15.4.19

ޅެން ކިޔަވައިދިނުމާއި މާނަކުރުން Lhen kiyavaidhinumaai maanakurun

ޅެން ކިޔަވައިދިނުމާއި މާނަކުރުން
ލިޔުނީ: އާދަމް ޒާހިރު
ޅެން ކިޔަވައިދިނުމަކީ ބަސްކިޔަވައިދޭ ކުލާހެއްގައި ވަރަށް މުހިންމު ކަމެކެވެ. ޅެންވެރިކަމުގެ ތެރެއިން ދަރިވަރުންނަށް ކުރިއެރުންލިބިގެންދާ ކަމެކެވެ. ބަސްމަގު ހެޔޮވެ ތަނަވަސްވާ ކަމެކެވެ. މި ހިސާބުން އުފެދޭ ސުވާލަކީ ޅެން ކިޔަވައިދޭނީ ކިހިނެއްހެއްޔޭއެވެ.
ޅެން ކިޔަވައިދޭ ގޮތްގޮތާމެދު ލިޔެފައި ހުރި ލިޔުންތަކުން އެނގޭގޮތުގައި އަދަބީ ކުލާސްތަކުގައި ޅެން ކިޔަވައިދިނުން ބުއްދިވެރީ ކޮމިޔުކޭޓިވް ލެންގުއޭގް ޓީޗިން އުސޫލުންނެވެ. މާނައަކީ ޅެން ދެނެގަތުމައި ޅެމުން މުޢާމަލާތް ކުރުމުގެ ތެރެއިން ދެނެގަތުމަށް ފުރުސަތު ލިބުމެވެ. އަދި ޅެމުގައި ބުނާ ވާހަކައާމެދު މަޝްވާރާކޮށް ދެނެގަނެ ބުނެދިނުމާއި މަޝްވާރާ ހުށަހެޅުމުގެ ތެރެއިން ކިޔަވައިދިނުމެވެ.
މި ތަނުގައި ޅެން ކިޔަވައިދިނުން މާނަކުރަނީ ޅެމުގައި ހުންނަ ބަލާޣާތާއި ޅެމުގައި ބުނާ ވާހަކައާއި ޅެމުގެ ފުރިހަމަކަމާމެދު ވިސްނުމަށް ފުރުސަތުދިނުމަށެވެ. އެއްގޮތަކަށްވެސް ޅެން ހެދުމުގެ މާނައިގައެެއް ނޫނެވެ. އަދި ޅެމުގެ ފަލްސަފީ ކަންކަމުގެ ވާހަކަ ދެއްކުމަކަށްވެސް ނޫނެވެ. އެހެންކަމުން ޅެން ކިޔަވައިދޭ ކުލާހެއްގައި ޅެމުގެ ތެރެއަށް ވަދެ މާނަ ނެރުމަށް ފުރުސަތު ލިބޭންޖެހޭނެއެފވެ. ޅެމުގައި ބުނާ ވާހަކައިގެ ދޭހައަށް ފިކުރު ހިންގުމުގެ ފުރުސަތު ލިބެންޖެހޭނެއެވެ. މި ކަންކަމަށް ބަލާނަމަ ޅެން ކިޔަވައިދިނުމަށް ބޭނުންކުރުން ރަނގަޅީ ކޮމިޔުކޭޓިވް ޓީޗިންގެ އުސޫލެވެ.
މި ޅެމަށް ވިސްނައިލާށެވެ. ޅެމުގައި ދައްކައިފައި ހުރި ވާހަކަތަކާމެދު އުފެދޭ ޚިޔާލު ނޯޓްކޮށްލާށެވެ. އަދި ޅެމުގެ ސުރުޚިއާމެދު ވިސްނައިލައި ޅެންވެރިޔާގެ އެެ މާނައިގެ މާނަ ހޯދާށެވެ. އަދި މި ޅެން އަމާޒުކުރާ، މި ޙަޔާތުގެ ކޮންމެ ކަމެއްގެ ނަން، ނުވަތަ ކަން ލިސްޓުކޮށްލާށެވެ. އެއަށްފަހު މި ޅެމުގައި ބުނެފައިހުރި ވާހަކަތަކުން ނެރޭ "ދެލަވަ" ހޯދާށެވެ.

އެއް ޅެމުން ދެ ލަވަ

އާދަމް ޢަބްދުއްރަޙްމާނު/އުތީމު

ލިޔަން ބޭނުންވަނީ، ވާހަކަ ޒަމީރާ –  ކިޔަންހުރި  ގިނަ  ތަފާތުތަކުން ސަމީރާ
އޮފީހުގެ ކާތިބާއެއްމީ  ޒަމީރާ         އޮފީހަށް  އައި އެސިސްޓެންޓެއް ސަމީރާ
މިސާލެއްފަދަ މުވައްޒަފެކޭ  ޒަމީރާ       ފިސާރިތެދޭ  މިއާ އިދިކޮޅު  ސަމީރާ
ބާރާބަރު ގަޑިތަކަށް އާދޭ ޒަމީރާ         ހަރާމޭ   އެގޮތަކަށް ނާދޭ  ސަމީރާ
ލިޔާހުރިހާ ސިޓީ ލިޔަނީ  ޒަމީރާ        ކިޔާށޭ  އިންނަނީ  ވާހަކަ  ސަމީރާ
ދެމުން އެކިއެކި ޖަވާބު ދަނީ ޒަމީރާ     ހެމުން ދިގު ކޯލުތައް ކުރަނީ ސަމީރާ
ލިޔާ ލިޔުމުން ކުށެއް ނުފެނޭ ޒަމީރާ     ލިޔާނަމަ    ބޭނުމޭ ޓިޕެކްސް  ސަމީރާ
ވެރިން އަންގާ ގޮތަށް އުޅެޔޭ ޒަމީރާ      ވެރިންނަށް ކުދި ކިޔަން ހިނގައޭ ސަމީރާ 
ވެއޭ ބޭރަށް ނުދާކަމުގައި   ޒަމީރާ            ދެއޭ އިރުއިރު ކޮޅުން ބޭރަށް ސަމީރާ
އޮފީހަށް ލުއި ސައެއް ގެނުވާ ޒަމީރާ         ކޮފީބޯލަން ދަނީ  ހޮޓަލަށް ސަމީރާ
ސަލާމެއް ނުބުނެޔޭ ދުވަހަކު ޒަމީރާ          ސަލާމް ޗުއްޓީ ވަރަށް ގިނައޭ ސަމީރާ
މިހެން ހޮވިޔަސް އެހެން މީހުން ޒަމީރާ      ބޮހަށް ނުފެނޭ ކުށެއް ފުށަކުން ސަމީރާ
ކުޑައިކޮށް ސިފަ ތަފާތު ކަޅޭ ޒަމީރާ       ގުޑައި ހިތްތައް ލެނބޭފަދައޭ ސަމީރާ
އަޅާ ބުރުގާ ހެދުން ދިގުލާ ޒަމީރާ          ފަޅާ ދެއަރިން ލަނީ ސިފްޓޭ ސަމީރާ
ބޮލާ މޫނާ އޮމާން ކުރެއޭ ޒަމީރާ           ކޮލާ މުޅި މޫނުގައި ކުލަލާ ސަމީރާ
ގުޅޭ އެންމެން މުވައްޒަފެކޭ ޒަމީރާ         އުޅޭކަށް އެކަކުވެސް ނުރުހޭ ސަމީރާ
ދެކޭތީ ރުހުމުގައި ލޯތައް ޒަމީރާ            ކެކޭ ރުޅިއައިސް އެހެންވީމާ ސަމީރާ
ހިފަން ހެޔޮވީ މަގެއް ދެއްކީ ޒަމީރާ         މި ފަންނަށް ހެޔޮ މިސާލެއް ނޫން ސަމީރާ
މި ޅެން ޅެމަކަށް އެހީ އެކަކަށް ޒަމީރާ       މި ޅެން ފުރިހަމަ މިވީ ގުޅުމުން ސަމީރާ
ޝައްކެއްނެތެވެ. ދައްކާނެ ވާހަކަ ބައިވަރެވެ. އެހެންކަމުން އެ ވާހަކަތައް ފަށައި އޭގެ ތެރެއިން ޅެމުގެ މާނައާއި ބޭނުންތެރިކަމާއި ބަލާޣާތް އެނގި ހާމަވާނެއެވެ. މުދައްރިސުން ޖެހޭނީ މި ފުރުސަތު ދޭށެވެ. މި ކަންކަން ކުރުވުމަށް ރާވާށެވެ.
ޅެން ކިޔަވައިދިނުމަށް ކުރެވިދާނޭ އިތުރު ކަންކަން. ނުވަތަ އުކުޅު:
-         އެކި ބޭބޭފުޅުންގެ އެެކި ޅެމުން މުހިންމު ވާހަކަތަކެއް ހޯދައި އެކި ބައިތުން އެެއްކޮށް ޖަމާކުރެވޭ ސަމާސައެެއް އެެކުލަވައިލުން
-         ދުނިޔަވީ ވާހަކައެެއް، މީސް މީހުންގެ ޅެމުން ތިލަކޮށް އެެކި ޅެމުގެ އެކި ބައިތުން ނެރެރ ލިޔުން.
-         ޅެން ހުށަހެޅުމުން ދެވަނަ ކުއްޖަކު އެ ޅެމުގައި ބުނާ މާނަ ކިޔަމުންދިއުން
-         ޅެމުގައި ހުންނަ މާނަތަކުން ނުވެސް ގުޅޭ މާނައާއި ގުޅޭ ތިލަ މާނައާއި ގުޅުވައިލެވޭ މާނަ ހޯދަންޖައްސައި މަޖަލުގެ ތެރެއިން އުނގެނުމަށް ފުރުސަތު ދިނުން
-         ޅެން ބައިތުތަކާއި މާނަގުޅުވުމުގެ ތެރެއިން އުނގަންނައިދިނުން
-         ލުއި ފޮތް، ލީފްލެޓްފަދަ އީޖާދުތައްކުރުވުން
-         ޅެމުން ޑްރާމާކުޅުވުން
-         ޅެންބައިތުން ވާހަކަ ދެއްކުން، ތަޤުރީރުކުރުން، ދެކެވޭވާހަކަ ކުރިއަށް ގެންދިއުން.

ސާނަވީ ފެންވަރުގެ ޅެން ދެނެގަނެ މާނަކޮށް ހުށަހަޅައިލުމުގެ ޤާބިލްކަން ދަރިވަރުންގެ ކިބައިގައި ހުނަންޖެހެއެވެ. އެހެނީ ބާރަ ވަނަ ދަރަޖައިގައި ކިޔަވައިފައި ނުކުމެ އިޖުތިމާޢީ ކަންކަމުގައި އުޅުނަށް އާދައިގެ ބައިތެއްގައި ބުނާ އެއްޗެއް ސާފުނުވުމަކީ ދިވެއްސެއްގެ ހައިސިއްޔަތުން ލަދެކެވެ.

އަމިއްލަ އުނގެނުން:
1: ސާނަވީ ކުލާސްތަކުުގައި މުދައްރިސުން ގެންދާ، ޅެންމާނަކުރުމުގެ ކުލާސްތަކުން މޮޅު ކުލާސްތަކުގައި ކޮށްފައި ހުރި ކަންކަން ހޯދައި ލިސްޓުކުރާށެވެ. އަދި ދަރިވަރުންގެ ޅެމުގެ މާނަ ރަނގަޅުކުރުމަށް އުނގަންނައިދިނުމުގައި ވިސްނަންޖެހޭ ކަންތައް ލިސްޓުކުރާށެވެ.
2:"ޅެން މުތް" މި ސުރުޚިގެ ދަށުން ކޮންމެ ކުއްޖަކުވެސް އެ ކުއްޖަކަށް މޮޅު ޅެމެއް ގެނެސް ދިވެހި ބަހުގެ އަދަބީ އުސްލޫބަށް ބަލައި ތަޢުރީފުކޮށް ހުށަހަޅާށެވެ. މިގޮތުން ޅެމުގެ ވަޒަނާއި ބަހުގެ އެމުނުމާއި ޝާޢިރުގެ މޮޅުކަމުން ޅެމަށް ގެނެސްފައިވާ އަދަބީ ރަހައާމެދު ވާހަކަދައްކަންވާނެއެވެ. އަދި ޅެމުގެ މާނަ ބުނެދީ ދޭހަވެސް ބުނެދޭންވާނެއެވެ.

ސިފަކުރުމާއި ޚިޔާލު އުފެއްދުން Sifakurumaai Khiyaalu ufedhdhun

ސިފަކުރުމާއި ޚިޔާލު އުފެއްދުން
ލިޔުނީ: އާދަމް ޒާހިރު
"ހާމަވީ  ރީތި މަންޒަރުތަކޭ   ނެތިދަނީ،   މާމަލުން   އޭގެ  ތާޒާކަމޭ  ގެއްލެނީ
ދާމަގުން ދުނިޔެ ހިނގަމުން މިހިރަގެންދަނީ އާ މަގެއްގައި ހިނގޭކަށް ނެތޭ އަންގަނީ"
ތެދެކެވެ. ބަލައިލި ކޮންމެ ދިމާއަކުން މަންޒަރުތަށް ފެނެއެވެ. ބަލައިގެން ހުއްޓައި އެ މަންޒަރު ބަދަލުވެދެއެވެ. ހެނދުނަށް ފެނުނު މަންޒަރުގެ ކުޑަވެސް ނިޝާނެއް ހަވީރަކު ނުފެންނާނެއެވެ. އަދި ރޭގަނޑުގެ އަނދިރިކަން މާދަމާއަކުން ނުފެންނާނެއެވެ. ކޮންމެ ހިނދަކުމެ ތަކުރާރުވާ ދަމަށްވެސް ދައްކަނީ، ފެންނަނީ، އިހުސާސްކުރެވެނީ އާ މަންޒަރެކެވެ. އާ އިހުސާސެއް ގެނެސްދޭ ކުލަވަރެވެ. ފެނި ނެތިދާ މި ބަދަލުތަކުން އަންގަނީ ދުނިޔެއީ މި ބަދަލުތައް ބަލައިގަންނަންޖެހޭ ތަނެއްކަމެވެ. މި ދައުރާވުމަށް ޝުކުރުވެރިވުން ނޫންކަމެއް ނެތްކަމެވެ.
މިއީ ފެށުމުގައި ވާ ބައިތުން އުފައްދައިދޭ ފިކުރެވެ. ސިފަކޮށްދޭ ދުނިޔޭގެ ހާލަތެވެ. ފެންނަން ހުރި މަންޒަރުތައް ނެތިދާކަން ބުނެދޭ ބުނެދިނުމެވެ.
އިންސާނާގެ ޖަމާޢަތުގައި ޅެމަކީ ހީ ނުކުރާ އެތައްކަމެއް ކޮށްދޭ އެހީތެރިއެކެވެ. ލޮލަށް ނުފެންނަ އެއްޗެހި ސިފަކުރުމާއި ފެނި ހާމަވެފައި ވާ ކަންކަމާއި އެއްޗެހި ސިފަކުރުމަީ ޒަމާނުއްސުރެ ޅެންވެރިކަމުގައި އޮތް ކަމެކެވެ. އެހެންކަމުން މިއަދުވެސް ޅެން ހިމެނެނީ މި މަޤާމުގައެވެ.
"ދަ ޕެރަޑައިސް ލޮސްޓް" މިއީ ޒަމާންވީ އިނގިރޭސީ ޅެމެކެވެ. މި ޅެމުގައި ހިމެނޭ ބާރަބައިގައި ކޮށްދޭ ކަމަކީ އިންސާނުންނަށްމިއަދު ހީކުރަންވެސް ދަތި މަންޒަރެއް ސިފަކުރުމެވެ. މި ޅެމަކާހުރެ ސައިންސްވެރިންނަށް އެބައިމީހުންގެ ހޯދުމަށް ގޮފިތައް ފެނިދެއެވެ. މާނައިން، އާދަމްގެފާނާއި ޙައްވާގެފާނަސް ސުވަރުގެ ގެއްލި މި ބިމަށް އަންނަންޖެހުނު ގޮތް ފިކުރަށް ގެނެސްދެއެވެ.
"ޝުޢާއޭ އުންމީދު" މިއީ ޕާކިސްތާނުގެ މަޝްހޫރު ޅެންވެރިޔާ ޢައްލާމާ ޢިޤްބާލްގެ މަޝްހޫރު ޅެމެކެވެ. މުޅި ޅެމުގައި ވަނީ ދުނިޔޭގައި ވުން ނުވާ، އެހެނަސް މި ބިމުގައި ލެއްވި ނިޢުމަތްތަކުން ޙާލަތެއް އުފައްދަވައިފައެވެ. ވަރަށް އަސަރުގަދަ، ވަރަށް ނަލަ މާނަ ފުން ޅެމެކެވެ. ޖުމުލަގޮތެއްގައި ދެންނެވޭނީ މިއީ އިހުސާސްކުރުމުގެ މަތީ ގިންތީގެ ޅެމެއްކަމުގައެވެ.
"ހިތުގެ ޢަޒުމް" މިއީ މޫސާފަތުޙީގެ ޅެމެކެވެ. ޤައުމީ ފިކުރެއްގައި ބޭނުންވާ އުންމީދީ ކަންކަމެއްގެ ވާހަކަ ވަރަށް ހިތްގައިމުކޮށް ގެނެސްެދެއްވައިފައިވާ ޚިޔާލެކެވެ. ޤައުމީ ވިންދު ފެނި ހާމަވާ ޅެމެކެވެ.
"މިފަހަރުކުރި ދަތުރުގަ ޠޫފާނުން ހިތް ކުދި ކުދި ވެއްޖޭ" މިި މިއީ ސިފަކުރުމުގެ މަތިވެރި ނަމޫނާއެކެވެ. ގުޅީ ފަޅަށް ބަންޑުންވި ދޯނިން މަރުވި އެތައް ބައެއްގެ ވާހަކަ ގެނެސްދީ ެ ކަނޑުމަތި ސިފަކޮށް އެެ ހިތާމައިގައި މީހުން ޖައްސުވައި ރޮއްވާ ޅެމެކެވެ. ޖޭމު ދޮންކަމަނަގެ ލަވަތަކުން އަސަރުގަދަ ލަވައެކެވެ. އަދި އާމިނަތު ޙޫސައިންގެ "ލޯފަންކުއްޖެއްގެ ހިތުގެ ސާބިތުކަން" އަކީވެސް އަޖައިބެއްފަދަ ސިފަކުރުމެކެވެ.
ދިވެހި ޅެންތަކާއި އެހެންވެ އަދަބީ މި އީޖާދުން، ލޮލަށް ފެންނަ އެއްޗެހި އިތުރަށް ދޭހަކޮށްދެއެވެ. "އެ ވަޅީގެ މިޔަ ތޫނަސް އެ މިޔައިން މި ހިތް ކޮއްޓާކަން" ދަންނާން ވިސްނުނީ ޅެމުންނެވެ. ހިތާމައަކުން ކުރެވޭ އިހުސާސް ޅެމުން ހާމަކުރާކަންވެސް ވިސްނުނީ  އެފަދަ ޅެމެއް ކިޔައިލުމުންނެވެ. "ތިޔަވީދައިލީ އަހަރެންގެ ސިޓީ ނޫންކަން ހިތަށް އެރީ އެ ހިނދު މި ހިތްވެސް ވީދުނުހެން ހީވީމާ" ކަން" ޅެމުން ވިސްނުނެވެ. ޚިޔާލު އުފެއްދުމާއި އުފެއްދުންތެރިކަން ޅެމުން ސިފަވާން ވެށީ "ޖަހައިގެން މި ބިމާ މި ފިކުރާ އެ ތާކު ރުވައި ހެއްދި ޤައުމީ ގަހަށް މިއަތްތަކުން ފެންދެނީ މި ރޮމުން" ކަން ވިސްނުނީމައެވެ. "ކިތަންމެ ރީއްޗަސް ވަހެއް ނުދުވާ ރަހައެއް ނެތް ފިނިފެން މަލަށް އަތް ދެވުނީ އެތައް ކައްޓެއްގެ ޒަޚަމް މި އަތަށްދީފައި" ކަން އެެނގުނީިމާ، އަދި "ބިމުގެ އެންމެ އަޑީގައިވާ އަލިފާންގަޑު ތޮރުފައިފައި މި ލޮލުގެ ނަޒަރު އަނެއް ފަރާތަށް ނެރުނުހިނދުވެސް އެ ސޫރަ" އަތު ނުޖެހުނުކަން އެނގުނީމާ ދިވެހިޅެމުގެ ފިކުރުތައް ނެރެފައިހުންނަ ގޮތްތައް ނަލަކަން ވިސްނުނެވެ. މިއީ ޚިޔާލާއި ފިކުރާއި ސިފަކުރުމުގެ މަތިވެރި މިސާލުތަކެވެ.


ޅެމެއްގައި ސިފަކުރުން ގެންނާނީ ކިހިނެއް؟
ބަހެއްގައި ސިފަކުރުމުގެ ލަފުޒުކަމުގައި ބަލަނީ ނަންއިތުރެވެ. އަދި ކަންއިތުރެވެ. ދިވެހިބަހުގައިވެސް ނަންއިތުރާއި ކަންއިތުރު އަދާކުރަނީ މިދައުރެވެ. އަދި ސިފަކުރާ މި ލަފުޒުތަކުން ސިފަކޮށްދޭ މިންވަރު އަންގައިދިނުމަށް އިތުރު އޮވެއެވެ. އިތުރަކީ ނަންއިތުރާއި ކަންއިތުރު އިތުރަށް ސިފަކުރުމަށް، ނުވަތަ މިންވަރު ބޮޑުކޮށް ކުޑަކުރުމަށް ބޭނުންކުރެވޭ ލަފުޒެވެ. މިސާލަކަށް "ހާދަ ހެޔޮ ހިތްތަކޭ ނަސްރުގައި ތިޔަވަނީ" މި އިބާރާތުގައި "ހާދަ" އަކީ އިތުރެވެ. "ހެޔޮ" އަކީ ނަންއިތުރެވެ. އަދި އެ ވިންދެއް ވާ ވުމަށް "ނަސްރުގައި" އެބަ ހާލަތު އަންގައިދެއެވެ. މިއީ ބައިތުތަކުން ސިފަކުރުމެވެ.
"ގަންނާކުރެއްވި ބިރުންް ފިލަންދާމީހަކަށް މަ ނުވާނަމޭ"
މި ޢަޖުޒުގައި "ގަންނާކުރެއްވި" މިއީ މާނަނިކަން ފުންކުރެވޭ، އަދި މާނަ ފުޅާކޮށް ބޮޑުކުރެވޭ މާނަހުރި ލަފުޒެކެވެ. މި ލަފުޒުން ކުރާކަމަކީ ބިރުގެ މިންވަރު އަންގައިދެނީއެވެ. ބަހަވީގޮތުން ބަލާނަމަ "ގަންނާކުރެއްވި ބިރުން" މި ދެ ލަފުޒު އެކުގައި ސިފަކުރަނީ ފިލަންދާނޭ ގޮތަށެވެ. އަދި "ގަންނާކުރެއްވި ބިރުން ފިލަންދާ" ސިފަކުރަނީ އެ މީހެއްގެ އެ ޙާލަތުގެ އިހުސާސަށެވެ. މިއީ ސިފަކުރެވެ. ވީމާ މިގޮތަށް ބައިތުތަކުގައި ގެންނަނަމަ އެއީ ސިފަކުރުންކަމުގައި ބެލޭނެއެވެ.
"ހުރަސްތަކާ ދިމާވެދާ ޢަދަދު ނުވާނެ ދަތިތަކުން ފަހަށް ނުޖެހި ދެވޭނެހެން ފަށާށެވީ ގިރާކުރާން"
މަތީގައި އެެވަނީ މުޙައްމަދު އަމީންދީދީގެ ޅެން "ވަޠަންގެ ދަރީންނަށް ގޮވައިލުމެއް" މި ޅެމުގެ ބައިތެކެވެ. މި ބައިތުގައި އެ ހިމެނެނީ ރިވެތި ބަސްކޯޅިތަކެކެވެ. "ދަތިތައް" ސިފަކުރުމަށް "ހުރަސްތަކާ ދިމާވާ" އާއި "ޢަދަދު ނުވާނެ" ގެނެސްފައި އޮތުމުން ޤައުމެއްގެ އިސްތިޤްލާލާ ކުރިމަތިވާ ކަންކަމުގެ މިން، ޙާލަތު އެބަ ސިފަކުރެވެއެވެ. ކަންކަމުގައި ހުންނާންވާ ހައްސާސްކަން އެބަ ހާމަވެއެވެ. އަދި ހަމަ މިބައިތުގައި ސިފަކުރުމަށް ގެނެސްފައިވާ "ފަހަށްނުޖެހި" އެ ސިފަކުރަނީ ދާންވީ ގޮތާއި ދިއުމަށް ސަމާލުވާންވީ މިންވަރެވެ. މި ބީދައިން "ފަހަށް ނުޖެހި ދެވޭނެހެން" މި ބަސްކޯޅި އެ ސިފަކުރަނީ ގިރާކުރާންވީ ގޮތެފވެ. ތުރާތަށް ގިރާކުރަން ކުރަންވީ ކަންކަމާއި އެ ކަމެއްކުރުމުގެ މިންވަރާއިގޮތެވެ. އެހެންވީމާ ޅެންވެރިކަމުގެ ކޮންމެ ބާވަތެއްގައި މި ބީދައިން ސިފަކުރުން ގެނެސްފައި ހުންނަންކަން އެެބަ ހާމަވެއެވެ.
ސިފަކުރުން ގެނައުމުގައި މިސާލުޖެހުމަކީވެސް ޅެންވެރިންކުރާކަމެކެވެ. އެއްފަދަކުރުމާއި އަޅާއި ކިޔުމާއި މިންކުރުމަކީވެސް މީގެ ތެރެއިން ވާ ކަންކަމެވެ. "އަހުރެންގެ މޭ ޤައުމަށްޓަކައި އައްޑަނައަކަށް ދިއްކޮށްލުމީ" މި ގެތުމުގައި މޭ އެެވަނީ އައްޑަނައެއްގެ ސިފައަށް ވިސްނުމަށް މަޖުބޫރުކޮށްފައެވެ.
"ހުޅުވިފައިވާނަމަ ހިތުގެ ލޯތަށް އެކީ ހުޅުކޮޅެއްހެން ދާނެޔޭ ފެނި އަލި އެކީ' މި ބައިތު (ވާހަކަޅެން)ގައި ހިތުގެ ދުށުން ލޮލަށް ވިސްނަން އެބަ ޖައްސައެވެ. ޚިޔާލީ ލޮލެއް ގެނެސް ތަންތަން ބަލަން އެބަ ޖައްސައެވެ. އެ ތަންތަނުގެ ވާހަކަތައް ކިޔައިދޭން އެބަ ޖައްސައެވެ. ހަމަ މިފަދައިން "އިމާރާތްތައް ނުހަނު މަތިވެރި ޚަޒާނާތައް ނުހަނު އަގުހުރި ދިމާޔަށް ހާމަވެވިފައިހުރި ނިޔާމަ އަރާމު ހުހރި ތަނެކޭ". އިބްރާހީމް ޝިހާބުގެ ޅެން "ސުވަރުގެ" ގެ މިބައިތުގައި އެވަނީ އުސް އިމާރާތްތައް ސިފަކޮށް ސުވަރުގޭގެ އުމްރާނަށް ފިކުރުކުރަން ޖައްސައިފައެވެ. މުއްސަނދި ޚަޒާނާތައް ތަސައްވަރުކުރަން ޖައްސައިފައެވެ. އަދި އެފަދަ ތިޔާގި މީހުންގެ ފިކުރުން މިސާލުނަގަން ޖައްސުވައިފައިވުމުން މިއީ މިސާލުޖެހުމުން ސިފަކުރުން ނޫނީ ނުވާނެއެވެ.
ކޮންމެއަކަސް ޅެމުގައި ސިފަކުރުމީ ޢިލްމީ ފަންނީ ކަމެކެވެ. އަދަބީ ބާރުގެ ފިކުރުން ނެރެގެން ކުރާ ކަމެކެވެ. އޮތީ ދަސްކުރުމެވެ.
 
ޅެމުގައި ޚިޔާލު އުފައްދައިފައި ހުންނަ ގޮތްތައް:
ޚިޔާލަކީ އިންސާނާގެ ވެށީގައި ތަޖުރިބާކުުރާ ކަންކަމުން ހިތުގެ ބިނާގައި ކުރެވޭ ފިކުރެކެވެ. އާ ފިކުރާއި އާ ޚިޔާލު އުފެދެނީ ތިމާ ކުރާ ތަޖުރިބާތައް ދެނެ ހިއްސާކުރުމުގެ ތެރެއިންނެވެ. "ޢަސްރު ދިޔައީ ގެއްލިގެން" މި ޅެމަކީ އެ ޝާޢިރުގެ ޙަޔާތުން ކުރެވުނު ތަޖުރިބާކަމަށް ގިނަ ބަޔަކުު ޤަބޫލުކުރެއެވެ. އެހެނަސް އެ ރުއިމާއި ވޭނީ ތަދު އެ ކިޔައިދިން ގޮތާއި ޅެމުގައި އެ ކަންކަމަށް ކިޔުންތެރިންގެ ފިކުރު ޙާޒިރުކުރި ގޮތް އެއީ ފަންނުވެރިކަމުގެ ޚިޔާލުގެ ބާރެވެ. މިއީ ކުޅަދާނަ އަދަބީ ފަންނެކެވެ.
ޙަޔާތުގެ އުސްލޫބުން ނެރެގެން "ދިޔަވަތް ރަނގަޅު އޮޑި ރިޔަލަށް ކެރެންޏާ ކިޔައި މާނަތައް ނެރުމަކީވެސް ޚިޔާލެެވެ. ދުވަހަކު ލޯބީގެ ތަޖުިރިބާ ނުކުރާ މީހަކުވެސް އޭނާގެ ވެށިން ފެންނަ ކަންކަމުގައި "ބަނދެވި ހިތުގެ ފުނުން ރޯ ރުއިމާ" ގުޅުވައިގެން ޅެން ހަދައި ސިފަކޮށްފައިހުރެއެވެ. މީގެ މިސާލަކީ "ކޯރެއްގެ ސާހިލެއްގައި" މި ޅެމެވެ. ސައިކުރާ އިބްރާހީމް ނަޢީމުގެ އީޖާދީ އަދަބެކެވެ. ޚިޔާލު ބިނާކުރުމުގެ މަތިވެރި އުފެއްދުމެކެވެ.