22.8.16

ދިވެހިބަހުގައި ޤާބިލް މުއްސަނދި ޤަވައިދެއް ވޭ. Kurolhi Mazumoonu


ދިވެހިބަހުގައި ޤާބިލް މުއްސަނދި ޤަވައިދެއް ވޭ.

ދިރާސާކޮށް ލިޔުނީ: އާދަމް ޒާހިރު 20 އޯގަސްޓް 2016  

ލިޔެލާ ހެދޭ ނަންކަން އިތުރު އަދި ކަންވިޔަސް ކަންއިތުރަކަސް
                  ލިޔެވޭނެހަމަ ގޮތް އޮވެ ހިނގާ ޤާބިލް މިއީ  ދިވެހިންގެ ބަސް
ނަސްލީ ނަމާ ފުށުވީ  ބަހާ  ޙާލަތު  އައިސް  ބަދަލުން ދިރޭ
                  ގަސްދާނުލައި ހެދި ފޯދިފައި  ހަމައެއް މެ އޮތް ބަސް މީ ދިރޭ

ޝައްކެއް ނެތެވެ. އެންމެ އެވޭލާ ލިޔުންތަކުންނާއި، ބަހުގެ ޤަވައިދާއި ހަމަ ދެނެގެން ދިވެހި ވެށީގައި ދިރުނު ބަނޑޭރި ޙަސަންމަނިކުފާނާއި ނައިބު ތުއްތުގެ ލިޔުއްވުންތަކުގެ އެމުނި އެކުލެވުންތަކުންވެސް ދިވެހިބަހުގެ ރިވެތި ހަމައާއި ޤަވައިދު ފެނި ދެނެގަތުމަށް އެބަ އެބަ އޮތެވެ. އުފެދުނު ޒަމާން އެނގި ނުދާ ހިސާބުގައިވެސް ދިވެހި ބަސްމޮށުމުގެ ހަމައިން ބަހުގެ އެކުލެވުމަށް އުސޫލެއް ބިނާވެފައި އެބަ އޮތެވެ. މި ކަން މިއަދުގެ ދިރާސީ ނަޒަރުތަކަށް ތިލަވާނެއެވެ. 

ދިވެހި ބަހުގެ ޤަވައިދު ފޮތް ވަރަށް ފުރިހަމައެވެ. އެ ފޮތުގެ މުސްކުޅިކަމާއެކުވެސް ވަރަށް ގިނަ ހަމައާއި އުސޫލު އެ ފޮތުން ލިބި ދެނެގަނެވޭން އެބަ އޮތެވެ. ނަމަވެސް މި ޒަމާނަށް ބަލާއިރު ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ދިވެހިބަހުގެ ޤަވައިދުގެ ބައެއް ހޯދުންތަކަށް ޤަވައިދުގެ ހައިސިއްޔަތީ ނަމެއް ދޭންޖެހިފައިވާކަމެވެ. މީގެ އެއް މިސާލަކަށް ދާނަމެވެ. "ޢާންމުކޮށް ބޭނުންކުރެވޭ ބައެއް ބަސް ބަހާއި އޭގެ މާނަ" މި ސުރުޚީގެ ދަށުން ބަހުގެ ޤަވައިދުފޮތުގެ 175 ފަނަ ސަފުޙާގައި އެ ހުރި ޖަމާކުރުން ފުރިހަމައެވެ. ބޭނުންތެރިއެވެ. ނަމަވެސް އެ ޤަވައިދު ނަން ބަލައިގަންނަން މި ޒަމާނަށް އުނދަގުލެވެ. ކޮންމެ ގޮތެއްވިޔަސް ދިވެހިބަހުގެ ހަމަ، ޤަވައިދު އެބަ އޮތެވެ. އުސޫލެއް ކަނޑައެޅިފައިވެއެވެ. ހޯދުންތަކެއް ޖަމާކޮށްފައި އެބަހުއްޓެވެ. 

ދުނިޔޭގެ ދިރާސާތަކުން އެނގޭގޮތުގައި ފުރިހަމަ ކޮންމެ ބަހެއްގައިވެސް ހުންނަންޖެހޭ ބައިތަކެއްވެއެވެ. ބަހުގެ ދިރާސާކުރުންތެރިއެއްކަމުގައިވާ ޖިއުލިއޯ ބެނެޑެއްތި  (Giulio Benedetti) 2009 ގައި ކޮށްފައިވާ ދިރާސާއެއްގައި ހާމަކޮށްފައިވާތޮތުގައި ކޮންމެ ބަހެއްގައިވެސް ހިމެނޭ އެންމެ އަސާށީ ބައިތަކަކީ އަޑާއި އަޑުގެ އުސޫލެވެ. އަޑުތަކުގެ ތަފާތުތަކާއި އަޑު ލިޔުމުގެ ނިޒާމެވެ. މިއީ ތެދެއްކަމުގައިވާނަމަ މި ޝަރުޠު ދިވެހިބަހުގައި ހަމަވެއްޖެއެވެ. 

ދިވެހިބަހަކީ އަމިއްލައަ ޑުގެ ނިޒާމެއް ހިމެނޭ، އަދި ލިޔުމުގެ އުސޫލަކާއި އަކުރެއް ކަނޑައެޅި ސުކުން އަޑާއި ފިލި އަޑު ވަކިވާ ބަހެކެވެ. އަދި ސުކުން އަޑުގެ ތަފާތު ދެނެގަނެވޭ ހަމައާއި އުސޫލު ހަމަޖެހި ވަކިކޮށް ދެނެގަނެވޭ ބަހެކެވެ. 

އަރިއާނާ ވުޑްލީގެ ލިޔުމެއްގައިވެއެވެ. ކޮންމެ ބަހެއްގައިވެސް ނަމާއި ކަން ވަކިވެ ނަން އިތުރާއި ކަން އިތުރު އޮތުމަކީ އެބަހުގެ ޤާބިލްކަމުގެ އަލާމާތެކެވެ. އަދި ކަމުގެ ޒަމާންތައް ވަކިވުމާއެކު މި ބައިތަކުގެ މެދުގައި އޮންނަ ގުޅުމުން މާނަ ބަދަލުވާ ގޮތްތައް ދެނެގަނެވޭނޭ ނިޒާމެއް ބަހުގައިވާނަމަ އެއީ އެބަހުގެ މޮޅު ސިފައެކެވެ. 

ދިވެހިބަހުގެ މި ދެންނެވި ހަމަ މާ ފުރިހަމައަށް އެބަ ހުއްޓެވެ. އިނގިރޭސީ ބަހުގައި ކިޔާ "ކޮންޖަކްޝަން" ދިވެހިބަހުގައި އެ ހައިސިއްޔަތު ނެތިދާނެއެވެ. ނަމަވެސް ގުޅުވާ އަކުރާއި ދޭދޭ ބުނުންތަކުގެ ވަކިކުރުމާއި އިދިކޮޅާއި އެއްކޮޅު ވަކި ކޮށްދޭ އަކުރު އެބަ ހުއްޓެވެ. ވަކި ޒާތަކަށް މާނަ ގެނައުމަށް ދިވެހިބަހުގެ ހަމައިގައި އަކުރުތައް ވަކިވެފައި ވެއެވެ. ބައެއް ޤަވައިދު އެއް ޤަވައިދުން އަނެއް ޤަވައިދަށް ނަގުލުކުރުމަށް ގުޅުވާ އަކުރުވެސް އެބަހުއްޓެވެ. ވަކިވެ ސާފުކޮށް ބުނެދެވޭވަރަށް މި ޤަވައިދު ލިޔެވިފައި ވެއެވެ. ދިވެހިބަހުގެ ޤަވައިދު ފޮތުގެ 173 ވަނަ ސަފުޙާ ބައްލަވާށެވެ. އަކުރުގެ ލިސްޓް މަދެއް ނޫނެވެ. 

"އެންޓާނިމްސް" އަދި "ސިނަނިމްސް" އަކީ ބަހުގެ ސިންޓެކްސް އުސޫލުން ބަލައިގަނެވޭ ބަހުގެ ހަމައެކެވެ. ދިވެހިބަހުގެ ޤަވައިދުގައި ނެތްކަމަށް ބަޔަކަށް ޤަބޫލުކުރެވޭ ހަމައެކެވެ. އަދި ޤަވައިދުފޮތުގައި ނެތްކަމަށް ވިސްނޭ ހަމައެކެވެ. ނަމަވެސް ބަހުގެހަމައިގައި މި ޤަވައިދުވެސް އެބަ އޮތެވެ. ބަސްފޮތުގައިވެސް މި ހަމަ ބުނެދީފައި އެބަ އޮތެވެ. މިގޮތުން އެއްކޮޅު ލަފުޒާއި އިދިކޮޅު ލަފުޒާއި، އިދިމާނައިގެ ލަފުޒާއި ބައިވެރިވާ ލަފުޒު ލިޔެ ހާމަކުރެވިފައިވެއެވެ. 

އިދިކޮޅުބަހުގެ ގޮތުގައި، އިދިލަފުޒުގެ ގޮތުގައި ބެލެވޭ ބައެއް މިސާލަށް ވިސްނައިލާށެވެ. ރުޅިއާއި ރައްޓެހި، ކުރު ދިގު، ފަލަ ހިމަ، އަދި ދިޔާ ހިކި، އުހާއި ތިރި، މައްޗާއި ދަށް، މޮޅާއި ދެރަ ފަދަ ކިތަންމެ ލަފުޒެކެވެ. މިއީ އެންޓަނިމްސްގެ މަދު މިސާލެކެވެ. ހަމަ މި ބީދައިން އެއްކޮޅު ލަފުޒާއި ބައިވެރިވާ ލަފުޒަށް ވިސްނައިލަމާތޯއެވެ. ރައްޓެހި އެކުވެރި މިތުރު، ބޮޑު މާ ބިޔަ ގިނަ އިން އެއް ސިނަނިމްގެ ޤާބިލްކަން އެބަ ފެނެއެވެ. ވީމާ ދިވެހިބަހުގައި ހަމައާއި އުސޫލެއް އެބަ ވެއެވެ. 

ސެމެންޓިކްސްގެ ހަމައަކީވެސް ދިވެހިބަހުގެ ހަމައިން ފެންނަ ޤަވައިދުގެ ހަމައެކެވެ. ޖުމުލައެއްގައި ލަފުޒު އެކުލެވޭގޮތަކުން، ހިމެނި ބޭނުންހިފިފައި އޮތް ގޮތަކުން އެއަށް ތަފާތު މާނައިގައި އެއް ލަފުޒު ބޭނުންކުރުން ބެލެވެނީ މި ޢިލްމުގެ ތެރޭގައެވެ. "އެގޭގައި ވާ އަޅާއިރު" "ކޮންމެ ރެއަކުން އެގޭގަހަށް ވާ ޖައްސާއިރު" "ވަޙީދު ވާވަދެގެން އުޅޭ" ވާހަކައާއި "ވާލެއް ވައިގައި ހިއްޕުވަން" ބުނުމުން މި 4 "ވާ" އިން 4 މާނަ ނުކުންނަކަން އެބަ އެނގެއެވެ. މި ޤަވައިދު ބަހުގެ ހަމަފޮތްތަކުން އެބަ ބުނެދެއެވެ. 

ބަހުގެ ހަމައިގައި ޖިންސު ނަމަކީ އޮންނަ އުސޫލެއްކަމާއި ހާމަކުރެވިފައިވާ ޤަވައިދެއްކަން ނުދަންނަ ބަޔަކު އުޅުނު ނަމަވެސް ދިވެހިބަހުގެ އެދުރުން މި ކަން ދަނެއެވެ. ފިރިހެން ނަމާއި އަންހެން ނަން ހުންނަކަން ދަނެއެވެ. ދިވެހިބަހުގެ ޤަވައިދުގައި ބުނާގޮތުން ފިރިހެން ޖިންސުގެ ނަމާއި އަންހެން ޖިންސުނަމާއި ޖިންސު ނެތް ނަން ދިވެހިބަހުގެ ހަމައިގައިވެއެވެ. އެއީ އިނގިރޭސީބަހުގައިވެސް "ޖެންޑަރ" ނަން ހުންނަ ބީދައިންނެވެ. މިގޮތުން؛ ކުކުޅު- ހާ، ބަކަރި- ގިތެޔޮ، މުންޑު- ކަނޑިކި، ފަދަ ލަފުޒުތަކުން އަންހެން ފިރިހެން ވަކިވެއެވެ. ނަމަވެސް މޭޒު، ގަޑި، ސެންޓު ފަދަ ލަފުޒުތަކުން މި ކަން ވަކި ނުވެއެވެ. އެހެންވެ ދިވެހިބަހުގެ ޤަވައިދުފޮތުގައި ވާއުސޫލުން މި ލަފުޒުތަކުގެ ކުރިއަށް "އަންހެން" ނުވަތަ "ފިރިހެން" އިތުރުކުރަނީއެވެ. މި ހުރީ ދިވެހިބަހުގައި ޤަވައިދު ހިފެހެއްޓިފައި އޮތް މިންވަރެވެ. 

ދިވެހިބަހުގެ ޖުމުލަތައް ފަރުމާކުރެވެނީ ކަންކުރާއާއި ރައްދުވާ އަދި ކުރި ކަން ހިމެނޭ ތަރުތީބުންނެވެ. މިއީ އެސް އޯވީ ގެ ނިޒާމެވެ. އިނގިރޭސީބަހުގައިވެސް މި ނިޒާމު އޮވެއެވެ. ލިޔެފަރުމާކުރާ ޖުމުލަތައް އެތުރުމުގައި އިސްބައި ޚަބަރު އޮންނަ އުސޫލުން ކަންކުރާއާއި ރައްދުވާ އެތުރުމުގައިވެސް އުސޫލު ކަނޑައެޅިފައިވެއެވެ. ލިންގުއިސްޓިކް އުސޫލުން ބުނެވޭ ނިއު އެންޑް ގިވަން ދިވެހިބަހުގައި ވެސް ވެއެވެ. އަދި ދެކެވޭ ވާހަކައިގެ ޖުމުލަ އެތުރޭ އުސޫލުގައި ރާގަށް އިސްކަން ދޭ ފުރުސަތު ދިވެހިބަހުގައިވެއެވެ. ރުޅިއާއި ލޯތްބަށް ޖުމުލަ ފަރުމާކުރެވޭ އުސޫލުވެސް ވެއެވެ. ވީމާ ދިވެހިބަހުގައި ހަމައާއި އުސޫލު އެބަ އޮތެވެ. ލިޔެވި ރައްކާކޮށްފައިވެސްމެއެވެ. 

"ފްރޭޒް" "ނައުންފްރޭޒް" "ވާބް ފްރޭޒް" މިއީ ބަހުގެ ހަމައިގައި ސިންޓެކްސް ނިޒާމު ދެނެގަނެވޭ ޤަވައިދެވެ. ނުވަތަ ބަސް ހާމަކޮށް ފާޅުކުރެވޭ ޤަވައިދުގެ ނިޒާމީ ޢިލްމެވެ. ހަމަ މި ބީދައިން ދިވެހިބަހުގައިވެސް ނަމުގެ މައިގަނޑާއި ކަމުގެ މައިގަނޑާއި ކަންއިތުރުގެ މައިގަނޑު ބޭނުންކުރެވެއެވެ. ލިޔެވެއެވެ. ޖުމުލައެއް ބައި ކުދިކުދި ކޮށް ކޮންމެ ބުނުމަކަށް ފްރޭޒްގެ އުސޫލުން ނަންދެވެއެވެ. އެންމެފަހުން އެންމެ ކުދި އަޑަށް ބައިކޮށް ފުއްކަރުންވެސް ނަން ކިޔެއެވެ. 

ސިންޓެކްސް ނިޒާމުގައި އޮންނަ ކްލައުޒް އަށް ބަސްކޯޅި ދެނެގަތުމުގެ ހަމައަކީވެސް ދިވެހިބަހުން އޮންނަންޖެހޭ އަދި އޮންނަ ބައެކެވެ. މި ބަސްކޯޅި ވަކިކޮށް ޖުމުލައެއްގެ ޢިލްމީ ގެތުން ދެނެގަނެވޭނެއެވެ. އިސްބައިން ވަކިކުރެވި އަދި އެއް ބުނުމާއި އެއް ޚަބަރާއި އަނެއް ޚަބަރުގެ ބަދަހިކަން އައިސްފައިވާގޮތް ދެނެގަނެވޭން އެބަ އޮތެވެ. މި އުސޫލުން މުޅި ޖުމުލަ ދިރާސާކުރެވޭނެއެވެ. މި ޖުމުލައަށް ވިސްނައިލާށެވެ. "ކުޅުން މޮޅު ކުއްޖެއްގެ ކުޅަދާނަކަން ވަރަށް އަވަހަށް ފެނިގެންދާނެ" މި ޖުމުލައިން ކިތަންމެ ލަފުޒެއް ފެނިގެން ދިޔަޔަސް އަދާކުރާ މަޤާމުގެ ގޮތުން ބެހޭނީ 8 ބަޔަށެވެ. އެއީ ބަހުގެ މައިގަނޑު 8 ބައެވެ. މި ޖުމުލަ ބައިކުރެވި މައިގަނޑުތަކަކަށް ވަކިކޮށްލެވޭނެއެވެ. އަދި ބަސްކޯޅި ދެނެގަނެވޭނެއެވެ. މުޅި ޖުމުލައިން ލެކްސިކަލް ސްޓްރަކްޗަރ އަށް ލޯ ހުޅުވޭނެއެވެ. މިއީ ދިވެހިބަހެވެ. 

ނަފީކުރުމަކީ އަދަބީ ހަމައެއް އޮތް ޤަވައިދެކެވެ. އެހެން ބަސްބަސްފަދައިން ދިވެހިބަހުގައިވެސް ނަފީކުރެވެއެވެ. މި ޢިލްމަށް ދެނެގަންނަންޖެހޭނީ ނަފީގެ ނޫނު ބޭނުންކުރުމުގެ ޤަވައިދެވެ. ދިވެހިބަހުގެ ޤަވައިދު ފޮތުގެ 149 ވަނަ ސަފުޙާގައި އެ ހަމަ ބުނެދީފައިވެއެވެ. މިއީވެސް ބަހުގެ ފުރިހަމަކަމުގެ ލާމަސީލު ކަމެކެވެ. 

ދިވެހިބަހުގެ ސުވާލުގެ އަކުރު ވަކިކޮށް ލިސްޓްކުރެވިފައިވެއެވެ. ސުވާލަށް އަމާޒުކުރުމަށް ބޭނުންކުރެވޭ އިޝާރާތުގެ ލަފުޒުތައް ބަހުގެ ޤަވައިދުފޮތުގެ 142 ވަނަ ސަފުޙާއިން ކިޔައިލެވޭނެއެވެ. އެ ސަފުޙާ ގައި ހުރިގޮތުންނަމަ، ކިހައި، ކިތައް، ކިހިނެއް، ކޮން، ކޮބާ، ކިހިނަކުން، ކިއް، ކޮން، ކީކޭ؛ މިއިން ކޮންމެ އަކުރަކީ ވަކި މާނައެއްގެ ވަކި މަޤްޞަދެއްގެ ލަފުޒުތަކެކެވެ. އަދި ކޮބައިތޯއެވެ. ރިވެތި އުސޫލުންނަމަ ވަކި ދިމާއަކަށް މެނުވީ ބޭނުން ނުކުރެވޭނޭ ލަފުޒުތަކެކެވެ. 

ނޯމަން ފެއަކްލައުފް، އޭނާގެ ފޮތް "ލެންގުއޭޖް އެންޑް ޕަވަރ" ގައި ލިޔެފައިވާ ޤާބިލްކަން ދިވެހިބަހަށް ލިބިފައިވެއެވެ. އަދި އެހެންވެސް ބަހަވީ ޢިލްމުވެރިން ލިޔެފައިވާ ޤާބިލް ބަހެއްގެ ސިފައާއި ނިޒާމު ދިވެހިންގެ ދިވެހިބަހުގައިވެއެވެ. އަޑު މަޚުރަޖުގެ ނިޒާމު، އެންމެ ސާފު އަދި ފާޅުގޮތެއްގައި ލިބިފައިވެއެވެ. ދިވެހިބަހުގައި ފޮނެޓިކް އެންޑް ފޮނޮލޮޖީ އުސޫލުވެއެވެ. މޯފޯލޮޖީއާއި ވޯޑް ފޯމެޓްގެ މަސައްކަތް ހިނގައެވެ. ސިންޓެކްސް އަދި ގްރެމަރގެ ބާރު އެބަ ހުއްޓެވެ. ސެމެންޓިސްކް، ޕްރެގްމެޓިކްސް، އަދި ލެކްސިކޮލޮޖީގެ އީޖާދާއި ބިނާކުރުމާއި އުފެދުން ދިވެހިބަހުގައި އެބަ އޮތެވެ. އަދި މެކްރޯ ލިންގުއިސްޓިކްގެ ފާޑުވެރިކަމުގައި މި ބަސް ތަރައްޤީވެއެވެ. ދިރެއެވެ. 

      ވެއޭ ދިރިފައި މި ބަސް މިގޮތަށް ވެއޭ ގުޅިފައި ލަފުޒު ގޮތުގައި
                              ވެއޭ ތިލަވުން އެތައް ޝަރަފެއް   ވެއޭ އަދަބީ ދިވެހި ގުޅިފައި

 އަބަދުގެ އަބަދަށް ދިވެހިންގެ ބަސް ދިވެހިންގެ ގޮތުގައި ސަލާމަތުން ލަހައްޓަވައި ތަރައްޤީގައި ހެދިފޯދުން އިތުރުކުރައްވާށިއެވެ. އާމީން. (ނިމުނީ)

2 comments:

  1. .ވަރަށް ފުރިހަމަ ލިއުމެއް. ވަރަށް ގިނަ މަޢުލޫމާތު ލިބިއްޖެ

    ReplyDelete
  2. ވަރަށް ފުރިހަމަ ލިޔުމެއް މުދައްރިސް

    ReplyDelete