28.9.18

އިމްތިޙާނަށް ތައްޔާރުވުން... Imthihaanah thayyaaruvun

އިމްތިޙާނަށް ތައްޔާރުވުން

އާދަމް ޒާހިރު- މ.ކުރޮޅި

(ކިޔުއްވައިފައި ފެނިވަޑައިގަންނަވާ ޚިޔާލެއް ދެއްވުމަކީ އަޅުގަނޑަށް ލިބޭ އުފަލެއްކަމުގައި ދަންނަވަން)


އިމްތިޙާނަކީ ދަރިވަރުންނާ ކުރިމަތިވާ ވަރަށް މުހިންމު ހަރަކާތެއް. ތިމާމެން ކިޔެވި އެއްޗެއް އެނގިފައިވާ ވަރު ވަޒަންކުރެވޭ އެއްޗެއް. އަހަރު ދުވަހުންނާއި ސްކޫލުގެ ގުރޭޑްތަކުގައި ވޭތުކުރި އަހަރުތަކުގައި އެނގުނު ޢިލްމާއި ލިބުނު ތަރުބިއްޔަތާއި ދަސްވި އާދަތައް ލިބި ހެނިފައިވާ މިންވަރު ތިމާއަށް އެނގިގެންދާ ހަމައެކަނި މީޓަރު.
މަދަރުސާގެ ތަޢުލީމު ނިމުމުން ހޯދަން ދުއްވައިގަންނަ ވަޒީފާތައް ކާމިޔާބުކުރުމާއި އިތުރަށް ލިބިގަންނަން ބޭނުންވާ ދިރާސީ ފުރުސަތުތައް އަތުލައިގަންނަން ބޭނުންވާ ފެންވަރުވަޒަންކުރާ ކަމަކީވެސް ކުރިމަތީގައި އޮތް އިމްތިޙާނުތައް. އެހެންކަމުން އިމްތިޙާނުގެ ދުވަސްވަރަކީ ދަރިވަރުންނާއި މައިންބަފައިންނާއި މަދަރުސާވެރިންނަށް ވަރަށް މުހިންމު ދުވަސްވަރެއް. ބައެއްކުދިންނަށް މި އީ 3 އަހަރުގެ މުޤައްރަރެއް ފުރިހަމަކުރުމަށްފަހު ހަދާ އިމްތިޙާނުގެ ދުވަސްވަރު. އެއީ އޯލެވަލް އިމްތިޙާން. މިފަދަ ފުރުސަތެއްގައި އިމްތިޙާނަށް ތައްޔާރުވުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ބަލައި އެކަމަށް ސަމާލުވުމީ މުހިންމުކަމެއްކަމުގައި ދެކެން.
ދަ ޔުނިވަރސިޓީ އޮފް އެޑިމްބަރާއިން 2013 ވަނަ އަހަރު ނެެރެފައިވާ "ދަ ސްޓެޕް ބައި ސްޓެޕް ގައިޑް ޓު އެގްޒާމް ސަކްސެސް" ފޮތުގައި ހާމަކުރާގޮތުގައި އިމްތިޙާނަށް ތައްޔާރުވުމުގައިވެސް ހަރުފަތްތަކެއް ވޭ. އެ ހަރުފަތްތައް ތަރުތީބުން ފުރިހަމަކުރަމުންދާނަމަ އެނގި ދޭހަވާ މިންވަރު އިތުރުވާނެ. އަދި ދަރިވަރުގެ ހަނދާނުގައި ހަރުލާމިންވަރު ބޮޑުވާނެ. އެ ޔުނިވަރސިޓީއިންވެސް ލަފާދީފައިވާގޮތުގައި އިމްތިޙާނަށް ތައްޔާރުވުމުގައި ކުރިއާލައި ލުއި ފަސޭހަ ގޮތްތައް ޚިޔާރުކޮށް އެ ގޮތްގޮތަށް ތަރުތީބުކޮށް ދަރުސްތައް ލިބިގަތުމަށް ފަށައިގަތުމީ ކުރަންޖެހޭ މުހިންމުކަމެއް.
ދަރިވަރުންނޭ. މުދައްރިސުންނޭ. އިމްތިޙާނަށް ތައްޔާރުވުމަށް ވަގުތާއި ދުވަސް ރާވައިލައި އެކަން ހަނދާންކުރުމަށް ޗާޓެއް ތައްޔާރުކުރުމަކީ އެންމެ ފުރަތަމަ ފިޔަވަޅުކަމަށް ހަދަމާ. އެއީ ވަރަށް ފަސޭހަ އެހީތެރިއެއްކަމުގައި ނޫނީ ނުވާ. މި ދެންނެވި ޗަޓުގައި ލިޔާނީ ތިމާ މުޠާލިޢާކުރުމަށް ބޭނުންވާ މާއްދާތަކާއި މުހިންމު ސުރުޚީތައް. އަދި އެކަމަށް ދުވަސްތަކާއި ގަޑިތައް ލިޔެލެވިދާނެ. މިއީ ދުވާލުގެ 24 ގަޑިއިރަށް މަސައްކަތްތައް ބަހައިލެވި ވިސްނުމަށް ލުއި ލިބިގެން ދާނޭކަމެއް. މަގު ކަސިޔާރުވާނަމަ ހަނދާންކޮށްދޭނޭ އެންމެ ގާތް އެކުވެރިޔާކަމުގައި މި ޗާޓުވާނޭކަން ކަށަވަރު.
ޗާޓު ކުރަހަން ބޭނުންނޫންނަމަވެސް ކުރެވޭނޭ ތައްޔާރީގެ އެތައް ކަމެއް އެބަހުރި. މިގޮތުން މުޠާލިޢާކުރުމަށް ވަކި އުސޫލެއް ކަނޑައަޅައި ޝީޓެއް ތައްޔާރުކޮށްލެވިދާނެ. މި ޝީޓުގައި، ހޭދަކުރާނޭ ވަގުތާއި ކިޔާނޭ ބައިތަކާއި ހަދާނޭ މަސައްކަތާއި ތަމްރީނު ފާހަގަކޮށްފައި ބަހައްޓަންވާނެ. އަދި ގުރޫޕުގައި ކުރާނޭ މަސައްކަތާއި މުދައްރިސް ހުންނަވައިގެން ނުވަތަ އެހީތެރިއަކާ ގުޅުއްވައިގެން ކުރިއަށް ގެންދާނޭ ކަންކަންވެސް ލިޔެވިފައި ހުންނަންވާނެ. މި ދެ ކުރެހުންވެސް ގޭގައި ތިމާމެންނަށް ފަސޭހައިން ފެންނަ ހިސާބެއްގައި ތަތްކޮށްފައި ހުރުން ވަރަށް މުހިންމު. މިއީ ހަނދާންކޮށްދޭ ކުރެހުންތަކެއް. އެހެންކަމުން ހުންނަންވާނީ ފަސޭހައިން ފެންނަ ހިސާބެއްގައި އެފަދަ އަލިކަމެއްގެތެރޭގައި.
ފިލާވަޅެއް މުޠާލިޢާކުރެވޭނޭ އެތައް ގޮތެއް، އެތައް މަގެއް ވާނެ. މި ގޮތްތަކަށް ވިސްނައިލުމީވެސް މި ދަނޑިވަޅުގައި މުހިންމުކަމެއް. ކަމުގެ ޢިލްމާއި ހުނަރު ލިބިވަޑައިގެން ތިއްބެވި މާހިރުން މިކަމުގައި މޮޅު އެތައްގޮތެއް ހާމަކުރައްވާފައިވޭ. މިތާ މި ބަޔާންކުރަނީ އޭގެތެރެއިން ބައެއްގޮތް.
މަޢުލޫމާތު ހިމެނޭ ބައެއް މާއްދާތައް މުޠާލިޢާކުރުމުގައި ފެނުމުގެ ގޮތްތައް އިޚުތިޔާރުކުރެވިދާނެ. އެއީ ފިލާވަޅުތައް އިހާކުރެހުމަށް ލިޔެ، އެއިން މުހިންމު ނުކުތާތައް ކުލަކުލައިން، އެކި ބައްޓަމަށް ފަވައިފައި ބެހެއްޓުން. މިފަދަ ކުރެހުން އަބަދު ފެންނަހެން ގޭގައި ނުވަތަ ތިމާ އުޅޭ ތަނެއްގައި ބަހައްޓާނީ. ކުރެހުން އަބަދު ފެނިފެނި ގިނަ ބައެއް ދަސްވާނޭކަން ކަށަވަރު.
ދެވަނަ ގޮތަކީ ބާރަށް ކިޔުން. ތިމާ ކިޔުމުގެ އަޑު ތިމާއަށް އިވޭވަރަށް ތަކުރާރުކޮށް ކިޔުން. އަދި އަޑުވީއްލައި ކިޔުން. މިގޮތަށް ކިޔުމުގައި ހިތުން ދަސް ނުވިނަމަވެސް އޭގައިވާ އެއްޗެއް ދެނެގަތުމަށް ކިޔުމުގެ އުސޫލު ނުވަތަ ކިޔުމުގެ ޕްރޯސަސް ބޭނުންކޮށްގެން ކިޔައިފިނަމަ އެ ލިޔުމެއްގައި ހިމެނޭ މަޢުލޫމާތުތައް އެނގިގެންދާނޭކަން ކަށަވަރު.
ފިލާވަލުތައް ރެކޯޑްކޮށްގެން އަޑު އެހުމަކީވެސް ކުރެވިދާނޭކަމެއް. ކިޔުމަށް ފޫހިވާކުދިންނަށް މިއީ ފަސޭހަ މަގެއް. ނަމަވެސް ވިސްނަންވާނެ އެ ރެކޯޑިންގެ އަޑު އެހުމަކީވެސް ދެނެގަތުމަށް ކުރެވޭ ކަމެއްކަން. ވީމާ އަޑުއެހުމުގެ އުސޫލުތައް ނުވަތަ އަޑުއެހުމުގެ ޕްރޯސަސް ބޭނުންކުރަންވާނެ.
އެކިގޮތްގޮތަށް ފިލާވަޅު ލިޔުމަކީވެސް ދަސްކުރުމުގެ މަރުޙަލާގައި ގޮތެއް. މިކަމުގެތެރޭގައި ފިލާވަޅު އެއްގަނޑުން އަނެއް ގަނޑަށް ނަކަލުކުރުމާއި މުހިންމު ނުކުތާތައް ޕޯސްޓު ކާޑުފަދަ އެއްޗެއްގައި ލިޔުމާއި އެކި ބައްޓަމަށް އެކި ކުލައިގައި އެކި އަރިއަށް ފަރުމާކޮށް ކާޑަށް ނަގަން ކުރާ މަސައްކަތަކީ މި ދެންނެވި ގޮތް. މި ގޮތުގައި ބޭނުންކުރަންވާނީ އަމިއްލަ ގޮތްފޮތް. އަމިއްލަ އުސޫލާއި ރޭވުންތެރިކަން.
މިގޮތަށް ކާޑު ތައްޔާރުކުރާނަމަ އެކި ކުރެހުން ޗާޓު، ރަމްޒު ބޭނުންކުރެވޭނެ. އަކުރުގެ ބައްޓަމާއި ރަމްޒީ އަކުރާއި ބަސްމަގު ބޭނުންކުރުމީވެސް ކާމިޔާބުގޮތެއްކަމުގައިވޭ.
ބޭނުންވާ ފިލާވަޅުތަކާމެދު ގުރޫޕުމަޝްވަރާއަކީ ދަސްކުރުމުގެ އެންމެ ވަރުގަދަ އެއް ގޮތް. މިކަމުގެތެރޭގައި އެކި ނުކުތާތަކާމެދު ބަހުސްކުރުމާއި މަޝްވަރާކުރުމާއި ދެބަސްވުމުގެ ތެރެއިން އެއްބަސްވުން ހިމެނޭ. މިފަދަ ދިރާސާއެއްގައި މަދުވެގެނދެތިންކުދިން ތިބެންވާނެ. ހެޔޮވަރު ވަރަކީ ހަތަރެއް ނުވަތަ ތިނެއް. މާ ގިނަވުމަކީ ވަގުތުގެ ރޭވުން ފޫގޮސްފާނޭކަމެއް. މިދެންނެވި ގުރޫޕުގައި ކުރެވޭ މަޝްވަރާއާއި ބަހުސްތައް ހުންނަންވާނީ ލިޔެވޭ އުސޫލުން. އަދި ހުށަހަޅައި ވާހަކަދެކެވޭ އުސޫލުން.
އިމްތިޙާނެއްގައި އެންމެ މުހިންމު އެންމެ ބޮޑު ބަޔަކީ މުޠާލިޢާކުރުން. މިކަން ނިމުމުން އެއަށް ޢަމަލުކުރުމަކީ ވަރަށް ބޭނުންތެރިކަމެއް. ޤަވައިދަކާއި އުސޫލެއް ކަނޑައަޅައި އެއަށް ޢަމަލުނުކުރާނަމަ ހުރިހާކަމެއް ބޮއްސުންލުމީ ގާތްކަމެއް. ރާވާ ޗާޓާ ދިރާސީ ވަގުތުތަކުގެ އުސޫލުން އެއްވެސް ކަމަކަށް ޢަމަލުނުކުރެވިއްޖެނަމަ ނުވަތަ ވަގުތެއް ގެއްލި ދާން ފަށައިފިނަމަ އަވަހަށް މަގަށް އަޅުވަން ހަނދާންކުރަންވާނެ. މިކަމަށް ތިބެންވާނީ ހުޝިޔާރުވެގެން.
މާއްދާއެއްގެ އިމްތިޙާން އޮންނަ ދުވަހުގެ ކުރީ ރެއަކީ ވަރަށް މުހިންމުރެއެއް. ދަރިވަރުން ހާސްކުރުވާ އުފާކުރުވާ ކަންބޮޑުކުރުވާ މޭ ގުޑުވާލާ ރެއެއް. ވީމާ މިރޭ އެފަދަ ރެއަކަށް ނުހެދުމަށްޓަކައި ގިނަ މުޠާލިޢާތަކުން ފުރާލުމަކީ ނޭދެވޭކަމެއް. އޭގެ ބަދަލުގައި މި ރޭ ވާންވާނީ ހިތްހަމަޖެހުމާއި އިތުބާރާއެކު ހޭދަކުރާ ރެއަކަށް. މިހެންވާނީ ކުރިއާލައި ފިލާވަޅުތައް މުޠާލިޢާކުރެވުމުން.
އިމްތިޙާނުގެ މާއްދާތައް އޮންނަ ދުވަހުގެ ކުރީ ރެއަކީ ހަމައެކަނި މަޑުމަތިރިކަމާއި ހިމޭންކަމާއެކު ކިޔައިލާ ރެއަކަށް ހެދިދާނެ. އެއްވެސް ބޮޑު ކިޔުމެއް ގޮތެއް ނިންމުމެއް. ބަހުސްކުރުމެއް އޮވެގެން ނުވާނެ. އަދި އެރެއަކީ ކޮފީތަށިތައް ހުސްކޮށްގެން ހޭލައި ހުންނަ ރެއަކަށްވެސް ހަދައިގެން ނުވާނެ. މިފަދަ ކޮންމެކަމަކީ މީހާ ހާސްކޮށް ކަމުގެ އަޚުލާޤުން ދުރުވެދާނޭކަމެއް.
އިމްތިޙާނުގެ ދުވަސްވަރު ޢާންމުކޮށް ކުރާ ކަމެއް ހުއްޓައިލުމާއި އާ ކަންކަން ފެށުމަކީވެސް އެދެވޭކަމެއް ނޫން. މިދުވަސްވަރު  ރަނގަޅަށް ކެއުމާއި ފެންބުއިމަކީ ބޭނުންތެރިކަމެއް. ހިތްހަމަ ނުޖެހޭ ކަމެއް ދިމާވެއްޖެނަމަ މަންމަ ބައްޕަ ނުވަތަ ތިމާގެ މީހަކާ، ނުވަތަ އިތުބާރުކުރެވޭ މީހަކާ ވާހަކަދައްކައި ހިތްހަމަޖައްސައިލައިގެން ހުރުންވެސް މުހިންމު. މާ ބޮޑުކަމެއް ދިމާވެއްޖެނަމަ އަވަހަށް ސައިކޯލޮޖިސްޓަކާ މަޝްވަރާކޮށްލުމީވެސް މިފަދަ އިމްތިޙާނީ ދުވަސްވަރެއްގައި ކުރަންޖެހޭނޭކަމެއްކަމުގައި ދަންނަވާހިތްވޭ.
އިމްތިޙާނުގައި އިށީންނަ ކުދިންނަށް ބިރުގަތުމުގެ ގޮތް ދިމާވުމަކީވެސް ވާކަމެއް. މިއީ އިމްތިޙާނަށް ތައްޔާރުވުމާ ގުޅިފައިވާކަމެއް. އިމްތިޙާނަށް ތައްޔާރުވާއިރުގައާއި އިމްތިޙާނުގެ ހޯލަށް ވަންނަން ދާ ވަގުތުގައި ތިމާއަށް ނުކުރެވޭ އެއްވެސް ކަމެއް، މުހިންމު އެއްވެސް ކަމެއް އޮވެގެން ނުވާނެ. އެފަދަކަމެއް އޮވެއްޖެނަމަ އަވަހަށް އެކަމެއް ކޮށް ނިންމައިލުމަށްވުރެ މޮޅުގޮތެއް ނެތް. ބޭނުންވާ ފަންސުރު ގަލަންފަދަ ތަކެއްޗަކީވެސް ދަރިވަރުންގެ ހިތްތަކުގައި ބިރުވެރިއުފައްދާ އެއްޗެހި. ކުރީގައި އިމްތިޙާނު ކަރުދާހެއް ނުފެނި އޮތުމީވެސް ބިރުވެރިކަން އުފައްދާކަމެއް. ވީމާ މިފަދަ ކަންކަން ކުރީބައިގައި ހަމަޖައްސައި ނިންމައިފައި ބެހެއްޓޭތޯ ބެލުމަށްވުރެ މޮޅުގޮތެއް ނޯންނާނެ. (ނިމުނީ)

2 comments: