މަލަރުދޮންބެގެ
އުއްމީދު ވަޔަށް
އާދަމް ޒާހިރު (ކުރޮޅި)
ބަރުޒަންޖީ މައުލޫދުފޮތްބައި ކިހިލީ ލައިގެން މަލަރުދޮންބެ
ފިރހެން ހިނގުމެއްގައި ގޮސް މާފަންނު އެތުމުތް ގެއަށް އެހެރަ ވަންނަނީ އޭނާއަށް އުފާވެރި
ބަދަލެއްއައިކަން ބެލެނީންނަށް އެނގޭވަރަށް ފުޅާވެގެންނެވެ. ދެ ފީފާ ލިޔަސް
މިވަގުތަކު އެ ދެ ކިހިލި ބަލައެއް ނުގަންނާނެއެވެ. އެހެން ނުވާންވީ
ކީއްވެހެއްޔެވެ. އެއީ ބާރަ ތޭރަ އަހަރުގެ ތެރޭގައި ތިރީސްކޮށް ފިލާ ލޮއި ހެދި
ދުވަހުއްސުރެ މަދޮށި މިސްކިތުގެ އިމާމުވިއްޔާއެވެ. އޭރުއްސުރެ އެ ލިބުނު ޝަރަފުގައި
އެ ޙާކިމު ދެމި އެބަހުރެއެވެ. ފިކުރުގައި ފަންވަރުހުރި މި ފިރިހެނާގެ ވިސްނުން
ފުޅާވެފައި ހަރުދަނާއެވެ. އަދިވެސް އޭނާގެ އަމާޒާމެދު ޢަޒުމެއް ނުގުޑައެވެ.
މަލަރުދޮންބެގެ އެކުވެރިން ބުނާގޮތުގައި އޭނާއަށް މިސްކިތު
އިމާމުކަން ލިބުނު ދުވަސްވަރު އެ ދެ އަތް ހަމަ އެވަރަށް ފުޅާވިއެވެ. އެ ދެ އަތް
ގަޔާ ގާތްވެ ސިޓީއުރައެއް ކިހިލީގައި ހަރު ނުލާވަރުވީ އިމާމުކަމުގެ އެ މަޤާމުގައި
ހުރެ އޭނާގެ ނިތްކުރިއަށް ހަރޫ އެރިފަހުންނެވެ. އަދި ބަހާރުގޭ ހައްވާފުޅު
ލިބާސްލެއްވި ހަފުލާގައި ދޮލަނގުން ފުރަތަމަ ކަވާބުކެވުނީ މަލަރުދޮންބެއަށްކަމުގައި
ވިޔަސް އެ ދޮލަނގު ގެއަށް ގެންދަން ލިބުނު ތަކުރު އަހަންމަދަށް އަތޮޅުވެރިކަން
ލިބުމުން ވެސް މެއެވެ. ޙަޔާތުގެ ދިލަ ގަދަކަމުން މިސްކިތުގައި ފައި ނުހުންނަ
ހުރިހާވަގުތެއްގައި ދުލުކުރިން ކިޔޭ ހަމައެކަނި ތަސްބީޙައަކީ "ތަޤްދީރުކާ
ފަސާނާ" އެވެ.
މަލަރުދޮންބެއަކީ ޒަމާނުގެ ޢިލްމު ދަންނަކަމުގެ ސަނަދެއް
ނެތަސް އެވަރުގައި ފުންނާބު އުސް މީހެކެވެ. މާލޭގައި ބަސްވިކޭ އެންމެހާ ހަރުމީހުން
ޖެހިލުންވާ ބުއްދި ހަރު މީހެކެވެ. މިހާރު ވަޒީރުންގެ ތެރޭގައި ތިބި ކޮންމެ މީހަކީ
މި އިމާމުގާތުން ޚަތިމްކުރި މީހުންނެވެ. އަދި އެއިން ކޮންމެ މީހަކަށް
ނަންކިއިފައިވަނީވެސް މަލަރުދޮންބެގެ ބަރުޒަންޖީ މަޢުލޫދު ދެބައިވެ އެދޮންބެގެ
އަތަރުގެ ނިތްސިއްކެއްގެ ވަހާއެކުގައެވެ. ވީއިރު އެއިން ކޮންމެ މީހަކުވެސް މިއަދު އެކަން
ދަނެއެވެ.
މިވަރަކުންވެސް ނުފުދެއެވެ. މަޤާމާއި ފައިސާގެ ބާރުގައި
މާލޭގައި އަރާތިބި ކޮންމެ މީހަކުމެ ޤަބޫލުކުރާގޮތުގައި މަލަރުދޮންބެ ނެތްނަމަ
އެއިން އެކަކަށްވެސް އެ ފެންވަރުގައި ވަދު ޖަހައެއް ނުލެވޭނެއެވެ. އެއިން ކޮންމެ
މީހެއްގެ ގޭ ވަރުވާކަނުގައާއި އެ ވިޔަފާރިވެރިންގެ ވިޔަފާރިގޭގޭގެ ހުޅަނގު ބިތުގެ
ފުތަތަމަ ގަލުގައި އެ ހުންނަ ހުދުފޮތިކޮޅަކީ މަލަރުދޮންބެގެ މަންތަރުން ޖަހައިފައި
ހުންނަ ބަރަކާތުގެ ހަދިޔާއެވެ. މިވަރުގެ ކަށަވަރު މީހެއް ދިވެހިންގެ ތެރެއަކުން
ނުނެގެއެވެ.
މަރުދާނު ހަސީބަށް ރާއްޖޭގެ ރަސްކަން ލިބުނު ދުވަހުވެސް
ގަނޑުވަރުގައި މާގެރި ކަތިލީ މި މަލަރުދޮންބެގެ ކަނާތް ބީހިލުމާއެކުގައެވެ. އޭގެ
ފަހުން މަރުދާނުގެ ދަރި ރަސްކަން އަތުލުމަށް އުޅުނު ހިނދު އިހު ކަތިލި ޖާގައިގައި
އެހެން ގެރިއެއް ބާއްވައި ކަތިލީވެސް ހަމަ މަލަރު ދޮންބެގެ އަތުންނެވެ. އެ ދުވަހު
އެ ގެރީގެ ލޭނަގައި ލޯކުރައެއްގެ މަތިގަނޑަށް އަޅައިގެން މާލޭގެ އިރުމަތީ ފަޅަށް
ދޫކުރަން ދިޔަ ދުވަހު ވަނީ ވަރަށް ބޮޑު އެދުމެއް މަރުދާނުގެ ދަރި ސައިފުއްދީނު
ގާތު އެދިފައެވެ. އެއީ ހއ ގެ އަތޮޅުވެރިކަން ކުޑަދުވަސްކޮޅަކަށް ނަމަވެސް
ދިނުމަށެވެ. މިކަން މަރުދާނު ހަސީބުގެ ދަރި މަރުދާނު ސައިފުއްދީނުގެ ހަނދާނުގައި
ހުރީ ބައްޕާފުޅުގެ ރަސްކަން ލިބިވަޑައިގަންނަވަންދެނެވެ.
މަލަރު ދޮންބެގެ އަތް ގަޔާ ގާތްވެ ތަތްވީ އެހެންވެއެވެ.
ބަހާރުގޭ ހައްވާފުޅު ލިބާސްލެއްވި ޙަފްލާގައި ބާރަށު ބާދިރީގެ ދަރި ޙަކީމާވެސް
ވަނީ ލިބާސްލެއްވިފައެވެ. އެ ދޮލަނގުންވެސް ފުރަތަމަ ކަވާބު ކެއީ
މަލަރުދޮންބެއެވެ. މި ކަންތައްގަނޑުވެސް ވަނީ މަލަރު ދޮންބޭގެ އުއްމީދެއްކަމުގައި
ނިންމާފައެވެ. އެ ދޮލަނގު ފިތް ނުކެނޑެނީސް ގެއަށް ގެނެސް ހުދު ފޮތިން
ނިވާކުރުމަށް އަބަދު އެދެވިގެން ވެއެވެ.
މަލަރުދޮންބެގެ ކިހިލީގައިފީފާއެއްވެސް ހަރުނުލާހާ
ފުޅާވެފައި އެވަނީ ކޮންމެވެސް ކަމެއްވެއެވެ. މިއަދު ގަނޑުވަރުގައި އޮތް މައުލޫދު
ނިމުމުން ސައިފުއްދީން ބައްދަލުކުރައްވާފައި ކުރިއަށް އޮތް ދުވަސްކޮޅު ހއ އަތޮޅުގެ
ރައްޔިތުން ހަމައަކަށް އަޅުވައިލުމަށް ރަނގަޅު ފަންޑިތަވެރިއެއް ބޭނުންވާކަމަށާއި
މިދުވަސްވަރު އެ އަތޮޅު އަތޮޅުވެރިކަމުގައި ހުރެދިނުމަށް އެދުނީއެވެ. މިއީ މީގެ
ތިރީހަކަށް އަހަރުގެ ކުރިން މަލަރުދޮންބެ ކުރި އުއްމީދެކެވެ. މިސްކިތުން ނުކުމެ
އަތޮޅުގެއަށް ވަނުމުގެ އުއްމީދު މިއަދު އެވަނީ ހިލިފައެވެ. ހިތުން ގަތް ނަދުރު
ފުދުމުގެ ކޮޅުމަތި ފެނުނީއެވެ.
މަލަރުދޮންބެ ގެއަށް އައިސް ވަންގޮތް ފެނިފައި
ބޮޑުދައިތަގާތަށް ހިނިއައިސް ފަޅައިގެން ދިޔައެވެ. "އަނެއްކާ ކާމިޔާބެއް ވީތަ؟
އުއްމީދުގެ ހުޅުކޮޅަށް ތެޔޮ ތިއްކެއް ޖަހައިދިނީ ކާކު؟ ދައިތަގެ އެކަނިވެރިކަން ފިލަނީ ތޯއްޗެ! ފުރަނީ ކޮން އިރަކުން؟ ދައިތައަށް ރޭ ވަނީ ހުވަފެނެއް ފެނިފައި!" ބޮޑު ދައިތަ
އޭނާގެ ދަތް ނެތް އަނގައިން އެއްފަހަރާ އަމުނާލިއެވެ.
"މިއީ ވަރަށް ދުވަސްވީ ކަމެއް. ޢުމުރުގައި ތަން
އޮތިއްޔާ އެ ރަށުން ބައްދަލުކުރާނަމޭ އަހުރެން ބާދިރީ ގާތު ބުނިން. އޭނާ ބުނަނީ
އޭނާގެ ދަރި ދެވާނީ އެރަށުގައި އަތޮޅުވެރިކަންކުރާ މީހަކާކަމުގައި. އަދި އެއީ ބޯ
ބާލައިގެން އުޅޭތާ ތިރީސްއަހަރުވީ މީހަކަށް ވާންވާނެއޭވެސް ބުނި. އިރާދަކުރެއްވިއްޔާ
އެކަން ފުރިހަމަވާނެ. މި ހަމަވަނީ ތިރީސް އަހަރު." މަލަރު ދޮންބެ އޭނާގެ ހުރި
ހަމައެކަނި ހިތްވަރުވެރިޔާގާތު ބުނެލިއެވެ.
މިހިސާބަށް ވާހަކަ ދިޔަތަނާ ބޭރުން
އައިސް ވަން މީހަކު މަލަރުދޮންބެއަތަށް ސިޓީއެއް ދިނެވެ. ދައިތަ ހައިރާންވީ އެ
ސިޓީ ކިޔައިފައި މަލަރުދޮންބެގެ ލޮލުން ކަރުނަ ފައިބަން ފެށީމައެވެ.
"އަހުރެންގެ ހުރިހާ އުއްމީދެއް އިއްޔެ އެ ދިޔައީ ނިމިގެން. ﷲ ގެ މިންވަރުފުޅު"
ގާތުގައި ހުރި މުސްކުޅި ސަރަންފީއަކަށް މުޅި ހަށިގަނޑު ބާލަމުން އޮއްސަމުން
ކިޔައިލިއެވެ.
____________________
No comments:
Post a Comment