8.5.16

ވަޠަނީ ދަރިންގެ ރޫޙުން ވަޠަން ދިރުވަމާ! Kurolhi mazumoonu Vathanee dharinge roohun vathan

ޝަހީދުންގެ ދުވަސް:

ވަޠަނީ ދަރިންގެ ރޫޙުން ވަޠަން ދިރުވަމާ!
އާދަމް ޒާހިރު (ކުރޮޅި)

      ޝަހީދުންގެ ރޫޙުން ދިރޭނޭ ވަޠަން ޝަހީދުންގެ ޚިދުމަތް ދިރޭނޭގޮތުން
         ޝަހީދުންގެ ވިންދާ ގުޅޭނޭ މަގުން ޝަހީދެއް ކަމަށްވާން ހިނގާށޭ މަގުން

މިއީ ޤައުމުގެ ދުލުގެ ގޮވުމެވެ. މިއީ ވަޠަނުގެ ރޫހީ ވިންދެވެ. މިއީ މި ދިވެހި ޖައްވުގެ އުދާހެވެ. މިއީ މި މުސްލިމް އަޚުން އުޚުތުންގެ ޢަޒުމެވެ. ދީނާއި ޤައުމަށްޓަކައި ޖިހާދުވުމެވެ. ޝަހިދުވުމެވެ. މިކަން ދިވެހިން ވަނީ ދައްކައިދީފައެވެ. މި ނަމޫނާ ވަނީ ތަޖުރިބާ ކޮށްފައެވެ.

މިއަދަކީ ރާއްޖޭގެ ޝަހީދުންގެ ދުވަހެވެ. އެ ބޭފުޅެއްގެ ނަމުން މި ދިވެހި ފަސްގަނޑު ދުވަހަކުވެސް ނައްތައި ނުލާނޭ ސުލްޠާން ޢަލީ 6 ޝަހީދުކޮށްލިކަމަށް ތާރީޚު ބުނާ 1 ޝަޢުބާން އާ ދުމާކޮށް ޤައުމީ ފެންވަރެއްގައި ފާހަގަކުރާ ޝަހީދުންގެ ދުވަނެވެ. މިއީ ޤައުމުގެ މިނިވަންކަން ޙިމާޔަތްކޮށް ރައްކާތެރި ކުރެއްވުމަށްޓަކައި ޖިހާދު ކުރައްވައިޝަހީދުވި އެހެން ދަރީންގެހަނދާންތައްވެސް އާކުރެވޭ ދުވަހެވެ. އަދި ދީނުގެ ރޫޙުގައި ޤައުމަށާއި ދީނަށްޓަކައި ޝަހީދުވެސް އެ ޝަރަފުވެރިންނަށް ހައްގު ޝުކުރާއި ތައުރީފު އަދާކުރުމުގެ ދުވަހެވެ. އެ މަތިވެރި ޚިދުމަތުގެ ހަނދާނަށް ސިކުނޑި ހުސްކޮށްލާ ދުވަހެވެ. 

ދިވެހި ބިން އަތުލައިގަތުމަށް ޕޯޗުގީޒުން ހިންގި އަނިޔާވެރި ހަނގުރާމައިގައި ޝަހީދުކުޅަ އައްސުލްތާން އަލީ ހަވަނަ ސިރީއައުދަ ސިޔާކަ ކައްތިރި މަހާރަދުންގެ ކެތްތެރިފުޅުކަމާއި ޤައުމީ ވިންދުގެ ނަމޫނާ އަޅުގަނޑުމެން ދިވެހިންގެ ހިތްތަކުގައި އާކުރުމަށް ފާހަގަކުރެވޭ މި ދުވަހު ވިސްނަންޖެހޭ އެއްކަމަކީ އެ ޝަހީދަކީ ގައުމުގައި އުފެދުނު އެންމެ މަތިވެރި ޝަހީދު ކަމެވެ. ޤައުމުގެ ވެރިޔާއަސް ޙަރާންކޯރުވި ދިވެހިންނާމެދު ޝަކުވާގެ ބަހެއް ވިދާޅު ނުވެ ކެރި ހުންނަވައި ކަފިރުންނާކުރިމަތިލެއްވުމާގުޅިގެން އެ ރަސްގެފާނުން ޝަހިދުވެފައިވަނީ 1ޝައުބާން 965 ގައިކަމަށް ތާރީޚު ބުނެއެވެ. އެއީ މީލާދީން 1558 އެވެ. 

  ޝަހީދުންގެ ލިސްޓަށް ދެލިންފެވި ހިނގާނޭ އެތައްހާހުން ވި ދިވެހިންމެ ވާކަން އެނގޭހޭ
                       ބަހީއަދު މަށާއެކު ކިޔައި އިސް ސަފަށްގޮސް ހަށިން ލޭ މެ އޮހޮރައި ލި ދިވެހިން އެނގޭހޭ

ޝަހީދުންގެ ލިސްޓުގައި ފެވެން ވަނީ ހަމަ އެކަނި ޢަލިރަސްގެފާނެއް ނޫނެވެ. ދިވެހިންގެ މި ޒަމާނުގެ ތާރީޚުން އެނގެން ނެތަސް އިސްލާމްވުމުގެކުރީގައިވެސް ޤައުމަށްޓަކައި ނެތިވެދިޔަ ބަޔަކު ތިބޭނެއެވެ. އެއީވެސް މި އަދުގެ ހަނދާނުގައި ފެވޭނޭ ބައެކެވެ. ހަމަ އެހެންމެ ޤައުމާ ތޮޅެން އަންނަ ހަތުރުންނާ ކުރިމަތިލީ އެތައް ޝަހިދުންނެއް ޙަސަންތާޖުއްދީނުގެ ތާރީޚުފޮތުންނާއި، ދިވެހި ތާރީޚަށް އައު އަލިކަމެއް، މިފޮތުންނާއި އެހެންވެސް ދިވެހި ތާރީޚު ފޮތްތަކުން އެނގެން އެބަ ހުއްޓެވެ. 

ހަމަ ގައިމުވެސް ދިވެހިންގެ އެންމެ ފަހުގެ ހަނދާނަކަށްވާނީ ނޮވެމްބަރު 3 ގައި ހިނގި ހަތުރުންގެ ނުރައްކާތެރި ތޮޅުމެވެ. އެ ތޮޅުމުގައި ޝަހީދުވި ބަޠަލުންނަކީ މިއަދު ރަންއަކުރުން ފަވައިލަންޖެހޭ ބައެއްކަމާމެދު ޝައްކެއްނެތެވެ. މީގެތެރެއިންވެސް އެނގިތިބެ ގަސްދުގައި ޤައުމު ދިފާޢުކުރަން ހަނގުރާމަވެރިންގެ ކުރިމައްޗަށް ނުކުތް ދިވެހި ސިފައިންގެތެރެއިން ޝަހީދުވީ ދިވެހި ދަރިންނަކީ ދުވަހަކުވެސް މި ޤައުމު ހަނދާން ނައްތައިލާނޭ ބައެއް ނޫނެވެ. މި ދިވެހި ފަސްގަނޑުގައި އެ ބަޠަލުންގެ ނަންތައް ފަވައި ނުކިޔޭނޭ ދުވަހެއް ނާންނާނޭ ޝަހީދުންނެވެ. 

ހަމަ އެހެންމެ ސިފައިގެ މީހުންގެ ގޮތުގައާއި ފުލުހުންގެ ފަހުލަވާނުންގެ ގޮތުގައި އެ ދުވަހު ޝަހީދުވި ޖުމުލަ 8 ބަޠަލުންގެ ޛިކުރާ މިފަދަ ދުވަހެއްގައި ސިކުނޑީގައި އާވެއާވެ ހުރެއެވެ. އެއީ ދިވެހިން ދިވެހި ޤައުމާއި އިސްލާމްދީނާއި މި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލަށްޓަކައި ބުއްދި ތަރުބިއްޔަތުވާންވީގޮތުގެ ނަމޫނާ ދެއްކެވި ބަޠަލުންނެވެ. އޭގެތެރޭގައި ހިމެނެނީ ޝަހީދު ކުޑަ އާދަމް ކުޑަ ތުއްތު، ޝަހީދު އަބްދުﷲ ޒުހައިރު، ޝަހީދު އާދަމް ނަސީރު، ޝަހީދު މުޙައްމަދު އިބްރާހިމް، ޝަހީދު މުޙައްމަދު ޙަސަން، ޝަހީދު ޙުސައިން އާދަމް، ޝަހީދު ޙުސައިން މުޙައްމަދު، ޝަޙީދު ކުޑަނެވި ތުއްތު މަނިކުއެވެ. 

ދިވެހި ކޮންމެ ދަރިއެއްގެ ގާތުގައި ނޮވެމްބަރު 3 އޭ ބުނެފިނަމަ ޚިޔާލަށް ގެންނާނީ މީލާދީން 1988 ގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހެވެ. އެއީ ދިވެހި ދެ ޚާއިނުން ރޭވި ރޭވުމެއްގެ ދަށުން ދެތިން ބާޣީންގެ ގުރޫޕެއް ބޭރަށް ގޮސް، ދުނިޔެ ދުށް އެންމެ ނުބައި ހަނގުރާމަވެރިންކަމުގައިވި ތަމަޅައިންގެ ބަޔަކު ގޮވައިގެން ރާއްޖެއަށް އައިސް 19 ދިވެހިން ޝަހީދުކުޅަ ދުވަހެކެވެ. ޤައުމު އަތުލައި ސުންނާފަތިކޮށް އަޅުވެތިކަމެއްގެތެރެއަށް ވެއްޓުމަށް ކުރިމަތިވި މި އަނިޔާވެރި ޙަރަކާތާ ގުޅިގެން، ބޭރުގެ އެ ހަނގުރާމަވެރިން ދިވެހި 27 މީހަކު ރަހީނުންގެ ގޮތުގައި ޕްރޮގްރެސް ލައިޓް ކިޔާ ބޯޓެއްގައި ގެންދިޔައެވެ. އޭގެ ތެރެއިންވެސް ބައެއްމީހުން ވަނީ އަބައިމީހުންގެ ޢަމަލުން މަރައި ކަނޑަށް ވައްޓައިލައިފައެވެ. އަދި އެ ހަނގުރާމަ ނިމުމަކަށް ގެނައުމުގެތެރޭގައި އިތުރު ދިވެހިންވެސް ޝަހީދުވެފައިވެއެވެ. އެ ހަނގުރާމައިގައި އެކަނި ސިފައިންގެ 8 ބޭކަލުންނާއި އާންމު 11 ބޭފުޅަކު ޝަހީދުވެފައިވެއެވެ. މިފަދަ ކޮންމެ މުނާސަބާއެއްގައި މި ޝަހީދުންގެ ވާހަކަ ދެއްކުމީ ދިވެހިންނަށް ޢިބުރަތެއް ލިބިގެންދާނޭކަމެކެވެ. 

ދިވެހި ޝަހީދުންގެ އަގުހުރި ނަން ހިނގާ ޚިދުމަތްތެރިންގެ ތެރެއިން އުތީމު ޢަލީތަކުރުފާނަކީވެސް ޤައުމާއި ދީނަށްޓަކައި ޝަހީދުވި ބަޠަލެކެވެ. ސުލްޠާން މުޙައްމަދުތަކުރުފާނުގެ ބޭބޭފުޅު ޢަލިތަކުރުފާނުން ޝަހީދުކޮށްލީ ޕޯޗުގީޒުންގެ އަނިޔާވެރިކަން ނެތިކޮށްލުމަށް އުތީމު ތިންބެއިންކަމުގައިވި ޢަލިތަކުފާނުގެ އިތުރަށް މުޙައްމަދުތަކުރުފާނާއި ޙަސަންތަކުރުފާނުން ކުރެއްވި ހުއްޓުމެއް ނެތް މަސައްކަތުގެ ތެރޭގައެވެ. މިއީވެސް ޝަހީދުންގެ ހަނދާންތައް އާކުރާ މި ދުވަހު ޛިކުރާވެވޭ ހަނދާނެކެވެ. 

ދިވެހި ޤައުމީ ބަޠަލް މުޙައްމަދުތަކުފުރާނުންގެ ދަރިކަލުން އިބްރާހީމް ކަލާފާނަކިވެސް މިއަދު ހަނދާންކޮށްލަންޖެހޭ ބަޠަލެކެވެ. އެހެނީ ބޭރުން އިރުއިރުކޮޅާ ރާއްޖޭއާ ތޮޅެން އައި ބައެއްގެ އަތުން ޝަހިދުވީ ބަޠަލެއްކަމުގައި އެ ސުލްޠާންވެސް ހިމެނިވަޑައިގަންނަވައެވެ. ޤައުމުގެ ސިޔާސީ ހަމަނުޖެހުމުގެ ތެރެއިން އުފެދުނު ނުރުހުންތެރިކަމެއްގައިވަނިކޮށް ބޭރުން ތޮޅެން އައި ނަވަކުން ޙަމަލާދީ އެ ބަޠަލް ޝަހިދުކޮށްލިވެސް ޤައުމަށްޓަކައި ޚިދުމަތްތަކެއް ކުރުމުގައި ދެމިހުންނަވަނިކޮށެވެ. 

ދިވެހި ޝަހީދުންގެ ދުވަހު ޝަހީދުންގެ ނަން ފާހަގަކުރާހިނދު ޤައުމާއި ދީނަށްޓަކައި ޚިދުމަތްކުރަމުންދާ ޝަރަފުވެރިންކުރެ ޝަހީދުވެފައިވާ ހަމަ ކޮންމެ މީހެއްގެ ޛިކުރާ މިއަދު ހަނދާންކުރަންޖެހެއެވެ. މިގޮތުން ދިވެހި ތާރީޚުގައި އެންމެ ފަހުން ފާހަގަކުރެވުނު އަނިޔާވެރި ޝަހީދެއްކަމުގައި ޑރ.އަފްރާޝީމް ޢަލީ ޝަހީދުކޮށްލުން ހިމެނެއެވެ. ދިވެހި ދަރީންކުރެ ޤައުމީ ހަމަޖެހުމާއި އަމާންކަމާއި އިސްތިޤްލާލަށްޓަކައި މަސައްކަތްކުރާ މިފަދަ ބަޠަލުން ޝަހީދުކުރުމުގައި ދުނިޔޭގެ ގިނަ ޤައުމުތަކުގައި ހިންގާ އަނިޔާވެރި ޖަރީމާއެކެވެ. ވީމަ މިފަދަ ދުވަހެއްގައި މި ކަންކަން ފާހަގަކޮށް މުސްލިމް އެންމެހާ ޝަހީދުންގެ ފުރާނަފުޅަށް ސުވަރުގޭގެ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާކުރުން ވާޖިބެއްކަމުގައި ދެކެމެވެ. 

ހައްދަވާ ބޮޑުކުރެއްވި ﷲ. މި އުންމަތުގައި ދީނާއި ޤައުމަށްޓަކައި ނެތިވެ ދިޔަ ޝަހީދުންގެ ފުރާނައަށް ނިޢުމަތް އިތުރުކުރައްވާނދޭވެ. މި ދިވެހި ފަސްގަނޑުގައި ޤައުމާއި ދީނަށްޓަކައި ޤުރުބާންވި ބަޠަލުންގެ ފުރާނަތައް ސުވަރުގޭގައި ދާއިމަށް ލައްވާނދޭވެ. މި ދިވެހި ޤައުމު މިނިވަންކަންމަތީ އަބަދަށް ލަހައްޓަވާށި. އަނިޔާވެރި ޣައްދާރުންނާއި ޡާލިމުންނާއި މުޖުރިމުންންގެ ނުބައި ނުލަފާ ރޭވުންތަކުން މި ޤައުމު ޙިމާޔަތްކުރައްވާށި. އާމީން.

No comments:

Post a Comment