ފިޔަޖަހައި އުދުހޭ
ކޯމަސް
ލިޔުނީ: އާދަމް ޒާހިރު (ކުރޮޅި)
ފަރިޔާލު އޭނާގެ ގޭ ގޯތިތެރޭ ފަތްޖެހިއެނދުގައި ފިލާވަޅު ކިޔަން އިނެވެ. މިހެން އިންދައި މާ ދުރުން ބޮޑު ބޮޑު ކޯމަހެއް އުދުހެމުން އަންނާތީ ފެނުނެވެ. ފަރިޔާލު އަޖައިބުވެގެން މަންމަމެނަށް ގޮވައި މިތަން ދައްކައިފައި އުފަލުން ހޭންފެށިއެވެ. އިސާހިތަކު އެ ކޯމަސް މިސުރާބުޖެހީ ފަރިޔާލުމެނާ ދިމާއަށެވެ. އައިގޮތަށް އައިސް އެގޯތީ ފަތްޖެހިއެނދާދިމާ މަތީ ވައިގެތެރޭގައި މަޑުކޮށްލައިފައި ބުނެލައިފިއެވެ.
"އިނބަމެން އަހަންނާދިމާއަށް ބަލަން ތިޔަ ތިބެނީ މަލާމާތްކުރަންތަ؟ ތިޔަ ހެނީ ކީއްވެތަ؟ ދެ ފިޔަލީ މަހެއް މީގެކުރިން ނުފެންނަނީތަ؟" މިހެން ބުނެލައިފައި ކޯމަސް ދެފިޔަ ހަލުވައިލިއެވެ.
ފަރިޔާލު ވަރަށް ކަންބޮޑުވި އެވެ. އަދި
"މަލާމާތްކުރަންވީ ކީއްވެހޭ" އަހައިލައިފިއެވެ. "އަހަރެމެން މި
ތިބީ އުފަލުން. ގޭގައި ތިއްބައި މިހާރު ކޯމަސްވެސް ފެންނަން ފެށީވިއްޔަ. މިހާރު
އަހަރެމެން ކުޑަކުދިންނަށްވެސް ތިޔަ މަހުގައި އަތް ލެވޭނެއެއްނު. އެހެންވެ
އުފަލުން މިހެނީ" ފަރިޔާލު ޖަވާބުދިނެވެ. އަދި ކޯމަހާ ދިމާއަށް
ބަލައިލައިފައި ހީނލިއެވެ.
އެވަރުންވެސް ކޯމަސް ހިތްހަމައެއް ނުޖެހުނެވެ. ދެ ފަރާތް
ބަލައިލައިފައި އަނެއްކާވެސް ބުރެއްޖަހައިލައިފައި އައިސް އެ ދިމާގައި ހުއްޓުނެވެ.
"އަހަރެން އުދުހޭތީ ތިޔަ ހެނީ.. އެންމެން ތިޔަ ބަލަނީވެސް އަހަރެން
އުދުހޭތީ.. މިގޮތަށް އުދުހުމުގެ ބާރުވެސް މި ލިބުނީ ހާދަ ފިކުރެއްކޮށްގެންނޭ.
އިނބަމެންވެސް އުދުހެވޭތޯ ބަލަންވީނު. ކޯމަސް އޭނާގެ ޝުޢޫރު ފާޅުކޮށްލިއެވެ.
ފަރިޔާލު އެ ބަހަށް ޖަވާބުދޭން ފެށިއެވެ. "ނޫން
ކޯމަހާ. ޤަބޫލުކުރޭ. މަލާތެއް ނުކުރަން. ދުވަހަކުވެސް ނުކުރާނަން. ކޯމަހަށް މިއަދު
ތިޔަ އުދުހެވެނީ ދެފިޔަ ހުރީމަ. އަހަރެމެން އެކަމާ މިތިބީ ޝުކުރުކޮށްގެން.
އަބަދުވެސް އުފާވޭ، ބަޔަކަށް ތިޔަފަދައަކުން އުޅެވެންފެށީމާ.." ފަރިޔާލު ރާގު
ބަދަލުކޮށްލައިފައި އަހައިލިއެވެ. "ދެން ރުޅި ނައިސް ބުނެބަލަ! ކޮން އިރަކުތަ
ކޯމަހުގެ ފިޔަ ފެޅީ؟ ތިޔައީ އެއްގަމަށް އަރައި އުޅޭ އެއްޗެއްވެސް ނޫނެއްނު.
އަނެއްކާ ތިޔަފަދަ ފުދުންތެރިކަމެއް މީގެކުރިއަކުން ނުލިބެއެއްނު؟"
ކޯމަސް ހިނިގަނޑެއް ޖަހައިލައިފައި، ބަނޑު ފުއްޕައިލައިފައި އެބަހަށް ޖަވާބުދިނެވެ. "މިއީ މިއަދު ބޯފޮޅި އަލިބެވިލުގައި އޮއްވައި ވީކަމެއް. މި ރަށު ބޮޑުމަގުކޮޅާދިމާއަށް ދަނިކޮށް ކުއްލިއަކަށް މާދޫންޏެއް ވަރަށް ތިރިން އުދުހިފައި ދަނިކޮށް ފެނުނީ. އިރުކޮޅަކުން އެ ދޫނި ގަލެއްގައި އިށީން. އަދި އަހަރެން އުޅޭ ޙާލު ފެނިފައި މަލާމާތްކުރި. ބޮޑާވެފައި ބުނި. "ކަލޯ ކޯމަހާއޭ.. ދެ ފިޔަ ހުންނަނަމަ ތިޔަހެން ހާލުގައި އުޅޭކަށް ނުޖެހޭނެއޭ.. ނިކަން އަހަރެންނަށް ބަލައިލަބަލާށޭ. މި އުޅެނީ މިނިވަންކަމާއެކުގައޭ" މިހެން ބުނެ ރަނގަޅަށް ނުނިމެނީސް އައި ރޯޅިއެއްގައި އެ ދޫނި ވިލަށް ވެއްޓިއްޖެ. އަދި ވަރަށް އަވަހަށް ގެނބިއްޖެ. އަހަރެން ހެދިގޮތަކީ އެ މާދޫނީގެ ދެފިޔަ މަރުނުވަނީސް ނައްޓައިލައިފައި އަހަރެންގެ ބުރަކަށީގައި ތަތްކޮށްލީ" ކޯމަސް ވާހަކަ ހުއްޓައިލިއެވެ.
"ދެން ކިހިނެއްވީ؟" ފަރިޔާލު އަހައިލިއެވެ. އަދި
ކޯމަސް އައިސް ގޯތިތެރޭގައި އިށީނުމަށް އެދުނެވެ. ކޯމަސްވެސް ލޮލުން
ކަރުނަތިއްކެއް ބައިލައިފައި މަޑުމަޑުން ފިޔަ ޖަހައިލައިފައި އައިސް އެ ގޯތީގެ
ކަނެއްގައި އޮށޯވެއްޖެއެވެ.
"ދެން އެވަގުތު ލިބުނު ވޭނެއް ނުވެސް އެނގޭނެ.
ގައިގައި ވަރަށް ރިއްސައިލި. މިހާރުވެސް އެ ރިހުމުގެ ވޭން އިހުސާސްވީމާ
ރޮވޭވަރުވޭ.. އެކަމަކު އެ ރިހުން ކެނޑުނުއިރު މި ދެފިޔަ ހުރީ ފަޅައިފައި.. މިއީ
އުފާވެރިކަމެއް... އޭގެފަހުން މި އުދުހެން ފެށީ.. އެންމެ ފުރަތަމަ މި
ބައްދަލުވީވެސް ކަނބުލޮޔާ" ކޯމަހުގެ ވާހަކަ ނިންމައިލިއެވެ.
މާ ގިނަ އިރެއް ނުވެ ކޯމަސް އުދުހިގެން ހިނގައްޖެއެވެ. އޭތި އޮންނަ ވިލާ ދިމާއަށް ދެވުނީ ކިރިޔާއެވެ. އެއްކަލަ ދެފިޔަ އުފުރިގެން ހިގައްޖެއެވެ. އެކަމަކުވެސް ކޯމަސް އޮތީ އުފަލުންނެވެ. އެއީ ކޯމަސް ބޭނުންވި ކަންތައް ވީމައެވެ. މިހާރު ކޯމަސް އެ އޮތީ އުފެއްދެވި އެންމެ ފުރިހަމަ ގޮތުގައެވެ.
ވޭނާއި ތުރާލަކީ ހޯދީމައި ލިބޭ އެއްޗެއްވިއްޔާއެވެ. އުފަލާއި ހިތްހަމަޖެހުމަކީ
ޝުކުރުވެރިވުމުން ލިބޭ ނިޢުމަތެކެވެ. ﷲ ކޮންމެ އެއްޗެއްވެސް ލެއްވީ އޭގެ އެންމެ
ފުރިހަމަގޮތުގައެވެ. (ނިމުނީ)
No comments:
Post a Comment