7.3.15

ރިވެތި ދިވެހިބަހުން ވާހަކަ ދައްކަވާ! Kurolhi Mazumoonu Dhviehibas reethi


ރިވެތި ދިވެހިބަހުން ވާހަކަދައްކަވާ!

އާދަމް ޒާހިރު މ. ކުރޮޅި

އިންސާނުންނަކީ ﷲ މާތްކުރެއްވި މަޚުލޫޤެެކެވެ. މުއާމަލާތްކުރުމުގެ ކުޅަދާނަކަން މި އިންސާނިއްޔަތަށް މިންވަރުކުރެއްވީ އެ މާތްކަން މި އިންސާނީ ޖަމާޢަތުގައި ދެމިއޮތުމަށް އިރާދަކުރެއްވީތީއެވެ. އަދި އިންސާނީ މުޢުޖިޒާތެއްކަމުގައި ލެއްވުމަށެވެ. ވީއިރި މި ޙުރުމަތްތެރި މަޚުލޫޤުުންގެ މެދުގައި އެ އަދަބުވެރިކަން ދަމަހައްޓަންޖެހެއެވެ. އެ ވާހަދެއްކުމުގެ އަޖައިބިއްޔާތު ދެމިގެން ދާންޖެހެއެވެ. ވަޠަނީ އިންސާނީ އަދި ރޫޙާނީ އުފަލަށްޓަކައި މި މުޢުޖިޒާތް އިންސާނުންގެ އެންމެ އެތެރެއިންފެށިގެން ހާމަކޮށް ފާޅުކުރުމާހަމައަށްވެސް ހުންނަންޖެހެއެވެ. 

ޖިރްކާ ހަނާ (2011) ހާމަކުރާގޮތުގައި އިފެކްޓިވް ކޮމިޔުނިކޭޝަން (ނުފޫޒުހުރި މުޢާމަލާތް/ އަސަރުހުރި މުޢާމަލާތް) އުފެދެނީ ބައިތަކެއްގެ އަސްލަކުންނެވެ. އެއީ މާޙައުލުގެ އަސަރު ހުރި، މާޙައުލުގެ ލަފުޒީ ކަރާމާތްތަކާ ގުޅި ލާމެހިފައިވާ މާދަރީ ބަސްމަގާއި އެ ބަސްމަގުގައިވާ އަޑުމަޚުރަޖާއި ރާގާއި މުޢާމަލާތް ކުރާ ނަފުސުގެ މޫނާއި ހަށިގަނޑުގެ ޝުޢޫރު، އަދި ޙަރަކާތުންނެވެ. 

ތެދެކެވެ. ގިނަ ފަހަރު ގިނަ އޮފީސްތަކުގެ މެހުމާންމޭޒުގެ ކައިރީގައި ހުރެ އެ މޭޒުދޮށުގައި އިންނަ ޚާދިމަށް ގޮވައިލުމުން، އެ ޚާދިމު މެހުމާނަށް ބަލައިލާގޮތުން އުނި ކަމެއް ފާހަގަކުރެވެެއެވެ. ނުރުހުމާއި ނަފުރަތު މާނަ އެ މޫނުން ފާޅުވެއެވެ. ނުވިތާކަށް ރާގުގައި ހަރުކަށިކަމާއި ފުނޑުފުނޑުވެފައިވާ އަޑު މަޚުރަޖެއް ފާޅުވުމާއެކު މުޢާމަލާތް ބަދަލުކުރަން ފަށައެވެ. އެހިނދު މެހުމާނާއާއި ޚާދިމު ވަނީ އޮޅިފައެވެ. ޒުވާބާއި ނުރުހުމާއި ބަލައި ނުގަތުން އުފެދެނީ  އެ ހިސާބުންނެވެ.  

އެފަދަ ބައެއް މަޤާމުތަކުގައި ވަރަށް ކަމުދާ ދަރަޖަައަކުންވެސް ވާހަކަދައްކައިފާނެއެވެ. ނަމަވެސް އިހުގައި ފާހަގަކުރި ކަންކަން ފާޅުވުމުން، ފޮއިދަށުވެ ހިމުންވެގެން ދާ އެއްޗެއްކަމުގައި ދަރަޖަ ވެގެން ދެއެވެ. ވީމާ މުޢާމަލާތްކުރުމުގެ ހުނަރު ދިވެހިދަރިންގެ ކިބައިގައި އަށަގަންނަން، އަދި އަށަގަންނުވަން ޖެހޭކަމުގައި ޤަބޫލުރަންޖެހޭ އެތައް ސަބަބަކާއި އެތައް ފުރުސަތަކާއި އެތައް ޙާލަތަކާއި އެތައް ބޭނުމެއް ވާކަމުގައި ޤަބޫލުކުރަންޖެހެއެވެ.  

ގްރޭސް ފެލިމިން (2012) ހާމަކުރާގޮތުގައި މީހަކާ ބައްދަލުވާ ހިނދު އެ މީހާއާ ވާހަކަދައްކާހިނދު އަމިއްލަ ޝައުޤު އެކަމުގައި ހާމަވާފަދަ ޙަރަކާތެއް މޫނުމަތިން ފެންނަންވާނެއެވެ. އަޑުގައި ފާޅުވުން ހިމެނެންވާނެއެވެ. މިއާ ޚިލާފަށް މުނާސަބު ނޫން ލަފުޒުތަކެއް ތިމާގެ ޖުމުލަތަކުގައި ހުރެގެން ނުވާނެއެވެ. އެފަދަ ޙަރަކާތްތައްވެސް ފާޅުވެ ދޫވެގެން ނުވާނެއެވެ. 

ކީރިތި ރަސޫލު (ޞ) ގެ ނަސޭޙަތްފުޅުތަކުގައި ބާރުއަޅުއްވަނީ އަނެކާއާ ވާހަކަދައްކާހިނދު އިސް އުފުލައި ރީތި ރާގުގައި ހިނިތުންވުމާއެކު މުޢާމަލާތްކުރުމަށެވެ. އަދި ތިމާގެ ގާތަށް ކަމަކާ އަންނަ މީހާއަށް ހެޔޮކޮށް ހިތައި މާތްކަމާއި ގާތްކަމާއެކު މުޢާމަލާތްކުރުމަށެވެ. 

ވީމާ ތިމާމެންގެ ވާހަކަދެއްކުމުގެ ބަސްމަގުގައި މި ކަންކަން ފެންނަންވާނެކަން ކަށަވަރެވެ. ހަމަ އެކަނި ދަރަޖަ ތަފާތުކުރުމަކުން މުޢާމަލާތް ނަލައެއް ނުވާނެއެވެ. އަދި ކިއެއްހެއްޔެވެ. ތިމާމެންގެ ބޭނުން ހާމަކުރުމަކުން، ޝުކުރުވެރި ބަސްތަކެއް ފާޅުކުރުމަކުން، ހަދިޔާ ދިއްކުރުމަކުން މުޢާމަލާތުގައި "ޖަރީގެކުލައެއް" ނުހުންނާނެއެވެ. އެއީ ހެޔޮ މުޢާމަލާތެއްކަމުގައި ނުވާނެއެވެ. 

އިސްލާމްދީނަކީ މަތިވެރި އެތައް ސިފަތަކަކުން އިންސާނާ ޖަރީކުރާ އަދި މަގުދައްކާ ދީނެވެ. ދީނުގައި އަންގަވައިފައިވާ މަގުން ކަންކަންކުރުމުން ހުރިހާ އުނިކަމަކަށް ފަރުވާ ލިބޭނެއެވެ. ވީއިރު ވާހަކަދެއްކުމުގައި މަޑުމައިތިރުވުމަށް އަންގަވައިފައިވާ މަގު ޚިޔާރުކޮށް ލަފުޒުތައް ފާޅުކުރުމުގައި އަޑު އިވޭވަރުކުރުމަށް ވިސްނައި އެ ހާމަކުރުމުގައި ތިމާގެ ހިތުގައިވާ ކުލުނު ނެރެ މޫނުމަތިން "ދިއްކޮށްލުމީ" ކިހައި ފަރި ގޮތެއް ތޯއެވެ. އަދި ލަފުޒުތައް ފާޅުކުރަންޖެހޭ އަޑުމަޚުރަޖާއި ސިފާތުތައް އެކުލަވައި ބަސްމަގު ގެ އެތުރުން ހެޔޮކޮށް ފާޅުކުރާނަމަ ސާފުވުމަށް ކަންފަތް މަރުޙަބާ ކިޔާގޮތްވެސް ލުއި ވާނެއެވެ. 

ކޮންމެ މީހަކީ ރިވެތި ސިފަތަކަށް ލޯބިކުރާ މީހެކެވެ. ތިމާއަށް ޝަރަފު ބޭނުންވާ ނަފުސެކެވެ. އަނެކުންގެ ތަޢުރީފާއި ޚުޝާމަދަށް ހަނާއަޅާ ދިރުމެކެވެ. ހިތުގައި ތަސައްވުރަކާއި އުންމީދެއް ކުރެހޭ ބުއްދިއެއްވާ މީހެކެވެ. ވީއިރު، މައުމޫނު ޢަބްދުލް ޤައްޔޫމު (1989 ފަހުބަހުގެ 15 ވަނަ ސަފުޙާގައި) ހާމަކުރައްވާފަދައިން "ކޮންމެ ފެންވަރެއްގެ ކޮންމެ ކަހަލަ މީހަކާ ވާހަކަދެއްކިޔަސް އެ މީހަކަށް ކަމޭހިތުމުގެ މާތްކަން" ދައްކަންޖެހޭނެއެވެ. ހަމަ އެފަދައިން އެ ފޮތުގެ 18 ވަނަ ސަފުޙާގައި ހާމަކުރެއްވިފަދައިން ދިވެހިބަހުގެ ޤަވައިދާއި ހަމަ ހިފެހެއްޓުމަކީ މި ބަސް ބޭނުންކުރާ މީހާގެ ބަސްމަގު ހެޔޮވާކަމެކެވެ. އަދި 20 ވަނަ ސަފުހާއިން ހާމަކޮށްދެއްވި ގޮތުގައި ކިތަންމެ އާދައިގެ ވާހަކައެއް ދެއްކިކަމުގައިވިޔަސް ބަހުގެ ރިވެތި އުސޫލަށް ތަބާވާންޖެހެއެވެ. 24 ވަނަ ސަފުޙާގައި ހާމަކުރައްވާގޮތުގައި ވާހަކަދެއްކުމުގައިވިޔަސް ލިޔުމުގައިވިޔަސް ޅެމެއްގައިވިޔަސް ޖުމުލަތައް އެކުލަވައިލަންޖެހޭނީ ވަރަށް ނަލަގޮތަށެވެ.
މުޢާމަލާތްކުރުމަކީ ބައްދަލުވުމެކެވެ. ބައެއްފަހަރު ހަތިޔާރެއް ބޭނުންކުރުން ފަދަ ކަމެކެވެ. ބައެއްފަހަރު މީރު މޭވާއެއްގެ ބުއިމަކުން ހިތަށް ތާޒާކަން ގެނުވާފަދަ ކަމެކެވެ. ވިސްނަވައިލައްވާށެވެ. 

ތިމާގެ އަޑުން ތިިމާގެ ދުލުން ތިމާގެ އަނގައިން ނުކުމެ އަނެއް ކަންފަތަށް ފޯރާ ލަފުޒުތަކުގައި ތޫނުކަމާއި ކުޅިކަމާއި ފޮނިކަމާއި ޖަޒުބާތު ވާނެއެވެ. ހިތިކަމާއި ފަންވަރުވެސް ހުންނާނެއެވެ. މި ކަންކަން އެންމެ ފުރިހަމަވެ އަނެއް ނަފުސަކަށް އަސަރެއް ކުރަނީ ތިމާގެ މޫނުމަތީގެ ޝުއޫރު އެއާއެކު ގުޅޭފަދަ އުސޫލުން ބަދަލުކުރުމުންނެވެ. އަދި އަޑާއި ރާގުގައި އެކަން އެކުލެވުމުންނެވެ. ނަމަވެސް މި ޒަމާނުގައި ދިވެހިންގެ ކިބައިން މި ކަންކަން ފިލައިގެން ދާކަމީ ހިތާމަހުރިަކަމެކެވެ.

މަގުމަތިން ބައްދަލުވާހިނދު، ފިހާރައިގައި މުޢާމަލާތްކުރާހިނދު، އޮފީހެއްގައި މަޢުލޫމާތު ބަދަލުކުރާހިނދު، މިޒަމާނުގައި ފެންނަނީ އެންމެ އެކަށޭނަ މުޢާމަލާތުގެ ގޮތްފޮތެއް ނޫނެވެ. ހަމަ އެ ފަދައިން ފިލްމާއި ޑްރާމަތަކުންވެސް މިކަމުގެ އެންމެ ހިތްގައިމު ގޮތް ކެނޑޭކަން ފާހަގަކުރެވެއެވެ. ވީމާ މިއީ މިއަދުގެ ދަރީން ވިސްނައިލަންޖެހިފައިވާ ވަރަށް ވަރަށް މުހިންމު ކަމެކެވެ. (ނިމުނީ)

No comments:

Post a Comment