7.4.15

ބައިނަލް އަޤުވާމީ ޞިއްޙަތުގެ ދުވަސް Kurolhi Mazumoonu sihhathu dan'duge saafukan

ދަނޑުން ތައްޓަށް- ސާފު ކާނާ
އާދަމް ޒާހިރު (ކުރޮޅި) 2015 އޭޕްރީލް 6

މިއަދަކީ ބައިނަލްއަޤްވާމީ ސިއްޙަތު ދުވަހެވެ. ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ދުޅަހެޔޮކަމަށް ތާއީދުކޮށް ވާހަކަދައްކައި މުހިންމު ނުކުތާތަކާމެދު މަޝްވާރާކޮށް ޚާއްސަ ކަންކަމާމެދު ފިކުރުކުރުމަށް ވިސްނާން ޚާއްސަކުރެވިފައިވާ ދުވަހެވެ. މި ދުވަސް ފާހަގަކުރެވޭ ހިނދު ރާއްޖޭގެ ސިއްޙީ ޙާލަތު މި ޤައުމުގައި އޮތް ގޮތާމެދު ފިކުރުކޮށްލުމީ ކޮންމެ ދިވެއްސެއްގެ ވިސްނުމެއްކަމުގައި ދެކެމާ ހިނގާށެވެ.
ދުނިޔޭގެ ފެންވަރުގައި މި ދުވަސް ފާހަގަކުރަން ނިންމީ މީލާދީން 1948 ވަނަ އަހަރުއެވެ. މި އަހަރު ވޯލްޑް ހެލްތް އެސެމްބްލީއިން މި ދުވަސް މިނަމުުގައި ފާހަގަކުރަން ނިންމުމާއި ގުޅިގެން ކޮންމެ އަހަރެއްގެ 7 އޭޕްރީލްގައި މިދުވަސް ފާހަގަކުރަނީއެވެ. ރަސްމީގޮތެއްގައި މި ދުވަސް ފާހަގަކުރި ފުރަތަމަ ތާރީޚަކީ 7 އޭޕްރީލް 1950 އެވެ. އެއަށްފަހު ދުނިޔޭގެ އެތައް ޤައުމެއްގައި ފައިދާކުރަނިވިގޮތެއްގައި މި ދުވަސް ފާހަގަކުރާކަމުގައި ރެކޯޑްތަކުން ދައްކައެވެ. އަދި މި ދުވަސް ފާހަގަކުރުމުގައި ސިއްހި އެތައް އެތައް މަޢުލޫމާތެއް އާންމުކުރެވޭކަންވެސް ފާހަގަކުރަމެވެ.  

ދުނިޔޭގެ ސިއްޙަތު ދުވަހެއްފާގަގަކުރަނީ ކީއްކުރަން ތޯއެވެ. ޝައްކެއް ނެތްގޮތުގައި މާތް މަޤުޞަދުތަކެއް ހިމެނިގެން ކުރެވޭކަމެއްކަމުގައި މެނުވީ މި ދުވަސް ފާހަގަކުރުން ނުހިމެނެއެވެ. ޔޫއެންގެ އެކި ލިޔުންތަކުންނައި ޑަބްލިޔުއެޗްއޯގެ ލިޔުންތަކުން އެނގުނު ގޮތުގައި މިފަދަ ދުވަހެއް ފާހަގަކުރަނީ އަންނަނިވި ކަންކަން ކާމިޔާބުކުރުމަށްޓަކައެވެ. 

-          އިންސާނާގެ ބުއްދި އެ ފަންވަރުގައި ބަލަހައްޓައި ވިސްނުމާއި ފިކުރު ކުރުމުގެ ޤާބިލްކަން ހޯދުމަށް މަގުފަހިކޮށްދިނުން.
-          ދުނިޔޭގައި ފެތުރޭ އަދި އަލަށް ތަޢާރަފުވާ ބަލިބައްޔާމެދު ހޭލުންތެރިކުރުވައި އެފަދަ ބަލިތަކުން ސަލާމަތްވުމަށް ކުރަންޖެހޭކަންކަމުގައި އިސް ދައުރެއް އަދާކުރުން.
-          ލޭގެ ޕްރެޝަރ، ހަކުރު ބަލި، ކޮލަސްޓްރޯލްފަދަ ބަލިތަކުގެ މަޢުލޫމާތަށް އާންމު ހޭލުންތެރިކަން އިތުރުކުރުން
-          ޢާންމުކޮށް ފެތުރި އިތުރުވާ ބަލިބައްޔާބެހޭގޮތުން އާންމުނަށް މަޢުލޫމާތު ފޯރުކޮށްދިނުން
-          ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމަށް ހުރި ބަލިތަކުން ތިމާމެން ސަލާމަތްވެގެން ތިބޭނޭ ގޮތްތަކެއް ކިޔައިދީ އެކަމަށް ހޭލުންތެރިކަން އިތުރުކުރުން
-          އެކުގައި އުޅުނަށް ގައިން ގަޔަށް ނާރާފަދަ އެކަމަކު ޢާންމު ބަލިބަލީގެ ޝިކާރަވެރިންނާއެކު އުފަލުގައި ގުޅިގެން އުޅުމުގެ މަގު އަންގައިދީ އެކުގައި އުޅުމަށް ހޭލުންތެރިކުރުން.
-          ނަފުސީ ބަލިތަކާއި ޖިސްމާނީ ބަލިބަލީގައި ދުނިޔޭގައި ވޭން ލިބޭ މީހުން އެ ވޭނުން މިންޖުކުރުމަށް ފިޔަވަޅުތަކެއް އަޅައި އާންމުން ހޭލުންތެރިކުރުން.
-          ނަފުސީ ދިފާޢަށް މީހުން ހޭލުންތެރިކުރުމާއި އޭގެ މަޢުލޫމާތު ފޯރުކޮށްދިނުން
-          ޤައުމީ ދުޅަހެޔޮކަމަށް އެފަދަ ވެއްޓެއް ޤާއިމުކުރުމަށް ތަނަވަސް ވިސްނުމާއި ޚިޔާލަށް މަގު ހުޅުވައިދިނުމަށް ފުރިހަމަ ސިއްޙަތެއްގެ މުހިންމުކަމާއި އެފަދަ ސިއްޙަތެއް ލިބިގަތުމަށް އުޅުން ބައްޓަންކުރަންވީ ގޮތްގޮތް ކިޔައިދީ އާންމުކުރުން.
-          އާއިލާގެތެރޭގައި ދުޅަހެޔޮކަމާއި އެކުވެރިކަމުގައި އުޅުމުގެ ތެރެއިން އުނި މީހުނާއި ބަލި މީހުން ބާކީ ނުކޮށް އުޅުމަށް ހިތްވަރުދީ އެފަދަ ކަންކަމާބެހޭ މަޢުލޫމާތު ފޯރުކޮށްދީ އާންމުކުރުން
-          ދަތުރުވެރިންނަށްކުރިމަތިވެދާނޭ ބަލިބައްޔަކީ ކޮބައިކަން އަންގައިދިނުމާއެކު އާންމުންނަށް އެކަން ހާމަކޮށް ދަސްކޮށްދިނުމާއި އެފަދަ ބަލިތަކުން ސަލާމަތްވުމަށް އޮތް މަގުތައް ދަސްކޮށްދިނުން.
-          ސިއްޙީގޮތުން ތިމާ ބާރުވެރިކުރުވައި ނަފުސީ ދުޅަހެޔޮކަމަށް ލޯބިކުރާ އިންސާނީ ޖަމާޢަތެއް ދުނިޔޭގައި އުފެއްދުމަށް ބޭނުންވާނޭ އެންމެހާ މަޢުލޫމާތެއް އެއްކޮށް މުޅި ދުނިޔެއަށް ޢާންމުކުރުމާއެކު ދިރާސާ ބޭނުންވާ ކަންކަމުގައި ކުރިއަށް ގޮސް ދުނިޔެ ޠާބިރު ވެއްޓަކަށް ހެދުމަށް މަސައްކަތްކުރުން. 

ދުނިޔޭގެ ސިއްޙަތު ދުވަސް ނުވަތަ ވޯލްޑް ހެލްތު ޑޭ ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޭޕްރީލްމަހުގެ 7 ވަނަ ދުވަހުއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން މި ދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރަކުވެސް ޝިޢާރެއް ކަނޑައަޅައެވެ. މިގޮތުން މިއަހަރު ކަނޑައަޅައިފައިވާ ޝިއާރަކީ ފްރޮމް ފާރމް ޓު ޕްލޭޓް، މޭކް ފުޑް ސޭފް"އެވެ.
މިއަހަރުގެ މި ޝިޢާރު ވަރަށް ސާފެވެ. ވަރަށް ޢިބުރަތްތެރިއެވެ. އާދޭހެވެ. ޝިއާރު މާނަކުރަނީ "ދަނޑުން ތައްޓަށް ސާފު ކާނާ" އެވެ. ނުވަތަ ކެއުމަށް ގެނެވޭ ކާނާއަކީ ދަނޑުން ޖަމާކުރުމުގައި ސާފު އަދި ސިއްޙީގޮތުން ކާންކަމުދާފަދަ ކާނާއަށް ހަދާށޭއެވެ. ވީމާ މި ޝިއާރުން އެނގޭގޮތުގައި ދުނިޔޭގައި މިހާރު ވިސްނަންވީ ރަނގަޅު ސާފު، އަދި ކެމިކަލްފަދަ ތަކެތިން ސަލާމަތްވެފައިވާ ފައިދާހުރި ކާނާ ލިބިގަތުމަށް މަސައްކަތްކުރުމަށެވެ.
ތަޢުލީމީ ހޭލުންތެރިކަން އިތުރުވާ މި ޒަމާނުގައި އެކި ބަލިބައްޔާބެހޭގޮތުން ހޭލުންތެރި ވެފައިވާއިރުވެސް ކާތަކެއްޗަށް ބައެއް ޤައުމުތަކުގެ ބައެއް މީހުން ފަރުވާކުޑަކުރާކަމަށް ޑަބްލިޔު އެޗްއޯިއިން ފާހަގަކުރެއެވެ. މިހާރުވެސް ކާނާ ބޭނުންކުރެވޭގޮތުންނާއި ކާނާ ރައްކާކޮށްގެން ގެންގުޅެވޭގޮތުންނާއި ކެމިކަލްގެ އަސަރު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާތީ 200 އަށްވުރެ ގިނަ ބަލި ޢާންމުވެ ފެތުރޭކަމަށް ފާހަގަކުރެވިފައިވެއެވެ. މި ޒަމާނުގައި ތަރުކާރީއާއި މޭވާގެ ބާވަތްތައް ރައްކާތެރި ނޫން ގޮތްގޮތަށް ބޭނުންކުރެވޭތީ ޖެހޭ ބަލިބަލި އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާކަމުގައި ބައެއް ދިރާސާތަކުން ހާމަވެފައިވެއެވެ.
ޑަބްލިޔު އެޗްއޯއިން ހާމަކުރާގޮތުގައި މިއަދު އެންމެ އިސްކަމެއް ދީގެން، މަސައްކަތްކުރަނީ ފުޑްބޯންސްއަކީ ކޮބައިކަން، ޢާންމުންނަށް އަންގައިދިނުމަށް ހޭލުންތެރިކުރުމަށެވެ. އަދި ތަރުކާރީއާއި މޭވާ އުފެއްދުމުގައާއި ފައްކާކުރުމުގައި ކެމިކަލް ބޭނުންކުރާތީ އުފެދޭ ބަލިމަޑުކަމުން މީހުން މިންޖުކުރުމަށް މަސައްކަތްކުރުމަށެވެ. އެހެނީ ދިރާސާތަކުން ހާމަވާގޮތުގައި މިޒަމާނުގައި ތަރުކާރީއާއި މޭވާއިން ޖެހޭބަލީގެ ބާވަތްތައް އިތުރުވާމިންވަރާއި ނުރައްކާ  ބޮޑުވަމުންދާކަން ފާހަގަކުރެވޭކަމުގައި ބައިނަލް އަޤުވާމީ ޞިއްޙަތާބެހޭ ޖަމިއްޔާއިން ހާމަކުރެއެވެ.
ޑަބްލިޔު އެޗް އޯއިން ހާމަކުރާގޮތުގައި ޚާއްސަ ސަމާލުކަމެއް ދީގެން އެކި އެކި ބަލިތަކަށް އާންމުން ހޭލުންތެރިކުރުމަށް ކުރާ މަސައްކަތް މި ހާރު އިތުރުކުރަން އެބަ ޖެހެއެވެ. އެހެނީ ތަފާތު ބާވަތުގެ 22 ބައްޔެއް، ކާނާގެ ބާވަތްތަކުން ފާހަގަކުރެވި އޭގެ 582 މިލިޔަން މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. އަދި 351000 މަރު މިފަދަ ބަލިތަކުގައި ވެފައިވާކަމުގައި ނޯޓްކުރެވިފައިވެއެވެ. އެ އިދާރާއިން ހާމަކުރާގޮތުގައި ސަލްމޮނިއްލާ ޓީފީ ގައި 52000 މަރުވެފައިވެއެވެ.  އީ ކޮލީ ކިޔާ ބަލީގައި 37000 މަރުވެފައިވެއެވެ. ނޯރޯ ވައިރަސްގައި 35000 މީހުން މަރުވެފައިވެއެވެ. މި ހިސާބުތަކުން އެނގުނުގޮތުގައި މިހާރު ލިބެންހުރި ކާނާއާމެދު ސަމާލުވާ މިންވަރު އިތުރުކުރަން އެބަ ޖެހެއެވެ. ދުޅަހެޔޮ، ފައިދަހުރި ކާނާއަކީ ކޮބައިކަން ވިސްނައިދޭން އެބަ ޖެހެއެވެ.
ގިނަ ދިރާސާތަކުން ދައްކާގޮތުގައި ބަނޑުގައި އޮއްވައި ދިމާވާ އެކި އެކި މައްސަލަތަކާއި ޖެހޭ ބަލިބަލީގައި މަރުވާ ކުދިންގެ އަދަދު އަހަރަކު 2.6 މިލިޔަނަށްވުރެ މައްޗަށް އަަރައިފިއެވެ. އެކި ބާވަތުގެ ކެންސަރާއި، ހިތުގެ ބަލީގައި މަރުވާ މިންވަރުވެސް ދަނީ ބިރުގަންމަ މިންވަރަށް މައްޗަށް ޖެހެމުންނެވެ. އޭޝިޔާގެ ޤައުމުތަކަށް ބަލާއިރު މަގުމަތީގެ އެކްސިޑެންޓްތަކުގައި ލިބޭ ގެއްލުމާއި ހާނީއްކައިގައި މަރުވާ މީހުންގެ އަދަދުވެސް ބިރުގަންނަ މިންވަރަށް އިތުރުވެއްޖެއެވެ.  ބާރުގަދަ މުއްސަނދި އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގައި އެންމެ ނުރައްކާތެރި ބަލިތައްކަމުގައި ބެލެވޭ އެއިޑްސް އާއި ޓީބީ އާއި މެލޭރިއާގެ ނުރައްކަލުގައި މަރުވާވަރު އިތުރުވަމުން ދެއެވެ. ނަމަވެސް މި ބަލިބަލީގައި މަރުވާ މީހުންނަށް ވުރެ ކެންސަރުގެ ބަލިބަލީގައި މަރުވާ މީހުން އިންތިހާއަށް ގިނައެވެ.
ﷲގެ ރަޙުމަތްފުޅުން ރާއްޖެއަކީ ސާފުތާހިރުކަމަށް ވިސްނާ ރައްޔިތެއް އޮތް ޤައުމެކެވެ. ސިއްޙީ އިރުޝާދުތައް އަޑުއަހާ ބަޔަކު އުޅޭ ޤައުމެކެވެ. މިއީ ޝުކުރުކުރާންޖެހޭކަމެކެވެ. ހެލްތު މިނިސްޓްރީގެ ރެކޯޑްތަކުން އެނގޭގޮތުގައި ރާއްޖޭގައި މަރުވާ ދިވެހިންގެތެރެއިން 60  އިންސައްތަ އަކީ ސިކުނޑި އާއި ލޭހޮޅިތަކުގެ ބަލީގައި މަރުވާ މީހުންނެވެ. މާނައަކީ ކެއުން ބުއިމުގައި ވިސްނައި ނުލެވުމާއި، ހަމަޖެހޭ ދިރިއުޅުމަކަށް ފުރުސަތު ނުލިބުމާއި ވިސްނައި ކަންބޮޑުވުން އުފެދިގެން ޖެހޭ ބަލިތަކުގައި މަރުވާ ދިވެހިން ނިސްބަތުން ގިނަކަމެވެ. ކޮލަސްޓްރޯލްގެ ވޭނާއި ހަކުރުބަލީގެ އާހުގައި އަދި ހިތުގެ ބައްލާއި ވާގިނެތުމުގެ ބަލީގައި އުޅޭ ދިވެހިން މި ލިސްޓުގައި ގުނޭކަމީ ވިސްނައިލަންޖެހިފައިވާކަމެކެވެ.  
ދުވަސްދުވަސް ފާހަގަކުރުމަކުން ދުނިޔޭގެ މިފަދަ ޖަމިއްޔާތަކުގެ މަޤުޞަދު ޙާޞިލުވުމަކީ އެންމެ އުފާވެރިކޮށް ވާނޭކަމެއް ނޫންކަމުގައި ސިއްޙަތާބެހޭ ޖަމިއްޔާއިން ފާހަގަކުރެއެވެ. އެބައިމީހުން ޤަބޫލުކުރާގޮތުގައި މިފަދަ ޖަމިއްޔާތަކުން ކުރާ މި މާތް މަސައްކަތްތައް ކާމިޔާބުވުމުގައި ޤައުމުތަކުގެ ޖަމާއަތްތަކުގެ ދައުރު މުހިންމެވެ. ސްކޫލުތަކާއި އޭޖެންސީތަކުގެ ދައުރު ބޭނުންތެރިއެވެ. އަދި މީޑިއާތަކާއި ވަކިވަކި މުއައްސަސާތަކުގެ މަސައްކަތް އަގު ހުންނާނެއެވެ.
އަޅުގަނޑުގެ މި ރިޕޯޓް ނިންމައިލާނީ ތިބާމެންވެސް މިފަދަ ކަންކަމަށް ހޭލުންތެރިވެ މުޖުތަމަޢު ހޭލުންތެރިކުރުމަށް މަސައްކަތެއް ކުރުން އެދޭވާހަކަ އާންމުކުރަމުންެވެ. ﷲ މި އުންމަތް ގަދަ ސަލާމަތުން ލައްވާށިއެވެ. އާމީން. (ނިމުނީ)

No comments:

Post a Comment