ޅެމުގެ މާނައިގެ އަދަބު
ލިޔުނީ: އާދަމް ޒާހިރު
ވިސްނައިފިކުރު ބޮކަރުން ކުރަން ބުއްދިން ކަމެއް
ވަސްލައިކުރަން
ޗިސްކޮށް ފެނުން ދިޔައެއް ނެރެން ހިތަކުން ހުހަށް
ފަށަމާ ހިނގާ
އާދޭހެވެ. ވާނެއެވެ. ނެތްކަމެއް ނުވާނޭކަމެއްކަމާށް
ނުވިސްނާށެވެ. ޢިލްމުވަނީ ލައްވަވައިފައެވެ. ޙިލްމުވަނީ ދެއްވައިފައެވެ.
ހޯދުންވަނީ ހުއްދައިގައެވެ. އަތްފަތިލޮލާ ބުއްދިފިކުރު ހިންގާށެވެ. އިންސާނީއިން
މިކަމަށް އެންމެ މާތް މަޚުލޫޤެވެ.
އަދަބީގޮތުން
ފަރުމާގެ ސިފަ ތަފާތަސް އަދި އެ ބާވަތެއް އުފެދުމުގެ އަސްލަކީ ތަޖުރިބާގެ ކޮންމެ
ބާވަތެއްކަމުގައި ވިޔަސް ހުށަހަޅައިދިނުމުގައި ތަފާތުވެދާނެއެވެ. ބަސްމަގުގައި
ފަރަޤު ހުރެދާނެއެވެ. މިގޮތުން ފާހަގަކުރެވޭ މާނައިގެ ތަފާތަށް އަދަބުގެ ތަފާތޭ
ކިއިދާނެއެވެ. ޅެމުގައި މި ތަފާތު ހުންނަ ނަމަ މާނައިގެ ތަފާތޭ ބުނެވިދާނެއެވެ. މި
ތަނުގައި "ޅެމުގެ މާނައިގެ އަަދަބު" ކަމުގައި ބެލެވެނީ ޅެމުގައި މާނަ
ހުށަހަޅައިދީފައި އޮތް ގޮތުން އަންނަ ބަދަލާއި އަދަބީ ސިފައަށެވެ.
ޅެމުގެ މާނައިގެ
އަދަބާ ބެހޭގޮތުން މާ ބޮޑު ދިރާސާއެއް ނެތްކަމުގައިވިޔަސް ބަހަވީ ފޮތްތަކުގައި
ޅެންވެރިކަމުގެ ވާހަކަ ދެކެވިގެންދާއިރު ޅެމުގައި މާނަ ފޮރުވައިފައި އޮންނަ
ވާހަކައާއި ތިލަކުރާން ކޮށްފައި ހުންނަ މަސައްކަތްތަކުގެވާހަކަ ލިޔެފައި
ހުރެއެެވެ. އެވެނި މިވެނި ޅެމެއްގެ މާނަ ވަނީ ޅެންވެރިޔާގެ ބަނޑުގައޭ ކިޔައި
ވާހަކަދައްކައިފައި ހުރެއެވެ.
ޅެންވެރިކަމުގައި
ސާފު ސީދާ ތިލަ މާނަކުރެވޭގޮތަށް ޅެން ހުރުމަކީ ބައެެއްފަހަރު އަޑުއަހައިލާން ކަމު
ނުދާ ކަމެކެވެ. ޢިޝްޤީ ބައެއް ވާހަކަތަކާއި ސިފަކުރުންތައް މިފަދައިންވެއެވެ. ހަމަ
އެހެންމެ ކޮންމެހެން ޅެމުގައި ހާމަކުރަންޖެހިފައިމެ، އެ ހާމަކުރުމަކާހުރެ ތުއްތުކުދިން،
ދަރިންގެ ކުރިމަތީ ކިޔާން ކަމު ނުދާގޮތް ހުންނަ ޅެންވެސް ހުރެއެވެ. މިފަދަ
ޅެންޅެމަށް އެއީ އަދަބި ފާޑުވެރިކަންކަމުގައި ނޫނީ ނުކިޔޭނެއެވެ. އެހެނީ މިއީ
އަދަބީގޮތުން ކުރެވޭ ކަމެއްކަމުގައި ވާތީއެވެ.
ދިވެހި
ޅެންވެރިކަމުގެތެރޭގައިވެސް ޤައުމީ، ދީނީ، ސިޔާސީ، ޢިޝްޤީ، ޢިލްމީ، އިޖުތިމާޢީ، ސިއްޙީ، ޅެން ހުރެއެވެ. އަދި މި ނޫނަސް ބާވަތްތައް ހުރެއެވެ. މި ބާވަތްތައް ވަކިކުރެވޭނީ
ދައްކައިފައި ހުރި ވާހަކަތަކާއި ހުށަހަޅައިދީފައި ހުރި މަޢުލޫމާތާއި
ހާމަކުރުމުންނެވެ. މިހިރަ ބާވަތް ވަކިކުރުން އަދަބީގޮތުން ފާހަގަކުެރވޭތީ ދިވެހި
ޅެންވެރިކަމުގައި މާނައިގެގޮތުން ޅެމުގެ ބާވަތްތައް ވަކިކުރެވޭކަމުގައި
ބެލެވެއެވެ.
"ހޭވާ ހޭވާ
ނެތިހޭ މިދަނީ" މިއީ އެތައް ބައެެއްގެ ހިތްތަކަށް އަސަރުކުރުވާ، އިޖުތިމާޢީ
އެެތައް ކަމެއް ސިފަވާ، ޢާއިލީ ވިންދު ދެނެގަނެވޭ ފަރިއްސެކެވެ. މި ޒަމާނުގައި
މިޔުޒިކާއެކު ކިޔައިފައި ވުމުން ބައެއް މީހުންގެނަޒަރުގައި ލަވައެކެވެ. ނަމަވެސް
މި ޅެންވެރިކަމުގައި ބުނެދޭ ވާހަކައަށް ބަލާއިރު މިއީ އާއިލީ ލޯބީގެ
ވާހަކައެއްކަމުގައި ބުނެވިދާނެއެވެ. އަދި އިޖުތިމާޢީ ފަންނުވެރިކަމުގެ
ޅެމެއްކަމުގައާއި ސަޤާފަތާއި އާދަކާދަ ހާމަވާ ޅެމެއްކަމުގައިވެސް ބުނެވިދާނެއެވެ.
"އަސް ތިޔަ މޫނޭ
ހުވަފެނުން ދުށީ ރޭގައި" މިއީވެސް ލަވައެކެވެ. މަޝްހޫރު ޅެމެކެވެ. މި
ލަވައިގައި ހުރި ބަސްމަގާއި ހާމަކުރުމަށް ބަލާއިރު މިއީވެސް ލޯބެކެވެ. އުންމީދެއް
ހާމަކޮށް، ސިފަކުރުން ހިމެނޭ ސިފަކުރާ ޅެންވެރި އަދަބެއް މިއިން ފެނެއެވެ. އިސްވެ
ދިޔަ ފަރިއްސާ އަޅާ ބަލާއިރު ހާމަކުރުމުގައި ތަފާތުކަމެއް އެބަހުއްޓެވެ. ނަމަވެސް
މި ދެ ލަވައަކީ، ނުވަތަ ޅެމަކީވެސް ލޯބީގެ ވާހަކައެވެ. ދެ ޅެމުގެ ޅެންވެރިކަމުގައި
ހުރި ބަސްމަގަށް ބަލާއިރު އަޑުއަހަން ފަސޭހައީ ކޮން ޖަމާޢަތަކާއެކު ކޮން ކޮން
ދަނޑިވަޅެއްގައިކަން ވިސްނައިލައިފިނަމަ ނަފީކުރާނޭ ޖަމާއަތް ވާނެއެވެ. މި ކަން
ކުރަނީ ޅެމުގައި ހުރި އަދަބީ ބާވަތުގެ ގޮތުންނެވެ.
"މަންމާ މިދޭ
އިޙުތިރާމް، ގެންދޭ އެތައް ހާސް ސަލާމް" މިއީވެސް ޅެންވެރިކަން ހެޔޮ
ލަވައެކެވެ. ޅެންވެރިކަމުގައި ފަންނުވެރި ފިކުރެއް ހުރި ޅެމެކެވެ. މަންމައަށް އޮތް
ލޯތްބާއި ކުރެވޭ ޤަދަރާއި އަގުކުރުން ހާމަވާ ތަޢުރީފުވެސް އޭގައި ހިމެނޭ ޅެންވެރި
ލަވައެކެވެ. އަޑުއަހައިލަން މަނާކުރާ ވެއްޓެއް ނުވާނޭ ލަވައެކެވެ.
"އަލި ވޮށޭ
ތިޔައީ... އެންމެ މާތް ނަބަވީ" މިއީވެސް ތަޢުރީފާއި ސަނާ ހިމެނޭ
ޅެންވެރިކަމެއް ފެންނަ އަދަބެކެވެ. ބާވަތުގެ ގޮތުން ކިޔަނީ މަދަޙަކަމުގައެވެ.
ބަސްމަގު ރީތިވެފައި ފަންނުވެރިކަމުގެ ގޮތުން ލަފުޒުތަކުގެ ހައިވަތިކަން
އިތުރުވެފައިވާ ޅެމެކެވެ. ނަމަވެސް ބައެއް ކިޔުންތައް މާނަކޮށްދޭންޖެހެއެވެ.
"ޤައުމަށް އައި
މިނިވަން ނޫރާނީ ދައުރުން މި ހަނދާންތައް އާކުރަނީ" ފެށި ލަފުޒުންވެސް
އެނގޭގޮތުގައި މިއީ ޤައުމީ ފިކުރެއްގެ ޅެންވެރިކަމެކެވެ. އިވޭހިނދު ހިތްތަކަށް
ވަހުދަު ވައްދައިދޭ ލަވައެކެވެ. ޤައުމީ ވަހުދަތާއި އިސްތިޤުލާލު ވިސްނައިދޭ
ލަވައެކެވެ. ޅެމުގެ ބަސްކޮށާރުން އެނގޭގޮތުގައި މިއީ ވަޠަނީ ޅެމެކެވެ.
މި މަދު މިސާލުތަކުންވެސް
ވިސްނުނު ގޮތުގައި ކޮންމެ ބާވަތަކީވެސް މުހިންމު ބާވަތެކެވެ. ކޮންމެ
މާނަކުރުމަކީވެސް އަދަބީ ބޭނުންތަކަށް މުހިންމު މާނަކުރުންތަކެކެވެ. ހަމަ މިއާއެކު
ވިސްނެނީ އަދަބުގައި ކުލައާއި ވަހާއި ރަހަ ތަފާތުކޮށް ލިސްޓުކުރެވޭން ބައިވަރު
އިހުސާސް ހުރި ކަމެވެ. މިއީ ބަހުގެ އަދަބެވެ. ލަފުޒުތަކުން ތިލަކުރަނީ
މާނަކުރުމުގެ އަދަބެވެ. އިންސާނާއަށް ވިސްނައިދެނީ ޅެންވެރިކަމުގެ އަދަބީ
ތަފާތެވެ.
No comments:
Post a Comment