14.6.21

ކުރޮޅި އާދަމް ޒާހިރު ކުރުވާހަކަ: އަނެކުން ޝިކާރަކުރަން ވަކިއުކާ ސިންގާގެ ނިމިދިއުން kurolhi Adam Zahir kuru vaahaka: Anekun shikaarakuran vakiukaa singaage nimidhiun

 އަނެކުން ޝިކާރަކުރަން ވަކިއުކާ ސިންގާގެ ނިމިދިއުން

އާދަމް ޒާހިރު، (ކުރޮޅި) 3 އޯގަސްޓް 2008

ތަރުޙީބެއް ދެއްވުމަށް މި ބްލޮގްގެ ފޮލޯއަށް (Follow) އަށް ފިއްތަވައިލައްވާ!

މި ވާހަކަ އަމާޒުކޮށްފައި މިވަނީ ތުއްތުކުދިންނަކަށް ނޫނެވެ. 

 


ދީވީ ފުށީގެ މާތުނޑިއާ ދިމާ ވަލުގައި އާދަޔާ ޚިލާފު ސިންގާއެއް އުޅުނެވެ. މިއީ ދީވީ ފުށިން ފެނުނު ހަމަ އެކަނި ސިންގާވެސްމެއެވެ. މިސޮރަކީ ޢާންމު ސިންގާތަކަށްވުރެ ތަފާތު ސިފަތަކެއް ލިބިގެންވާ ސިންގާއެކެވެ. އެންމެ އަޖައިބުކަމަކީ މިސޮރަށް ހަތަރުއަތާއި ދިހަ ފައި ލިބިފައިވާކަމެވެ. އަދި މިއަށްވުރެވެސް އަޖައިބުކަމަކީ މިސޮރުގެ ބޮލުގައި ހުންނަ ސިކުނޑީގެ ކުޑަކަމާއި ވިސްނުން ކޮށިކަމެވެ. އެ ވަލުގައި އުޅޭ ވަރަށް ގިނަ ދޫނިސޫފާސޫތްޕާއި ކުދި ޖަނަވާރުތައް މިކަން ދަނެއެވެ. އަދި ހައިރާންވެގެން އެ ވާހަކަ ދައްކައި އުޅެއެވެ. 

ސިންގާގެ މި ނުކުޅެދުންތެރިކަން، އެނގިފައިވާ ރާމާމަކުނެއް، އެއްދުވަހަކު އައިސް ސިންގާގެ ގާތުގައި ބުންޏެވެ. "މާތް ސާހިބާ. ތިބާއީ މި ޝަހަރުގައި އުޅުއްވާ ހަމައެކަނި ސިންގާ. މި މާ ވަލުގައިވެސް ތިޔަ ނޫނީ ތިޔަފަދަ ޖަނަވާރެއް ނޫޅޭ. އެހެންކަމުން ތިޔައީ މި ވަލުގެ ޢިއްޒަތްތެރި ރަސްގެފާނު. އެކަމަކު މަނިކުފާނުގެ ސިކުނޑިފުޅު ބަލިކަމުން އަޅުގަނޑު ވަރަށް ދެރަވޭ." މިއަޑުއަހައި ދެރަވެގެން ސިންގާ ބުނެފިއެވެ. "އާ މަކުރާ. ދެން ކިހިނެއް ހަދާނީވެސް؟"

ލިބުނު މި މޮޅު ފުރުސަތުގައި މަކުނު މޮޅު ނަސޭޙަތެއް ސިންގާއަށް ދީފިއެވެ. "އެބަ އޮތް މޮޅުގޮތެއް. އަޅުގަނޑުގެ އަތުގައި އެބައޮތް ވިލާތުގެ ސިކުނޑިއެއް. އެއީ އަޅުގަނޑު ވިލާތުން މި ޝަހަރަށް އަންނަން ފުރި ދުވަހު ފެނުނު އެ ސަހަރުގެ ބުއްދިވެރި މިނިކާވަގެއްގެ ބޮޑު ސިކުނޑިއެއް. މި ސިކުނޑި ކައިލިޔަސް އަޅުގަނޑަށް ހަޖަމްކުރެވޭވަރަށްވުރެ ވަރުގަދަ. މިހާ ވަރުގަދަ ސިކުނޑިއަކަށް ވީތީ ބޭނުން ނުކޮށް ރައްކާކޮށްފައި އަދިވެސް މިއޮތީ. މަނިކުފާނު މި ސިކުނޑި ފަރިއްކުޅުއްވަނިކޮށް ވިސްނުންފުޅު އިތުރުވެދާނެ."

ސިންގާ މިކަމާ ރުހިއްޖެއެވެ. އެހެންވެ ރާމާމަކުނަށް ހަޖަމް ނުކުރެވިގެން އުޅުނު ސިކުނޑި މި ސިންގާ އަށޤ ގެނެސްދީފިއެވެ. ސިންގާ ބަލާކަށް ނުހުރެ ނިކަން މީރުކޮށް ކައި ހަޖަމް ކޮށްލައިފިއެވެ. އަދި އިހުނަށް ވުރެ މޮޅު ފިކުރުތައް ކުރެވެން ފައްޓައިފިއެވެ.

އެކަމަކު ދެން ވަރަށް ގޯސް ކަމެއް އެ ސިންގާގެ އަޚުލާޤުގައި ހިނގައިގެންފިއެވެ. އެއީ ސިންގާއަށް ފެންނަ ކޮންމެ އެއްޗެއްގެ ސިކުނޑި ކާހިތްވުމެވެ. އަނެކުންގެ ސިކުނޑިއަށް ދަހިވެތިވާން ފެށުމެވެ. އެހެންވެ ލޮލަށް ފެންނަ ކޮންމެ އެއްޗެއްގެ ވަސް ބަލައި ކާން ބޭނުންވެއްޖެއެވެ. އިހުނަށްވުރެ ބާރަށް ހަޅޭއްލެވުމާއި ތަންތަނަށް ދުވެ އުޅުން އިތުރުވެއްޖެއެވެ. މިހެންގޮސް އެހެން ޖަނަވާރުތައް ބިރުގަންނަ ވަރުވެއްޖެއެވެ.

ސިންގާ އެއް ދުވަހު ހަޅޭލަވަމުންގޮވައެވެ. "ކޮބައިތަ ހުރިހާ ޖަނަވާރުތައް؟ ދޫނިތައް ކޮބައިތަ؟ މި ޖަންގަލީގައި އުޅޭ ތިޔަ ހުރިހާ އެއްޗެއް ތިޔަ ވިސްނަނީ ދީވީވަންގޮތަށްދޯ؟  އެނގޭނު މަގޭ މިހުރީ ވިލާތު ސިކުނޑިއެއްކަން. މަ ވިސްނާނީ ވިލާތު ގޮތަށް. ދެން ތިޔަ ދީވިންނާ އެކު އުޅުން ނިމުނީ. މަ ބުނާގޮތް ހަދަންވާނެ. ކުރިން އޮތް އެއްބައިވަންތަކަން ނިމުނީ. އޯގާވެރިކަމާއި އިންސާފުވެރިކަން ނިމުނީ. ހަމަ ކައިލާނީ. އާދޭ ބޭރަށް. ފިލައިގެން ނުތިބެވޭނެ. މަ މީ ވިލާތު ވިސްނުމުގެ މީހެއް. ތިޔަ އެއްޗެހިންނަކީ މަގޭ ޙައްޤެއް. މަގޭ ކާނާ. ހަމަ ކައިލާނީ" މި ހަޅޭކަށް ހުރިހާ ދިރޭއެއްޗެއް ބިރުގަންނަންފަށައިފިއެވެ.  

ދީވީއަށް އުފަން މި ސިންގާގެ އުނދަގުލާހުރެ އެންމެ ބޮޑަށް ފިކުރުކުރަނީ ދީވީ ޖަންގަލީގެ ޒުވާން ލޭކޮކާލެކެވެ. މިއީ ސިންގާގެ ވިލާތު ސިކުނޑީގެ އަމުރާ ނުރުހޭ ވަރަށް ދިވީ ވަންތަ ކޮކާލެކެވެ. އެހެންވެ ސިންގާގެ މުސީބާތުން ސަލާމަތްވޭތޯ މަސައްކަތްކުރުމަށް މި ލޭކޮކާ އެކި ދިމާއަށް އުދުހި އުދުހި އުޅޭއިރު ސިންގާ އެ ކޮކާލާ ދިމާއަށްވެސް އަތްއުކައި ޝިކާރަކުރަން އުޅެއެވެ. ނަމަވެސް އެކަމެއް ނުވެއެވެ.

އެއް ދުވަހަކު ލޭކޮކާ ސިންގާގެ ނޭފަތުކުރީގައި އިށީނެވެ. ސިންގާގެ ހިތަށްއެރިއެވެ. "މިސޮރުގެ ސިކުނޑި ވަރަށް މޮޅުވާނެ. އަތުލައިގަނެގެން ކައިލާންވީ". މިހެން ކިޔައިފައި ހަތަރު އަތުގެ ވަކިތައް ނެރެ އެ ކޮކާ ޝިކާރަކުރުމަށް ހަތަރުއަތް އެއްފަހަރާ މަޅައިލިއެވެ. "އައްދިއްޔޯތް. މަގޭ ލޮލޯތް. މަގޭ ނޭފަތޯތް، މަގޭ މޫނޯތް. މަގޭ ކޮޔޯއި. މަގޭ ހިނދުރިއޯތް. ހާދަ ލެއެއް އެބަ އޮހޮރެއޭ". ސިންގާ ގޮވައިގަތެވެ.


ސިންގާއަކަށް ކޮކާ އަތެއް ނުވިއެވެ. ސިންގާ އަތްއުކަންފެށީމާ އެ ކޮކާ ސިންގާގެ މޫނުގައި. ލޮލުގެ ކައިރީގައި، ކޯތާފަތުގައި، ނިތްކުރީގައި އިށީންނަނީއެވެ. އެހެންވެ ސިންގާ އުކާ އަތްތަކުގެ ވަކިތަކުން އަމިއްލަ މޫނުގައި ވަކި އެޅި ލޭ އޮހޮރެންފެށީއެވެ. އެންމެފަހުން ކޮކާ އުދުހިފައިގޮސް ކުރިމަތީގައި ހުރި ތިޔަރަގަހެއްގައި އިށީނދެލިއެވެ. ކޮކާ އަތުލަން އުޅުނު ސިންގާގެ ވަކިތަކުން އަމިއްލައަށް ޝިކާރަވެ މޫނާއި ލޯ ހަލާކުވެ ބޭސް ނުކުރެވި، އަޅައިލާނޭ އެހެން ޖަނަވާރެއްވެސް ނެތި ކާންވެސް ނުލިބި އެކި ދިމާ ކުނިވެ ފުޅައަޅައި ލިބުނު ވޭނަށް ރޮއިރޮއި އޮވެ މަރުވެދިޔައީއެވެ. ތިމާ އުފަންވެ ބޮޑުވި ޤައުމާއި ޖަމާޢަތުގެ ވިންދަށް ނުވިސްނައި ތިމާފަދަ އަނެއް މީހާ ޝިކާރަކުރުމަށް ވަކި އެއްލާ ކޮންމެ މީހެއްގެ ޙާލަކީ މިއީއެވެ. (ނިމުނީ)

12.6.21

ކުރޮޅި އާދަމް ޒާހިރު ވާހަކަ: އަމީރާ ބާޒާރުން ގަތީ މޭވާ އާއި ކާރުKurolhi Adam Zahir kuru vaahaka: Ameeraa baazaarun gathee meyvaa kaaru

 ކުޑަކުދިންގެ އިބުރަތްތެރި ވާހަކަ

އަމީރާ ބާޒާރުން ގަތީ މޭވާ އާއި ކާރު

އާދަމް ޒަހިރު (ކުރޮޅި)


މިއަދަކީ އަމީރާގެ ބައްޕަ އަމީރާ ގޮވައިގެން ބާޒާރަށް ދާ ދުވަހެކެވެ. އެ ތަނަށްގޮސް ބައެއް ތެކެތި ގަނެލާހިތް އަމީރާގެ އޮވެއެވެ. އަދި އެތަނުގައި ކަންކަން ހުންނަގޮތް  ބަލައިލާހިތް އަބަދުވެސް އޮވެއެވެ. އެހެންކަމުން މިއަދަކީ އަމީރާއަށް ވަރަށް އުފާވެރި ދުވަހެކެވެ. މަންމައާއި ބައްޕަގެ ބަސްއަހައިގެން އުޅެ މި ސެމިސްޓަރުގެ ނަތީޖާ ރަނގަޅުކުރީތީ ހަދިޔާއެއްގެގޮތުން އަމީރާ ގޮވައިގެން މާރުކޭޓަށާއި ބާޒާރަށް ދަނީއެވެ.

އެންމެ ހަތް އަހަރުގެ އަމީރާ ގޮވައިގެން އެންމެ ފުރަތަމަވެސް އޭނާގެ ބައްޕަ ދިޔައީ ތަރުކާރީ މާރުކޭޓަށެވެ. އެތަނުން ފެނުނު މޭވާތަކަށް އުމޭރާ ވަރަށް ރަނގަޅަށް ބެއްޔެވެ. އެންމެ ފުރަތަމަވެސް އަޅައިގަތީ މޭބިސްކަދުރުވަށިގަނޑެކެވެ. އެއީ އަމީރާއަށް ވަރަށް މީރު މޭވާއެކެވެ. "ދަރިފުޅު ގަންނާނީ ކޮންކުލައެއްގެ މޭބިސްކަދުރެއް" އަމީރާގެ ބައްޕަ އަހައިލިއެވެ. އަމީރާ ވަރަށް އުފަލުން "ފެހި" ބުނެލިއެވެ.

އަމީރާ އާފަލުވެސް ބޭނުންވިއެވެ. ނަމަވެސް އޭނާގެ އާދައިގެމަތިން އާފަލު ގަންނަށް އެދުމުގެ ބަދަލުގައި އާފަލު ނަގައިގެން ބަލަންހުރީއެވެ. އެހިސާބުން އޭނާގެ ބައްޕައަށް ވިސްނިގެން ހަ އާފަލުވެސް ގަތެވެ. "ބައްޕާ! ތިޔަ ނެންގެވީ ރަތްކުލަ. އަޅުގަނޑަށް މީރީ ފެހިކުރައިގެ އާފަލު" "އެހެންތަ. ހިނގާ ބަދަލުކޮށްލަމާ؟" އަމިރާގެ މަޝްވަރާއަށް ބައްޕަ ޖަވާބުދިނެވެ.

މާރުކޭޓުގައި ގަޑިއެއްހާއިރު ވީއިރު އަމީރާ ހަތް ބާވަތެއްގެ މޭވާ ގަތެވެ. އެއީ މޭބިސްކަދުރާއި އާފަލާއި ޖަނބުރޯލާއި އޮރެންޖާއި ރަންބުސްތާނާއި އަނބާއި ކުންނާރެވެ. މީގެތެރެއިން އޮރެންޖާއި ކުންނާރަކީ އަމީރާއަށް މީރު އެއްޗެއް ނޫނެވެ. ނަމަވެސް އޮރެންޖާއި ކުންނާރަކީ އަމީރާގެ މަންމައަށް މީރު މޭވާއެކެވެ. އެހެންވީމާ އަމީރާ ކުންނާރާއި އޮރެންޖު ގަތީ އޭނާގެ މަންމައަށެވެ.

އަމީރާ ބާޒާރުގެ ވަރަށް ގިނަ ތަންތަން ބަލައިލިއެވެ. އަމީރާގެ ހޮބީއެއްގެގޮތުގައި ކާރު އެއްކުރުން ހިމެނެއެވެ. އެހެންވެ މި ލިބުނު ފުރުސަތުގައި ބައްޕަގެވެސް ޤަބޫލުފުޅުގައި 3 ވައްތަރެއްގެ ތިންކުލައިގެ ތިން ކާރު ގަތެވެ.އޭގެ ތެރެއިން އެއް ކާރަކީ ރިމޯޓް ބޭނުންކޮށްގެން ދުއްވާ ވަރަށް ކުޑަ ކާރެކެވެ. އަމީރާއަށް އެންމެ ރިތިވީ މިކާރެވެ. މި ފިހާރައިން ރުމާލެއްވެސް ގަތެވެ. "ދަރިފުޅު ކީއްކުރާ ރުމާލެއް؟" ބައްޕަ އަހައިލިއެވެ. މި ސުވާލަށް އަމީރާ ހީނލިއެވެ. އެހެން ޖަވާބެއް ނުދެއެވެ.

"ދަރިފުޅު ގެއަށްދާން ބޭނުމީ ކިހާއިރަކުން؟ މިހާރު އެހެރަ ހަވީރު ފަސްގަޑި ބައިވަނީ. ހައެއްޖަހާ ގިނައިރުތަކެއް ނުވަނީ ބަންގިގޮވާނެ" އަމީރާގެ ބައްޕަ އަމީރާ ގެއަށް ދާނެ ގަޑިއަކާމެދު ސުވާލުކޮށްލިއެވެ. މިހާރު ބާޒާރުގައި އުޅޭތާ ދޮޅުގަޑިއިރުވަނީއެވެ. އެހެންކަމުން އެކަށީގެންވާވަގުތުކޮޅެއް މާރުކޭޓުގައާއި ބާޒާރުގައި ހޭދަކުރެވިއްޖެކަމަށް އަމީރާ ބުންޏެވެ.

އަމީރާ ގެއަށް އައީ ވަރަށް އުފަލުންނެވެ. މުހިންމު ވަރަށް ގިނަ ތަކެތި ގަނެގެންނެވެ. ގެއަށް އައިސް އެންމެ ފުރަތަމަވެސް ކުރި ކަމަކީ މަންމައަށް ހުރިހާ އެއްޗެއް ދެއްކުމެވެ. އަދި މަންމައަށް ގެނައި އޮރެންޖާއި ކުންނާރު ދިނުމެވެ. މިއަށްފަހު ބައްޕައަށް ވަރަށްބޮޑަށް ޝުކުރު އަދާކޮށްފައި ހަދިޔާއެއް ދިނެވެ. މިއީ ބައްޕައަށް ލިބުނު ހައިރާންކަމެކެވެ. ބައްޕަ އުފަލުން އެ ހަދިޔާއަށް ބަލައިލިއެވެ. އެއީ ވަރަށް މުހިންމުކަމަކުއޭ ބުނެ ގަތް ރުމާލެވެ. 

މި ރުމާ ލިބުމުން ބައްޕަ އަމީރާ އުރައިލިއެވެ. އަދި "ދަރިފުޅު ހާދަ ރަނގަޅޭ" ބުނެލިއެވެ. އަމީރާ ބައްޕައަށް ޝުކުރު އަދާކުރިއެވެ. އަދި މަންމައަށްވެސް ޝުކުރު އަދާކުރިއެވެ. މަންމަ ބުނެލިއެވެ. "ދަރިފުޅަށް މިއަދު ތިޔަފަދަ އުފަލެއް ތިޔަ ލިބުނީ ބަސްއަހައިގެން އުޅޭތީ. އިނގޭ. މަނމައާ ބައްޕަ އަމީރާދެކެ ވަރަށް ލޯބިވޭ" ބަސްއަހައިގެން އުޅޭ ކުދިންދެކެ މައިންބަފައިން ވަރަށް ލޯބިވާނެއެވެ. (ނިމުނީ)

11.6.21

ކުރޮޅި ތުއްތު ވާހަކަ: ތައުފީޤު ބާކީއެއްނުވި Kurolhi thuththu vaahaka: Thaufeequ baakee eh nuvi

 

ތައުފީޤު ބާކީއެއްނުވި

އާދަމް ޒަހިރު (ކުރޮޅި)



ޙަލީމާއި ތައުފީޤަކީ އެކުއެކީގައި ކިޔަވަންއުޅުނު ދެ ކުދިންނެވެ. ސްކޫލުގެ ފަސްވަނަ ކުލާހުން ފެށިގެން އެކުގައި އެއް ކުލާހުގައި ކިޔަވައި ދެކުދިންވެސް ގުރޭޑް ދިހައެއް ނިންމިއެވެ. ނަމަވެސް ޙަލީމަށްވުރެ ތައުފީޤުގެ ނަތީޖާ ދަށެވެ. ފާސްވީވެސް އިސްލާމުންނާއި ހިސާބުން އެކަންޏެވެ. މިކަމާ ޙަލީމު ވަރަށް ދެރަވިއެވެ. އެއީ ޙަލީމު ހުރިހާ މާއްދާއަކުން އެއްވަނަ ހޯދުމުގެ ސަބަބުން ބޭރު ޤައުމަކަށް ގޮސް ކިޔެވުމުގެ ފުރުސަތު ސަރުކާރުން ދެއްވި އިރު އެންމެ އެކުވެރި ތައުފީޤަށް އެ ފުރުސަތު ގެއްލުނީމައެވެ.

ޙަލީމު ބޭރު ޔުނިވަރސިޓީއަކުން ކިޔަވައިގެން މާލެއަށް އައީ 2 އަހަރު ފަހުންނެވެ. އޭރު ތައުފީޤު އުޅެނީ ހޮޓަލެއްގެ ވެއިޓަރަކަށެވެ. ޙަލީމަށް ލިބުނީ މިނިސްޓްރީއެއްގެ ސެކްރެޓަރީއެއްގެ ވަޒީފާއެވެ. މިހާ ދުވަސްވީއިރުވެސް މި ދެކުދިންގެ ގުޅުމަކަށް ބަދަލެއް ނާދެއެވެ. ޙަލީމު ބުނާގޮތުގައި ތައުފީޤު އެގޮތަށް ވަޒީފާއެއްގައި އުޅޭތަން ފެނުނީމާ ވަރަށް އުފާވެއެވެ. ދެކުދިންގެ މަޤާމުގެ ހައިސިއްޔަތު ތަފާތަސް އާމްދަނީ ހޯދައިގެން ދިރިއުޅުން ފެށިކަމީ އުފާކުރާކަމެކެވެ.

ތައުފީޤު ވަޒީފާ އަދާކުރާ ހޮޓަލުގައި ހީވާގިކަމާއި ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު އުޅުމުގެ ނަތީޖާއެއްގެގޮތުން އެ ތަނުގައި އޭނާއަކީ ހިންގުންތެރިންގެ ތެރޭގައި ހިމެނޭ މީހެއްކަމުގައިވިއެވެ. ތަނުގެ ވެރިޔާ މިއަދު އެންމެ އިތުބާރުކުރާ މެނޭޖަރަކީ އެއީއެވެ. އެހެންކަމުން ދިރިއުޅުމަށް ހޭދަކޮށްފައި އިތުރުވާ ވަރަށް އާމްދަނީވެސް ދަނީ ލިބެމުންނެވެ. ޙަލީމު އޭނާގެ ބައްޕަގެ ގާގުގައި ބުނިގޮތުގައި ތައުފީޤަށް ލިބޭ އާމްދަނީ ޙަލީމަށްވުރެ ގިނައެވެ. ތައުފީޤު އަދާކުރަނީވެސް ނުހަނު ޤަދަރުވެރި ވަޒީފާއެކެވެ.

އެއްދުވަހަކު ތައުފީޤުގެ ބައްޕަ ޙަލީމު ވަޒީފާ އަދާކުރާ މިނިސްޓްރީއަށް ދިޔައެވެ. އެ ދުވަހު ޙަލީމު ފެނިފައި ރޮވުނެވެ. ޙަލީމު ހާސްވެފައި ތައުފީޤުގެ ބައްޕަގާތަށް ޖެހިލިއެވެ. އަދި ވީގޮތެއް އަހައިލިއެވެ. "ޙަލީމާއި ތައުފީޤަކީ އެކުގައި އުޅުނު ދެކުދިން. އެއްވަރެއްގެ ނަތީޖާ ނުލިބުމުން އެ ދުވަހު ދެރަވި. ނުވިތާކަށް މިހާރު ތިޔަ އަދާކުރާފަދަ ޤަދަރުވެރި ވަޒީފާއެއް ތައުފީޤަށް ނުލިބުނީތީ ހިތުގައި ޖެހުނީ. އަހަރެންގެ ތައުފީޤު އެ ހުރީ ބާކީވެފައި" ތައުފީޤުގެ ބައްޕަ ބުނެލިއެވެ.

"ނޫން ތިޔައީ ގޯސް ފިކުރެއް. ކޮންމެ ވަޒީފާއަކީވެސް ޤަދަރުވެރި ވަޒީފާއެއް. ބޭނުންވަނީ ދިރިއުޅުމުގެ މުހުތާދު ފުއްދަން. ދެވަނަ މީހަކަށް ނުދަރައި އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ކަންތައްތައް ފުރިހަމަކުރަން. ﷲ ގެ އިރާދަފުޅުން ތައުފީޤުވެސް އެ ހުރީ މުހިންމު ބޭނުންތެރި ވަޒީފާއެއްގައި. އަދި މުސާރަވެސް ރަނގަޅު. އޭނާ ބާކީއެއް ނުވޭ. މަސައްކަތެއް ނެތި ބޭކާރީއެއްނުވޭ. އެއީ ޤައުމުގެ މަސައްކަތްތެރިއެއް. ޤައުމު އެދި ގޮވަނީ ކޮންމެ ޒުވާނަކުވެސް މަސައްކަތެއްކުރަން." ތައުފީޤުގެ ބައްޕައަށް ވިސްނައިދިނުމަށް ޙަލީމު ޖަވާބުދިނެވެ. ތައުފީޤުގެ ބައްޕަ ވިސްނައިލިއެވެ. އަދި ހީނލިއެވެ. ހިތާހިތުން ކިޔައިލިއެވެ. އާއެކެވެ. އަހަރެންގެ ތައުފީޤު އެ ކުރަނީވެސް ހުނަރުވެރި މަސައްކަތެކެވެ. އަގުހުރި ޒުވާނަކީ މަސައްކަތްކޮށްގެން ކައިބޮއި އުޅޭ ޒުވާނެކެވެ. (ނިމުނީ)

8.6.21

ކުރޮޅި ވާހަކަ: ޒަބީނާގެ އެނދުގައި ފައިދިގު މަކުނު. kurolhi vaahaka: Zabeenaa ge en'dhugai faidhigu makunu

ޒަބީނާގެ އެނދުގައި ފައިދިގު މަކުނު

އާދަމް ޒަހިރު (ކުރޮޅި)


ޒަބީނާއަކީ ކުޑައިރު މަންމަގެ ބަސް ޤަބޫލުކުރި ބަސް އަހައިގެން އުޅުނު ވަރަށް މާތް ކުއްޖެކެވެ. ޢުމުރުން 10 އަހަރު ވީއިރުވެސް ވަރަށް ކިޔަމަންތެރި މައިން ބަފައިންގެ ލޯބި ވަރަށް ފުރިހަމައަށް ހޯދައިގެން އުޅުނު ކިޔަމަންތެރި ދަރިއެކެވެ. ނަމަވެސް މިހާރަކަށް އައިސް ބައެއްކަހަލަ ކަންކަމުގައި މަންމައާއި ބައްޕަ ދެއްވާ ނަސޭހަތްތަކަށް ކޮށި ކަންފަތެއް ދިއްކުރާ ކުއްޖެކެވެ. ފެންވެރުމުގައި ސާފު ތާހިރުގޮތެއް ނު ގެންގުޅެއެވެ. ދަތް އުނގުޅަނީ ވަރަށް ވަރަށް ވަރުންނެވެ. ހެދުން ބަދަލުކުރަނީވެސް ހިތަށް އެރި އިރަކުންނެވެ. އެދުގެ ތަންމަތިއެޅުމެއް ނޯވެއެވެ.

އެއް ދުވަހަކު ޒަބީނާއަށް އޭނާގެ މަންމަ ގޮވާގޮވާ ވަރުބަލި ވީއިރުވެސް ފަތިސްނަމާދަށް ތެދެއް ނުވިއެވެ. މިކަމާ މަންމަ ދެރަވެ ހިތްހަމަ ނުޖެހި ހިތާމަކުރަން އިންދައި ކުއްލިއަކަށް ޒަބީނާ ހަޅޭއްލަވައިގެންފައި އެނދުން ފުއްމައިލިއެވެ. "އެއްޗެއް ދަތްއަޅައިފި. އެއްޗެއް ކައިލައިފި. އަޅުގަނޑުގެ އަތް މިއޮތީ ކައިލައިފައި" ޒަބީނާ ވަރަށް ބާރަށް ގޮވައިގަތެވެ. އަދި އޭނާގެ އަތުގައި އެއްޗެއް ދަތްއަޅައިފައި ހުރިތަން މަންމައަށް ދައްކައިލިއެވެ. ރޮވިފައި ހުރި އަޑަކުން ތަކުރާރުކޮށް ބުނަމުންދިޔައެވެ. "މަންމާ ބަލާލަބަލަ މިހުރީ މި އަތް ކައިލައިފައި. ކައިލައިފައި"

"އަސްތާ. މަގޭ ދަރިފުޅު. މިއޮތީ ކައި ހުސްކޮށްފައި. ކޮންތާކުންދަތްއެޅީ" މަންމަ ވަރަށް ކަންބޮޑުވިއެވެ. އަދި އެއްވެސް ދިރޭއެއްޗެއް ފެނޭތޯ އެނދުގެ އެކި ދިމާ ބަލަންފެށިއެވެ.

ކަމުދާކަށް ނެތެވެ. ޒަބީނާގެ އެނދުގެ ބާލީސްދަށުގައި 2 މަކުނު އެބަ އޮތެވެ. އެއީ ބޮޑުސިންގާ ފައިދިގު މަކުނެވެ. ދެން ފެނުނީ އެނދުގެ އެކި ދިމާގައި ފައިދިގު މަކުނު ތިއްބައެވެ. ހުރިހާ ބާލީހެއްގައިވެސް މަކުނެވެ. އަދި ގޮދަޑި ދަށުގައިވެސް  ބައިވަރު މަކުނު އެބަ ތިއްބެވެ. "މިއީ މުޑުދާރުވީމާ ވާގޮތް. މަންމަ ބުނަމެންނު ތަންމަތި ނާޅައި، ފޮތިގަނޑު ބަދަލު ނުކޮށް ތަތްމުޑުކޮށް އެނދުމަތި ބާއްވަންޏާ އެނދުގައި މިކަހަލަ އެއްޗެހި އުފެދޭނޭ. މިއޮތީ އެހެންވެފައި" ޒަބީނާގެ މަންމަ ދެރަވެފައި ޒަބީނާގެގާތު ކިޔައިދިނެވެ. އަދި ޒަބީނާގެ ބައްޕައަށް ގޮވައި އެ ފައިދިގުމަކުނުތައް ކޮޓަރިން ނެރުނެވެ.

ޒަބީނާއަށް ވިސްނުނީ މި ހިސާބުންނެވެ. މިއަށް ފަހުން ޒަބީނާގެ އެނދާއި ގެނގުޅޭ އަންނައުނާއި ތަކެތި ހުންނަނީ ވަރަށްބޮޑަށް ސާފުކޮށްފައެވެ. ނިދާތަނާއި ގެންގުޅޭ އެއްޗެހި ސާފުކޮށް ބާއްވަންޖެހެނީ މިކަހަލަ ކަންތައްތައް ދިމާވާތީއެވެ. ނުސާފުކަމަކީ މުޑުދާރުކަމެކެވެ. ގޯސް ސިފައެކެވެ. (ނިމުނީ)


21.5.21

ކުރޮޅި ކުރުވާހަކަ: މައުސޫދާގެ ގޭގައި އެންމެނަށް ސައި kurolhi vaahaka: Mausoodhaage geygai enmenah sai

މައުސޫދާގެ ގޭގައި އެންމެނަށް ސައި

އާދަމް ޒާހިރު (ކުރޮޅި) 



ހޮނިހިރުދުވަހެކެވެ. ސްކޫލު ބަންދު ދުވަހަކަށް ވީތީ މައުސޫދާ އުޅެނީ ގޭގައެވެ. މަންމައާއި ބައްޕަ ދުރުވީ ބާޒާރުކޮށްލައްވާށެވެ. އެހެންވެ އަރާމުކޮށްލުމުގެ ނިޔަތުގައި ގޭގެ ދޮރު ތަޅުލުމަށްފަހު އޮށޯވެލައިފިއެވެ. މިނެޓެއްވެސް ނުވަނީސް ދޮރުގައި މީހަކު ޓަކިދީފިއެވެ. މައުސޫދާ އަވަހަށް ތެދުވެ. ދޮރު ހުޅުވައި ބަލައިލިއިރު ތުއްތަ އޭނާގެ ކުޑަކުޑަ ހަމާ ގޮވައިގެން ހުއްޓެވެ. ތުއްތަ ވަރަށް ރީތިކޮށް ހީނލައިފައި އަހައިލިއެވެ. "ކޮށްކޮ ބަލައިދީފާނަންތަ. މި އުޅެނީ ގޭގައި މަސައްކަތެއް ކޮށްލަންވެގެން." ތުއްތަގެ މި ސުވަލަށް އާއެކޭ ބުނެފައި ހަމާ ގޮވައިގެންގޮސް މައުސޫދާ އެނދުގައި ޖައްސައިލައިފިއެވެ.

"ޓޮކް ޓޮކް ޓޮކް" އިރުކޮޅެއް ނުވަނީސް އަނެއްކާވެސް މީހަކު ގޭ ދޮރުގައި ޓަކި ދީފިއެވެ. އަވަހަށް ދޮރު ހުޅުވައި ބަލައިލިއިރު ގެ ސާފުކުރަން އަންނަ މުޙައްމަދުބޭ ހުއްޓެވެ."އަހަނ މައުސޫދާ! މިއައީ ކުޑަދޮރުތަކާއި ފެންފަހިތައް ސާފުކުރަން. މިގަޑި ރަނގަޅުވާނެތަ؟". ދެތިން ފަހަރު ހޫނނނނ އަޅުވައިލައިފައި މައުސޫދާ ވިސްނައިލިއެވެ. އަދި ލައްބައޭ ކިޔައިފައި މުޙައްމަދުބޭ ގެއަށް ވައްދައިފިއެވެ. ގޭގެ މިފަދަ ތަންތަން ނުސާފުކޮށް ހުރީވިއްޔާ ގޭތެރެ ވަރަށް ނުތާހިރުވާނެއެވެ. އެހެންވެ މިކަމަށް މައުސޫދާވެސް ވަރަށް ވިސްނައެވެ. އަނެއްކާވެސް މައުސޫދާ އެތެރެއަށް ވަދެ ހަމާއާ ސަކަރާތްޖަހަން ފެއްޓިއެވެ.

ގިނަ އިރެއް ނުވަނީސް "ޓޮކް ޓޮކް ޓޮކް" އަނެއްކާވެސް މީހަކު ޓަކި ދީފިއެވެ. ހުޅުވައި ބަލައިލިއިރު އެއީ އަވަށުގެ ސަރުދާރެވެ. " ކޮއްކޯ! މިއައީ މިގޭގައި އެއްވެސް މައްސަލައެއް ހުރިތޯ ބަލައިލަން. މަދިރިފަނިއަޅާ އެއްޗެއް ހުރިތޯ އަދި ގޭސްފުޅި ހުރީ ރަނގަޅަށްތޯއާއި މިކަހަލަ ކަންތައްތައް." މައުސޫދާ ހީނލައިފައި ސަރުދާރުވެސް ގެއަށް ވައްދައިފިއެވެ.

މި ފަހަރު ގޭގެ ދޮރު ލައްޕާކަށް މައުސޫދާ ނުވިސްނިއެވެ. ހަމާ ގޮވައިގެން އައިސް ގޭތެރޭގައި މީހުން އުޅޭގޮތް ބަލަން ދޮރާ ވަރަށް ކައިރިގައި ހުއްޓެވެ. މިފަހަރު އައިމީހާ ޓަކި ޖަހާކަށް ނުޖެހުނެވެ. ޓޮކް ޓޮކް ޓޮކް ގެ އަޑު ނުއިވެނީސް އެމީހާ ގޭތެރެއަށް ވައްދައިފިއެވެ. އެއީ ގޭގައި ކައްކަން އަންނަ ކައްދައްތައެވެ. އޭނާއާއެކު، ކައްދަތަގެ ދަރިފުޅު ކަލީލުވެސް ހުއްޓެވެ.

މާ ގިނަ އިރެއް ނުވަނީ މަންމައާއި ބައްޕަ ދުރުވެއްޖެއެވެ. ދެމީހުންގެ ދެ އަތް ފުރާ ކޮތަޅުތައް ހުއްޓެވެ. ކާ އެއްޗެއްސާއި ރީތިވާ ސާމާނާއި ގެއަށް ބޭނުންވާ އެހެންވެސް ތަކެއްޗެވެ. ދަރިފުޅު ދޮރު ހުޅުވައިގެން ހުރުމުން މަންމަމެން ހައިރާންވިއެވެ. އަދި ވީ ކީއްތޯ ސުވާލުކުރިއެވެ. "މަންމާ! މިއަދު ގެއަށް ދުރުވާނެއެއްނު، ސާފުކުރާމީހާ. ކައްކާ މީހާ، މިއަދު އެބަ އުޅުއްވާ، ސުޕަވައިޒަރުވެސް" މައުސޫދާ ޖަވާބުދިނެވެ.

މަންމަ ގޭގެ ދޮރު ލައިޕައިލުމަށްފަހު ހުރިހާ ސާމާނެއް ހިފައިގެން ބަދިގެއަށް ނުވަދެވެނީސް "ޓޮކް ޓޮކް ޓޮކް ޓޮކް" އިވެންފަށައިފިއެވެ. ކޮންމެވެސް މީހަކު ޓަކި ދިނީއެވެ. މައުސޫދާ ދުވެފައިގޮތް ދޮރު ހުޅުވައިލުމާއެކު ފެނުނީ ބޮޑު ކޭކެއް ހިފައިގެން ހުރި މާމައެވެ. "އަހަނ ދަރިފުޅާ މައުސޫދާ.. ސައި ބުއީތަ. މާމަ މިއައީ ދަރިފުޅަށް ކޭކެއް ހިފައިގެން" މައުސޫދަ އުފަލުން ނަށައިގަތެވެ. އަދި މަންމައަށް ގޮވިއެވެ. މައުސޫދާގެ މަންމަ އޭރު ސައި ހައްދަވަނީއެވެ. މަންމަ ސައި ތައްޔާރުކުރާލެއް ގިނަވީމާ "ތިޔަ ސައި ހައްދަވަނީ ގޭގައި މަސައްކަތްކުރާމީހުންނާއެކުގައި" ހޭ އަހައިލިއެވެ.

"ލައްބަ ދަރިފުޅާ. އެ އެންމެން އެ ކުރާ މަސައްކަތް ނިމޭއިރު ތިބޭނީ ވަރުބަލިވެފައި. ދެން ފޮނުވައިލަން ވާނީ ސައި ދީފައި. ދަރިފުޅުވެސް އެބަ މަސައްކަތެއްކުރަމެއްނު. ތުއްތަގެ ދަރިފުޅު ތިޔަ ބަލަނީނު." ވަރަށް ލޯބިން ދަރިފުޅުގެ ގައިގައި ބައްދައިލަމުން ބައްޕަ ބުނެލިއެވެ. އަދި ހީނލިއެވެ. (ނިމުނީ) 

19.5.21

ކުރޮޅި ވާހަކަ: ފިޔަޖަހައި އުދުހޭ ކޯމަސް Kurolhi vaahaka: Fiyajahai udhuhey koamas

 

ފިޔަޖަހައި އުދުހޭ ކޯމަސް

ލިޔުނީ: އާދަމް ޒާހިރު (ކުރޮޅި)


ފަރިޔާލު އޭނާގެ ގޭ ގޯތިތެރޭ ފަތްޖެހިއެނދުގައި ފިލާވަޅު ކިޔަން އިނެވެ. މިހެން އިންދައި މާ ދުރުން ބޮޑު ބޮޑު ކޯމަހެއް އުދުހެމުން އަންނާތީ ފެނުނެވެ. ފަރިޔާލު އަޖައިބުވެގެން މަންމަމެނަށް ގޮވައި މިތަން ދައްކައިފައި އުފަލުން ހޭންފެށިއެވެ. އިސާހިތަކު އެ ކޯމަސް މިސުރާބުޖެހީ ފަރިޔާލުމެނާ ދިމާއަށެވެ. އައިގޮތަށް އައިސް އެގޯތީ ފަތްޖެހިއެނދާދިމާ  މަތީ ވައިގެތެރޭގައި މަޑުކޮށްލައިފައި ބުނެލައިފިއެވެ.

"އިނބަމެން އަހަންނާދިމާއަށް ބަލަން ތިޔަ ތިބެނީ މަލާމާތްކުރަންތަ؟ ތިޔަ ހެނީ ކީއްވެތަ؟ ދެ ފިޔަލީ މަހެއް މީގެކުރިން ނުފެންނަނީތަ؟" މިހެން ބުނެލައިފައި ކޯމަސް ދެފިޔަ ހަލުވައިލިއެވެ.

ފަރިޔާލު ވަރަށް ކަންބޮޑުވި އެވެ. އަދި "މަލާމާތްކުރަންވީ ކީއްވެހޭ" އަހައިލައިފިއެވެ. "އަހަރެމެން މި ތިބީ އުފަލުން. ގޭގައި ތިއްބައި މިހާރު ކޯމަސްވެސް ފެންނަން ފެށީވިއްޔަ. މިހާރު އަހަރެމެން ކުޑަކުދިންނަށްވެސް ތިޔަ މަހުގައި އަތް ލެވޭނެއެއްނު. އެހެންވެ އުފަލުން މިހެނީ" ފަރިޔާލު ޖަވާބުދިނެވެ. އަދި ކޯމަހާ ދިމާއަށް ބަލައިލައިފައި ހީނލިއެވެ.

އެވަރުންވެސް ކޯމަސް ހިތްހަމައެއް ނުޖެހުނެވެ. ދެ ފަރާތް ބަލައިލައިފައި އަނެއްކާވެސް ބުރެއްޖަހައިލައިފައި އައިސް އެ ދިމާގައި ހުއްޓުނެވެ. "އަހަރެން އުދުހޭތީ ތިޔަ ހެނީ.. އެންމެން ތިޔަ ބަލަނީވެސް އަހަރެން އުދުހޭތީ.. މިގޮތަށް އުދުހުމުގެ ބާރުވެސް މި ލިބުނީ ހާދަ ފިކުރެއްކޮށްގެންނޭ. އިނބަމެންވެސް އުދުހެވޭތޯ ބަލަންވީނު. ކޯމަސް އޭނާގެ ޝުޢޫރު ފާޅުކޮށްލިއެވެ.

ފަރިޔާލު އެ ބަހަށް ޖަވާބުދޭން ފެށިއެވެ. "ނޫން ކޯމަހާ. ޤަބޫލުކުރޭ. މަލާތެއް ނުކުރަން. ދުވަހަކުވެސް ނުކުރާނަން. ކޯމަހަށް މިއަދު ތިޔަ އުދުހެވެނީ ދެފިޔަ ހުރީމަ. އަހަރެމެން އެކަމާ މިތިބީ ޝުކުރުކޮށްގެން. އަބަދުވެސް އުފާވޭ، ބަޔަކަށް ތިޔަފަދައަކުން އުޅެވެންފެށީމާ.." ފަރިޔާލު ރާގު ބަދަލުކޮށްލައިފައި އަހައިލިއެވެ. "ދެން ރުޅި ނައިސް ބުނެބަލަ! ކޮން އިރަކުތަ ކޯމަހުގެ ފިޔަ ފެޅީ؟ ތިޔައީ އެއްގަމަށް އަރައި އުޅޭ އެއްޗެއްވެސް ނޫނެއްނު. އަނެއްކާ ތިޔަފަދަ ފުދުންތެރިކަމެއް މީގެކުރިއަކުން ނުލިބެއެއްނު؟"

ކޯމަސް ހިނިގަނޑެއް ޖަހައިލައިފައި، ބަނޑު ފުއްޕައިލައިފައި އެބަހަށް ޖަވާބުދިނެވެ. "މިއީ މިއަދު ބޯފޮޅި އަލިބެވިލުގައި އޮއްވައި ވީކަމެއް. މި ރަށު ބޮޑުމަގުކޮޅާދިމާއަށް ދަނިކޮށް ކުއްލިއަކަށް މާދޫންޏެއް ވަރަށް ތިރިން އުދުހިފައި ދަނިކޮށް ފެނުނީ. އިރުކޮޅަކުން އެ ދޫނި ގަލެއްގައި އިށީން. އަދި އަހަރެން އުޅޭ ޙާލު ފެނިފައި މަލާމާތްކުރި. ބޮޑާވެފައި ބުނި. "ކަލޯ ކޯމަހާއޭ.. ދެ ފިޔަ ހުންނަނަމަ ތިޔަހެން ހާލުގައި އުޅޭކަށް ނުޖެހޭނެއޭ.. ނިކަން އަހަރެންނަށް ބަލައިލަބަލާށޭ. މި އުޅެނީ މިނިވަންކަމާއެކުގައޭ" މިހެން ބުނެ ރަނގަޅަށް ނުނިމެނީސް އައި ރޯޅިއެއްގައި އެ ދޫނި ވިލަށް ވެއްޓިއްޖެ. އަދި ވަރަށް އަވަހަށް ގެނބިއްޖެ. އަހަރެން ހެދިގޮތަކީ އެ މާދޫނީގެ ދެފިޔަ މަރުނުވަނީސް ނައްޓައިލައިފައި އަހަރެންގެ ބުރަކަށީގައި ތަތްކޮށްލީ" ކޯމަސް ވާހަކަ ހުއްޓައިލިއެވެ.

"ދެން ކިހިނެއްވީ؟" ފަރިޔާލު އަހައިލިއެވެ. އަދި ކޯމަސް އައިސް ގޯތިތެރޭގައި އިށީނުމަށް އެދުނެވެ. ކޯމަސްވެސް ލޮލުން ކަރުނަތިއްކެއް ބައިލައިފައި މަޑުމަޑުން ފިޔަ ޖަހައިލައިފައި އައިސް އެ ގޯތީގެ ކަނެއްގައި އޮށޯވެއްޖެއެވެ.

"ދެން އެވަގުތު ލިބުނު ވޭނެއް ނުވެސް އެނގޭނެ. ގައިގައި ވަރަށް ރިއްސައިލި. މިހާރުވެސް އެ ރިހުމުގެ ވޭން އިހުސާސްވީމާ ރޮވޭވަރުވޭ.. އެކަމަކު އެ ރިހުން ކެނޑުނުއިރު މި ދެފިޔަ ހުރީ ފަޅައިފައި.. މިއީ އުފާވެރިކަމެއް... އޭގެފަހުން މި އުދުހެން ފެށީ.. އެންމެ ފުރަތަމަ މި ބައްދަލުވީވެސް ކަނބުލޮޔާ" ކޯމަހުގެ ވާހަކަ ނިންމައިލިއެވެ.

މާ ގިނަ އިރެއް ނުވެ ކޯމަސް އުދުހިގެން ހިނގައްޖެއެވެ. އޭތި އޮންނަ ވިލާ ދިމާއަށް ދެވުނީ ކިރިޔާއެވެ. އެއްކަލަ ދެފިޔަ އުފުރިގެން ހިގައްޖެއެވެ. އެކަމަކުވެސް ކޯމަސް އޮތީ އުފަލުންނެވެ. އެއީ ކޯމަސް ބޭނުންވި ކަންތައް ވީމައެވެ. މިހާރު ކޯމަސް އެ އޮތީ އުފެއްދެވި އެންމެ ފުރިހަމަ ގޮތުގައެވެ. 

ވޭނާއި ތުރާލަކީ ހޯދީމައި ލިބޭ އެއްޗެއްވިއްޔާއެވެ. އުފަލާއި ހިތްހަމަޖެހުމަކީ ޝުކުރުވެރިވުމުން ލިބޭ ނިޢުމަތެކެވެ. ﷲ ކޮންމެ އެއްޗެއްވެސް ލެއްވީ އޭގެ އެންމެ ފުރިހަމަގޮތުގައެވެ. (ނިމުނީ)

 

16.5.21

ކުރޮޅި ވާހަކަ: ނާޤީ އާއި އާބިޝް Kurolhi vaahaka: Naagi aai Abish

ކުރޮޅި ޢިބުރަތްތެރި ވާހަކަ:

ނާޤީ އާއި އާބިޝް

އާދަމް ޒާހިރު (ކުރޮޅި)



ނާޤީއާއި އާބިޝްއަކީ އުމައިމާއަށް ލިބިފައިވި އެއްނިބޫ ދެކުދިންނެވެ. ޢުމުރުން ހަތް އަހަރުގެ މި ދެކުދިންގެ ބައްޕައަކީ އެ ރަށުގައި މަޝްހޫރު ރާވެރި ވިޔަފާރިވެރިއެކެވެ. މަޝްހޫރު ވެފައިވާ ނަމުންނަމަ ދެފިހާރަ ބަދީޢުއެވެ. ބަދީޢުއާއި އުމައިމާގެ މި ދެ ދަރިން ގެންގުޅެނީ ވަރަށް ލޯބިން، އެ ކުދިން ބޭނުންވާ ކަންކަން ބަރާބަރަށް ކޮށްދީގެންނެވެ.

އާބިޝްއަކީ  ފެންނަހާ އެއްޗެއް ކެއުމުގައި އަރާހުރި ކުއްޖެކެވެ. ނަމަވެސް ނާޤީއަކީ ގަދަކަމުން ކާންދޭންޖެހޭ ކުއްޖެކެވެ. އެހެންކަމުން މި ދެކުދިންނަށް ކާންދިނުމަކީ ބައެއްފަހަރު އެ ދެކުދިންގެ މަންމައަށް ބޮޑު ކަމަކަށް ވެއެވެ.

އެއް ދުވަހަކު ކާންހެދި ވަގުތެކެވެ. އާބިޝް ބޭނުންވީ އެ މޭޒުމަތީގައިހުރި ހުރިހާ އެއްޗެއް ކާށެވެ. އަދި ހުރިއްޔާ ހުރި ހުރިހާ ބުއިމެއް ބޯށެވެ. މިހެންވެ އޭނާގެ މަންމަ އިނީ ކަންތައް ވަރަށް ބޮޑުވެފައެވެ. "ތިޔަގޮތަށް ކަންޏާ ގޯހެއްވެސް ވެދާނޭ" މަންމަ އާބިޝްގާތު ބުނެލިއެވެ. ނަމަވެސް ނާޤީ އަށް ދޭ ބަޖިޔާއާއި ކީމިޔާއާއި އެހެންވެސް ކާއެއްޗެހި ސިއްރު ސިއްރުން އާބިޝްއަށް ދެއެވެ. އަދި އާބިޝްއަށް ދިން މައިލޯތަށި ހުސްވުމުން ނާޤީގެ ފޭރުފަނިތައްޓާއި ބައްޕައަށް ހަދައިފައިހުރި ކަނދިތަށިވެސް ނާޤީގެ އެހީގައި އާބިޝް ބޮއިފިއެވެ.


އެތައް އެއްޗެއް ކައި ނިމިގެން އަނެއްކާވެސް އެއްޗެއް ބޯން އެދުނެވެ. މިފަހަރު އެދުނީ ކުރިމަތިގައިހުރި ކަރާފަނިތަށި ދިނުމަށެވެ. ނަމަވެސް މަންމަ އެކަމާ ނުރުހުނެވެ. އެންމެފަހު އަޑުން އަޑުނަގައި ރޯންފެށުމުން އެތަށިވެސް ޖެހުނީ ދޭށެވެ. މި ތަށީގައި ތުންޖަހައި ދެ ކޯވަރެއް ދަމައިލިތަނާ އާބިޝަށް ހުއްޓުމެއް އައެވެ. އަދި ޕޮއް ކިޔައިފައި މުޅި ތަނަށް ހޮޑުލެވިއްޖެއެވެ. ކާގެތެރެއާއި ތިބިހާ މީހުނާއި ތަންތަންވެސް އެކުގައި މުޑުދާރުވެއްޖެއެވެ. ހަމަ އެ ވަގުތު ނާޤީވެސް ހޮޑު ދުއްވައިލައިފިއެވެ. މި ދެކުދިންގެ މަންމަ އުމައިމާއާއި ބައްޕަ ދެފިހާރަ ބަދީޢު އަވަހަށް މުޅި ތަން ސާފުކޮށްލައިގެން މި ދެކުދިން ހަސްފަތާލަށް ގެންދިޔައެވެ. ވީގޮތް އެ ދެކުދިން ޤަބޫލުކުރީ އެހިސާބުންނެވެ.


ދަކްތަރު ބުނުއްވިގޮތުގައި އާބިޝްއަށް ހޮޑުލެވުނީ ބަނޑަށް ނުތަކާވަރަށް ގިނައިން ކެއީމައެވެ. ނާޤީއަށް ހޮޑުލެވުނީ ނުކައި ނުބޮއި އިނުމުން ބަނޑު ދެފުށް ޖެހިގެންނެވެ. ވީމާ އެއްވެސް މީހަކު އަދި ކުއްޖަކުވެސް މިނަށްވުރެ ގިނައިން ކެއުމާއި، އެއްގޮތަކަށްވެސް ނުކައި ހުރުމަކީ ރަނގަޅުކަމެއް ނޫނެވެ. މިއިން އެނގެނީ ކޮންމެކަމެއްގައިވެސް ހައްދެއް، މިންވަރެއް އޮންނަކަމެވެ. (ނިމުނީ)


28.2.21

ކުރޮޅި އާދަމް ޒާހިރު ލިޔުން: އިންސާނީ ދުނިޔޭގެ ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކުގައި ވަލުގެ ބޭނުންހިފުމުގައި ސަމާލުވަމާ kurolhi Adam zahir liyun: save the jungles for sustainable life

 

އިންސާނީ ދުނިޔޭގެ ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކުގައި 

ވަލުގެ ބޭނުންހިފުމުގައި ސަމާލުވަމާ!

ލިޔުނީ: އާދަމް ޒާހިރު

އިންސާނާ ވުޖޫދުކުރައްވައި އެ އިންސާނާއަށްޓަކައި ބިމާއި ކަނޑު ލެއްވި ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިރާދަފުޅުން ބިމުގައި ގަސްގަހާގެއްސާއި ޖަނަވާރާއި ދޫނިސޫފާސޫފި ލެއްވީ ދިރި ދެމިގެންދާ އިންސާނީ ޙަޔާތަކަށް އެ ދުނިޔެ ބޭނުންކުރުމަށް މޮޅު ނިޢުމަތްތައް ދިރުއްވައިފައެވެ. އެ ނިޢުމަތްތަކުން ބޮޑު ބައެއް ވަނީ ވާވަލާއި ކަނޑުފަޅުތަކުގައެވެ. މިއަދު މި ތަންތަނުގެ ބޭނުން ހިފުން ގިނަވެ ނުވަތަ ނުބައިގޮތުގައި ބޭނުން ހިފައި ދުނިޔެއަށް މުސީބާތަކަށް ވާވަރަށް ހަލާކުވެގެންދާއިރު، އެ ނިޢުމަތް ދެއްވި މަތިވެރި ކަލާނގެ އަމުރުފުޅުގައި، މިތަކެއްޗަށް އޯގާތެރިވުމަށާއި ގެއްލުން ނުދިނުމަށް އަމުރުކުރައްވައި އެ ކަލާނގެ ދެއްވި ރޯދީގެ ބޭނުން ހެޔޮގޮތުގައި ހިފަން އަމުރުކުރެއްވިކަން ހަނދާންކުރަންޖެހެއެވެ. "ސޭވިން ދަ ރެއިން ފޮރެސްޓް" ގައި ސެއިލީ މޯގަން (2016) ހާމަކުރާގޮތުގައި މިއަދު ދުނިޔޭގެ ޖަންގަލިތަކުން ބިލިޔަން ގަސް ހުސްވާން ފަށައިފިއެވެ. ހީ ނުކުރާވަރުގެ ގެއްލުންތައް، މިކަމުން އިތުރުވާންފަށައިފިއެވެ.

ޝައްކެއްނެތެވެ. ދުނިޔޭގައި ލެއްވި މަޚުލޫޤުންކުރެ ބުއްދީގެ ގޮތުން މާތްކުރެއްވި އިންސާނާގެ ދިރިއުޅުމަށް ބޭނުންވާ މުހިންމު އަސާސްކަމުގައި ނޭވާލުމުގެ ނިޒާމުވެއެވެ. އެ ނޭވާއަށް ބޭނުންވާ އޮކްސިޖަން އެންމެ ބޮޑަށް ލިބޭ ވަސީލަތަކީ ގަސްގަހާގެހިކަން އެނގެއެވެ. އެ ގަސްތައް ހިމާޔަތް ނުކުރާނަމަ، ނުވަތަ އެ ގަސްގަހާގެހީގެ ވެށިކަމުގައިވި ވާތައް ނެތިކޮށްލައިފިނަމަ އޮކްސިޖަންގެ ނިޒާމު ޚަރާބުވާނޭކަން ކަށަވަރެވެ. ވެޖެނިންގެން ޔުނިވަރސިޓިގެ ފަރާތުން ވިންސެންޓް ބްލޮކް (2017) ކޮށްފައިވާ ދިރާސާގައި މި ކަމުގެ ކަންބޮޑުވުން ހާމަކޮށްފައިވެއެވެ. އޭނާގެ އެހެން ލިޔުމެއްގައި ބުނެފައިވެއެވެ. އުސް އުސްކޮށް ހަދަމުންދާ އިމާރާތްތަކުން އިންސާނާއަށް އޮކްސިޖަނެއް ނުދޭނެއެވެ. އެހެންވެ ސާފު އޮކްސިޖަނަށްޓަކައި ދެމެހެއްޓެނިވި ޙަޔާތަކަށް އެދޭނަމަ ވާތައް ނެތިވިޔަ ނުދީ ދެމިގެންދާނޭގޮތެއްގައި ބޭނުންކުރުމަށް ވިސްނަންޖެހެއެވެ.

ދުނިޔެ އާރާސްތުކުރުމުގައި އަބަދުގެން ފިކުރުކުރާ އިންސާނާ މިއަދުވަނީ ޢިމާރާތްކުރުމުގައި އާ އީޖާދުތައް ނެރެ ބޭނުންކުރަން ފަށައިފައެވެ. އިހުގައި ލަކުޑި ބޭނުންކުރިވަރު ގިނަވެފައި މިއަދު އެހެން އާ އީޖާދުތައް ބޭނުންކުރުން އިތުރުވިކަމުގައިވިޔަސް އެ ތަކެތި އުފެއްދުމުގައި ގަސްގަހާގެއްސާއި އެ ތަކެއްޗާ ގުޅިފައިވާ އެތައް އެއްޗެއް ނެތިކުރަމުން ހުސްކުރަމުންދާކަމުގައި ލިޔުންތަކުން އެބަ އަންގައެވެ. އެއްވެސް ވިސްނުމެއް ނެތި ގަސްތައް ކަނޑައި އެތަނުގެ ބިންތައް ކޮނެ، އެންމެ އަޑިން ނެގުނުހާ މައުދަނަކާއި އެހެން ބާވަތްތައް ނަގައި މިއަދުގެ ހޯދުންތަކުން ދަނީ ނެރެމުންނެވެ. މިއީ ބައިނަލްއަޤްވާމީ ތިމާވެށިޖަމިއްޔާއިން އަދުވެސް އިންޒާރުދެމުންދާ ކަންކަމެވެ. ދުނިޔެއަށްޓަކައި ވިސްނައި ވަލުގެ ބޭނުން ހިފާގޮތް ބަދަލުކުރަންޖެހޭ ވާހަކަ ލިޔެ ހާމަކޮށް އިންޒާރުތަކުން އެބަ އަންގައެވެ. އެހެނަސް ހިތާމައަކީ ހިމާޔަތުގެ އަމުރަށް ފިޔަވަޅު އަޅާމީހުން މަދުކަމެވެ.

ޔުނައިޓެޑް ނޭޝަންސްގެ ނެޝަނަލް އެސެމްބްލީއިން ފާސްކޮށް ކުރިއަށް ރާވައިފައިވާ ސްޓްރެޓެޖިކް ޕްލޭން ފޯ ފޮރެސްޓްސް 2017-2030 ގައި ހާމަކޮށްފައިވާގޮތުގައި ދުނިޔޭގެ ބޮޑެތި ޖަންގަލީތަކަށް (ވާތަކަށް) އަޅައި ނުލައިފިނަމަ އިންސާނީ ޙަޔާތަށް އޮތީ ނުރައްކަލެވެ. ދުނިޔެ ހަލާކުވުން އަވަސްވެ ޠޫފާންތައް ގިނަވާނެއެވެ. ވީމާ ވާތައް ބޭނުންކުރުމުގައި އިންސާނީ ދިރިހުރުމަށާއި ސަލާމަތަށް ވިސްނުން އިތުރުކުރަން އެބަޖެހެއެވެ.

ސެލީ (2016) ހާމަކުރާގޮތުގައި މިލިޔަން ދިރުން ވާވަލުން ނެތި ހުސްވުމުގެ ބިރު މިއަދު އުފެދިއްޖެއެވެ. ޖަނަވާރާއި ދޫނިސޫފާސޫއްޕަކީ އެތައް ޗޭނެއްގެ މުހިންމު ނިއުމަތަކަށްވާއިރު ނެތި ދިއުމުގެ ބިރުން ވަރަށް ބޮޑު ހާސްކަމެއް އުފެދެއެވެ. ވަރަށް ކުޑަ މިސާލަކުން ވިސްނައިލާށެވެ. ދުވަސްވީ މީހަކު ބުނެލި ބުނުމެކެވެ. "ރަށުން ބުޅާ މަދުވާއިރަށް މީދާ ގިނަވެއެވެ. މީދާ މަދުވާއިރަށް ބުޅާ މަރުވުންއިތުރުވެއެވެ" ތެދެކެވެ. އަދި އެހެން އަސްލަކަށް ވިސްނައިލާށެވެ. ބަރަބޯ ކަރާ ފަދަ ވެޔޮތައް ހައްދައި ދަނޑުވެރިކަންކުރާމީހުން މިއަދު މާމަލުގެ ގުޅުންތައް އުފައްދަނީ އެއްމަލުގެ ތަނޑުގައި ހިފައި އަނެއްމަލެއްގައި ޖައްސައި ޖޯޑުކޮށްގެނެވެ. މިއީ ކީއްވެ ކުރަންޖެހުނު ކަމެއްކަން ވިސްނައިލެއްވީ ކާކުބާވައެވެ. ކޮކާ ބަޅިދު ކުދި ދޫނި ނުއުދުހޭ ދަނޑަކުން އެކަށޭނަ ތަރުކާރީ މޭވާ ނުލިބޭނެކަން ވިސްނާށެވެ. ދަންނަވަން މިއުޅެނީ ވަލުގައި ލެއްވި ދޫނިސޫފާސޫއްޕާއި ޖަނަވާރުތައް މަރައި ހުސްކުރާނަމަ، ނުވަތަ ހިފައި ހުސްކުރާނަމަވެސް އެ ތަކެއްޗާ އެ ވަލާ ހުރި ގުޅުން ނެތި އެއިން ލިބޭން ރޭވިފައިވާ ޗޭނީ ފަރުވާތައް ނެތި ބިން ގަސްތައް ހަލާކުވާނޭ ވާހަކައެވެ. ދަނޑުތައް ނުހެއްދޭނޭ ވާހަކައެވެ. ދަނޑުތަކުގެ ދިރުންތައް ހީނަރުވާނޭ ވާހަކައެވެ. ވީމާ އެނގެނީ ދިރި ދެމިގެންދާ ޙަޔާތަކަށްޓަކައި ވަލުގެ ބޭނުންކުރާ މީހުން ވިސްނަންޖެހޭކަމެވެ.

މި ޒަމާނުގައި ޠޫފާންތައް ގިނަވެ ބިންތައް ހަލާކުވަމުންދާ ޚަބަރުތައް ގިނަވަމުން އެބަދެއެވެ. މިފަދަ ގިނަ ޚަބަރުތަކާ ގުޅޭގޮތުން ނޫސްތަކުގައި ގިނަ ލިޔުންތަކެއް ލިޔެއެވެ. މިގޮތުން ލިޔާ ގިނަ ލިޔުންތަކުގައި އެ ޠޫފާންތައް އައުމުން ލިބޭ ގެއްލުން ބޮޑުވުމާއި އެއިން ބައެއް ޠޫފާންތައް ޠޫފާނަށްވުމުގައި އިންސާނާގެ އިހުމާލް ބޮޑުކަމުގައި ހާމަކޮށްފައިވެއެވެ. މަޝްހޫރު ދުވަހު ނޫހެއްކަމުގައިވާ ޑެއިލީ މެއިލްގައި ބުނެފައިވާގޮތުން ވާތައް (ޖަންގަލިތައް) ކޮށައި ގަސްތައް މަދުވީމާ އެ ތަންތަނަށް ވެހޭ ފެނުން ބިންތައް ހަލާކުވުން އިތުވެއެވެ. އަދި ބައެއް ހިސާބުތަކުގައި ގަސްތައް މަދުވީމާ ކައިރި ހިސާބުތަކަށް ވާރެއާއިވައި ޠޫފާނަކަށްވެގެންދެއެވެ. އަދިވެސް ހާމަކުރާގޮތުގައި ބިންގަނޑު ކަނޑައިގެން ދިއުމާއި ބިން ގިރުމުގެ ޙާދިސާތައްވެސް ހިނގައިފައިވަނީ ގިނަފަހަރު މިފަދަ އިހުމާލުގެ ނަތީޖާއެއްގެ ގޮތުގައެވެ. ވީމާ އިންސާނުންގެ ދިރި ދެމިހުރުމާއި ދުނިޔޭގެ ދެމިއޮތުމަށް އެދޭނަމަ ވާވަލުގެ ބޭނުންހިފުމުގައި އަދަށްވުރެ ބޮޑަށް ސަމާލުވެ ވިސްނަންޖެހެއެވެ.

ވާތައް ކޮށައި ތިރިކޮށް ސުންނާފަތިކޮށް އޭގެ ނިޒާމު ހަލާކުކޮށްލައި ހެދުމުން ލިބޭ ގެއްލުންތަކުގެ ވާހަކަ އަޅުގަނޑުމެން ދައްކަނީ ވަރަށް ކުޑަކޮށްކަމުގައި ސެލީ (2016) ހާމަކޮށްފައިވެއެވެ. އެހެނަސް އިންސާނުންނަށް ކާނާއާއި ބޭސްވެރިކަމާއި ގެދޮރާއި ތަރައްޤީ ލިބިދިއުމުގައި ޙަޤީޤީ ސިއްރުވަނީ ވާތަކުގައި ކަމުގައި ޤަބޫލުކުރަންޖެހެއެވެ. އެ ތަންތަން ހަލާކުވެ ނެތިދާވަރަކަށް ފެނުގެ ދަތިކަން އިހުސާސްކުރަންޖެހޭނެއެވެ. ލަކުޑި ނުލިބުން އިތުރުވާނެއެވެ. ކާނަ މަދުވާނެއެވެ. އެއްގަމު މަސް ނުލިބޭނެއެވެ. ބިން ގިރައި ގެދޮރަށް ޖާގަ ނެތޭނެއެވެ. ބަލިމަޑުކަން އިތުރުވެ މުސީބާތްތައް ކުރިމަތިވާނެއެވެ. މިހުރީ ހައްތާ ބިރުވެރި ޚަބަރުތަކެވެ. ޙަޤީޤަތަކީ ދުނިޔެ ލެއްވީ އިންސާނުންގެ ޙަޔާތަށެވެ. އެ ބިން ދެއްވި ކަލާނގެ އަމުރުފުޅުގައިވަނީ ބިމާއި ބިމުގައި ލެއްވިހާ ތަކެއްޗަކަށް ވިސްނައި އިސްރާފު ނުކުރުމަށް އަންގަވައިފައެވެ. ދެން ވިސްނަވާށެވެ.

ކުރު ކުރު މި ލިޔުމަށްފަހު ދަންނަވާހިތް އޮތީ އޭ އިންސާނުންނޭވެ. އަމިއްލަ ޙަޔާތާއި އަމިއްލަ ވެށި ދެމިއޮތުމަށް އެދޭށެވެ. ވާތައް ކޮށައި ހުސްކޮށް ނޭވާ ހާސް ނުކުރާށެވެ. ދިރޭ އެއްޗެހި މިންވަރަށްވެރެ ގިނައިން މަރައި ހުސްކޮށް ދިރުންތަކުގެ ޗޭނު ކަނޑައި ނުލާށެވެ. އަދި ބިމުގެ ބަނދެވިފައިވާ ނިޒާމު ދެމިއޮތުމަށް އެދޭނަމަ ޙަޔާތުގައި މެދުމިންވަރު ޚިޔާރުކުރާށެވެ. ދުނިޔެއަށް ވާގޮތާއި ސައިންސުވެރިންގެ ބުނުންތައް ލިބިގަންނާށެވެ. ވިސްނައި ދޭހަކުރާށެވެ. އެއަށްފަހު ޙަޔާތުގެ ދެމިއޮތުމަށް މެނުވީ ބައިފިޔަވަޅުވެސް ނާޅާށެވެ. އަޅުގަނޑުގެ ދުޢާއަކީ އަޅަމެނަށް ސަލާމަތާއި ރައްކާތެރިކަން މިންވަރުކުރެއްވުމެވެ. އާމީން.