ފުރަތަމަ ސަފުޙާ
- ފުރަތަމަ ސަފުޙާ
- ކުރޮޅި އާދަމް ޒާހިރުގެ ޅެންބަހުރުވަ
- ކުރޮޅި އާދަމް ޒާހިރުގެ ފޮޓޯ އާއި ފިލްމުތަކާއި މުހިންމު ވީޑިއޯ Kurolhi Adam Zahir, Photo, Fillms, Vedio
- އެދުރުނަށް Edhurunah
- މުހިންމު ބްލޮގްތަކާއި ވެބްތައް
- ވިލުފުށީ އިސްމާޢީލް ޝަމީމްގެ ލިޔުންތައް
- ކުރޮޅި ޢިލްމީ ލިޔުންތަކާއި މަޒުމޫނާއި ރިޕޯޓްތައް kurolhi ilmee liyun, Mazumoonu, Report
- ކުރޮޅި ވާހަކަ Kurolhi vaahaka
- ޗައިނާބަސް ދަސްކުރާކުދިންނަށް މިސް ވީގެ މަސައްކަތް...
28.9.16
ޅެން ޝަރަޙަކުރުމަށް އެހީއެއް Lhen Sharahakurun, ehee eh
އަނެއްކާވެސް މުހިންމު ހަދިޔާއެއް! ނަންގަވާ!
ޅެން ޝަރަޙަކުރުމަށް އެހީއެއް Lhen Sharahakurun, ehee eh
އިތުރަށް ކިޔުމަށް މަތީގައި އޮތް ލިންކަށް (ރުރުޚީއަށް) ފިތައިލަމާ!
23.9.16
ވާހަކަ: މަލަރުދޮންބެގެ އުއްމީދު ވަޔަށް Malarudhonbege unmeedhu vayah
މަލަރުދޮންބެގެ
އުއްމީދު ވަޔަށް
އާދަމް ޒާހިރު (ކުރޮޅި)
ބަރުޒަންޖީ މައުލޫދުފޮތްބައި ކިހިލީ ލައިގެން މަލަރުދޮންބެ
ފިރހެން ހިނގުމެއްގައި ގޮސް މާފަންނު އެތުމުތް ގެއަށް އެހެރަ ވަންނަނީ އޭނާއަށް އުފާވެރި
ބަދަލެއްއައިކަން ބެލެނީންނަށް އެނގޭވަރަށް ފުޅާވެގެންނެވެ. ދެ ފީފާ ލިޔަސް
މިވަގުތަކު އެ ދެ ކިހިލި ބަލައެއް ނުގަންނާނެއެވެ. އެހެން ނުވާންވީ
ކީއްވެހެއްޔެވެ. އެއީ ބާރަ ތޭރަ އަހަރުގެ ތެރޭގައި ތިރީސްކޮށް ފިލާ ލޮއި ހެދި
ދުވަހުއްސުރެ މަދޮށި މިސްކިތުގެ އިމާމުވިއްޔާއެވެ. އޭރުއްސުރެ އެ ލިބުނު ޝަރަފުގައި
އެ ޙާކިމު ދެމި އެބަހުރެއެވެ. ފިކުރުގައި ފަންވަރުހުރި މި ފިރިހެނާގެ ވިސްނުން
ފުޅާވެފައި ހަރުދަނާއެވެ. އަދިވެސް އޭނާގެ އަމާޒާމެދު ޢަޒުމެއް ނުގުޑައެވެ.
މަލަރުދޮންބެގެ އެކުވެރިން ބުނާގޮތުގައި އޭނާއަށް މިސްކިތު
އިމާމުކަން ލިބުނު ދުވަސްވަރު އެ ދެ އަތް ހަމަ އެވަރަށް ފުޅާވިއެވެ. އެ ދެ އަތް
ގަޔާ ގާތްވެ ސިޓީއުރައެއް ކިހިލީގައި ހަރު ނުލާވަރުވީ އިމާމުކަމުގެ އެ މަޤާމުގައި
ހުރެ އޭނާގެ ނިތްކުރިއަށް ހަރޫ އެރިފަހުންނެވެ. އަދި ބަހާރުގޭ ހައްވާފުޅު
ލިބާސްލެއްވި ހަފުލާގައި ދޮލަނގުން ފުރަތަމަ ކަވާބުކެވުނީ މަލަރުދޮންބެއަށްކަމުގައި
ވިޔަސް އެ ދޮލަނގު ގެއަށް ގެންދަން ލިބުނު ތަކުރު އަހަންމަދަށް އަތޮޅުވެރިކަން
ލިބުމުން ވެސް މެއެވެ. ޙަޔާތުގެ ދިލަ ގަދަކަމުން މިސްކިތުގައި ފައި ނުހުންނަ
ހުރިހާވަގުތެއްގައި ދުލުކުރިން ކިޔޭ ހަމައެކަނި ތަސްބީޙައަކީ "ތަޤްދީރުކާ
ފަސާނާ" އެވެ.
މަލަރުދޮންބެއަކީ ޒަމާނުގެ ޢިލްމު ދަންނަކަމުގެ ސަނަދެއް
ނެތަސް އެވަރުގައި ފުންނާބު އުސް މީހެކެވެ. މާލޭގައި ބަސްވިކޭ އެންމެހާ ހަރުމީހުން
ޖެހިލުންވާ ބުއްދި ހަރު މީހެކެވެ. މިހާރު ވަޒީރުންގެ ތެރޭގައި ތިބި ކޮންމެ މީހަކީ
މި އިމާމުގާތުން ޚަތިމްކުރި މީހުންނެވެ. އަދި އެއިން ކޮންމެ މީހަކަށް
ނަންކިއިފައިވަނީވެސް މަލަރުދޮންބެގެ ބަރުޒަންޖީ މަޢުލޫދު ދެބައިވެ އެދޮންބެގެ
އަތަރުގެ ނިތްސިއްކެއްގެ ވަހާއެކުގައެވެ. ވީއިރު އެއިން ކޮންމެ މީހަކުވެސް މިއަދު އެކަން
ދަނެއެވެ.
މިވަރަކުންވެސް ނުފުދެއެވެ. މަޤާމާއި ފައިސާގެ ބާރުގައި
މާލޭގައި އަރާތިބި ކޮންމެ މީހަކުމެ ޤަބޫލުކުރާގޮތުގައި މަލަރުދޮންބެ ނެތްނަމަ
އެއިން އެކަކަށްވެސް އެ ފެންވަރުގައި ވަދު ޖަހައެއް ނުލެވޭނެއެވެ. އެއިން ކޮންމެ
މީހެއްގެ ގޭ ވަރުވާކަނުގައާއި އެ ވިޔަފާރިވެރިންގެ ވިޔަފާރިގޭގޭގެ ހުޅަނގު ބިތުގެ
ފުތަތަމަ ގަލުގައި އެ ހުންނަ ހުދުފޮތިކޮޅަކީ މަލަރުދޮންބެގެ މަންތަރުން ޖަހައިފައި
ހުންނަ ބަރަކާތުގެ ހަދިޔާއެވެ. މިވަރުގެ ކަށަވަރު މީހެއް ދިވެހިންގެ ތެރެއަކުން
ނުނެގެއެވެ.
މަރުދާނު ހަސީބަށް ރާއްޖޭގެ ރަސްކަން ލިބުނު ދުވަހުވެސް
ގަނޑުވަރުގައި މާގެރި ކަތިލީ މި މަލަރުދޮންބެގެ ކަނާތް ބީހިލުމާއެކުގައެވެ. އޭގެ
ފަހުން މަރުދާނުގެ ދަރި ރަސްކަން އަތުލުމަށް އުޅުނު ހިނދު އިހު ކަތިލި ޖާގައިގައި
އެހެން ގެރިއެއް ބާއްވައި ކަތިލީވެސް ހަމަ މަލަރު ދޮންބެގެ އަތުންނެވެ. އެ ދުވަހު
އެ ގެރީގެ ލޭނަގައި ލޯކުރައެއްގެ މަތިގަނޑަށް އަޅައިގެން މާލޭގެ އިރުމަތީ ފަޅަށް
ދޫކުރަން ދިޔަ ދުވަހު ވަނީ ވަރަށް ބޮޑު އެދުމެއް މަރުދާނުގެ ދަރި ސައިފުއްދީނު
ގާތު އެދިފައެވެ. އެއީ ހއ ގެ އަތޮޅުވެރިކަން ކުޑަދުވަސްކޮޅަކަށް ނަމަވެސް
ދިނުމަށެވެ. މިކަން މަރުދާނު ހަސީބުގެ ދަރި މަރުދާނު ސައިފުއްދީނުގެ ހަނދާނުގައި
ހުރީ ބައްޕާފުޅުގެ ރަސްކަން ލިބިވަޑައިގަންނަވަންދެނެވެ.
މަލަރު ދޮންބެގެ އަތް ގަޔާ ގާތްވެ ތަތްވީ އެހެންވެއެވެ.
ބަހާރުގޭ ހައްވާފުޅު ލިބާސްލެއްވި ޙަފްލާގައި ބާރަށު ބާދިރީގެ ދަރި ޙަކީމާވެސް
ވަނީ ލިބާސްލެއްވިފައެވެ. އެ ދޮލަނގުންވެސް ފުރަތަމަ ކަވާބު ކެއީ
މަލަރުދޮންބެއެވެ. މި ކަންތައްގަނޑުވެސް ވަނީ މަލަރު ދޮންބޭގެ އުއްމީދެއްކަމުގައި
ނިންމާފައެވެ. އެ ދޮލަނގު ފިތް ނުކެނޑެނީސް ގެއަށް ގެނެސް ހުދު ފޮތިން
ނިވާކުރުމަށް އަބަދު އެދެވިގެން ވެއެވެ.
މަލަރުދޮންބެގެ ކިހިލީގައިފީފާއެއްވެސް ހަރުނުލާހާ
ފުޅާވެފައި އެވަނީ ކޮންމެވެސް ކަމެއްވެއެވެ. މިއަދު ގަނޑުވަރުގައި އޮތް މައުލޫދު
ނިމުމުން ސައިފުއްދީން ބައްދަލުކުރައްވާފައި ކުރިއަށް އޮތް ދުވަސްކޮޅު ހއ އަތޮޅުގެ
ރައްޔިތުން ހަމައަކަށް އަޅުވައިލުމަށް ރަނގަޅު ފަންޑިތަވެރިއެއް ބޭނުންވާކަމަށާއި
މިދުވަސްވަރު އެ އަތޮޅު އަތޮޅުވެރިކަމުގައި ހުރެދިނުމަށް އެދުނީއެވެ. މިއީ މީގެ
ތިރީހަކަށް އަހަރުގެ ކުރިން މަލަރުދޮންބެ ކުރި އުއްމީދެކެވެ. މިސްކިތުން ނުކުމެ
އަތޮޅުގެއަށް ވަނުމުގެ އުއްމީދު މިއަދު އެވަނީ ހިލިފައެވެ. ހިތުން ގަތް ނަދުރު
ފުދުމުގެ ކޮޅުމަތި ފެނުނީއެވެ.
މަލަރުދޮންބެ ގެއަށް އައިސް ވަންގޮތް ފެނިފައި
ބޮޑުދައިތަގާތަށް ހިނިއައިސް ފަޅައިގެން ދިޔައެވެ. "އަނެއްކާ ކާމިޔާބެއް ވީތަ؟
އުއްމީދުގެ ހުޅުކޮޅަށް ތެޔޮ ތިއްކެއް ޖަހައިދިނީ ކާކު؟ ދައިތަގެ އެކަނިވެރިކަން ފިލަނީ ތޯއްޗެ! ފުރަނީ ކޮން އިރަކުން؟ ދައިތައަށް ރޭ ވަނީ ހުވަފެނެއް ފެނިފައި!" ބޮޑު ދައިތަ
އޭނާގެ ދަތް ނެތް އަނގައިން އެއްފަހަރާ އަމުނާލިއެވެ.
"މިއީ ވަރަށް ދުވަސްވީ ކަމެއް. ޢުމުރުގައި ތަން
އޮތިއްޔާ އެ ރަށުން ބައްދަލުކުރާނަމޭ އަހުރެން ބާދިރީ ގާތު ބުނިން. އޭނާ ބުނަނީ
އޭނާގެ ދަރި ދެވާނީ އެރަށުގައި އަތޮޅުވެރިކަންކުރާ މީހަކާކަމުގައި. އަދި އެއީ ބޯ
ބާލައިގެން އުޅޭތާ ތިރީސްއަހަރުވީ މީހަކަށް ވާންވާނެއޭވެސް ބުނި. އިރާދަކުރެއްވިއްޔާ
އެކަން ފުރިހަމަވާނެ. މި ހަމަވަނީ ތިރީސް އަހަރު." މަލަރު ދޮންބެ އޭނާގެ ހުރި
ހަމައެކަނި ހިތްވަރުވެރިޔާގާތު ބުނެލިއެވެ.
މިހިސާބަށް ވާހަކަ ދިޔަތަނާ ބޭރުން
އައިސް ވަން މީހަކު މަލަރުދޮންބެއަތަށް ސިޓީއެއް ދިނެވެ. ދައިތަ ހައިރާންވީ އެ
ސިޓީ ކިޔައިފައި މަލަރުދޮންބެގެ ލޮލުން ކަރުނަ ފައިބަން ފެށީމައެވެ.
"އަހުރެންގެ ހުރިހާ އުއްމީދެއް އިއްޔެ އެ ދިޔައީ ނިމިގެން. ﷲ ގެ މިންވަރުފުޅު"
ގާތުގައި ހުރި މުސްކުޅި ސަރަންފީއަކަށް މުޅި ހަށިގަނޑު ބާލަމުން އޮއްސަމުން
ކިޔައިލިއެވެ.
____________________
21.9.16
12.9.16
އަދަބިއްޔާތަށް ތަޢާރަފެއް 2: ޚިދުމަތްތެރި އަދީބުން Adhabiyyaathu
އިތުރަށް ކިޔުއްވަން މި ގުޅުމަށް އޮއްބަވައިލައްވާ. އަދަބިއްޔާތަށް ތަޢާރަފެއް- ޚިދުމަތްތެރި އަދީބުން
އަދަބިއްޔާތަށް ތަޢާރަފެއް. އަދަބިއްޔާތަކީ ކޮބާ؟ Adhabiyyaathu
އަދަބިއްޔާތަށް ތަޢާރަފެއް. އަދަބިއްޔާތަކީ ކޮބާ؟
އިތުރަށް ވިދާޅުވުމަށް މި ގުޅުމަށް އޮއްބަވައިލައްވާ!... އަދަބިއްޔާތަށް ތަޢާރަފެއް. އަދަބިއްޔާތަކީ ކޮބާ؟
11.9.16
މޮޅަށް ވާހަކައެއް ލިޔަން ބޭނުންހެއްޔެވެ؟ Vaahakaliyun
މޮޅަށް ވާހަކައެއް ލިޔަން
ބޭނުންހެއްޔެވެ؟
އާދަމް ޒާހިރު (ކުރޮޅި) 12 ޖުލައި 2001
އަދަބީ ޖައްވުގައި އެންމެ
ޒަމާންވީ އެއް ބާވަތަކީ ވާހަކައެވެ. ވާހަކަ ކިޔުމެވެ. ވާހަކަ އުފެއްދުމެވެ. ލިޔުންތެރިކަމުގެ
ބާވަތްތަކުގެ ތެރެއިން އިންސާނީ ވެށި އެންމެ ގަދައަށް ފެންނަ ބާވަތަކީވެސް
ވާހަކައެވެ. އެހެންކަމުން ވާހަކަލިޔުން ވެފައިވަނީ އަދަބީ ފަންނުގައި
ކޮންމެހެންވެސް އެނގެންޖެހޭ ހުނަރެއްކަމުގައެވެ.
މިފަހަރު "މުދައްރިސް" ގެ ކިޔުންތެރިންނަށް މި
ހުށަހަޅައިލަނީ އެސްއެސްސީ ފެންވަރުގައި މޮޅަށް ވާހަކަ ލިޔަން ވިސްނާނަމަ ކުރިއަށް
ދިއުމަށް މޮޅު ހުނަރެކެވެ. މިފަހަރު މީގެ ފުރަތަމަ ފިލާވަޅެވެ.
މި ލިޔުމުގައި
ހިމަނައިފައި މިވަނީ ވާހަކަ ލިޔުމުގެ ކުރިން ދަރިވަރު އެ ހުނަރަށް މޮޅުވުމަށް
ކޮންމެހެންވެސް ހޭނެންވީ ކަންކަމުގެ ވާހަކައެވެ. ކޮންމެހެންވެސް ކުރަންޖެހޭ
ކަންކަމުގެ ވާހަކައެވެ.
އިންސާނުންނަކީ ކޮންމެ
ރެއަކާއި ދުވާލުގައި އެތައް ވާހަކައެއް ހަދައި ކިޔައިދީ އުޅޭ ބައެކެވެ.
"އެވެނި ގެއެއްގެ މިވެނި ދަރިއަކު އިހަށްރޭ އެހެރަ ގޭ ފާރުމަތިން
ފުންމައިލީތަން ދުށީމޭ، އެހާ ދަންވަރު އެ ގެއަށް އެވަނީ ސަހަލުކަމު ނޫނޭ"
ކިޔައިގެން ވާހަކަ ނުދައްކަމުތޯއެވެ. "މި ބަޔަކު ހާދަ ވައްކަމެއް
ކުޅަފަހުންނޭ، ކާސިމް އެ ވައްކަމެއް ކުޅައީ، އެކަމަކު ކާސިމަށް އަދަބު
ދީފިއޭ" ކިޔައިގެން މި ފަދަ ތުން ނުތަޅުވަންހެއްޔެވެ؟ މިއަށް ކިޔަނީ ވާހަކަ
ހެދުމޭ އެވެ. ވީމާ މި ނުކުތާތައް ކިޔައިލައި ތަޖުރިބާ ކޮށްލާށެވެ.
ވާހަކަލިޔުމާމެދު ވަރަށް ގިނަ
ލިޔުންތެރިން ގޮތްގޮތް ކަނޑައަޅައި ފަސޭހަ އުސޫލުތަކެއް ބުނެދީފައިވެއެވެ.
މީގެތެރެއިން އެކި މީހުނަށް ކަމުދަނީ އެކިގޮތެވެ. ތިރީގައި މިވަނީ މި ކަންކަމާއި
ހަރުފަތްތަކަށް ވިސްނައި، ވާހަކައެއް ލިޔުމަށް ތައްޔާރުވާ ލިޔުންތެރިއެއްގެ ހަރުފަތްތަކެވެ.
އަދި އެ ހަރުފަތްތަކުގައި ކުރުން އެދެވޭ ކަންކަމެވެ.
1.
މީހުން އޮބްޒާވްކުރާށެވެ:
ތިބާގެ
ލޮލަށް ފެންނަ މީހުން ދެނެގަންނާށެވެ. އެމީހުންގެ ޒާތާއި ޝުޢޫރު ކަނޑައަޅާށެވެ. މި
ކަންކުރުމަށް މީހުންގެ ދިރިއުޅުން ފެންނަ ތާކު މަޑުކޮށް އެކި މީހުންގެ ގޮތްފޮތް
ނިންމާށެވެ. މާރުކޭޓަށް، ޕާކަކަށް، ގިނަ މީހުން އެއްވާ ޕާކުފަދަ ތާކަށް
ޒިޔާރަތްކޮށް މީހުން ދެކޭށެވެ. އެބައިމީހުންގެ ބަސްމަގާއި ރާގާއި ތަފާތުކަން
އިހުސާސްކޮށްލާށެވެ. މިއީ ތިބާ ލިޔާ ވާހަކައަށް މޮޅު އަސަރު ލިބިދާނޭ ކަމެކެވެ.
2.
ހަމަޖެހިލައިގެން ސިކުނޑިކޮޅައިލާށެވެ:
ޚިޔާލަށް އަންނަ ޙަރަކާތްތަކެއް
ލިޔެލާށެވެ. ނޯޓްތައް ކޮށްލާށެވެ. އުފެއްދުންތެރި، ހިނގައިފައި ވިޔަސް މި
ވާހަކައިގައި އަސްލަށް ނުހިނގާ ކަންކަން ލިސްޓުކޮށްލާށެވެ. އަދި އެ ޙަރަކާތްތައް،
ހިނގައި ދިޔަ ކަންކަން އިތުރަށް ބޮޑުކޮށް ބަދަލުކޮށް ހިންގައި ވީ ކަމެއްކަމުގައި
އިހުސާސްކުރެވޭވަރު ކުރާށެވެ. ދެން އެ ކަންކަން ލިސްޓްކޮށްލާށެވެ. އެއީ
އުފެއްދުންތެރިކަން މޮޅުވެ ގުޅުން މޮޅުކުރެވޭނޭތީއެވެ. މިހެން ލިސްޓްކުރަން
ލިޔާއިރު ޚިޔާލުތަކަށް ނުހުއްޓޭށެވެ. ލިޔުން މަޑުޖައްސައި ނުލާށެވެ.
3.
ސިކުނޑި ހުސްކޮށް މި މަސައްކަތަށް ޖާގައެއް ދޭށެވެ:
ކުރަމުން ދިޔަ މަަސައްކަތުން
ދުރަށް ޖެހިލާށެވެ. ހިމޭންތަނެއްގައި އިނދެ ވިސްނައިލާށެވެ. އެކަށް ސިކުނޑި
ހުސްކޮށް އަލުން ބަލުން މަންޒަރު ދެކޭށެވެ. ތިބާގެ ސިކުނޑިން ޖާގަ ލިބޭ މިންވަރުން
ވަރަށް އާދައިގެ މަންޒަރެއް ދެކޭށެވެ. ތިބާގެ ވެށީގައި، ތިބާގެ ރަށުގައި، ތިބާގެ
ޙަޔާތުގައި ފެނި ނެތިވެދިޔަ، އަދި ހިނގަމުންދާ ކަންކަމުން އާ މައްސަލައެއް، އާ
ފިކުރެއް އީޖާދުކުރާށެވެ. އަދި ވާހަކައެއްގެ ބާވަތާއި މައްސަލައިގެ ބާވަތާއި
ފިކުރު ނެރެ ތިލަކުރާށެވެ. ތިޔައީ ތިބާގެ ވާހަކައިގެ ފިކުރެވެ. އައިޑިޔާއެވެ.
4.
ޙާދިސާއެއް (ޕްލޮޓެއް) އުފައްދާށެވެ:
ޙާދިސާއެއް އުފައްދާށެވެ.
ހިތާމައިގެ، އުފަލުގެ، ނުރައްކާތެރި، ނޫނީ އަޖައިބެއްފަދަ ބާރެއް ހިމެނޭ
ޙާދިސާއެއް އުފައްދާށެވެ. އީޖާދީ ފިކުރެއްގެ ޙާދިސާއެއްނަމަވެސް އުފައްދައި
އޭގެތެރެއިން މައްސަލަ ބިނާކޮށް އެ މައްސަލައިގެ ނިމުމަށް، ކިޔުންތެރިން ހީ ނުކުރާ
ގޮތެއް ގެނެސް ނިންމާން ރާވާށެވެ.
ޙާދިސާއަކީ ކޮބައިކަން މި ހިސާބުން
ވިސްނައިލާށެވެ. އެއީ ތިޔަ ހީކުރާ ބާވަތުގެ ކަމެއް ނޫނެވެ. ފަހަރެއްގައި މީހެއްގެ
ގެއިން ވަގަކު ވައްކަން ކޮށްފާނެއެވެ. އެކަމަކު އެއީ ވާހަކަ ލިޔާ ފަދަ ޙާދިސާއެއް
ނޫނެވެ. އެ ވައްކަމާ ގުޅިގެން އެއްވެސް މީހަކު ކަންބޮޑުވުމެއް ނެތިފައި އުފެދޭ
ސުވާލުތަކެއް ނެތިފައި، މުދަލުގެ ވެރިފަރާތުން އުފައްދާނޭ ވާހަކަތަކެއް ނެތުމަކީ
ވާހަކައަކަށް ނުވުމެވެ. ނަމަވެސް އެ ވައްކަމާހެދި މުދަލުގެ ވެރިންނަށް
ކަންތައްތަކެއް ކުރިމަތިވެ، ވަގަށް ނެތި މުދަލުގެ ވެރިފަރާތުން އުފައްދާ، އެކަމަކު
ސީދާ ޖަވާބު ލިބެން ނެތް ސުވާލުތަކެއް ހުރެފައި، އެ ވާހަކަތައް ދެކެވޭނަމަ ކޮޅެއް
ބޭނުންވާނެއެވެ. މިހެން ވެއްޖެނަމަ އެވީ ވާހަކައަކަށެވެ. ޙާދިސާއަކަށް ވާނީ
މިހިސާބުންނެވެ.
5.
ޝަޚްސެއް ބިނާކުރާށެވެ:
އަނެކުން ބަލައިގަންނަފަދަ
ޝަޚުސެއް އުފައްދާށެވެ. ތިޔަ ރޭވި ޙާދިސާއާ ގުޅޭ ޝަޚުސެއް (ކަރެކްޓައެއް) ނެތްނަމަ
ވާހަކަ ހުތުރުވާނެއެވެ. މި ހިސާބުން ވިސްނައިލާންޖެހޭނީ ތިމާ އުފައްދާނީ ކޮން
ބާވަތެއްގެ ކޮން ޝުޢޫރެއްގެ، ކޮން އިހުސާސެއްގެ ޝަޚްސެއްތޯއެވެ. އަދި އެއީ
އަޅައިގަންނަ ތަފާތު ކޮން ކަމެއް ފާހަގަކުރެވޭ ޝަޚްސެއްތޯއެވެ. ހަމަ އެހެންމެ
ވާހަކައިގައި އެ މީހަކު ކުޅޭ ބައިގެ ގޮތުން އެއީ ކޮންފަދަ މުހިންމު ތަރިއަކަށް
ހަދަންޖެހޭތޯވެސް ވިސްނައިލަންވާނެއެވެ. ވާހަކަ އަމާޒުކުރެވޭ މާޙައުލާ ގުޅޭ
މިންވަރުވެސް ބަލަންވާނެއެވެ. އެ ޙާދިސާގައި މޮޅު މައްސަލަގަނޑެއް އުފެދޭއިރު އެ
މައްސަލައިގެ ބާވަތާއި ޝަޚްސުގެ މިޒާޖާ ގުޅުވަން ހަނދާން ބަހައްޓަންވާނެއެވެ.
6.
ތިމާއަށް އެނގޭ އެއްޗެއް ލިޔާށެވެ:
ރޭވި ޙާދިސާއާ ގުޅޭގޮތުން
ވިސްނައިގެން، ތިމާއަށް އެނގޭ ކަންކަން ލިޔާށެވެ. އެ ޙާދިސާގައި ވާނީ، އެވެނިހެން
މިވެނިހެން އެވެނި މީހެއްގެ ކިބައިން، މިވެނި ވަގުތެއްގައި އެވެނި ބަޔަކުގެ
ކިބައިންކަން ވިސްނައި މި ހިނދަށް އެނގޭކަމެއް، އެއްޗެއް، ވީ ގޮތެއް ލިޔާށެވެ. މި
ހިސާބުން ހިތުގައި ހުރި ވާހަކަތަކެއް ލިޔާށެވެ.
7.
ޙަރަކާތް ހިނގާ ތަން (ސީން) އުފައްދާށެވެ:
މުޅި ވާހަކައިގައި ހިނގާނީ ކިތައް
ސީންގެ މަސައްކަތްތޯ ވިސްނައި މުޅި ޙާދިސާ އެ ސީންތަކަށް ބަހައިލާށެވެ. ކޮންމެ
ސީނެއް ނިމޭނޭ ހިސާބު ކަނޑައަޅައި ހޯދަންޖެހޭ ޖަވާބަކަށް އިންތިޒާރުކުރުވައިފައި
ދެވަނަ ސީނަށް ދާގޮތަށް ރާވާށެވެ. މިއާއެކު ކޮންމެ ސީނަކަށް މުހިންމު ޙަރަކާތެއް،
ހިނގާނޭ ކަމެއް، ވާހަކައިގެ މައިތަރިން ކުރާން ޖެހޭނޭކަމެއް ރާވާށެވެ. ކޮންމެ
ސީނެއްގައި މޮޅު، މުހިންމު ކަމެއް ތިލަކޮށް ކޮޅަށް ޖަހާށެވެ. ކޮންމެ ސީނެއް އަނެއް
ސީނަކާ ގުޅި އެކުގައި ވަށާ ޖެހޭއިރު ޢިބުރަތެއް ތިލަވާންޖެހޭނެއެވެ.
8.
މައްސަލައެއް އުފައްދައި އެ މައްސަލަ ކޮޅެއްގައި ޖައްސާން ވިސްނާށެވެ:
މުޅި ވާހަކައިން މައި މައްސަލައެއް
އުފައްދައި ކަންބޮޑުވުން ތިލަކުރާނޭ ގޮތެއް، ގޮތްތަކެއް ވިސްނާށެވެ. މި
މައްސަލައިން ވާހަކައިގެ މައި ޝަޚްސު ފެންނަންވާނެއެވެ. އަދި އެ ޝަޚްސުގެ ފޭޑި
އުފަންކުރަންވާނެއެވެ. އެއީ ކުލާހުގައި އުޅޭ ޅަ ކުއްޖެއްގެ ހިސާބުން، ނޫނީ
ވެށީގައި ބާކީވާ ކުއްޖެއްގެ ޙާލަތުން، ނޫނީ ޢާންމު ލޯތަކަށް ސީދާކޮށް ފެނި
ބަލައިގަނެވޭ މައްސަލައެއް އުފައްދައި އެއިން ހާޖާނު އުފައްދާށެވެ. ދެން އެ ހާޖާތު
ކޮޅެއްގައި ޖައްސާށެވެ.
9.
ރެންޑަމްކޮށް މުޅި ވާހަކައިގެ ޚިޔާލު ކުރަހައިލާށެވެ:
ޗާޓެއްގެ ސިފައިގައި މުޅި ވާހަކަ
ކުރަހައިލާށެވެ. ފެށޭގޮތާއި ނިމޭ ގޮތާއި އެ ދެމެދު ދިމާވާ ކަންކަމާއި ވަދެ
ނުކުމެވާ، އަދި އުފަންވެ ނެތިދާ މީހުންނާއި ފާޑުވެރިކަމާއި މަޤާމު ލިޔެ އެ ޗާޓުން
ދައްކާށެވެ. އެވެނި މީހެއްގެ ކިބައިން ފެންނަންޖެހޭ ކަންކަމާއި ތިލަކުރާ
ކަންކަމާއި މުޅި ވާހަކައިގެ އިންތިޒާމު މި ކުރެހުމުން ފެންނާނޭހެން ކުރަހާށެވެ.
10. ދެން ލިޔަން ފަށާށެވެ:
ދެން ވާހަކަ ލިޔާށެވެ. ވާހަކަ
ލިޔާނީ އެއްވަނަ މީހާގެ ނަޒަރުން (އަހަރެން އަހަރެން ކިޔައިގެން)، ނުވަތަ ތިންވަނަ
މީހާގެ ނަޒަރުން (އެ މީހުން، އޭނާ ކިޔައިގެން ލިޔާހެން) ނެވެ. ވާހަކައިގެ ބާވަތުން
ބޭނުންކުރަންޖެހޭ މުނާސަބު ލަފުޒު، ޖުމުލަ ހިމަނާށެވެ. ކޮންމެވެސް ވަރަކަށް ދެކެވޭ
ވާހަކަ (ޑަޔަލޮގް) ހިމަނާން ހަނދާންކުރާށެވެ. ސިފަކުރާ ލަފުޒު ހިމަނައި ވެށި
ސިފަކޮށްދޭށެވެ. ތަކުރާރުކޮށް ބޭނުންކުރެވޭ ސީންތަކުގެ ސިފަކުރުން ތަފާތުކުރަން
ހަނދާންކުރާށެވެ. ވީހާ ބޮޑަށް ކުންނު ފޮރުވަން މަސައްކަތްކުރާށެވެ. ކިޔުންތެރިންގެ
ފިކުރަށް މުޅިން އެހެން ނިންމުމެއް ސިފަވާހެން ކުންނު ރާވައި އަމާޒަށް
ވާސިލުކުރާށެވެ.
ޒަމާނުގެ ލަފުޒާ އެއްގޮތަށް ޖުމުލަ
ޒަމާންކުރާށެވެ. އެއް މޭރުމަކުން ލިޔުން ބައްޓަންކުރާން ވިސްނާށެވެ. ޝަޚްސުންނަށް
މުޚާޠަބުކުރެވޭ ދަރަޖަތަކާއި ޤަވައިދުގެ ހެޔޮ އުސޫލު ގޮތުގައި ހިމަނާންވާނެއެވެ.
މުޅި ވާހަކައިގައިވެސް އެކި ބާވަތުގެ ޖުމުލަ ހިމަނާށެވެ. މޮޅު އަދަބީ ހިމެނުމެއް
ހިމަނާން ވިސްނަންވާނެއެވެ. (މިބައި ނިމުނީ)
ނަކަލީ މަޒުމޫނެއް: އަހުރެންނަށް މާވަހަރެއް ލިބިއްޖެނަމަ............ Namoonaa Mazumooneh
ނަކަލީ މަޒުމޫނެއް: އަހުރެންނަށް މާވަހަރެއް
ލިބިއްޖެނަމަ............
އާދަމް ޒާހިރު
(ކުރޮޅި) 10 ސެޕްޓެމްބަރ 2016
ނިޢުމަތްތަކެއް މިންވަރުފުޅުން ލިބިދާހިނދުން ވިސްނަންޖެހޭ
ނިޢުމަތް
ތަކުން ފާސްވާން އޮތީ ކޮންކޮން މަގެއް
މަހިނގަންޖެހޭ
ޝައްކެއް ނެތެވެ. ނިޢުމަތް
ދެއްވަނީ ﷲ އެވެ. އެއީ އިމްތިޙާނެކެވެ. އެހެންކަމުން އެ ނިޢުމަތް ލިބުމާއެކީ
ފުރަތަމަވެސް ވިސްނަންޖެހެޭނީ އެ ނިޢުމަތް ބޭނުންކުރަންޖެހޭ އެންމެ ރަނގަޅުގޮތަކީ
ކޮބައިތޯއެވެ. އެހެންކަމުން މާވަހަރެއް ލިބުމުންވެސް މި ކަމަށް ވިސްނަންޖެހެއެވެ.
އެއްވެސްގޮތަކުން އަޅުގަނޑަށް
މާވަރެއް ލިބިދާނެބާވައެވެ؟ ލިބިއްޖެނަމަ ހަދާނީ ކިހިނެއް....ބާވައެވެ. އާދޭހެވެ.
އަޅުގަނޑަށް މާވަހަރެއް ލިބިއްޖެނަމަ ކުރާނޭ ކަންކަން ބައިވަރެވެ. ނަމަވެސް އެންމެ
ފުރަތަމަ އެ މާވަހަރު ވިއްކައިލެވޭތޯ ބަލާނަމަވެ.
އަދި އެއިން ލިބޭ ފައިސާއިން ޞަދަޤާތްކުރާނަމެވެ. ވެގެން ވިއްޔާ ހެޔޮ މަގަކުން
ކޮންމެވެސް ކަމަކަށް އެހީވާނަމެވެ. އަދި ކޮބައިތޯއެވެ. ހަމަ ގައިމުވެސް އަޅުގަނޑު
ޙައްޖަށް ދާނަމެވެ. މި އީ "އަހަރެންނަށް މާވަހަރެއް ލިބިއްޖެނަމަ...."
ކުރަން ވިސްނާ ކަންކަމެވެ.
މި ޒަމާނުގައި ފައިސާއިން ނޫނީ
ގިނަ ކަންކަން ނުކުރެވޭނޫންހެއްޔެވެ؟ އެހެންކަމުން، ﷲގެ ރަޙުމަތުން އަޅުގަނޑަށް
މާވަހަރެއް ލިބިއްޖެނަމަ ވީ އެންމެ އަވަހަކަށް ރަނގަޅު އަގެއްގައި
ވިއްކައިލާނީއެވެ. އެހެނީ ގިނަ ބޭނުންތައް ކުރެވޭނީ އެ "ޖަވާހިރު"
ވިއްކައިލައިގެންނެވެ. އަދި ވިއްކައިގެން ލިބޭ ފައިސާއިންނެވެ. ނުވިތާކަށް އެ
ބާއްވަން ވެއްޖެނަމަ ހުލިވެދާނެތީވެސް މެއެވެ. އޭގެ އަގު ދަށްވެދާނެތީއެވެ.
ނުވިތާކަށް އެހެން މީހުންވެސް ކަންކުރަނީ މިހެންކަމުގައި ވީތީއެވެ. 2015 ވަނަ
އަހަރުގެ ހިސާބުތަކުން އެނގޭގޮތުގައި އެ އަހަރުގެ ފެބުރުއަރީއިން ނޮވެމްބަރުގެ
ނިޔަލަށް ރާއްޖެއިން 13 މީހަކު ހޮވި 16 މާވަހަރެއްވެސް ވަރަށް އަވަހަށް
ވިއްކައިލައިފައިވެއެވެ. އެހެންވީމާ ލިބޭ މާވަހަރު ފައިސާއަށް ބަދަލުކޮށް
ބޭނުންކުރުމަށް އަވަސްވެގަންނާނަމެވެ.
އަޅުގަނޑަކީ ލިބޭ އެއްޗަކުން
ޞަދަޤާތްކުރުމަށް އިސްކަންދޭ މީހަކީމެވެ. އެހެންކަމަށްވީތީއާއެކު މާވަހަރުން ލިބޭ
ފައިސާއިން، ދީނުގައިވާމަގުން ޞަދަޤާތްކުރުމަށް މި ހިތުގައި ނިޔަތް އެބަ އޮތެވެ.
އެހެނީ ދީނުގައި މިކަމަށްވަނީ އަމުރުކުރައްވައިފައެވެ. ފުދުންތެރިކަމެއް ލިބުމުން
ތިމާގެ އަވަށްޓެރިންނަށް އިސްކަން ދީގެން ފަޤީރުންނަށް ޞަދަޤާތްކުރަންޖެހޭވެސްމެއެވެ.
ތިމާއަށް ލިބުނު އުފަލުގައި އެމީހުންވެސް ބައިވެރުކުރުމަށެވެ. އިސްލާމް
ފޮތްތަކުގައި ހުރި ރީތި އާދަތަކާ ގުޅޭ ޙަދީސްތަކުންވެސް އެނގޭގޮތުގައި ތިމާއަށް
ލިބޭ އެއްޗަކުން ނިކަމެތިންނާއި ފަޤީރުންނަށް ޞަދަޤާތްކުރުމީ މާތް ސިފައެކެވެ. ހަރު
ބުނުމެއްގައިވާފަދައިން މުށުން ކާން އެދޭ ފަރާތްތަކަށް ކާންދޭންވާނެއެވެ.
އެހެންކަމުން އިރާދަކުރެއްވިއްޔާ މާވަހަރުން ލިބޭ ފައިސާއިން ޞަދަޤާތްކުރަން
ބައެއް ކަނޑައަޅައި އެކަން ކުރާން މި ނިންމީ މި ސަބަބުތަކަށްޓަކައެވެ.
ކޮންމެ މީހަކުސް ތިމާ އެ
ޖަމާޢަތެއްގައި، އެ ވެއްޓެއްގައި ހިމެނިފައިވާ ވެއްޓަށް އެހީވުމީ ކުރަންޖެހޭނޭ
ކަމެކެވެ. މި ވާޖިބަށް ވިސްނައިގެން، އަޅުގަނޑަށް މާވަހަރެއް ލިބިއްޖެނަމަ
އަޅުގަނޑު ހިމެނޭ ޖަމާޢަތަށް ނުވަތަ ރަށަށް، ނުވަތަ އަވަށަށް ބޭނުންވެފައިވާ
ކަމަކަށް އެހީވާނަމެވެ. އެ ޖަމާޢަތުގައި ނުކުރެވި ހުރި ކަމެއް ބަލައި ފައިސާއިން
އެހީވާނަމެވެ. އެ ކަންކަމަށް އެހީވުމީ ވާޖިބެއްކަމުގައި ދެކޭނަމެވެ. އަޅުގަނޑުގެ
ވެށި އަޅުގަނޑުގެ މި އެހީއިން ދިރުވޭތޯ ބަލާނަމެވެ. މިއީ އުފަލެކެވެ. އުސްތާޛު
އިބްރާހީމް ޝިހާބު، އެމަނިކުފާނުގެ މަޒުމޫނުތައް 1 ގައި ލިޔުއްވައިފައިވާގޮތުން،
ލިބޭ މީހުން އެމީހުންގެ ޤައުމާއި ރަށާއި ޖަމާޢަތަށް އެހީވެ ކުރިއެރުމަށް
މަސައްކަތްކުރަންވާނެއެވެ. އެހެންކަމަށްވީތީ އަޅުގަނޑުގެ އަވަށްޓެރިންނާއި
ޖަމާޢަތަށް އެހީވުމީ އަޅުގަނޑު ކުރާނޭކަމެކެވެ.
ޝައްކެއް ނެތެވެ. އެންމެ
އިސްވާޖިބަކީ ﷲ އަށް އަދާކުރާންޖެހޭ ފަރުޟެވެ. އެހެންކަމަށްވީތީ އަޅުގަނޑަށް ލިބޭ
ތިޔާގިކަމުގެ ބޭނުންކޮށްގެން، ﷲ ފަރުޟުކުރެއްވި ޙައްޖުގެ މަތިވެރި އަޅުކަން
އަދާކުރަން މިހާރުވެސް މި ނިޔަތްގަތީއެވެ. އެއީ އެކަން އަދާކުރެވޭނޭ މިންވަރަށް ފައިސާ
ލިބިއްޖެނަމަ ކުރަންޖެހޭ ވާޖިބު އަޅުކަމެކެވެ. އަދި އެއީ ލިބޭ ފުރުސަތެއްކަމުގައި
މި ހިތް ދެކެއެވެ. މިހާރުވެސް ހަނދާނުގައި ހުރި، އަޅުގަނޑު ކިޔަވާން ސާނަވީއަށް
ދާންފެށުމުން ބައްޕަ ދެއްވި ނަސޭހަތެއްވެސްމެއެވެ. ތަޢުލީމުއްދިޔާނާގައި
އޮތްގޮތުން އިސްލާމްދީނުގެ 5ވަނަ ފަރުޟު އަދާކުޅައުމުގެ ކުޅަދާނަކަން ލިބުމާއެކު
އެ އަޅުކަން އަދާކުރުމީ ކޮންމެ މުސްލިމެއްގެމައްޗަށް ވާޖިބެކެވެ. ވީމާ އަޅުގަނޑަށް
މާވަހަރެއް ލިބި ވިއްކައިލެވުނުހާ އަވަހަކަށް މި ކަމަށް ފައިސާ ވަކިކޮށް ޙައްޖުގެ
ދަތުރު ފަށާނަމެވެ.
ނިންމައިލަމުން ދަންނަވާނީ މާވަހަރެއް ލިބި ތިޔާގިކަމެއް އޮތްނަމަ އަޅުގަނޑު
ކުރާނެ ކަންކަން ޢަޒުމާ އެއްގޮތަށް ކުރާނެވާހަކައެވެ. ކޮންމެވެސް ގޮތަކުން ލަފާ
ހޯދައިގެން، ލިިބުނު އެ މާވަހަރު، ވީ އެންމެ އަވަހަކަށް ފައިސާއަށް
ބަދަލުކުރާނަމެވެ. އަދި ލަސްނުކޮށް އަނެކުންނަށް އެހީއެއްގެގޮތުގައި، އެ ހިނދަށް ބޭނުންވާ ކަންކަމަށް އެ ފައިސާއިން ބައެއް ކަނޑައަޅާނަމެވެެ. ޖަމާޢަތުގައި ނުނިމި ހުރި ކޮންމެވެސް މުހުތާދަކަށް ހޭދަކުރާނަމެވެ.
ތިމާއަށް ތިޔާގިކަމެއް ލިބިއްޖެއަތީ އަދާކުޅައުމަށް އޮތް ދީނުގެ މަތިވެރި ޙައްޖުގެ
ފަރުޟު އަދާކުރާނަމެވެ. އަޅުގަނޑު އެދެނީ އެހެންމީހުންވެސް، ތިޔާގިކަމެއް
ލިބިއްޖެނަމަ މިފަދަ ކަންކަންކުރުމެވެ. ﷲ އަޅުގަނޑަށް މި ކަންކަންކުރުމުގެ
ތިޔާގިކަމެއް ދެއްވާށިއެވެ. އާމީން. (ނިމުނީ)
10.9.16
މަޒުމޫނަށް ފަހިމަގެއް: ރޭވޭ އޮނިގަނޑަށް މަޒުމޫނު ލިޔަށް ހޭނިއްޖެނަމަ ވަގުތުގެ ފައިދާ ކުރާނެ! Mazumoonu liyun
މަޒުމޫނަށް ފަހިމަގެއް: ރޭވޭ އޮނިގަނޑަށް މަޒުމޫނު ލިޔަށް ހޭނިއްޖެނަމަ ވަގުތުގެ
ފައިދާ ކުރާނެ!
އާދަމް ޒާހިރު
(ކުރޮޅި) 10 ސެޕްޓެމްބަރ 2016
ތަރުޙީބެއް ދެއްވުމަށް މި ބްލޮގްގެ ފޮލޯއަށް (Follow) އަށް ފިއްތަވައިލައްވާ!
ސުރުޚީ: އަހުރެންނަށް މާވަހަރެއް ލިބިއްޖެނަމަ............
މަތީގައި އޮތް
ސުރުޚީއަށް އޮނިގަނޑެއް ރޭވިދާނޭ މި ގޮތް (އެއްގޮތް) ކުރިން ވާނީ
ޢާންމުކޮށްފައެވެ. މި ފަހަރު މިވަނީ އެ އޮނިގަނޑަށް ލިޔެވިދާނޭ މަޒުމޫނު، އެންމެ
އާދައިގެ ފެންވަރުގައި ލިޔެލައިފައެވެ. މިއީ ތިޔަ ކުދިންގެ (އެސްއެސްސީ
އިމްތިޙާނަށް ވިސްނާ ކުދިންނަށް) ލިޔެވިދާނޭ ފަސޭހަ މަގަކުން ފިކުރަން ތަންދީގެން
ލިޔެފައިވާ މަޒުމޫނެކެވެ. މި މަޒުމޫނު ތިޔަކުދިންގެ ކުޅަދާނަކަމުން
އިސްލާޙުވެސްކޮށްލާށެވެ.
ކުރިން ޢާންމުކުރި އޮނިގަނޑުގެ ނަކަލެއް:
ފިިޔަވަޅު1: ފުރަތަމަ މައި
ސުވާލަށް ދިން 4 ޖަވާބު.
|
ފިޔަވަޅު2: ޖަވާބުތަކުން
އުފެއްދި ސުވާލުގެ ޖަވާބުތައް
|
ފިޔަވަޅު 3: ސާބިތުކުރާ
ޙަވާލާއެއްފަދަ މަޢުލޫމާތެއް
|
ފިޔަވަޅު 4: ނިންމުން، މެސެޖް
|
1. މާވަަހަރު
ވިއްކައިލާނީ
|
- ވިއްކައިލުމުން ގިނަ ބޭނުންކުރެވޭނެ
- އަވަހަށް ހުލިވެދާނެތީ
- އެހެން މީހުންވެސް ކަންކުރަނީ މިހެންކަމުގައިވީތީ
|
ވޭތުވެ ދިޔަތަނުގައިވެސް ގިނަ މީހުން އެކަން
ކޮށްފައި އޮތީ މިގޮތަށް
(2015 ގެ ހިސާބުތައް)
|
ލިިބިއްޖެނަމަ އެ މާވަހަރު... ފައިސާއަށް
ބަދަލުކުރާނަން
|
2. ލިބޭ
ފައިސާއިން ޞަދަޤާތްކުރާނީ
|
- ދީނުގައި އަމުރުކޮށްފައިވާ ކަމަކަށް ވީތީ
- ފުދުންތެރިކަމެއް ލިބުމުން ޖަމާޢަތަށް
އެހީވާންވާނެތީ
- ލިބުނު އުފަލުގައި އެހެން މީހުން ބައިވެރިކުރުމަށް
|
ޙަދީސަކާ ގުޅުވުން
(ލިބޭ އެއްޗަކުން ޞަދަޤާތްކުރަން އަންގަވާ)
|
އަނެކުންނަށް އެހީއެއްގެގޮތުގައި ބައެއް
ކަނޑައަޅާނަން
|
3. އިޖުތިމާޢީ
ކަމަކަށް އެހީވާނީ
|
- ޖަމާޢަތުގައި ނުކުރެވި ހުރި ކަންކަން އެބަހުރި
- އެ ކަންކަމަށް އެހީވާން ޖެހޭނެ ލިބޭ މީހުން
- އަޅުގަނޑުގެ ވެށި އަޅުގަނޑަށް ދިރުން ދޭނެ
- މިއީ ލިބޭ އުފަލެއްކަމަށްވީތީ
|
ހަރު މީހެއްގެ ބުނުމެއް
(ޝިހާބު ވިދާޅުވެފައިވޭ.....)
|
ޖަމާޢަތުގައި ނިންމަންޖެހިފައި ހުރި ކޮންމެވެސް
ކަމަކަށް އެހީވަނަން
|
4. އަޅުގަނޑު
ޙައްޖަށް ދާނީ
|
- އެވަރަށް ފައިސާ ލިބުމުން ކުރަންޖެހޭ ދީނީ
ކަމަކަށްވީތީ
- ލިބުނު ފުރުސަތުގެ ބޭނުން ހިފަންޖެހޭނެތީ
- ބައްޕަގެ ނަސޭހަތަކަށްވީތީ
|
ދީނުގެ ބަސް
(ފުދުންތެރިކަން ލިބޭއިރަށް ޙައްޖު ފަރުޟު)
|
ދީނުގެ މަތިވެރި ފަރުޟު އަދާކުރާނަން
|
އޮނިގަޑު ރާވަން ބޭނުންކުރި ތާވަލުގެ ފުރަތަމަ
ކޮލަމުން ނަގައިފައި ފެށުމުގެ ފަރުމާއަށް ބޭނުންކުރި ނުކުތާތައް:
މާވަަހަރު ވިއްކައިލާނީ
ލިބޭ ފައިސާއިން ޞަދަޤާތްކުރާނީ
އިޖުތިމާޢީ ކަމަކަށް އެހީވާނީ.
އަޅުގަނޑު ޙައްޖަށް ދާނީ
|
މަޒުމޫނުގެ ފެށުން:
އެއްވެސްގޮތަކުން އަޅުގަނޑަށް
މާވަރެއް ލިބިދާނެބާވައެވެ؟ ލިބިއްޖެނަމަ ހަދާނީ ކިހިނެއް....! އާދޭހެވެ.
އަޅުގަނޑަށް މާވަހަރެއް ލިބިއްޖެނަމަ ކުރާނޭ ކަންކަން ބައިވަރެވެ. ނަމަވެސް އެންމެ
ފުރަތަމަ އެ މާވަހަރު ވިއްކައިލެވޭތޯ ބަލާނަމަވެ.
އަދި އެއިން ލިބޭ ފައިސާއިން ޞަދަޤާތްކުރާނަމެވެ. ވެގެން ވިއްޔާ ހެޔޮ މަގަކުން
ކޮންމެވެސް ކަމަކަށް އެހީވާނަމެވެ. އަދި ކޮބައިތޯއެވެ. ހަމަ ގައިމުވެސް އަޅުގަނޑު
ޙައްޖަށް ދާނަމެވެ. މި އީ "އަހަރެންނަށް މާވަހަރެއް ލިބިއްޖެނަމަ...."
ކުރަން ވިސްނާ ކަންކަމެވެ.
މައިގަނޑު:
އޮނިގަޑު ރާވަން ބޭނުންކުރި ތާވަލުގެ ފުރަތަމަ ސަފު
(ރޯ) ގައި ހުރި، މައިގަނޑުގެ ފުރަތަމަ ޕެރެގުރާފުގެ ނުކުތާތައް:
1. އެ މާވަހަރު ވިއްކައިލާނީ
|
- ވިއްކައިލުމުން ގިނަ ބޭނުންކުރެވޭނެ
- އަވަހަށް ހުލިވެދާނެތީ
- އެހެން މީހުންވެސް ކަންކުރަނީ މިހެންކަމުގައިވީތީ
|
ވޭތުވެ ދިޔަތަނުގައިވެސް ގިނަ މީހުން އެކަން
ކޮށްފައި އޮތީ މިގޮތަށް
(2015 ގެ ހިސާބުތައް)
|
ލިިބިއްޖެނަމަ އެ މާވަހަރު... ފައިސާއަށް
ބަދަލުކުރާނަން
|
މައިގަނޑުގެ ޕެރެގުރާފް1:
މި ޒަމާނުގައި ފައިސާއިން ނޫނީ
ގިނަ ކަންކަން ނުކުކުރެވޭނޫންހެއްޔެވެ؟ އެހެންކަމުން، ﷲގެ ރަޙުމަތުން އަޅުގަނޑަށް
މާވަހަރެއް ލިބިއްޖެނަމަ ވީ އެންމެ އަވަހަކަށް ރަނގަޅު އަގެއްގައި
ވިއްކައިލާނީއެވެ. އެހެނީ ގިނަ ބޭނުންތައް ކުރެވޭނީ އެ "ޖަވާހިރު"
ވިއްކައިލައިގެންނެވެ. އަދި ވިއްކައިގެން ލިބޭ ފައިސާއިންނެވެ. ނުވިތާކަށް އެ
ބާއްވަން ވެއްޖެނަމަ ހުލިވެދާނެތީވެސް މެއެވެ. އޭގެ އަގު ދަށްވެދާނެތީއެވެ.
ނުވިތާކަށް އެހެން މީހުންވެސް ކަންކުރަނީ މިހެންކަމުގައި ވީތީއެވެ. 2015 ވަނަ
އަހަރުގެ ހިސާބުތަކުން އެނގޭގޮތުގައި އެ އަހަރުގެ ފެބުރުއަރީއިން ނޮވެމްބަރުގެ
ނިޔަލަށް ރާއްޖެއިން 13 މީހަކު ހޮވި 16 މާވަހަރެއްވެސް ވަރަށް އަވަހަށް
ވިއްކައިލައިފައިވެއެވެ. އެހެންވީމާ ލިބޭ މާވަހަރު ފައިސާއަށް ބަދަލުކޮށް
ބޭނުންކުރުމަށް އަވަސްވެގަންނާނަމެވެ.
އޮނިގަޑު ރާވަން ބޭނުންކުރި ތާވަލުގެ ދެވަނަ ސަފު
(ރޯ) ގައި ހުރި މައިގަނޑުގެ ދެވަނަ ޕެރެގުރާފުގެ ނުކުތާތައް:
2. ލިބޭ ފައިސާއިން ޞަދަޤާތްކުރާނީ
|
- ދީނުގައި އަމުރުކޮށްފައިވާ ކަމަކަށް ވީތީ
- ފުދުންތެރިކަމެއް ލިބުމުން ޖަމާޢަތަށް
އެހީވާންވާނެތީ
- ލިބުނު އުފަލުގައި އެހެން މީހުން ބައިވެރިކުރުމަށް
|
ޙަދީސަކާ ގުޅުވުން
(ލިބޭ އެއްޗަކުން ޞަދަޤާތްކުރަން އަންގަވާ)
|
އަނެކުންނަށް އެހީއެއްގެގޮތުގައި ބައެއް
ކަނޑައަޅާނަން
|
މައިގަނޑުގެ ޕެރެގުރާފް2:
އަޅުގަނޑަކީ ލިބޭ އެއްޗަކުން ޞަދަޤާތްކުރުމަށް
އިސްކަންދޭ މީހަކީމެވެ. އެހެންކަމަށްވީތީއާއެކު މާވަހަރުން ލިބޭ ފައިސާއިން،
ދީނުގައިވާމަގުން ޞަދަޤާތްކުރުމަށް މި ހިތުގައި ނިޔަތް އެބަ އޮތެވެ. އެހެނީ
ދީނުގައި މިކަމަށްވަނީ އަމުރުކުރައްވައިފައެވެ. ފުދުންތެރިކަމެއް ލިބުމުން ތިމާގެ
އަވަށްޓެރިންނަށް އިސްކަން ދީގެން ފަޤީރުންނަށް ޞަދަޤާތްކުރަންޖެހޭވެސްމެއެވެ. ތިމާއަށް
ލިބުނު އުފަލުގައި އެމީހުންވެސް ބައިވެރުކުރުމަށެވެ. އިސްލާމް ފޮތްތަކުގައި ހުރި
ރީތި އާދަތަކާ ގުޅޭ ޙަދީސްތަކުންވެސް އެނގޭގޮތުގައި ތިމާއަށް ލިބޭ އެއްޗަކުން
ނިކަމެތިންނާއި ފަޤީރުންނަށް ޞަދަޤާތްކުރުމީ މާތް ސިފައެކެވެ. އިރާދަކުރެއްވިއްޔާ
މާވަހަރުން ލިބޭ ފައިސާއިން ޞަދަޤާތްކުރަން ބައެއް ކަނޑައަޅައި އެކަން ކުރާން މި
ނިންމީ މި ސަބަބުތަކަށްޓަކައެވެ.
އޮނިގަޑު ރާވަން ބޭނުންކުރި ތާވަލުގެ ތިންވަނަ ސަފު
(ރޯ) ގައި ހުރި ި މައިގަނޑުގެ ތިންވަނަ ޕެރެގުރާފުގެ ނުކުތާތައް:
3. އިޖުތިމާޢީ ކަމަކަށް އެހީވާނީ
|
- ޖަމާޢަތުގައި ނުކުރެވި ހުރި ކަންކަން އެބަހުރި
- އެ ކަންކަމަށް އެހީވާން ޖެހޭނެ ލިބޭ މީހުން
- އަޅުގަނޑުގެ ވެށި އަޅުގަނޑަށް ދިރުން ދޭނެ
- މިއީ ލިބޭ އުފަލެއްކަމަށްވީތީ
|
ހަރު މީހެއްގެ ބުނުމެއް
(ޝިހާބު ވިދާޅުވެފައިވޭ.....)
|
ޖަމާޢަތުގައި ނިންމަންޖެހިފައި ހުރި ކޮންމެވެސް
ކަމަކަށް އެހީވަނަން
|
މައިގަނޑުގެ ޕެރެގުރާފް3:
ކޮންމެ މީހަކުސް ތިމާ އެ
ޖަމާޢަތެއްގައި، އެ ވެއްޓެއްގައި ހިމެނިފައިވާ ވެއްޓަށް އެހީވުމީ ކުރަންޖެހޭނޭ
ކަމެކެވެ. މި ވާޖިބަށް ވިސްނައިގެން، އަޅުގަނޑަށް މާވަހަރެއް ލިބިއްޖެނަމަ
އަޅުގަނޑު ހިމެނޭ ޖަމާޢަތަށް ނުވަތަ ރަށަށް، ނުވަތަ އަވަށަށް ބޭނުންވެފައިވާ
ކަމަކަށް އެހީވާނަމެވެ. އެ ޖަމާޢަތުގައި ނުކުރެވި ހުރި ކަމެއް ބަލައި ފައިސާއިން
އެހީވާނަމެވެ. އެ ކަންކަމަށް އެހީވުމީ ވާޖިބެއްކަމުގައި ދެކޭނަމެވެ. އަޅުގަނޑުގެ ވެށި
އަޅުގަނޑުގެ މި އެހީއިން ދިރުވޭތޯ ބަލާނަމެވެ. މިއީ އުފަލެކެވެ. އުސްތާޛު
އިބްރާހީމް ޝިހާބު، އެމަނިކުފާނުގެ މަޒުމޫނުތައް 1 ގައި ލިޔުއްވައިފައިވާގޮތުން،
ލިބޭ މީހުން އެމީހުންގެ ޤައުމާއި ރަށާއި ޖަމާޢަތަށް އެހީވެ ކުރިއެރުމަށް
މަސައްކަތްކުރަންވާނެއެވެ. އެހެންކަމަށްވީތީ އަޅުގަނޑުގެ އަވަށްޓެރިންނާއި
ޖަމާޢަތަށް އެހީވުމީ އަޅުގަނޑު ކުރާނޭކަމެކެވެ.
އޮނިގަޑު ރާވަން ބޭނުންކުރި ތާވަލުގެ ހަތަރުވަނަ ސަފު
(ރޯ) ގައި ހުރި ި މައިގަނޑުގެ ހަތަރުވަނަ ޕެރެގުރާފުގެ ނުކުތާތައް:
4. އަޅުގަނޑު ޙައްޖަށް ދާނީ
|
- އެވަރަށް ފައިސާ ލިބުމުން ކުރަންޖެހޭ ދީނީ
ކަމަކަށްވީތީ
- ލިބުނު ފުރުސަތުގެ ބޭނުން ހިފަންޖެހޭނެތީ
- ބައްޕަގެ ނަސޭހަތަކަށްވީތީ
|
ދީނުގެ ބަސް
(ފުދުންތެރިކަން ލިބޭއިރަށް ޙައްޖު ފަރުޟު)
|
ދީނުގެ މަތިވެރި ފަރުޟު އަދާކުރާނަން
|
މައިގަނޑުގެ ޕެރެގުރާފް4:
ޝައްކެއް ނެތެވެ. އެންމެ
އިސްވާޖިބަކީ ﷲ އަށް އަދާކުރާންޖެހޭ ފަރުޟެވެ. އެހެންކަމަށްވީތީ އަޅުގަނޑަށް ލިބޭ
ތިޔާގިކަމުގެ ބޭނުންކޮށްގެން، ﷲ ފަރުޟުކުރެއްވި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަން
މިހާރުވެސް މި ނިޔަތްގަތީއެވެ. އެއީ އެކަން އަދާކުރެވޭނޭ މިންވަރަށް ފައިސާ
ލިބިއްޖެނަމަ ކުރަންޖެހޭ ވާޖިބު އަޅުކަމެކެވެ. އަދި އެއީ ލިބޭ ފުރުސަތެއްކަމުގައި
މި ހިތް ދެކެއެވެ. މިހާރުވެސް ހަނދާނުގައި ހުރި، އަޅުގަނޑު ކިޔަވާން ސާނަވީއަށް ދާންފެށުމުން
ބައްޕަ ދެއްވި ނަސޭހަތެއްވެސްމެއެވެ. ތަޢުލީމުއްދިޔާނާގައި އޮތްގޮތުން
އިސްލާމްދީނުގެ 5ވަނަ ފަރުޟު އަދާކުޅައުމުގެ ކުޅަދާނަކަން ލިބުމާއެކު އެ އަޅުކަން
އަދާކުރުމީ ކޮންމެ މުސްލިމެއްގެމައްޗަށް ވާޖިބެކެވެ. ވީމާ އަޅުގަނޑަށް މާވަހަރެއް
ލިބި ވިއްކައިލެވުނުހާ އަވަހަކަށް މި ކަމަށް ފައިސާ ވަކިކޮށް ޙައްޖުގެ ދަތުރު
ފަށާނަމެވެ.
އޮނިގަޑު ރާވަން ބޭނުންކުރި ތާވަލުގެ ހަތަރުވަނަ
ކޮލަމުން ނަގައިފައި ނިންމުމުގެ ފަރުމާއަށް ބޭނުންކުރި ނުކުތާތައް:
ލިިބިއްޖެނަމަ އެ މާވަހަރު... ފައިސާއަށް
ބަދަލުކުރާނަން
އަނެކުންނަށް އެހީއެއްގެގޮތުގައި ބައެއް
ކަނޑައަޅާނަން
ޖަމާޢަތުގައި ނިންމަންޖެހިފައި ހުރި ކޮންމެވެސް
ކަމަކަށް އެހީވަނަން
ދީނުގެ މަތިވެރި ފަރުޟު އަދާކުރާނަން
|
މަޒުމޫނުގެ ނިންމުން
ނިންމައިލަމުން ދަންނަވާނީ މާވަހަރެއް ލިބި ތިޔާގިކަމެއް އޮތްނަމަ އަޅުގަނޑު ކުރާނެ
ކަންކަން ޢަޒުމާ އެއްގޮތަށް ކުރާނެވާހަކައެވެ. ކޮންމެވެސް ގޮތަކުން ލަފާ
ހޯދައިގެން، ލިިބުނު އެ މާވަހަރު، ވީ އެންމެ އަވަހަކަށް ފައިސާއަށް
ބަދަލުކުރާނަމެވެ. އަދި ލަސްނުކޮށް އަނެކުންނަށް އެހީއެއްގެގޮތުގައި، އެ ހިނދަށް
ބޭނުންވާ ކަންކަމަށް އެ ފައިސާއިން ބައެއް ކަނޑައަޅާނަމެވެެ. ޖަމާޢަތުގައި ނުނިމި
ހުރި ކޮންމެވެސް މުހުތާދަކަށް ހޭދަކުރާނަމެވެ. ތިމާއަށް ތިޔާގިކަމެއް ލިބިއްޖެއަތީ
އަދާކުޅައުމަށް އޮތް ދީނުގެ މަތިވެރި ޙައްޖުގެ ފަރުޟު އަދާކުރާނަމެވެ. އަޅުގަނޑު
އެދެނީ އެހެންމީހުންވެސް، ތިޔާގިކަމެއް ލިބިއްޖެނަމަ މިފަދަ ކަންކަންކުރުމެވެ. ﷲ
އަޅުގަނޑަށް މި ކަންކަންކުރުމުގެ ތިޔާގިކަމެއް ދެއްވާށިއެވެ. އާމީން.
ނޯޓް: މި މަޒުމޫނު އިތުރަށް ނަލަކުރުމަށް ކުރެވިދާނޭ ބައެއް ކަންކަން:
-
ފެށުން
އިތުރަށް ނަލަކުރަން ބޭނުންނަމަ ބައިތެއް، މޮޅު ބަހެއް ބޭނުންކޮށްލާށެވެ!
-
މައިގަނޑުން
ކޮންމެވެސް އެއް ޕެރެގުރާފެއްގައި އަދަބީ ބަހެއްފަދަ މޮޅު ބުނުމެއް ހިމަނާށެވެ!
-
ބަސްކޮށާރުގެ
ގޮތުން ތިޔަ ދަރިވަރު މިހާރު ބޭނުން ނުކުރާ ދެތިން ލަފުޒު ބޭނުންކުރާށެވެ!
-
ބާރުދޭ އަދި
ގުޅުވާ އަކުރާއި ލަފުޒު ބޭނުންކުރާށެވެ!
-
ތަކުރާރުކޮށް
ކިޔައިލާށެވެ!
-
ލިޔަން
ފަށާގޮތަށް، ހުއްޓުމެއް ނެތި ލިޔެ ނިންމައިލާށެެވެ!
ބެއްލެވީތީ، ކިޔުއްވީތީ ޝުކުރިއްޔާ! ޚިޔާލެއް ނެތްތޯ؟
Subscribe to:
Posts (Atom)