ދަތުރުނާމާއެއް
މުދައްރިސުންގެ ދުވަހުގެ ހިތި ދަތުރު
އާދަމް ޒާހިރު
(ކުރޮޅި)
ނޯޓް: މިއީ ޚިޔާލީ
ދަތުރެކެވެ. އެއްވެސް ތަންފުކެއްގައި ޙަޤީޤަތެއް ނުވާނެއެވެ. ފަހަރެއްގައިވެސް
ޙަޤީޤަތަކާ އެއްގޮތްވިނަމަ އެއީ އިއްތިފާޤެކެވެ. މީހެއްގެ ޙާދިސާއާ ދިމާވިނަމަވެސް
އެއީ އިއްތިފާޤެކެވެ.
މިއަދަކީ ދުނިޔޭގައިވެސް ކަނޑައެޅިގެން މުދައްރިސުންގެ ދުވަސް ފާހަގަކުރާ
ދެވަނަ ދުވަހެވެ. ދެވަނަ އަހަރެވެ. އަހަރެންނާއި އަހުރެންނާ އެެކު މަޖީދިއްޔާ
ސްކޫލުގައި މަސައްކަތްކުރާ ގިނަ މުދައްރިސުންތަކެއް ދުވަހުގެ މުނާސަބާގައި ކުރަން
ރޭވިފައިވާ އުފާވެރިކަމުގެ ދަތުރަށް ތޮށިގަނޑު ދޮށަށް އެއްވެ ތިއްބެވެ. ދުނިކޮޅު
ދޯނި އޭރު ވަނީ ދަތުރައް ތައްޔާރުކޮށްފައެވެ. މަޑުކޮށްގެން ތިބީ އީސަބޭ
އަންނަންދެނެވެ. އިސާހިތަކު އެ މުދައްރިސްވެސް އަތުވެއްޖެއެވެ. "ކޮބާ އަރާ
މިހާރު މާ ލަސްވެއްޖެ" ގޮވައިލި އަޑަށް އަހަންނާއި ދެންތިބި އެންމެންވެސް
ދޯންޏަށް އަރައިގަތެވެ. އަހަންނާއި މާވަށު ޢަބްދުﷲ ދިޔަގޮތަށް ގޮސް ދޯނީގެ
ދިރުނބާކޮޅުގައި އިށީނދެއްޖައީމެވެ.
ދޯނީ ކަނޑިންމައިން ނުކުމެއްޖެއެވެ. ދޯނިތެރެއިން "އަހާ މަހަށްދާން
ތެދުވޭ..." ގެފޯރި ގަދަ އަޑު އިވެއެވެ. ސްކޫލުގެ ނާޒިރު ޒަމީރު ނަގާކިޔުއްވާ
ލަވައާއެކު ފޯރި ގެންނަން ވިއްސަކަށް ޓީޗަރުން ތިއްބެވެ. ލަވައިގެ ޖޯޝާއެކު
ބާރުވަމުން އަންނަ މަޑު ހޫނުވައިގެ ތެރެއިން އުޑަށްބަލައިލެވުނެވެ. އެއީ މޫސުން
ރަނގަޅު ކަނޑު މަޑު ދުވަހެއްކަން ކަނޑުގެ ކުދި ކުދި ފުއްކަރު ބާނީތަކުން
ދޭހަވެއެވެ. ނަމަވެސް އެ ދުވަސް މިހިތުން ދުވަހަކުވެސް ނުފިލާނެއެވެ. ދުވަހުގެ
ތާރީޚު އަދިވެސް ހިތުގައި އެބައޮތެވެ. އެއީ 5 އޮކްޓޯބަރ 1995 ވީ ބުރާސްފަތި ދުވަހެެވެ.
ދަތުރު ކުރަމުން ދިޔައީ ކާށިދޫއާ ދިމާއަށެވެ. މާ ބާރަށް ދުވާ ދޯންޏެއް
ނޫންކަމުން ކަނޑަށް ނުކުމެވުނީ ދެގަޑިއެއްހާއިރުގެ ދުވެއްޔަކަށްފަހުގައެވެ. އެ
ކަނޑުވެސް މާކަ ގަދައެއް ނޫނެވެ. އެހެންކަމުން ދިރުނބާކޮޅުގައި ތިބީ ދުވެލީގެ
އުފާވެސް ލިބިގަންނަމުން އިންޖީނުގެ އަޑު މަޑު ހިސާބެއްގައި ތިބެވުނީތީ މަޖަލާއި
އުފަލުގެ ޢިލްމީ ވާހަކަތަކަށް ގެއްލިފައި ތިބީމެވެ. އެ ހިމޭންކަމަށާއި ދަތުރުގެ
އުންމީދީ އުފަލަށް ހުއްޓުންއައީ އެހެން ތިއްބައި ދޯންޏަށް އައި ކުއްލި
ލޮޅުމަކުންނެވެ. ދިރުނބާކޮޅު ހިއްލިގެން ދިޔަ ބާރުމިނުގައި އަޅުގަނޑާއި އަބްދުﷲ
ދިޔައީ ވިއްސައިގެންނެވެ. ދެން ވީގޮތް އެނގުނީ ބަޔަކު މޫނުގައި ފެން
އުނގުޅަމުންގޮވާއަޑަށެވެ. ދޯނީގެ އިންޖީނުގޭގެ މަތީގައި ބާއްވައިގެން
ހޭހަންކުރަމުންދިޔައެވެ. ފައިގައި އައްސިކަމެއް ހުއްޓެވެ. ތެދުވުން މަނާކޮށްފައި
އޮތީތީ އަރާމުކޮށްލަން އޮތީއެވެ. އިންޖީނުވަނީ ނިއްވައިލައިފައެވެ. "ދޯނި
ބަލައި ފުލުހުން އެބަ އާދޭ" މީހަކު ބުނެލިއެވެ.
ދޯނި މެދުން ބިންދައިގެން ދިޔައީއެވެ. ބުނެވޭގޮތުގައި ކުއްލި ލޮޅުމަކާއެކު
ދޯނި އިރައިގެން ދިޔައީއެެވެ. ފައިބަރ ދޯންޏެއްކަމުގައިވިޔަސް މިކަން ވެއްޖެއެވެ.
އެއްބަޔަކު ބުނަނީ ދޯނީގެ ދަށުން މެދާހިސާބުން މާވަރެއް ތިލަވީއެވެ. އަނެއްބަޔަކު
ބުނަނީ އެއްޗެއް ޖެހުނު އަޑުއެހީމޭއެވެ. އެއީ މިޔަރަކަށް ނޫނީ ނުވާނެއެވެ.
އަނެއްބަޔަކު ބުނާގޮތުގައި ނޭނގޭ އެއްޗެއް ދޯނީގައި ޖެހިގެންފައި ދިޔައީއެެވެ.
ކޮންމެއަކަސް ދޯނީގެ ދިރުނބާކޮޅު ބުރި އޮތީ ދުރުގައިކަން އެނގުނެވެ. ޢަބްދުﷲ
ކޮބައިތޯ ބަލައިލާން އަހައިލުމުން ބުނީ ކަނޑުގައިކަމަށެވެ. ވަރަށް ގިނަ ފިރިހެނުން
ކަނޑުގައި އެހީތެރިވަނީކަމުގައި ބުންޏެވެ. ދަތުރުގެ ނިމުންއައިކަން އެނގުނީ އެހިސާބުންނެވެ.
އަހަރެންގެ ފައި އޮތީ ބިނދިފައެެވެ. އައްސިވެފައި އޮތީ އެހެންވެކަން
މިރިޔަގަލަ ބުނީމާ އެނގުނެވެ. ސްކޫލުގެ އާރޓް ޓީޗަރު މިރިޔަގަލާ
ކިޔައިދިންގޮތުގައި ދޯނި ބިންދައިގެން ދިޔަވަގުތު އަހަންނާއި ޢަބްދުﷲ ވިއްސައިގެން
ދިޔައެވެ. އަހަރެން ވެއްޓުނީ ދޯނީތެރެއަށެވެ. ޢަބްދުﷲ ދިޔައީ ކަނޑައެވެ. އަދި ފިޒިކްސް
ޓީޗަރ ސުމަތުޖީރު ނުފެންނަކަމަށާއި އިސްލާމް ޓީޗަރު ސާފިރާ ވަރަށް ހާލުގައި
އޮތްކަމަށް ބުންޏެވެ. ވާފިރާ ކަނޑަށްވެއްޓި އަޑިޔަށް ދަނިކޮށް މީހަކު
ނަގައިފައިވާކަމަށާއި ފަރުވާދެމުންދާކަމަށް ބުންޏެވެ.
އެހީތެރިވުމަށް ފުލުހުން އައެވެ. ހީވާގޮތުން އަހަރެން ހޭޖެހުނުތާ 5
މިނިޓެއްހާއިރު ފުލުހުން އައިސް ގިނަބަޔަކު ކޯސްޓްގާޑަށް އެރުވިއެެވެ.
އަހަރެންވެސް އޭގެތެރޭގައި އެރުވިއެވެ. އޭރުވެސް ކަނާތުފައިގެގ އައްސިކަން
ނުފިލައެވެ. އައިޖީއެމްއެޗުންފަރުވާދީފައި ދޫކޮށްލީ އެރޭ 12 ޖެހިފަހުންނެވެ. އެހެން
މީހުންގެ ޚަބަރު ބަލައިލެވުނީ ގެއަށްގޮސް ގޭ ފޯނުން ގުޅައިލެވިގެންނެވެ. އޭރުވެސް
ވާފިރާގެ ހާލު ދަށެވެ. އަދި ސްމަތުޖީރު ނުފެނެއެވެ. އެއި ދަތުރެކެވެ. ދުވަހަކުވެސް
ހަނދާނުން ނުފިލާނެ ދަތުރެކެވެ. ދެ ދުވަސްފަހުން ސާފިރާ މި ދުނިޔެ ދޫކޮށްފިއެވެ. އަދި
އަދަށްވެސް ސްމަތުޖީރު ނުފެނެއެވެ. (ނިމުނީ)
No comments:
Post a Comment