11.5.18

Rangadu ahanmadhaai rangan'du faathuma ކުރޮޅިވާހަކަ: ރަންގަނޑު އަހަންމަދާއި ރަންގަނޑު ފާތުމަ


އިއްޔެނޫން އިހަށްދުވަސްނޫން އޭގެ ކުރީދުވަސްނޫން އޭގެކުރީދުވަހުގެ ތުއްތު ތުއްތު

ރަންގަނޑު އަހައްމަދާއި ރަންގަނޑު ފާތިމަ
ލިޔުނީ: އާދަމް ޒާހިރު 2018 މޭ 10 (ކުޑަކުދިންގެ ދުވަހު ޢަރަބިއްޔާ ސްކޫލަށް ކިޔައިދިން ވާހަކަ)
ނޯޓް: މި ވާހަކައިގެ ޙާދިސާއެއް ނުވަތަ ކަމެއް އެއްވެސް ބީދައަކުން ބަޔަކާއި ޙާދިސާއަކާ ދިމާވިޔަސް އެއީ އިއްތިފާޤެއްކަމުގައި ނޫނީ ނުވާނެ. މިއީ 2018 ވަނަ އަހަރުގެ ކުޑަކުދިންގެ ދުވަހު ޢަރަބިއްޔާ ސްކޫލުގެ ޙަފްލާއަކަށް ޝަރަފުވެރި މެހުމާނެއްކަމުގައި ގޮސް އިށީންއިރުވެސް ވިސްނައިފައި ނެތް، އެހެނަސް ވާހަކަދައްކަން އެރުމުގެކުރިން ޚިޔާލުން އުފެއްދި އަމިއްލަ ޚިޔާލީ ވާހަކައެއް. އަލްޙަމްދު ލިﷲ.

ވާހަކަ:
އެއްޒަމާނެއްގައި ތިމަރަފުށީގައި އުޅުނޯ ރަންގަނޑު އަހަންމަދަކާއި ރަންގަނޑު ފާތިމައެއް. މިއީ އެއްބަނޑު އެއްބަފާ ދެބޭން. މި ދެބޭންނަކީ އެ ރަށުގައި ދީންވެރި ޤަދަރުވެރި ދެމީހުން. މެދުމިންވަރަކަށް ތިޔާގި މި ދެމީހުންނަކީ އެކުގައި ދިރިއުޅުން ވޭތުކުރާ ވަރަށް ޢަބުރުވެރި ދެބޭން.
ރަންގަނޑު އަހައްމަދާއި ރަންގަނޑު ފާތުމަ ވަަރަށް ޅަ. އެއްދުވަހަކު ފާތުމަ ބުނެފި؛ "މަންމާ. މަންމަ ތިޔައީ އަޅުގަނޑުމެން ދެބެންދެކެ ހާދަ ލޯބިވާ މަންމައެކޭ" މިއަޑުއަހައިފައި އަހައްމަދު ބުނެފި؛ "އާން. އަދި ބައްޕަވެސް ހާދަ ލޯތްބެއްވޭ. އެކަމަކު އިހަށްދުވަހު އެދުރުދައިތަ ބުނި، ކޮންމެ ރައްޔިތަކުވެސް ޤައުމުގެ ބޮޑެތި މީހުންނާއި މަތީ މަޤާމުގެ މީހުންދެކެއޭ އެންމެ ލޯބިވާންވާނީ"..
މިއަޑު އަހަން މި ދެކުދިންގެ މަންމަ، ހައްވައްތަ އިނދެފައި އުފަލުގެ ހިނިގަނޑެއްޖަހައިލައިފައި ބުނެފި؛ "މަންމަގެ ދެދަރިންނޭ. ތިޔައީ ހާދަ ބޮޑު ވާހަކައެކޭ. އެދުރުދައިތަ އެ ބުނީ ހާދަ ބޮޑު ތެދެކޭ." އަދި ހައްވަ ކުޑައިރުކޮޅަކު ވިސްނަން އިނދެފައި ބުނެލައިފައި "ދެކުދިން އާދޭ މަންމަގާތަށް އުނދޯއްޔަށް"މިހެން ބުނުމާއެކު ދެކުދިން ދުވެލައިފައި އައި. އަހަންމަދު އިށީނީ މަންމަގެ ކަނާތްފަރާތުގައި. މަންމަގެ ވާތްފަރާތުގައި ފާތުމަ އިށީނދެއްޖެ.
"ދަރިފުޅުމެންނޭ ބުނަންތަ. ތިޔަ ދެކުދިންނަކީ ހާދަ ބޮޑު ހާދަ މާތް ހާދަ އިއްޒަތްތެރި ދެދަރިންނޭ، މަންމަގެ ގާތުގައި. އެނގޭތަ. ތިޔައީ މިރަށުގެ ޢިއްޒަތްތެރިން. މާދަމާގެ ރަށު ވެރިން. އަނެއް ދުވަހުގެ ޤަދަރުވެރިން" ހައްވަ ވަރަށް ލޯބިން އޭނާގެ ދެދަރިންގެ ބޮލުގައި ދެއަތުން ފިރުމަމުން ވިސްނައިދީފި.
"މަންމާ. މިތިބީ އަހަރެމެން ކުދިކަން. އަދިކިރިޔާ ނުވައަހަރު ފުރުނީ." ރަންގަނޑު ފާތުމަ މިހެންބުނުމާއެކު އަހަންމަދު ބުނެލި؛ "މަންމަ ތިޔަ ބުނީ ތެދެއްކަން ޔަޤީން. އެކަމަކު މަންމަ ތިޔަހެން ބުނީ ކީއްވެ؟" އަހަންމަދު އެނގެން ބޭނުންވެގެން އަހައިލި.
"ދަރިފުޅުމެނޭ.. ތިޔަކުދިންނަކީ އަދި މިރަށުގެ އެހެން މައިންބަފައިންގެ ކުޑަކުދިންނަކީ.... މާދަމާނޫން އަނެއްދުވަސް ނޫން އަނެއްދުވަސް ނޫން އޭގެ ފަހުދުވަސްނޫން އޭގެ ފަހުމަސް ނޫން އޭގެ ފަހު އަހަރުނޫން އަނެއް އަހަރުގައި ޤައުމުގެ ބޮޑެތި މީހުން. .. ކީކޭ މިބުނީ މަންމަ؟"
ފާތުމައާއި އަހަންމަދު ތަކުރާރުކޮށްލައިފި.  "އަޅުގަނޑުމެންނަކީ އަދި މިރަށުގެ އެހެން މައިންބަފައިންގެ ކުޑަކުދިންނަކީ.... މާދަމާނޫން އަނެއްދުވަސް ނޫން އަނެއްދުވަސް ނޫން އޭގެ ފަހުދުވަސްނޫން އޭގެ ފަހުމަސް ނޫން އޭގެ ފަހު އަހަރުނޫން އަނެއް އަހަރުގައި ޤައުމުގެ ބޮޑެތި މީހުން. .. ކީކޭ މިބުނީ މަންމަ؟"
"އާނ... ވަރަށްރަނގަޅު. އެހެންވީމާ މިއަދު ތިޔަ ކުދިންނަށް ލޯބިދިނީމާ ތިޔަކުދިން ބޮޑެތިވާ ދުވަހުގެ ކުޑަކުދިންނަށް ތިޔަކުދިން ލޯބިދޭނެ. އެހެންވެ މަންމަމެން މި ލޯބިދެނީ މާދަމާނޫން އަނެއްދުވަސް ނޫން އަނެއްދުވަސް ނޫން އޭގެ ފަހުދުވަސްނޫން އޭގެ ފަހުމަސް ނޫން އޭގެ ފަހު އަހަރުނޫން އަނެއް އަހަރުގައި ޤައުމުގެ ބޮޑެތި މީހުންނަށް." މަންމަ ހީނލި. ދަރިފުޅުމެންގެ ބުރަކަށީގައި ފިރުމައިލި. އަދި ލޯބިން ދޮނެއްދިން... ފާތުމަގެ ލޮލުން ކަރުނަ ހިލިއްޖެ. އަހަންމަދު މަންމަގެ އުނގުގައި ބޯ އަޅައިލައިފި.
ކުޑަކޮށް ގިސްލަމުން ދެކުދިން އެކުގައި ކިޔައިލި. "އެހެންވީމާ އަޅުގަނޑުމެން... މާދަމާނޫން އަނެއްދުވަސް ނޫން އަނެއްދުވަސް ނޫން އޭގެ ފަހުދުވަސްނޫން އޭގެ ފަހުމަސް ނޫން އޭގެ ފަހު އަހަރުނޫން އަނެއް އަހަރުގައި ޤައުމުގެ ބޮޑެތި މީހުންނަށް ވެ މަންމަމެން ބަލައި ހޭހަންކޮށް އެހީވާނަން" މަންމަ އުފަލުން ކަރުނަ ހިލި ލޯ ފޮހެލައިފި.
މާގިނައިރެއް ނުވެ ގޭދޮރު ލައްޕައިލައިފައި ކާފަ އަތުވެއްޖެ. އެ ހިނދު ކާފައަށް މި މަންޒަރުފެނިގެން އަހައިލި.... "އަހަންމަދޫ ދަރިފުޅޫ ކީއްވެފައި ތިޔައޮތީ.؟" އަހަންމަދު ކާފަގެ އަޑުއަހައިފައި ތެދުވެގެން ދުވެފައި ގޮސް ކާފައާ ސަލާމްކޮށްލި. ފަހަތުން ފާތުމަވެސް. "ކާފާ.. އަޅުގަނޑު މިއައީ ކާފަ ބުނިހެން ދާލި ކުޑިތައް ގޯންޏަށް އަޅައިފައި ކާފަ ކީއްވެ ލަސްވީ"
ކާފަގެ ކޮނޑުގައި އުފުލި ސާމާނު އަށި ދަށަށްލައިފައި ތެދުވަމުން ބުނެލި "ހޫނނ. މިއައީ ކާފައާއެކު އިއްޔެނޫން އިހަށްދުވަސްނޫން އޭގެ ކުރީދުވަސްނޫން އޭގެ ކުރީ މަސްނޫން އޭގެ ކުރީއަހަރު ނޫން އޭގެ ކުރީ އަހަރުގެ ކުރީއަހަރުގެ ކުރީ އަހަރު ކާފައާއެކު ކުޅެން އުޅުނު، ފަރަށް ގޮސް އުޅުނު ކާސިންބެއަށް ކުރުނބައެއް ހަދައިދީފައި. އެ ކާސިންބެ އޮތީ ވަރަށް ބަލިވެ" ކާފަގެ މިބުނުމަށް ފާތުމަ އަހައިލައިފި؛ 'ކާފާ... އޭރު ކާފައާއި ކާސިންބެ ވާނީ އަހަރެމެންހެން ކުޑަކުދިންނަށް ދޯ؟
"އާނ ދަރިފުޅާ.. އޭރުގެ ކުޑަކުދިން މިއަދުގެ ބޮޑެތި މީހުނަށްވެފައި މި ތިބީ.. މިއަދުގެ ތިޔަ ކުޑަކުދިން މާދަމާގެ ބޮޑެތި މީހުނަށްވާނެ.." ކާފަގެ ބަސް މެދުކަނޑައިލައިފައި އަހަންމަދު ބުނެފި؛ "ކާފާ.. އެހެންވީމާ .... މާދަމާނޫން އަނެއްދުވަސް ނޫން އަނެއްދުވަސް ނޫން އޭގެ ފަހުދުވަސްނޫން އޭގެ ފަހުމަސް ނޫން އޭގެ ފަހު އަހަރުނޫން އަނެއް އަހަރުގައި ޤައުމުގެ ބޮޑެތި މީހުންނަށް ވެ މާމައާއި ކާފައާއި ބައްޕައާއި މަންމަ ބަލައި ހޭހަންކޮށް އެހީވާނަން، އަޅުގަނޑުމެން. އިނގޭ" ކާފަ އެ ކިޔުން އަޑުއަހައިފައި އެ ދެކުދިންގެ ގައިގައި ބައްދައިލި. އަދި ސިއްރުން ބުނި "ތިޔައީ މަންމަ ކުޑައިރު ކާފަ ތިޔަ ބަނދިވަރު މަންމައަށް ކިޔައިދިނިން. ތިޔަކުދިން ހާދަ ހެވޭ. ހާދަ ރަނގަޅޭ. އިނގޭ." އަހަންމަދު ބުނެލައިފި؛
 "ކާފާ! މާދަމާނޫން އަނެއްދުވަސް ނޫން އަނެއްދުވަސް ނޫން އޭގެ ފަހުދުވަސްނޫން އޭގެ ފަހުމަސް ނޫން އޭގެ ފަހު އަހަރުނޫން އަނެއް އަހަރުގައި ޤައުމުގެ ބޮޑެތި މީހުންނަށް ވެ، އަޅުގަނޑު ކާފަހެންވާނެ ދޯ" ކާފަ ބުނި "އާނ ދަރިފުޅާ" ފާތުމަ ބުނެފި "މަންމަހެން އުޅެންޖެހޭނެދޯ އަޅުގަނޑު"  ކާފަ ބުނި "އާނ ދަރިފުޅޭ"
ރަންގަނޑު އަހަންމަދާއި ރަންގަނޑު ފާތުމައަކީ ކުޑައިރުއްސުރެ ރަށުގެ މާއެދުރުދައިތަގާތުން ދީން ކިޔަވައި ދިވެހިބަހާއި ހިސާބު ކިޔަވާ ދެކުދިން. މިސްކިތު އިމާމުގާތުން ޤުރުއާނާއި ބަންގިއާއި މައުލޫދު ކިޔަވައި އަރަބި ދަސްކުރި. އަދި ބޭސްތުތުއްތު ގާތުން ފަތްޕިލާވެލީގެ ބޭސް ހަދަން ކޮންމެވެސްވަރަކަށް ދަަސްކުރި. މަންމަ ގާތުން ކައްކަން ދަސްކޮށް ބައްޕަގާތުން ދަނޑުވެރިކަން އުނގެނި ކާފަގާތުން ވަޑާން ދަސްކޮށްފި. އަބަދުހެން ކޮންމެވެސް މަސައްކަތެއްގައި އުޅޭނެ. މި ދެ ކުދިންނަކީވެސް ވަރަށް މޮޅު ބަސްއަހާ ދެކުދިން. މިއަދު އެ ދެކުދިން ބޮޑުވެއްޖެ.  އިއްޔެނޫން އިހަށްދުވަސްނޫން އޭގެ ކުރީދުވަސްނޫން އޭގެ ކުރީ މަސްނޫން އޭގެ ކުރީއަހަރު ނޫން އޭގެ ކުރީ އަހަރުގެ ކުރީއަހަރުގެ ކުރީ އަހަރު އެއްޗެއް ނުދަންނަ ކުޑަކުދިންނަށްވިޔަސް މިއަދު އެ ދެބޭންނަކީ ޤައުމުގެ ހަރުންނަށްވެއްޖެ.
ކުދިންނޭ.. މި ދެ ކުދިންނާއި އެ ދެކުދިންގެ މަންމައާއި ބައްޕަ އުފަލުގައި އުޅޭތާ މަސް ދިހަމަސް އަހަރު ދިހަ އަހަރު އަދި ފަހުން ތިރީސްއަހަރު ވެއްޖެ. އޭރު ބައްޕަ ދުނިޔެ ދޫކޮށްފި. މަންމަ ބަލިވެއްޖެ. އަތަކު ފަޔަކު ވާތްގެއް ނެތް. އެހެންވެ ކަމެއް ނުކުރެވި އެނދުގައި އޮންނަތާ ފަސް ހަ މަސް ވެއްޖެ. އެއްދުވަހަކު މި ދެކުދިންގެ މަންމަ ހައްވަގެ އެކުވެރި ސަފިއްޔައްތަ ގެއަށް އައި. ހައްވަގާތު ބުނެފި. "ތިޔަހެން އަތަކު ފަޔަކު ވާގި ނެތިފައި އޮންނަންވީމާ ހާދަދެރައޭ" މިއަޑުއަހައިފައި ހައްވައ ބުނެފި؛ "ކީއްވެ އަހަރެން ދެރަވާންވީ"
ސަފިއްޔައްތަ ބުނި: އިއްޔެނޫން އިހަށްދުވަސްނޫން އޭގެ ކުރީދުވަސްނޫން އޭގެ ކުރީ މަސްނޫން އޭގެ ކުރީއަހަރު ނޫން އޭގެ ކުރީ އަހަރުގެ ކުރީއަހަރުގެ ކުރީ އަހަރު އުޅުނުގޮތަށް ނޫޅެވޭނެތީނު"
ހައްވައްތަ ވަރަށް ހައިރާންވެފައި ބުނި؛ "ބަލަ މާދަމާނޫން އަނެއްދުވަސް ނޫން އަނެއްދުވަސް ނޫން އޭގެ ފަހުދުވަސްނޫން އޭގެ ފަހުމަސް ނޫން އޭގެ ފަހު އަހަރުނޫން އަނެއް އަހަރުގައި އަހަރެމެން ދެމީހުންވެސް މި ޤައުމުގައި، މިދުނިޔޭގައި ނުތިބޭނެ. ދުނިޔެ ބަދަލުވާނެ. މިހާރު މިއޮތީ އެކުދިންގެ މާދަމާނޫން އަނެއްދުވަސް ނޫން އަނެއްދުވަސް ނޫން އޭގެ ފަހުދުވަސްނޫން އޭގެ ފަހުމަސް ނޫން އޭގެ ފަހު އަހަރުނޫން އަނެއް އަހަރު އައިސްފައި އަހަރެންގެ ލޯބިވާ ދަރިންނަކީ މިއަދު ޤައުމުގެ ބޮޑެތި މީހުން. އަހަރެމެންނަށް ލޯބިދޭ ކުދިން."
ސަފިއްޔައްތަ ބުނެފި؛ "ހައްވާ. ނުއެއް ހިނގޭނެއެއްނު، ބޭނުންވާ ކަންތައްކުރަން" ހައްވަ އުފަލުން ހިނިއައިސްފައި ބުނެފި؛ "ބަލަ ސަފިއްޔައްތާ.  އިއްޔެނޫން އިހަށްދުވަސްނޫން އޭގެ ކުރީދުވަސްނޫން އޭގެ ކުރީ މަސްނޫން އޭގެ ކުރީއަހަރު ނޫން އޭގެ ކުރީ އަހަރުގެ ކުރީއަހަރުގެ ކުރީ އަހަރު މަގޭ ތުއްތުތުއްތު މަގޭ އަހަންމަދު މިއަދު ހިނގާނެ. އަހަރެން ބޭނުންވާހާތާކަށް، ބޭނުންވާހިނދުން ބޭނުންކަމެއްކުރުމަށް އަހައްމަދު ހިނގާނެ."
ސަފިއްޔައްތަ ބުނެލި؛"ހަމަ އެކަނި އެކަމެއް ނޫނޭ. ކޮބާ ކެއުން ކޮބާ ބުއިން؟ އަނެއްކާވެސް ހައްވަ ބުނެފި. "ސަފިއްޔައްތާ.. އިއްޔެނޫން އިހަށްދުވަސްނޫން އޭގެ ކުރީދުވަސްނޫން އޭގެ ކުރީ މަސްނޫން އޭގެ ކުރީއަހަރު ނޫން އޭގެ ކުރީ އަހަރުގެ ކުރީއަހަރުގެ ކުރީ އަހަރު އެކުގައި ކުޅެ އުޅުނު އަހަރެންގެ މިތުރާ! އިއްޔެނޫން އިހަށްދުވަސްނޫން އޭގެ ކުރީދުވަސްނޫން އޭގެ ކުރީ މަސްނޫން އޭގެ ކުރީއަހަރު ނޫން އޭގެ ކުރީ އަހަރުގެ ކުރީއަހަރުގެ ކުރީ އަހަރު އަހަރެންގެ ތުއްތުތުއްތު ފާތުމަ މިއަދު ކައްކާނެ. ކާންދޭނެ. ބޯންދޭނެ. ލަވައިދޭނެ. ނުވިތާކަށް ދިރުވައިވެސް ދޭނެ. އެއީ މިއަދުގެ ބޮޑެތިމީހުން. ޙާލަތަކީ ޝުކުރުކުރަން ކުރިމަތިވާ އިމްތިޙާނެއް. އަހަރެން މި އޮތީ އުފަލުން"
ސަފިއްޔައްތަ ބުނެފި: "ތިޔައީ ތެދެއް. އަހަރެމެންނަކީ އިއްޔެނޫން އިހަށްދުވަސްނޫން އޭގެ ކުރީދުވަސްނޫން އޭގެ ކުރީ މަސްނޫން އޭގެ ކުރީއަހަރު ނޫން އޭގެ ކުރީ އަހަރުގެ ކުރީއަހަރުގެ ކުރީ އަހަރުގެ ކުޑަކުދިން. މިއަދުގެ ކުޑަކުދިންނަކީ މާދަމާނޫން އަނެއްދުވަސް ނޫން އަނެއްދުވަސް ނޫން އޭގެ ފަހުދުވަސްނޫން އޭގެ ފަހުމަސް ނޫން އޭގެ ފަހު އަހަރުނޫން އަނެއް އަހަރުގައި ޤައުމުގެ ބޮޑެތިމީހުން. އެކަން ޔަޤީން. މިއަދު ވިސްނަންވާނީ؛ މާދަމާނޫން އަނެއްދުވަސް ނޫން އަނެއްދުވަސް ނޫން އޭގެ ފަހުދުވަސްނޫން އޭގެ ފަހުމަސް ނޫން އޭގެ ފަހު އަހަރުނޫން އަނެއް އަހަރަށް. އިއްޔެނޫން އިހަށްދުވަސްނޫން އޭގެ ކުރީދުވަސްނޫން އޭގެ ކުރީ މަސްނޫން އޭގެ ކުރީއަހަރު ނޫން އޭގެ ކުރީ އަހަރުގެ ކުރީއަހަރުގެ ކުރީ އަހަރަކަށް ނޫން."
ކުދިންނޭ.. އެއީ ވަރަށް ބޮޑު ތެދެއް. އިއްޔެނޫން އިހަށްދުވަސްނޫން އޭގެ ކުރީދުވަސްނޫން އޭގެ ކުރީ މަސްނޫން އޭގެ ކުރީއަހަރު ނޫން އޭގެ ކުރީ އަހަރުގެ ކުރީއަހަރުގެ ކުރީ އަހަރުގެ ތުއްތު ތުއްތު ރަންގަނޑު އަހަންމަދަކާއި ރަންގަނޑު ފާތިމައަކީ މިއަދު ބޮޑެތި މީހުން. ދެމީހުންނަކީ މިއަދުވެސް އެކުގައި ދިރިއުޅުން ވޭތުކުރާ ވަރަށް ޢަބުރުވެރި ދެބޭން. ރަށުގައި އަހައްމަދަކީ ކަތީބުންނާއި ކައުންސެލަރުންނާއި އިމާމުން ޚިޔާލު އަހައި ގުޅުންބާއްވާ ވަރަށް ޢިއްޒަތްތެރި ޝަޚުސެއް. ފާތުމައަކީ ރަށުގެ ގިނަ އަންހެނުންނާއި ފޫޅުމައިންނާއި ކުދިވެރިން ވާހަކައަހައި ލަފާ ހޯދާ މާތް އަންހެނެއް. އެހެންވީމާ މި ދެބޭންވެސް ވެފައިވަނީ އެ ރަށުގެ ވަރަށް ވަރަށް ޢިއްޒަތްތެރި ދެމީހުނަށް.
މިއަދު މި ދެބޭންގެ ނިޔަތަކީ ދެބޭންގެ ދަރިންކަމުގައިވާ ރަންގަނޑު އަހަންމަދުގެ ޒުބައިރާއި ޚަދީޖާއާއި ރަންގަނޑު ފާތުމަގެ އަރުޝާދާއި ފަރީޝާއަކީ މާދަމާނޫން އަނެއްދުވަސް ނޫން އަނެއްދުވަސް ނޫން އޭގެ ފަހުދުވަސްނޫން އޭގެ ފަހުމަސް ނޫން އޭގެ ފަހު އަހަރުނޫން އަނެއް އަހަރު ޤައުމުގެ ޒިންމާތަކާއި ވާޖިބުތަކާ ޙަވާލުވާންތިބި ދީންވެރި މަަސައްކަތްތެރި ހުނަރުވެރި ދިވެހި ވަޠަނީ ދަރިންކަމުގައި ހަދައި އެ މަގުން ތަރުބިއްޔަތުކުރުން. ﷲ. މިއަދުގެ ކުޑަކުދިންނަކީ އަދި މިއަދުގެ ބޮޑެތި މީހުންނަކީ މިއަދާއި މާދަމާއާއި އަންނަންއޮތްހާ ޒަމާނެއްގައި އަބަދަށް ދީންވެރި ބުއްދިވެރި ޒިންމާވެރި ހުނަރުވެރި އުކުޅުވެރި ވިސްނުންތެރި ބައެެއްކަމުގައި ލައްވާނދޭ. (ވާހަކަ ނިމުނީ)

No comments:

Post a Comment