ދިވެހި ޖުމްހޫރީ 50 ފާހަގަކުރާއިރު
ދިވެހިންނަށް ޖުމްހޫރިއްޔަތު އެނގެނީ ކިހައިވަރަކަށްބާ!
އާދަމް ޒާހިރު
(ކުރޮޅި)
11 ނޮވެމްބަރު 2018
ރަންޔޫބިލެއް ހަމަކޮށް އައީ ޖުމްހޫރިޔާ
ދީވީންގެވީ
ރަން ފަދަ ނުވާ
ފާހަގަކުރުން ހުއްރިއްޔަތެއް މިވެހިންގެވީ
ޝައްކެއްނެތެވެ.
މިއަދަކީ ދިވެހިންގެ ޖުމުހޫރީވެރިކަމަށް 50 އަހަރު ފުރޭ ޙަޤީޤީ އުފާވެރި ދުވަހެވެ.
ވަނައިން ގުނޭ ރަންޔޫބީލް ވަނައެވެ. ހުއްރިއްޔަތަށް އެދި އެދި އަދިވެސް ގޮވަމުންދާ
މި ދިވެހި ދަރީންގެ ވަަޠަނީ ހިއްސާ ރައްޔިތުންނަށް ލިބިދިއުމުގެ އުފާ ފަންސާސްވަނަ
ފަހަރަށް ފާހަގަކުރަން ލިބުނު ދުވަހެވެ. ނަމަވެސް ހިގާމައަކީ "ރަންޔޫބިލެއް
ގުނައި ހަމަވިޔަސް ރަނުގެ ބެބުޅުމާ އެ އަގާ އެއްވަރަށް މިއަދު މި ހުއްރިއްޔަތު
ފާހަގަވެގެން ނުދާކަމެވެ" ދިވެހި މިނިވަން ފަންސާސް ފަދައިން އެކި އެކި
ތަންތަނުގެ ރަންފަދަ ދުވަސްފަދައިން ޤައުމުގެ ޤައުމީ ވަޠަނީ ރޫޙު ދިރޭ
ހުއްރިއްޔަތުގެ ފަންސާހުގައި ބެބުޅުން ނެތްކަމެވެ.
ދިވެހިން
ދިވެހިންނަށްޓަކައި ދިވެހި ރޫޙީ ދިރުމަށްޓަކައި ޖުމުހޫރިއްޔަތު ގެނައީ
ކާބަފައިންގެ ލައްކަ ތިކި ލެއިން ޤުރުބާންތަކެއްވެގެންނެވެ. އޭގައި ހުރި
ރައްޔިތުންނަށް ލާބައާއި މަންފާތަކެއް ފެނިގެންނެވެ. ނަމަވެސް މި އުފާވެރި
ފަންސާސް މިހާ ފަނޑު ގޮތަކަށް ފާހަގަވެގެންދާކަމީ ދިވެހިންނަށް މިކަމުގެ
މުހިންމުކަން ނުވިސްނޭކަމެވެ. ރައްޔިތުން ބޭނުންވެ ގެނައި ޖުމްހޫރުން ލިބެވޭ
ނަފާގައި އުންމީދުކުރި ނަފާ ނެތްކަމަށް ހީވާންފެށިކަމުގެ ހެއްކެއްކަމެވެ. މިފަދަ
މިނިވަންކަމަކަށްވުރެ އެހެން ކަންތައްތަކެއް މާ މުހިންމުވެ ތިލަކޮށްފިކަމެވެ.
ޖުމްހޫރީ ވެރިކަމެއްގެ
ސިފަތައް
ޖުމްހޫރިއްޔަތަކަށް 50
ފުރޭހިނދު މި ޖުމްހޫރުގައި ތިބި ގިނަ ދަރިންނަށް މީގެ މުހިންމުކަމާއި މީގެ ސިފަ
އިހުސާސްވެސްކޮށް ނުލެއެވެ. އެހެންކަމުން ޖުމްހޫރީ ވެރިކަމެއްގެ ސިފަތަކަށް
ކުރުކުރުކޮށް ބަލައިލުމަކީ މި ލިޔުމަށް ލިބޭނޭ ފުރިހަމަކަމެއްކަމުގައި ދެކެމެވެ.
އާދޭހެވެ. ވެރިކަން ކުރުމުގެ މުހިންމު އެއް ސިޔާސަތަކީ
ޖުމްހޫރިއްޔާއެެވެ. ޖުމްހޫރީ އުސޫލެވެ. މިއީ އިންސާނުން ބަލައިގެންފައިވާ
އިންސާފާއި އަދުލު ލިބިގަނެވޭ އުސޫލެކެވެ. އެކަމަކު މި ނިޒާމުގެ ވެރިކަމުގެ އަސްލު
ބަރާއި ފައިދާއާއި ލާބަ އެންމެ ހެޔޮކޮށް ނުވިސްނެއެވެ.
ގިނަ ހޯދުންތަކުގައި
ވާގޮތުން ޖުމްހޫރިއްޔަތުގައި ވަރަށް ގިނަ މާނަ ހިމެނިފައިވެއެވެ. މި މާނަތަކުން
ފިކުރުކުރެވޭގޮތުގައި ޖުމްހޫރިއްޔަތަކީ؛ ކަންކަމަށް އަޑު އުފުލުމާއި ތަނުގެ
މަސައްކަތްތައްކުރުމުގައި ބައިވެރިވުމާއި، ރައްޔިތުންގެ މެދުގައި އެކުވެރި
މާހައުލެއް އުފެދުމާއި، އަސާސީ މިނިވަންކަމެެއް ލިބުމެވެ. މި ސިފަތަކުގެ ތެރެއިން
އިތުރަށް ލިސްޓުކުރާނަމަ ޖުމްހޫރީވެރިކަމެއްގައިވިއްޔާ މި ސިފަތައް ހިމެނޭނެއެވެ.
އެއީ:
-
ވަކި ވަކި ފަރުދުން ހިމެނޭހެން ރައްޔިތުންގެ ބައިވެރިވުން އޮތުން
-
ރައްޔިތުންގެ ޚިޔާލާއެކު ތަނުގެ ހަމަޖެހުމާއި މިނިވަންކަން
ޙިމާޔަތްކުރެވިފައިވުން
-
ވެރިކަމުގެ ބާރު ފެށިގެއަންނަ ފަރާތަކީ އެ ތަނެއްގެ
ރައްޔިތުންކަމުގައިވުން
-
ވެރިކަމާއި ދައުލަތް ވަކިވެފައިވުން
-
ވަކިވަކި ފަރުދުންގެ ބަސް ވިކި ކޮންމެ މީހެއްގެ ޙައްޤު
ޙިމާޔަތްކުރެވޭނޭ ގޮތް ހުރުން
-
ވެރިކަމުގެ މުހިންމު ބާރުތައް ވަކިވެ ރައްޔިތުންނަށް
ބަސްކިޔޭހެން އޮތުން
-
ވެރިކަމެއްގައި ހިމެނޭ އަސާސީ އުސޫލެއް ލިޔެވި
ބަލައިގެންފައިވުން
-
ކަންކަން ނިންމުމުގައި ރައްޔިތުންގެ ބަސް ކިޔޭނޭހެން
ޤާނޫނު ހެދުމުގެ މަޖިލީހެއް މިނިވަންކޮށް އޮތުން
-
މިނިވަންކަމާއި އިސްތިޤްލާލު ޙިޔާމަތްކުރެވޭނޭ ނިޒާމަކަށް
މަސައްކަތްކުރެވޭނޭ ގޮތް ހުރުން
-
އަމިއްލަ ފުދުންތެރިކަމަށް، ޢިލްމާއި ހުނަރާއި އިންސާނީ
ވަސީލަތް އުފެދުމަށް މަގުތަނަވަސްވުން.
-
އެތަނެއްގެ ހެޔޮ ތަރައްޤީއާއި ތަމައްދުނަށް ފަހިވާ
ތަޢުލީމީ ތަރުބިއަޔަތަކުުން މީހުން ބިނާކުރުން.
އިބްރާހީމް ޝިހާބު އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ.
"ތިޔަ ވެރިކަމުގެ އަސްލު ވެރިންނަކީ މިތިއްބެވި ރައްޔިތުންނޭ. އަޅުގަނޑުމެން
މި ފަދަ މަތިވެރި މަޤާމުތަކަށް ލާން ބާރު އޮތީ މި ރައްޔިތުންގެ މުލައްދަނޑީގައޭ..
" ވީމާ ޖުމުހޫރިއްޔަތުގައި މި ކަން އޮންނަންޖެހޭނެއެވެ. މިއީ ޖުމްހޫރިއްޔަތު
ގެނެސްދިން އުފަލެވެ.
މުޙައްމަދު އަމީން ލިޔުއްވާގޮތުގައި، ދިވެހިންނަށް މިއަދު (1953 ޖެނުއަރީ 1) މީރު
ވަސް ދުވަންފަށައިފިއެވެ. ވެރިކަމެއްގެ މިލްކުވެރިންކަމުގައި ހީވާންފަށައިފިއެވެ.
މިއީ ދިވެހިންގެ ވެރިކަމެއްކަމުގައި ހިތުން ބުނެވޭން ފަށައިފިއެވެ. މިއީ މި
ޖުމްހޫރިއްޔަތުގެ އެންމެ ބޮޑު ފައިދާއެވެ. މިއީ އަސަސީ ސިފައެއްވެސްމެއެވެ.
ފުރިހަމަ ޖުމްހޫރިއްޔަތެއްގައި ފުދުންތެރިކަމެއް ނެތުމަކީ ވަރަށް ބޮޑު އުނިކަމެކެވެ.
ގާނދީ ވިދާޅުވެފައިވާ ފަދައިން ޖުމްހޫރީ މިނިވަންކަމަކަށް ބްރިޓިސް ބާރުތަކުގެ
ކިބައިން ސަލާމަތްވެގެން ތިބެވޭނީ "ރޯޓީ ކަޕްޅާ އައުރު މަކާން" މި
އަތްތަކަށް ލިބިގެންނެވެ. ވީމަ ކާނޭތަކެތި ހައްދައި ގޮވަންކުރާށެވެ. އަމިއްލަ
މަސައްކަތްތައް ކޮށް މިނިވަންކަމުގެ ރޫހު ދިރުވާންވެއްޖެއެވެ. އެއީ
ޖުމްހޫރިއްޔަތެއްގެ އެއް ސިފައެވެ.
ފުރިހަމަ ޖުމްހޫރިއްޔަތެއްގައި ޤާނޫނުތަކުގެ ބާރުވެރިކަން އިތުރުވާނެއެވެ.
އަސާސީ ޤާނޫނެއް އޮވެ އޭގެ ދަށުން ހެދޭ އިމުގައި ޤައުމު ބެލެހެއްޓޭނެއެވެ. ވަކި
މީހަކު، ވަކި ޤައުމަކުން ނޫނީ ވަކި މުއައްސަސާތަކުން ކުޅޭ ކުޅޭ ސަރުކާރެއް މި
ޤައުމުގައި ރުކުރުވާން ފުރުސަތު އޮތްނަމަ މިއީ ޖުމްހޫރިއްޔަތެއް ނޫނެވެ. އަމީން
ވިދާޅުވެފައިވާ ފަދައިން ވެރިކަމަށް މީހަކު ގެންނާން ޖުމްހޫރިއްޔަތުގައި
މަޖިލީހެއް އުފެދި އެތަނުން ބަސްކިޔޭނެއެވެ. ޤައުމުގެ ކަންކަން ނިންމާނީ އެ މަޖިލީހުން
ފާސްކޮށްގެން ކަންކަން ރާވައި ނިންމައިގެންނެވެ. މިއީ ވަކި މީހެއްގެ ނުފޫޒަށް
ވެރިކަން ދޫވެދާ ނިޒާމެއް ނޫނެވެ.
ހުސްނުއްސުޢޫދު 2007 ގައި ލިޔުއްވައިފައިވެއެވެ. "ޖުމްހޫރީ ވެރިކަމުގައި
ޤާނޫނު ހެދުމުގެ ބާރާއި ޢަދުލު އިންސާފުގެ ބާރާއި ވެރިކަމުގެ ބާރު ވަކިވެ އެގެ
މިނިވަންކަންމަތީ ހިންގައި ރައްޔިތުންގެ ބަހާ އެއްގޮތްވާގޮތުގެ މަތީން ދައުލަތް
ބެލެހެއްޓުމުގެ ފަންވަރު ހުރީ ޖުމްހޫރިއްޔަތުގައެވެ. އަދި އެއީ ރިޔާސީ ޖުމްހޫރީ
ވެރިކަމެއްގައެވެ" ވީމާ މިއީވެސް އަސާސީ ބާރެއްކަމުގައި ނޫނީ ނުވާނެއެވެ.
ރާއްޖޭގެ ޖުމްހޫރީ
ވެރިކަމަށް 50 ފުރޭހިނދު މި ވެރިކަން އައިގޮތާއި ރަސްކަމުން ޖުމްހޫރިއްޔަތެއް
ތިލަވި މައިގަނޑު ކަންކަމަށް ކަޅިއެއް ހިންގައިލުމީ މުހިންމުކަމެކެވެ. އެތައް
ބައެެއްގެ ލިޔުންތަކުން މި ދުވަސް އައުމުގައި، ގެނައުމުގައި، މަސައްކަތްކުޅަ
މީހުންގެ ނަން އެބަ ހާމަކުރެއެވެ. މިހިރަ މިހިރަ ކަންކަން ދަނެ ދަސްކޮށްތިބުމީ
ޤައުމިއްޔަތަށާއި މިނިވަންކަމަށް ފިކުރުކުުރުމުގައި މުހިންމުކަމެކެވެ.
ދިވެހިންނާއި ޖުމްހޫރިއްޔާ
ޒަމާނީ ފެންވަރުގެ
ދިރާސާތަކެއް ހަދައިފައި ނެތްނަމަވެސް ދިވެހިންނަކީ ރާއްޖޭގެ އެކި ހިސާބުގައި
ވަކިވަކި ރަސްކަމެއްގެ ޙަޟާރަތެއް، ނުވަތަ ކުދި ކުދި ވެރިކަމުގެ ބާރުތަކެއް
އޮތްކަމުގެ ޝައްކު ޢަލާމާތްތަކެއް ފެންނަންހުރި ޤައުމެކެވެ. އެކި އަތޮޅުން، އެކި
ރަށްރަށުން މިކަމުގެ ދަލީލު އެބަ ފެނެއެވެ. މީލާދީން 1153 ވަނަ އަހަރު އިސްލާމްދީން
ޤަބޫލުކުރުމުގެ ކުރީގައި އެކި ފާޑުގެ ރަސްކަމާއި ވެރިކަން ހިނގައި އަޅުކަމުގައި
އަމިއްލައަށް ހަދައިގެން އުޅުނު ކަލާނގެތަކަކަށް އަޅުކަން ކުޅަ ބައެކެވެ. ނަމަވެސް
އިސްލާމްވުމަށްފަހު ވެރިކަން ހިންގުމުގައި އިސްލާމީ އުސޫލުގެ މަތިން ކަންކަން
ކުރަމުން އައިސް ޖުމްހޫރީ ވެރިކަމަކަށް ބަދަލުކޮށް އިސްލާމީ ރިވެތި އުސޫލުން،
"ވައަމްރުހުމް ޝޫރާ ބައިނަހުމް"ގެ މަތިވެރި ޝިޢާރުން ހިންގަންފެށި
"މިއީ ޙުއްރިއްޔަތެއް މިއީ ދީނިއްޔަތެއް މިއީ އެކުވެރިކަމެއް ހިނގާ
ޤައުމިއްޔަތެއް، މިއީ ޢިލްމިއްޔަތަށް މިއީ ކުރިއެރުމަކަށް މިއީ މިނިވަންކަމަށް
އެދޭ ދިވެހިއްޔަތެއް" އެވެ.
ޖުމްހޫރިއްޔަތު
ތަޢާރަފުވި ވާހަކަތަކުގެ ފަތްފުށްތަކަށް ވިސްނައިލުމުން ފެންނަ ދުވަސްވަރަކީ
ރަސްކަމުގެ އުސޫލާ ނުރުހޭ ރައްޔިތުން ފާޅުވި ދުވަސްވަރެކެވެ. ގަނޑުވަރުގެތެރޭގައި
ހިންގާ ކިތަންމެ ކަމަކާ ރައްޔިތުން
ނުރުހުންވެގެން ތިބި ދުވަސްވަރެކެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ތަދުމަޑުކަމުގައި
ރައްޔިތުން އުފުލި ވޭން އިހުސާސްކުރަމުންދިޔަ ދުވަސްވަރެވެ. ޢަބްދުލްޙަކީމް
ޙުސައިންމަނިކު (1975) ހާމަކޮށްފައިވާގޮތުގައި ރާއްޖޭގެ ރަސްކަން ނެތިވެގޮސް
ރައްޔިތުންގެ ވެރިކަމެއް މީލާދީން 1953ގެ ޖެނުއަރީމަހުގެ 1 ގައި ޤާއިމް ވީ މިފަދަ
ޝަކުވާތަކުން ދިވެހި ސިކުނޑިތައް ބަރާވެ ކެތްކުރަން ދަތިވި ދުވަސްވަރެއްގައެވެ.
ދިވެހި އާއިލީ ރަސްކަން ނެތިވެގޮސް ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައިސް
ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު ވެރިކަމާ
ޙަވާލުވެވަޑައިގަތް ދުވަހަށެވެ.
ރާއްޖޭގެ ރަސްކަމުގެ
ތާރީޚު ލިޔެފައިހުރި ލިޔުންތަކުންނާއި ނަސީމާ މުޙައްމަދުކަލޭފާނު
ލިޔުއްވައިފައިވާފޮތް "ރަހުންނާއި ރަނިން"ގައި އޮތްގޮތުންނަމަ، މީލާދިން
1117 އިން 1388 އަށް ހިނގީ ތީމުގޭ ދަރިކޮޅުގެ އާއިލީ ރަސްކަމެވެ. 1388 އިން 1632
އަށް ހިނގީ ހިލާލީ ދަރިކޮޅުގެ އާއިލީ ރަސްކަމެވެ. އަދި 1632 އިން 1692 އަށް
ދެމިގެން ދިޔައީ އުތީމުދަރިކޮޅުގެ ރަސްކަމެވެ. 1692 ގައި ހަމަވީ ދަރިކޮޅުގެ
ރަސްކަން ހިނގައިފައި ހަމަ އެ އަހަރުން 1702 އަށް އިސްދު ދަރިކޮޅުގެ ރަސްކަން
ޤާއިމްވެ އޮތެވެ. ދިޔަމިގިލީ ބާރުވެރިކަމުގެ ރަސްކަން އޮތީ 1704 އިން 1759 އަށެވެ.
އެއަށްފަހު ހުރާ ދަރިކޮޅުގެ ރަސްކަން ފެށުނީއެެވެ. އެ ރަސްކަން ދެމި އޮތީ 1759
އިން 1766 އަހަރަށެވެ. އަނެއްކާވެސް ދިޔަމިގިލީ ރަސްކަން 1766 ގައި ފެށި
ނިމިފައިވަނީ 1774 ގައެވެ. ދެވަނަ ފަހަރަަށް ހުރާ ދަރިކޮޅަށް 1774 ގައި ރަސްކަން
ލިބި އެ ރަސްކަން ނިމުނީ 1952 ގައެވެ. އެ ހިސާބުން ޖުމްހޫރީ ވެރިކަން ފެށުނީއެވެ.
މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު |
ޒަމާންވީ އާއިލީ
ވިރާސީ ރަސްކަން އޭގެ ބާރުވެރިކަމުގައި ހިލުނު އަނިޔާވެރިކަމުގެ ބަލިމަޑުކަމާހުރެ،
ނާއިންސާފާއި ޒާތީ ތައައްސުބުގެ ވަބާއާހުރެ އެކަށް ނެތިގޮސް 1953 ގައި ރާއްޖެއަށް
ޖުމްހޫރިއްޔަތު ނޭވާލިއެވެ. އެއީ ރާއްޖޭގެ ބޮޑުންގެ މެދުގައި ހިތްހަމަނުޖެހުމާއި
ބައިބައިވުން އޮތް ނުތަނަވަސްކަމުގެ ތެރެއިންނެވެ. މި ހިނދަށް ދިވެހިންނަށް
ފެންނާންފެށީ ޖުމުހޫރިއްޔަތުގެ ބާނީ ސުމުއްވުލް އަމީރު މުޙައްމަދުއަމީން ދޮށިމޭނާ
ކިލެގެފާނުގެ އިންސާފުވެރި ވާހަކަފުޅުތަކުގެ ޖުމްހޫރީ ސޫރައެވެ. އެ މަނިކުފާނުން
ފާޅުކުރައްވާ ވެރިކަމުގެ ހުއްރިއްޔަވީ ނިޒާމާ ދިވެހިންގެ ހަރުން ގަޔާވާގޮތްވިއެވެ.
ނަމަވެސް ރަސްކަމުގެ ބާރު ކެނޑުމުން ދެން ރަސްކަލުންގެ ފުށުން އުފެދުނު އިދިކޮޅު
ފިކުރީ ވިންދުގައި ބާރެއް ހިނގައިގަންނާކަށް ލަހެއް ނުވިއެވެ. އޭރުތިބި ޒުވާން
ފިކުރުތަކުގައި އަމީންދީދީގެ އުސޫލުތަކުން ކުށް ނޫނީ ނުފެންނަނީއޭ ހީވާން
ފެށިއެވެ. އެހެންކަމުން ވެރިކަމުގައި ދެތިން މަސް ނުވަނީސް ވެރިކަމުން އަމިންދީދީގެ
ވެރިކަން ނެތިކޮށްލުމުގެ މަސައްކަތް ފެށިގެން ދިޔައެެވެ.
ދިވެހިންގެ އަމީން،
ވަޠަނުގެ އަމީން، އަމީރު އަމީންދީދީގެ ޖުމްހޫރީ ވެރިކަމުގެ ކުރު މުއްދަތުގައިވެސް
ދެއްވެވި ޚިދުމަތް ގިނަގުނައެވެ. ބޮޑު ހަނގުރާމައެއްގެ ދަތި ތަހައްމަލްކުރި ދުނިޔޭގެ
މަސްރަޙު އޮތްގޮތުން ރައްޔިތުން ބޭނުންވާހަކަމެއް ކޮށްދެވޭނޭ ފުރުސަތު މަތީ
ގިންތިއަކުން ނުލިބުނަސް ޤައުމުގައި އެ ވަގުތު ހިންގެވި އިންތިޒާމީ އުސޫލުތަކުގެ
ފައިދާ ބޮޑުކަން މިއަދުވެސް ފާހަގަވާން އެބަ އޮތެވެ. ތަޢުލީމާއި ވަޒީފާތަކުން
މަރުޙޫމުވެފައި ތިބި އަންހެނުންނަށް ހުޅުވައިލެއްވި ފުރުސަތުތަކާއި ތައުލީމު
ފުޅާކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅާއި ޤައުމުގެ ދިފާޢީ ބާރު
ވަރުގަދަކުރެއްވުމުގެ ކަންކަމާއި ދިވެހިންގެ ސިއްޙަތަށް ދެއްވި އިސްކަން
ލިޔުންތަކުންނާއި ބަހުސްތަކުން ހާމައެވެ.
ދިވެހި
ހުއްރިއްޔަތުގެ ފުރަތަމަ ދައުރު ފެށުނީ 1 ޖެނުއަރީ 1953 ގައެވެ. މި ޖުމްހޫރިއްޔާގެ
ފުރަތަމަ ރައީސް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ
ވެރިކަން ދެމިއޮތީ 21 އޯގަސްޓް 1953 އާ ހަމައަށެވެ. އެއަށްފަހު ޖުމްހޫރީ ޤާނޫނުގެ
ދަށުން ނާއިބުރައީސް ވެލާނާގޭ މުޙައްމަދު އިބްރާހީމް ދީދީ ވެރިކަން ހިންގެވުމާ
ވަގުތީގޮތުން ޙަވާލުވެވަޑައިގެން ޙިކުމަތް ބޭނުންކުރައްވައި ރައްޔިތުންގެ
މަޝްވާރާވެސް ހޯއްދެވުމާއެކު ޤައުމުގެ ވެރިކަން ރަސްކަމެއްގެގޮތުގައި ހަމަ
ޖައްސަވައި ރަސްކަމަށް މުޙައްމަދު ފަރީދު އިސްކުރެއްވިއެވެ. މި ރަސްކަން އޮތީ ދެވަނަ ޖުމްހޫރީއްޔާ
އިޢުލާންކުރެއްވުމާ ހަމައަށެވެ. އެއީ މީލާދީން 1954 އިން 1968 އާ ހަމައަށެވެ.
ދެން ފެންނަންފެށީ
ވެރިކަމުގެ އެންމެހާކަމެއްގައި ވެލާނާގޭ ދަރިކޮޅު ޝާމިލްވެ އުޅުއްވާތަނެވެ. މި ދުވަސްވަރު
ވެލާނާގޭ އިބްރާހީމް ނާސިރު، ރަސްގެފާނުންގެ ވަރަށް ގާތް އަރިސް މަޤާމްތަކެއްގައި
ޙަރަކަތްތެރިވުމުގެ ނަތީޖާއަކަށްވީ މީލާދީން 1958 ގައި ބޮޑުވަޒީރުކަމުގެ މަޤާމު
ފުރުއްވާން ފެއްޓެވުމެވެ.
ނާސިރުގެ
ބޮޑުވަޒީރުކަމުގައި ބޮޑު މަސައްކަތްތަކެއްކުރެއްވީ ޖުމްހޫރިއްޔަތާއި ތަރައްޤީއަކީ
ކޮބައިކަން، ދިވެހި ރައްޔިތުންނަށް ވިސްނަވައިދެއްވުމަށެވެ. އެކި ގޮތްގަޮތުން،
ދެވޭ ޚިދުމަތްތަކުގައި 14 ވަރަކަށް އަހަރު ހިންގެވި ޙަރަކާތްތަކާއެކު ޤައުމުގައި
އޮންނަން ފެންނަނީ ޖުމްހޫރީ ވެރިކަމެއްކަމުގައި ރައްޔިތުންގެ ވޯޓުން ފާސްކޮށްފިއެވެ.
މިއަށްފަހު އެ ޒަމާނަށް ކަނޑައެޅިފައިވާ އުސޫލުން ރައްޔިތުންގެ ވޯޓުން، 1968
ނޮވެމްބަރ 11 ވަނަ ދުވަހުންފެށިގެން ޤައުމުގެ ރައީސުލް ޖުމްހޫރިއްޔާއަކީ
ސުމުއްވުލް އަމީރު އިބްރާހީމް ނާސިރު ރަންނަ ބަނޑޭރި ކިލެގެފާނު ނިޝާނުލްޣާޒީގެ
ޢިއްޒަތްތެރި ވެރިޔާކަމުގައި ކަނޑައެޅި ދެވަނަ ޖުމްހޫރިއްޔާ އިޢުލާންވެގެން
ދިޔައެވެ.
ރައީސް އިބްރާހީމް
ނާސިރު ބޮޑުވަޒީރެއްގެގޮތުގައި ހުންނެވި ދުވަސްވަރު ކުރިމަތިވެވަޑައިގެން އެެންމެ
ވަރުގަދަ އިމްތިޙާނަކީ ރާއްޖެއިން ގެއްލިފައިވާ ދެކުނު އަތުލުމުގެ ހަނގުރާމައެވެ. ދިވެހިންގެތެރެއިން
އަމިއްލަ އެދުމުން ފޯވެފައިތިބި ދެތިންމީހެއްގެ އެހީއާއެކު އައްޑޫ ގަމުގައި ތިބި
އިނގިރޭސީ ހަނގުރާމަމަތީ ފައުޖުތަކުގެ އެހީގައި ހަދައިގެން އުޅުނު ވަކި ސަރުކާރު
ނެތިކޮށްލުމުގެ ހަނގުރާމައެވެ. ދިވެހި ދައުލަތާ ވަކިވެ ތިމަންމެނީ ވަކި ޤައުމުގެކޭ
ކިޔައި ސިފައިންނާއި ފުލުހުން އުފައްދައިގެން އުޅުނު ސުވައިދީބު އައިލަންޑުގެ
ނަމުން ކިޔުނު ސަރުކާރު ދިވެހިންގެ ބާރުގެދަށަށް ގެނައުމުގެ ބުރަ މަސައްކަތެވެ.
އެއީ އިނގިރޭސީން
އައްޑޫ ގަމުގައި ތިބެ، ޤައުމަށް ދެމުން ދިޔަ ގެއްލުމާއި ކުރަމުން ދިޔަ ފިކުރީ
ހަނގުރާމައިން ސަލާމަތްކޮށް، ސިޔާސީ މިނިވަންކަން
ހޯއްދަވައިދެއްވުމުގައި ނާސިރު ކުރެއްވި މަސައްކަތްޕުޅު ރައްޔިތުން ބަލައިގަތް
ދުވަސްވަރެވެ. ދުވަހަކުވެސް ޔަހޫދީ އިނގިރޭސީން ދިވެހިންނަށް ހެވެއް ނޭދޭނެކަން
ސާބިތުވި ދުވަސްވަރެވެ. ކޮންމެއަކަސް ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު
ރަންނަބަނޑޭރި ކިލެގެފާނު ނޣޢޥ ކޭސީއެމްޖީ ގެ ޙިކްމަތު ޢަމަލީގެ ދަށުން މި ދިވެހި
ރައްޔިތުންނަށް ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތެއް ޤާއިމު ވީއެވެ. މިއަދަކީ އެ އުފާ
ފާހަގަކުރާ 50 ވަނަ ފަހަރެވެ. ފަންސާސް އަހަރުފުރުމުގެ އުފަލުގެ ދުވަހެވެ.
ދެވަނަޖުމްހޫރު
ފެށުމާއެކު ޖުމްހޫރިއްޔަތަކުން ރައްޔިތުންނަށް ލިބިދިނުމަށް ބާރުއަޅާ ފުރުސަތުތައް
ހުޅުވިގެން ދިޔައެވެ. މިގޮތުން ދިވެހިރާއްޖެއަކީ ބޭރުގެ ޤައުމުތައް ދަންނަ
ވިޔަފާރީގެމަގުތައް ހުޅުވިގެންދިޔަ ޤައުމަކަށް ވެގެން ދިޔައެވެ. ރާއްޖޭގައި އޮތް
ތަޢުލީމު އެއް ނިޒާމަކަށް އޮތް އޮތުމަށް ނިމުމެއް ގެނެސް ދިވެހިރާއްޖޭގެ
ތަޢުލީމަކީ ދިވެހިބަހާއި ޢަރަބި ބަހުންނާއި އިނގިރޭސި ބަހުން އުނގެނޭ ތަޢުލީމީ
ނިޒާމަކަށް ހުޅުވައިލެއްވިއެވެ. ސިއްޙީގޮތުންނާއި ޢުމްރާނީގޮތުން ހެޔޮ
ބަދަލުތަކެއް އައިސް މިނިވަން ދިވެހި އެއާރޕޯޓެއް ފެނިގެން ދިޔައެވެ.
ދަނޑުވެރިކަމާއި މަސައްކަތްތެރިކަމުގެ ތަޢުލީމެއް ބިނާކޮށް ޤައުމު
ފުދުންތެރިކުޅައެވެ. ދިވެހިން ހުނަރުވެރިކުޅައެވެ. ޒުވާނުން ބާރުވެރިކުޅައެވެ.
ޒިންމާވެރިންކަމުގައި ހެއްދެވިއެވެ.
ސ.އ.އިބްރާހިމް ނާޞިރު ރކނޣޢވ |
ދެވަނަ ޖުމުހޫރިއްޔާގެ
ފުރަމަރައީސްގެ ޖުމްހޫރީ ޚިދުމަތް، ދެމި އޮތީ މީލާދީން 1968 އިން 1978 އަށެވެ.
މިއަށްފަހު އެ ދައުރު ނިމިދިޔައީ ގިނަ ކަންކަމުން ޤައުމު ހެއްވައިފައެވެ. އޭރުގެ
ބައެއް ހިތްތަކަށް ވާނުވާ ނުއެނގުނު ނަމަވެސް މިއަދު އެކަމާ އުފާވި އެއް ކަމަކީ
ނާސިރުގެ ދެވަނަ ދައުރު ނިމި މަޤާމާ ދުރަށް ދިޔައިރު ޤައުމު ދަރައި އިޤުތިސާދީ
ވަޅުގަނޑަކަށް ވެއްޓިފައި ނުވުމެވެ. އަދި ކިއެއްހެއްޔެވެ؟ ބައިލާރިވެސް ބަޔަކަށް
ދަރައި ނެެތެވެ. މި އަހަރެއް ކުރިމަތިވީއިރު ރައްޔިތުންގެ ދިރިއުޅުން ތަރައްޤީގެ
އުސްމިނަކަށް ގޮސްފައިވެއެވެ. މިއަދުވެސް މި އުފާވާ ޒަމާނީ ތަޢުލީމު ފެށި
އާންމުވެގެން ދިޔައެވެ. މި ޢިއްޒަތްތެރި ރައިސް ސުމުއްވުލް އަމީރު އިބްރާހީމް
ނާޞިރު އަވާހަރަވީ މީލާދިން 2008 ވަނައަރުގެ ނޮވެމްބަރ 22 ވަނަ ދުވަހުއެވެ.
އަވަހާރަވީ ސިންގަޕޫރުގައިކަމުގައިވިޔަސް ފަސްދާނުލެވިފައިވަނީ މާލޭ ހުކުރުމިސްކިތު
ގޯތިތެރޭގައެވެ.
ގްރީސްގެ
އެތެންސުގައި އުފެދުނުކަމަށް ތާރީޚު ބުނާ ޑިމޮކްގެ ވެރިކަން، ނުވަތަ ޑިމޮކްރަސީ
ވެރިކަން އެންމެ ފުރިހަމަގޮތުގައި ފެންނަ ޖުމްހޫރިއްޔަތުގެ ޒަމާނީ އަސަރާއި
މީރުވަހާއެކު މި ދިވެހިފަސްގަނޑު ދެކެންފެށީ މައުމޫނުޢަބްދުލްޤައްޔޫމުގެ ވެރިކަމުގެ
ތެރެއިންކަމުގައި ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. ކޮންމެ ހިންގުމަކުންވެސް
ހާވައި ކޮނެފިނަމަ ފެންނާނޭ އުނި ހުންނާނޭކަން ދަނެތިބެވެސް ދަންނަންވަންޖެހެނީ
ރައީސް މައުމޫނު ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތްއިރު ޤައުމަށް ވަނީ މުހިންމު
ބަދަލުތަކެއް އަންނަންޖެހިފައިކަމެވެ. އެހެންކަމުން ފުރަތަމަވެސް ޤައުމުގެ
ޤައުމިއްޔަތަށް ޖުމުހޫރިއްޔަތު ލޯ ހުޅުވިއެވެ. ރައްޔިތުންގެ ބައިވެރިވުން
ލިބޭނޭހެން މުޅި ޤައުމަށް ސަރުކާރު ހުޅުވައިލިއެވެ. އަދި ޤާނޫނީ ބަދަލުތައް ގެނެސް
އަތޮޅުތަކުގެ ވޯޓުނެގުމުގެ އިންތިޒާމް ބަދަލުކުރެއްވިއެވެ. މި ކަމުގައި ރައްޔިތުން
ހެއްވައިލެއްވިއެވެ.
އުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް |
މައުމޫނު ޢަބްދުލް
ޤައްޔޫމުގެ ވެރިކަމުގެ 6 ދައުރު ނިމިގެން ދިޔައިރު ޖުމުހޫރިއްޔަތުގެ މީރު ރަހަތައް
ލީކަމުގައިވިޔަސް ހިތާމަކުރަންޖެހޭ ކަންތައްތަކެވެސް މި ޖުމުހޫރިއްޔަތަށް ވަނީ
ކުރިމަތިވެފައެވެ. އިބްރާހީމް ނާސިރު ފައިބައިވަޑައިގެންއިރު ބޭރަށް ދަރައިފައި
ނެތެވެ. ނަމަވެސް މައުމޫނު ފައިބައިވަޑައިގެންއިރު ޤައުމު ވަނީ ބޮޑު ޢަދަދުތަކުން
ދަރައިފައެވެ. އަދި މިހާތަނަށްދުށް ޖުމްހޫރިއްޔަތުގެ ދިގު ޚާއްސަ ދުވަސްވަރަށް
ވީއިރު އެ ތިރީސްއަހަރު ޒުވާންވެގެން ދިޔަ ޖީލުތަކުގެ ހިތްތަކުގައި ޤައުމީ ރޫޙެއް
ވަޠަނީ ވިންދެއް ހުއްރިއްޔަރުގެ ފިކުރެއް ވަރަށް ކުޑަ މިންވަރަކަށް ނޫނީ ނެތެވެ.
ޖުމުހޫރީގެ އެެންމެ މަތިވެރި އަސާސްކަމުގައިވާ އަމިއްލަ ފުދުންތެރިކަމުގެ ގޮތުން
ތިބީ އިނދަޖެހިފައޭ ބުނާވަރަށް ބައެއް ކަންކަން ޖުމްހޫރީ ނަޒަރަކުން ފެއިލްވެފައިވެއެވެ.
މިއަދު ދިވެހި
ޖުމްހޫރިއްޔާއަށް 50 އަހަރު ފުރޭއިރު ހަނދާނަށް ގެންނަންޖެހޭނީ ދިވެހިންގެ
ހުއްރިއްޔަތު ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަމުގެ ވާހަކައެވެ. ދިވެހިންގެ
ހުއްރިއްޔަތާ ކުޅޭ މީހުންގެ ނުރައްކާކެތިކަމުގެ ވާހަކަތަކެވެ. މި ޖުމްހޫރުގައިވެސް
ބާރާއި އާރުހުރުމަށް އެދެންޖެހޭނޭ ވާހަކައެވެ. ކޮންމެ ކަމެއްގައި ރާއްޖޭގެ
ކަންކަން ނިންމާން ބޭރުގެ ޤައުމުތަކުގެ ވެރިންނާއި ފައިސާވެރިންގެ ބަސް ހޯދާނަމަ
ވާނޭގޮތުގެ ވާހަކައެވެ. މިހުރީ މަތިމަތިން ބުނެ ކިޔައިފައި ދޫކޮށްލަންޖެހޭ
ވާހަކަތަކެއް ނޫނެވެ.
ޒަމާނުއްސުރެ ވެރިކަމާއި
ޖާހާއި މަންސަފަށްޓަކައި ނުކުންނަ ދިވެހި ހަތުރުންގެ ތުރާތައް ދިވެހި ރައްޔިތުން
އަބަދުވެސް ދެކެއެވެ. އިންޑިއާގައި 1800 ގެތެރޭގައި އުޅުނު ދަހިވެތިކަމުގެ
ހަނގުރާމަވެރިންނާހުރެ އެެރި ލޮޅުންގަނޑަކުން ރާޖާރާޖާ ދަ ގްރޭޓް (އިންޑިއާގެ
ރަސްގެފާނެއް) މީލާދީން 1890 ގައި ރާއްޖެ އަޅުވެތިކުޅަކަމަށް ޢަބްދުލްޙަކީމް
ޙުސައިންމަނިކު، އަމާޒު 90 ވަނަ ޢަދަދުގައި ލިޔުއްވައިފައިއެވެ. ނަސީމާވެސް
މިވާހަކަ، އެ ކަމަނާގެ ރަހުންނާރި ރަނިންފޮތުގައި ލިޔުއްވައިފައިއެވެ. ނަސީމާ
ލިޔުއްވައިފައިވާގޮތުން ރާޖާރާޖާ ދަ ގްރޭޓް ރާއްޖެއިން ހިފީ އުތުރުގެ ބައެެއް
ރަށްރަށެވެ.
މި ޙާދިސާގެ އިތުރަށް
9 ވަނަ ޙަސަން ރަސްގެފާނުންގެ ޢާއިލާގެ ތުރާލާހުރެ ޕޯޗުގީރުން ރާއްޖެއަށް
އެރިއެވެ. ހަސަން ތާޖުއްދީނުގެ ދެ ދަރިންގެ ދަހިވެތިކަމާހުރެ ހޮޅިން އަރައި ޤައުމު
ހިފިއެވެ. ލުޠުފީއާއި ސަގަރު ނާސިރާއި ޝާހިދާއި ކަރޯ އައްބާހާއި ޕައިލެޓް ނަޢީމާއި
އޭނާގެ ބައިވެރިންގެ ޣައްދާރުވުމާއި
ޚިޔާނާތާހުރެ ތަމަޅައިން އަރައި ޒަމާނީ ބަޑި ޚަންޖަރު ހިފައި ދިވެހިންނާއި ދިވެހި
ވެރިކަމާއި ވަޠަނީ އިސްތިޤްލާލާއި ތަޅައި ޤައުމު ބިރުވެރިކަމަކަށް ވައްޓައިލިއެވެ.
މި ރާއްޖޭގެ އަމާން
ޖުމްހޫރިއްޔަތު ފުނޑުފުނޑުކޮށްލުމަށް މީލާދީން 1988 ވަނަ އަހަރުގެ ނޮވެމްބަރު
މަހުގެ 3 ވަނަދުވަހު، ލުޠުފީއާއި ނާސިރު، ތަމަޅައިންގެ ބަޔަކު ގޮވައިގެން އައިސް
ރާއްޖޭގެ މިނިވަންކަމާ ތޮޅުނު ބިރުވެރި ހަނދާން ދިވެހިން އަދި ހުންނާނެއެވެ. މިއީ
ދިވެހިންގެ 19 މީހަކު ޝަހީދުކޮށް އެތައް ހާސް ބައެއްގެ ހިތްތަކުގައި ބިރުވެރިކަން
ހިންގި ޢުދުވާނީ ހަނގުރާމައެކެވެ. ޒަމާނީ ހަތިޔާރާއެކު ދިން ވަރުގަދަ މި
ޙަމަލާއިން ދިވެހި ރައްޔިތުންނާއި އިސްލާމްދީނާއި ޤައުމިއްޔަތު ޙިމާޔަތްވީ އޭރު ޤައުމުގެ
ވަލިއްޔުލް ޢަމުރު އުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމާއި ދިވެހި ރައްޔިތުން ކުޅަ
ވިސްނުންތެރި މަސައްކަތުންނެވެ.
ކޮންމެ ބޭފުޅަކުވެސް
ޤަބޫލުކުރައްވާނޭ ފަދައިން ދިވެހި ޖުމްހޫރީވެރިކަމުގައި ދިވެހިރާއްޖެ ދުށް އެންމެ
ހަލަބޮލި ދައުރުކަމުގައި ދެވަނަ ޖުމްހޫރިއްޔާގެ 3 ވަނަ ރައީސް މުޙައްމަދު ނަޝީދުގެ
ވެރިކަމުގެ ކުރު ދައުރު ޤަބޫލުކުރަންޖެހެއެވެ. ނަމަވެސް މި ޖުމްހޫރިއްޔާގައި
ޤާނޫނުގެތެރެެއިން ގެންނަންޖެހުނު ވަރަށް ގިނަ އާ ބަދަލުތަކެއް މި ރާއްޖެއަށް
އަލަށް ތަޢާރަފުވެ ޒުވާނުންގެ ޤަބޫލުކުރުންތަކާއެކު ހިންގަންފެށުނުކަންވެސް
ފާހަގަކުރަމެވެ.
މުޙައްމަދު ނަޝީދުގެ
ވެރިކަން ފެށުނީ 11 ނޮވެމްބަރ 2008 ގައެވެ. ނަޝީދު ވެރިކަން ކާމިޔާބުކޮށްފައިވަނީ
ވެރިކަމުގެ އުސޫލުތައް ޕާޓީ ނިޒާމަށް ހިންގަން ފެށި އުފެދުނު އެމްޑީޕީއާއި އެ
ޕާޓީއާ ގުޅިފައިވާ ޕާޓީތަކުގެ ތާއީދާއެކުގައެވެ. އަދި ނަޝީދުގެ ރަނިންމޭޓަކަށް
ޑރ.މުޙައްމަދުވަޙީދު ޙަސަންމަނިކު ޚިޔާރުކުރެއްވި ހިސާބުން ރައްޔިތުންގެ ބައެއްގެ
ތާއީދު އިތުރުވެގެން ދިއުމުންކަމުގައިވެސް ބައެއް ފަރާތްތަކުން ޤަބޫލުކުރެއެވެ.
އެހެންކަމުން ޖުމްހޫރީ ވެރިކަމުގައި އާ ކުލައެއް ޖެހި ވާދަވެރި ޕާޓީ ނިޒާމުގެ
ތެރެއިން ހިނގަންފެށި ޖުމްހޫރީ ވެރިކަމުގެ ފުރަތަމަ ރައީސްގެ ޝަރަފުވެރި މަޤާމު
ލިބިވަޑައިގެންނެވީ ގ. ކެނެރީގޭ މުޙައްމަދު ނަޝީދަށެވެ. އެ މަނިކުފާނުގެ
ނާއިބުރައީސަކީ ޑރ.މުޙައްމަދުވަޙީދު ޙަސަންމަނިކެވެ.
ނަޝީދުގެ ވެރިކަން
ފެށުނީއްސުރެ އެކުގައި ގުޅުނު ޕާޓީތަކުގެވެސް ޝަކުވާއާއި ޒުވާބު ދިޔައީ
އިތުރުވަމުންނެވެ. ސީދާ އިދިކޮޅު ޕާޓީތައްކަމުގައިވެފައިވީ ޕާޓީތަކުންވެސް ދިޔައީ
ޝަކުވާގެ އިނގިލި ނަޝީދުގެ ސަރުކާރަށް ދިއްކުރަމުންނެވެ. ނަމަވެސް މި ކުރު
ވެރިކަމުގައި ރާއްޖޭގެ އަތޮޅުތަކުގައި މުޅިން އާ ހިންގުމުގެ ނިޒާމު ތަޢާރަފުކޮށް
ފެށުނެވެ. ބޯ ހިޔާވަހިކަމުގެ އެތައް މަޝްރޫޢެއް ފެށި ހިނގައިގަތެވެ. މިގޮތުން
ގެނެވުނު ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި ގިނަ ރަށްރަށް ހިއްކުމާއި ގެދޮރާއި
ފްލެޓް އެޅުމުގެ މަޝްރޫޢުތައް ފެށިގެން ދިޔަކަން ފާހަގަކުރަމެވެ. އަދި
މިދައުރުގައި ރާއްޖޭގައި ފުރަތަމަ ޔުނިވަރސިޓީ ހުޅުވުނެވެ. އެއީ ދިވެހިރާއްޖޭގެ
ޤައުމީ ޔުނިވަރސިޓީއެވެ.
އފ.މުޙައްމަދު ނަޝީދު |
ނަޝީދުގެ ވެރިކަން
ހިނގަންފެށިތަނާހެން ނިޒާމުން ބޭރުން ހިނގާ ބައެއްކަންކަންހުރިކަމަށް ބުނެ
ކުރެވެމުންދިޔަޝަކުވާ އެންމެ ބޮޑަށް އަމާޒުވީ ރާއްޖޭގެ އެއާރޕޯޓް ބޭރުގެ ބަޔަކަށް
ދީ ގިނަ ފައިދާތަކެއް އެބައިމީހުނަށް ލިބޭނޭ އިންތިޒާމެއް ހަމަޖެހިގެން
ދިއުމާހަމައިންނެވެ. އޭރުއޮތް މާލޭ އިންޓަރނޭޝަނަލް އެއާރޕޯޓްގެ ނަން އިބްރާހީމް
ނާސިރު އިންޓަރނޭޝަނަލް އެއާރޕޯޓުގެ ނަމަށް ބަދަލުކޮށް ބޭރުގެ ބަޔަކަށް ދޫކޮށްލި
އިރު ހެދިފައިވާ އެއްބަސްވުމުގެ ސަބަބުން ދިވެހިންގެ މައި ދޮރޯށި، އަދި ވިޔަފާރީގެ
މައި އުނގު ބޭރަށް ދިޔަކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވެން ފެށިއެވެ. މި
ޒުވާބުވެގެން ދިޔައީ ނަޝީދުގެ ވެރިކަން ވެއްޓުމުގެ އަސްލެއްކަމުގައެވެ.
ނަޝީދުގެ ވެރިކަން
ދެމިއޮތީ 3 އަހަރާއި ދެ މަހާއި 27 ދުވަހުއެވެ. 11 ނޮވެމްބަރ 2008 އިން 7
ފެބުރުއަރީ 2012 އަށެވެ. 2012 ވަނަ އަހަރު ފެށިގެން އައިތަނާ، ފާހަގަކުރެވުނު ދީނީ
މައްސަލަތަކަކާގުޅިގެން ފާޅުކުރެވުނު ނުރުހުމުގެ ޚިޔާލުތަކާއި ހާމަކޮށް
ފަޟީޙަތްކުޅަ ޝަކުވާގެ ޙަޤީޤަތްތަކަކާހެދި ޤައުމުގެ ޢިއްޒަތްތެރިންތަކެއް ޖަލަށް
ލުމުން އެބައިމީހުންނަށް ޙައްޤު ހޯދައިދީ ކޯޓު އަމުރަށް އެބައިމީހުން ދޫކޮށްލުމުން
ޤާޟީ ހައްޔަރުކޮށް ފޮރުވައިގެން ގެންގުޅުން ވީ ނަޝީދުގެ ވެރިކަން ވެއްޓުމަށް
މެދުވެރިވި ފަހު ފުރުސަތުކަމުގައެވެ. ނަމަވެސް ނަޝީދު ވެރިކަމުން ދުރުވެ
ވަޑައިގަތީ ރައްޔިތުންގެ އެދުމުގެމަތިން ޤައުމާއި ރައްޔިތުންނަށްޓަކައެވެ.
"ވެރިކަމުގައި ދެން ހުންނަންވެއްޖެނަމަ ބޭރުގެ ފަރާތްތަކުން ޤައުމަށް
އަތުވެދާނޭ ނުރައްކަލަކުން ދިވެހި ރައްޔިތުން ސަލާމަތްކުރާށާއި، ރައްޔިތުން މި
ކަމަށް (ނަޝީދުގެ އިސްތިޢުފާއަށް) އެދެމުންދާތީ، ދެން ވެރިކަމުގައި ހުންނަން
ނުފެންނާތީ އިސްްތިޢުފާދީފިން" ކަމުގައި ވިދާޅުވެ ދިވެހިރާއްޖޭގެ ދެވަނަ
ޖުމްހޫރިއްޔާގެ 3 ވަނަ ރައީސުލްޖުމްހޫރިއްޔާ ގ.ކެނެރީގޭ މުޙައްމަދު ނަޝީދުގެ
ރައީސްކަމުގެ ދައުރު ނިންމަވައިލެއްވިއެވެ.
ޑރ.މުޙައްމަދުވަޙީދު (ރާއްޖޭގެ ފުރަތަމަ ޕީއެޗްޑީ) |
ދިވެހި ރަސްކަން އުވި
އައި ޖުމްހޫރިއްޔާ ހެދި ފޯދި ޒަމާނީ ކުލަ ޖެހި ޕާޓީތަކުން ވެރިކަން ހިންގާގޮތަށް
ހަމަޖެހި ސީދާ ރައްޔިތުންގެ ޙައްޤަށް ހުރިހާކަމެއް ރޭވިގެންދާ އުސޫލުން ހިންގުނު
ވެރިކަމުގެ މި ދައުރުގައި އަމުރުވެރިޔަކީ ޤާނޫނުއަސާސީކަމުގައި
ދަންނަވަންޖެހެއެވެ. އެހެންކަމުން ކެނެރީގޭ މުޙައްމަދު ނަޝީދު އިސްތިޢުފާދެއްވުމާ
ގުޅިގެން ޑރ.މުޙައްމަދު ވަޙީދު ޙަސަންމަނިކު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް
އައްޔަންކޮށް ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވީ 7 ފެބުރުއަރީ 2012 ގައެވެ.
އެމަނިކުފާނުގެ ޒަޢާމަތުގައި ނާއިބެއްކަމުގައި މުޙުތަރަމް ވަޙީދުއްދީން
ލައްވައިގެން މީލާދީން 2013 ވަނަ އަހަރުގެ ނޮވެމްބަރު 16 އާޖެހެންދެން
ވެރިކަންކުރެއްވިއެވެ.
މިއަދު ރާއްޖޭގެ
ވެރިކަމުގައި ވަލިއްޔުލް އަމުރުގެ ގޮތުގައި ހުންނެވީ ބުއްދިފުޅު ހެޔޮ ޙިކުމަތްތެރި
ހުޝިޔާރު ވެރިއެކެވެ. މި ކަމަށްޓަކައި ﷲއަށް ޝުކުރު ކުރާޙާލު އަދުގެ ރައިސުލް
ޖުމްހޫރިއްޔާ އަލްޙާއްޖު އަލް މުޙުތަރަމް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ހެޔޮ
ވިސްނުމާއި ސަލާމަތްކަން ދެއްވުން އެދި ދުޢާކުރަމެވެ.
މހތރމ ޢަބްދުﷲ ޔާމީން |
ޖުމްހޫރީ ނިޒާމުގެ
ވެރިކަމަކީ ރައްޔިތުންނަށް ފުރިހަމަ އިންސާފު ހޯދައިދޭ ވެރިކަމެކެވެ. މީގެ ހެކި
ވަނީ މި ދައުރުގެ ވޯޓުލުންތަކުން އެނގި ހާމަވެފައެވެ. 2013 ވަނަ އަހަރުގެ
ނޮވެމްބަރު 11 އަށް ދައުރު ހަމަވާ ވެރިކަމުގައި އާ ރައީސަކު ހޮވަން ނެގުނު ވޯޓުގައި
ކަނޑައެޅޭ ދުވަސްތައް ދީގެން ވޯޓުތައް ކަށަވަރުކުރުމަށްޓަކައި ޝަރުޢީ ނިޒާމުގެ
ތެރެއިންނާއި ޤާނޫނުގެ އިމުން ކަންކަންކޮށް ނޮވެމްބަރު 11 އަށް ރައީސަކު ހޮވައި
ނުނިމޭނެތީ ކަންކަންހިނގި ގޮތަކީވެސް ފަހުގެ ޒަމާނެއްގައި މިޤައުމު ދުށް ޖުމްހޫރީ
ސިޔާސަތުގައި ރައްޔިތުންގެ އަޑު އިއްވުމުގެ މުހިންމުކަން ފެނުނު އާ ކަމެކެވެ.
2013 ނޮވެމްބަރ9 ވަނަ
ދުވަހު ބޭއްވި ވޯޓު ބާޠިލްކުރެއްވީ ޖުމްހޫރިއްޔާގެ ޤާނޫނުން ރައްޔިތުންނަށް ލިބިދޭ
ޙައްޤު ހޯދައިދިނުމަށެވެ. އިންސާފުން ކަންކަން ލިބިދިނުމަށެވެ. އާ ރައީސް
ހޮވަންޖެހޭ މުއްދަތަށް ނުހޮވުމުން ޝަރުޢީ ނިޒާމުން ގޮތް ކަނޑައަޅުއްވައިދެއްވައި
މިހާރު ހުންނެވި ރައީސްގެ މުއްދަތު ހަމަވާނީ އާ ރައީސަކު ހޮވުމުންކަމުގައި
ކަނޑައަޅައިދިނީވެސް ޖުމުހޫރިއްޔަތުގެ ތެރެއިން ލިބިދޭ ޤައުމިއްޔަތުގެ ޙައްޤު
ލިބިދިނުމަށެވެ.
މިހާރު މިހިނގާ
ދެވަނަ ޖުމްހޫރިއްޔާގެ 5 ވަނަ ރައީސް، މަޤާމާ ޙަވާލުވެވަޑައިގަތީ 17 ނޮވެމްބަރ
2013 ވަނަ ދުވަހުއެވެ. ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެއްބާރުލުން
ލިބިވަޑައިގެން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނީ އިމުގައެވެ. މި ދައުރުގެ
ދޮޅުއަހަރެއްހައިދުވަސް ވަރަށް އޮމާންކޮށް ވެރިކަމުގެ އެންމެހާކަމެއް ދިޔަކަމުގައިވިޔަސް
ޖުމްހޫރިއްޔާގެ ޝަރުޢީ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް ހޯއްދަވައިދެއްވާ
އެންެމެހާ ޙައްޤުތަކަށް މަސައްކަތް ފެށުމާ ހަމައިން ދަައުލަތަށް ޖެއްސުންކުރުމުގެ
މަސައްކަތެއް ދިވެހި ޚާއިނުންގެ ބަޔަކު ފަށައިގަތް ހިނދު، މިހާރު މިވަނީ
ޖުމްހޫރިއްޔާގެ ޤާނޫނުން ޙިމާޔަތް ހޯދައިދީފައެވެ.
ދައުލަތުގެ
ޖުމްހޫރުގައި އޮތް ބާރުތަކުން ރައްޔިތުންނަށް ޚިދުމަތްތަކެއް ލިބި ހެޔޮ
ތަރައްޤީއެއްލިބެންެޖެހޭކަން ޤާނޫނުގައި އޮތުމުން އެ ހެޔޮ ކުރިއެރުން މި ދައުރުގެ
5 އަހަރު ހަމަވާން 6 ދުވަހަށް ވީއިރުވެސް ލިބިފައިވާކަން ފާހަގަކުރަންޖެހެއެވެ.
ރާއްޖެ އޮތްހާހިނދަކު ރައީސް ޔާމީންގެ ނަން ފަނޑު ނުވާނޭ ސިނަމާލޭ ބުރިޖް
ރައްޔިތުން ބަލައިގެންފިއެވެ. ސިއްޙީ ޚިދުމަތް ފުޅާކުރެއްވުމަށް ޖާގަ
އިތުރުކުރުމަށާއެކު އެޅުނު 25 ބުރީގެ އިމާރާތް ދިވެހި ރެކޯޑްފޮތުގައި
ލިޔެވިއްޖެއެވެ. ހުޅުމާލެއާ މާލޭގައި ދަތުރުފަތުރުގެ ނިޒާމަށް ލުޔެއްލިބުނު ރިންގު
ރޯޑް ނުވަތަ ބޭރުމަގު، ނުވަތަ ލިންކު ރޯޑުވެސް މިސާލަކަށްވީއެވެ. އަދި ހުޅުމާލޭގެ
ދެވަނަ ފޭހާއި ބައެއް ރަށްރަށުގައި އެޅި ފްލެޓްތައް ބިންގާ އެޅުމުގެ ކުރިންވެސް އެ
ފްލެޓްތައް ދޭނޭ މީހުން ކަނޑައެޅި ލިޔުންތައް ހަވާލުކުރުމަކީވެސް ޖުމްހޫރީ
ނިޒާމުން ލިބުނު ޚިދުމަތްތަކެވެ. ރާއްޖޭގެ ރަށްތައް ހިއްކުމަށް ގެނެނުވު މަހާ
ޖައްރާފާއި އެއާޕޯޓުގައި އެޅި ދެވަނަ އޭޕްރާން އާއި ހުޅުވި ދިޔަ އެެއާރޕޯޓްތަކާއި
ރަށްރަށުގެ ބިން ހިއްކައި އެއާރޕޯޓްތައް އެޅުންފަދަ އެތައް ޚިދުމަތަކުން މީހުން
ހެއްވައިލައިފިއެވެ. ރައީސް ޔާމީނަށް އައްސަރިބަހެވެ.
މިއަދު ރަންޔޫބީލް
ޖުމްހޫރިއްޔަތު ފާހަގަކުރެވޭހިނދު ޤައުމެއްގެ ވެރިކަމާ ތޮޅޭނޭ ބޭރުގެ ބަޔަކު
ތިލަވާކަން ވިސްނަންޖެހެއެވެ. ދިވެހިންގެ އަމިއްލަ އެދުމާއި ޖާހުގެ
ދަހިވެތިކަމުގައި ބޭރުގެ ފަރާތްތަކުގައި އާދޭސްކުރާތީއާއި ބޭރުގެ ތިޖޫރީތަކުން
ފައިސާ ކަމާކުރާތީ ލިބޭ ފުރުސަތުތަކުގައި ދިވެހިންގެ މި މިނިވަން ޖުމްހޫރިއްޔަތާ
އެބަ ކުޅެއެވެ. މިއީ މިނިވަންކަން ގެއްލުވައި ނައްތައިލުމުގައި ބޭރުދުނިޔޭގައި
ކަންތައްތައްކުރާގޮތެކެވެ. މިއަދު ރާއްޖޭގެ ކިތަންމެ ކުޑަ ކަމަކާވެސް "އަނގަ
ބާނާ" ބިދޭސީން ގިނައެވެ. ޤަނޫނާއި އުސޫލީ މިންތަކަށް އިންޑިއާ
އެެބަބެހެއެެވެ. ރާއްޖޭގެ ދީނާއި މިނިވަންކަމަށް އެމެރިކާ އެބަ ބެހެއެވެ. ރާއްޖޭގެ
އެެކި ސަރަހައްދުތަކަށް އިނގިރޭސީ އެބަ ބާރުހިންގައެވެ. މިއިން ކޮންމެ
ދިމާއެެއްގައިވަނީ ދިވެހިންގެ ޚިޔާނާތްތެރި ނަފުސުތަކެވެ. މިއީ ޖުމުހޫރީ
ސިޔާސަތެއްގައި ވިސްނައިލަންޖެހޭ ކަމެކެވެ.
ބޭރުގެ، ހަނގުރާމަމަތީ މަނަވަރެއް |
މިއަދު ޖުމްހޫރީ ފަންސާސް
ފާހަގަކުރާހިނދު ޤައުމުގެ ޙާލަތު ނުބައިކުރުމަށް ބަޔަކު ކުރާ ޙީލަތްތެރި
ކަންކަމާމެދު ކަންބޮޑުވެއެވެ. ނަމަވެސް މި ކަންބޮޑުވުމާއެކު ސަރުކާރުން ޖުމްހޫރީ
އިމުގައި ޤައުމާއި ރައްޔިތުންނަށް ހޯއްދަވައިދެއްވާ ޙިމާޔަތަށް އައްސަަރިބަސް
ރައްދުކުރަންޖެހެއެވެ. ޤާނޫނު އަސާސީ ފައިދަށުލައި ވެރިކަމަށް ދަހިވެތިވެ ޤައުމާއި
ރައްޔިތުންނަށް ޣައްދާރުވާ ފަރާތްތައް މި ޖުމްހޫރިއްޔާއިން އެބަ ތިލަކޮށްދެއެވެ.
ޚާއިނުން އިސްލާމީ ހުވައާ ޚިލާފަށް ކުރާ ކަންކަމުގެ އަދަބު ޖުމްހޫރީ ޤާނޫނުން އެބަ
ހޯދައިދެއެވެ. ވީމާ މިއަދު ޤައުމުގެ ހުންގާނުގައި ހުންނެވި ޒައީމަށް ދިވެހި
އަތްތަަކުން މަރުޙަބާގެ އަތްތިލަބަޑި އެތައް ފަންސާސް ފަހަރަކު ޖެހެއެވެ. ޤައުމީ
ޚިދުމަތުގައި އުޅުއްވުމުގެ ފުރުސަތު އެ މަނިކުފާނަށް އަބަދުވެސް ތަނަވަސްކޮށްދެއްވާށިއެވެ.
އާމިން. (ނިމުނީ)
މިލިޔުން ކިޔައިލުމުން ދިވެހި ތާރީޚުގެ ޞަފްޙާއެއް ލިޔުމުގެ ޤާބިލުކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. ތާރީޚްލިޔާމީހާ ތެދުޙަޤީޤަތުގެ މައްޗަށް ބުރަވެހުރެ ވަކިފަރާތަކަށް ނުޖެހި ލިޔާންޖެހޭ ހިނދު ވަކިފަރާތަކަށް ބުރަވެ ހުރެލިޔުމަކީ އަދި ޒާތީ ތަޢާއްޞަބު އިސްކޮށްގެން ލިޔުމަކީ "އެޑްވާންސްކޮށް ވައްކަންކުރިޔަސް ކަންކަން ވަންޏާ ވަރިހަމަވާ ޚުދުމުޚުތާރު ވެރީންގެސިފައެކެވެ." ވަރަށް ސަލާމް.
ReplyDelete