18.11.20

ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު- ދެބައްސަކަން ފުރިހަމަތަ؟ dhivehiraajjeyge thauleemu dhebassatha

ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު- ދެބައްސަކަން ފުރިހަމަތަ؟

އާދަމް ޒާހިރު

 

ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ބައްޓަންވެފައިވާގޮތުން ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ ބައިލިންގުއަލް އެޑިޔުކޭޝަންގެ ދަށުން ފުރިރަހަމަގޮތުގައި ކުރިއަށް ގެންދާ ނިޒާމެއްކަމަށް ޤަބޫލުކުރަންހެއްޔެވެ؟

މި މަސައްކަތަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ބައްޓަންވެފައިވާގޮތް ދެނެގަތުމާއެކު ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ފުރިހަމަ ބައިލިންގުއަލް އެޑިޔުކޭޝަންގެ (ފުރިހަމަ ދެބައްސަ ތަޢުލީމީ) އުސޫލެއް އޮތްތޯ ދެނެގަތުމަށް ޖަމާކުރެވުނު މަޢުލޫމާތުގެ އަލީގައި ކުރި ކުޑަ ދިރާސާއެއްގެ ލިޔުމެވެ. މީގެ އިތުރަށް ބައިލިންގުއަލްގެ އިމަށް ވިސްނައި ރާއްޖޭގެ ތަޢުލީމީ ނިޒާމު ގެންދަނީ ފުރިރަހަމަ ބައިލިންގުއަލް އުސޫލަކަށްތޯ ނުވަތަ ނޫންތޯ ދެނެގަތުމަށް ކުރެވުނު މަސައްކަތެއްގެ ނަތީޖާ ލިޔުމެކެވެ. މަސައްކަތުން ވިސްނުނީ މި ސުރުޚީއަކީ މިއަށްވުރެ ފުޅާކޮށް އައި ޢިލްމީ ޖަމާޢަތަކުން ދިރާސާގެ ޢިލްމީ ޤާބިލްކަމާއެކު ކޮށްލަން ރަނގަޅު މަސައްކަތެއްކަމެވެ. އެހެނީ އިސްލާޙުކުރަންޖެހޭ ކަންކަން އެބަހުއްޓެވެ.

އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމު (1982) ހާމަކުރާގޮތުގައިވިއްޔާ ތަޢުލީމުދިނުމުގެ ބޭނުމަކަށްވާންވާނީ އަންނަން އޮތް އައު ޖީލަށް ދިވެހިޤައުމު ދަސްކޮށްދިނުމެވެ. މުޖުތަމަޢަށް އެކަށޭނަ ބަދަލުތަކެއް ގެނައުމެވެ. ޅަދަރިންގެ ވިސްނުމާއި ފިކުރާއި ޚިޔާލު ދިރުވައި ތަރައްޤީކުރުމެވެ. ޅަ ދަރިންގެ ވިސްނުމާއި ސުލޫކު ހަރުދަނާކޮށް ތަރައްޤީކުރުމެވެ. އަދިވެސް މައުމޫނު ޢަބްދުލް ޤައްޔޫމު (...) ދީނުގެ މަގުގައި ހާމަކުރައްވައިފައިވެއެވެ. އުނގެނެނީ އަޚުލާޤެވެ. ހެޔޮ ގޮތްތަކެވެ. އުޅެންވީ ގޮތްތަކާއި ތިމާގެ ޤައުމާއި ޖަމާޢަތާއި މި ބައިގެ މެދުގައި އޮތް ގުޅުމެވެ. އެކުގައި އުޅެންވީ ގޮތާއި ހަރުދަނާ އުސޫލެވެ.

ތެދެކެވެ. އެ ވިދާޅުވި އެއްޗަކަށް ކިޔޭނީ އަޚްލާޤޭއެވެ. ހެޔޮ އެންމެހާކަންކަމެކެވެ. ޙަޤީޤަތުގައި މި ރޫޙު ދިވެހި މާދަރީބަހުގެ ތަރުބިއްޔަތަކުން މެނުވީ ނުވާނޭކަންވެސް މައުމޫނު ވިދާޅުވެފައިވެއެވެ. އެހެނަސް ޒަމާން ބަދަލުވެއްޖެއެވެ. ދުނިޔެ ކުނބުރަކަށްވެއްޖެއެވެ. ދުރުން މާދުރުން އެހާމެ ގާތުގައި ތިބެ ކިޔެވޭނޭގޮތްތަކާއި ޢިލްމި ލިބިގަތުން ފަސޭހައަކަށްވެއްޖެއެވެ. ދެބައްސައަށް މަޖުބޫރުވެއްޖެއެވެ. މިއަދު ދެބައްސަ ތަޢުލީމެއް ހިނގައި ހަރުލައިފައިވަނީ މިހެންވެއެވެ. ދިރުވައި އާލާކުރަންޖެހިފައިވަނީވެސް މިހެންވެއެވެ.

މިފަދަ ދަނޑިވަޅެއްގައި، ރާއްޖޭގެ ތަޢުލީމީ ނިޒަމުގައި ބައިލިންގުއަލް ތަރުބިއްޔަތެއް ދިރިފައިވަނީ އެންމެ ފުރިހަކޮށްތޯ ދެނެގަތުމީ ކޮށްލަން ރަނގަޅު މަސައްކަތެއްކަމުގައި އަޅުގަނޑު ދެކެމެވެ.

އަޅުގަނޑުގެ މި މަސައްކަތަށް ލިބިފައިވާ ސުރުޚީ "ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ބައްޓަންވެފައިވާގޮތުން ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ ބައިލިންގުއަލް އެޑިޔުކޭޝަންގެ ދަށުން ފުރިރަހަމަގޮތުގައި ކުރިއަށް ގެންދާ ނިޒާމެއްކަމަށް ޤަބޫލުކުރަންހެއްޔެވެ؟" ގެ މައިގަނޑު ދެނެގަތުމަކީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ހިނގަނީ ފުރިހަމަ ބައިލިންގުއަލް ނިޒާމެއްގައިތޯ ހޯދުމެވެ. މި ކުރު އެހެނަސް ބުރަ މަސައްކަތުގައި އަޅުގަނޑު ހޯދި ހޯދުންތަކަށް ބުރަވާއިރު މި ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހިނގަނީ ފުރިހަމަ ބައިލިންގުއަލް އެޑިޔުކޭޝަން ނިޒާމެއްގައެއްގައެއް ނޫނޭ ދަންނަވަން ޖެހެއެވެ.

އިސްވެ ދެންނެވި ފިކުރު ސާބިތުކޮށްދިނުމަށް އަޅުގަނޑު މަސައްކަތްކޮށްފައިވާނީ ލިބިފައިވާ ކުރު ވަގުތަށް ވިސްނައި ހޯދުނު ހޯދުންތަކުގެ އަލީގައި އަންނަނިވި ހޯދުންތަކުގެ އަލީގައެވެ. އެއީ:

-       ދެބައްސަ ތަރުބިއްޔަތު (ބައިލިންގުއަލް އެޑިޔުކޭޝަން) 

-       ރާއްޖޭގެ ތަޢުލީމާއި ދެބައްސަ ތަރުބިއްޔަތު (ރާއްޖޭގެ އެޑިޔުކޭޝަން އާއި ބައިލިންގުއަލިޒަމް)

-       ދެބައްސަ ތަޢުލީމީ ނިޒާމު ރާއްޖޭގައި އޮތްގޮތް

-       ދެބައްސަ ތަޢުލީމެއްގެ މަޤްޞަދު

-       ދިރާސާތަކުން ހާމަވި ގޮތުގައި ފުރިހަމަ ބައިލިންގުއަލް ތަޢުލީމީ ނިޒާމެއްގައިނަމަ (ބައިލިންގުއަލް އެޑިޔުކޭޝަންގެ ފުރިހަމަކަން)

އަޅުގަނޑު މިގޮތަށް މި ލިޔުން އޮނިގަނޑު ރޭވީ ކިޔާ ބޭފުޅަކަށް ފުރަތަމަ ބައިލިންގުއަލްދެނެގަތުމާއެކު ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ޚުލާސާއެއް ފިކުރުކޮށްދިނުމެވެ. އަދި މިހާރު ރާއްޖޭގައި ބައިލިންގުއަލް އޮތް ގޮތާއި ޙަޤީޤީ ބައިލިންގުއަލްގެ މަޤްޞަދާއި ދިވެހިންގެ ވިސްނުން އޮތް ގޮތް އަންގައިދިނުމެވެ. މިއަށްފަހު ބައިލިންގުއަލްނިޒާމް ފުރިހަމައަށް ހިނގާނަމަ ދުނިޔޭގެ ފެންވަރުގައިޤަބޫލުކޮށްފައިވާ ކަންތައްތަކާއި ފެންނާނޭ ރޫޙާއި ސިފަ، އަންގައިދިނުމާއެކު ދިވެހިންގެ ރޫޙާއި ސިފަ އަޅައި ކިޔުއްވުމެވެ. މި ހިސާބުން ސުވާލުގެ ޖަވާބު ތިލަކޮށްދިނުމެވެ.

މި ދިރާސާގައި އަޅުގަނޑު ބޭނުންކުރި ބައެއް ލަފުޒުގެ މާނަ:

ދެބައްސަ:         ބައިލިންގުއަލް

ތަރުބިއްޔަތު:   އެޑިޔުކޭޝަން

ތަޢުލީމު:     ތަރުބިއްޔަތާއި ޢިލްމު 

 


 

ބައިލިންގުއަލް އެޑިޔުކޭޝަން:

 

ބައިލިންގުއަލް އެޑިޔުކޭޝަންއަކީ ދަރިން ތަރުބިއްޔަތުކުރުމުގައި ބޭނުންކުރެވޭ ހުރިހާ މަރުޙަލާއެއްގައި ދެބަސް ބޭނުންކުރެވޭ އުސޫލުގެ ތަޢުލީމެވެ. މެހްމެޓް ސެމް އެޑްސިޣުލޫ (2016) ހާމަކުރާގޮތުގައި ބައިލިންގުއަލް އެޑިޔުކޭޝަންއަކީ ތަޢުލީމާއި ތަރުބިއްޔަތުދިނުމުގައި މައިގަނޑު އިންސްޓްރަކްޝަން ދެބަހަކުން ދެމުންދިއުމުގެ ނިޒާމެވެ. ސްކޫލުތަކުގައި އުނގަންނައިދޭ ހުނަރާއި މަޢުލޫމާތު ފޯރުކޮށްދިނުމަށް ދެބަހެއް ޚާއްސަކުރުމެވެ. އަދި އެ ދެބަހަކުން ފޮތްވެސް ތައްޔާރުކޮށް ލިޔުމާއި ކިޔުމާއި ވާހަކަދެއްކުމުގައި ބޭނުންކުރުމެވެ. ގިނަ ޢިލްމުވެރިންގެ ނަޒަރުގައި ދެބައްސަވެރިން ދެބަސްވެސް ބޭނުންކުރާނީ ކުށްނެތި ހެޔޮ ރަނގަޅު ހަމައިގައި ބަހުގެ އުސްލޫބާއި ބަހުގެ ވަންތަ ރޫޙުގައެވެ. މިއީ ދެބައްސަ ތަޢުލީމުގެ ނިޒާމެވެ.

މަމްދޫހާ ޢަބްދުﷲ (ދެއްވި އަތްމަތީ ކިޔުންތަކުގައި 2019) ހާމަކުރެއްވި ގޮތުގައި ބައިލިންގުއަލް އެޑިޔުކޭޝަންއަކީ ދަރިވަރުންނަށް އުނގަންނައިދނުމާއި މަޢުލޫމާތު ދިނުމުގައި ދެބަސް ބޭނުންކުރުމެވެ. ޢިލްމީ ދިރާސާތަކުގެ މިފަދަ ބުނުންތަކުން ދޭހަކުރެވޭގޮތުގައި ދެބަހުން ކިޔަވައިދިނުމަކީ (ބައިލިންގުއަލް އެޑިޔުކޭޝަންއަކީ)  ތަނުގެ ތަޢުލީމު ދެބަހަކުން ދެވޭގޮތަށް ފަރުމާކޮށް އުނގެނުމުގެ ވެށި އެ މަގަށް ބައްޓަންކޮށްފައި އޮންނަ އޮތުމެވެ. ތަޢުލީމީ މަންހަޖުގައި ހިމެނޭ އުނގެނުންތައް ދެބަހަކުން ކިޔަވައިދިނުމާއި ދެބަހަކުން ލިބިގަތުމުގެ ފުރުސަތާއި ޤާބިލްކަން ހިމެނިފައިވާ ތަޢުލީމީ ނިޒާމެކެވެ.  

ތަޖުރިބާކާރު، ޕްރައިމަރީ ސްކޫލެއްގެ މުދައްރިސެއްކަމުގައިވާ އެންޑްރިއާ މެޝީނިޟް (2011) ލިޔެފައިވާގޮތުގައި ބައިލިންގުއަލްއަކީ ވަކިވަކި ފަރުދުންނަށް  ނުވަތަ ޖުމުލަކޮށް މުޅި މުޖުތަމަޢު، ދެ ބަހެއް ބޭނުންކޮށްގެން އުނގެނުމާއި މުޢާމަލާތްކުރުމެވެ. އަދި ދެބަހުން ކުށެއް ނެތި ޢާންމު މުޢާމަލާތްކުރުމާއި ލިޔުމާއި އެ ބަސްބަހުން އުނގެނުމުގެ ކުޅަދާނަކަން ލިބިއްޖެނަމަ އެ މީހަކީ ނުވަތަ ކުއްޖަކީ ބައިލިންގުއަލް ނަފުސެކެވެ. އަދި އޭނާ ހާމަކުރާގޮތުގައި މި ގޮތްވާނީ އެ މީހަކަށް ދެބަހަކުން އުނގެނުމުގެ ފުރުސަތު ލިބި ދެބަސް އެއްވަރަކަށް ނުވަތަ އެ ދަރިވަރަކު ބޭނުން މިންވަރަކަށް ބޭނުންކުރުމުގެ ދޮރު ހުޅުވިފައިވީމައެވެ. މި ތަރުބިއްޔަތަށް މަގު ފަހިކުރާ ސްކޫލް ނިޒާމެއް އޮތްނަމަ އެއީ ދެބައްސަ ތަޢުލީމު، ނުވަތަ ބައިލިންގުއަލް އެޑިޔުކޭޝަނެވެ.

ބައެއް މީހުންގެ ނަޒަރުގައި ދެބަސް ބޭނުންކޮށްގެން މުޢާމަލާތްކޮށް ޙާޖަތްތައް ފުއްދައި އުނގެނި ދަސްކޮށްހެދުމުގައި ދެބަސް ބޭނުންކުރާނަމަވެސް އެއީ ދެބައްސައެވެ. ބައިލިންގުއަލްއެވެ. ބައެއް ލިޔުންތަކުގައި މީގެ ދޭއް އަދި ތިންބާވަތެއް ފާހަގަކުރެއެވެ. އާންމުގޮތެއްގައި ދެބައްސަކަމޭ ބުނެވެނީ ދެ ބަހަކުން ވާހަކަދެއްކުމަށެވެ. ރަނގަޅު ދެބައްސަކަމެއްގައި ދެބަހުގެ ޤަވާއިދާއި ހަމަތައް ރަނގަޅަށް ބަރާބަރަށް (ޑޮމިނެންޓްކޮށް) ބޭނުންކުރަން އެނގޭނޭކަމުގައި ކެވިން އެމް.ވޮންގް (2016) ހާމަކުރެއެވެ.

ދެބައްސައާމެދު ވާހަކަދައްކާ ގިނަ ދިރާސާކުރުންތެރިން ހާމަކޮށްފައިވާގޮތުގައި ހަޤީޤީ ދެބައްސަވެރިންކަމުގައި ބެލެވެނީ އެމީހުންގެ މާދަރީ ބަހުގެ ގޮތުގައި ދެ ބަހެއް ލިބިގެންވާ މީހުންނެވެ. އެއީ ޙަޔާތުގެ ފެށުމާއެކު އެ ދެބަހުގެ ވެށި ކުރިމަތިވެފައިވާ މީހުންނެވެ. ތުއްތުއިރުން ފެށިގެން އެ ދެ ބަހުން ވާހަކަ ދައްކަމުންއަންނަ މީހުންނެވެ. ޢިލްމީ މާހިރުން ވިދާޅުވެފައިވާގޮތުގައި ދެ ބަހުގެ ޤަވާޢީދާއި އުޞޫލުތައް ދަންނަ ދޭދޭ ބަސް އެއްނުކޮށް، ބޭނުންވެއްޖެ ހިނދެއްގައި ދެ ބަހުންވެސް މުޢާމަލާތްކުރާ މީހުންނެވެ. މިފަދަ މީހުން ނުވަތަ ކުދިން:

-       ބަސް ބަދަލުކުރުމުގައި ވާހަކަދައްކާވަގުތު ދައްޗެއް ނުވާނެ.

-       މި ބައިމީހުން ދެބަސްވެސް ބޭނުންކުރާނީ މާދަރީ ބަސް ފަދައިން

-       ވަކިބަހެއް ޚާއްސަވެގެނެއް ނޫޅޭނެ.

މި މާނައަށް ބަލާނަމަ ދިވެހިންނަކީ ދެބައްސަވެރިންނެއް ނޫނެނެވެ. އެހެނަސް ދިވެހި ތަޢުލީމީ ވެއްޓަކީ ދެބައްސަވެފައިވާ ވެއްޓެކެވެ. އެންޑްރިއާ މެޝީނިޟް (2011) ހާމަކުރާގޮގުގައި ތަޢުލީމީ ވެށި ދެބަހަކުން ފަރުމާވެފައި އޮތަސް އަދި ދިރިއުޅުމުގެ ޙާލަތު ބަދަލުވެ މަޖުބޫރީއެއް ކުރިމަތިވެގެންނަމަވެސް އަދި ކޮންމެހެން ދަސްކުރަންޖެހިގެން ބަދަލެއް ގެންނަންޖެހިގެންވިޔަސް ދެބައްސަވެރިންނަށްވެދާނެއެވެ. އެއީ އެ ދެބަސް ދަންނަނަމަ ނުވަތަ ބޭނުންކުރާނަމައެވެ.

ގިނަ ބާޙިޘުން (ދިރާސާކުރުންތެރިން)ގެ ނަޒަރުގައި ދެބައްސަކަމުގެ ވައްތަރުތަކެއް ވެއެވެ. އެއީ:

-       ފުރަތަމަ ދެބައްސަވެރިކަން (އާރލީ ބައިންގުއަލިޒްމް): މިއިންވެސް ދެ ބާވަތެއް މި ޢިލްމުވެރިން ބައިކޮށް ދައްކައެވެ. އެއީ ސިމިއުލޭނިއަޒް (simultaneous)އާއި ކޮންސިކުޓިވް (consecutive)އެވެ. މިއިން ފުރަމައީ އުފަންވީއްސުރެ ދެބަސް އެކުގައި ދަސްވަމުންދާ ނިޒާމެވެ. ދެވަނައީ ފުރަތަމަ ބަހެއް ދަސްކުރަމުން ގޮސްފައި ވެއްޓާއި ތަން ބަދަލުވުމުން ދެވަނަ ބަހެއް، ހަމަ ތުއްތުއިރުއްސުރެ ދަސްވަމުންދާ ދިއުމުގެ ނިޒާމެވެ.

-       ފަހު ދެބައްސަވެރިކަން (ލޭޓް ބައިލިންގުއަލިޒްމް): މިއީ އުމުރުން 6، 7 ވަންދެއް ދަސްކޮށް ހޭނި ބޭނުންކޮށް ފަރިތަބަހެއް އޮތުމަށްފަހު އަލުން އޭނާގެ އުނގެނުމުގެ ތެރެއިން ނުވަތަ ކުރިމަތިވާ އިތުރު ކަމަކާ ގުޅިގެން ދެން ދަސްކުރާ ބަހުގެސަބަބުން ދެބައްސަވާ ނިޒާމެވެ.

-       އިތުރުކުރަންޖެހުނު ދެބައްސަ ނިޒާމާއި ބައިކޮށްލަންޖެހުނު ދެބައްސަނިޒާމު (އެޑިޓިވް ބައިންގުއަލިޒްމް އާއި ސަބްޖެކްޓިވް ބައިންގުއަލިޒްމް): މިހެންބުނެވެނީ ކުރިމަތިވާ ޙާލަތެއްގެ ސަބަބުން ދެބައްސަވެރިވުމާއި ފުރަމަ ބަސް ދޫކޮށްލައި އެހެން ބަހެއް ދަސްކުރަންޖެހުމުންކުރިމަތިވާ ދެބައްސްވެރިކަމަށެވެ.

-       ކިޔުންތެރި ދެބައްސަވެރި ނިޒާމު (ޕެސިވް ބައިންގުއަލިޒްމް): މިއީ ބަސް އެނގުނަސް ވާހަކަދައްކަން ނޭނގި، ލިޔަން އެނގޭ ދެބައްސަވެރިކަމެވެ.

ބައެއް ލިންގުއިސްޓުންގެ ދިރާސާގައި ދެބައްސަ ބަހަނީ ދެ ބާވަތަކަށެވެ. އެއީ:

-       ކޯޑިނޭޓް ބައިލިންގުއަލިޒަމް

-       ކަމްޕައުންޑް ބައިލިންގުއަލިޒަމް

ދެބައްސަ ނިޒާމު އޭގެ ހާލަތަށް ބަލައި އެކި ގޮތްގޮތަށް ބައިކުރެވިފައިއެބަހުއްޓެވެ. ދާސިނޯ މާރިއާ ރޮސާރިއޯ (2015) ބުނާގޮތުގައި ކޮންމެ އާބާދީއަކަށްވެސް ތަފާތު ޙާލަތެއް މެދުވެރިވެގެން ދެބައްސަ ނުވަތަ ގިނަބައްސަވެރިންނަށްވެއެވެ. މިހެން ވާން ދިމާވާ ކޮންމެ ފަހަރަކުން އެބަހަށް އަހުލުވެރިވެ އެ ބަހަކުން ކިޔަވައި އުނގެނުމަކީ ޒަމާނުއްސުރެ އޮތް ދުނިޔަވީ އިންސާނީ އާދައެކެވެ. އަދި އެއީ އުސޫލެވެ. އެހެންވީމާ މި ނޫން ގޮތްގޮތަށްވެސް ބައިލިންގުއަލް ގެ ވައްތަރުތައް ބައިކޮށްފައި ހުރެދާނޭކަމަށް ޤަބޫލުކުރެވެއެވެ.

 

ރާއްޖޭގެ އެޑިޔުކޭޝަން އާއި ބައިލިންގުއަލިޒަމް:

 

ދިވެހިންނަކީ ތަޢުލީމަށް ލޯބިކުރި އަދި މިހާރުވެސް ލޯބިކުރާ ރައްޔިތެކެވެ. ތިމާއަށް ލިބޭ ދަރިން ޢިލްމުވެރިކުރަން ޤުރުބާންވުމީ ދިވެހިންގެ ހަށީގައި ހަރުލައިފައިވާ ޚާއްސަ ސިފައެކެވެ. ލިބޭ ދަރިންގެ ވަރަށް ޅަފަތުގައި ދީނީ ޢިލްމާއި ހުނަރުވެރިކަމާއި މަސައްކަތްތެރިކަމާއި ބޭރުގެ ޢިލްމިއްޔާތަށް ލޯބިކުރަން ދަސްކޮށްދީ އުނގަންނައިދިނެވެ. މިގޮތުން ގޭދޮށުން ދަންނަ މީހުންގެ ގާތަށް ފޮނުވައިގެން ނުވަތަ ރަށުގެ އެ ފެންވަރުގެ ހުނަރުވެރިންލައްވައި އަދި އެންމެފަހުން ބޭރަށް ފޮނުވައިގެންވިޔަސް ޢިލްމު ހޯދައިދޭން މަސައްކަތްކޮށްފައިވެއެވެ. އެ މަގުގައި އެ ދަރިންގެ ޢިލްމާއިގެން ކުރިއަށް ދިއުމަށްޓަކައި އުޅޭތަން ބަދަލުކޮށް ވެށި ބަދަލުވުމާގުޅިގެން ޢަރަބިބަހާއި ސިންހަޅަބަސް އުނގެނި ދަސްކޮށް ބޭނުންކޮށްފައިވެއެވެ. މިފަދަކުދިންގެ އާންމު ދިރިއުޅުން ދެބަހުގެ މުޢާމަލާތުގައި ސާބިތުކޮށްފައިވެއެވެ. ބައެއްކުދިން ވަރަށް ޅައިރުއެވެ. އަނެއްބައިކުދިން ޢުމުރުން 7-8 ގައެވެ. ބައެއްކުދިން 12 އަހަރުހާ ހިސާބުގައި (އިހުގައި ވަކި ތަޢުލީމެއް ދިނުމުގެ ސަޤާފަތް އޮތީ ދަރިންގެ ޢުމުރުން 10 ނުވަތަ 12 ފުރުނީމާ) ތަޢުލީމީ ހިޔާތަކުގައި ހަރަކާތްތެރިވާން ފެށުމާ ހަމައިންނެވެ.

ދިވެހިންގެ ކިޔެވުން ޒަމާނުއްސުރެ އޮތް ގޮތަށް ބަލާނަމަ އަބަދުވެސް ދެބައްސަ ތަޢުލީމު އޮންނަކަމުގައި ޤަބޫލުކުރެވެއެވެ. އެހެނީ ދިވެހިންގެ ގިނަ އުނގެނުން ނިންމައިފައިވަނީ ބޭރު ކަރަތަކުގައި ދިރިއުޅެ، ދުވަސްތަކެއް ވޭތުކޮށްގެންނެވެ. ޢަރަބިބަހުން ނުވަތަ ސިންހަޅަބަހުންނަމަވެސް ބޭރުން ތަޢުލީމު ލިބިގަތުމުގައި އެތައް އަހަރަކު ވޭތުކޮށްފައިވެއެވެ. އެހެންކަމުން ބައިލިންގުއަލް އެޑިޔުކޭޝަން އަކީ ނުރަސްމީކޮށްނަމަވެސް ދިވެހިންގެ ތެރޭގައި ތާރީޚީ ތަރުބިއްޔަތެކެވެ.

ޙަސަން ޙަމީދު. ޑރ. (ވެބްސައިޓް)[1] ހާމަކުރާގޮތުގައި ރާއްޖޭގެ ތަޢުލީމުގެ އެންމެ އެވޭލާއިރަށް ދެވޭނޭ މާ ބޮޑު ލިޔުމެއް ނެތެވެ. ނަމަވެސް އެނގޭކަމަކީ ދިވެހިންނަށް ލިބޭ ހުސްވަގުތު ދަންނަ މީހުންގާތަށް ގޮސް ކިޔަވާކަމެވެ. ހަސަން ޤަބޫލުކުރައްވާގޮތުގައި ރާއްޖޭގެ ތަޢުލީމު އުސޫލެއްގެ މަތިން ފެށި ނުހުއްޓި ހިނގައިގެންފައިވަނީ މީލާދީ ސަނަތުން 1153 ވަނަ އަހަރު އިސްލާމްދީން ޤަބޫލުކުރުމާ ގުޅިގެންނެވެ. އެ ޒަމާނުގައި ދިވެހިން ޢަރަބިބަހުން ދީނީ ޢިލްމު އުނގެނުނުކަން އަންގައިދެނީ ދިވެހިބަހާ މަސްހުނިވެފައިވާ ޢަރަބި ފާރިސީ ލަފުޒުތަކެވެ. މިއަށްފަހު ސްރީލަންކާއާ ދިވެހިންނާ އޮތް ގުޅުމުގެ ތެރެއިން ދިވެހިން ސްރީލަންކާއަށް ގޮސް އުނގެނުނެވެ. ނަތީޖާއަކަށްވީ ދިވެހިންގެ މެދުގައި ސިންހަޅަބަހުން ތަޢުލީމު އުނގެނެން ފެށިއެވެ. ދެން އައީ އަނެއްކާވެސް ޢަރަބިބަހާއި ދިވެހިބަހުން އުނގެނުނު ޒަމާނެކެވެ. އެއަށްފަހު އިނގިރޭސީންގެ ހިމާޔަތް ޤައުމަށް އައިސް އިނގިރޭސީބަސް މުހިންމުވެ އެ ބަހުގެ ޢިލްމު ރާއްޖެއަށް ތަޢާރަފުކުޅައެވެ. ކޮންމެއަކަސް ދިވެހިންނަކީ ދެބައްސަ ތަޢުލީމަށް ފަރިތަބައެކެވެ.

މިއަދު ގިނަ މައިންބަފައިންނަކީ "ފެޝަނަކަށް ނަމަވެސް" ދަރިންގެ ވެށި ދެބަހަށް ބަދަލުކޮށްގެން އުޅޭބައެކެވެ. ދަރިފުޅު ދުނިޔެއަށް އައުމުގެކުރިން އެ ދަރިންނާ އިނގިރޭސީބަހުން މުޚާޠަބުކުރަން ފަށައިގަންނަބައެކެވެ. އުފަންވުމާއެކު ގޭތެރޭގެ އެތައްކަމެއްގައި އިނގިރޭސީބަސް މެނުވީ ބޭނުމެއް ނުކުރެއެވެ. ހަމަ މި ބީދައިން ޢަރަބިބަހަށް ލޯބިކުރައްވާ ކިތަންމެ މައިންބަފައިންނެއް އެބަހުގެ ވެއްޓެއް ގޭތެރޭގައި އުފައްދައެވެ. ނަތީޖާއަކަށްވަނީ ދިވެހި ދަރިން އެންމެ ޅަފަތުއްސުރެ ދެބައްސަވެރިންނަށްވުމެވެ. ދެބަހަށް ލޯބިކޮށް ދެބަހުގެ ފޮތް ކިޔުން އާންމުވުމެވެ. އެ ހިސާބުން ދެބައްސަވެރިންގެ ގޮތުގައި ދިވެހި ދަރިން ހެދި ބޮޑުވަމުންދެއެވެ.

 

ދެބައްސަ ތަޢުލީމީ ނިޒާމު ރާއްޖޭގައި އޮތްގޮތް:

 

ރާއްޖޭގެ ގިނަ ސްކޫލުތަކަކީ ދައުލަތުން ޚަރަދުކުރާ ސަރުކާރުގެ ސްކޫލުތަކެކެވެ. މަދު ސްކޫލެއް އަމިއްލަ ޚަރަދުގައި ހިންގިޔަސް ހުރިހާ ސްކޫލަކީ އެޑިޔުކޭޝަން މިނިސްޓްރީގެ މަންހަޖު ހިންގާ ސްކޫލުތަކެކެވެ. ސަރުކާރުގެ ތަޢުލީމީ ނިޒާމުގައި ތަޢުލީމުގެ މައި ބަހަކީ އިނގިރޭސީބަސްކަމުގައި ވަނީ ހަދައިފައެވެ. ދެ ސްކޫލެއްގައި ޢަރަބިބަހަކީ މައިބަސްކަމުގައި ހަދައިފައިވެއެވެ. ހުރިހާ ސްކޫލެއްގައި ދެވަނަ ބަހުގެ ދަރަޖަ ލިބިފައިވަނީ މާދަރީބަހަށެވެ. މިއީ ޙާލަތަށް ރިޔާޢަތްކޮށް ނިންމި ނިންމުމެކެވެ. މިހެން ކަން އޮތްނަމަވެސް ރާއްޖޭގެ 1/2012 ގެ 5 ވަނަ މާއްދާގައި ބުނާގޮތުން، ޕްރީސްކޫލުގެ ގްރޭޑްތަކުގައި މާދަރީބަހުން ނޫންގޮތަކަށް ކިޔަވައިދިނުމަކީ މަނާކަމެކެވެ. ހިތާމައަކީ މި ޤާނޫނުގެ އަގު އޮތްތާ ބާއްވައިފައި ހިތަށް އެރިގޮތަކަށް ޕްރީސްކޫލުތަކުގައި ކިޔަވައިދޭކަމެވެ. ގިނައިން ބޭނުންކުރަނީ (ގަސްތުގައި) އިނގިރޭސީބަހެވެ. 

ދިވެހިންގެ ސްކޫލު ނިޒާމުގައި ދެބައްސައަކީ އެ ޒަމާނެއްގެ ޙާލަތަށް ފެތިގެން އޭގެ އަމިއްލަ ޒާތުގައި އައިސްފައިވާ ނިޒާމެކެވެ. ވަކި ޤާނޫނެއްގެ ދަށުން ވަކި އަމުރެއްގެ ދަށުން އައިސް ހިނގައިގަތް ނިޒާމެއް ނޫނެވެ. އެހެނަސް ނަވާރަސަތޭކަ އަށްޑިހައިގެ ކުރީކޮޅުގައި ރާއްޖޭގެ ސްކޫލުތައް އިނގިރޭސީ މީޑިއަމް ސްކޫލުތަކެއްގެގޮތުގައި ހިނގައިގަތެވެ. އެއީ އޭރުފެށުނު ޖޭ.އެސް.ސީ އިމްތިޙާނާ ހުރެ ވީ ކަމެއްކަމުގައި ޑރ.މުޙައްމަދު ލަޠީފު (އިންޓަވިއުއެއްގައި) ވިދާޅުވިއެވެ.

ރާއްޖޭގެ ތަޢުލީމީއިދާރާތަކުގައި ވަރަށް އިސް މަޤާމުތަކެއް ފުރުއްވައި ޤައުމުގެ މަންހަޖުތައް އެކުލަވައިލުމުގައި އެކި އަހަރުތަކުގައި އުޅުއްވި އަދި އެޑިޔުކޭޝަން މިނިސްޓަރުކަންވެސް ކުރެއްވި ޑރ. މުޙައްމަދު ލަޠީފު ވިދާޅުވިގޮތުގައި އެ ދުވަސްވަރު ނަގަމުން އައި ޖޭ.އެސް.ސީ އިމްތިޙާނަކީ ދެބައްސަ ތަޢުލީމަށް ރަސްމީ ސިފަ ލިބި މުޅި ރާއްޖެ ބަދަލުވާން މެދުވެރިވި ސަބަބެވެ.  އޭރު ރާއްޖޭގެ ރަސްމީ ތަޢުލީމުގެ ބޮޑުބައި އޮތީ ހަމަ އެކަނި ދިވެހި މީޑިއަމްއަށެވެ. އެހެނަސް ދިވެހިބަހުން އުނގެނުން ނެތިދިއުމުގެ ނުވަތަ ނައްތައިލުމުގެ ފޯރިއެއް އެ ދުވަސްވަރުގައި ހިނގައި ސްކޫލްތަކަކީ ދެބަހުން ކިޔަވާ ސްކޫލުތަކެއްކަމުގައިވިއެވެ. އެޑިޔުކޭޝަނުން  ކަނޑައަޅާ ސްކޫލުތަކެއް ކޮންމެ އަހަރަކުވެސް އިންގްލިޝް މީޑިއަމް ސްކޫލުތަކެއްކަމުގައި ހަދަމުންގޮސް މިއަދު މުޅި ރާއްޖޭގައި އޮތީ އިނގިރޭސީބަހާއި ދިވެހިބަހުގެ ދެބައްސަ ތަޢުލީމީ ހައިސިއްޔަތެކެވެ. ދެ ސްކޫލެއް ވެފައިވަނީ ޢަރަބިބަހާއި ދިވެހިބަހުގެ ސްކޫލަކަށެވެ. އެހެނެއްކަމަކު ގިނަ ކުދިންގެ ވެށިވެފައިވަނީ ދެބައްސަ ވެއްޓަކަށެވެ.

ކަނޑައެޅިގެނެ މިވެނި ދުވަހެއްގައި ކުރި ޢިއުލާނަކާހުރެ ސްކޫލުތައް އިނގިރޭސީ މީޑިއަމަށް ބަދަލުވީކަމުގައި ބުނެވޭނޭ ލިޔުމެއް އުޅެ އުޅެވެސް އެޑިޔުކޭޝަނުން ލިބޭގޮތެއް ނުވިއެވެ. ނަމަވެސް އެނގޭކަމަކީ އިނގިރޭސީބަހުގެ ބާރު ސްކޫލުތަކުގައި ހިނގައިގަނެ އެއީ އޮޅުންފިލުވައިދޭ ބަސްކަމުގައި (މީޑިއަމް އޮފް އިންސްޓްރަކްޝަންކަމުގައި) ހަމަޖެހުނީ 1980ގެ އަހަރުތަކުގައެވެ. ރަސްމީ ބެލުމެއްގެ ދަށުން ދެބައްސަ ތަޢުލީމުގެ ތަޢުލީމީ ނިޒާމެއް އެ ހިސާބުން މި ރާއްޖޭގައި ހިނގައިގަތީއެވެ.

ރާއްޖޭގައި ނާސަރީން ފެށިގެން ގްރޭޑް 12 އާ ހަމައަށްވެސް ކިޔަވައިދެނީ އިނގިރޭސީބަހާއި ދިވެހިބަހުންނެވެ. މައިގަނޑުގޮތެއްގައި ކިޔަވައިދޭ 8 މާއްދާއެއްގެތެރެއިން އިސްލާމާއި ދިވެހިބަސް ފިޔަވައި ހުރިހާ މާއްދާއެއް އިނގިރޭސީބަހުން ކިޔަވައިދޭންފެށި މިއަދުވެސް ކިޔަވައިދިނުމުގެ އިންތިޒާމުވަނީ މި އިމުގައި ރޭވިފައެވެ. އަދި މަތީތަޢުލީމާއި ތަރުބިއްޔަތުގެ ވެށިވެސް އޮތީ ދެބައްސަ ވެއްޓެއްކަމުގައިވެފައެވެ. ޑިޕްލޮމާއިންފެށިގެން ޕީއެޗްޑީއާ ހަމައަށްވެސް ދިވެހި ތަޢުލީމީ ހިޔާވަނީ ދެބައްސައަށްވެފައެވެ.

ރާއްޖޭގެ ޤާނޫނު ނަމްބަރު 2012/1 ބުނާގޮތުން ދިވެހިރާއްޖޭގައި ހިންގާ ޕްރީސްކޫލްތަކުގައި ކިޔަވައިދޭންވާނީ، ކިޔަވައިދޭން ޖެހޭނީ މާދަރީބަސްކަމުގައިވާ ދިވެހިބަހުންނެވެ. އެ ޤާނޫނު ބުނާގޮތުގައި އެހެން ބަހަކުން ކިޔަވައިދޭންޖެހޭނީ ދެވަނަ ބަހެއްގެގޮތުގައެވެ. މިއީ އެ ޤާނޫނުގެ ނަމްބަރު 5ވަނަ މާއްދާގައި ކުރާ އަމުރެވެވެ. މި ޤާނޫނު ފިޔަވައި ކޮންމެހެން މިވެނި ޤާނޫނަކުން ދެބައްސަ ތަޢުލީމަކަށް އަމުރުކުޅަކަމުގައި ދެންނެވޭނޭ ޤާނޫނެއް، ޤަވައިދެއް ނެތެވެ. ނުވަތަ އޮތްކަމަށް މިނިސްޓްރީއިން ނުދެއްކުނެވެ. ނަމަވެސް ކަން ހިނގައިފައިވަނީ އަދި ހިނގަނީ މި އަމުރަށް ކިޔަމަންވެއެއް ނޫނެވެ. އެ ފެންވަރުގައިވެސް ދިވެހިދަރިންނަށް ކުރިމަތިވެފައިވަނީ ދެބައްސަ ހިޔަލެވެ. ދެބައްސަ ބަލައިގަތުމެކެވެ. އެހެނަސް ރާޢްޖޭގެ ސްކޫލުތަކުގައި ދެބައްސައިން އިސްކަންދެނީ ދެވަނަ ބަހަށެވެ. މަދަރީބަހަށް އެއްގޮތަކަށްވެސް ސަމާލުކަމެއް ނުދެއޭ ދެންނެވިއަސް ހެޔޮވާނެއެވެ. މިއަށްފަހު މިވަނީ 2020 ގައި ސްކޫލެއްގެ ކުލާސްތެރޭގެ ފަރުމާއެކެވެ. (ކުރެހުން1)

ކުރެހުން 1

 

 

މި މަންޒަރުތަކުން ފުރަތަމަ މަންޒަރު ހުރީ ކުދިކޮށް ލިޔ ވަރަށް މަތީ ފަންގިފިލާ ކައިރީގައި ތަތްކޮށްފައެވެ. ދެވަނަ މަންޒަރުހުރީ ފަސޭހައިން ކިޔޭހާ ތިރީގައި އަދި ބޮޑެތިކޮށެވެ. ފުރަތަމަ މަންޒަރަކީ ދައުލަތުގެ އަމުރެކެވެ.

މި މަންޒަރުތަކުން ފުރަތަމަ މަންޒަރު ހުރީ ކުދިކޮށް ލިޔ ވަރަށް މަތީ ފަންގިފިލާ ކައިރީގައި ތަތްކޮށްފައެވެ. ދެވަނަ މަންޒަރުހުރީ ފަސޭހައިން ކިޔޭހާ ތިރީގައި އަދި ބޮޑެތިކޮށެވެ. ފުރަތަމަ މަންޒަރަކީ ދައުލަތުގެ އަމުރެކެވެ.

އުސްތާޛާ މަމްދޫޙާ ޢަބްދުﷲ ގެ ތަޤުރީރުތަކުން އެނގުނު ގޮތުގައި އަދި ވިދާޅުވިގޮތުގައި ރާއްޖޭގައި ހަމަ ހަމަ ދެބައްސަ ތަޢުލީމެއް ނެތެވެ. މި ރާއްޖޭގައި ހިނގަނީ ދެބައްސަ އަދި ގިނަ ބައްސަ ތަޢުލީމެއްކަމުގައި މާނަކުރެއްވިއެވެ. ޑރ.ޙަސަންޙަމީދު (2008) ވިދާޅުވާގޮތުގައި ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި ކިޔަވައިދެނީ ބޭރުގެ މުޤައްރަރަކަށް ބޭރުގެ ބަހަކުން ބޭރުގެ އިމްތިޙާނަކަށެވެ. އެހެންކަމުގައިވާނަމަ ދިވެހި ކޮންމެ ސްކޫލަކީ އިންޓަނޭޝަނަލް ސްކޫލެކެވެ. އެ މަނިކުފާނުގެ ލިޔުއްވުމުން މާނަކުރެވޭގޮތުގައި ދިވެހިންގެ އަމިއްލަ ބަސް ސްކޫލުތަކުގައި ވަނީ ނަމެއްގައެވެ. ދެބަހުން ތަޢުލީމު ދިންކަމުގައިވިޔަސް ދިވެހިބަހުގެ ރަހައާއި ކުލަ ވަރަށް ދަށެވެ. ތަޢުލީމުގެ ކުޑަކުޑަ މިންވަރެއް ދިވެހިބަހުން ފޯރުކޮށްދިނުމަކީ ދެބައްސަ ތަޢުލީމެއް އޮތްކަމަށް ބުނެވޭނޭ ސަބަބެއް ނޫނެވެ.

 

ދެބައްސަ ތަޢުލީމެއްގެ މަޤްޞަދު:

 

ދެބައްސަ ތަޢުލީމު (ބައިލިންގުއަލް އެޑިޔުކޭޝަން) އަކީ ނެތް ޙާލަތެއްގައި މީހަކު ދުވަސް ކަނޑައަޅައިގެން ނެރުނު ނިޒާމެއް ނޫނެވެ. ޤުދުރަތީ ޙަޔާތެއްގެތެރެއިން ދިރިގެން އައިސް އެއްޗަކަށްވީ ނިޒާމެކެވެ. އިންސާނާގެ ދިރިއުޅުމުން ދުވަސްތައް ވޭތުކުރަމުން އައިސް އޭނާގެ އެކި ޙާލަތްތައް އުފަންކުޅަ ކަމެކެވެ. ނަމަވެސް މިއަދު މިއީ ފަރުމާވެރިންގެ ޢިލްމީ ނިޒާމެކެވެ.

ކޮންމެ ކަމެއްގައިވެސް ޚާއްސަ މަޤްޞަދެއް އޮންނާނޭކަން ކަށަވަރެވެ. ޚާއްސަކޮށް އިންސާނާ ރާވައިގެން ޢިލްމީ ގޮތެއްގައި ގެންދާ ކަންކަމާއި ކުރާ ކަންތައްތަކުގައި މުހިންމު މަޤްޞަދުތަކެއް ވާނޭކަން ކަށަވަރެވެ. މި ބީދައިން ބައިލިންގުއަލް ތަޢުލީމެއް ފަރުމާވެ ހިނގައިގަތް މަޤްޞަދެއްވެސް ވާނޭކަންކަށަވަރެވެ. މައިކަލް އެސް. މޯސަސް (2000)ގެ ދިރާސާ "ވައި ބައިލިންގުއަލް އެޑިޔުކޭޝަން ޕޮލިސީ އިޒް ނީޑެޑް؛ އަ ފިލޯސަފިކަލް ރެންޕޮންސް ޓް ދަ ކްރިޓިސް" ގައި ބުނާގޮތުގައި ބައިލިންގުއަލް ތަޢުލީމެއް ފަރުމާވާންވާނީ އަދި ފަރުމާވި ބޭނުންތަކަކީ:

-       ޖަމާޢަތުގައި ހޭލުންތެރި މީހަކަށްވުމަށް

-       ބަދަހި މުޖުތަމަޢަކަށް ބާރުއެޅުން

-       ވަޒީފާތައް ފަހިވާނޭހެން ތަރުބިއްޔަތުކުރުން

-       ދޭދޭ ޤައުމުގެ މެދުގައި މުޢާމަލާތްކުރުމަށް ފަސޭހައަކަށް

-       މަތީ ގިންތީގެ މީހުންގެ ބައިގައި ސާބިތުވުމަށް

-       އަމިއްލަ ވެށީގެ މަޢުލޫމާތު ފުޅާކޮށް އާންމުކުރުން

-       ތަޢުލީމާއި ތަރުބިއްޔަތުގައި ދުނިޔަވީ ފެންވަރުގައި ސާބިތުވުމަށް.

މައިކަލްގެ ޖުމުލަ ނިންމުމަކީ ބައިލިންގުއަލް އެޑިޔުކޭޝަންއަކީ ކޮންމެހެން އެއިން ޤައުމިއްޔަތާއި އަމިއްލަވަންތަކަމާއި ނަފުސީ ކުރިއެރުމަކަށް މުހިންމުވެގެން ހިނގައިގަތް ނިޒާމެއް ނޫނެވެ. އެހެނަސް އެއީ އިސްވެދެންނެވުނު ފަދަ ބޭނުންތަކަށް ފެށި ހިނގައިގަތް ނިޒާމެކެވެ.

ރާއްޖޭގައި ބައިލިންގުއަލް ތަޢުލީމީ ސިޔާސަތެއް ހިނގައިގަތީ އެއްގޮތަކަށްވެސް ޤައުމީ ކަންކަމުގެ ކުރިމަގަކަށް ނޫނެވެ. އެހެނަސް ތަޢުލީމީ ހަރުފަތުގައި ބޭރުގެ އިމްތިޙާންތަކުގައި ބައިވެރިވެ އެއިން މަތީވަނަ ހޯދުމުގެ ނިޔަތުގައެވެ. ރާއްޖޭގެ ސްކޫލުތައް ގްރޭޑް 10 ނުވަތަ 12 ނިންމައިފައި ބައިވެރިވާ ލަންޑަން ޖީސީއީ އޯޑިނަރީ ލެވެލް އަދި އެޑްވާންސް ލެވެލް އާއި ކެމްބްރިޖް އޯޑިނަރީ އަދި އެޑްވާންސް ލެވެލް އިމްތިޙާންތަކުގައި ވާދަކޮށް މަތީ ފާސް ހޯދުމުގެ ނިޔަތުގައި އިނގިރޭސީބަހަށް އަހުލުވެރިވާށެވެ.[2] މި ނޫން މަޤްޞަދެއް އަޅުގަނޑު ބެލި އެއްވެސް ލިޔުމަކުން ނުފެނުނެވެ.

މަމްދޫޙާ ޢަބްދުﷲ (2019 ތަޤުރީރުތަކުގައި) ހާމަކުރައްވާގޮތުގައި ބައިލިންގުއަލް އެޑިޔުކޭޝަނެއްގެ މައިގަނޑު ބޭނުންތަކަކީ މުޖުތަމަޢަށް ހޭނުމާއި ގިނަ ބައްސަ މީހުންގެ މެދުގައި އޮންނަ ތަފާތު ނައްތައިލުމާއި ބަދަހި މުޖުތަމަޢަކަށް މަގު ފަހިކުރުމެވެ. އަދި ބޭރު ދުނިޔެއާ މުޢާމަލާތްކުރުމުގެ ޤާބިލްކަން ހޯދައިދިނުމާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާއި ދީނީ އަމިއްލަވަންތަކަން ދެމެހެއްޓުމާއި ބަހަވީ ސިޔާސީ ގުޅުން ވަރުގަދަ ކުރުމާއި މަތީ ދަރަޖައިގެ ގުރޫޕުތަކުގެ ބާރު ހިފެހެއްޓުމެވެ. ހަމަ މިއާއެކު ދިރިއުޅުމުގައި ދެބަހަށްވެސް އޮތް ޤާނޫނީ ބާރު ހޯދައިދިނުމާއި ތާރީޚާއި ސަޤާފަތާއި ބަހުގެ މަޢުލޫމާތު ފުޅާކުރުމެވެ.

އިސްވެ ދެންނެވި މަޤުޞަދުތަކުގެ ތެރޭގައި އަޅުގަނޑު އިހަށް ދެންނެވި ބޭރުގެ އިމްތިޙާންތަކުގައި ހެޔޮ ނަތީޖާ ނެރުން، ނެތެވެ. ނަމަވެސް ރާއްޖޭގައި ދެވަނަ ބަހަކުން ތަޢުލީމު ދިނުން ވަރުގަދަކުރި އެއް މަޤްޞަދަކީ އަޅުގަނޑު ދެންނެވި، އިމްތިޙާންތައް ކާމިޔާބުކުރުމެވެ. ދެބަހުގެ ތަޢުލީމީ ނިޒާމާމެދު ވާހަކަދެކެވޭ ހަމަ ކޮންމެ ފަހަރަކުހެން މި ކަންކަމުގެ ވާހަކަ ދެކެވިފައިވީތީ މިއީވެސް ދިވެހިރާއްޖޭގައި ދެބައްސަ ތަޢުލީމެއްގެ މަޤްސަދާއި ބޭނުންކަމުގައި ބެލިދާނެއެވެ.

 

ދިރާސާތަކުން ހާމަވިގޮތުގައި ފުރިހަމަ ބައިލިންގުއަލް ތަޢުލީމީ ނިޒާމެއްގައިނަމަ:

 

ރަނގަޅު ބައިލިންގުއަލް ނިޒާމެއްގައި އެތަނެއްގެ ގިނަ ބަޔަކު، ދެ ބަހުން ކިޔަވައިދޭށާއި ކިޔަވަން ޤަބޫލުކުރާނޭކަމުގައި، މި ދާއިރާގެ ޢިލްމީ ހައިސިއްޔަތާބެހޭ ދިރާސާއެއް ކޮށްފައިފާ ކެވިން އެމް. ވޮންގް (2016) ހާމަކޮށްފައިވެއެވެ. އޭނާ ދެކޭގޮތުގައި އަދި އޭނާގެ ދިރާސާއިން ހާމަވެފައިވާގޮތުގައި ބައިލިންގުއަލް ފުރިހަމަ ނިޒާމެއްގައި، ޚާއްސަ ކަންތައްތަކެއް ހުންނަންޖެހެއެވެ. ހަމަ މިފިކުރުގައި ލީން މަލާރޒް (2015) އެކުލަވައިލައިފައިވާ ފޮތް "ބައިލިންގުއަލް އެޑިޔުކޭޝަން: އިފެކްޓިވް ޕްރޮގުރާމް ފޯ ލެންގުއޭޖް މައިނޮރިޓީ ސްޓޫޑެންޓްސް" ގައިވެސް ބުނެފައިވަނީ ބައިލިންގުއަލް އެޑިޔުކޭޝަނެއްގެ ނިޒާމުގައި، ނުވަތަ އުސޫލުގައި ހުންނަންޖެހޭ ސިފަތަކެއް، ރޫޙެއް ވާނޭކަމުގައެވެ.

ބައިލިންގުއަލް ފޯމެޓް އެޑިޔުކޭޝަނެއްގައި ކޮންމެހެންވެސް ހިމެނުން އެދޭ، އަދި އެ ފަދަ ތަޢުލީމެއް ފުރިހަމަވެފައިވާނަމަ ފެންނާނޭ ކަންތައްތަކާއި ރޫޙުކަމުގައި ގިނަ ދިރާސާތަކުގައި އެއްބަސްވެފައިވާ ކަންކަމަކީ:

-       އެ ވެއްޓެއްގައި އުނގެނެން ތިބި ކުދިންގެ ބެލެނިވެރިންނާއި ޖަމާޢަތުގެ ބޮޑުބައެއް އެ ނިޒާމެއް ޤަބޫލުކުރާނެ

-       ކޮންމެކުއްޖަކަށްވެސް އެ ކުއްޖަކުބޮޑަށް ޤަބޫލުކުރާ ފަރިތަ ބަހަކުން ނުވަތަ ބަސްތަކަކުން ކިޔެވުމުގެ ފުރުސަތު އޮންނާނެ

-       ކޮންމެ އުނގެނުމެއްގައި ހަމަހަމަ އުސޫލެއް ދެބަހަށްވެސް ލިބިގެންވާންވާނެ

-       ކޮންމެ މާއްދާއެއްވެސް ދެބަހުން ނުވަތަ އެ ތަނެއްގައި ފަރުމާވެފައިވާ ބަސްބަހުން ކިޔެވޭންވާނެ

-       ދަރިވަރު ކިޔަވާން ބޭނުންކުރާ ދެބަހުން ވާހަކަދެއްކުމާއި ލިޔުމުގެ ޤާބިލްކަން ލިބުމަށް ފުރުސަތު އޮންނަންވާނެ

-       ބަހުގެ އަޑުމަޚުރަޖާއި ކިޔުމުގެ ޤަވައިދާއި ލިޔުމުގެ އުސޫލާއި ލިންގުއިސްޓިކް ބަޔަށް އެ ދަރިވަރުން އަހުލުވެރިވާނެ.

-       އެއްވެސް ކުއްޖަކު ކިޔަވާ ބަހަކުން ބަސް ބޭނުންކުރާގޮތަކުން ފުރައްސާރަކުރެވިގެން ނުވާނެ.

-       އުނގެނުމަށް ބޭނުންކުރެވޭ ދެބައްސައިން އެއްބަހަކީވެސް ނިކަމެތި ދަށް ނުކުޅަދާނަ ބަހެއްކަމުގައި ދެކެގެން ނުވާނެ.

-       ވަކި ބަހެއް ނޭނގުމުން ދަށް، ނިކަމެތި ކުއްޖެއްކަމުގައި ބެލުމުގެ ފުރުސަތު އޮވެގެން ނުވާނެ

މި ތަނުގައި މި ލިސްޓުކޮށްލީ ޖުމުލަކޮށް ބުނެވޭން ހުރި ވާހަކަތަކެވެ. މި ލިސްޓަށް ބަލައި ރާއްޖޭގެ ޙާލަތަށް ކުރުކޮށް ވިސްނައިލަމާތޯއެވެ. ނޫސްތަކުންނާއި ބައެއް ދިރާސީ ދިވެހި ރިޕޯޓްތަކުން އެނގޭގޮތުގައި ރާއްޖޭގެ ބައިލިންގުއަލް ނިޒާމުގައި ގޮންޖެހުންތައް އެބަހުއްޓެވެ. ހީ ނުކުރާ ހުރަސްތައް ކުރިމަތިވެއެވެ. އުނގެނުމުގެ މާޙައުލުގައި ތުރާ އެބަހުއްޓެވެ. ނާޝިދު ސުލައިމާން (2017) ކޮށްފައިވާ ދިރާސާ "ދަރިވަރުން ދިވެހިބަހަށް ޝައުޤުވެރިކުރުވުމަށް މުދައްރިސުންނަށް ހުރި ގޮންޖެހުންތައް" ގައި ބުނާގޮތުގައި، ދިވެހިބަހުގެ ބައެއް އުނގެނުމަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. ސަބަބަކީ ދެވަނަ ބަހުގެ ނުފޫޒާއި މާދަރީބަހުން އުނގެނެން ހުރި ފުރުސަތު ކުޑަވުމެވެ. އަދި ކުދިންނަށް ދެވަނަ ބަހުން އުނގެނުން މަޖުބޫރުކުރުން އެންމެ ޅަފަތުއްސުރެ ބޮޑުވުމެވެ.

ރާއްޖޭގައި އޮންނަނީ ދެބައްސަ ތަޢުލީމަކަށްވާއިރުވެސް މާދަރީބަހަށްވުރެ ބޮޑަށް ދެވަނަ ބަސްކަމުގައިވާ އިނގިރޭސީބަހަށް ދީފައިވާ ސަމާލުކަން ރާއްޖޭގެ ކަރިކިއުލަމުން ފެންނަކަމުގައި ނާޝިގެ ދިރާސާގައި ހާމަކޮށްފައިވެއެވެ. އެ ކަރިކިއުލަމްގައި ދެ މާއްދާއެއް ފިޔަވައި ދެން ހުރި ހުރިހާ މާއްދާއެއް އިނގިރޭސީބަހުން ކިޔަވަންޖެހުމުން ދަރިވަރުންގެ ކިބައިގައި މާދަރީބަހުގެ ޤަދަރު ގެއްލި އަދި އެ ކުދިންކުރެ މާދަރީބަހަށް މޮޅުކުދިންނަށްވެސް ކުރިއަށްދިއުމުގެ ފުރުސަތު ގެއްލިފައިވެއެވެ.

ޙަޤީޤަތަކީ މިއަދު ގިނަކުދިން މާދަރީބަހުގެ ހަމަތަކާއި އުސޫލަށް ބީރައްޓެހިވެއްޖެއެވެ. މާދަރީބަހުންނަމަ ކުށްކިޔުން މައްސަލައެއްކަމުގައި ނުދުށުން އާންމުވެއްޖެއެވެ. ރަނގަޅު ފުރިހަމަ ދެބައްސަ ނިޒާމެއްގައި ދެބަހުގެ ހަމަތަކާއި އުސޫލަށްވެސްކުދިން ހެޔޮވާންޖެހޭނެއެވެ. ދެބަހުގެ ޢިލްމީ ޤާބިލްކަން ދަރިންނަށް ލިބިފައިވާންޖެހޭނެއެވެ. މިހިރަ މިހިރަ ކަންކަމީ ދެބައްސަ ތަޢުލީމެއްގައި ފުރިހަމަ ނިޒާމެއްގައި ހުރެގެން ނުވާނޭ ސިފައެވެ.

ދިވެހި ދަރިންކުރެ ގިނަ ބަޔަކު އަދި އިނގިރޭސީބަހަށް ލޯބިކުރާ ގިނަ ބެލެނިވެރިންނާއި އެހެންވެސް ބޭފުޅުން ދިވެހިބަހުގެ އުނގެނުމާ ދެކޮޅެވެ. އަދި ގިނަ ބަޔަކު ދިވެހިބަހުގެ އިމްތިޙާންވެސް ހަދާކަށް ބޭނުމެއް ނުވެއެވެ. ބައެއް މީހުންގެ ބަހަކީ އޭނާގެ ދަރިފުޅު ދިވެހިބަހަށް ދަށްވީމާ އިމްތިޙާން ހަދަން ބޭނުން ނުވަނީއެވެ. އަދި ޢަރަބި މަދުރަސާތަކުގައި ބައެއް ބެލެނިވެރިން އިނގިރޭސީބަހުގެ ޢިލްމާ އިދިކޮޅެވެ. މިއީވެސް   ފުރިހަމަ ބައިލިންގުއަލް ތަޢުލީމީ ނިޒާމެއްގައި ނުފެންނާނޭ ސިފައެވެ.  

އިސްވެ ބަޔާންވި މަޢުލޫމާތާއި ދިވެހިންގެ ފިކުރާއި ދިވެހި މަދުރަސާތަކުގައި ހުރި ގޮންޖެހުންތަކާއި ކަން ހިނގާގޮތް ބަލައި ތެދަށް ދަންނަވާނަމަ ދެންނެވޭނީ ރާއްޖޭގައި ފުރިހަމަ ބައިލިންގުއަލް ނިޒާމެއް ނެތްކަމުގައެވެ. ނަމަވެސް ފުރިހަމަ ބައިލިންގުއަލް ނިޒާމަކަށް މަގުފަހިކުރާ ކަންތައްތައް އެބަހުރިކަމުގައި ދެންނެވިދާނެއެވެ.

 

ނިންމައިލަމުން:

 

މިފަދަ ލިޔުންތަކަކީ ފަހުނިންމުމެއް ނޫނެވެ. އަޅުގަނޑުގެ މި މަސައްކަތަކީ ޢިލްމީ ދިރާސާއެއް، ފުޅާ ދާއިރާއެއްގައި އެކަށޭނަ މިންވަރެއްގައި ކޮށްފައި މެނުވީ ރަނގަޅު ޖަވާބެއް ދެވެން ނެތް ސުރުޚީއަކަށް ކޮށްފައިވާ މަސައްކަތެކެވެ. އަދި ލިޔުމަށް ލިބިފައިވާ މިންވަރާއި ހޯދުމަށް ހޭދަކުރަން ލިބިފައިވާ ހަނި ވަގުތުތަކުން އެކަށޭނަ ހޯދުންތަކަށް ވާސިލުވެގެން ކޮށްފައި މެނުވީ މި ނިންމުމަށް ޤައުމީ ވިންދެއް ޖަހައިގެން ނުވާނެއެވެ.

ކޮންމެއަކަސް ބައިލިންގުއަލްގެ އަސްލާއި އުފެދި ހެދިފޯދުނު ގޮތްތަކާއި ބާވަތްވެގެން ދިޔަ ގޮތް އެނގުނު މިމަސައްކަތުން ވިސްނުނީ ރާއްޖޭގައި މި އޮތް ބައިލިންގުއަލް ނިޒާމު އަދި ފުރިހަމަ ނުވާކަމުގައެވެ. އިތުރު އެތައް މަސައްކަތެއް ކޮށްގެން މެނުވީ ދަރިންނާއި ޤައުމަށް ފައިދާހުރިގޮތެއްގައި މި ބައިލިންގުއަލް ނިޒާމު ފައްކާނުކުރެވޭނޭކަން ކަށަވަރެވެ. ދިވެހިންނަކީ އަބަދުވެއް ޢިލްމަށް ހޭލާން ބޭނުންވާ ބައެއްކަމާއި އެކަމަކު ވަޠަނިއްޔަތަށް ހުރި ފިކުރު ދުރުކަން އިތުރަށް މި މަސައްކަތުން ވިސްނުނެވެ. އެހެންކަމުން މި ކުރު ހޯދުންތަކުން ވިސްނުނު އެއްކަމަކީ ފުރިހަމަ ބައިލިންގުއަލް ނިޒާމެއްގައި ހުންނާނޭ ސިފަތަކާއި ބޭނުންތެރިކަން ރައްޔިތުންނަށް ވިސްނައިދޭންޖެހޭކަމުގައެވެ.

މިފަދަ ޢިލްމީ މަސައްކަތެއް ނިންމައިލުމަށް މި އަޅާއަށް އިރާދަކުރެއްވި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޝުކުރުކޮށް ޙަމްދުކުރަމެވެ. 

(ނިމުނީ)


 

ޙަވާލާ ދެވޭ ލިޔުންތައް:

 

ޙަސަން ޙަމީދު. ޑރ. (ވެބްސައިޓް http://www.hassanhameed.com) 2020 ޖެނުއަރީ 27 0:15.

ޙަސަން ޙަމީދު. ޕީ.އެޗް.ޑީ. (2008). ދިވެހިރާއްޖޭގެ ތަޢުލީމު ހަތަރުއަނގޮޅިއެއްގައި، ދަރުމަ ޖެނުއަރީ 13-3؛

ނާޝިދު ސުލައިމާން. (2017). ދަރިވަރުން ދިވެހިބަހަށް ޝައުޤުވެރިކުރުވުމަށް މުދައްރިސުންނަށް ހުރި ގޮންޖެހުންތައް، ފެކަލްޓީ އޮފް އާރޓްސް؛ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ދިވެހިރާއްޖެ

ކެވިން އެމް.ވޮންގް. (2016). ޕާފެކްޓް ބިލިންގުއަލް އެޓެއިނަބްލް.

އެންޑްރިއާ މެޝީނިޟް. (2011). ބައިލިންގުއަލް އަޑިއުކޭޝަން. ކްރޮއޭޝިއާ

މައިކަލް އެސް. މޯސަސް. (2000). ވައި ބައިލިންގުއަލް އަޑިޔުކޭޝަން ޕޮލިސީ އިޒް ނީޑެޑެ؛ އަ ފިލޯސަފިކަލް ރެންޕޮންސް ޓް ދަ ކްރިޓިސް، ބާރޓިން ޔުނިވަރސިޓީ

މެހްމެޓް ސެމް އެޑްސިޣުލޫ. (2016). ބައިލިންގުއަލިޒަމް އެންޑް ބައިލިންގުއަލް އަޑިޔުކޭޝަން، ބައިލިންގުއަލިޒަމް އެންޑް ޓްރާންސްލޭޝަނަލަ އެކްޝަން، ބާރޓިން ޔުނިވަރސިޓީ

ލީން މަލާރޒް. (2015). ބައިލިންގުއަލް އަޑިޔުކޭޝަން: އިފެކްޓިވް ޕްރޮގުރާމް ފޯ ލެންގުއޭޖް މައިނޮރިޓީ ސްޓޫޑެންޓްސް، އެސޯސިއޭޝަން ފޯ ސުޕަރވިޒަން އެންޑް ކަރިކިއުލަމް ދިވެލޮޕްމަންޓް، އެމެރިކާ

ޒީނަތު އަޙްމަދު. (2015). ދިވެހިރާއްޖޭގެ ޕްރީސްކޫލުތަކުގެ ބައިލިންގުއަލް ދަރިވަރުން ބަސްކޮށާރު ބޭނުންކުރުމުގައި އިސްކަންދޭ ބަސް. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ:ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖެ



[1] http://www.hassanhameed.com މި ސައިޓުގައި ޙަސަން ލިޔުއްވައިފައިވާ ދިރާސީ ދިގު ލިޔުމެއް އެބަ އޮތެވެ. އެ ލިޔުމާ ގުޅޭ އެތައް ސައިޓެއް ހާމަކުރައްވައިފައިވެއެވެ. ޑރ. ޙަސަން ޙަމީދަކީ ޤައުމީ ވަޠަނީ، އަދި ޢިލްމީ ގޮތުން ލިޔުއްވާ ލިޔުއްވުންތެރިއެކެވެ. ވިދާޅުވާ ހަމަ ކޮންމެ އެއްޗެއް ޢިލްމީ ހަމައިން ހެއްކާއެކުގައި މެނުވީ ވިދާޅުވެފައި ނުވެއެވެ.

[2]  ރާއްޖޭގެ ސްކޫލުތަކުގެ ނަތީޖާ މަތިކުރުމަށް ވޯކްޝޮލްތައް ރޭވޭ ކޮންމެ ފަހަރަކު އެޑިޔުކޭޝަނުން ދައްކަވައިފައިހުރި ވާހަކަތަކުގައި ގިނައިންހުރީ ރާއްޖޭގެ އޯލެވެލް އޭލެވެލް ނަތީޖާ މިއަށްވުރެ ރަނގަޅުވާނީ އިނގިރޭސީބަހުގެ ފެންވަރު މަތިވެގެންކަމުގައެވެ. އަދި ދިވެހި މުދައްރިސުންނާއި އިސްލާމް މުދައްރިސުންނަށް އިނގިރޭސީ ކޯސްތަކެއް ހިންގަންޖެހޭކަމަށްވެސް ވާހަކަދައްކައިފައި އެބަހުއްޓެވެ. މިއިން ދޭހަވަނީ އެޑިޔުކޭޝަންގެ ސިޔާސަތުގައި އެއްޗެއް އެނގުމަށްވުރެ އިމްތިޙާނުގެ ނަތީޖާ މަތިކުރުން މުހިންމުވެގެން ދިޔަކަމެވެ.