މައުސޫދާގެ ގޭގައި އެންމެނަށް ސައި
އާދަމް ޒާހިރު (ކުރޮޅި)
ހޮނިހިރުދުވަހެކެވެ. ސްކޫލު ބަންދު ދުވަހަކަށް ވީތީ
މައުސޫދާ އުޅެނީ ގޭގައެވެ. މަންމައާއި ބައްޕަ ދުރުވީ ބާޒާރުކޮށްލައްވާށެވެ.
އެހެންވެ އަރާމުކޮށްލުމުގެ ނިޔަތުގައި ގޭގެ ދޮރު ތަޅުލުމަށްފަހު އޮށޯވެލައިފިއެވެ.
މިނެޓެއްވެސް ނުވަނީސް ދޮރުގައި މީހަކު ޓަކިދީފިއެވެ. މައުސޫދާ އަވަހަށް ތެދުވެ.
ދޮރު ހުޅުވައި ބަލައިލިއިރު ތުއްތަ އޭނާގެ ކުޑަކުޑަ ހަމާ ގޮވައިގެން ހުއްޓެވެ.
ތުއްތަ ވަރަށް ރީތިކޮށް ހީނލައިފައި އަހައިލިއެވެ. "ކޮށްކޮ ބަލައިދީފާނަންތަ.
މި އުޅެނީ ގޭގައި މަސައްކަތެއް ކޮށްލަންވެގެން." ތުއްތަގެ މި ސުވަލަށް އާއެކޭ
ބުނެފައި ހަމާ ގޮވައިގެންގޮސް މައުސޫދާ އެނދުގައި ޖައްސައިލައިފިއެވެ.
"ޓޮކް ޓޮކް ޓޮކް" އިރުކޮޅެއް ނުވަނީސް
އަނެއްކާވެސް މީހަކު ގޭ ދޮރުގައި ޓަކި ދީފިއެވެ. އަވަހަށް ދޮރު ހުޅުވައި
ބަލައިލިއިރު ގެ ސާފުކުރަން އަންނަ މުޙައްމަދުބޭ ހުއްޓެވެ."އަހަނ މައުސޫދާ!
މިއައީ ކުޑަދޮރުތަކާއި ފެންފަހިތައް ސާފުކުރަން. މިގަޑި ރަނގަޅުވާނެތަ؟".
ދެތިން ފަހަރު ހޫނނނނ އަޅުވައިލައިފައި މައުސޫދާ ވިސްނައިލިއެވެ. އަދި ލައްބައޭ
ކިޔައިފައި މުޙައްމަދުބޭ ގެއަށް ވައްދައިފިއެވެ. ގޭގެ މިފަދަ ތަންތަން ނުސާފުކޮށް
ހުރީވިއްޔާ ގޭތެރެ ވަރަށް ނުތާހިރުވާނެއެވެ. އެހެންވެ މިކަމަށް މައުސޫދާވެސް
ވަރަށް ވިސްނައެވެ. އަނެއްކާވެސް މައުސޫދާ އެތެރެއަށް ވަދެ ހަމާއާ ސަކަރާތްޖަހަން
ފެއްޓިއެވެ.
ގިނަ އިރެއް ނުވަނީސް "ޓޮކް ޓޮކް ޓޮކް"
އަނެއްކާވެސް މީހަކު ޓަކި ދީފިއެވެ. ހުޅުވައި ބަލައިލިއިރު އެއީ އަވަށުގެ
ސަރުދާރެވެ. " ކޮއްކޯ! މިއައީ މިގޭގައި އެއްވެސް މައްސަލައެއް ހުރިތޯ
ބަލައިލަން. މަދިރިފަނިއަޅާ އެއްޗެއް ހުރިތޯ އަދި ގޭސްފުޅި ހުރީ ރަނގަޅަށްތޯއާއި
މިކަހަލަ ކަންތައްތައް." މައުސޫދާ ހީނލައިފައި ސަރުދާރުވެސް ގެއަށް ވައްދައިފިއެވެ.
މި ފަހަރު ގޭގެ ދޮރު ލައްޕާކަށް މައުސޫދާ ނުވިސްނިއެވެ.
ހަމާ ގޮވައިގެން އައިސް ގޭތެރޭގައި މީހުން އުޅޭގޮތް ބަލަން ދޮރާ ވަރަށް ކައިރިގައި
ހުއްޓެވެ. މިފަހަރު އައިމީހާ ޓަކި ޖަހާކަށް ނުޖެހުނެވެ. ޓޮކް ޓޮކް ޓޮކް ގެ އަޑު
ނުއިވެނީސް އެމީހާ ގޭތެރެއަށް ވައްދައިފިއެވެ. އެއީ ގޭގައި ކައްކަން އަންނަ
ކައްދައްތައެވެ. އޭނާއާއެކު، ކައްދަތަގެ ދަރިފުޅު ކަލީލުވެސް ހުއްޓެވެ.
މާ ގިނަ އިރެއް ނުވަނީ މަންމައާއި ބައްޕަ ދުރުވެއްޖެއެވެ.
ދެމީހުންގެ ދެ އަތް ފުރާ ކޮތަޅުތައް ހުއްޓެވެ. ކާ އެއްޗެއްސާއި ރީތިވާ ސާމާނާއި
ގެއަށް ބޭނުންވާ އެހެންވެސް ތަކެއްޗެވެ. ދަރިފުޅު ދޮރު ހުޅުވައިގެން ހުރުމުން
މަންމަމެން ހައިރާންވިއެވެ. އަދި ވީ ކީއްތޯ ސުވާލުކުރިއެވެ. "މަންމާ! މިއަދު
ގެއަށް ދުރުވާނެއެއްނު، ސާފުކުރާމީހާ. ކައްކާ މީހާ، މިއަދު އެބަ އުޅުއްވާ،
ސުޕަވައިޒަރުވެސް" މައުސޫދާ ޖަވާބުދިނެވެ.
މަންމަ ގޭގެ ދޮރު ލައިޕައިލުމަށްފަހު ހުރިހާ ސާމާނެއް
ހިފައިގެން ބަދިގެއަށް ނުވަދެވެނީސް "ޓޮކް ޓޮކް ޓޮކް ޓޮކް"
އިވެންފަށައިފިއެވެ. ކޮންމެވެސް މީހަކު ޓަކި ދިނީއެވެ. މައުސޫދާ ދުވެފައިގޮތް ދޮރު
ހުޅުވައިލުމާއެކު ފެނުނީ ބޮޑު ކޭކެއް ހިފައިގެން ހުރި މާމައެވެ. "އަހަނ
ދަރިފުޅާ މައުސޫދާ.. ސައި ބުއީތަ. މާމަ މިއައީ ދަރިފުޅަށް ކޭކެއް ހިފައިގެން"
މައުސޫދަ އުފަލުން ނަށައިގަތެވެ. އަދި މަންމައަށް ގޮވިއެވެ. މައުސޫދާގެ މަންމަ
އޭރު ސައި ހައްދަވަނީއެވެ. މަންމަ ސައި ތައްޔާރުކުރާލެއް ގިނަވީމާ "ތިޔަ ސައި
ހައްދަވަނީ ގޭގައި މަސައްކަތްކުރާމީހުންނާއެކުގައި" ހޭ އަހައިލިއެވެ.
"ލައްބަ ދަރިފުޅާ. އެ އެންމެން އެ ކުރާ މަސައްކަތް ނިމޭއިރު ތިބޭނީ ވަރުބަލިވެފައި. ދެން ފޮނުވައިލަން ވާނީ ސައި ދީފައި. ދަރިފުޅުވެސް އެބަ މަސައްކަތެއްކުރަމެއްނު. ތުއްތަގެ ދަރިފުޅު ތިޔަ ބަލަނީނު." ވަރަށް ލޯބިން ދަރިފުޅުގެ ގައިގައި ބައްދައިލަމުން ބައްޕަ ބުނެލިއެވެ. އަދި ހީނލިއެވެ. (ނިމުނީ)