިއިރުވަނީއެވެ. އެހެންކަމުން އެކަށީގެންވާވަގުތުކޮޅެއް މާރުކޭޓުގައާއި ބާޒާރުގައި ހޭދަކުރެވިއްޖެކަމަށް އަމީރާ ބުންޏެވެ.

އަމީރާ ގެއަށް އައީ ވަރަށް އުފަލުންނެވެ. މުހިންމު ވަރަށް ގިނަ ތަކެތި ގަނެގެންނެވެ. ގެއަށް އައިސް އެންމެ ފުރަތަމަވެސް ކުރި ކަމަކީ މަންމައަށް ހުރިހާ އެއްޗެއް ދެއްކުމެވެ. އަދި މަންމައަށް ގެނައި އޮރެންޖާއި ކުންނާރު ދިނުމެވެ. މިއަށްފަހު ބައްޕައަށް ވަރަށްބޮޑަށް ޝުކުރު އަދާކޮށްފައި ހަދިޔާއެއް ދިނެވެ. މިއީ ބައްޕައަށް ލިބުނު ހައިރާންކަމެކެވެ. ބައްޕަ އުފަލުން އެ ހަދިޔާއަށް ބަލައިލިއެވެ. އެއީ ވަރަށް މުހިންމުކަމަކުއޭ ބުނެ ގަތް ރުމާލެވެ. 

މި ރުމާ ލިބުމުން ބައްޕަ އަމީރާ އުރައިލިއެވެ. އަދި "ދަރިފުޅު ހާދަ ރަނގަޅޭ" ބުނެލިއެވެ. އަމީރާ ބައްޕައަށް ޝުކުރު އަދާކުރިއެވެ. އަދި މަންމައަށްވެސް ޝުކުރު އަދާކުރިއެވެ. މަންމަ ބުނެލިއެވެ. "ދަރިފުޅަށް މިއަދު ތިޔަފަދަ އުފަލެއް ތިޔަ ލިބުނީ ބަސްއަހައިގެން އުޅޭތީ. އިނގޭ. މަނމައާ ބައްޕަ އަމީރާދެކެ ވަރަށް ލޯބިވޭ" ބަސްއަހައިގެން އުޅޭ ކުދިންދެކެ މައިންބަފައިން ވަރަށް ލޯބިވާނެއެވެ. (ނިމުނީ)

4 comments: