28.2.21

ކުރޮޅި އާދަމް ޒާހިރު ލިޔުން: އިންސާނީ ދުނިޔޭގެ ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކުގައި ވަލުގެ ބޭނުންހިފުމުގައި ސަމާލުވަމާ kurolhi Adam zahir liyun: save the jungles for sustainable life

 

އިންސާނީ ދުނިޔޭގެ ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކުގައި 

ވަލުގެ ބޭނުންހިފުމުގައި ސަމާލުވަމާ!

ލިޔުނީ: އާދަމް ޒާހިރު

އިންސާނާ ވުޖޫދުކުރައްވައި އެ އިންސާނާއަށްޓަކައި ބިމާއި ކަނޑު ލެއްވި ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިރާދަފުޅުން ބިމުގައި ގަސްގަހާގެއްސާއި ޖަނަވާރާއި ދޫނިސޫފާސޫފި ލެއްވީ ދިރި ދެމިގެންދާ އިންސާނީ ޙަޔާތަކަށް އެ ދުނިޔެ ބޭނުންކުރުމަށް މޮޅު ނިޢުމަތްތައް ދިރުއްވައިފައެވެ. އެ ނިޢުމަތްތަކުން ބޮޑު ބައެއް ވަނީ ވާވަލާއި ކަނޑުފަޅުތަކުގައެވެ. މިއަދު މި ތަންތަނުގެ ބޭނުން ހިފުން ގިނަވެ ނުވަތަ ނުބައިގޮތުގައި ބޭނުން ހިފައި ދުނިޔެއަށް މުސީބާތަކަށް ވާވަރަށް ހަލާކުވެގެންދާއިރު، އެ ނިޢުމަތް ދެއްވި މަތިވެރި ކަލާނގެ އަމުރުފުޅުގައި، މިތަކެއްޗަށް އޯގާތެރިވުމަށާއި ގެއްލުން ނުދިނުމަށް އަމުރުކުރައްވައި އެ ކަލާނގެ ދެއްވި ރޯދީގެ ބޭނުން ހެޔޮގޮތުގައި ހިފަން އަމުރުކުރެއްވިކަން ހަނދާންކުރަންޖެހެއެވެ. "ސޭވިން ދަ ރެއިން ފޮރެސްޓް" ގައި ސެއިލީ މޯގަން (2016) ހާމަކުރާގޮތުގައި މިއަދު ދުނިޔޭގެ ޖަންގަލިތަކުން ބިލިޔަން ގަސް ހުސްވާން ފަށައިފިއެވެ. ހީ ނުކުރާވަރުގެ ގެއްލުންތައް، މިކަމުން އިތުރުވާންފަށައިފިއެވެ.

ޝައްކެއްނެތެވެ. ދުނިޔޭގައި ލެއްވި މަޚުލޫޤުންކުރެ ބުއްދީގެ ގޮތުން މާތްކުރެއްވި އިންސާނާގެ ދިރިއުޅުމަށް ބޭނުންވާ މުހިންމު އަސާސްކަމުގައި ނޭވާލުމުގެ ނިޒާމުވެއެވެ. އެ ނޭވާއަށް ބޭނުންވާ އޮކްސިޖަން އެންމެ ބޮޑަށް ލިބޭ ވަސީލަތަކީ ގަސްގަހާގެހިކަން އެނގެއެވެ. އެ ގަސްތައް ހިމާޔަތް ނުކުރާނަމަ، ނުވަތަ އެ ގަސްގަހާގެހީގެ ވެށިކަމުގައިވި ވާތައް ނެތިކޮށްލައިފިނަމަ އޮކްސިޖަންގެ ނިޒާމު ޚަރާބުވާނޭކަން ކަށަވަރެވެ. ވެޖެނިންގެން ޔުނިވަރސިޓިގެ ފަރާތުން ވިންސެންޓް ބްލޮކް (2017) ކޮށްފައިވާ ދިރާސާގައި މި ކަމުގެ ކަންބޮޑުވުން ހާމަކޮށްފައިވެއެވެ. އޭނާގެ އެހެން ލިޔުމެއްގައި ބުނެފައިވެއެވެ. އުސް އުސްކޮށް ހަދަމުންދާ އިމާރާތްތަކުން އިންސާނާއަށް އޮކްސިޖަނެއް ނުދޭނެއެވެ. އެހެންވެ ސާފު އޮކްސިޖަނަށްޓަކައި ދެމެހެއްޓެނިވި ޙަޔާތަކަށް އެދޭނަމަ ވާތައް ނެތިވިޔަ ނުދީ ދެމިގެންދާނޭގޮތެއްގައި ބޭނުންކުރުމަށް ވިސްނަންޖެހެއެވެ.

ދުނިޔެ އާރާސްތުކުރުމުގައި އަބަދުގެން ފިކުރުކުރާ އިންސާނާ މިއަދުވަނީ ޢިމާރާތްކުރުމުގައި އާ އީޖާދުތައް ނެރެ ބޭނުންކުރަން ފަށައިފައެވެ. އިހުގައި ލަކުޑި ބޭނުންކުރިވަރު ގިނަވެފައި މިއަދު އެހެން އާ އީޖާދުތައް ބޭނުންކުރުން އިތުރުވިކަމުގައިވިޔަސް އެ ތަކެތި އުފެއްދުމުގައި ގަސްގަހާގެއްސާއި އެ ތަކެއްޗާ ގުޅިފައިވާ އެތައް އެއްޗެއް ނެތިކުރަމުން ހުސްކުރަމުންދާކަމުގައި ލިޔުންތަކުން އެބަ އަންގައެވެ. އެއްވެސް ވިސްނުމެއް ނެތި ގަސްތައް ކަނޑައި އެތަނުގެ ބިންތައް ކޮނެ، އެންމެ އަޑިން ނެގުނުހާ މައުދަނަކާއި އެހެން ބާވަތްތައް ނަގައި މިއަދުގެ ހޯދުންތަކުން ދަނީ ނެރެމުންނެވެ. މިއީ ބައިނަލްއަޤްވާމީ ތިމާވެށިޖަމިއްޔާއިން އަދުވެސް އިންޒާރުދެމުންދާ ކަންކަމެވެ. ދުނިޔެއަށްޓަކައި ވިސްނައި ވަލުގެ ބޭނުން ހިފާގޮތް ބަދަލުކުރަންޖެހޭ ވާހަކަ ލިޔެ ހާމަކޮށް އިންޒާރުތަކުން އެބަ އަންގައެވެ. އެހެނަސް ހިތާމައަކީ ހިމާޔަތުގެ އަމުރަށް ފިޔަވަޅު އަޅާމީހުން މަދުކަމެވެ.

ޔުނައިޓެޑް ނޭޝަންސްގެ ނެޝަނަލް އެސެމްބްލީއިން ފާސްކޮށް ކުރިއަށް ރާވައިފައިވާ ސްޓްރެޓެޖިކް ޕްލޭން ފޯ ފޮރެސްޓްސް 2017-2030 ގައި ހާމަކޮށްފައިވާގޮތުގައި ދުނިޔޭގެ ބޮޑެތި ޖަންގަލީތަކަށް (ވާތަކަށް) އަޅައި ނުލައިފިނަމަ އިންސާނީ ޙަޔާތަށް އޮތީ ނުރައްކަލެވެ. ދުނިޔެ ހަލާކުވުން އަވަސްވެ ޠޫފާންތައް ގިނަވާނެއެވެ. ވީމާ ވާތައް ބޭނުންކުރުމުގައި އިންސާނީ ދިރިހުރުމަށާއި ސަލާމަތަށް ވިސްނުން އިތުރުކުރަން އެބަޖެހެއެވެ.

ސެލީ (2016) ހާމަކުރާގޮތުގައި މިލިޔަން ދިރުން ވާވަލުން ނެތި ހުސްވުމުގެ ބިރު މިއަދު އުފެދިއްޖެއެވެ. ޖަނަވާރާއި ދޫނިސޫފާސޫއްޕަކީ އެތައް ޗޭނެއްގެ މުހިންމު ނިއުމަތަކަށްވާއިރު ނެތި ދިއުމުގެ ބިރުން ވަރަށް ބޮޑު ހާސްކަމެއް އުފެދެއެވެ. ވަރަށް ކުޑަ މިސާލަކުން ވިސްނައިލާށެވެ. ދުވަސްވީ މީހަކު ބުނެލި ބުނުމެކެވެ. "ރަށުން ބުޅާ މަދުވާއިރަށް މީދާ ގިނަވެއެވެ. މީދާ މަދުވާއިރަށް ބުޅާ މަރުވުންއިތުރުވެއެވެ" ތެދެކެވެ. އަދި އެހެން އަސްލަކަށް ވިސްނައިލާށެވެ. ބަރަބޯ ކަރާ ފަދަ ވެޔޮތައް ހައްދައި ދަނޑުވެރިކަންކުރާމީހުން މިއަދު މާމަލުގެ ގުޅުންތައް އުފައްދަނީ އެއްމަލުގެ ތަނޑުގައި ހިފައި އަނެއްމަލެއްގައި ޖައްސައި ޖޯޑުކޮށްގެނެވެ. މިއީ ކީއްވެ ކުރަންޖެހުނު ކަމެއްކަން ވިސްނައިލެއްވީ ކާކުބާވައެވެ. ކޮކާ ބަޅިދު ކުދި ދޫނި ނުއުދުހޭ ދަނޑަކުން އެކަށޭނަ ތަރުކާރީ މޭވާ ނުލިބޭނެކަން ވިސްނާށެވެ. ދަންނަވަން މިއުޅެނީ ވަލުގައި ލެއްވި ދޫނިސޫފާސޫއްޕާއި ޖަނަވާރުތައް މަރައި ހުސްކުރާނަމަ، ނުވަތަ ހިފައި ހުސްކުރާނަމަވެސް އެ ތަކެއްޗާ އެ ވަލާ ހުރި ގުޅުން ނެތި އެއިން ލިބޭން ރޭވިފައިވާ ޗޭނީ ފަރުވާތައް ނެތި ބިން ގަސްތައް ހަލާކުވާނޭ ވާހަކައެވެ. ދަނޑުތައް ނުހެއްދޭނޭ ވާހަކައެވެ. ދަނޑުތަކުގެ ދިރުންތައް ހީނަރުވާނޭ ވާހަކައެވެ. ވީމާ އެނގެނީ ދިރި ދެމިގެންދާ ޙަޔާތަކަށްޓަކައި ވަލުގެ ބޭނުންކުރާ މީހުން ވިސްނަންޖެހޭކަމެވެ.

މި ޒަމާނުގައި ޠޫފާންތައް ގިނަވެ ބިންތައް ހަލާކުވަމުންދާ ޚަބަރުތައް ގިނަވަމުން އެބަދެއެވެ. މިފަދަ ގިނަ ޚަބަރުތަކާ ގުޅޭގޮތުން ނޫސްތަކުގައި ގިނަ ލިޔުންތަކެއް ލިޔެއެވެ. މިގޮތުން ލިޔާ ގިނަ ލިޔުންތަކުގައި އެ ޠޫފާންތައް އައުމުން ލިބޭ ގެއްލުން ބޮޑުވުމާއި އެއިން ބައެއް ޠޫފާންތައް ޠޫފާނަށްވުމުގައި އިންސާނާގެ އިހުމާލް ބޮޑުކަމުގައި ހާމަކޮށްފައިވެއެވެ. މަޝްހޫރު ދުވަހު ނޫހެއްކަމުގައިވާ ޑެއިލީ މެއިލްގައި ބުނެފައިވާގޮތުން ވާތައް (ޖަންގަލިތައް) ކޮށައި ގަސްތައް މަދުވީމާ އެ ތަންތަނަށް ވެހޭ ފެނުން ބިންތައް ހަލާކުވުން އިތުވެއެވެ. އަދި ބައެއް ހިސާބުތަކުގައި ގަސްތައް މަދުވީމާ ކައިރި ހިސާބުތަކަށް ވާރެއާއިވައި ޠޫފާނަކަށްވެގެންދެއެވެ. އަދިވެސް ހާމަކުރާގޮތުގައި ބިންގަނޑު ކަނޑައިގެން ދިއުމާއި ބިން ގިރުމުގެ ޙާދިސާތައްވެސް ހިނގައިފައިވަނީ ގިނަފަހަރު މިފަދަ އިހުމާލުގެ ނަތީޖާއެއްގެ ގޮތުގައެވެ. ވީމާ އިންސާނުންގެ ދިރި ދެމިހުރުމާއި ދުނިޔޭގެ ދެމިއޮތުމަށް އެދޭނަމަ ވާވަލުގެ ބޭނުންހިފުމުގައި އަދަށްވުރެ ބޮޑަށް ސަމާލުވެ ވިސްނަންޖެހެއެވެ.

ވާތައް ކޮށައި ތިރިކޮށް ސުންނާފަތިކޮށް އޭގެ ނިޒާމު ހަލާކުކޮށްލައި ހެދުމުން ލިބޭ ގެއްލުންތަކުގެ ވާހަކަ އަޅުގަނޑުމެން ދައްކަނީ ވަރަށް ކުޑަކޮށްކަމުގައި ސެލީ (2016) ހާމަކޮށްފައިވެއެވެ. އެހެނަސް އިންސާނުންނަށް ކާނާއާއި ބޭސްވެރިކަމާއި ގެދޮރާއި ތަރައްޤީ ލިބިދިއުމުގައި ޙަޤީޤީ ސިއްރުވަނީ ވާތަކުގައި ކަމުގައި ޤަބޫލުކުރަންޖެހެއެވެ. އެ ތަންތަން ހަލާކުވެ ނެތިދާވަރަކަށް ފެނުގެ ދަތިކަން އިހުސާސްކުރަންޖެހޭނެއެވެ. ލަކުޑި ނުލިބުން އިތުރުވާނެއެވެ. ކާނަ މަދުވާނެއެވެ. އެއްގަމު މަސް ނުލިބޭނެއެވެ. ބިން ގިރައި ގެދޮރަށް ޖާގަ ނެތޭނެއެވެ. ބަލިމަޑުކަން އިތުރުވެ މުސީބާތްތައް ކުރިމަތިވާނެއެވެ. މިހުރީ ހައްތާ ބިރުވެރި ޚަބަރުތަކެވެ. ޙަޤީޤަތަކީ ދުނިޔެ ލެއްވީ އިންސާނުންގެ ޙަޔާތަށެވެ. އެ ބިން ދެއްވި ކަލާނގެ އަމުރުފުޅުގައިވަނީ ބިމާއި ބިމުގައި ލެއްވިހާ ތަކެއްޗަކަށް ވިސްނައި އިސްރާފު ނުކުރުމަށް އަންގަވައިފައެވެ. ދެން ވިސްނަވާށެވެ.

ކުރު ކުރު މި ލިޔުމަށްފަހު ދަންނަވާހިތް އޮތީ އޭ އިންސާނުންނޭވެ. އަމިއްލަ ޙަޔާތާއި އަމިއްލަ ވެށި ދެމިއޮތުމަށް އެދޭށެވެ. ވާތައް ކޮށައި ހުސްކޮށް ނޭވާ ހާސް ނުކުރާށެވެ. ދިރޭ އެއްޗެހި މިންވަރަށްވެރެ ގިނައިން މަރައި ހުސްކޮށް ދިރުންތަކުގެ ޗޭނު ކަނޑައި ނުލާށެވެ. އަދި ބިމުގެ ބަނދެވިފައިވާ ނިޒާމު ދެމިއޮތުމަށް އެދޭނަމަ ޙަޔާތުގައި މެދުމިންވަރު ޚިޔާރުކުރާށެވެ. ދުނިޔެއަށް ވާގޮތާއި ސައިންސުވެރިންގެ ބުނުންތައް ލިބިގަންނާށެވެ. ވިސްނައި ދޭހަކުރާށެވެ. އެއަށްފަހު ޙަޔާތުގެ ދެމިއޮތުމަށް މެނުވީ ބައިފިޔަވަޅުވެސް ނާޅާށެވެ. އަޅުގަނޑުގެ ދުޢާއަކީ އަޅަމެނަށް ސަލާމަތާއި ރައްކާތެރިކަން މިންވަރުކުރެއްވުމެވެ. އާމީން.