ދިވެހި އަދަބިއްޔާތުގެ ތާރީޚު
ލިޔެ ތައްޔާރުކުރީ: އާދަމް ޒާހިރު (ކުރޮޅި) 2015
އަދަބުގެ ތާރީޚަކީ ހޯދިވަރަކަށް ފުނަށް ދާ ތަރިކައެކެވެ.
ދުނިޔޭގެ އަދަބަށް ބަލައިލާނަމަވެސް އިންސާނީ ޙަޔާތުގެ 7 ބިލިޔަން އަހަރަށްވުރެ
ގިނަވެދާނެކަމުގައި ޤަބޫލުކުރަންޖެހެއެވެ. ހަމަ އެހެންމެ ދިވެހިންގެ ފުން ތާރީޚުގެ
2500 އަހަރުގެ ތާރީޚު ދިވެހި އަދަބަށް ވެސް ލިބިގެންދާނެކަމުގައި
ޤަބޫލުކުރަންޖެހެއެވެ. މިގޮތުން މުހިންމު މަޢުލޫމާތު ގެނެސްދޭ ބައެއް ލިޔުމަށް
ބަލައިލަމާ ހިނގާށެވެ.
ދިވެހި އަދަބީ ލިޔުންތަކުގެ އެވޭލާއިރާއި މިހާރުގެ
ތާޜީޚުތަކަށް ބަލައި ޙަބީބާ ޙުސައިން ޙަބީބު ވަނީ ވަރަށް ފުރިހަމައަށް މި ތާރީޚު
ކިޔައިދެއްވައިފައެވެ. ލިޔުންތެރިންގެ ގުޅުމުގެ ވެބްސައިޓުގައި ޙަބީބާ ޙުސައިން
ޙަބީބް ހާމަކުރައްވާގޮތުގައި "ދިވެހިބަހަކީ ޢިލްމީ ނަޒަރަކުން ބަލާއިރު އޭގެ ޒާތުގައި އަމިއްލަ ގަވާއިދެއްގެ މައްޗަށް ބިނާވެފައިވާ މިނިވަން ބަހެކެވެ. އަދި
މިއީ މުއްސަނދި، ޒަމާނީ އަދަބިއްޔާތެއް އެކުލެވިފައިވާ
ބަހެއްވެސްމެއެވެ. މިބަހުގެ އަޞްލަކީ،
ސާންސްކިރިތް
ބަހޭ ދަންނަވާއިރު، އިންޑޯއާރިއަން ގްރޫޕްގެ ވަރަށްގިނަ ބަސްތައް ދިވެހިބަހަށް ނުފޫޒު ފޯރުވާފައިވާކަން ހަނދާން ނައްތާލާކަށް ނުވާނެ ކަމުގައިވެސް ދަންނަވަމެވެ."
"އާދެ! ޢަރަބި ބަހާއި ފާރިސީ ބަސް، އުރުދޫ ބަހާއި ހިންދީބަސް އަދި ޕޯޗްގީޒްބަހާއި
އިނގިރޭސިބަސް އަދި މިނޫންވެސް
ބައެއް ބަސްބަސް
އެކުލެވި، ބަސްބަހުގެ ބާޤާއަކަށް ވެފައިވާ ދިވެހިބަހަކީ، އެތަކެއް ޢިލްމުވެރިންގެ މަސައްކަތްޕުޅުން މީގެ އަދަބިއްޔާތުގައި މޮޅު ޝާޢިރިއްޔަތު، ނޫންނަމަ
ޅެންވެރިކަންވެސް އެކުލެވިފައިވާ ބަހެކެވެ."
ތެދެކެވެ. ދުނިޔޭގެ ލިޔުންތެރިންވެސް ހާމަކުރާފަދައިން
ދިވެހި އަދަބުގައި އަސަރު އެބަހުއްޓެވެ. އަދަބީ ތާރީޚުގައި ހޯދުންތަކަށް
ވަޅުވަޅުގަނޑާއި ދޮރުތައްވެސް އެބަހުއްޓެވެ. އެހެންކަމުން ޙަބީބާ ޙުސައިން
ޙަބީބުވެސް ވިދާޅުވެފައިވެއެވެ.
"ދިވެހި ލިޔުންތައް ލިޔެވިފައިވާ އެންމެ އެވޭލާ ޒަމާނާ ހަމައަށްދާއިރު، ފެންނަނީ
މީލާދީ 10 ވަނަ ޤަރުނުގައި
ފުރަތަމަ
ލިޔުމެއްގެ ގޮތުގައި ފެންނަން އޮތް ލޯ ފޮތިތަކެއްގެ ސިފައިގައި ހުރި ލޯމާފާނެވެ. މިހެން ދެންނެވި
ނަމަވެސް، ދިރާސާ ކުރައްވާ ބޭފުޅުން،
އެބޭފުޅުންގެ
މަސައްކަތްޕުޅުން ހޯއްދަވާފައިވާ ދިރާސާތައް، މިހާރު ކުރިއަށް ގޮސް، އިތުރު ހޯއްދެވުންތައް
ހޯއްދަވާފައިވާނޭ ކަމަށް ޔަޤީން
ކުރަމެވެ."
އަދިވެސް ޙަބީބާ ހާމަކުރައްވައެވެ.
"ޝްރީލަންކާގެ އެވޭލާ ޒަމާނުގައި ހުރި ކަމަށް ދިރާސާވެރިން ބުނާ ޝްރީލަންކާގެ
އޯލާލީވްސްގެ ދައުރާއި، ދިވެހިރާއްޖޭގެ
ލޯމާފާނު، ފަންނީ ގޮތުގައި އެއާ އެއްގޮތްކުރާ ކަމަށްވެސް ބުނެވެއެވެ. އޯލާލީވްސްގައި ހުންނަނީ އިހު އެވޭލާ ޒަމާނުގެ ސިންގަޅަ ބަހުގެ އަކުރުތަކުން ލިޔެވިފައިވާ އެޤައުމުގެ
އެޕިގްރަފީ ދައްކުވައިދޭ ތާރީޚީ
ލިޔުންތަކެވެ.
ބުދު ދީނާބެހޭ ލިޔުންތަކެވެ. ރާއްޖޭގެ ލޯމާފާނުގައި ޢާންމު ގޮތެއްގައި ހުރީ ރަސްރަސްކަލުންނާބެހޭ ލިޔުންތަކެވެ. އަދި ރަސްރަސްކަލުންގެ ފަތްކޮޅުތަކާއި އަދި
ދުޢާތައްވެސްމެއެވެ."
ދިވެހި އަދަބުގެ ދިރުންތަކަށް ފުރިހަމަކަށް ލިބުނު
އަދީބުންގެ ތާރީޚަކީވެސް ދެނެގަތުން މުހިންމު ބައެކެވެ. ޙަބީބާ ލިޔުއްވައިފައިވާގޮތުގައި؛
"ދެން އައި ދައުރުގައި ދިވެހި އަދަބީ އުދަރެހުގެ ފަތިހުގެ ތަރި
ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން
ޞަލާޙުއްދީން،
އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ އަދި ހުތްޢަލިދީދީ ފަދަ ޅެންވެރިންނާއި އަދީބުންގެ ގިނަގުނަ، ތަފާތު ބާވަތުގެ ލިޔުންތަކުން ދިވެހި އަދަބީ މަސްރަޙު އުޖާލާވެގެންދިޔައެވެ.
އެބޭފުޅުން ތަޢާރުފު ކުރެއްވި
އަދަބިއްޔާތު،
ކިޔާ މީހާގެ ތަޞައްވުރުގައި، ރީތި ޚިޔާލީ ދުނިޔެއެއް އާބާދުކޮށްދެއްވިއެވެ. ހަމައެހެންމެ، ޙަޤީޤީ ދިރިއުޅުމުގެ ހިތި ފޮނި ތަމްސީލީ މަންޒަރުތައް
ކުރަހައިދެއްވިއެވެ. އެބޭފުޅުންގެ ލިޔުންތަކުގައި، ކިޔާ މީހާގެ ސިކުނޑި، ދަގަނޑު ދަގަތްފާނުގެ ބާރުން ދަމާގޮތަށް، އިންސާނާގެ ސިކުނޑި އެދިމާއަށް ދަމާގޮތް ހުއްޓެވެ. މިއަދުގެ ކިޔަވާ
ކުދިންވެސް، އެބޭފުޅުންގެ
ލިޔުއްވުންތައް ކިޔައި ދިރާސާކޮށްހަދާހިތްވަނީ، އެ އަދަބިއްޔާތުގައި މި ބާރު ހުންނާތީކަމާމެދު ޝައްކެއްނެތެވެ. އަޅުގަނޑު ދެކޭގޮތުގައި، އެއީ އެންމެމޮޅު، އެންމެ
ދިވެހިވަންތަކަން ބޮޑު، އަމިއްލަ
ގޮތްހުރި ދިވެހި
އަދަބިއްޔާތު އަޅުގަނޑުމެންނާ ހަމައަށް ގެނެސްދެއްވި ދިވެހިބަހުގެ އަދީބުންނެވެ. ޢިލްމުވެރިންނެވެ. އަދި އުސްތާޛުންނާއި ޕްރޮފެސަރުންވެސްމެއެވެ."
"ދިވެހި އަދަބިއްޔާތުގެ ތިންވަނަ ދައުރު ޙަޤީޤަތުގައި ފެށިފައިވަނީ،
ދަންނަވައިދިޔަފަދަ އުސްތާޛުންގެ ދައުރު
ނުނިމެނީސް
މުޅިން އާ ތަޞައްވުރެއް ތަޢާރުފްވެގެންދިޔަ ދައުރެއްގެ ގޮތުގައެވެ. ރާއްޖޭގެ ވެރިކަމަށް ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު ވަޑައިގަތުމާއެކު،
އެމަނިކުފާނުގައި ހުރި އަދަބީ
ލަޔާޤަތްތެރިކަމާއި
ޝައުޤުވެރިކަމުގެ ނުފޫޒުން ދިވެހި އަދަބިއްޔާތަށް ވަރަށްބޮޑު އެދެވޭ ބަދަލެއް އައެވެ. އަޅުގަނޑު ލިޔާހިތްއޮތީ، އެމަނިކުފާނު ދިވެހިބަހަށާއި، ދިވެހި އަދަބިއްޔާތަށް
އިހަށް ނެތް ޒަމާނީ ރީތި ކުލައެއް
ޖައްސަވައިދެއްވައި،
ދިވެހި ބަހަށް ވަރަށް އެކަށޭނަ އިންޤިލާބެއް ގެންނެވިއެވެ. ލިޔުންތެރިކަމުގެ ފާޑަށާއި، ޖުމްލަތައް އެކުލަވާލައްވަމުން ގެންދެވިގޮތާއި، މިކަމުން
ފާހަގަކުރެވިގެންދިޔަ ރީތި ޒަމާނީ ބަދަލުތައް ފާހަގަކުރެވެއެވެ."
އަދަބިއްޔާތުގެ އެންމެ މުހިންމު އެއް ނުފޫޒަކީ
ސިފަކޮށްދިނުމެވެ. މަންޒަރު ސިފަކުރުމެވެ. މި ކުޅަދާކަމުގެ ހެކިތައްވެސް ދިވެހި
އަދަބުގައި އެބަ ހުއްޓެވެ. ޙަބީބާގެ ޚިޔާލުގައި މި އަދަބު ދިރުވައިދިން އަމީންގެ
ޒަމާނުއްސުރެ ކުރިއަރަމުން އަންނަ އަަދަބެއްގެގޮތުގައި ދިވެހި އަދަބީ ޖޯންރާތައް މި
އަދަބު ބަލައިގެންފައިވެއެވެ. ޙަބީބާ ލިޔުއްވައިފައިވެއެވެ.
"ކިޔާމީހާއަށް ފެނިގެންދާގޮތަށް ގެނެސްދެއްވުމުގެ
ހުނަރުގެ ކުޅަދާނަކަން
އެމަނިކުފާނުގެ ލިޔުއްވުންތަކުން ޞަރީޙަކޮށް ފެނިގެންދެއެވެ. މިސާލަކަށް، “ވިލާތައް މަޑު އަޅިއަކުން
މަޑު ނުލަކާއި މަޑު ދަނބަކަށް……..”
މި ޢިބާރާތަށް
އެކަނި ވިސްނާލާއިރު، އެއީ ދިވެހި ޢިބާރާތަށް ގެންނެވި ވަރަށް ރީތި ބަދަލެއްގެ މިސާލަކަށް ފުދެއެވެ. އަދިވެސް އެއްމިސާލެއް ނަގަނީނަމަ، އޭނާ ލިޔުއްވި ލޯބީގެ
އެއްވާހަކައެއްގެ ސުރުޚީ “ލޯބި އެންމެ
ލޯބީ ކަރުނައިގެ
ތެރޭގައެވެ.” ފުދެއެވެ. އޭނާގެ ޤައުމީ ޅެންތަކަކީވެސް ދިވެހިންގެ ހިތްތައް، ޤައުމިއްޔަތުގެ ޖޯޝާއި އަސަރުން ފުރިގެންދާފަދަ ޅެންތަކެކެވެ. އަޅުގަނޑުމެންގެ ތެރޭގައި
އެންމެ މަޝްހޫރުވެގެންދިޔަ “ވަޠަން
އެދޭގޮތަށް
ދަމާހެ ހެޔޮހިތުން މި ޖާނުދޭން” މި ޅެން އެކަނި ހޮވިގެންދެއެވެ. އޭނާގެ ހިތްޕުޅުގައި
ޤައުމަށްޓަކައި ހުރި ލޯބި، ކިޔާހިތްވާ
ރީތި
އަދަބިއްޔާތެއްގެ ސިފައިގައި އަޅުގަނޑުމެންނާ ހަމައަށް އެމަނިކުފާނު ގެނެސްދެއްވާފައިވާތީއެވެ."
"ސުމުއްވުލްއަމީރު މުޙަންމަދު އަމީން ގެނެސްދެއްވި މި އަސަރުގަދަ އަދި
މުއްސަނދި އަދަބިއްޔާތު، މުޅި ރާއްޖެއަށް
ތަޢާރުފުވެގެންދިޔުމާއެކު،
އެދުވަސްވަރުގެ ގިނަ ޒުވާނުންނާއި، އަދީބުންނާއި ޝާޢިރުން، އެމަނިކުފާނުގެ އަދަބިއްޔާތު ނަމޫނާއަކަށް ބައްލަވައި، އެފަރާތްތަކުގެ އަދަބީ ލިޔުންތައް
މުއްސަނދި ކުރައްވައި، އަސަރުގަދަ
ކުރައްވަމުން
ގެންދެވިއެވެ. ނަތީޖާއަކަށްވީ ވަރަށްކުރު މުއްދަތެއްގެ ތެރޭގައި، ދިވެހި އަދަބިއްޔާތު މުއްސަނދިވެ، ރީތިވެ އަދި އަސަރުގަދަވެގެން ދިޔުމެވެ. ޝައްކެއްނެތްގޮތުގައި،
ދިވެހިބަހާއި ދިވެހި އަދަބިއްޔާތު
މުއްސަނދި
ކުރައްވައި، އަސަރުގަދަ ކުރައްވައި، އިހުއޮތްގޮތަށް ހެޔޮ އިންޤިލާބެއް ގެންނެވީ، ސުމުއްވުލް އަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އާދެ! ދިވެހި
ޅެންވެރިކަމުގެ ބަގީޗާގެ “އޯކިޑް” އެވެ."
ދިވެހި ލިއުންތެރިކަން ތަރައްޤީކުޅައީ ދިވެހި އަދީބުންނެވެ. ދިވެހި ޚިޔާލުތަކުންނެވެ. ބޭރުގެ އަދަބީ އަސަރާ އެކު ދިވެހި އަދަބީ ވެށި ތިލަކޮށް ފަރުމާކޮށްގެންނެވެ. އެ ޒަމާނެއްގައި ދުނިޔެ ބަލައިގެންފައިވާ އަދަބީ ޅެންވެރިކަމާއި ޑްރާމާވެސް ހިމެނިގެންނެވެ. ލިޔުންތެރިކަމުގެ އެތައް ބާވަތެއްގެ އެތައް ފަރުމާއެއް ހިމަނައިގެންނެވެ. މިރޮނގު ވަރަށް ފުރިހަމަ ޚިޔާލެއް ފާޅުކުރައްވައި، ދިވެހި އެދުރު އަޙްމަދު ނާސިޙް ލިޔެފައިވާ ލިޔުމަކަށް ބަލައިލަމާ ހިނގާށެވެ.
އަޙްމަދު ނާސިޙް
ލިޔުއްވައިފައިވެއެވެ. އަޅުގަނޑުމެން ދިވެހިންނަކީ ކުޑަކުޑަތަނެއްގައި އުޅޭ މަދު މީސްކޮޅަކަށްވެފައި، ލިޔެކިއުމާ ފޮތްތެރިކަމުގެ ގޮތުން
ތިޔާގިކަންކުޑަ ބައެއް ނަމަވެސް އެކިދުވަސްވަރު
އެކި މިންވަރަށް ދިވެހި އަދަބީ މަސައްކަތް ކުރެއްވި އަދީބުން ދިވެހި ޤައުމުން ފެނި ގެއްްލި ގޮސްފައި ވާކަން ދިވެހިތާރީޚުން އެނގެއެވެ."
އަޙްމަދު ނާސިޙުގެ މި
އޮޅުންފިލުވައިދެއްވުމުގައި ހާމަކުރައްވައިފައިވެއެވެ. "ދިވެހިރާއްޖެއިން
ފެންނާންހުރި އެންމެ ޤަދީމީ ލިއުންތަކަކީ ރާއްޖޭގެ ބައެއް ސަރަޙައްދުތަކުން ކޮނެގެން ނެގިފައިވާ ހިރިގާފަދަ
ތަކެތީގައި ބިންވަޅުނަގައި
ލިޔެވިފައިވަނިކޮށް ފެންނާންހުރި ބުޑިސްޓް ޒަމާނުގެ ލިއުންތަކެވެ. މިފަދަ ލިއުންތަކުގައި ހުރީ އެޒަމާނުގެ ދީނާ
ގުޅުންހުރި ވާހަކަތަކެވެ. އަދި އެލިއުންތައް
ލިޔެފައިވަނީ އިންޑިއާގެ ކޮންމެވެސް ސަރަޙައްދެއްގައި
އެދުވަސްވަރު ބޭނުންކުރެވުނު އަކުރު ތަކަކުންނެވެ. އޭގެފަހުން ފެންނާންހުރި ޤަދީމީ
ލިއުންތަކަކީ ލޯމާފާނު ތަކުގައި ލިޔެފައިވާ ލިއުންތަކެވެ. ލޯމާފާނުތައް ލިޔެވިފައިވަނީ އެވޭލާ
އަކުރުންނެވެ. އެވޭލާއަކުރަކީ ޤަދީމީ ސިންގަޅަ އަކުރާ ދާދި އެއްގޮތް
އަކުރެކެވެ. ލޯމާފާން ތަކުގައި
ލިޔެވިފައިވަނީ ސަރުކާރުގެ އަމުރުތަކާއި، މިސްކިތްތަކުގެ ބޯގަ ނުވަތަ ވަޤުފް ތަކާއި އަދި ވެސް
އެހެނިހެން މުހިއްމު ތާރީޚުތަކާއި
ކަނޑައެޅުން ތަކުގެ ވާހަކައެވެ. ދިވެހިރާއްޖޭގެ ތާރީޚުގެ އެންމެ ތަފްޞީލީ އަދި ފުރިހަމަ މަޢުލޫމާތުތަކެއް
ފޯރުކޮށްދޭ، އެންމެ ޤަދީމީ ލިއުންތަކަކީ
ވެސް ލޯމާފާންތަކެވެ. މިގޮތުން އެންމެ މަޝްހޫރު ލޯމާފާން ތަކަކީ އިސްދޫ ލޯމާފާނާއި ދަނބިދޫ ލޯމާފާނެވެ.
ލޯމާފާންތައް ތައްޔާރު ކުރެވިފައިވަނީ ލޮއި
ފޮތިތަކެއްގައި ބިންވަޅުނަގައި ލިޔެވިގެންނެވެ. އަދި މިފޮތިތައް ވަނީ އެއްފޮތި އަނެއްފޮތްޗާ ގުޅުވާ
އަމުނާފައެވެ."
ޒަމާން ބަދަލުވަމުން
ދާވަރަކަށް ދިވެހި ލިޔުންތެރިކަމަށްވެސް ކުރިއެރުން ލިބިގެން ދިޔައެވެ. ލިޔުމުގެ
ފާޑުވެރިކަމަށާއި ލިޔުމުގައި ބޭނުންކުޅަ އަކުރައްވެސްވެސްމެއެވެ. މިއީ އަދަބީ
ކުރިއެރުމަކަށް ނުވެ ނުދާނެއެވެ.
އަޙްމަދު ނާސިޙު
ލިޔުއްވައިފައިވެއެވެ. "ދިވެހިން އިސްލާމްވުމާ ގުޅިގެން ބައެއް ޢަރަބި އަކުރު
ދިވެސް އަކުރުގެ ތެރޭގައި ބޭނުންކުރެވިފައި
ވަނިކޮށް ފެނެއެވެ. އެވޭލާ އަކުރާ ދިވެސް އަކުރަކީ ވެސް ވާއަތުން ކަނާއަތަށް ލިޔެވުނު ދެ އަކުރެވެ. އެހެންކަމުން މި ދެއަކުރު ބޭނުންކޮށްގެން ދިވެހިބަހުން ލިއުމުގައި
އެދުވަސްވަރު އުނދަގޫތަކެއް ދިމާވެފައިވާކަން
ފާހަގަކުރެވެއެވެ. ސަބަބަކީ ދިވެހިރާއްޖެ އިސްލާމްވުމާ ގުޅިގެން ދިވެހިބަހުގެ ލިއުންތަކުގެ ތެރޭގައި ދީނީ ވާހަކަތައް ލިއެވޭ އިރު ޢަރަބި އަކުރާއި، ބައެއް ޙަދީޘް ތަކާއި ކީރިތި
ޤުރުއާނުގެ އާޔަތްތައް ލިޔަން ޖެހުމުން،
ޢަރަބި ލިއުމަކީ ކަނާއަތުން ވާއަތައް ލިޔާ ލިޔުމަކަށް ވުމުން ދަތިވަނީއެވެ. ތާނަ އަކުރު އުފެދެން މެދުވެރިވީ މިސަބަބާހުރެ ކަމަށް ފެނެއެވެ." ދިވެސް އަކުރު
ތާރީޚަށް ވަދެ ހުއްޓުނީއެވެ.
ފޮތްލިޔުންތެރިކަމާމެދު
ނާސިޙު ލިޔުއްވައެވެ.
"ދިވެހިބަހުން
ފޮތްތައް ތައުލީފުކުޅަ އެންމެފުރަތަމަ ޢިލްމްވެރިއެއްގެ ގޮތުގައި ތާރީޚުން ފެންނަން އޮތީ އަލްޤާޟީ މަޙުމޫދު
(ރަންފުތު ފަނޑިޔާރު ތަކުރުފާނު) އެވެ.
އޭނާއަކީ އައްޑޫ މީދޫ އަލްޤާޟީ މުޙުއްމަދު ޝަމްސުއްދީނު ނުވަތަ އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދޮންދަރިކަލުން
ކަޅިހާރު ދޮންބުއި ނާއިބްތަކުރުފާނުގެ
ދަރިކަލުންނެވެ. އެދުވަސްވަރު ރާއްޖޭގެ ފަނޑިޔާރުކަންކުރެއްވި މިތަކުރުފާނަކީ ދިވެހި ތާރީޚުގައި ފޮނަދޫ ޚަޠީބު ތަކުރުފާނުގެ ނަމުން މަޝްހޫރުވެފައިވާ އަލްޢައްލާ
މުޙައްމަދު ސިރާޖުއްދީނުގެ ބައްފައެވެ. އަލްޢައްލާމާ މުޙައްމަދު ސިރާޖުއްދީނު
ނުވަތަ ފޮނަދޫ ޚަޠީބު ތަކުރުފާނާއި
އޭނާގެ ދަރިވަރު އަލްޤާޟީ ޙަސަންތާޖުއްދީނަކީ ދިވެހި ލިއުންތެރިކަމުގެ އެހާރުގެ އެންމެ އަލިގަދަ ދެ ދަންމަރެވެ.
ފޮނަދޫ ޚަޠީބު ތަކުރުފާނު ދިވެހިބަހުން ދީނީ
ތަޢުލީމު އުނގަންނަވާ ދެއްވުމަށް އެތައް ފޮތެއް ތައުލީފު ކުރައްވައި، އަދި މާލޫދު ފޮތްތަކެއް ލިއުއްވި އެވެ. ފޮނަދޫ ޚަޠީބު ތަކުރުފާނުގެ ދަރިވަރު އަލްޤާޟީ ޙަސަން
ތާޖުއްދޫނަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުކަން ކުރެއްވުމުގެ
އިތުރުން ދިވެހިރާއްޖޭގެ ތާރީޚު ޢަރަބި ބަހުން
ލިއުއްވާން ފެއްޓެވި ކަލޭގެފާނެވެ. ޙަސަންތާޖުއްދީން ދިވެހިބަހުންވެސް އެތައް ލިއުމަކާއި ފޮތްތަކެއް ލިއުއްވި
ކަމަށް ވެއެވެ. އަދި ޙަސަންތާޖުއްދީނުގެ ފަހުން ރާއްޖޭގެ ފަނޑިޔާރުކަން
ކުރެއްވި ކޮންމެ ބޭފުޅަކު ވެސް ދިވެހިތާރީޚު
ލިއުއްވަމުން ގެންދެވިއެވެ. މިކަންތައްތައް މިމަގުން ކުރައްވަމުން އައީ ދިވެހިރާއްޖޭގެ ރަސްގެފާނުގެ
އަމުރުފުޅަށެވެ. މިގޮތުން ދިވެހިތާރީޚު ޢަރަބިބަހުން އެންމެފަހުން ލިއުއްވި
ފަނޑިޔާރު ބޭކަލަކީ އަލްޤާޟީ މޫސާ
ބަދުރުއްދީނުލް އައްޑުވިއްޔު އެވެ."
ދިވެހިންގެ މެދުގައި
މަޝްހޫރު އެތައް ލިޔުންތެރިންނެއް ހިމެނެއެވެ. ނަމަވެސް ބަނޑޭރި
ޙަސަންމަނިކުފާނުގެ އަދަބު މިއަދުވެސް ނުފެނެއެވެ. އެ އަދަބުގެ ފެންވަރަށް ލިޔެވޭ
މީހަކު ނުފެނެއެވެ. ވީއިރު އެއީ އަލިގަދަ އެއް ތަރިކަމުގައި ޤަބޫލުކުރަންޖެހެއެވެ.
ދިވެހި ތާރީޚުގައި ފާހަގަކުރެވޭ މި އަދީބާއެކު ނައިބު ތުއްތުގެ ނަން ލިސްޓް
ނުކުރެވި ނުދާނެއެވެ. އެހެނީ ރައިވަރުގެ ދުނިޔޭގައި އެއީ ލާމަސީލުއަދީބެއްކަމުގައި
ބެލެވޭތީއެވެ. މިފަދަ ދަރިންކުރެ ދެން ފާހަގަކޮށްލެވެނީ ޢަލީ އެދުރު ތަކުރުފާނެވެ.
އަޙްމަދު ނާސިޙު ލިޔުއްވާގޮތުގައި؛
"ޢަލީ އެދުރުގެ ބޮޑުތަރުތީބު ނުވަތަ “ޒުހުރުލް
ކަމާލާތި ފީ އަޙްކާމިލް އިބާދާތި” އަކީ ވެސް
ދިވެހި ބަހުން ލިޔެވިފައިވާ ފިޤްހު ޢިލްމްގެ ފޮތްތަކުގެ ތެރެއިން އެންމެ ކުރީ ސަފުގައި ގުނާލެވޭ
ފޮތެކެވެ. މިފޮތަކީ އަތުންލިޔެގެން
އެތައް ޒަމާންތަކެއް ވާންދެން ދިވެހިން ހެޔޮނުބައި ދަސްކުރަމުން އައި ފޮތެކެވެ. މިގޮތުގައި ޒަމާންތަކެއް
ދިއުމަށްފަހު ކަލްކަތާއަށް ފޮނުވައިގެން މިފޮތް
ޗާޕްކޮށް ނެރެދެއްވީ އަތިރީގޭ އަލްއަމީރު އަޙްމަދު ދޮށިމޭނާކިލެގެފާނެވެ. ބޮޑުތަރުތީބަށްފަހު ދިވެހިބަހުން ލިޔެވުނު މިފަދަ ދެވަނަ ފޮތަކީ އައްޑޫ މީދޫ ނާއިބުގޭ އަލްޢައްލާމާ
އަޙްމަދުދީދީ ލިއުއްވި “އަޙްމަދުދީދީ ތަރުތީބު”
އެވެ. މިފޮތަކީވެސް ރާއްޖޭގެ އެކި ކަންކޮޅުތަކާއި
މަލިކުގައި ދީނުގެ ޢިލްމު އުނގެނުމަށް އެތައްބަޔަކު ބޭނުންކުރެއްވި ފޮތެކެވެ."
ދިވެހިންނަކީ ބުނެޥޭގޮތުގައި މީގެ 2500 އަހަރުކުރީގައިވެސް
މި ފަސްގަނޑުގައި އުޅޭ ބައެކެވެ. އަމިއްލަވަންތަކަމާއި މިނިވަންކަމާއި ބާރާއެކު
އުޅުނުކަމުގެ ޢަލާމާތްތައްވެސް ފެނިފައިވެއެވެ. އެހެންކަމުގައިވާނަމަ މިތަނުގައި
ބަހެއްވެސް އޮންނާނޭކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ.
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ
ލިޔުންތަކުން (2002) އެނގޭގޮތުގައި މި ރާއްޖޭގެ އަހުލުވެރިން އިރުމަތީ
ޤައުމުތަކަށް ދަތުރުކުރިއެވެ. އިންޑަސްވާދީގެ ރަށްތަކަށް ދިވެހި ބޮލި
ގެންގޮސްފައިއެބަހުއްޓެވެ. އަދި ހުޅަނގުގެ ޤައުމުތަކަށްވެސް ދިވެހިން
ދަތުރުކުރިކަމުގެ ޢަލާމާތްތައްހުރިކަމުގައިއެވެ. އެހެންކަމުގައިވާނަމަ ދިވެހިންގެ
ތެރޭގައި ލިޔުންތެރިކަމާއި ކިޔުންތެރިކަން ނެތިއެއް ނުދާނޭކަން ކަށަވަރެވެ.
ރާއްޖޭގެ ލިޔުންތަކާޢި ހުރިނަމަ ހުރި އެއްޗެއްވަނީ
ފަނާވެފައެވެ. މިހަތަނަށް ހޯދި ހޯދުންތަކުން ފެނުނު އެންމެ ދުވަސްވީ
ލިޔުމަކަށްފެނިފައިވަނީ މީލާދީން 9 ވަނަ ގަރުނުގެ ލިޔުމެކެވެ. އެއީ ޕްރޯޓޯ ނާގަރި
އަކުރުން، ދިވެހިބަހުން ލިޔެފައިވާ ލިޔުމެކެވެ. ކުރު ނަމަވެސް މިއީ ފެންނަން އޮތް
ދުވަސްވީ ލިޔުމަކަށްވީތީ މިއީވެސް ދިވެހި އަދަބަށް މުހިންމު ތަރިކައެއްކަމުގައި
ނޫނީނުވާނެކަންކަށަވަރެވެ.
ދިވެހި ލިޔުންތެރިކަމާއި އަދަބިއްޔާތު ހެކިހުރި ލިޔުމެއް
ފެންނާން އޮތީ އިސްދޫ ލޯމާފާނުގައި ހުރި ލިޔުމެވެ. އެއީ އެވޭލާ އަކުރުގެ ލިޔުމެވެ.
މިއަށްފަހު އެކިއެކި ރަސްމީ ފަތްކޮޅުތަކުން ލިޔުމުގެ އަދަބު ފެންނާން
އެބަހުއްޓެވެ. މި ޒަމާނުގައި މި މާނަކުރެވޭ ދިވެހި އަދަބީ ލިޔުންތައް ފެންނަންފެށީ
ތާނައިގެ ޒަމާނުގައެވެ. މި ލިޔުމުންވެސް މުސްކުޅިކޮށްފެންނަނީ ފަތްކޮޅުތަކެވެ.
މިއަކުރުގެ އެންމެ ދުވަސްވީ ލިޔުމަކަށް ފެންނަނީ މީލާދީން 1705 ވަނަ ފެނުނު
ދުވަސްވީ ފަތްކޮޅެކެވެ.
ދިވެހި އަދަބީ އަސަރުގައި ލިޔެފައިވާތީ ފެނުނު އެންމެ
ދުވަސްވީ ލިޔުމެއްކަމަށް ފާހަގަކުވިފައިވަނީ އަތުން ލިޔެ އަތްއަތްމަތިން
ބަދަލުކުރެވި މިއަދާހަމައަށް އައިސްފައިވާ ބޮޑު ތާހީދެވެ. އެއީ ހިޖުރައިން 12 ވަނަ
ގަރުނުގައި (ލަފާކުރެވޭގޮތުގައި ހިޖުރައިން 1150ގެތެރޭގައި، މީލާދީން 1737 ހާ
ހިސާބު) އުފެދުނު ލިޔުމެކެވެ. މި ރައިވަރުބައިގައިވަނީ ތައުހީދުގެ ވާހަކަތަކާއި
އިންސާނީ މިފަދަ މުހިންމު ވާހަކަތަކެވެ. އެންމެ ދުވަސްވީ ވާހަކައަކީ ރިވާޔަތު މޫސާ
ވަޛުލައިޚާއެވެ. މިއީ ހިޖުރައިން 1319 ގައި އަޙްމަދު ކާމިލްދީދީ ލިޔުއްވި
ވާހަކައެކެވެ. އެއީ މީލާދީން 1921 އެވެ،
ދެން އެންމެ ދުވަސްވީ ވާހަކައިގެ ގޮތުގައި
ލިސްޓުކުރެވިފައިވަނީ ހިޖުރައިން 1377ގައި ސަރުކާރު ޗާޕުޚާނާއިން ނެރުއްވި
ދޮންބީފާނުވާހަކަ އެވެ. ބުނެވޭގޮތުގައި މި ވާހަކަ ލިޔުއްވައިފައިވަނީވެސް
ހިޖުރައިން 1319ގައެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން
ލިޔުއްވައިފައިވާގޮތުގައި މި ވާހަކަ ޙުސައިން ޞަލާޙުއްދީން ލިޔުއްވައިފައިވަނީ 2
ރަޖަބު 1339ގައެވެ. މި ޚިޔާލާ އަޅުގަނޑު އެއްބަހެއް ނޫނެވެ. އެހެނީ މިފަދަ ބޮޑު،
ދިގު، ފުރިހަމަ ވާހަކައެއް އެއް ދުވަހުން ނުލިޔެވޭނެއެވެ. އަޅުގަނޑު
ލަފާކުރާގޮތުގައި މި ވާހަކަ ލިޔުއްވުމަށް މަދުވެގެން 6 މަސް ވޭތުވާނެއެވެ.
އެހެންކަމުގައިވާނަމަ މި ވާހަކަ ހިމެނޭނީ ރާއްޖޭގައި އުފަންވި ފުރަތަމަ
ވާހަކައަށެވެ.
ދިވެހި އަދަބަކީ ވަރަށް ޅަ އަދަބެކެވެ. ނަމަވެސް
ކުރިއަރައި ބަދަލުތައް އައިލެއް ވަރަށް އަވަހެވެ. ވިހިވަނަ ގަރުނުގެ ކުރީކޮޅުގައި
ފެށުނު މި އަދަބަށް ގަރުނެއް ނުވަނީސް މިއަދު ދިވެހިންގެ އާބާދީގެ ނިސްބަތަށް
ބަލާއިރު ވަރަށް ގިނަ ލިޔުމާއި ފޮތް ވަނީ އުފެދިފައިކަމަށް ބެލެވެއެވެ. 1980 އާއި
2008 ގެ ތެރޭގައި ފެށިފައިވާ އަދަބީ މުއްސަނދި ޙަރަކާތްތަކާއި ފެށިފައިވާ ކުދިކުދި
ޙަރަކާތްތަކާއި ތަރައްޤީގެ އެކިއެކި ޙަރަކާތްތައް ހީ ނުކުރާހާ ގިނައެވެ. އަދި
އުއްމީދުކުރިވަރަށްވުރެ ފުރިހަމައެވެ. އިރެއްގައި ލިޔުމާއި ޗާޕު ނެތަސް، އަދި ޒަމާނީ
ޓެކްނޯލޮޖީއާ ބީރައްޓެހިވެފައިވިޔަސް މިއަދު ދިވެހި އަދަބުވަނީ އެހެންވެސް
ބަސްބަހުގެ އަދަބު ޖެހުނު ކޮންމެ ތަރައްޤީއެއްގައި ޖެހިފައިކަމަށް
ދަންނަވައިލަމެވެ. ހިތާމައަކަށް އޮތީ ޒަމާނީ ފެންވަރެއްގައި ޓެކްނޯލޮޖީއަށް ދިވެހި
ބަސްފޮތް ތަރައްޤީނުވުމެވެ.
އަޙްމަދު ނާސިޙުގެ
ލިޔުމުގައިވާގޮތުގައި "ދިވެހިބަހުން އެންމެބޮޑު ފޮތެއް، މިޒަމާނުގެ
ފޮތްލިއުމުގެ އުޞޫލްތަކާ އެއްގޮތަށް،
ލިއުއްވި ޢިލްމްވެރިއަކީ އައްޑޫ މީދޫ އައިސާބީގެދަރު ދޮންބެއްޔާގެ ދަރިކަލުން އައްޝެއިޚު އަޙްމަދު ދީދީ އެވެ.
އޭނާ ލިއުއްވި ފޮތަކީ “ޠިއްބުލް ފުޤަަރާއި ފީ
ޙިކްމަތިލް އުމަރާއި” އެވެ. މިފޮތަކީ ދިވެހި ބޭސްވެރިކަމުގެ ރޮނގުން ލިޔެވިފައިވާ އެންމެފުރިހަމަ
ފޮތެވެ. މިފޮތް ލިއުއްވާފައިވަނީ ޢަރަބި ބަހުގެ
ތަފާތު އެތައް ފޮތްތަކެއް ބައްލަވައިގެންނާއި
ދިވެހިންގެ ޤަދީމީ ބޭސްވެރިކަން ދިރާސާކުރައްވައިގެންނެވެ.
އައްޝައިޚު އަޙްމަދު ދީދީ އަކީ މިނޫންވެސް ތަފާތު އެތައް ފޮތްތަކެއް ލިއުއްވައިފަވާ ވަރަށްމޮޅު ލިއުންތެރިއެކެވެ."
އިތުރަށް ދިވެހި
އަދަބީ ލިޔުންތަކާމެދު ލިޔުއްވަމުން އަޙްމަދު ނާސިޙު ލިޔުއްވައިފައިވެއެވެ.
"އައްޝައިޚު
އިބްރާހިމް ބަހާއުއްދީނަކީ ދިވެހިރަޢްޖެއަށް ޗާޕްގެ މަސައްކަތް ތަޢާރަފް ކުރެއްވުމުގެ އިތުރުން ދިވެހި
ލިއުންތެރިކަމާއި އަދަބިއްޔާތައް ވެސް ތަފާތު
ގިނަގުނަ ޚިދުމަތްތައް ކުރެއްވި ބޭފުޅެކެވެ. އިބްރާހިމް ބަހާއުއްދީނު ލިއުއްވި
“ޖައްނާތުލް ފިރުދައުސް” އާއި “ރިސާލާ” އަކީ ފާހަގަކޮށްލެވޭ ފޮތްތަކެކެވެ."
"އަލްއަމީރު ޙަސަން ފަރީދުއާއި އަލްއަމީރު
މުޙައްމަދު އަމީން ދިވެހި ދައުލަތް
ހިންގެވި ދުވަސްވަރަކީ ދިވެހި އަދަބިއްޔާތު މުޅިން އާ ޒަމާނީ ގޮތްތަކަކަށް ބަދަލުވެގެން ދިޔަ ދުވަސްވަރެކެވެ. މިހާރު
އަޅުގަނޑުމެންނަށް މިފެންނަ ގޮތަށް
ދިވެހި ޅެމާއި ލަވަތައް ޢާއްމުވާން ފެށީ މިދުވަސްވަރުގައެވެ. މިހާރު އަޅުގަނޑުމެން މިދެކޭފަދަ ގޮތައް ފުރަތަމަ ޅެމެއް، ދިވެހިބަހުން، ހެއްދެވި ބޭފުޅަކީ މައުލަވީ ހުތް
ޢަލިދީދީ އެވެ. އެއީ ފަޟީލަތުއްޝައިޚު ޢަބްދުﷲ ޖަލާލުއްދީނުގެ ބައްޕައެވެ. މިދުވަސްވަރު އަޅުގަނޑުމެންނަށް ފެނިގެންދިޔަ މޮޅު ލިއުންތެރިންގެ ތެރޭގައި އައްޝައިޚު މަލިން މޫސާ މާފަތް ކަލޭގެފާނާއި،
އައްޝައިޚު މުޙައްމަދު ޖަމީލުދީދީ އާއި،
އަލްއަމީރު މުޙައްމަދު އަމީނު އާއި މަލިމް މުޙައްމަދު ދީދި އާއި މުޙައްމަދު އިސްމާއިލް ދީދީ އާއި އަލްފާޟިލް އަޙްމާދު ކާމިލުދީދީ އާއި އަލްއުސްތާޛު އިބްރާހިމް ޝިހާބް ފަދަ ބޭފުޅުން ހިމެނެއެވެ."
ދިވެހި އަދަބީ
ފަންނުވެރިކަމަށް އަލިގަދަ ދަންމަރުތައް އެކި ދިމާއިން އެކި އަތޮޅުން އެކި
ނަމުގައި ދިއްލެން ފެށި އެއް ޒަމާނަކީ އަމީންދީދީގ އަދަބީ ޙަރަކާތްތަކުގެ
ޒަމާނެވެ. އެއީ މި ދެކޭ އަދަބީ ތަރައްޤީގެ އޮށް އިންދިގެން ދިޔަ ޒަމާންކަމުގައި އެތައް
ބަޔަކު ސިފަކުރެއެވެ. އެހެންކަމުން ތާރީޚުގައި އަމީންދީދީގެ އަދަބީ ޚިދުމަތުގެ
އުފެއްދުންތަކާއި އެ ޒަމާނުގެ އަދީބުންގެ މަސައްކަތަކީ ޝުކުރުގެ ކޮޅުނެތް ދިވެހި
އަދަބީ މަސައްކަތެކެެ.
އަޙްމަދު ނާސިޙު
ލިޔުއްވާ ބަސްމަގުންނަމަ "އަލްއަމީރު މުޙައްމަދު އަމީނު ދިވެހިރާއްޖޭގެ
ވެރިކަން ކުރެއްވި ދުވަސްވަރަކީ ދިވެހި
ލިއުންތެރިކަމުގެ ބަހާރު މޫސުމެވެ. އެދުވަސްވަރު ދިވެހި ޤަޥްމުން ދެޖިންސުގެ އާ ލިއުންތެރިންނާއި
ޅެންވެރިން އުފެދިގެންއައެވެ. މިހާރު
އަޅުގަނޑުމެންގެ ތެރޭގައި އުފެދިފައި މިވާ ޒަމާނީ ލިއުންތެރިކަމަކީ މުޙައްމަދު އަމީނު ކުރެއްވި
މަސައްކަތްޕުޅު ތަކުގެ ނަތީޖާއެވެ. އަލްއުސްތާޛު
މައުމޫނު އަބްދުލް ޤައްޔޫމް، ދިވެހިރާއްޖޭގެ ރައީސްކަމާ ޙަވާލުވެވަޑައިގެން އުފެއްދެވި ދިވެހިބަހާ ތާރީޚަށް
ޚިދުމަތްކުރާ ޤަޥްމީ މަރުކަޒު ހިމެނިގެން
ދިޔައީ އަނެއްކާވެސް ދިވެހި ލިއުންތެރިކަމަށް އާރޯކަމެއް ގެނެސް ދެއްވި މަރުކަޒަކަށެވެ. މިމަރުކަޒުން
ކުރެއްވެވި މަސައްކަތްޕުޅުތަކެއްގެ
ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގައި އާ ލިއުންތެރިންތަކެއް އުފެދި، ދިވެހި ބަހަށާއި ދިވެހި ލިއުންތެރިކަމަށް މީހުންގެ ހިތްތަކުގައި ލޯބި އުފެދިގެން ދިޔައެވެ."
ދިވެހި އަދަބީ ކުރިއެރުމަށް ބަލާއިރު ލިޔުމުގެ
ބާވަތުންނާއި އަދަބީ އުސްލޫބާއި ކުރިއެރުމުގެ ފާޑުވެރިކަމަށް ބަލާއިރު ދައުރު
ގުނުމަށް މިއަދު ބަދަލު އަތުވެއްޖެއެވެ. 3 ދައުރަށްވުރެ އިތުރުވެއްޖެއެވެ.
ފުރިހަމަ ދިރާސާއެއް ކޮށްފިނަމަ ފަހަރެއްގައި 7 ދައުރަށްވެސް ބެހިގެން ހިނގައިދާނެއެވެ.
ވީމާ ދަންނަވަންޖެހެނީ ދިވެހި އަދަބުގެ ޒަމާން ތާރީޚުގެ ސަފުހާތަކަށް ބެހި
ކުރިއަރާ މިންވަރު އިތުރުވެއްޖެކަމުގައެވެ.
V shaugukuruvanivi liyumeh..mauloomath libigen dhiya v furihamayah
ReplyDelete