30.8.16

އަޅުގަނޑު ކިޔަވައިގެން ވާހިތްވަނީ ... Mazumoonu Namoonaa


އަޅުގަނޑު ކިޔަވައިގެން ވާހިތްވަނީ ...
ލިޔުނީ: އާދަމް ޒާހިރު (ކުރޮޅި)
(އެސްއެސްސީ އިމްތިޙާނުގެ ކުދިންނަށް އެހީއެއް) 
ކޮންމެ މީހެއްގެވެސް އުންމީދެއް ވާނެއެވެ. ކިޔަވައި ނިމުމުން ކުރާނޭ ކަމެއް ވިސްނާނެއެވެ. އަޅުގަނޑުވެސްމެއެވެ. ﷲގެ ވާގިފުޅާއެކު ރަނގަޅު މޮޅު ބޭސްވެރި ޑޮކްޓަރަކަށްވުމަށް ވިސްނަމެވެ. ވަރަށް ގިނަ ގޮތްގޮތުން ވިސްނައިފައެވެ. އެހެނީ މިއީ ދީނީގޮތުން ބޭނުންތެރި މުހިންމު ޚިދުމަތެކެވެ. މި ޤައުމަށް، މި ދިވެހި ޖަމާޢަތަށް ބޭނުންވެފައިވާ މުހިންމު މަސައްކަތެކެވެ. ތަރައްޤީގެ މި ޒަމާނަށް ބޭނުންތެރި އަދި ޢިލްމީ މަސައްކަތަކަށް މި މަސައްކަތް ވެއެވެ. އަދި ކޮބައިތޯއެވެ. ރަނގަޅު މުސްތަޤުބަލެއް އޮތީ މިފަދަ ހުނަރުވެރި ޢިލްމީ މަސައްކަތެއްގައެވެ. ވީމާ މި ކަންކަމާހުރެ އަޅުގަނޑުގެ ހިތުގައި ކުރާހިތްވާ އަދި ޝައުޤުވެރި މަސައްކަތެއްކަމުގައި ޑޮކްޓްރީކަން ވީއެވެ. އެހެންކަމުން މި ކަން ޤަބޫލުކުރާތީ ޑޮކްޓަރަކަށްވުމަށް ޢަޒުމް ކަނޑައެޅީއެވެ.
ވިސްނައިލަމާތޯއެވެ. ދީނީގޮތުން ބަލާއިރު އިންސާނުންނަށް ބޭސްކުރުމުގެ ވަޒީފާއަކީ ބޭނުންތެރި މުހިންމުކަމެއްކަމުގައި ވެއެވެ. އެ އިންސާނުންގެ ވެށީގައި ދެމިތިބުމަށް ދުޅަހެޔޮކަމަށްޓަކައި ކޮންމެހެން ބޭނުންވާ އެއް މަސައްކަތަކީ ބޭސްވެރިކަންކަމުގައިވެއެވެ. އަދި ޖަމާޢަތުގައި ފެތުރޭ ބަލިތައް ނެތިކޮށްލުމަށް މަސައްކަތްކުރާނޭ މީހުން ތިބުމީ، އިސްވުމީ، އުފެދުމީ ދީން ބާރުއަޅާކަމެއްކަމުގައި ޢިލްމުވެރިން ބުނެއެވެ. ތިމާމެންފަދަ މީހުނަށް ކުރިމަތިވާ ބަލިމަޑުކަމުން އެ ފަކީރުން މިންޖުކޮށްދޭން، ކޮންމެސް ބަޔަކު ތިބެންޖެހެއެވެ. ސަޢުދުﷲ ޢަލީ (ހަވީރުގައި ލިޔުއްވައިފައިވާގޮތުގައި) އިސްލާމްދީނުގައި އަމުރުވެވިގެންވާ އެންމެ މުހިންމު އެއް މަސައްކަތްކަމުގައި ބޭސްވެރިކަމުގެ ޚިދުމަތް ދިނުން ހިމެނެއެވެ. އެެހެންކަމުން، ދީނީގޮތުން މިފަދަ އަމުރެއް އައިސްފައިވީތީ ބޭސްކުރާ މީހަކަށްވުމީ އަޅުގަނޑަށް މުހިންމުކަމެއްކަމުގައިވަނީއެވެ.
އާދޭހެވެ. މި ދިވެހި ފަސްގަނޑަށް ބޭނުންވެފައިވާ އެއް މަސައްކަތްކަމުގައި ޑޮކްޓަރުން އުފެދި އިތުރުވުން ހިމެނެއެވެ. އެހެނީ ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން މެދުފަންތީގެ ޤައުމެކެވެ. އާބާދީގައި ބަލިމަޑުކަން ފެތުރޭ މިންވަރާއި ބަލިތަކުގެ ބާވަތްތަކަށް ބަލާއިރު ނިސްބަތުން ޑޮކްޓަރުން މަދު ޤައުމެކެވެ. މިހާރުވެސް އެކި އެކި ބަލިބައްޔަށް ޚާއްސަ ޑޮކްޓަރުން މި ރާއްޖެއަކު ނެތެވެ. 2012 ވަނަ އަހަރުގެ ރާއްޖޭގެ ތަފާސްހިސާބުން އެނގޭގޮތުގައި ދިވެހި ރައްޔިތުންކުރެ ކޮންމެ ފަސްހާސް މީހަކަށް ޑޮކްޓަރެއްވެސް ނެތެވެ. އޭގައި ބުނާގޮތުން ކޮންމެ ފަންސާސް މީހަކަށް ޑޮކްޓަރެއް ހުރުމީ މުހިންމު ކަމެކެވެ. ވީމާ މި ދިވެހި މި އުންމަތުގެ މި ބޭނުން ފުއްދައިދިނުމަށް، މި ޖަމާޢަތުގައި މަސައްކަތްކުރާނޭ ޑޮކްޓަރަކަށްވުމަށް މި ހިތް މަޖުބޫރުކުރުވައެވެ.
މުހުތާދަކީ އިންސާނާއަށް މަގުދައްކާ އެއް ސަމުގާއެވެ. މި ޒަމާނުގައި މި ސަމުގާ ދެކޭށެވެ. ފެންނާނީ ބޭނުންތެރި ޢިލްމީ މަސައްކަތަކަށް ޑޮކްޓަރީކަން ވެފައިވާތަނެވެ. ވަރަށް މުހިންމު ޤަދަރުވެރި ބޭނުންތެރި ޢިލްމެއްކަމުގައި ބޭސްވެރިކަމުގެ ޢިލްމު ހިމެނިފައިވާތަނެވެ. ރާއްޖޭގެ ތަރައްޤީއަށް އެދޭ ފަރާތްތަކުން ޑޮކްޓަރީ ޢިލްމުގެ މީހުން ބޭނުންވެގެން ގޮވާތަނެވެ. ނަމަވެސް އެކަށޭނަ މިންވަރަށް އަދިވެސް ދިވެހި ޢިލްމީ، ހުނަރުވެރި ޑޮކްޓަރުން ނެތްތަނެވެ. 2016 ވަނަ އަހަރުގެ، ދިވެހިރާއްޖޭގެ ތަޢުލީމީ އަމާޒުތަކުގެ ތެރޭގައި، ދިވެހި ޑޮކްޓަރުން ތަމްރީނުކޮށް އިތުރުކުރުން މުހިންމުކަމަކަށް ކަނޑައަޅުއްވައިފައިވެއެވެ.  އެހެންކަމުން ޒަމާނާ ގުޅޭ ބޭނުންތެރި ޢިލްމީ ބޭސްވެރިކަމުގެ ޢިލްމު އުނގެނުމަކީ އަޅުގަނޑުގެ ޝަޚްސީ ޢަޒުމެވެ.
އިންސާނާ އަބަދުވެސް ކަޅި އަޅާނީ މުސްތަޤުބަލަށެވެ. ވާން އޮތްތަނަށެވެ. މި ނަޒަރުން ރާއްޖޭގެ ކުރިމަގު ބާލާއިރު ފެންނަނީ ޑޮކްޓަރީކަމުގައި ހެޔޮ މުސްތަޤްބަލެއް އޮތްތަނެވެ. އެހެނީ؛ ރާއްޖެއަކީ ވަޒީފާ ގިނަ ޤައުމެއް ނޫނެވެ. ކުރާނޭ މަސައްކަތް އިތުރުވާ ތަނެއް ނޫނެވެ. ނަމަވެސް ޑޮކްޓަރުކަން ފަދަ މަޤާމުތަކަށް އަދިވެސް ފުރުސަތު އެބަ އޮތެވެ. މި ކަންކަމަށް ހުރި މަޤާމުތައް ވަނީ ހުސްކޮށެވެ. މީގެ އިތުރަށް މި މަޤާމަކީ އެކަށީގެންވާ އާމްދަނީއެއްލިބި މީހުންގެ ރުހުން ލިބެން އޮތް މަޤާމެއްކަމުގައި އަބަދުވެސް ވާނެއެވެ. އިންސާނާ ދިރިއުޅޭހާ ހިނދަކު މި މަޤާމު ހުސްވުމެއް ނެތެވެ. މިނިސްޓްރީ އޮފް ހެލްތުން 2016 ވަނަ އަހަރުގެ މެއިމަހު ދެއްވި ނޫސްކޮންފަރެންސަކުން އެނގޭގޮތުގައި މިހާރުން މިހާރަށްވެސް 300 އަށްވުރެ ގިނަ ޑޮކްޓަރުން ރާއްޖޭގެ އެކި ހިސާބަށް ބޭނުންވެއެވެ.  މިއީ ވަޠަނީ އާދޭހެކެވެ. މި މުހުތާދު ފުދުމަށް ބާރެއްކަމުގައިވީތީވެސް، މި ޢިލްމީ ޝަރަފަށްޓަކައި ޑޮކްޓަރަކަށް ވާޖެހެއެވެ. އަޅުގަނޑުގެ ނިޔަތަކީ މިއީއެވެ.
ޑޮކްޓަރީކަމަކީ އަޅުގަނޑު ކުރާހިތްވާ އަދި ޝައުޤުވެރި މަސައްކަތެކެވެ. ވަރަށް ކުޑައިރުއްސުރެ ޝައުޤު އުފެދުނު، އަބަދުވެސް ދަހިވެފައި ހުރި މަޤާމެކެވެ. އަޅުގަނޑު، މަތީ ތަޢުލީމަށް ކިޔެވުމުގެތެރޭގައިވެސް ޑޮކްޓަރީކަމަށް އިތުރު ޝައުޤެއް ދެވުނެވެ. ކިޔެވުމުގެތެރޭގައި އެނގުނު މަޢުލޫމާތުން، މީހުންނަށް ޖެހިފައި ހުންނަ ބަލިތަކާހުރެ އުފުލާ ވޭންތަކުން އެ އަޚުންނާއި އުޚުތުން ސަލަމަތްކޮށްދޭހިތްވިއެވެ. މި ކަން ވާން އޮތީ މި ދަނޑަށް ނުކުމެގެންނެވެ. ތަޢުލީމީ ނަފުސާނީ ޢިލްމުވެރިން ހާމަކުރާގޮތުގައި ދަރިން މޮޅަށް، ފަންނުވެރިވެ، ކިޔަވާނީ އެ ދަރިން ޝައުޤުވެރިވާ ކަންކަމެވެ. އެ ހުނަރާއި މަސައްކަތެވެ. އަދި ކަމުގެ ފާޑުވެރިކަމާއެކު ކުރެވޭނީވެސް ޝައުޤު ހުރި ކަމެކެވެ. އެހެންކަމުގައިވާނަމަ މިއީ އަޅުގަނޑަށް ޚާއްސަ މަސައްކަތެކެވެ. ޑޮކްޓަރީކަމަކީ އަޅުގަނޑު ވަރަށް ޝައުޤުވެރިވާ ކަމަކަށްވީތީ ﷲ އިރާދަކުރެއްވިއްޔާ ކިިޔަވައި މޮޅުވެގެން ކުރާނީ ޑޮކްޓަރީކަމެވެ.
ޢަމަލީ މައިދާނަށް ނުކެވުމާއެކު ޤައުމަށް ޚިދުމަތެއް ކޮށްދިނުން އެއީ ވަޠަނީ ވާޖިބެކެވެ. މި ވާޖިބުގައި އަޅުގަނޑު ނުކުންނާނީ ޑޮކްޓަރީ ފަންނަށެވެ. މިއީ ދީނީގޮތުން ކުރަން އަންގަވައިފައިވާ ކަމަކަށްވީތީ އެވެ. ދިވެހި މި ޖަމާޢަތުގެ ބޭނުން ފުއްދައިދިނުމަށް މުހިންމު ދަނޑަކަށް ނުކުންނަނ ހިތްވެއެވެ. ޒަމާނާ ގުޅޭ ބޭނުންތެރި ޢިލްމީ ޝަޚްސަކަށްވުމަށެވެ. ވަޠަނީ މި ޢިލްމީ ޝަރަފަށްޓަކައި ޑޮކްޓަރަކަށް ވާހިތް އަބަދުވެސް ކުރަމެވެ. ވީމާ ޑޮކްޓަރީކަމަކީ އަޅުގަނޑު އުންމީދެވެ. އިރާދަކުރެއްވިއްޔާ ކިިޔަވައި މޮޅުވެގެން މި ދިވެހިންގެ ޚާދިމަކަށްވާނަމެވެ. ކުރާނީ ޑޮކްޓަރީކަމެވެ. ބޭހެވެ. އިންސާނީ އެހީތެރިއަކަށްވެގެންނެވެ. މި ނިޔަތުގައި ﷲ ބަރަކާތް ލައްވާށިއެވެ. އާމީން.

22.8.16

ދެކޭށޭ ވިރޭ ހިތް މިވޭނުން Lava Kurolhi Dhekeyshey virey hiiy


ދިވެހިބަހުގައި ޤާބިލް މުއްސަނދި ޤަވައިދެއް ވޭ. Kurolhi Mazumoonu


ދިވެހިބަހުގައި ޤާބިލް މުއްސަނދި ޤަވައިދެއް ވޭ.

ދިރާސާކޮށް ލިޔުނީ: އާދަމް ޒާހިރު 20 އޯގަސްޓް 2016  

ލިޔެލާ ހެދޭ ނަންކަން އިތުރު އަދި ކަންވިޔަސް ކަންއިތުރަކަސް
                  ލިޔެވޭނެހަމަ ގޮތް އޮވެ ހިނގާ ޤާބިލް މިއީ  ދިވެހިންގެ ބަސް
ނަސްލީ ނަމާ ފުށުވީ  ބަހާ  ޙާލަތު  އައިސް  ބަދަލުން ދިރޭ
                  ގަސްދާނުލައި ހެދި ފޯދިފައި  ހަމައެއް މެ އޮތް ބަސް މީ ދިރޭ

ޝައްކެއް ނެތެވެ. އެންމެ އެވޭލާ ލިޔުންތަކުންނާއި، ބަހުގެ ޤަވައިދާއި ހަމަ ދެނެގެން ދިވެހި ވެށީގައި ދިރުނު ބަނޑޭރި ޙަސަންމަނިކުފާނާއި ނައިބު ތުއްތުގެ ލިޔުއްވުންތަކުގެ އެމުނި އެކުލެވުންތަކުންވެސް ދިވެހިބަހުގެ ރިވެތި ހަމައާއި ޤަވައިދު ފެނި ދެނެގަތުމަށް އެބަ އެބަ އޮތެވެ. އުފެދުނު ޒަމާން އެނގި ނުދާ ހިސާބުގައިވެސް ދިވެހި ބަސްމޮށުމުގެ ހަމައިން ބަހުގެ އެކުލެވުމަށް އުސޫލެއް ބިނާވެފައި އެބަ އޮތެވެ. މި ކަން މިއަދުގެ ދިރާސީ ނަޒަރުތަކަށް ތިލަވާނެއެވެ. 

ދިވެހި ބަހުގެ ޤަވައިދު ފޮތް ވަރަށް ފުރިހަމައެވެ. އެ ފޮތުގެ މުސްކުޅިކަމާއެކުވެސް ވަރަށް ގިނަ ހަމައާއި އުސޫލު އެ ފޮތުން ލިބި ދެނެގަނެވޭން އެބަ އޮތެވެ. ނަމަވެސް މި ޒަމާނަށް ބަލާއިރު ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ދިވެހިބަހުގެ ޤަވައިދުގެ ބައެއް ހޯދުންތަކަށް ޤަވައިދުގެ ހައިސިއްޔަތީ ނަމެއް ދޭންޖެހިފައިވާކަމެވެ. މީގެ އެއް މިސާލަކަށް ދާނަމެވެ. "ޢާންމުކޮށް ބޭނުންކުރެވޭ ބައެއް ބަސް ބަހާއި އޭގެ މާނަ" މި ސުރުޚީގެ ދަށުން ބަހުގެ ޤަވައިދުފޮތުގެ 175 ފަނަ ސަފުޙާގައި އެ ހުރި ޖަމާކުރުން ފުރިހަމައެވެ. ބޭނުންތެރިއެވެ. ނަމަވެސް އެ ޤަވައިދު ނަން ބަލައިގަންނަން މި ޒަމާނަށް އުނދަގުލެވެ. ކޮންމެ ގޮތެއްވިޔަސް ދިވެހިބަހުގެ ހަމަ، ޤަވައިދު އެބަ އޮތެވެ. އުސޫލެއް ކަނޑައެޅިފައިވެއެވެ. ހޯދުންތަކެއް ޖަމާކޮށްފައި އެބަހުއްޓެވެ. 

ދުނިޔޭގެ ދިރާސާތަކުން އެނގޭގޮތުގައި ފުރިހަމަ ކޮންމެ ބަހެއްގައިވެސް ހުންނަންޖެހޭ ބައިތަކެއްވެއެވެ. ބަހުގެ ދިރާސާކުރުންތެރިއެއްކަމުގައިވާ ޖިއުލިއޯ ބެނެޑެއްތި  (Giulio Benedetti) 2009 ގައި ކޮށްފައިވާ ދިރާސާއެއްގައި ހާމަކޮށްފައިވާތޮތުގައި ކޮންމެ ބަހެއްގައިވެސް ހިމެނޭ އެންމެ އަސާށީ ބައިތަކަކީ އަޑާއި އަޑުގެ އުސޫލެވެ. އަޑުތަކުގެ ތަފާތުތަކާއި އަޑު ލިޔުމުގެ ނިޒާމެވެ. މިއީ ތެދެއްކަމުގައިވާނަމަ މި ޝަރުޠު ދިވެހިބަހުގައި ހަމަވެއްޖެއެވެ. 

ދިވެހިބަހަކީ އަމިއްލައަ ޑުގެ ނިޒާމެއް ހިމެނޭ، އަދި ލިޔުމުގެ އުސޫލަކާއި އަކުރެއް ކަނޑައެޅި ސުކުން އަޑާއި ފިލި އަޑު ވަކިވާ ބަހެކެވެ. އަދި ސުކުން އަޑުގެ ތަފާތު ދެނެގަނެވޭ ހަމައާއި އުސޫލު ހަމަޖެހި ވަކިކޮށް ދެނެގަނެވޭ ބަހެކެވެ. 

އަރިއާނާ ވުޑްލީގެ ލިޔުމެއްގައިވެއެވެ. ކޮންމެ ބަހެއްގައިވެސް ނަމާއި ކަން ވަކިވެ ނަން އިތުރާއި ކަން އިތުރު އޮތުމަކީ އެބަހުގެ ޤާބިލްކަމުގެ އަލާމާތެކެވެ. އަދި ކަމުގެ ޒަމާންތައް ވަކިވުމާއެކު މި ބައިތަކުގެ މެދުގައި އޮންނަ ގުޅުމުން މާނަ ބަދަލުވާ ގޮތްތައް ދެނެގަނެވޭނޭ ނިޒާމެއް ބަހުގައިވާނަމަ އެއީ އެބަހުގެ މޮޅު ސިފައެކެވެ. 

ދިވެހިބަހުގެ މި ދެންނެވި ހަމަ މާ ފުރިހަމައަށް އެބަ ހުއްޓެވެ. އިނގިރޭސީ ބަހުގައި ކިޔާ "ކޮންޖަކްޝަން" ދިވެހިބަހުގައި އެ ހައިސިއްޔަތު ނެތިދާނެއެވެ. ނަމަވެސް ގުޅުވާ އަކުރާއި ދޭދޭ ބުނުންތަކުގެ ވަކިކުރުމާއި އިދިކޮޅާއި އެއްކޮޅު ވަކި ކޮށްދޭ އަކުރު އެބަ ހުއްޓެވެ. ވަކި ޒާތަކަށް މާނަ ގެނައުމަށް ދިވެހިބަހުގެ ހަމައިގައި އަކުރުތައް ވަކިވެފައި ވެއެވެ. ބައެއް ޤަވައިދު އެއް ޤަވައިދުން އަނެއް ޤަވައިދަށް ނަގުލުކުރުމަށް ގުޅުވާ އަކުރުވެސް އެބަހުއްޓެވެ. ވަކިވެ ސާފުކޮށް ބުނެދެވޭވަރަށް މި ޤަވައިދު ލިޔެވިފައި ވެއެވެ. ދިވެހިބަހުގެ ޤަވައިދު ފޮތުގެ 173 ވަނަ ސަފުޙާ ބައްލަވާށެވެ. އަކުރުގެ ލިސްޓް މަދެއް ނޫނެވެ. 

"އެންޓާނިމްސް" އަދި "ސިނަނިމްސް" އަކީ ބަހުގެ ސިންޓެކްސް އުސޫލުން ބަލައިގަނެވޭ ބަހުގެ ހަމައެކެވެ. ދިވެހިބަހުގެ ޤަވައިދުގައި ނެތްކަމަށް ބަޔަކަށް ޤަބޫލުކުރެވޭ ހަމައެކެވެ. އަދި ޤަވައިދުފޮތުގައި ނެތްކަމަށް ވިސްނޭ ހަމައެކެވެ. ނަމަވެސް ބަހުގެހަމައިގައި މި ޤަވައިދުވެސް އެބަ އޮތެވެ. ބަސްފޮތުގައިވެސް މި ހަމަ ބުނެދީފައި އެބަ އޮތެވެ. މިގޮތުން އެއްކޮޅު ލަފުޒާއި އިދިކޮޅު ލަފުޒާއި، އިދިމާނައިގެ ލަފުޒާއި ބައިވެރިވާ ލަފުޒު ލިޔެ ހާމަކުރެވިފައިވެއެވެ. 

އިދިކޮޅުބަހުގެ ގޮތުގައި، އިދިލަފުޒުގެ ގޮތުގައި ބެލެވޭ ބައެއް މިސާލަށް ވިސްނައިލާށެވެ. ރުޅިއާއި ރައްޓެހި، ކުރު ދިގު، ފަލަ ހިމަ، އަދި ދިޔާ ހިކި، އުހާއި ތިރި، މައްޗާއި ދަށް، މޮޅާއި ދެރަ ފަދަ ކިތަންމެ ލަފުޒެކެވެ. މިއީ އެންޓަނިމްސްގެ މަދު މިސާލެކެވެ. ހަމަ މި ބީދައިން އެއްކޮޅު ލަފުޒާއި ބައިވެރިވާ ލަފުޒަށް ވިސްނައިލަމާތޯއެވެ. ރައްޓެހި އެކުވެރި މިތުރު، ބޮޑު މާ ބިޔަ ގިނަ އިން އެއް ސިނަނިމްގެ ޤާބިލްކަން އެބަ ފެނެއެވެ. ވީމާ ދިވެހިބަހުގައި ހަމައާއި އުސޫލެއް އެބަ ވެއެވެ. 

ސެމެންޓިކްސްގެ ހަމައަކީވެސް ދިވެހިބަހުގެ ހަމައިން ފެންނަ ޤަވައިދުގެ ހަމައެކެވެ. ޖުމުލައެއްގައި ލަފުޒު އެކުލެވޭގޮތަކުން، ހިމެނި ބޭނުންހިފިފައި އޮތް ގޮތަކުން އެއަށް ތަފާތު މާނައިގައި އެއް ލަފުޒު ބޭނުންކުރުން ބެލެވެނީ މި ޢިލްމުގެ ތެރޭގައެވެ. "އެގޭގައި ވާ އަޅާއިރު" "ކޮންމެ ރެއަކުން އެގޭގަހަށް ވާ ޖައްސާއިރު" "ވަޙީދު ވާވަދެގެން އުޅޭ" ވާހަކައާއި "ވާލެއް ވައިގައި ހިއްޕުވަން" ބުނުމުން މި 4 "ވާ" އިން 4 މާނަ ނުކުންނަކަން އެބަ އެނގެއެވެ. މި ޤަވައިދު ބަހުގެ ހަމަފޮތްތަކުން އެބަ ބުނެދެއެވެ. 

ބަހުގެ ހަމައިގައި ޖިންސު ނަމަކީ އޮންނަ އުސޫލެއްކަމާއި ހާމަކުރެވިފައިވާ ޤަވައިދެއްކަން ނުދަންނަ ބަޔަކު އުޅުނު ނަމަވެސް ދިވެހިބަހުގެ އެދުރުން މި ކަން ދަނެއެވެ. ފިރިހެން ނަމާއި އަންހެން ނަން ހުންނަކަން ދަނެއެވެ. ދިވެހިބަހުގެ ޤަވައިދުގައި ބުނާގޮތުން ފިރިހެން ޖިންސުގެ ނަމާއި އަންހެން ޖިންސުނަމާއި ޖިންސު ނެތް ނަން ދިވެހިބަހުގެ ހަމައިގައިވެއެވެ. އެއީ އިނގިރޭސީބަހުގައިވެސް "ޖެންޑަރ" ނަން ހުންނަ ބީދައިންނެވެ. މިގޮތުން؛ ކުކުޅު- ހާ، ބަކަރި- ގިތެޔޮ، މުންޑު- ކަނޑިކި، ފަދަ ލަފުޒުތަކުން އަންހެން ފިރިހެން ވަކިވެއެވެ. ނަމަވެސް މޭޒު، ގަޑި، ސެންޓު ފަދަ ލަފުޒުތަކުން މި ކަން ވަކި ނުވެއެވެ. އެހެންވެ ދިވެހިބަހުގެ ޤަވައިދުފޮތުގައި ވާއުސޫލުން މި ލަފުޒުތަކުގެ ކުރިއަށް "އަންހެން" ނުވަތަ "ފިރިހެން" އިތުރުކުރަނީއެވެ. މި ހުރީ ދިވެހިބަހުގައި ޤަވައިދު ހިފެހެއްޓިފައި އޮތް މިންވަރެވެ. 

ދިވެހިބަހުގެ ޖުމުލަތައް ފަރުމާކުރެވެނީ ކަންކުރާއާއި ރައްދުވާ އަދި ކުރި ކަން ހިމެނޭ ތަރުތީބުންނެވެ. މިއީ އެސް އޯވީ ގެ ނިޒާމެވެ. އިނގިރޭސީބަހުގައިވެސް މި ނިޒާމު އޮވެއެވެ. ލިޔެފަރުމާކުރާ ޖުމުލަތައް އެތުރުމުގައި އިސްބައި ޚަބަރު އޮންނަ އުސޫލުން ކަންކުރާއާއި ރައްދުވާ އެތުރުމުގައިވެސް އުސޫލު ކަނޑައެޅިފައިވެއެވެ. ލިންގުއިސްޓިކް އުސޫލުން ބުނެވޭ ނިއު އެންޑް ގިވަން ދިވެހިބަހުގައި ވެސް ވެއެވެ. އަދި ދެކެވޭ ވާހަކައިގެ ޖުމުލަ އެތުރޭ އުސޫލުގައި ރާގަށް އިސްކަން ދޭ ފުރުސަތު ދިވެހިބަހުގައިވެއެވެ. ރުޅިއާއި ލޯތްބަށް ޖުމުލަ ފަރުމާކުރެވޭ އުސޫލުވެސް ވެއެވެ. ވީމާ ދިވެހިބަހުގައި ހަމައާއި އުސޫލު އެބަ އޮތެވެ. ލިޔެވި ރައްކާކޮށްފައިވެސްމެއެވެ. 

"ފްރޭޒް" "ނައުންފްރޭޒް" "ވާބް ފްރޭޒް" މިއީ ބަހުގެ ހަމައިގައި ސިންޓެކްސް ނިޒާމު ދެނެގަނެވޭ ޤަވައިދެވެ. ނުވަތަ ބަސް ހާމަކޮށް ފާޅުކުރެވޭ ޤަވައިދުގެ ނިޒާމީ ޢިލްމެވެ. ހަމަ މި ބީދައިން ދިވެހިބަހުގައިވެސް ނަމުގެ މައިގަނޑާއި ކަމުގެ މައިގަނޑާއި ކަންއިތުރުގެ މައިގަނޑު ބޭނުންކުރެވެއެވެ. ލިޔެވެއެވެ. ޖުމުލައެއް ބައި ކުދިކުދި ކޮށް ކޮންމެ ބުނުމަކަށް ފްރޭޒްގެ އުސޫލުން ނަންދެވެއެވެ. އެންމެފަހުން އެންމެ ކުދި އަޑަށް ބައިކޮށް ފުއްކަރުންވެސް ނަން ކިޔެއެވެ. 

ސިންޓެކްސް ނިޒާމުގައި އޮންނަ ކްލައުޒް އަށް ބަސްކޯޅި ދެނެގަތުމުގެ ހަމައަކީވެސް ދިވެހިބަހުން އޮންނަންޖެހޭ އަދި އޮންނަ ބައެކެވެ. މި ބަސްކޯޅި ވަކިކޮށް ޖުމުލައެއްގެ ޢިލްމީ ގެތުން ދެނެގަނެވޭނެއެވެ. އިސްބައިން ވަކިކުރެވި އަދި އެއް ބުނުމާއި އެއް ޚަބަރާއި އަނެއް ޚަބަރުގެ ބަދަހިކަން އައިސްފައިވާގޮތް ދެނެގަނެވޭން އެބަ އޮތެވެ. މި އުސޫލުން މުޅި ޖުމުލަ ދިރާސާކުރެވޭނެއެވެ. މި ޖުމުލައަށް ވިސްނައިލާށެވެ. "ކުޅުން މޮޅު ކުއްޖެއްގެ ކުޅަދާނަކަން ވަރަށް އަވަހަށް ފެނިގެންދާނެ" މި ޖުމުލައިން ކިތަންމެ ލަފުޒެއް ފެނިގެން ދިޔަޔަސް އަދާކުރާ މަޤާމުގެ ގޮތުން ބެހޭނީ 8 ބަޔަށެވެ. އެއީ ބަހުގެ މައިގަނޑު 8 ބައެވެ. މި ޖުމުލަ ބައިކުރެވި މައިގަނޑުތަކަކަށް ވަކިކޮށްލެވޭނެއެވެ. އަދި ބަސްކޯޅި ދެނެގަނެވޭނެއެވެ. މުޅި ޖުމުލައިން ލެކްސިކަލް ސްޓްރަކްޗަރ އަށް ލޯ ހުޅުވޭނެއެވެ. މިއީ ދިވެހިބަހެވެ. 

ނަފީކުރުމަކީ އަދަބީ ހަމައެއް އޮތް ޤަވައިދެކެވެ. އެހެން ބަސްބަސްފަދައިން ދިވެހިބަހުގައިވެސް ނަފީކުރެވެއެވެ. މި ޢިލްމަށް ދެނެގަންނަންޖެހޭނީ ނަފީގެ ނޫނު ބޭނުންކުރުމުގެ ޤަވައިދެވެ. ދިވެހިބަހުގެ ޤަވައިދު ފޮތުގެ 149 ވަނަ ސަފުޙާގައި އެ ހަމަ ބުނެދީފައިވެއެވެ. މިއީވެސް ބަހުގެ ފުރިހަމަކަމުގެ ލާމަސީލު ކަމެކެވެ. 

ދިވެހިބަހުގެ ސުވާލުގެ އަކުރު ވަކިކޮށް ލިސްޓްކުރެވިފައިވެއެވެ. ސުވާލަށް އަމާޒުކުރުމަށް ބޭނުންކުރެވޭ އިޝާރާތުގެ ލަފުޒުތައް ބަހުގެ ޤަވައިދުފޮތުގެ 142 ވަނަ ސަފުޙާއިން ކިޔައިލެވޭނެއެވެ. އެ ސަފުޙާ ގައި ހުރިގޮތުންނަމަ، ކިހައި، ކިތައް، ކިހިނެއް، ކޮން، ކޮބާ، ކިހިނަކުން، ކިއް، ކޮން، ކީކޭ؛ މިއިން ކޮންމެ އަކުރަކީ ވަކި މާނައެއްގެ ވަކި މަޤްޞަދެއްގެ ލަފުޒުތަކެކެވެ. އަދި ކޮބައިތޯއެވެ. ރިވެތި އުސޫލުންނަމަ ވަކި ދިމާއަކަށް މެނުވީ ބޭނުން ނުކުރެވޭނޭ ލަފުޒުތަކެކެވެ. 

ނޯމަން ފެއަކްލައުފް، އޭނާގެ ފޮތް "ލެންގުއޭޖް އެންޑް ޕަވަރ" ގައި ލިޔެފައިވާ ޤާބިލްކަން ދިވެހިބަހަށް ލިބިފައިވެއެވެ. އަދި އެހެންވެސް ބަހަވީ ޢިލްމުވެރިން ލިޔެފައިވާ ޤާބިލް ބަހެއްގެ ސިފައާއި ނިޒާމު ދިވެހިންގެ ދިވެހިބަހުގައިވެއެވެ. އަޑު މަޚުރަޖުގެ ނިޒާމު، އެންމެ ސާފު އަދި ފާޅުގޮތެއްގައި ލިބިފައިވެއެވެ. ދިވެހިބަހުގައި ފޮނެޓިކް އެންޑް ފޮނޮލޮޖީ އުސޫލުވެއެވެ. މޯފޯލޮޖީއާއި ވޯޑް ފޯމެޓްގެ މަސައްކަތް ހިނގައެވެ. ސިންޓެކްސް އަދި ގްރެމަރގެ ބާރު އެބަ ހުއްޓެވެ. ސެމެންޓިސްކް، ޕްރެގްމެޓިކްސް، އަދި ލެކްސިކޮލޮޖީގެ އީޖާދާއި ބިނާކުރުމާއި އުފެދުން ދިވެހިބަހުގައި އެބަ އޮތެވެ. އަދި މެކްރޯ ލިންގުއިސްޓިކްގެ ފާޑުވެރިކަމުގައި މި ބަސް ތަރައްޤީވެއެވެ. ދިރެއެވެ. 

      ވެއޭ ދިރިފައި މި ބަސް މިގޮތަށް ވެއޭ ގުޅިފައި ލަފުޒު ގޮތުގައި
                              ވެއޭ ތިލަވުން އެތައް ޝަރަފެއް   ވެއޭ އަދަބީ ދިވެހި ގުޅިފައި

 އަބަދުގެ އަބަދަށް ދިވެހިންގެ ބަސް ދިވެހިންގެ ގޮތުގައި ސަލާމަތުން ލަހައްޓަވައި ތަރައްޤީގައި ހެދިފޯދުން އިތުރުކުރައްވާށިއެވެ. އާމީން. (ނިމުނީ)

15.8.16

ދިވެހި އަދަބިއްޔާތުގައި ޅެންވެރިކަމުގެ މުއްސަނދިކަން Kurolhi Dhivehi Lhemuge mussan'dhikan


ދިވެހި އަދަބިއްޔާތުގައި ޅެންވެރިކަމުގެ މުއްސަނދިކަން

ދިރާސާކޮށް ލިޔުނީ: އާދަމް ޒާހިރު 2016

 

އަންބާ ފަރިހި ކާ ރައިވަރާ ޅެންލަވަ ބަނދިން މުއްސަނދި މިބަސް
                        ފަންނަށް ނުހަނު އަސަރުން ފެތޭ ބަސްމަގު އަދަބު ޅެންވެރި މިބަސް
ދިވެހިންގެ ބަސް ދިވެހިންގެ އަޑު ދިވެހިންގެ ގޮތް އެ އަޑުން ދިރޭ
                        ދިވެހިންގެ ނަން އެ ބަހުން ދިރޭ ޅެންވެރި ދިރޭ ވެހި  ދިވެހިބަސް

ޝައްކެއް ނެތެވެ. އަޅުގަނޑުމެންގެ މާދަރީ ދިވެހިބަހަކީ މުއްސަނދި ޅެންވެރިކަމެއް އޮތް، އެ ޅެންވެރިކަން އެއް ދުވަހުން އަނެއް ދުވަހަށް ދިރިގެން އަންނަ ބަހެކެވެ. އީޖާދީ ބަލާޣާތެއް ފެންނަން އޮތް، އުފެއްދުންތެރިކަމާއި ޚިޔާލާތުގެ ތަނަވަސްކަން ހާމަވާ އެތައް ޚިޔާލެއްގެ ޅެންވެރިންގެ ފޮނިފިނި ޅެންތައް އިހާއި ފަހުގައިވެސް ފެނި ލިޔެވި ރައްކާވެފައި އޮތް ދިވެހިބަހެވެ. މި ކަން ހޯދި ހޯދުންތަކުން ހާމަވެ ފެންނާން އެބަ އޮތެވެ. 

އެންމެ ފާހަހަކޮށްލެވޭ އެއް ކަމަކީ ޅެންވެރިކަމުގައި އުސޫލީ މިންގަނޑުންނާއި ހާމަކުރުމުގެ އުސްލޫބުގައި ބާވަތްތައް ތަފާތުވެފައި ގިނަކަމެވެ. ބަންޖާއި ކާ، އަދި ފަރިއްސާއި ރައިވަރާއި ޅެމާއި އަންބާއާއި ލަވަ ހިމެނޭކަމީ ބާވަތުގެ މުއްސަނދިކަމެވެ. މީގެ އިތުރަށް އާޅެމާއި ތައިވަރާއި ކުރުމުތީއަކީވެސް މުހިންމު ބާވަތްތަކެކެވެ. އަދި ކޮބައިތޯއެވެ؟ މާނަވީގޮތުން ޤައުމީ، ދީނީ، ޢިޝްޤީ، ސިޔާސީ، އަދި ފަލްސަފާވެރި ހާމަކުރުންތަކާއި، ސިފަކުރުމާއި ބަލާޣާތުގެ މުއްސަނދި ޚިޔާލުތައް ދިވެހި ޅެންވެރިކަމުގައި، ފުދުންތެރި އިމެއްގައި އެބަ ހުއްޓެވެ. ވީމާ ދިވެހި އަދަބުގައި މުއްސަނދި ތަރިކައެއްކަމުގައި ޅެންވެރިކަން ވެފައިވެއެވެ. 

ޅެމަކީ ކޮބައިތޯއެވެ؟ ދެނެގަތުމަށް ފިކުރުތައް ހިންގައިލާށެވެ. ޅެމާމެދު ބައެއް އަދީބުން ފާޅުކުރައްވައިފައި ހުރި ޚިޔާލުފުޅުތައް ވަރަށް ތަނަވަހެވެ. އެހެންކަމުން އެ ޚިޔާލުފުޅުތަކަށް ވިސްނާށެވެ. ހަމަގައިމުވެސް މި ކަންކަން ފިކުރަން ނަގައިގަތުމާއެކު ދިވެހިބަހުގެ ޅެންވެރިކަން އެނގި އުފާވެއެވެ. ފަރުވާތެރިވެ، ވިސްނައިލާށެވެ.  

ޢަބްދުﷲ ޞާދިޤު ހާމަކުރައްވާގޮތުގައި "ޅެމަކީ ތިމާގެ ހިތުގައި އުފެދޭ ޝުޢޫރެއް އަނެކަކަށް އަސަރުކުރާނޭހެން  ވަޒަނަކަށް ފައްތައިގެން އާދައިގެ ބަހުރުވައަށްވުރެ މަތީފެންވަރެއްގެ އަދަބީ ޢިބާރާތްތަކުން ފާޅުކުރުމަށް ކިޔޭ ނަމެކެވެ" މިކަން ދިވެހިބަހުގެ އެންމެ މުއްސަނދި ޚިޔާލުތައް ގެނެސްދޭ ދިޔޯގެ ރައިވަރުންނާއި ނައިބު ތުއްތުގެ ރައިވަރުތަކުން ހާމަވެ ތިލަވެއެވެ. ކުދިންކުދިން ކުޅޭށާއި ރުއްސާން ކިޔައިއުޅުނު ބަނދިތަކުން ފެނެއެވެ. މި ބަންޖާއި މިރައިވަރުތަކަށް އިންސާފުކޮށްލަމާތޯއެވެ؟ 

"ސަމަންދަރޯ ސަމަންދަރޯ
މާކަނޑުމާ ސަމަންދަރޯ
ސަމަކުރަންދި ކަޅުބިލަމަސް
ދަހިވެވިގެން ކަޅިވެވިގެން
މިއޮޑިއަށް އަރާ ބާނީ
މަރަޖަލް ބަޙުރައިނީ"

އައި ޒަމާނެއް، އުފަންވި ތާރީޚެއް އެނގެން ނެތަސް މި ބަނދި ކުދިންގެމެދުގައި ކިޔައި އުޅޭތާ ވީ މުއްދަތު ވަރަށް ދުރަށް ދާކަން އެނގެއެވެ. ދިވެހި ދަރީންގެ ޅަފަތުގައި ރުއްސައި މަޖާކޮށް ކުޅެން ކިޔައިއުޅޭ ބަނދިތަކުގެ ތެރެއިން، "ބޯބޯ ބޮއްތަލޯ ދެފަނިކާ ފެންބަތޯ" އާއި "އެލޯވަޅިއަ މިލޯވަޅިއަ" ފަދަ އެތައް ބަންޖެއް ދިވެހިބަހުގައި އެބަ ހުއްޓެވެ.

"މާކަނަޔޯ ޑިނގާރަޔޯ
މަތިންދަމުން ބަޑި ޖެއްސޯ
ތިރިންދަމުން ފޮޑި ޖެއްސޯ
ތަކަފަލަގޭ ދަޮރުމައްޗަށް
އަރާރުން މެ ހަދައިލައިފައި
ގޮސް އެއިނީ އަތިރީއޭ
އަތިރީ ތިންމަސް ދުވަހޭ
އެއްގަމު ތިންމަސް ދުވަހޭ
ކަނަޔަކަށް ހަ މަސް ދުވަހޭ"

މިއިން ކޮންމެ ބަންޖަކުން އިޖްތިމާޢީ ނަސޭހަތެއް، ތަރުބިއްޔަތެއް ހާމަކޮށްދެއެވެ. މި ބަނދީގައިވެސް ކިބުރުވެރިކަމާއި ފޮނިކަމުގެ މާނަ ތިލަވުމާއެކު ދިރުމުގެ ދައުރާވުމުގެ އާދަ އެބަ ހާމަކޮށްދެއެވެ. ހަމަ މިފަދައިން ދިވެހި ޅެންވެރިކަމުގެ މުސްކުޅި ކާ އާއި ރައިވަރުގެ މަޤާމުވެސް މަތިވެރި މިންވަރެއްގައި ދިވެހިން ބޭނުންކޮށް އުޅެއެވެ. މި ކާއާމެދު ވިސްނައިލާށެވެ. 

"ރޯގާގެ ބައިންގަރު،
ތޯ މި އުޅެނީ ވާން މަރު،
ލޯ ދެ ފުރި ނުން ހިނގާ ކަރު،
ކޯތާފަތް ނުވޭ ހިކޭވަރު"
ރޯގާގެ ގަރުބައިން، ނުވަތަ ވޭނުން މަރުވާވަރުވާކަން ސިފަކޮށް ކަރުނުފުރި ދެ ލޮލުން ފައިބާލެއް ގިނަކަމުން ކޯތާފަތް ހިކޭވަރު ނުވާވާހަކަ ގެނެސްދީފައި މިވަނީ ލުއި ލުއި ވިސްނުމަކަށް ތަންދީގެންނެވެ. މިއީ ކާއެކެވެ. މުސްކުޅި ދިވެހި ބާވަތެކެވެ. އަވައްޓެރި ޤައުމުތަކުންވެސް ނުފެންނަ މި ބާވަތުން ދިވެހިންގެ ޅެންވެރިކަން ތާރީޚަށް އެބަ ވަދޭ ނޫންތޯއެވެ؟ މި ރައިވަރަށް ވިސްނައިލާށެވެ. 

"ކާކަށްތަ ދާނައީ ކުޅަ،
ވާގިލާރުން ޖަހާ ދަ މުގު،
ރާކަށެއް އިރާދަ މުގު" 

މިއީވެސް ފާހަގަކޮށްލެވޭ ރައިވަރެކެވެ. މުސްކުޅި ޒަމާނުއްސުރެ ތުންތުންމަތިން ކިޔެމުން އައިސްފައިވާ މި ރައިވަރުން ﷲ ގެ ކުޅަދުންވަންތަކަމާއި ބާރުވެރިކަން ހާމަވެއެވެ. އަދި އިންސާނާގެ އާރެއް ބާރެއް ނެތްކަމާއި ނިކަމެތިކަން އެބަ ވިސްނެއެވެ. 

މޫސާފަތުޙީ 1985ގައި ޅެންވެރިކަމާމެދު ލިޔުއްވައި ވިދާޅުވެފައިވަނީ "ޅެމަކީ،  ފުނަށް އަސަރު  ފޯރާ ފަދަ  ގޮތަކަށް ރީތި ޚިޔާލުތަކެއް  ފާޅުކުރުމަށް  ވަޒަނަކަށް  ފެތޭގޮތަށް ކާފިޔާ ހަމަކޮށް  އަތުރާލެވޭ  ބަސްތަކެކެވެ." ތެދެކެވެ. މި މާނައިގައި ދިވެހި ރައިވަރާއި ކާއާއި ބަނދީގެ އިތުރަށް ކޮންމެ ބާވަތެއްވެސް އީޖާދުވެފައިވެެއެވެ. މީގެ މިސާލަކަށް މި ރައިވަރު ފުދެއެވެ. މިފަދަ ރައިވަރަކަށް ފިކުރު ދޫކޮށްލުމީ މީގެ މުއްސަނދި ފިކުރުން ހިތް ފުރޭނޭކަމެކެވެ. 

"އަރިމަތިން ބަލަބަލާ
ސަރިމަތީ އިނެ ލޭސްދާ
ފަރިވެ ފޮޅި ފޮޅި ލިލީމާ
މަރިޔާދުކަން މަތީގާ
ތަރިތަކެއްހެން ވިދާއިރު އެ
 ބަރިކުސަ ޙާލު އިންއިރުއެ"

މޫސާ ފަތުޙީގެ ވިސްނުންފުޅުގައިވާފަދައިން މި ފަދަ ރައިވަރުތަކުން ފިކުރުގެ ވިންދުގައި ވަރަށް ފުނަށް ފީނަންޖެހިއްޖެއެވެ. އެ ބުނާ ލިލީ މަލެއްގެ ބަގީޗާ އޮތް ބިމެއް ބަލަންޖެހިއްޖެއެވެ. ޙާލަތާމެދު ވިސްނައި ފިރުމުގެ އަތް ހިއްލައިލަންޖެހިއްޖެއެވެ. އެ ބެބުޅުމުގެ އަލިން އަނދިރި ހިތްތައް ދިއްލޭތޯ ބަލަންވެސް ޖެހިއްޖެއެވެ. 

އާދޭހެވެ. އާދޭހެވެ. ދިވެހި ޅެންވެރިކަމަކީ މުއްސަނދި ޚިޔާލެކެވެ. އީޖާދީ ކުރިއެރުމެއްގެ ޝުޢޫރެކެވެ. ދިވެހި މުއްސަނދި ޅެންވެރިކަމުގައި އާދަޔާ ޚިލާފު އެއް ޝަރުޠެއް އެބަ ވެއެވެ. އެއީ ދުނިޔޭގެ އެހެން އެއްވެސް ބަހެއްގައި ނުވާ ސިފައެކެވެ. ދިވެހި ޅެންވެރިކަމުގެ ފުރިހަމަކަމާއި ޗާލޫލަމުގެ މިސާލެކެވެ. ޖަމީލްދީދީ ވިދާޅުވާ ފަދައިން ދިވެހި ޅެމުގައި އޮތް ޚާއްސަ ސިފައެކެވެ. 

އުސްތާޛުލް ޖީލް މުޙައްމަދު ޖަމީލްދީދީ، 1986 ގައި ލިޔުއްވައިފައިވާ "ޅެމާއި ޅެންވެރިކަން" މި ފޮތުގައި ވެއެވެ. "ޅެމަކީ ވަޒަނަކަށް ފެތޭ ގޮތަށް ޤާފިޔާ ހަމަކޮށް ކިއިފައިވާ ބަސްތަކެކެވެ. ފުނަށް އަސަރު ފޯރާފަދަ ގޮތަކަށް ސިފަކޮށް ދައްކާ ރީތި ޚިޔާލުތަކެއް ފައުޅުކޮށް ބަޔާންކޮށްދޭ ބަސްތަކެކެވެ.   ބައެއް ފަހަރަށް އެ ބަސްތައް ފަތިފައްޗަށް އެކުލަވައި އަމުނާލެވެއެވެ. ބައެއް ފަހަރަށް އަމުނައިލުމެއް ނެތި އުކައިލެވެއެވެ." އަދިވެސް އެ އުސްތާޛު ލިޔުއްވައެވެ. "ދިވެހި ޅެމުގައި ބަނޑުވައް އެއްގޮތްކުރުން އޮވެއެވެ"

ޝައްކެތް ނެތްގޮތުގައި ދިވެހި ޅެމަކީ ފޮޅުވަތްތައް ނުވަތަ ތާލަށް ކަނޑައި ބަހައިފައިވާ ކޮންމެ ބަސްކޯޅިއެއްގެ ދެކޮޅު އެއް އަޑަކަށް ކިޔޭނޭހެން އެއްގޮތްކޮށްހުންނަ އީޖާދެކެވެ. އެއީ ދިވެހި ޅެންވެރިކަމުގައި އެންމެ ޢާންމު ބާވަތްކަމުގައިވާ "ޅެން" ފަރުމާކުރާގޮތެވެ. ހުތް އަލިދީދީ ދިވެހި ބަހަށް ތަޢާރަފުކުރެއްވި ދިވެހި ޅެން ވެފައި މިވަނީ ދުނިޔޭގެ އަދަބުން ގެނައިނަމަވެސް މުއްސަނދި ސިފައަކުން ޖަރީކުރެވޭ ދިވެހި ޚާއްސަ ޅެމެއްކަމުގައެވެ.
"ރިކަން ކުޅަދުންވެ ކައު ރައްބީ، މިކަން ހަމަ ދެން ކުރާށޭ ހީ
                        ވިކަން ދެނެ ފޮނުވި ނާއި ނަބީ، ވިކަން ޤުރުއާން ކުރެއްވި ވަޙީ
ނުގައި ޤުރުއާ ކުރެއްވި ވަޙީ، މުގައިވެ އަމުރު އެޔާއި ނަހީ
                        ރުގައި ހުރެ މާދު ބުނަމުން ކީ، ގުގައިމަ ތެދުވި ޢަތާއި ޝަރީ"

އަޑު އިވުމުގައި ދެކޮޅުން އެއް ކިޔުމެއްގައި އިވި ފިލި ކޯޅިން ނަލަ ގޮތްހިފި މާނައަށް މާތް ޚިޔާލު ނެރެފައިވާ މި ދެ ބައިތަކީ މިސާލެކެވެ. ދިވެހި ޅެންވެރިކަމުގެ އީޖާދު މިއިން އެބަ ފެނެއެވެ. 

އިނގިރޭސީ ޅެންވެރިޔާ ވިލިޔަމް ވާރޑްސް ވާރތް ހާމަކުރާގޮތުގައި "ޅެންވެރިކަމަކީ ވަޒަނެއް ހިފަހައްޓައިގެން  އީޖާދީ ގޮތަކަށް ފުން ޝުޢޫރެއް ބުނުމެވެ." އެ ބުނާ އީޖާދީ ގޮތާއި ފުން ޝުޢޫރުވެސް ދިވެހި ޅެމުން ފެންނާން އެބަ ވެއެވެ. ފުން ޝުޢޫރާއި ޤައުމީ ވިންދު ހިލުވައިލާ "ހިތުގެ ޢަޒުމް" ގެ މި ތިންބައިތަށް ވިސްނައިލާށެވެ. މޫސާފަތުޙީގެ މި އީޖާދަކީ އަދަބީ ދިވެހި ޖައްވަށް މުހިންމު ތަރިކައެކެވެ.
"ޤައުމަށްޓަކައި ދީނަށްޓަކައި ކެރިގެން ޖިހާދު ކުރާނަމޭ
                  ފައުޅާއި ސިއްރާ އެއްގޮތަށް ހުރިހާކަމެއް ގެންދާނަމޭ
އަހުރެންގެ މޭ ޤައުމަށްޓަކައި އައްޑަނައަކަށް ދިއްކޮށްލުމީ
                  ފަހު ނޭވައަށް ދާންދެން މޮޓޯކަމުގައި ޚީޔާރުކުރާނަމޭ
އަނެކުންގެ ކުށްތައް ހޯދުމީ ނަފުސުގެ މަތިން ނެއްތައި ހަނދާން
                  ތަނަކުން ތަނަކު ނުޖެހޭ ކަމެއްކަން ހާމަކޮށް އަންގާނަމޭ"

ވިންދުގެ އެންމެ ކުދި ހިނގުމުގައިވެސް އެތައް ދިމާއަކަށް ޅެންބަހުގެ ހިލުމެއް މި ދެތިން ބައިތުންވެސް ގެނުވައިފިއެވެ. މިއިން އަންގައިދެނީ ދިވެހި ޅެންވެރިކަމުގައި ހުރި ފާޅުކުރުމުގެ ކުޅަދާނަކަމެވެ. ދިވެހިންގެ ޅެންވެރިކަމުގެ ފުދުންތެރިކަމެވެ. އަދަބީ ބާރުވެރިކަމެވެ. 
އަޅުގަނޑު ޤަބޫލުކުރާގޮތުގައި ޅެމަކީ މިޔުޒިކީ ހަމައަކުން ތަރުތީބުކޮށްފައިވާ މާނަހުރި ލަފުޒުތަކެކެވެ. ގިނަ ޅެމުގައި ބައިކުރެވޭ ފޮޅުވަތްތަކެއް ހިމެނި އެ ފޮޅުވަތްތަކުގެ ގުޅި ދިއުމެއް ހިމެނޭނެއެވެ. ކޮންމެ ޅެމެއްގައިވެސް މިޔުޒިކެއް ނުވަތަ އެމުނިގެންދާ ރާގެއް އޮންނާނެއެވެ. މުޅި ޅެމުގައި އެއް އަސަރެއް އުފެދި ހުށަހެޅިފައިވާ އަދަބީ ޝުޢޫރެއް ހިމެނޭނެއެވެ. މިއީ މިހާރު ފެންނަ ދިވެހިޅެމުގައިވެސް ހުންނަ ޚާއްސަ ސިފަތަކެވެ. މި މާނައިގައި ވިސްނާނަމަ މި އާޅެން އަސަރު ހިލުވުމެއް ނެތް ހެއްޔެވެ.

ސުރުޚީ: އެއީ ކޯޗެއްކަން އެނގޭނީ ކޮން އިރަކުން ހެއްޔެވެ؟

ނޭނގި ހުއްޓައި އަހުރެންގެ ހިމަ ނާރުގައި ދުވަންފެށީއެވެ.
ލޭގެ ޒައްރާތަކުގެ ހިނގުން ހަލަބޮލި ކޮށްލީއެވެ.
ވަކި އުސޫލަކުން ނަފުސު ތަރުބިއްޔަތުކުރި ގުނަންތައް އަތްއަތަށް ދަނީއެވެ.
ޤުދުރަރުގެ ނިޒާމުން ބުނެދިން އެއީ ފަހެ ކޯޗެއް ހެއްޔެވެ؟

އިރު އެރުމާއެކު މި މޫނަށާއި ލޮލަށްވެސް އުޖާލާކަން އިހުސާސް ވިއެވެ.
އިރު އޮއްސުމާއެކު އަމިއްލަ އަތްތަކުން އުޖާލާކަން ގެންނަމުއެވެ.
ނިދި ޖެހުމާއެކު ގެނައި އުޖާލާކަން ވެސް ގެއްލިދެއެވެ.
އެކަމަކު މި ހިނގަނީ ކޯޗެއްގެ ޒަލްޒަލާއެއްހެއްޔެވެ؟

ދުލުން ކިޔައި ފިކުރުން ވިސްނައި ދޭހަތައް ކުރީ ނަސޭހަތުގެއެވެ.
ފާސްތަކުން ގިނަވެ ރުހުމާއި ލޯބިތައް ގިނަކުރީ ސަނަދުތަކުންނެެވެ
ބައިބައިގެ ބަސްކޯޅިތައް ނުކުތް ދޫތައް ގާތްވީ ފައިސާތަކުންނެވެ.
އަޅު މި ފޮށީގައި އޮންނަންވީ ހިނދު މި ތަކެތި އެ ދޫތައް ކޮބައިހެއްޔެވެ؟

ދިރުން ދިނީ އެއްކައުވަންތަ ﷲ އެވެ. އެކަމެއް މިވިސްނުނީއެވެ.
ފުރުސަތު އޮތީ ނިޒާމުގައި ރޭވި ހިނގައިފައިވެއެވެ. އެކަން އެނގިއްޖެއެވެ.
ޢިލްމަކީ ކުރުމާއި ދައުރުވުމުގެ ވިންދެވެ. ވިސްނުނީ މިއަދުއެވެ.
ބަލައިލި އިރު ވަދެ ހިނގައިގަތް އެ އެތި ނެތެވެ. ވީ ކޮންތާކު ހެއްޔެވެ؟

ދިވެހި ޅެންވެރިކަމުގެ ބާވަތްތަކުގެ ތެރެއިން މުއްސަދި އަނެއް ބާވަތަކީ ފަރިއްސެވެ. ހަމަ މި ފެންވަރުގައި ލަވަވެސް ހިމެނެއެވެ. އާ ޚިޔާލުގެ ތެރެއިން 20 ވަނަ ގަރުނުގެ ފަހުކޮޅުގައި، މީލާދީން 1998 ގައި އަޅުގަނޑު އީޖާދުކުޅަ "ކުރުތީ" ވެސް މިއަދަބުގައި ފިޔަ ޖަހައިފިއެވެ. މީގެ އިތުރަށް މަސައްކަތުގައި ޖޯޝުު ހިލުވަން ކިޔައިއުޅޭ އަންބާ އަކީ ދޫކުރާވަރުގެ ފަޤީރު އަދަބެއް ނޫނެވެ.
ޚިޔާލުގެ ތަނަވަސްކަމަށް ބަލާއިރު ޤައުމީ، ދީނީ އިޖުތިމާޢީ ޅެމާއި ލަވަ އަދި ރައިވަރުވެސް މި ދިވެހި ބަހުގައި މަދެއް ނޫނެވެ. ފުންކަމުން ގޮސް ބޮޑެތި ތީސީސް ލިޔެ ދިރާސާތައް ހަދަން ކަމުދާ "ދިޔަވަތް ރަނގަޅު އޮޑި" ފަދަ އިންތިހާއެވެ. ޢިޝްޤީ އަދި ޢާއިލީ ލޯބީގެ އިހުސާސްތައް ބަދަލުކުރާންވެސް ބައިވަރެވެ. ހަހަރުވެތިކަމާއި އަދަބީ އަގަލުގައި ދިވެހި ވެށީގައި އުޅެ ދިރުނު އަދީބުން ވާރުތަކުޅަ މި ދިވެހި ޅެންވެރިކަން ތިޔާގިވެފައި މުއްސަންޖެވެ. ނެތީ މި ކަންކަން ހާމަކޮށްދޭނޭ ވަގުތެވެ. 

ވީމާ ހޯދި ހޯދިހެން ތިލަވާން އޮތީ ދިވެހި ޅެންވެރިކަމުގެ މުއްސަނދިކަމުގެ އަޖައިބެއްފަދަ ޢަލާމާތޭ ދެންނެވުން ނޫން ގޮތެއްނެވެ. އަޅުގަނޑުގެ ދުޢާއަކީ މި ދިވެހި ޅެންވެރިކަމުގައި އާ ބާވަތްތައް އުފަންވުމަށް އިރާދަކުރެއްވުމެވެ. އާމީން. (ނިމުނީ)