14.6.21

ކުރޮޅި އާދަމް ޒާހިރު ކުރުވާހަކަ: އަނެކުން ޝިކާރަކުރަން ވަކިއުކާ ސިންގާގެ ނިމިދިއުން kurolhi Adam Zahir kuru vaahaka: Anekun shikaarakuran vakiukaa singaage nimidhiun

 އަނެކުން ޝިކާރަކުރަން ވަކިއުކާ ސިންގާގެ ނިމިދިއުން

އާދަމް ޒާހިރު، (ކުރޮޅި) 3 އޯގަސްޓް 2008

ތަރުޙީބެއް ދެއްވުމަށް މި ބްލޮގްގެ ފޮލޯއަށް (Follow) އަށް ފިއްތަވައިލައްވާ!

މި ވާހަކަ އަމާޒުކޮށްފައި މިވަނީ ތުއްތުކުދިންނަކަށް ނޫނެވެ. 

 


ދީވީ ފުށީގެ މާތުނޑިއާ ދިމާ ވަލުގައި އާދަޔާ ޚިލާފު ސިންގާއެއް އުޅުނެވެ. މިއީ ދީވީ ފުށިން ފެނުނު ހަމަ އެކަނި ސިންގާވެސްމެއެވެ. މިސޮރަކީ ޢާންމު ސިންގާތަކަށްވުރެ ތަފާތު ސިފަތަކެއް ލިބިގެންވާ ސިންގާއެކެވެ. އެންމެ އަޖައިބުކަމަކީ މިސޮރަށް ހަތަރުއަތާއި ދިހަ ފައި ލިބިފައިވާކަމެވެ. އަދި މިއަށްވުރެވެސް އަޖައިބުކަމަކީ މިސޮރުގެ ބޮލުގައި ހުންނަ ސިކުނޑީގެ ކުޑަކަމާއި ވިސްނުން ކޮށިކަމެވެ. އެ ވަލުގައި އުޅޭ ވަރަށް ގިނަ ދޫނިސޫފާސޫތްޕާއި ކުދި ޖަނަވާރުތައް މިކަން ދަނެއެވެ. އަދި ހައިރާންވެގެން އެ ވާހަކަ ދައްކައި އުޅެއެވެ. 

ސިންގާގެ މި ނުކުޅެދުންތެރިކަން، އެނގިފައިވާ ރާމާމަކުނެއް، އެއްދުވަހަކު އައިސް ސިންގާގެ ގާތުގައި ބުންޏެވެ. "މާތް ސާހިބާ. ތިބާއީ މި ޝަހަރުގައި އުޅުއްވާ ހަމައެކަނި ސިންގާ. މި މާ ވަލުގައިވެސް ތިޔަ ނޫނީ ތިޔަފަދަ ޖަނަވާރެއް ނޫޅޭ. އެހެންކަމުން ތިޔައީ މި ވަލުގެ ޢިއްޒަތްތެރި ރަސްގެފާނު. އެކަމަކު މަނިކުފާނުގެ ސިކުނޑިފުޅު ބަލިކަމުން އަޅުގަނޑު ވަރަށް ދެރަވޭ." މިއަޑުއަހައި ދެރަވެގެން ސިންގާ ބުނެފިއެވެ. "އާ މަކުރާ. ދެން ކިހިނެއް ހަދާނީވެސް؟"

ލިބުނު މި މޮޅު ފުރުސަތުގައި މަކުނު މޮޅު ނަސޭޙަތެއް ސިންގާއަށް ދީފިއެވެ. "އެބަ އޮތް މޮޅުގޮތެއް. އަޅުގަނޑުގެ އަތުގައި އެބައޮތް ވިލާތުގެ ސިކުނޑިއެއް. އެއީ އަޅުގަނޑު ވިލާތުން މި ޝަހަރަށް އަންނަން ފުރި ދުވަހު ފެނުނު އެ ސަހަރުގެ ބުއްދިވެރި މިނިކާވަގެއްގެ ބޮޑު ސިކުނޑިއެއް. މި ސިކުނޑި ކައިލިޔަސް އަޅުގަނޑަށް ހަޖަމްކުރެވޭވަރަށްވުރެ ވަރުގަދަ. މިހާ ވަރުގަދަ ސިކުނޑިއަކަށް ވީތީ ބޭނުން ނުކޮށް ރައްކާކޮށްފައި އަދިވެސް މިއޮތީ. މަނިކުފާނު މި ސިކުނޑި ފަރިއްކުޅުއްވަނިކޮށް ވިސްނުންފުޅު އިތުރުވެދާނެ."

ސިންގާ މިކަމާ ރުހިއްޖެއެވެ. އެހެންވެ ރާމާމަކުނަށް ހަޖަމް ނުކުރެވިގެން އުޅުނު ސިކުނޑި މި ސިންގާ އަށޤ ގެނެސްދީފިއެވެ. ސިންގާ ބަލާކަށް ނުހުރެ ނިކަން މީރުކޮށް ކައި ހަޖަމް ކޮށްލައިފިއެވެ. އަދި އިހުނަށް ވުރެ މޮޅު ފިކުރުތައް ކުރެވެން ފައްޓައިފިއެވެ.

އެކަމަކު ދެން ވަރަށް ގޯސް ކަމެއް އެ ސިންގާގެ އަޚުލާޤުގައި ހިނގައިގެންފިއެވެ. އެއީ ސިންގާއަށް ފެންނަ ކޮންމެ އެއްޗެއްގެ ސިކުނޑި ކާހިތްވުމެވެ. އަނެކުންގެ ސިކުނޑިއަށް ދަހިވެތިވާން ފެށުމެވެ. އެހެންވެ ލޮލަށް ފެންނަ ކޮންމެ އެއްޗެއްގެ ވަސް ބަލައި ކާން ބޭނުންވެއްޖެއެވެ. އިހުނަށްވުރެ ބާރަށް ހަޅޭއްލެވުމާއި ތަންތަނަށް ދުވެ އުޅުން އިތުރުވެއްޖެއެވެ. މިހެންގޮސް އެހެން ޖަނަވާރުތައް ބިރުގަންނަ ވަރުވެއްޖެއެވެ.

ސިންގާ އެއް ދުވަހު ހަޅޭލަވަމުންގޮވައެވެ. "ކޮބައިތަ ހުރިހާ ޖަނަވާރުތައް؟ ދޫނިތައް ކޮބައިތަ؟ މި ޖަންގަލީގައި އުޅޭ ތިޔަ ހުރިހާ އެއްޗެއް ތިޔަ ވިސްނަނީ ދީވީވަންގޮތަށްދޯ؟  އެނގޭނު މަގޭ މިހުރީ ވިލާތު ސިކުނޑިއެއްކަން. މަ ވިސްނާނީ ވިލާތު ގޮތަށް. ދެން ތިޔަ ދީވިންނާ އެކު އުޅުން ނިމުނީ. މަ ބުނާގޮތް ހަދަންވާނެ. ކުރިން އޮތް އެއްބައިވަންތަކަން ނިމުނީ. އޯގާވެރިކަމާއި އިންސާފުވެރިކަން ނިމުނީ. ހަމަ ކައިލާނީ. އާދޭ ބޭރަށް. ފިލައިގެން ނުތިބެވޭނެ. މަ މީ ވިލާތު ވިސްނުމުގެ މީހެއް. ތިޔަ އެއްޗެހިންނަކީ މަގޭ ޙައްޤެއް. މަގޭ ކާނާ. ހަމަ ކައިލާނީ" މި ހަޅޭކަށް ހުރިހާ ދިރޭއެއްޗެއް ބިރުގަންނަންފަށައިފިއެވެ.  

ދީވީއަށް އުފަން މި ސިންގާގެ އުނދަގުލާހުރެ އެންމެ ބޮޑަށް ފިކުރުކުރަނީ ދީވީ ޖަންގަލީގެ ޒުވާން ލޭކޮކާލެކެވެ. މިއީ ސިންގާގެ ވިލާތު ސިކުނޑީގެ އަމުރާ ނުރުހޭ ވަރަށް ދިވީ ވަންތަ ކޮކާލެކެވެ. އެހެންވެ ސިންގާގެ މުސީބާތުން ސަލާމަތްވޭތޯ މަސައްކަތްކުރުމަށް މި ލޭކޮކާ އެކި ދިމާއަށް އުދުހި އުދުހި އުޅޭއިރު ސިންގާ އެ ކޮކާލާ ދިމާއަށްވެސް އަތްއުކައި ޝިކާރަކުރަން އުޅެއެވެ. ނަމަވެސް އެކަމެއް ނުވެއެވެ.

އެއް ދުވަހަކު ލޭކޮކާ ސިންގާގެ ނޭފަތުކުރީގައި އިށީނެވެ. ސިންގާގެ ހިތަށްއެރިއެވެ. "މިސޮރުގެ ސިކުނޑި ވަރަށް މޮޅުވާނެ. އަތުލައިގަނެގެން ކައިލާންވީ". މިހެން ކިޔައިފައި ހަތަރު އަތުގެ ވަކިތައް ނެރެ އެ ކޮކާ ޝިކާރަކުރުމަށް ހަތަރުއަތް އެއްފަހަރާ މަޅައިލިއެވެ. "އައްދިއްޔޯތް. މަގޭ ލޮލޯތް. މަގޭ ނޭފަތޯތް، މަގޭ މޫނޯތް. މަގޭ ކޮޔޯއި. މަގޭ ހިނދުރިއޯތް. ހާދަ ލެއެއް އެބަ އޮހޮރެއޭ". ސިންގާ ގޮވައިގަތެވެ.


ސިންގާއަކަށް ކޮކާ އަތެއް ނުވިއެވެ. ސިންގާ އަތްއުކަންފެށީމާ އެ ކޮކާ ސިންގާގެ މޫނުގައި. ލޮލުގެ ކައިރީގައި، ކޯތާފަތުގައި، ނިތްކުރީގައި އިށީންނަނީއެވެ. އެހެންވެ ސިންގާ އުކާ އަތްތަކުގެ ވަކިތަކުން އަމިއްލަ މޫނުގައި ވަކި އެޅި ލޭ އޮހޮރެންފެށީއެވެ. އެންމެފަހުން ކޮކާ އުދުހިފައިގޮސް ކުރިމަތީގައި ހުރި ތިޔަރަގަހެއްގައި އިށީނދެލިއެވެ. ކޮކާ އަތުލަން އުޅުނު ސިންގާގެ ވަކިތަކުން އަމިއްލައަށް ޝިކާރަވެ މޫނާއި ލޯ ހަލާކުވެ ބޭސް ނުކުރެވި، އަޅައިލާނޭ އެހެން ޖަނަވާރެއްވެސް ނެތި ކާންވެސް ނުލިބި އެކި ދިމާ ކުނިވެ ފުޅައަޅައި ލިބުނު ވޭނަށް ރޮއިރޮއި އޮވެ މަރުވެދިޔައީއެވެ. ތިމާ އުފަންވެ ބޮޑުވި ޤައުމާއި ޖަމާޢަތުގެ ވިންދަށް ނުވިސްނައި ތިމާފަދަ އަނެއް މީހާ ޝިކާރަކުރުމަށް ވަކި އެއްލާ ކޮންމެ މީހެއްގެ ޙާލަކީ މިއީއެވެ. (ނިމުނީ)

12.6.21

ކުރޮޅި އާދަމް ޒާހިރު ވާހަކަ: އަމީރާ ބާޒާރުން ގަތީ މޭވާ އާއި ކާރުKurolhi Adam Zahir kuru vaahaka: Ameeraa baazaarun gathee meyvaa kaaru

 ކުޑަކުދިންގެ އިބުރަތްތެރި ވާހަކަ

އަމީރާ ބާޒާރުން ގަތީ މޭވާ އާއި ކާރު

އާދަމް ޒަހިރު (ކުރޮޅި)


މިއަދަކީ އަމީރާގެ ބައްޕަ އަމީރާ ގޮވައިގެން ބާޒާރަށް ދާ ދުވަހެކެވެ. އެ ތަނަށްގޮސް ބައެއް ތެކެތި ގަނެލާހިތް އަމީރާގެ އޮވެއެވެ. އަދި އެތަނުގައި ކަންކަން ހުންނަގޮތް  ބަލައިލާހިތް އަބަދުވެސް އޮވެއެވެ. އެހެންކަމުން މިއަދަކީ އަމީރާއަށް ވަރަށް އުފާވެރި ދުވަހެކެވެ. މަންމައާއި ބައްޕަގެ ބަސްއަހައިގެން އުޅެ މި ސެމިސްޓަރުގެ ނަތީޖާ ރަނގަޅުކުރީތީ ހަދިޔާއެއްގެގޮތުން އަމީރާ ގޮވައިގެން މާރުކޭޓަށާއި ބާޒާރަށް ދަނީއެވެ.

އެންމެ ހަތް އަހަރުގެ އަމީރާ ގޮވައިގެން އެންމެ ފުރަތަމަވެސް އޭނާގެ ބައްޕަ ދިޔައީ ތަރުކާރީ މާރުކޭޓަށެވެ. އެތަނުން ފެނުނު މޭވާތަކަށް އުމޭރާ ވަރަށް ރަނގަޅަށް ބެއްޔެވެ. އެންމެ ފުރަތަމަވެސް އަޅައިގަތީ މޭބިސްކަދުރުވަށިގަނޑެކެވެ. އެއީ އަމީރާއަށް ވަރަށް މީރު މޭވާއެކެވެ. "ދަރިފުޅު ގަންނާނީ ކޮންކުލައެއްގެ މޭބިސްކަދުރެއް" އަމީރާގެ ބައްޕަ އަހައިލިއެވެ. އަމީރާ ވަރަށް އުފަލުން "ފެހި" ބުނެލިއެވެ.

އަމީރާ އާފަލުވެސް ބޭނުންވިއެވެ. ނަމަވެސް އޭނާގެ އާދައިގެމަތިން އާފަލު ގަންނަށް އެދުމުގެ ބަދަލުގައި އާފަލު ނަގައިގެން ބަލަންހުރީއެވެ. އެހިސާބުން އޭނާގެ ބައްޕައަށް ވިސްނިގެން ހަ އާފަލުވެސް ގަތެވެ. "ބައްޕާ! ތިޔަ ނެންގެވީ ރަތްކުލަ. އަޅުގަނޑަށް މީރީ ފެހިކުރައިގެ އާފަލު" "އެހެންތަ. ހިނގާ ބަދަލުކޮށްލަމާ؟" އަމިރާގެ މަޝްވަރާއަށް ބައްޕަ ޖަވާބުދިނެވެ.

މާރުކޭޓުގައި ގަޑިއެއްހާއިރު ވީއިރު އަމީރާ ހަތް ބާވަތެއްގެ މޭވާ ގަތެވެ. އެއީ މޭބިސްކަދުރާއި އާފަލާއި ޖަނބުރޯލާއި އޮރެންޖާއި ރަންބުސްތާނާއި އަނބާއި ކުންނާރެވެ. މީގެތެރެއިން އޮރެންޖާއި ކުންނާރަކީ އަމީރާއަށް މީރު އެއްޗެއް ނޫނެވެ. ނަމަވެސް އޮރެންޖާއި ކުންނާރަކީ އަމީރާގެ މަންމައަށް މީރު މޭވާއެކެވެ. އެހެންވީމާ އަމީރާ ކުންނާރާއި އޮރެންޖު ގަތީ އޭނާގެ މަންމައަށެވެ.

އަމީރާ ބާޒާރުގެ ވަރަށް ގިނަ ތަންތަން ބަލައިލިއެވެ. އަމީރާގެ ހޮބީއެއްގެގޮތުގައި ކާރު އެއްކުރުން ހިމެނެއެވެ. އެހެންވެ މި ލިބުނު ފުރުސަތުގައި ބައްޕަގެވެސް ޤަބޫލުފުޅުގައި 3 ވައްތަރެއްގެ ތިންކުލައިގެ ތިން ކާރު ގަތެވެ.އޭގެ ތެރެއިން އެއް ކާރަކީ ރިމޯޓް ބޭނުންކޮށްގެން ދުއްވާ ވަރަށް ކުޑަ ކާރެކެވެ. އަމީރާއަށް އެންމެ ރިތިވީ މިކާރެވެ. މި ފިހާރައިން ރުމާލެއްވެސް ގަތެވެ. "ދަރިފުޅު ކީއްކުރާ ރުމާލެއް؟" ބައްޕަ އަހައިލިއެވެ. މި ސުވާލަށް އަމީރާ ހީނލިއެވެ. އެހެން ޖަވާބެއް ނުދެއެވެ.

"ދަރިފުޅު ގެއަށްދާން ބޭނުމީ ކިހާއިރަކުން؟ މިހާރު އެހެރަ ހަވީރު ފަސްގަޑި ބައިވަނީ. ހައެއްޖަހާ ގިނައިރުތަކެއް ނުވަނީ ބަންގިގޮވާނެ" އަމީރާގެ ބައްޕަ އަމީރާ ގެއަށް ދާނެ ގަޑިއަކާމެދު ސުވާލުކޮށްލިއެވެ. މިހާރު ބާޒާރުގައި އުޅޭތާ ދޮޅުގަޑިއިރުވަނީއެވެ. އެހެންކަމުން އެކަށީގެންވާވަގުތުކޮޅެއް މާރުކޭޓުގައާއި ބާޒާރުގައި ހޭދަކުރެވިއްޖެކަމަށް އަމީރާ ބުންޏެވެ.

އަމީރާ ގެއަށް އައީ ވަރަށް އުފަލުންނެވެ. މުހިންމު ވަރަށް ގިނަ ތަކެތި ގަނެގެންނެވެ. ގެއަށް އައިސް އެންމެ ފުރަތަމަވެސް ކުރި ކަމަކީ މަންމައަށް ހުރިހާ އެއްޗެއް ދެއްކުމެވެ. އަދި މަންމައަށް ގެނައި އޮރެންޖާއި ކުންނާރު ދިނުމެވެ. މިއަށްފަހު ބައްޕައަށް ވަރަށްބޮޑަށް ޝުކުރު އަދާކޮށްފައި ހަދިޔާއެއް ދިނެވެ. މިއީ ބައްޕައަށް ލިބުނު ހައިރާންކަމެކެވެ. ބައްޕަ އުފަލުން އެ ހަދިޔާއަށް ބަލައިލިއެވެ. އެއީ ވަރަށް މުހިންމުކަމަކުއޭ ބުނެ ގަތް ރުމާލެވެ. 

މި ރުމާ ލިބުމުން ބައްޕަ އަމީރާ އުރައިލިއެވެ. އަދި "ދަރިފުޅު ހާދަ ރަނގަޅޭ" ބުނެލިއެވެ. އަމީރާ ބައްޕައަށް ޝުކުރު އަދާކުރިއެވެ. އަދި މަންމައަށްވެސް ޝުކުރު އަދާކުރިއެވެ. މަންމަ ބުނެލިއެވެ. "ދަރިފުޅަށް މިއަދު ތިޔަފަދަ އުފަލެއް ތިޔަ ލިބުނީ ބަސްއަހައިގެން އުޅޭތީ. އިނގޭ. މަނމައާ ބައްޕަ އަމީރާދެކެ ވަރަށް ލޯބިވޭ" ބަސްއަހައިގެން އުޅޭ ކުދިންދެކެ މައިންބަފައިން ވަރަށް ލޯބިވާނެއެވެ. (ނިމުނީ)

11.6.21

ކުރޮޅި ތުއްތު ވާހަކަ: ތައުފީޤު ބާކީއެއްނުވި Kurolhi thuththu vaahaka: Thaufeequ baakee eh nuvi

 

ތައުފީޤު ބާކީއެއްނުވި

އާދަމް ޒަހިރު (ކުރޮޅި)



ޙަލީމާއި ތައުފީޤަކީ އެކުއެކީގައި ކިޔަވަންއުޅުނު ދެ ކުދިންނެވެ. ސްކޫލުގެ ފަސްވަނަ ކުލާހުން ފެށިގެން އެކުގައި އެއް ކުލާހުގައި ކިޔަވައި ދެކުދިންވެސް ގުރޭޑް ދިހައެއް ނިންމިއެވެ. ނަމަވެސް ޙަލީމަށްވުރެ ތައުފީޤުގެ ނަތީޖާ ދަށެވެ. ފާސްވީވެސް އިސްލާމުންނާއި ހިސާބުން އެކަންޏެވެ. މިކަމާ ޙަލީމު ވަރަށް ދެރަވިއެވެ. އެއީ ޙަލީމު ހުރިހާ މާއްދާއަކުން އެއްވަނަ ހޯދުމުގެ ސަބަބުން ބޭރު ޤައުމަކަށް ގޮސް ކިޔެވުމުގެ ފުރުސަތު ސަރުކާރުން ދެއްވި އިރު އެންމެ އެކުވެރި ތައުފީޤަށް އެ ފުރުސަތު ގެއްލުނީމައެވެ.

ޙަލީމު ބޭރު ޔުނިވަރސިޓީއަކުން ކިޔަވައިގެން މާލެއަށް އައީ 2 އަހަރު ފަހުންނެވެ. އޭރު ތައުފީޤު އުޅެނީ ހޮޓަލެއްގެ ވެއިޓަރަކަށެވެ. ޙަލީމަށް ލިބުނީ މިނިސްޓްރީއެއްގެ ސެކްރެޓަރީއެއްގެ ވަޒީފާއެވެ. މިހާ ދުވަސްވީއިރުވެސް މި ދެކުދިންގެ ގުޅުމަކަށް ބަދަލެއް ނާދެއެވެ. ޙަލީމު ބުނާގޮތުގައި ތައުފީޤު އެގޮތަށް ވަޒީފާއެއްގައި އުޅޭތަން ފެނުނީމާ ވަރަށް އުފާވެއެވެ. ދެކުދިންގެ މަޤާމުގެ ހައިސިއްޔަތު ތަފާތަސް އާމްދަނީ ހޯދައިގެން ދިރިއުޅުން ފެށިކަމީ އުފާކުރާކަމެކެވެ.

ތައުފީޤު ވަޒީފާ އަދާކުރާ ހޮޓަލުގައި ހީވާގިކަމާއި ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު އުޅުމުގެ ނަތީޖާއެއްގެގޮތުން އެ ތަނުގައި އޭނާއަކީ ހިންގުންތެރިންގެ ތެރޭގައި ހިމެނޭ މީހެއްކަމުގައިވިއެވެ. ތަނުގެ ވެރިޔާ މިއަދު އެންމެ އިތުބާރުކުރާ މެނޭޖަރަކީ އެއީއެވެ. އެހެންކަމުން ދިރިއުޅުމަށް ހޭދަކޮށްފައި އިތުރުވާ ވަރަށް އާމްދަނީވެސް ދަނީ ލިބެމުންނެވެ. ޙަލީމު އޭނާގެ ބައްޕަގެ ގާގުގައި ބުނިގޮތުގައި ތައުފީޤަށް ލިބޭ އާމްދަނީ ޙަލީމަށްވުރެ ގިނައެވެ. ތައުފީޤު އަދާކުރަނީވެސް ނުހަނު ޤަދަރުވެރި ވަޒީފާއެކެވެ.

އެއްދުވަހަކު ތައުފީޤުގެ ބައްޕަ ޙަލީމު ވަޒީފާ އަދާކުރާ މިނިސްޓްރީއަށް ދިޔައެވެ. އެ ދުވަހު ޙަލީމު ފެނިފައި ރޮވުނެވެ. ޙަލީމު ހާސްވެފައި ތައުފީޤުގެ ބައްޕަގާތަށް ޖެހިލިއެވެ. އަދި ވީގޮތެއް އަހައިލިއެވެ. "ޙަލީމާއި ތައުފީޤަކީ އެކުގައި އުޅުނު ދެކުދިން. އެއްވަރެއްގެ ނަތީޖާ ނުލިބުމުން އެ ދުވަހު ދެރަވި. ނުވިތާކަށް މިހާރު ތިޔަ އަދާކުރާފަދަ ޤަދަރުވެރި ވަޒީފާއެއް ތައުފީޤަށް ނުލިބުނީތީ ހިތުގައި ޖެހުނީ. އަހަރެންގެ ތައުފީޤު އެ ހުރީ ބާކީވެފައި" ތައުފީޤުގެ ބައްޕަ ބުނެލިއެވެ.

"ނޫން ތިޔައީ ގޯސް ފިކުރެއް. ކޮންމެ ވަޒީފާއަކީވެސް ޤަދަރުވެރި ވަޒީފާއެއް. ބޭނުންވަނީ ދިރިއުޅުމުގެ މުހުތާދު ފުއްދަން. ދެވަނަ މީހަކަށް ނުދަރައި އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ކަންތައްތައް ފުރިހަމަކުރަން. ﷲ ގެ އިރާދަފުޅުން ތައުފީޤުވެސް އެ ހުރީ މުހިންމު ބޭނުންތެރި ވަޒީފާއެއްގައި. އަދި މުސާރަވެސް ރަނގަޅު. އޭނާ ބާކީއެއް ނުވޭ. މަސައްކަތެއް ނެތި ބޭކާރީއެއްނުވޭ. އެއީ ޤައުމުގެ މަސައްކަތްތެރިއެއް. ޤައުމު އެދި ގޮވަނީ ކޮންމެ ޒުވާނަކުވެސް މަސައްކަތެއްކުރަން." ތައުފީޤުގެ ބައްޕައަށް ވިސްނައިދިނުމަށް ޙަލީމު ޖަވާބުދިނެވެ. ތައުފީޤުގެ ބައްޕަ ވިސްނައިލިއެވެ. އަދި ހީނލިއެވެ. ހިތާހިތުން ކިޔައިލިއެވެ. އާއެކެވެ. އަހަރެންގެ ތައުފީޤު އެ ކުރަނީވެސް ހުނަރުވެރި މަސައްކަތެކެވެ. އަގުހުރި ޒުވާނަކީ މަސައްކަތްކޮށްގެން ކައިބޮއި އުޅޭ ޒުވާނެކެވެ. (ނިމުނީ)

8.6.21

ކުރޮޅި ވާހަކަ: ޒަބީނާގެ އެނދުގައި ފައިދިގު މަކުނު. kurolhi vaahaka: Zabeenaa ge en'dhugai faidhigu makunu

ޒަބީނާގެ އެނދުގައި ފައިދިގު މަކުނު

އާދަމް ޒަހިރު (ކުރޮޅި)


ޒަބީނާއަކީ ކުޑައިރު މަންމަގެ ބަސް ޤަބޫލުކުރި ބަސް އަހައިގެން އުޅުނު ވަރަށް މާތް ކުއްޖެކެވެ. ޢުމުރުން 10 އަހަރު ވީއިރުވެސް ވަރަށް ކިޔަމަންތެރި މައިން ބަފައިންގެ ލޯބި ވަރަށް ފުރިހަމައަށް ހޯދައިގެން އުޅުނު ކިޔަމަންތެރި ދަރިއެކެވެ. ނަމަވެސް މިހާރަކަށް އައިސް ބައެއްކަހަލަ ކަންކަމުގައި މަންމައާއި ބައްޕަ ދެއްވާ ނަސޭހަތްތަކަށް ކޮށި ކަންފަތެއް ދިއްކުރާ ކުއްޖެކެވެ. ފެންވެރުމުގައި ސާފު ތާހިރުގޮތެއް ނު ގެންގުޅެއެވެ. ދަތް އުނގުޅަނީ ވަރަށް ވަރަށް ވަރުންނެވެ. ހެދުން ބަދަލުކުރަނީވެސް ހިތަށް އެރި އިރަކުންނެވެ. އެދުގެ ތަންމަތިއެޅުމެއް ނޯވެއެވެ.

އެއް ދުވަހަކު ޒަބީނާއަށް އޭނާގެ މަންމަ ގޮވާގޮވާ ވަރުބަލި ވީއިރުވެސް ފަތިސްނަމާދަށް ތެދެއް ނުވިއެވެ. މިކަމާ މަންމަ ދެރަވެ ހިތްހަމަ ނުޖެހި ހިތާމަކުރަން އިންދައި ކުއްލިއަކަށް ޒަބީނާ ހަޅޭއްލަވައިގެންފައި އެނދުން ފުއްމައިލިއެވެ. "އެއްޗެއް ދަތްއަޅައިފި. އެއްޗެއް ކައިލައިފި. އަޅުގަނޑުގެ އަތް މިއޮތީ ކައިލައިފައި" ޒަބީނާ ވަރަށް ބާރަށް ގޮވައިގަތެވެ. އަދި އޭނާގެ އަތުގައި އެއްޗެއް ދަތްއަޅައިފައި ހުރިތަން މަންމައަށް ދައްކައިލިއެވެ. ރޮވިފައި ހުރި އަޑަކުން ތަކުރާރުކޮށް ބުނަމުންދިޔައެވެ. "މަންމާ ބަލާލަބަލަ މިހުރީ މި އަތް ކައިލައިފައި. ކައިލައިފައި"

"އަސްތާ. މަގޭ ދަރިފުޅު. މިއޮތީ ކައި ހުސްކޮށްފައި. ކޮންތާކުންދަތްއެޅީ" މަންމަ ވަރަށް ކަންބޮޑުވިއެވެ. އަދި އެއްވެސް ދިރޭއެއްޗެއް ފެނޭތޯ އެނދުގެ އެކި ދިމާ ބަލަންފެށިއެވެ.

ކަމުދާކަށް ނެތެވެ. ޒަބީނާގެ އެނދުގެ ބާލީސްދަށުގައި 2 މަކުނު އެބަ އޮތެވެ. އެއީ ބޮޑުސިންގާ ފައިދިގު މަކުނެވެ. ދެން ފެނުނީ އެނދުގެ އެކި ދިމާގައި ފައިދިގު މަކުނު ތިއްބައެވެ. ހުރިހާ ބާލީހެއްގައިވެސް މަކުނެވެ. އަދި ގޮދަޑި ދަށުގައިވެސް  ބައިވަރު މަކުނު އެބަ ތިއްބެވެ. "މިއީ މުޑުދާރުވީމާ ވާގޮތް. މަންމަ ބުނަމެންނު ތަންމަތި ނާޅައި، ފޮތިގަނޑު ބަދަލު ނުކޮށް ތަތްމުޑުކޮށް އެނދުމަތި ބާއްވަންޏާ އެނދުގައި މިކަހަލަ އެއްޗެހި އުފެދޭނޭ. މިއޮތީ އެހެންވެފައި" ޒަބީނާގެ މަންމަ ދެރަވެފައި ޒަބީނާގެގާތު ކިޔައިދިނެވެ. އަދި ޒަބީނާގެ ބައްޕައަށް ގޮވައި އެ ފައިދިގުމަކުނުތައް ކޮޓަރިން ނެރުނެވެ.

ޒަބީނާއަށް ވިސްނުނީ މި ހިސާބުންނެވެ. މިއަށް ފަހުން ޒަބީނާގެ އެނދާއި ގެނގުޅޭ އަންނައުނާއި ތަކެތި ހުންނަނީ ވަރަށްބޮޑަށް ސާފުކޮށްފައެވެ. ނިދާތަނާއި ގެންގުޅޭ އެއްޗެހި ސާފުކޮށް ބާއްވަންޖެހެނީ މިކަހަލަ ކަންތައްތައް ދިމާވާތީއެވެ. ނުސާފުކަމަކީ މުޑުދާރުކަމެކެވެ. ގޯސް ސިފައެކެވެ. (ނިމުނީ)