15.8.16

ދިވެހި އަދަބިއްޔާތުގައި ޅެންވެރިކަމުގެ މުއްސަނދިކަން Kurolhi Dhivehi Lhemuge mussan'dhikan


ދިވެހި އަދަބިއްޔާތުގައި ޅެންވެރިކަމުގެ މުއްސަނދިކަން

ދިރާސާކޮށް ލިޔުނީ: އާދަމް ޒާހިރު 2016

 

އަންބާ ފަރިހި ކާ ރައިވަރާ ޅެންލަވަ ބަނދިން މުއްސަނދި މިބަސް
                        ފަންނަށް ނުހަނު އަސަރުން ފެތޭ ބަސްމަގު އަދަބު ޅެންވެރި މިބަސް
ދިވެހިންގެ ބަސް ދިވެހިންގެ އަޑު ދިވެހިންގެ ގޮތް އެ އަޑުން ދިރޭ
                        ދިވެހިންގެ ނަން އެ ބަހުން ދިރޭ ޅެންވެރި ދިރޭ ވެހި  ދިވެހިބަސް

ޝައްކެއް ނެތެވެ. އަޅުގަނޑުމެންގެ މާދަރީ ދިވެހިބަހަކީ މުއްސަނދި ޅެންވެރިކަމެއް އޮތް، އެ ޅެންވެރިކަން އެއް ދުވަހުން އަނެއް ދުވަހަށް ދިރިގެން އަންނަ ބަހެކެވެ. އީޖާދީ ބަލާޣާތެއް ފެންނަން އޮތް، އުފެއްދުންތެރިކަމާއި ޚިޔާލާތުގެ ތަނަވަސްކަން ހާމަވާ އެތައް ޚިޔާލެއްގެ ޅެންވެރިންގެ ފޮނިފިނި ޅެންތައް އިހާއި ފަހުގައިވެސް ފެނި ލިޔެވި ރައްކާވެފައި އޮތް ދިވެހިބަހެވެ. މި ކަން ހޯދި ހޯދުންތަކުން ހާމަވެ ފެންނާން އެބަ އޮތެވެ. 

އެންމެ ފާހަހަކޮށްލެވޭ އެއް ކަމަކީ ޅެންވެރިކަމުގައި އުސޫލީ މިންގަނޑުންނާއި ހާމަކުރުމުގެ އުސްލޫބުގައި ބާވަތްތައް ތަފާތުވެފައި ގިނަކަމެވެ. ބަންޖާއި ކާ، އަދި ފަރިއްސާއި ރައިވަރާއި ޅެމާއި އަންބާއާއި ލަވަ ހިމެނޭކަމީ ބާވަތުގެ މުއްސަނދިކަމެވެ. މީގެ އިތުރަށް އާޅެމާއި ތައިވަރާއި ކުރުމުތީއަކީވެސް މުހިންމު ބާވަތްތަކެކެވެ. އަދި ކޮބައިތޯއެވެ؟ މާނަވީގޮތުން ޤައުމީ، ދީނީ، ޢިޝްޤީ، ސިޔާސީ، އަދި ފަލްސަފާވެރި ހާމަކުރުންތަކާއި، ސިފަކުރުމާއި ބަލާޣާތުގެ މުއްސަނދި ޚިޔާލުތައް ދިވެހި ޅެންވެރިކަމުގައި، ފުދުންތެރި އިމެއްގައި އެބަ ހުއްޓެވެ. ވީމާ ދިވެހި އަދަބުގައި މުއްސަނދި ތަރިކައެއްކަމުގައި ޅެންވެރިކަން ވެފައިވެއެވެ. 

ޅެމަކީ ކޮބައިތޯއެވެ؟ ދެނެގަތުމަށް ފިކުރުތައް ހިންގައިލާށެވެ. ޅެމާމެދު ބައެއް އަދީބުން ފާޅުކުރައްވައިފައި ހުރި ޚިޔާލުފުޅުތައް ވަރަށް ތަނަވަހެވެ. އެހެންކަމުން އެ ޚިޔާލުފުޅުތަކަށް ވިސްނާށެވެ. ހަމަގައިމުވެސް މި ކަންކަން ފިކުރަން ނަގައިގަތުމާއެކު ދިވެހިބަހުގެ ޅެންވެރިކަން އެނގި އުފާވެއެވެ. ފަރުވާތެރިވެ، ވިސްނައިލާށެވެ.  

ޢަބްދުﷲ ޞާދިޤު ހާމަކުރައްވާގޮތުގައި "ޅެމަކީ ތިމާގެ ހިތުގައި އުފެދޭ ޝުޢޫރެއް އަނެކަކަށް އަސަރުކުރާނޭހެން  ވަޒަނަކަށް ފައްތައިގެން އާދައިގެ ބަހުރުވައަށްވުރެ މަތީފެންވަރެއްގެ އަދަބީ ޢިބާރާތްތަކުން ފާޅުކުރުމަށް ކިޔޭ ނަމެކެވެ" މިކަން ދިވެހިބަހުގެ އެންމެ މުއްސަނދި ޚިޔާލުތައް ގެނެސްދޭ ދިޔޯގެ ރައިވަރުންނާއި ނައިބު ތުއްތުގެ ރައިވަރުތަކުން ހާމަވެ ތިލަވެއެވެ. ކުދިންކުދިން ކުޅޭށާއި ރުއްސާން ކިޔައިއުޅުނު ބަނދިތަކުން ފެނެއެވެ. މި ބަންޖާއި މިރައިވަރުތަކަށް އިންސާފުކޮށްލަމާތޯއެވެ؟ 

"ސަމަންދަރޯ ސަމަންދަރޯ
މާކަނޑުމާ ސަމަންދަރޯ
ސަމަކުރަންދި ކަޅުބިލަމަސް
ދަހިވެވިގެން ކަޅިވެވިގެން
މިއޮޑިއަށް އަރާ ބާނީ
މަރަޖަލް ބަޙުރައިނީ"

އައި ޒަމާނެއް، އުފަންވި ތާރީޚެއް އެނގެން ނެތަސް މި ބަނދި ކުދިންގެމެދުގައި ކިޔައި އުޅޭތާ ވީ މުއްދަތު ވަރަށް ދުރަށް ދާކަން އެނގެއެވެ. ދިވެހި ދަރީންގެ ޅަފަތުގައި ރުއްސައި މަޖާކޮށް ކުޅެން ކިޔައިއުޅޭ ބަނދިތަކުގެ ތެރެއިން، "ބޯބޯ ބޮއްތަލޯ ދެފަނިކާ ފެންބަތޯ" އާއި "އެލޯވަޅިއަ މިލޯވަޅިއަ" ފަދަ އެތައް ބަންޖެއް ދިވެހިބަހުގައި އެބަ ހުއްޓެވެ.

"މާކަނަޔޯ ޑިނގާރަޔޯ
މަތިންދަމުން ބަޑި ޖެއްސޯ
ތިރިންދަމުން ފޮޑި ޖެއްސޯ
ތަކަފަލަގޭ ދަޮރުމައްޗަށް
އަރާރުން މެ ހަދައިލައިފައި
ގޮސް އެއިނީ އަތިރީއޭ
އަތިރީ ތިންމަސް ދުވަހޭ
އެއްގަމު ތިންމަސް ދުވަހޭ
ކަނަޔަކަށް ހަ މަސް ދުވަހޭ"

މިއިން ކޮންމެ ބަންޖަކުން އިޖްތިމާޢީ ނަސޭހަތެއް، ތަރުބިއްޔަތެއް ހާމަކޮށްދެއެވެ. މި ބަނދީގައިވެސް ކިބުރުވެރިކަމާއި ފޮނިކަމުގެ މާނަ ތިލަވުމާއެކު ދިރުމުގެ ދައުރާވުމުގެ އާދަ އެބަ ހާމަކޮށްދެއެވެ. ހަމަ މިފަދައިން ދިވެހި ޅެންވެރިކަމުގެ މުސްކުޅި ކާ އާއި ރައިވަރުގެ މަޤާމުވެސް މަތިވެރި މިންވަރެއްގައި ދިވެހިން ބޭނުންކޮށް އުޅެއެވެ. މި ކާއާމެދު ވިސްނައިލާށެވެ. 

"ރޯގާގެ ބައިންގަރު،
ތޯ މި އުޅެނީ ވާން މަރު،
ލޯ ދެ ފުރި ނުން ހިނގާ ކަރު،
ކޯތާފަތް ނުވޭ ހިކޭވަރު"
ރޯގާގެ ގަރުބައިން، ނުވަތަ ވޭނުން މަރުވާވަރުވާކަން ސިފަކޮށް ކަރުނުފުރި ދެ ލޮލުން ފައިބާލެއް ގިނަކަމުން ކޯތާފަތް ހިކޭވަރު ނުވާވާހަކަ ގެނެސްދީފައި މިވަނީ ލުއި ލުއި ވިސްނުމަކަށް ތަންދީގެންނެވެ. މިއީ ކާއެކެވެ. މުސްކުޅި ދިވެހި ބާވަތެކެވެ. އަވައްޓެރި ޤައުމުތަކުންވެސް ނުފެންނަ މި ބާވަތުން ދިވެހިންގެ ޅެންވެރިކަން ތާރީޚަށް އެބަ ވަދޭ ނޫންތޯއެވެ؟ މި ރައިވަރަށް ވިސްނައިލާށެވެ. 

"ކާކަށްތަ ދާނައީ ކުޅަ،
ވާގިލާރުން ޖަހާ ދަ މުގު،
ރާކަށެއް އިރާދަ މުގު" 

މިއީވެސް ފާހަގަކޮށްލެވޭ ރައިވަރެކެވެ. މުސްކުޅި ޒަމާނުއްސުރެ ތުންތުންމަތިން ކިޔެމުން އައިސްފައިވާ މި ރައިވަރުން ﷲ ގެ ކުޅަދުންވަންތަކަމާއި ބާރުވެރިކަން ހާމަވެއެވެ. އަދި އިންސާނާގެ އާރެއް ބާރެއް ނެތްކަމާއި ނިކަމެތިކަން އެބަ ވިސްނެއެވެ. 

މޫސާފަތުޙީ 1985ގައި ޅެންވެރިކަމާމެދު ލިޔުއްވައި ވިދާޅުވެފައިވަނީ "ޅެމަކީ،  ފުނަށް އަސަރު  ފޯރާ ފަދަ  ގޮތަކަށް ރީތި ޚިޔާލުތަކެއް  ފާޅުކުރުމަށް  ވަޒަނަކަށް  ފެތޭގޮތަށް ކާފިޔާ ހަމަކޮށް  އަތުރާލެވޭ  ބަސްތަކެކެވެ." ތެދެކެވެ. މި މާނައިގައި ދިވެހި ރައިވަރާއި ކާއާއި ބަނދީގެ އިތުރަށް ކޮންމެ ބާވަތެއްވެސް އީޖާދުވެފައިވެެއެވެ. މީގެ މިސާލަކަށް މި ރައިވަރު ފުދެއެވެ. މިފަދަ ރައިވަރަކަށް ފިކުރު ދޫކޮށްލުމީ މީގެ މުއްސަނދި ފިކުރުން ހިތް ފުރޭނޭކަމެކެވެ. 

"އަރިމަތިން ބަލަބަލާ
ސަރިމަތީ އިނެ ލޭސްދާ
ފަރިވެ ފޮޅި ފޮޅި ލިލީމާ
މަރިޔާދުކަން މަތީގާ
ތަރިތަކެއްހެން ވިދާއިރު އެ
 ބަރިކުސަ ޙާލު އިންއިރުއެ"

މޫސާ ފަތުޙީގެ ވިސްނުންފުޅުގައިވާފަދައިން މި ފަދަ ރައިވަރުތަކުން ފިކުރުގެ ވިންދުގައި ވަރަށް ފުނަށް ފީނަންޖެހިއްޖެއެވެ. އެ ބުނާ ލިލީ މަލެއްގެ ބަގީޗާ އޮތް ބިމެއް ބަލަންޖެހިއްޖެއެވެ. ޙާލަތާމެދު ވިސްނައި ފިރުމުގެ އަތް ހިއްލައިލަންޖެހިއްޖެއެވެ. އެ ބެބުޅުމުގެ އަލިން އަނދިރި ހިތްތައް ދިއްލޭތޯ ބަލަންވެސް ޖެހިއްޖެއެވެ. 

އާދޭހެވެ. އާދޭހެވެ. ދިވެހި ޅެންވެރިކަމަކީ މުއްސަނދި ޚިޔާލެކެވެ. އީޖާދީ ކުރިއެރުމެއްގެ ޝުޢޫރެކެވެ. ދިވެހި މުއްސަނދި ޅެންވެރިކަމުގައި އާދަޔާ ޚިލާފު އެއް ޝަރުޠެއް އެބަ ވެއެވެ. އެއީ ދުނިޔޭގެ އެހެން އެއްވެސް ބަހެއްގައި ނުވާ ސިފައެކެވެ. ދިވެހި ޅެންވެރިކަމުގެ ފުރިހަމަކަމާއި ޗާލޫލަމުގެ މިސާލެކެވެ. ޖަމީލްދީދީ ވިދާޅުވާ ފަދައިން ދިވެހި ޅެމުގައި އޮތް ޚާއްސަ ސިފައެކެވެ. 

އުސްތާޛުލް ޖީލް މުޙައްމަދު ޖަމީލްދީދީ، 1986 ގައި ލިޔުއްވައިފައިވާ "ޅެމާއި ޅެންވެރިކަން" މި ފޮތުގައި ވެއެވެ. "ޅެމަކީ ވަޒަނަކަށް ފެތޭ ގޮތަށް ޤާފިޔާ ހަމަކޮށް ކިއިފައިވާ ބަސްތަކެކެވެ. ފުނަށް އަސަރު ފޯރާފަދަ ގޮތަކަށް ސިފަކޮށް ދައްކާ ރީތި ޚިޔާލުތަކެއް ފައުޅުކޮށް ބަޔާންކޮށްދޭ ބަސްތަކެކެވެ.   ބައެއް ފަހަރަށް އެ ބަސްތައް ފަތިފައްޗަށް އެކުލަވައި އަމުނާލެވެއެވެ. ބައެއް ފަހަރަށް އަމުނައިލުމެއް ނެތި އުކައިލެވެއެވެ." އަދިވެސް އެ އުސްތާޛު ލިޔުއްވައެވެ. "ދިވެހި ޅެމުގައި ބަނޑުވައް އެއްގޮތްކުރުން އޮވެއެވެ"

ޝައްކެތް ނެތްގޮތުގައި ދިވެހި ޅެމަކީ ފޮޅުވަތްތައް ނުވަތަ ތާލަށް ކަނޑައި ބަހައިފައިވާ ކޮންމެ ބަސްކޯޅިއެއްގެ ދެކޮޅު އެއް އަޑަކަށް ކިޔޭނޭހެން އެއްގޮތްކޮށްހުންނަ އީޖާދެކެވެ. އެއީ ދިވެހި ޅެންވެރިކަމުގައި އެންމެ ޢާންމު ބާވަތްކަމުގައިވާ "ޅެން" ފަރުމާކުރާގޮތެވެ. ހުތް އަލިދީދީ ދިވެހި ބަހަށް ތަޢާރަފުކުރެއްވި ދިވެހި ޅެން ވެފައި މިވަނީ ދުނިޔޭގެ އަދަބުން ގެނައިނަމަވެސް މުއްސަނދި ސިފައަކުން ޖަރީކުރެވޭ ދިވެހި ޚާއްސަ ޅެމެއްކަމުގައެވެ.
"ރިކަން ކުޅަދުންވެ ކައު ރައްބީ، މިކަން ހަމަ ދެން ކުރާށޭ ހީ
                        ވިކަން ދެނެ ފޮނުވި ނާއި ނަބީ، ވިކަން ޤުރުއާން ކުރެއްވި ވަޙީ
ނުގައި ޤުރުއާ ކުރެއްވި ވަޙީ، މުގައިވެ އަމުރު އެޔާއި ނަހީ
                        ރުގައި ހުރެ މާދު ބުނަމުން ކީ، ގުގައިމަ ތެދުވި ޢަތާއި ޝަރީ"

އަޑު އިވުމުގައި ދެކޮޅުން އެއް ކިޔުމެއްގައި އިވި ފިލި ކޯޅިން ނަލަ ގޮތްހިފި މާނައަށް މާތް ޚިޔާލު ނެރެފައިވާ މި ދެ ބައިތަކީ މިސާލެކެވެ. ދިވެހި ޅެންވެރިކަމުގެ އީޖާދު މިއިން އެބަ ފެނެއެވެ. 

އިނގިރޭސީ ޅެންވެރިޔާ ވިލިޔަމް ވާރޑްސް ވާރތް ހާމަކުރާގޮތުގައި "ޅެންވެރިކަމަކީ ވަޒަނެއް ހިފަހައްޓައިގެން  އީޖާދީ ގޮތަކަށް ފުން ޝުޢޫރެއް ބުނުމެވެ." އެ ބުނާ އީޖާދީ ގޮތާއި ފުން ޝުޢޫރުވެސް ދިވެހި ޅެމުން ފެންނާން އެބަ ވެއެވެ. ފުން ޝުޢޫރާއި ޤައުމީ ވިންދު ހިލުވައިލާ "ހިތުގެ ޢަޒުމް" ގެ މި ތިންބައިތަށް ވިސްނައިލާށެވެ. މޫސާފަތުޙީގެ މި އީޖާދަކީ އަދަބީ ދިވެހި ޖައްވަށް މުހިންމު ތަރިކައެކެވެ.
"ޤައުމަށްޓަކައި ދީނަށްޓަކައި ކެރިގެން ޖިހާދު ކުރާނަމޭ
                  ފައުޅާއި ސިއްރާ އެއްގޮތަށް ހުރިހާކަމެއް ގެންދާނަމޭ
އަހުރެންގެ މޭ ޤައުމަށްޓަކައި އައްޑަނައަކަށް ދިއްކޮށްލުމީ
                  ފަހު ނޭވައަށް ދާންދެން މޮޓޯކަމުގައި ޚީޔާރުކުރާނަމޭ
އަނެކުންގެ ކުށްތައް ހޯދުމީ ނަފުސުގެ މަތިން ނެއްތައި ހަނދާން
                  ތަނަކުން ތަނަކު ނުޖެހޭ ކަމެއްކަން ހާމަކޮށް އަންގާނަމޭ"

ވިންދުގެ އެންމެ ކުދި ހިނގުމުގައިވެސް އެތައް ދިމާއަކަށް ޅެންބަހުގެ ހިލުމެއް މި ދެތިން ބައިތުންވެސް ގެނުވައިފިއެވެ. މިއިން އަންގައިދެނީ ދިވެހި ޅެންވެރިކަމުގައި ހުރި ފާޅުކުރުމުގެ ކުޅަދާނަކަމެވެ. ދިވެހިންގެ ޅެންވެރިކަމުގެ ފުދުންތެރިކަމެވެ. އަދަބީ ބާރުވެރިކަމެވެ. 
އަޅުގަނޑު ޤަބޫލުކުރާގޮތުގައި ޅެމަކީ މިޔުޒިކީ ހަމައަކުން ތަރުތީބުކޮށްފައިވާ މާނަހުރި ލަފުޒުތަކެކެވެ. ގިނަ ޅެމުގައި ބައިކުރެވޭ ފޮޅުވަތްތަކެއް ހިމެނި އެ ފޮޅުވަތްތަކުގެ ގުޅި ދިއުމެއް ހިމެނޭނެއެވެ. ކޮންމެ ޅެމެއްގައިވެސް މިޔުޒިކެއް ނުވަތަ އެމުނިގެންދާ ރާގެއް އޮންނާނެއެވެ. މުޅި ޅެމުގައި އެއް އަސަރެއް އުފެދި ހުށަހެޅިފައިވާ އަދަބީ ޝުޢޫރެއް ހިމެނޭނެއެވެ. މިއީ މިހާރު ފެންނަ ދިވެހިޅެމުގައިވެސް ހުންނަ ޚާއްސަ ސިފަތަކެވެ. މި މާނައިގައި ވިސްނާނަމަ މި އާޅެން އަސަރު ހިލުވުމެއް ނެތް ހެއްޔެވެ.

ސުރުޚީ: އެއީ ކޯޗެއްކަން އެނގޭނީ ކޮން އިރަކުން ހެއްޔެވެ؟

ނޭނގި ހުއްޓައި އަހުރެންގެ ހިމަ ނާރުގައި ދުވަންފެށީއެވެ.
ލޭގެ ޒައްރާތަކުގެ ހިނގުން ހަލަބޮލި ކޮށްލީއެވެ.
ވަކި އުސޫލަކުން ނަފުސު ތަރުބިއްޔަތުކުރި ގުނަންތައް އަތްއަތަށް ދަނީއެވެ.
ޤުދުރަރުގެ ނިޒާމުން ބުނެދިން އެއީ ފަހެ ކޯޗެއް ހެއްޔެވެ؟

އިރު އެރުމާއެކު މި މޫނަށާއި ލޮލަށްވެސް އުޖާލާކަން އިހުސާސް ވިއެވެ.
އިރު އޮއްސުމާއެކު އަމިއްލަ އަތްތަކުން އުޖާލާކަން ގެންނަމުއެވެ.
ނިދި ޖެހުމާއެކު ގެނައި އުޖާލާކަން ވެސް ގެއްލިދެއެވެ.
އެކަމަކު މި ހިނގަނީ ކޯޗެއްގެ ޒަލްޒަލާއެއްހެއްޔެވެ؟

ދުލުން ކިޔައި ފިކުރުން ވިސްނައި ދޭހަތައް ކުރީ ނަސޭހަތުގެއެވެ.
ފާސްތަކުން ގިނަވެ ރުހުމާއި ލޯބިތައް ގިނަކުރީ ސަނަދުތަކުންނެެވެ
ބައިބައިގެ ބަސްކޯޅިތައް ނުކުތް ދޫތައް ގާތްވީ ފައިސާތަކުންނެވެ.
އަޅު މި ފޮށީގައި އޮންނަންވީ ހިނދު މި ތަކެތި އެ ދޫތައް ކޮބައިހެއްޔެވެ؟

ދިރުން ދިނީ އެއްކައުވަންތަ ﷲ އެވެ. އެކަމެއް މިވިސްނުނީއެވެ.
ފުރުސަތު އޮތީ ނިޒާމުގައި ރޭވި ހިނގައިފައިވެއެވެ. އެކަން އެނގިއްޖެއެވެ.
ޢިލްމަކީ ކުރުމާއި ދައުރުވުމުގެ ވިންދެވެ. ވިސްނުނީ މިއަދުއެވެ.
ބަލައިލި އިރު ވަދެ ހިނގައިގަތް އެ އެތި ނެތެވެ. ވީ ކޮންތާކު ހެއްޔެވެ؟

ދިވެހި ޅެންވެރިކަމުގެ ބާވަތްތަކުގެ ތެރެއިން މުއްސަދި އަނެއް ބާވަތަކީ ފަރިއްސެވެ. ހަމަ މި ފެންވަރުގައި ލަވަވެސް ހިމެނެއެވެ. އާ ޚިޔާލުގެ ތެރެއިން 20 ވަނަ ގަރުނުގެ ފަހުކޮޅުގައި، މީލާދީން 1998 ގައި އަޅުގަނޑު އީޖާދުކުޅަ "ކުރުތީ" ވެސް މިއަދަބުގައި ފިޔަ ޖަހައިފިއެވެ. މީގެ އިތުރަށް މަސައްކަތުގައި ޖޯޝުު ހިލުވަން ކިޔައިއުޅޭ އަންބާ އަކީ ދޫކުރާވަރުގެ ފަޤީރު އަދަބެއް ނޫނެވެ.
ޚިޔާލުގެ ތަނަވަސްކަމަށް ބަލާއިރު ޤައުމީ، ދީނީ އިޖުތިމާޢީ ޅެމާއި ލަވަ އަދި ރައިވަރުވެސް މި ދިވެހި ބަހުގައި މަދެއް ނޫނެވެ. ފުންކަމުން ގޮސް ބޮޑެތި ތީސީސް ލިޔެ ދިރާސާތައް ހަދަން ކަމުދާ "ދިޔަވަތް ރަނގަޅު އޮޑި" ފަދަ އިންތިހާއެވެ. ޢިޝްޤީ އަދި ޢާއިލީ ލޯބީގެ އިހުސާސްތައް ބަދަލުކުރާންވެސް ބައިވަރެވެ. ހަހަރުވެތިކަމާއި އަދަބީ އަގަލުގައި ދިވެހި ވެށީގައި އުޅެ ދިރުނު އަދީބުން ވާރުތަކުޅަ މި ދިވެހި ޅެންވެރިކަން ތިޔާގިވެފައި މުއްސަންޖެވެ. ނެތީ މި ކަންކަން ހާމަކޮށްދޭނޭ ވަގުތެވެ. 

ވީމާ ހޯދި ހޯދިހެން ތިލަވާން އޮތީ ދިވެހި ޅެންވެރިކަމުގެ މުއްސަނދިކަމުގެ އަޖައިބެއްފަދަ ޢަލާމާތޭ ދެންނެވުން ނޫން ގޮތެއްނެވެ. އަޅުގަނޑުގެ ދުޢާއަކީ މި ދިވެހި ޅެންވެރިކަމުގައި އާ ބާވަތްތައް އުފަންވުމަށް އިރާދަކުރެއްވުމެވެ. އާމީން. (ނިމުނީ)

1 comment:

  1. ވަރަށް ފުރިހަމަ އަދި އެހާމެ ފައިދާހުރި ލިޔުމެއް. ޝުކުރިއްޔާ

    ReplyDelete