ދިވެހިބަހަކީ ކޮބައިތޯއެވެ؟
އާދަމް ޒާހިރު (ކުރޮޅި) 2015
އޭޕްރީލް
ދިވެހި ބަހަކީ ދިވެހިން ވާހަކަދައްކައި މުޢާމަލާތުގެ
އެންމެހާކަމެއްގައި ބޭނުންކުރާ ތިމައުރެންގެ އަމިއްލަ މާދަރީބަހެވެ. ދިވެހި
ނަސްލަށް ނިސްބަތްވާ ދިވެހިންގެ އަޑު މަޚުރަޖު އޮވެ މިލްކީ ބާރެއް ލިބިފައިވާ
ދިވެހިވަންތަ ދިވެހިބަހެވެ. ދިވެހިދަރިންކުރެ ކާބަފައިވެ ދިޔަ ޢިއްޒަތްތެރިންގެ
ފުށުން މިއަދާހަމައަށް ވާރުތަވެ ބާރުވެރިވެފައިވާ ދިވެހިނަމުން ނަންކިއިފައިވި
ދިވެހިބަހެވެ. ތާރީޚު ލިޔުންތެރިޔާ ނަސީމާ ވިދާޅުވާގޮތުގައި ދިވެހިން މި
ފަސްގަނޑުގައި ދިރިއުޅެން ފެށީއްސުރެ ވާހަކަދެއްކުމުގައި ބޭނުންކުރާ މި ބަހުގެ
ޢުމުރުން 2500 އަހަރަށްވުރެ ގިނަވެދާނެއެވެ.
ރާއްޖޭގެ ރައީސުލް
ޖުމުހޫރިއްޔާ އަލް މުޙުތަރަމް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު (2014)
ވިދާޅުވާގޮތުގައި މިއީ މުހިންމު ދިވެހި މުދަލެކެވެ. ދިވެހިބަހުގެ ދުވަސް
ފާހަގަކުރުމަށް ތަރުޙީބުދެއްވައި ޢާންމުކުރެއްވި ޚިޠާބެއްގައި އެމަނިކުފާނު
ލިޔުއްވައިފައިވެއެވެ. "ޝައްކެއްނެތް ގޮތުގައި އަޅުގަނޑުމެންގެ ފަޚުރުވެރި ދިވެހިބަހަކީ ދިވެހި
ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް
އަސާސެވެ. އަޅުގަނޑުމެންގެ ތަރައްޤީގެ ހުރިހާ ނާރެހެއްގައި މަސައްކަތް ކުރަނީ ދިވެހިބަހުގެ ވާސިޠާއިންނެވެ.
އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުއްސުރެ
މި އޮތް އިސްލާމީ ވަޙުދަތުގެ އެންމެ މުހިންމު ވަސީލަތަކީ ދިވެހިބަހެވެ. ދިވެހިބަހަކީ އިޖުތިމާޢީ ހަމަޖެހުމާއި
އިޤްތިޞާދީ ކުރިއެރުން ދިވެހި ޤައުމަށް
ގެނެސް ދިނުމުގެ އެންމެ މުހިންމު ބައިވެރިޔާއެވެ. ދިވެހިބަހަކީ ދިވެހި
ޤައުމިއްޔަތުގެ އެއް ޝަރަފެވެ. އެހެންކަމުން، ދިވެހިބަހަށް އިސްކަންދިނުމަކީ ދިވެހިންގެ މައްޗަށް އޮތް
އިޖުތިމާޢީ ވާޖިބެއްކަން ކަށަވަރެވެ."
މިފަދަ މަތިވެރި ޤަދަރެއް ލިބިފައިވާ ބަހަކަށްވި ދިވެހިބަހަކީ ކިހިނެއް އުފެދި ބޮޑުވި ބަހެއްބާވައެވެ؟ ނަސީމާ ވިދާޅުވެފައިވާގޮތުގައި ދިވެހިބަހަކީ، ދުނިޔޭގެ ދުރު ދުރު ސަރަހައްދުތަކަށް ބާރުފޯރައި ފެތުރިފައިވާ އިންޑޯ އާރިއަން ޢާއިލާގެ ބަހެއްކަމުގައި މި ދިވެހިބަސް ވެފައިވެއެވެ. މިއީ އެތައް ޒަމާނެއްގެ ތާރީޚަކާއި ތަރައްޤީއެއް ލިބި ބަދަލުތަކެއް އައިސްފައިވާ ބަހެކެވެ.
ތެދެކެވެ.
ދިވެހިބަހުގެ މޫ ވީ ހިސާބެއް ނޭނގެއެވެ. ނަމަވެސް، ދިވެހިބަސް އޭގެ މައިބަހުން
ވަކިވެ މީލާދީގެ ކުރިއަށް އެއްވަނަ ޤަރުނާއި އޭގެ ފަހުގެ އެއްވަނަ ޤަރުނާ ދެމެދަށް
ޖެހިފައިވާކަމަށް ތާރީޚުތަކުގައިވެއެވެ. އަދި އިންޑޯ އާރިޔަން ބަހުން ދުނިޔޭގެ
އުތުރު ތަނޑިއާއި ދެކުނު ތަނޑިއަށް ބެހިގެން ދިޔަ ބަސްތަކުގެ ތެރެއަށް އެ މޫތައް
ގޮސްފައިވެއެވެ. ވީމާ ދިވެހިބަހަކީ އުފެދުމުގައި ޒަމާނީ އެތައް ބަހެއްގެ އަސްލުން
އުފެދި ފުރާވަރުގައި ވީބަހެކެވެ.
ޙަސަންމަނިކު (1991)
ހާމަކޮށްފައިވާގޮތުގައި ދިވެހިބަހާއި ސިންގަޅަ ބަހަކީ ގުޅިފައިވާ ދެބަހެވެ.
ޙަސަންމަނިކުގެ އަތްމަތީކަރުދާސްތަކެއްގައި ވާގޮތުން ފަހަރެއްގައި ދިވެހިބަސް
އައިސްފައިވަނީ ސިންހަޅަބަހުންކަމުގައިވެދާނެއެވެ. ހަމަ އެހެންމެ ދިވެހިބަހާއި
ސިންހަޅަ ބަސް އައިސްފައިވަނީ މުޅިން އެހެން ތަފާތުބަހަކުންކަމުގައިވެސް ވެދާނެއެވެ.
ޒަމާނީ ދިރާސާއެއްކޮށް އޭގެ އަސްލަށް ދާއިރު މި ދެބަހުގެ މެދުގައި
ގާތްގުޅުމެއްވާނޭކަމަށް އެމަނިކުފާނު ހާމަކުރައްވައެވެ.
އިސްވެ ބަޔާންވި
ނުކުތާއަށް ބާރުލިބޭ ބައެއް ވާހަކަ ނަސީމާ ލިޔުއްވައިފައިވެއެވެ. އެކަމާ
ލިޔުއްވާގޮތުގައި، ދިވެހިބަހާއި ސިންހަޅަބަހަކީ "އެއް މަންމައެއްގެ ދެ ދަރީން"ނެވެ. ތާރީޚު ލިޔުންތެރިންގެ ކިބައިން
ދޭހަވާގޮތުގައި އެ މަންމަބަހަކީ "ޕްރޯޓޯ ދިވެހި ސިންހަލަ" އެވެ. މިއިން މާނަކުރަނީ އެވޭލާޒަމާނުގައި ބޭނުންކުޅަ ދިވެހިބަހާއި
ސިންހަޅައެވެ. ހަމަ ގައިމުވެސް ޤަބޫލުކުރެވޭ އެއްކަމަކީ ޕްރޯޓޯ ދިވެހި ސިންހަޅަ
އިޝާރާތްކުރަނީ ސާންސްކިރިތުން އުފެދުނު ޕްރާކިރިތަށްކަމުގައި ނަސީމާގެ
ލިޔުއްވުންތަކުން ދޭހަވެއެވެ. އެހެންކަމުން
ދިވެހިބަހަކީ ޕްރާކިރިތާ ގުޅުން އޮތްބަހެކެވެ. އަދި އިންޑޯ އާރިއަން ބަހުގެ
ދަރިދަރިކޮޅުން ނަސްލު ދެމި މިހިސާބަށް އައިސްފައިވާބަހެކެވެ.
ނަސީމާގެ ލިޔުންތަކުންނާއި ހަސަންމަނިކުގެ ލިޔުންތަކުން
ދެހަވާގޮތުގައި، ވިޖެޔާ ކިޔުނު ރަސްމަތިފުށުގެ ދަރިކަލެއް އެ ރަށުގައި
ވަޒަންވެރިވިއެވެ. މި ދަރިކަލެއްގެ ދަތުރުގައި ބައިވެރިވި، އެއް ނަވެއް ދިވެހިންގެ
ރަށަކަށް ލައްވިކަމުގައި، ސިންހަޅަ ތާރީޚީ
ފޮތްކަމުގައިވާ "މަހަވަންސާ" ގައި އޮތްކަމުގައި ވެއެވެ. ފަހަރެއްގައި އެ ހިސާބުން
ދިވެހިންގެ ތެރޭގައި ސިންހަޅައިގެ ގުޅުމެއް ހިނގައިފައިވެދާނެއެވެ. ނޫނީ
އެބައެއްގެ ބަހުގެ އަސަރު އިތުރުވެ ބޮޑުވެފައިވެދާނެއެވެ.
ދިވެހިން އިސްލާމްވުމާގުޅިގެން ދިވެހީންގެ ބަހަށް
ބަދަލުތަކެއް އައެވެ. އޭގެފަހުން ޢަރަބިބަހާއި ފާރިސީ ބަހުގެ ލަފުޒުތައް
ދިވެހިބަހުގައި އާންމުކޮށް ބޭނުންކުރެވެން ފެށިއެވެ. އަދި މި ބަސްބަސް ދިވެހީންގެ ދިރިއުޅުމުގައި ފަރިތަވެ ދިވެހިވާންފެށިއެވެ. ގިނަ
ލިޔުންތެރިންގެ ނަޒަރުގައި މިއީ ދިވެހިބަހަށް ލިބުނު މުއްސަނދި ކަމެކެވެ. މިގޮތުން
ލިބާސް، މުދިމު، ގަލަން، ފަދަ އެތައް ލަފުޒެއް އާންމުވިއެވެ. އަދި ފާރިސީ ބަހުގެ
ނުފޫޒުގައި ބަންގި، ނަމާދު، ފަދަ ބަސްބަސް ވަދެ ރައްޓެހިވިއެވެ.
ރާއްޖޭގައި އިނގިރޭސީ
ތަޢުލީމު އާންމުވުމާގުޅިގެންނާއި ހުޅަނގަށް ދަތުރުކުރަންފެށުމާއެކު އިނގިރޭސީ
ލަފުޒުތައްވެސް ދިވެހިބަހާ ގުޅި މެހެމުންދާން ފެށިއެވެ. މިގޮތުން މި ޒަމާނަކަށް
އައިސް ދިވެހިބަހުގައި ފަރިތަވަނީ އިނގިރޭސީބަހާއި ޢަރަބިބަހުގެ އަދި ހިންދީ
ބަހުގެ ލަފުޒުތަކެވެ. މިއީ ރަހުމަތްތެރިކަމާއި މުޢާމަލާތުގެ ތެރެއިން ފަރިތަވެ
ރައްޓެހިވާ ލަފުޒުތަކެވެ. ނަތީޖާއަކީ އިތުރަށް ދިވެހިބަސް މުއްސަނދިވެ
ކުރިއެރުމަށް ފުރުސަތު ލިބިގެންދިއުމެވެ.
ކޮންމެއަކަސް ދިވެހިބަހާގުޅޭގޮތުން ހެދެމުންދާ ޒަމާނީ
ދިރާސާތަކުން އެނގޭގޮތުގައި ދިވެހިބަހުގެ ތެރޭގައި ސިންހަލަ ތަމަޅަ ފާރިސީ އަދި
ޕުސްތުވާއާއި ޢަރަބި މެލޭ ބަންގާޅު ބަހުގެ އަސަރު އެބަ ފެނެއެވެ. ވަރަށް އެވޭލާ
އެތައް ބަހެއްގެ އަސަރު މި ދިވެހިބަސް ދިރާސާކޮށް ހޯދިވަރަކަށް ފެންނަަން
އެބަހުއްޓެވެ. އިނގިރޭސީބަހުގައި ގްރީކް އަސަރު ފެންނަފަދައިން މި
ދިވެހިބަހުގައިވެސް ގްރީކްގެ ބަހުގެ އަސަރު އެބަހުރި ކަމުގައި ލިޔުންތަކުން
ހާމަވެއެވެ. ވީމާ ދިވެހިބަހަކީ ދުނިޔޭގެ ނަން ހިނގާ އެތައްބަހަކުން އުފެދި
ބޮޑުވެފައިވާ ބަހެކެވެ.
މިއަދު މި ދިވެހިބަހަކީ ދިވެހިންގެ ކުލައާއި ވަސް ޖެހި
ދިވެހިވަންތަ ސިފަ ހިނގާ ދިވެހި ވަންތަ ގޮތުގައި ސިފަވާ އަމިއްލަވަންތަ ބަހެކެވެ.
ބަހެއްގެ ކަމުވޮށިވެގެންވާ އެންމެހާކަމެއް މި ބަހުން ފެންނަ އަދަބީ އަދި ބަލާޣާތް
ނަލަ ބަހެކެވެ. ލިޔުންތެރިކަމާއި އަދަބީ ފޮނިކަން ފެންނަ އެ ރަހައިގައި މީހުން
ހައިރާންކުރުވާ ބަހެކެވެ. ދިވެހި ދިރިއުޅުމުގެ އެންމެހާކަމެއްކުރުމުގެ
ފުދުންތެރިކަން ލިބިގެންވާ ބަހެކެވެ.
މުޙައްމަދު ޝާހިދު ޙަލީމު (2009) ލިޔުއްވާގޮތުގައި ދިވެހިބަހަކީ
ދިވެހީންގެ ހިލިހިލާގެ އެއް ބޮޅެވެ. މި ދިވެހީންގެ ބާރުހުރި ގުޅުމާއި ސަޤާފަތުގެ އެއްބައެއްވަންތަކަމުގެ
ބާރެވެ. މިހާތަނަށް ޤައުމުގައި ދެމި އޮތް ގުޅުމަކާއި އެކުވެރިކަމަށް މަގުފަހިކޮށްދިން
އެއް ވަސީލަތެވެ. މި ދިވެިހންގެ ނުފޫޒު ހުރި، ދިވެހިވަންތަކަމުގެ އެއް ރުކުނެވެ.
ޝާހިދު ހާމަކުރައްވާގޮތުގައި ދިވެހިންގެ ދިވެހިބަހުން ވާހަކަދައްކައިގެން،
ލިޔެގެން އަނެކަކަށް އަންގައިދޭން ބޭނުންވި ކަމެއް، ކާބައިފަންގެ
ޒަމާނުގައި އަންގައި ނުދެވިއެއް ނެތެވެ. އެހެެންވީމާ މިހާރުވެސް ދިވެހިބަހުން
ވާހަކަދައްކައިގެެން އަނެކަކަށް
އަންގައިދޭން
ބޭނުންވާ ކަމެއް، އިހުސާސެއް،
އެއްޗެއް، ތަނެއް އަންގައިނުދެވިއެއް ނެތެވެ. ނުވެސް އޮންނާނެއެވެ. އެހެންވީމާ މި ދިވެހިބަހަކީ
އިހުގައިވެސް މިހާރުވެސް ބަހެއްގައި ހިމެނޭ ހުރިހާ ސިފައެއް ލިބިގެންވި ދިވެހިންގެ
ފަޚުރެވެ.
މުޙައްމަދު އަޝްހަދު (2013) ހާމަކުރާގޮތުގައި ދިވެހިން
ވާހަކަދައްކައި ލިޔެ އުޅޭ ބަހަކީ ދިވެހިންގެ ރަންފަދަ
ފަޚުރެކެެވެ. އޭނާ ލިޔެފައިވެއެވެ. "ދިވެހިން ވާހަކަ ދައްކާ ދިވެހިންގެ މާދަރީ ބަހެވެ. ހަމައެހެންމެ ދިވެހި ޤައުމިއްޔަތުގެ މައި
އެއް ތަނބެވެ. ދިވެހިންގެ ކާބަފައިން އެއް ޖީލުން އަނެއް ޖީލަށް ފޯރުކޮށްދެމުންދާ ދިވެހިންގެ އަމިއްލަ ތަރިކައެކެވެ.
އާދޭހެވެ. ދިވެހިންގެ
ތަރިކައެއްކަމުގައި ބަލައިގެންފައިވާ ހަމަ ކޮންމެ އެއްޗެއް އެއީ އަގު ހުރި
ރައުސްމާލެކެވެ. ވިސްނޭ އެއްޗަކީ އެއްޗެއް ނެތުމުގެ ދެރަ އިހުސާސްކުރެވޭނީ އެ
އެއްޗެއް ނެތް ދުވަހަކުންނެވެ. އެއްޗެއްގެ އަގު ވަޒަންކުރުމަށް ނެތިވެދިޔަ
ދުވަސްވީ ޤައުމީ ޝަޚްސުންގެ ބަސް ޤަބޫލު ކުރުމަށްވުރެ މޮޅު ކަމެއް ނެތްކަމެވެ.
ވީމާ މިބަހާމެެދު މިއަދު ގެ ވިސްނުން އިތުރަށް ފުޅާކުރަން އެބަޖެހެއެވެ.
ޢަބްދުލް ޢަޒީޒު
ޖަމާލު ޢަބޫބަކުރު (2010) ރާއްޖޭގެ މަދުރަސާތަކުގައި ތިމާވެށި ދިވެހިބަހުން
ކިޔަވައިދޭން އެބަޖެހެއެވެ. ދިވެހި ވެށީގެ މާއްދާތައް ދިވެހިބަހުން އާންމުކުރަން
އިސްކަމެއް ދޭން އެބަޖެހެއެވެ. ދިވެހިންގެ ކިބައިން މަރުވަމުންދާ ގުނުމުގެ
ލަފުޒުތަކާއި ޢާންމު މުހުތާދުތަކުގެ ލަފުޒުތައް އާންމުކޮށް ބޭނުންކުރުން
އިތުރުކުރަން އެބަ ޖެހެއެވެ. މި ކަންކަން ކުރުމަށް އެންމެ މުނާސަބީ، ދިވެހި
މަދުރަސާތަކެވެ. އަދި ދިވެހި ދަރިންގެ ތަރުބަވީ ގެދޮރެވެ.
އަޅުގަނޑުމެންނަކީ
ދިވެހިބަހުގެ އަހުލުވެރިންނެވެ. ދިވެހިބަހުގެން ޖަރީވެފައިވާ ދިވެހި ނަސްލުގެ ވެރި
ބަޔަކީމުއެވެ. ވީމާ މި މާދަރީބަސް ދޫކޮށް ނުލާށެވެ. މިއީ ދިވެހިންގެ ދިވެހިބަހެވެ.
ބްރީން ޓެރްފެލް ބުނެފައިފާވަދައިން "ތިބާގެ މާދަރީބަސް ދޫކޮށްލައިފިއްޔާ
ތިބާގެ ޙަޔާތުގެ ބައެއް އުނިވީކަމުގައި ބަލާށެވެ". އިޝްމެއިލް ބިއާހް
ބުނެފައިވާފަދައިން "ތިމާ އެބަހަކުން ވާހަކަދައްކަންފެށީބަސް ދޫކޮށް އެހެން
ބަހަކަށް އަހުލުވެރިވުމީ ދޫ އެކޮޅު ކޮޅުން ބޭއްވުންފަދަ ކަމެކަށް
ވެދާނެއެވެ". ބޮސްޓޮނިއާޑް ބުނެފައިވާ ފަދައިން "ތިމާގެ މާދަރީބަސް
ދޫކޮށްލުމުން ތިމާއަށް ކަލާނގެ ދެއްވި މުޢުޖިޒާތެއް ބޮލާލައި ޖެހުންފަދަ
ކަމަކަށް" ވެދާނެއެވެ.
ނިންމައިލަމުން
ދަންނަވައިލާނީ، ދިވެހިންގެ ދިވެހިބަހަކީ ދިވެހިންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ
ދެއްވި ނިޢުމަތެއްކަމުގައެވެ. ދިވެހިންގެ މިލްކުވެރިކަމުގައިވާ ހަރު
މުދަލެއްކަމުގައެވެ. މިއަދު މި ބަސް ދޫކޮށްލައިފިނަމަ މާދަމާ އިންޑިއާގެ
ބަހަކަށްވެ ހަމަ އެކަނި މަލިކުގެ މިލްކަކަށްވެދާނެ ޖަވާހިރެކެވެ. މިބަހަކަށް
ލިބިފައިވާ މުއްސަނދިކަމުގެ ރަހަ ބަލައި ނުލައި އަތްވެސް ނުލައި، ނުވެސް ދެނެ މިއީ
ނިކަމެތި ބަހެއްކަމުގައި ނުދެކޭށެވެ. މިބަހަށް ފާގަތި މުސްތަޤުބަލެއް
ދައްކަވާށިއެވެ. އާމީން.
No comments:
Post a Comment