ތަޢުލީމީ ޙައްޤަށް ޤާބިލް މުދައްރިސުން
އާދަމް ޒާހިރު (ކުރޮޅި) 3 އޮކްޓޯބަރ 2018
"މުދައްރިސުންގެ ދުވަސް" ހަނދާނަށް އައީ 1991 ވަނަ އަހަރު އޭރުގެ މުދައްރިސުންގެ ތަޢުލީމީ މަރުކަޒުގައި ކޯހެއް ހަދަމުން ދިޔައިރު އަޅުގަނޑުގެ ހިތަށް އެރި ސުވާލެކެވެ. "މުދައްރިސުންނަށް ޚާއްސަ ދުވަހެއް އޮވޭބާވައެވެ؟" ޖަވާބު ވަރަށް ފަސޭހައި މީހަކު ދިނެވެ. "ނޯވެއެވެ" މިފިކުރު ކުރެވުނު ދުވަހެވެ. ދެރަވެސް ވިއެވެ. އެއީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރި ދުވަހެއްގައި އުފެދުނު ސުވާލެކެވެ. ސާފުވިކަމަކީ އެ ހިސާބަށް ބައިނަލްއަޤްވާމީ ގޮތުން މުދައްރިސުންގެ ދުވަހެއް ފާހަގަނުކުރާކަމެވެ.
ޝައްކެއް ނެތެވެ. މުދައްރިސުންގެ ދުވަހަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް ފާހަގަކޮށް އެކި ކަންކަމާ ވިސްނައިލަން މުހިންމު ދުވަހެއްކެވެ. މުދައްރިސުންނަކީ ޙަޤީޤަތުގައި ޤައުމުގެ ތަރުބިއްޔަތުގެ މަޤްޞަދު ޙާޞިލުކުރާން އަރުވާޖަހައިގެން ތިބޭ މާތް ޝަޚްސުންނެވެ. ޙަޔާތުގެ ޢިލްމީ ގޮވަތީގެ ޢިލްމީ މާހިރުންނެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ ވައިސްޗާންސެލަރ ޑރ ޢަލީ ފަވާޒް ޝަރީފް، މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް ދަރިވަރުވާ އެދުރުން ބޭއްވި ޙަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން 3 އޮކްޓޯބަރ 2018 ގައި ވިދާޅުވިއެވެ. "އެންމެ ބޮޑަށް އިންފުލުއެންސް ކުރެވޭނޭ ބަޔަކީ ޤައުމެއްގައި ޓީޗަރުން". އެމަނިކުފާނު އެ މާނަކުރެއްވީ ޤައުމެއް ހެޔޮ ކުރުމާއި ކުޅަދާނަކުރުމާއި ނުބައިކުރުމާއި ޤާބިލްކުރުމުގެ ބާރުވެރިންނަކީ މުދައްރިސުންނޭއެވެ. ތެދުފުޅެކެވެ. މި ބަސްފުޅަށް އަޅުގަނޑުވެސް ތާއީދުކުރަމެވެ.
މި ދަނޑިވަޅުގައި އިތުރު ވާހަކައަކަށް ނުގޮސް މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ޤައުމުގެ ލޮބުވެތި ހުރިހާ މުދައްރިސުންނާއި މުދައްރިސްކަމުގެ މަޤާމު ފުރާ ހަމަ ކޮންމެ ބޭފުޅަކަށާއި އެ ވާޖިބަށް ވިސްނާ ފިކުރުކުރާ ކޮންމެ ދަރިއަކަށް ދުވަހުގެ ތަހުނިޔާ އަރިސްކުރަމެވެ.
ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހަކީ މީލާދީ ކޮންމެ އަހަރެއްގެ އޮކްޓޯބަރުމަހުގެ 5 ވަނަ ދުވަހެވެ. ދުނިޔޭގައި މި ދުވަސް، ދުނިޔޭގެ މުދައްރިސުންެގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ފެށީ 1994 ވަނަ އަހަރުއެވެ. ޔޫއެންގެ ނިންމުމާއެކު އެދުރުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް ޢިލްމީ ހައިސިއްޔަތެއް ދޭ ކަންތައްތަކެއް ހިމެނޭހެން މި ދުވަސް ކަނޑައަޅައި ފޯރިއާއި ޖޯޝާއެކު ފާހަގަކުޅައީ 1994 ވަނަ އަހަރުއެވެ. ނަމަވެސް ތަޢުލީމީ ޤާނޫނެއް ފާސްކޮށް، ތަޢުލީމަކީ އެންމެނަށް ލިބިދޭންޖެހޭ އަސާސީ ޙައްޤެއްކަމުގައި ކަނޑައެޅުނުތާ މިއަހަރު 70 އަހަރު ފުރޭނެއެވެ. އެހެނީ ޔުނައިޓެޑް ނޭޝަންގެ ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓުސް ގައި ތަޢުލީމަކީ އިންސާނާއަށް ލިބެންޖެހޭ ޙައްޤެއްކަމުގައި ކަނޑައެޅިގެން ދިޔައީ 1948 ގައެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ޢިލްމު އުނގެނުމާއި އުނގަންނައިދިނުމަކީ ފޯރުކޮށްދޭންޖެހޭ އަދި ލިބިދޭންޖެހޭ ޙައްޤެއްކަމުގައި، މީގެ 1440 އަހަރުކުރިން އަމުރުކުރައްވައިފައެވެ. އަދި މުސްލިމުންގެ އަސާސެއްކަމުގައި ކިޔެވުން ލައްވައިފައެވެ. އެހެންކަމުން މުދައްރިސްކަމާއި ޢިލްމު ހޯދުމުގެ މަސައްކަތާއި ޢިލްމު ލިބިގަތުމަކީ ދީނީ ކަމެއްކަމުގައިވެސް ދަންނަވައިލަންޖެހެއެވެ. މި މަތިވެރި މަޤާމުތައް ފުރާ ހަމަ ކޮންމެ ނަފުސަކަށް މި ދުވަހުގެ ސާބަހާއި ތަޢުރީފު ޮކންމެ ދުލަކުން ބުނެލުން ޙައްޤެވެ.
މުދައްރިސުންގެ ޙައްޤުތަކާއި ފެންވަރާއި ޢިލްމީ ހެދި ފޯދުމަށް ކުރިއެރުންއެދި ދުނިޔޭގެ ކަމާބެހޭ މުއައްސަސާތަކުން އަންނަނީ ސާބިތު ޝިޢާރުތަކެއް، ކޮންމެ އަހަރަކުމެ ކަނޑައަޅަމުންނެވެ. މިގޮތުން މިއަހަރުގެ މުދައްރިސުންގެ ދުވަހަަށް ކަނޑައަޅައިފައިވާ ބައިނަލްއަޤްވާމީ ޝިޢާރަކީ:
“The
right to education means the right to a qualified teacher,”
ޝައްކެތްނެވެ. "ތަޢުލީމީ ޙައްޤު ހޯދައިދިނުމަކީ ތަޢުލީމީ ޤާބިލް އެދުރުން ބިނާކުރުމެވެ". އިސްވެ ދިޔަ ޝިޢާރުން ގިނަ ބަޔަކަށް މާނަކުރެވެނީ މި ގޮތަށެވެ. ދުނިޔޭގެ ޢިލްމީ ދިރާސާކުރުންތެރިންގެ ހޯދުންތަކުން ހާމަވެފައިވާގޮތުގައި ޢިލްމީ ތަރުބިއްޔަތެއް ފުރިހަމައަށް ފޯރުކޮށްދެވޭނީ އެކަމުގެ ތަމްރީނާއި ހުނަރު ލިބި ހުރި އެދުރުން އުފެއްދިގެންނެވެ. އެހެންކަމުން މިއަދުގެ ހަމަ ކޮންމެ މުދައްރިސަކު، އެ ހުރި ޤާބިލްކަން އިތުރުކުރުމަށް އުނގެނެން މަސައްކަތްކުރުމުގެ ރޫޙު މުޅި ދުނިޔޭގައި އެބަ އޮތެވެ. ދިވެހި އެދުރުންވެސް ޖޯޝާއެކު މި ރޫޙުގައި ޔުނިވަސިޓީތަކާއި ކޮލެޖުތަކުގައި އުނގެނެމުން އެބަ ދެއެވެ. ލިބިފައި ހުރި ތަމްރީނަށް އިތުރު ކުރިއެރުން ހޯދުމަށް އަބަދުމެ އުނގެނެނީއެެވެ. ވަކިން ވޭތުވި 5 އަހަރެއްހައި ދުވަހަކީ ދިވެހި ތަޢުލީމީ ދަނޑުގައި އުނގެނުމުގެ ރޫޙު އިންތިހާއަށް ހިނގައިގެންފައިވާ މޫސުމެކެވެ. ނަމަވެސް ތަމްރީނުކުރުމުގެ ގިނަ ޕްރޮގުރާމްތަކެއްގައި ހިއްސާކުރާ ތުރާލަކީ ތަމްރީނު ދިނުމުގައި އެކަށޭނަ އުނގެނުން ލިބި ކަމުގެ ހުނަރު ފުރިހަމައަށް ހާސިލުކުރުމަށް ލިބޭ ފުރުސަތު ކުޑަވުމެވެ. ތިމާމެން ބޭނުންވާ މިންވަރަށް ދެނެ ތަޖުރިބާކޮށްގެން އުނގެނޭ އެދުރުން މަދުވުންކަމުގައިވެސް އެ ދިރާސާތަކުގައި ވެއެވެ.
އެންމެ ފަހުގެ ހޯދުންތަކުން އެނގޭގޮތުގައި ދުނިޔޭގެ 196 ޤައުމުގެ 7.2 ބިލިޔަން އާބާދީގައި ތަޢުލީމަށް އެދި، އެކަށޭނަ އެދުރުން ނުލިބި ތިބި ކުޑަކުދިންނާއި ތަޢުލީމީ ޢުމުރުގެ ނަފުސުގެ ޢަދަދަކީ 264 މިލިޔަނެވެ. ޔުނެސްކޯއިން ހާމަކުރާގޮތުގައި 2030 ވަނަ އަހަރު ނިމުމުގެކުރިން މި ކުދިންނަށް ޢުމުރާ ގުޅޭ ތަޢުލީމެއް ދިނުމަށް މަސައްކަތްކުރަންޖެހެއެވެ. މި މަޤުޞަދަށް ވާޞިލުވުމަށް 69 މިލިޔަން އެދުރުން ދުނިޔެ ބޭނުންވެއެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި އެދުރުންގެ ނިސްބަތް، އާބާދީގެ ނިސްބަތުން މަދެވެ. ނަމަވެސް ﷲގެ ރަޙުމަތްފުޅާއެކު ރާއްޖެއަކީ ދަރިވަރުންގެ ނިސްބަތުން އެންމެ ފުދުންތެރި ޤައުމޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. 2015 ވަނަ އަހަރުގެ ރިޕޯޓްތަކުން ހާމަވާގޮތުގައި ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވަމުން ދިޔައީ 88340 ދަރިވަރުންނެވެ. ޚިދުމަތުގައި ތިބީ 8812 މުދައްރިސުންނެވެ. މާނައަކީ ކޮންމެ 11 ދަރިވަރަކަށް މުދައްރިސެއްގެ މަގުން ޚިދުމަތްދީފައިވެއޭއެވެ. މިއީ މި ރާއްޖޭގައި އުފާކުރަންޖެހޭ ނަތީޖާއެކެވެ.
އިސްވެ ދެންނެވުނު ނިސްބަތުން މުދައްރިސުން ތިބިނަމަވެސް މިއަދު ފާހަގަކޮށްލަންޖެހޭ އަނެއްކަމަކީ ކަމުގެ ލޯބި މަސައްކަތުގެ އަގަލާއި ކުލުނު، ފަންނުވެރިކަމުގެ އިޚުލާސްތެރިކަން، ފޯރުކޮށްދިނުމާއި ޒިންމާ އުފުލުގެ ޤާބިލްކަން އަދުގެ ބައެއް އެދުރުންގެ ކިބައިގައި ނަތްކަމުގެ ޝަކުވާއާއި ކަމަށް ލިބިފައިވާ ޤާބިލްކަމުގެ އަހުލުވެރިވުން ނެތް ކަމުގެ ވާހަކަތައް ކަމުގެ ޢިލްމީ ތަޅުންތަކުގައި ދެކެވޭކަމެވެ. މި ކަންކަމުގެ ހައްލަކަށް އަނެއްކާވެސް ކޯހެއް، ޕްރޮގުރާމެއް ހަދައި ސަނަދު ހޯދެއެވެ. ނަމަވެސް ޝަކުވާ އެބަހުއްޓެވެ. ސުވާލަކީ ފަރުވާއަކީ ދެން ކޮބައިބާވައޭއެވެ.
ޑރ. މުޙައްމަދު ލަޠީފު، 3 އޮކްޓޯބަރ 2018 ގައި ދެއްކެވި ވާހަކަފުޅެއްގައި ވިދާޅުވަނީ ހުރިހާވެއް ފަރުވާއަކީ "ލަވް" ކަމުގައެވެ. ވިދާޅުވީ "މުދައްރިސުންގެ ޚިދުމަތުގެ ސިފައަކީ ރޫޙަކީ އެލް.އޯ.ވީ.އީ" އެވެ. މާނައަކީ ކަމުގެ ހުނަރާއި ޚިދުމަތުގެ މައިދާނާއި ވާޖިބަށް އޮންނަންވާ ލޯތްބާއި ކުލުނު ހުރިއްޔާ އެ މައިދާނުގެ އަމާޒު ކާމިޔާބުވީއޭއެވެ. މިފަދަ މުދައްރިސުން މި ޤައުމުގައި އެބަ ތިބިވެސް މެއެވެ. އެއީ މުސާރައަަކަށް، ބުރަކަމަކަށް، ބެލުމެއް ނެތި، ކަމުގެ "ލޯބި" އޮތީތީ ވާޖިބު އަދާކުރާ މުދައްރިސުންނެވެ.
މުދައްރިސުންނަކީ ކޮންމެ ޤައުމެއްގައިވެސް އަގުހުރި ޚިދުމަތްތަކެއްކުރާ ބައެކެވެ. އެ ޖަމާޢަތުގެ ދީނާއި އެޤައުމާއި އެ ބައެއްގެ ސަޤާފަތާއި އާދަކާދައާއި ފުދުންތެރިކަން ހިމާޔަތްކުރާނޭ ދަރިން ދިރުވަނީ އެދުރުންނެވެ. ދިފާޢުގެ އައްޑަނައަކަށް ނުކުންނާނޭ ޒުވާން ޖީލު ނުކުންނަނީ އެ އެދުރުންގެ ހިތްމަތާއި މިންނަތުން ތަރުބިއްޔަތުވެގެންނެވެ. މަސައްކަތްތެރި ހީވާގި ކެރޭ ޝަޚުސުތައް ބިނާކުރަނީވެސް ހަމަ އެ އެެދުރުންކުރެ ޤައުމީ ހިތްތަކެއް ދިރިފައިވާ ހަށިވެރި އެދުރުންނެވެ. ރެއާއި ދުވާލު ސްކޫލުތަކަށް ޙާޒިރުވެ، ރޭގަނޑާއި ލިބޭ ހުސްވަތުތުގައި އެ ދަރިވަރުންގެ ފޮތްތަކަށް "ގެއްލިގެން" ތިބެ ޚިދުމަތްދެނީ ކެރި ހެއު ދުޢާއާއެކުގައެވެ. ވީމާ ދެންނެވެން އޮތީ އެދުރުންނަކީ މުޅި ދައުލަތުގެ ފުރާނަކަމުގައެވެ.
ޢިލްމީ ގިނަ ލިޔުންތަކެއް ލިޔެފައިވާ، އެމެރިކާގެ ލިޔުންތެރިޔާ މަގީ ގެލަހަރގެ ނަޒަރުގައި ދުނިޔޭގައި ވާޖިބާ ހަވާލުވެ ޒިންމާ އުފުލާ މުދައްރިސަކީ އެންމެ މޮޅު މުދައްރިސެވެ. އެރިސްޓޮފަރގެ ނަޒަރުގައި މޮޅަށް މީހަކު ޢިލްމުވެރިކޮށް ތަރުބިއްޔަތުކުރާ މީހާއީ އެ މީހަކަށް ދިރުމެއް ދިން މީހެއްފަދައެވެ. ތެދެކެވެ. ދަސްކޮށްދިނުމަކީ އެފަދަ ޚިދުމަތެކެވެ. އެއީ މުދައްރިސަކު އަދާކުރާނޭ މުހިންމު ވާޖިބެކެވެ. ނަމަވެސް މި ކަންކަން އެނގޭއިރުވެސް މިހިރަ ޢިލްމީ ފިކުރުތައް ބައެއް މީހުން ޤަބޫލު ނުކުރާކަމީ ހިތާމައެކެވެ.
މުދައްރިސުންގާތު ބެލެނިވެރިން، ޚުދު މުދައްރިސުންވެސް ބެލެނިވެރިއެެއްގެ ޝަޚުސުގައި ބުނާ، އިއްވާ، ނުވަތަ މަޝްވާރާއަށް ހުށަހަޅާ އެތައް މިލިޔަން ކަމެއްގެތެރެއިން މި ނުކުތާތައް މުދައްރިސުންގެ ދުވަހު ހަނދާންކޮށްލުމީ މުހިންމުކަމެކެވެ. އެހެނީ މިއީ މުދައްރިސުންގެ ރޫޙަށް އިސްލާޙާއި ހެދިފޯދުން އިތުރުވާނޭ ހަނދާންކުރުމެކެވެ. ބެލެނިވެރިން ބުނެއެވެ.
-
އަހަރެންގެ ދަރިފުޅު ހާދަދަށޭ
-
އަހަރެން ބުނެ ބުނެ ގޭގައި ދަރިފުޅު ފޮތެއް ނުކިޔާ
-
މި އުޅެނީ ދަރިފުޅު ބަސް ނާހައިގެން
-
ނަމާދު ނުކުރާނަމަ ކިހިނެއް ހަދާނީ މިސް..
-
މަގޭ ދަރިފުޅު ނުކައޭ މިސް.. ބުނެ ބުނެވެސް ނުކައި.
-
ހާދަލަހުންނޭ މި ދަރިފުޅު ހޭލަނީ.. އަދި ނިދަނީވެސް ވަރަށް ލަހުން
-
މިސްމިސް.. މި ދަރިފުޅު ކޯޗެއް މި ދަސްކުރަނީ ސްކޫލުން.
-
ނަމާދެއް ނުކުރޭ، ޤުރުއާނެއް ނުކިޔަވާ،،،
-
އަޚުލާޤު ހެޔޮކުރުމަށް މި ދަރިފުޅަށް ކީއްކުރިއްޔާތޯ ރަނގަޅުވާނީ.
މިއީ މަދު ވާހަކަކޮޅެކެވެ. ނަމަވެސް މި ނުކުތާތަކަށް ވިސްނައިލުމުން އެނގެނީ ޤައުމުގެ ދަރިންނަށް ހުނަރެއް ދަސްކޮށްދޭނަމަ އެކަން ވާނީ އެދުރުންނަށް ކަމެވެ. ދަރިއަކު ހެޔޮކޮށް ކަމެއް ކޮށްފިނަމަ، ހެޔޮކަމެއް އާދަކޮށްފިނަމަ އެއީ އެދުރުންގެ ތަރުބިއްޔަތުކަމެވެ. ވީމާ މިއީވެސް މުދައްރިސުންގެ ދުވަހުގެ ހަނދާނާއެކު ވިސްނައި އުފާކުރަންޖެހޭ ކަމެކެވެ. ރައްޔިތެއްގެ އުފަލަކީ މުދައްރިސުންނެވެ. ޖަމާޢަތުގެ މަސްލަޙަތަކީވެސް ޤާބިލް މުދައްރިސުންނެވެ. ޤައުމެއްގެ ހަމަޖެހުމާއި ހިނިތުންވުމަކީ އެދުރުންގެ މަސައްކަތެވެ. ރައީސް މައުމޫނު ޢަބްދުލްޤައްޔޫމު، ފަހުބަހުގައި ލިޔުއްވައިފައިވެއެވެ. "މުޖުތަމަޢުގެ ފަރާތުން ޢިލްމު އުނގަންނައިދޭ ފަރާތްތަކާ ޙަވާލުކުރަނީ ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ. އެއީ އަދުގެ ތުއްތުކުދިން އަދި މާދަމާގެ އުންމީދުތައްކަމަށްވާ ޒުވާނުން ފުރިހަމައަށް ތަރުބިއްޔަތުކޮށް ޤައުމާއި މުޖުތަމަޢަށް ފައިދާކުރާނެ ބައެއްގެ ގޮތުގައި ބިނާކުރުމުގެ ބުރަމަސައްކަތެވެ."
ކޮންމެއަކަސް މުދައްރިސްކަމަކީ ވަރަށް މާތް ވާޖިބެކެވެ. އިސްލާމީ ހިދާޔަތުގެ ކޮންމެ ދިމާއަކުން ފެނިފައިވަނީ މުދައްރިސްކަމެވެ. ދުނިޔެ އާރާސްތުކުރުމަށް އާބާދީ، ފިކުރީގޮތުން ދުޅަހެޔޮކުރިތަނެވެ. ޖަމާޢަތްތައް ނުވަތަ ޤަބީލާތައް ފުދުންތެރިވާން ނުކުމެގެން ދިޔަ ނަސޭހަތާއި އުސޫލުތަކެވެ. ކުރިމަގަށްޓަކައި ބާރުވެރިކޮށް ތިބުމަށް ކޮންމެ ނަފުސެއްމެ ކުރަންޖެހޭ ރުކުންތަކާއި ވާޖިބުތަކެވެ. މަސައްކަތުގެ ދާއިރާގައި އިންސާނުން ޙަރަކާތްތެރިވާންވީ ގޮތްތަކާއި ނަފުސު ތަރުބިއްޔަތުވާންވީ ގޮތްތަކެވެ. މިއަދު މުދައްރިސުންވެސް ކުރަނީ މި ކަމެވެ. މި ބުރަ ޒިންމާ ބަލައިގަނެ މަރުޙަބާ ދަންނަވަމުން ދުވަހުގެ ހެޔޮ އެދުން ދިވެހި ލޮބުވެތި އެދުރުންނަށް ދަންނަވަމެވެ. ނިންމައިލަމުން ދަންނަވާނީ "ތަޢުލީމީ ޙައްޤު ހޯދައިދިނުމަކީ ތަޢުލީމީ ޤާބިލް އެދުރުން ބިނާކުރުމެވެ." ތިޔަ އެެދުރުން މަސައްކަތްކޮށްގެން އިތުރު އެެދުރުން ދުނިޔެއަށް ނެރެށޭއެވެ. (ނިމުނީ)
No comments:
Post a Comment